Saturday, July 8, 2023

އޭރުގެ ހަނދާން - ކެޔޮވަޅުޖެހުން

 


ޢަބްދުﷲ ސަޢީދު

 

ކެޔޮވަޅު ޖެހުމަކީ އަޅުގަނޑުމެން ކުޑައިރު ރަށުގައި ކުޑަކުދިން ވަރަށް ކުރާ ކަމެކެވެ. އަޅުގަނޑުމެން ގޭގެ ގޯތިތެރޭގައި ވެސް ބައެއް ރަޙުމަތްތެރިންނާއެކު ކެޔޮވަޅުޖަހާ އުޅެމެވެ. ކެޔޮވަޅުޖެހުމަކީ ވަޅެއްގައި ބަނބުކެޔޮ ފިހުމަށެވެ. އަޅުގަނޑުމެން ގޯތީގެ ދެކުނު ފަރާތުގައި ހައެއްކަ ގަސް ބަނބުކެޔޮ އޭރު ހުރެއެވެ. އަޅުގަނޑުމެންގެ ގެ އެކަންޏެއް ނޫނެވެ. އޭރު މަނަދޫގެ ސޯސަންމަގުގެ ދެކުނު ފަރާތުގައި ހުރި ކޮންމެ ގެއެއްގައި ކަހަލަ ގޮތަކަށް ބަނބުކެޔޮ ގަސް ހުންނާނެއެވެ. ބަނބުކެޔޮ މޫސުމަށް ގަސްތައް އޮންނާނީ ފުރިފައެވެ. އެވަރަށް ބިމަށް ވެސް ވެރޭނެއެވެ. ވަނދުކޭލާއި ހަރުކޭލާއި ފާކޭލެވެ.

 

މަންމަމެން އެ ދުވަސްރު ބަނބުކޭލުގައި ވަރަށް ސާމާނު ތައްޔާރުކުރެއެވެ. ފެނަށް ކައްކައިގެން ގަރުދިޔަޔާ މޮޑެގެން ވަރަށް މީރެވެ. އެއީ ފެންކޭލެވެ. އޭރުވެސް މިހާރު ވެސް ބަނބުކެޔޮ ބަތް ވަރެއް އަޅުގަނޑަށް ނޯވެއެވެ. ކާށިކިރު އަޅައިގެން ކައްކާފައިހުންނަ ބަނބުކެޔޮ ބަތާއި ރިހާކުރު ދިޔަޔާ ޖެހުނީމާ ބަނޑުގައި ނޯންނަނީ ތަނެވެ. ބަނބުކެޔޮ ސަންނެއްޓިއަކީ ރޮށި މޮޑެލަން މަރެކެވެ. ރޮށިޖައްސައިގެންކާން ދެލޮނުކޭލަށްވުރެ މީރުއެއްޗެއް ނުދެކެމެވެ. ބަނބުކެޔޮ ރިހައާއި ތެލުލި ބަނބުކޭލާއި އުނދުނުގެ ފުއްޑަނުގެ ހޫނު އަޅިގަނޑުގައި މާމަމެން ފިހެލައިދޭ ފާކޭލުގެ މީރު ވާހަކަ ދައްކާނެ ކަމެއްނެތެވެ. ބަނބުކެޔޮ ބޮނޑިބަތާއި ބޯކުރިކޭލަކީ ފޮނި ބާވަތްތަކުގެ ތެރެއިން އަދިވެސް ވައްޓާނުލެވޭ ދެ ވައްތަރެވެ. މި ދެންނެވި ބާވަތްތަކުގެ ތެރެއިން މަނަދޫ މީހުންކިޔާ "ސަންނެއްޓި" އަށް މާލޭ މީހުން ކިޔަނީ "ސަނެއްޓި" އެވެ. ދެލޮނުކޭލަށް "ދެލޮނުމަސް" ވެސް ކިޔައެވެ. އެހެން ރަށަކުން މި ތަކެތި ނުކުރާތީ ރަހައިގެ ގޮތެއް ނޭނގެއެވެ.

 

އޭރު އަޅުގަނޑުގެ އުމުރުން ވާނީ އެގާރަ ބާރަ ވަރެވެ. އަޅުގަނޑުމެންނަށް ވުރެ ދޮށީ އުމުރުގެ ކުދިން ވެސް ކެޔޮވަޅު ޖަހައި އުޅެއެވެ.

