Friday, July 31, 2020

ބަދަލުވަމުންދާ އީދުގެ ސަޤާފަތް

 


ޢަބްދުﷲ ސަޢީދު

 

އީދު ފާހަގަކުރަން ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ސަގާފީ ކުޅިވަރުތައް ވަރަށް ގިނައެވެ. އަދި އީދުގެ އާދަކާދައިގެ ގޮތުގައި ވާރުތަވެގެން ކުރަމުން އައި ކަންތައްތައް ވެސް އެހާގިނައެވެ. ދީނީ ގޮތުން ކުރާ ކަންތައްތައް ވެސް އޭގެތެރޭގައި ހިމެނެއެވެ.

ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތެވެ. އެއީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާ މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ.

 

Sunday, July 26, 2020

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

 


ޢަބްދުﷲ ސަޢީދު

ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅެ ފުރާނަ ސަލާމަތްކުރެވޭކަށް ނެތެވެ. ދުނިޔޭގެ ތަޖުރިބާއަކީ ގޭގައި މަޑުކުރި މިންވަރަކުން ގެއްލޭ ފުރާނަ ސަލާމަތްކުރެވޭކަމެވެ. އިޖުތިމާޢީ ގައިދުރުކަން އިތުރުކުރި މިންވަރަކުން ބަލި ފެތުރޭ މިންވަރު މަދުވާކަމެވެ. އެހެންވީމާ މި ބަންދުތަކުގައި އުޅެމުން ދިރިއުޅެންޔާ ދާން މިޖެހެނީ ދިރިއުޅުމުގެ މުޅިން އާ ވައްޓަފާޅިއަކަށް ދާށެވެ.

ފެހިވިނަ: ހޭލެއްވި ހަނދާންތައް

 


ޢަބްދުﷲ ސަޢީދު

އަޅުގަނޑުމެން އުމުރުގެ މީހުންނަށް އެ މޫނު އަލެއް ނުވާނެއެވެ. އެ އަޑު ވެސް އެނގޭނެއެވެ. ރީތި ފަން އިސްތަށިގަނޑެކެވެ. ހުންނާނީ އަބަދު ވެސް ރީތިކޮށް ފުނާއަޅުއްވާ އޮމާންކޮށްފައެވެ. އާންމުކޮށް ލައްވާނީ އަތްކުރު ގަމީހެވެ. ގަމީސް ދަށަށް ޖައްސަވާފައެވެ. އެއީ "ފެހިވިނަ ޝަރީފު"ގެ އިސްޓައިލެވެ. ޓީވީއެމުން 1998 ވަނަ އަހަރު ފޮނުވަން ފެށި ތިމާވެށްޓާ ބެހޭ ޕްރޮގްރާމާއެކު އަޅުގަނޑަކީ ވެސް ޝަރީފުގެ ރައްޓެއްސެކެވެ. ރާއްޖޭގެ އެ ދުވަސްވަރުގެ އެންމެން ކަހަލަ ގޮތަކަށް ޝަރީފު ދަންނަފަދައިންނެވެ. އެކަން ނޭނގޭނީ ޝަރީފަށެވެ. މިހާރު ޓީވީއެމުން ފެހިވިނަ ޕްރޮގުރާމުތަކުގެ ފަށްކުރުންތައް އަލުން ދައްކަން ފެށުމުން އޭރުގެ ހަނދާންތައް އަލުން ހޭލައްވައިފިއެވެ.

Monday, July 13, 2020

މަހާނަގާތަކުގެ ހިމޭން ވާހަކަ

 


ޢަބްދުﷲ ސަޢީދު

 

ނުބުނެ ބުނެވޭނެ ވާހަކަ ހުރެއެވެ. ލަފުޒުތަކަކާ ނުލައި ބަޔާންކުރެވޭ ކަންތައްތައް ވެސް ހުރެއެވެ. އިންސާނުންނަކީ ހިމޭން ނިޔާތަކެއްގެ މައްޗަށް މުޅި ދިރިއުޅުން ބިނާކޮށް ނިމިގެންދާ ބައެކެވެ. އާސާރީ ގަބުރުސްތާނުތަކާއި އެ ތަންތަނުގައިހުރި ހިރިގަލުގެ މަހާނަގާތައް ހިމޭން ވާހަކަތަކެއް އެބަ ކިޔައިދެއެވެ.

 

މަރިޔަމް އިޝާ ޢަޒީޒުގެ އަހާލަން ފަސޭހަ ހިމޭން އަޑާއެކު ދަރެސް ތެރެއަށް ދަމައިގަތީ މި ފަށުވި އޮމާ ރީތި ވާހަކަފުޅުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހިރިގަލުގެ މިސްކިތްތަކާއި ގަބުރުސްތާނުތަކަށް ކުރައްވާފައިވާ ޒިޔާރަތްތަކުން އަޑުއެއްސެވި ވާހަކަތައް ތިލަކޮށްލެއްވިގޮތުންނެވެ. އެއީ މީގެކުރިން އާންމު ވާހަކަތަކެއް ނޫނެވެ.

Wednesday, July 8, 2020

ދިވެހިބަހުގެ ޝުޢޫރު

 


ޢަބްދުﷲ ސަޢީދު

 

ތިބާ އަހުރެން ދަންނަމުހެއްޔެވެ؟ މިއީ ތިބާގެ މާދަރީ ބަހެވެ. ތިބާގެ މަންމަގެ އުނގުން ދަސްކުރި ބަހެވެ. ތިބާއަށް އެންމެ ފުރަތަމަ ވާހަކަ ދައްކާ އަޑު އިވުނު ބަހެވެ. ތިބާއަކީ ކާކުކަން ބުނެދިން ބަހެވެ. ތިބާ ތިބާއަށް ހަދައިދިން ރީތި ދިވެހިބަހެވެ.

 

ތިބާ އަހުރެން ދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަންޏާ ނުވަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ އަހުރެން ހައިރާނެއް ނުވަމެވެ. މި ދުނިޔޭގައި އެ މީހަކު ބަނޑުއަޅައި ވިހޭ މައި މީހާއާމެދު ވެސް އިހާނެތިކޮށް ހިތާ ދަރިން އުޅެއެވެ. އަދި އަމިއްލަ އުފަން ދަރިން މަރާފައިވާ މައިން ވެސް މި ދުނިޔެ ދެކެއެވެ. ލޯބިވުމާއި ނުވުމުގައި އޮންނަނީ ލޯބި ދޭންވީ މީހާގެ ހައިސިއްޔަތެއް ނޫނެވެ. ލޯބިވާން ހުރި މީހެއްގެ އަޚްލާޤިއްޔަތެވެ.

Wednesday, July 1, 2020

ވާހަކަ: ކާފަގެ ނަސޭހަތް




ޢަބްދުﷲ ސަޢީދު 

އެއް ސަހަރެއްގައި މުއްސަނދި ސައުދާގަރަކު (ވިޔަފާރިވެރިއަކު) އުޅުނެވެ. އޭނާގެ ހުންނަނީ އެންމެ ފިރިހެން ކުއްޖެކެވެ. ސައުދާގަރުގެ ދެމަފިރިން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިއެވެ. އެކަމަކު ސައުދާގަރުގެ އުންމީދެއް އޮވެއެވެ. އެއީ އޭނާ ނެތް ދުވަހަކުން ވެސް އޭނާގެ ދަރިފުޅަކީ އޭނާގެ ވިޔަފާރިތައް ކުރިއަށް ގެންދެވޭފަދަ ކުއްޖަކަށް ހެދުމެވެ. އެހެންވެ ކިޔެވުމުގެ އިތުރުން ސައުދާގަރުގެ މަސައްކަތުގައި ބައިވެރިކޮށް ގެންގުޅެން ބޭނުންވެއެވެ. އެކަމަކު ހެނދުނު ސައުދާގަރު މަސައްކަތަށް ނިކުންނައިރު ގިނަ ދުވަސްދުވަހު އެ ދަރިފުޅަށް އޭނާއެކު ދެވޭގޮތެއް ނުވެއެވެ. ފަތިހުގެ އަރާމު ދިނިކޮޅު މާ މުހިންމުވަނީއެވެ. އެހެންވެ ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން ނިދަން އޮންނަނީއެވެ. ބައެއް ދުވަސް ދުވަހު ބޮލެއްގައި ރިހޭތީއެވެ. އަނެއްބައި ދުވަސްދުވަހު އަތެއްގައި ރިހޭތީއެވެ. އަނެއްބައި ދުވަސްދުވަހު ފައެއްގައި ރިހޭތީއެވެ.