 

ކެޔޮވަޅު ޖެހުމަށް ފުރަތަމަ ވެރިފައި ހުންނަ ބަނބުކެޔޮތަކުގެ ތެރެއިން ބޮޑެތި ހަރުކެޔޮ ހޮވަނީއެވެ. ނޫނީ ގަހުން ކަނޑަނީއެވެ. އެއަށްފަހު ކެޔޮތައް މަށައި ކަރު ނަގަނީއެވެ. އާންކޮށް ކޭލެއް ފޮތިކުރަނީ ހަތަރު ފޮއްޗަށެވެ. ބައެއް ފަހަރު ދެ ކިބައަށެވެ. އެ ކުއްޖެއްގެ ކެޔޮ ފޮތިތައް ވަކި ކުރުމަށް ކެޔޮ ފޮތީގައި ވަޅިން އަކުރެއް އަޅާނެއެވެ. ނަންވެސް ޖަހައެވެ. ރަނގަޅަށް ފިހެވުނީމާ އަކުރުތައް ވަރަށް ފާޅުކޮށް ފެންނާނެއެވެ.

 

ކެޔޮވަޅުޖެހުމަށް ބޭނުންކުރާ ވަޅުކޮންނަނީ ބިމުން ފެށިގެން އަޅުގަނޑުމެންގެ އޭރުގެ އަތުން ދެ ކައިވަތެއްހާ މިންވަރަށެވެ. އެއީ ހައެއްހަ އިންޗިއެވެ.

 

ވަޅުކޮންނަނީ ވަށްކޮށެވެ. އެއަށްފަހު ވަޅުގެ އެތެރޭގައި އަލިފާން އަންދަނީއެވެ. ނާއްޓާއި ދަރު އަޅައިގެންނެވެ. އަލިފާން ހެދުނީމާ ގިނި ނިވައި، އަލިފާންތަކުގެ މަތީގައި ރީތިކޮށް ބަންޑުން ކެޔޮ ފޮތިތައް އަތުރާލަނީއެވެ. އެއަށްފަހު ކެޔޮފޮތިތަކުގައި ނުޖެހޭވަރަށް ވަޅުމަތިން ދަނޑިބަހައްޓައި މަތިން ބަނބުކެޔޮ ރޯފަތް އަތުރަނީއެވެ. ވަޅުތެރެއަށް ވެލި ނޭޅޭވަރަށް ފަތްއަތުރާފައި މައްޗަށް ފަސްލަނީއެވެ. ދެން އެތާ މަތީގައި އަލިފާން ރޯކޮށް އަންދަނީއެވެ. ފަހުން ފަސޭހަކޮށްލަން ދަނޑިޔާ ފަތުގެ ބަދަލުގައި ކެޔޮވަޅު މަތިން އަޅަނީ ބާޓިނުގަނޑެއް ލިބިއްޖެއްޔާ އެޔެވެ. އަލިފާން އަންދަނީ އޭގެމަތީގައެވެ. ބައެއް ފަހަރު ކެޔޮ ފޮތިތަކުގައި ޅިޔައަޅައި ލޮނުމިރުސް ވެސް އަޅައެވެ.

 

މަތިއަންދަން ގިނައިން ބޭނުންކުރަނީ ބޮންބެވެ. ފިހޭހާއިރުކޮށްފައި އެވީ ކެޔޮވަޅު ކޮންނާށެވެ. ވަޅުގެ އެތެރެއަށް ވެލި ނުފައިބާނެހެން ވަޅުކޮނެ ބަލާއިރު ކެޔޮތައް ހުންނާނީ ރީތިކޮށް ފިހި ރަތްތޮށިލައިފައެވެ.

 

ބައެއް ފަހަރު ރަނގަޅަށް ބައެއް ކެޔޮފޮތިތައް ނުފިހެވި ވެސް ހުރެއެވެ. އެއީ އެ މީހެއްގެ ނަސީބެވެ. ބޮޑުބައެއް ރަނގަޅަށް ނުފިހެވެންޏާ ނޫނީ އަލަކުން އަލިފާނެއް ނާންދާނެއެވެ. ރޯފިލި ބައެއް ކާނީއެވެ. ނޫނީ އެއަކު އަނެކަކަށް ބަހާލައިގެން ފުއްދާލާނީއެވެ. ކެޔޮވަޅު ޖެހުމަށްފަހު ގިނަ ދުވަސް ދުވަހު އަޅުގަނޑުމެން ދަނީ މޫދަށެވެ. ކެޔޮވަޅު ޖަހާ ނިމޭއިރު ގިނަ ފަހަރަށް ތިބޭނީ ހިރަފުސްގަނޑެއް ހެންނެވެ.

No comments: