Tuesday, June 24, 2008

އަމީންދީދީގެ ގަލަކޮޅުން މަނަދޫ


މީލާދީން 1944 ވަނަ އަހަރު ( ހިޖުރައިން 1363 ވަނަ އަހަރު ) މަނަދޫ އޮތް ހާލަތު އެންމެ ރަނގަޅަށް އެނގެންއޮތް ތާރީޚީ ލިޔެކިޔުމަކީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސްކަން ކުރެއްވި ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ލިޔުއްވާފައިވާ ލިޔުއްވުމެކެވެ. ދެވަނަ ބޮޑުހަނގުރާމައާ ގުޅިގެން އައި ބޮޑުތަދުގައި މަނަދޫގެ ހާލަތުއޮތްގޮތް ވަރަށް ތަފްސީލުކޮށް އަމީންދީދީ ލިޔުއްވާފައިވެއެވެ.


ދުވަސްވަރަކީ ވަޒީރުއްދާޚިލިއްޔާގެ ގޮތުން ޤައުމުގެ އެންމެ އިސްވެރިއެއްގެ ޒިންމާތައް ސުމުއްވުލްއަމީރު މުޙައްމަދުއަމީން ދޮށިމޭނާ ކިލެގެފާނު އުފުއްލަވަމުން ގެންދެވި ދުވަސްވަރެވެ. ދެވަނަ ބޮޑު ހަނގުރާމައިގެ ތަދުމަޑުކަން މުޅި ރާއްޖޭގައި އިންތިހާއަށް ބޮޑުވެފައިވާ ދުވަސްވަރެވެ. އެދުވަސްވަރު ދައުލަތް ހިންގެވުމުގެ އެންމެ އިސްވެރިޔާގެ ގޮތުގައި ހުންނެވި މުޙައްމަދު އަމީން ދީދީ އުތުރުގެ ބައެއް އަތޮޅުތަކަށް ދަތުރުފުޅެއް ކުރެއްވިއެވެ. މި ދަތުރުފުޅު ފެއްޓެވީ ހިޖުރައިން 1363 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 3 ( 27 ފެބްރުއަރީ 1944 ) ވީ ހޯމަ ދުވަހުއެވެ. މި ދަތުރުފުޅަކީ މުޙައްމަދު އަމީން ދީދީ ވެރިކަމުގައި ހުންނަވައިގެން ރާއްޖެތެރެއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅު އަމީންދީދީ ކުރެއްވީ އިނގިރޭސިންގެ ކުޑަކުޑަ މަނަވަރެއް ކަމަށްވާ އެޗް.އެމް.އެސް " މާލޮއި " ގައެވެ. މި ދަތުރުފުޅަކީ ރާއްޖޭގެ ހާލަތު ބެއްލެވުމަށް އޭރު ސްރީލަންކާގައި ތިބި އިނގިރޭސި ސިފައިންގެ ކޮމާންޑަރ އިން ޗީފްގެ ޚާއްޞަ ވަކީލެއްގެ ގޮތުން ވަޑައިގެންނެވި ލެފްޓިނަންޓް ވޯކަރ އާއި މުޙައްމަދު އަމީން ދީދީއާ ދެބޭފުޅުން އެކުގައި ކުރެއްވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގައި މުޙައްމަދު އަމީންދީދީ ފުރަތަމަ ވަޑައިގެންނެވީ ޅ. ނައިފަރަށެވެ. އެއަށްފަހު ޅ. ހިންނަވަރު، ނ. މަނަދޫ، ނ. މިލަދޫ އަދި ބ. ދަރަވަންދޫވެސް ވަޑައިގެންނެވިއެވެ.


މުޙައްމަދުއަމީންދީދީއަށް މިލަދުންމަޑުލު ދެކުނުބުރީ މަނަދޫއަށް ވަޑައިގެންނެވުނީ ހިޖުރައިން 1363 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 4 ވަނަ ދުވަހު ( 28 ފެބްރުއަރީ 1944 ) ގެ މެންދުރުން އަނބުރާ 3 ޖެހިއިރުއިރުއެވެ. މަނަވަރު އެޗް.އެމް.އެސް މާލޮއިގެ ނަގިލި ވައްޓާލިތަނާ ނ. އަތޮޅުގެ އަތޮޅުވެރިޔާ ކޮށީގޭ ދޮންކަލޭފާނު ދޯންޏެއްގައި މަނަވަރު ދޮށަށް ދުރުވެއްޖެއެވެ. މުޙައްމަދުއަމީން ދީދީ އާއި އޭރު ސްރީލަންކާގައި ތިބި އިނގިރޭސި ސިފައިންގެ ކޮމާންޑަރ އިން ޗީފްގެ ޚާއްޞަ ވަކީލެއްގެ ގޮތުން ރާއްޖެވަޑައިގެންފައިވާ ލެފްޓިނަންޓް ވޯކަރ އާއި މަނަރުގެ ކެޕްޓަން ލެފްޓިނަންޓް ޕާރވީސް މި ދޯނީގައި މަނަދޫއަށް ފައިބާ ވަޑައިގެންފިއެވެ. " އުތުރަށް ކުރި ދަތުރުގެ ރިޕޯޓް " ގެ ނަމުގައި ދިވެހި ދައުލަތަށް މުޙައްމަދުއަމީންދީދީ މި ދަތުރަށްފަހު ހުށަހެޅުއްވި ރިޕޯޓްގައި ލިޔުއްވާފައިވެއެވެ.


" މަނަދޫގެ ގޮނޑުދޮށުގައި ފައިޖެހުމާއެކު، އަޅުގަނޑުގެ ސަމާލުކަންގޮސް ހުއްޓުނީ، އެރަށުގައި އެއްވެސް ކަހަލަ އިންތިޒާމެއް ނެތްކަމުގެ މައްޗަށެވެ. އަތޮޅުވެރިން ހުރީ އިންތިހާ ދަރަޖައަށް ޙައިރާން ވެފައެވެ. ރަށުތެރޭގައި އެއްވެސް ކަހަލަ އިންތިޒާމެއްނެތެވެ. ........... މަނަދޫގެ ޙާލު އަދިވެސް ވަރަށް ބޮޑެވެ. މަސްބާނާކަށް ނުފަށައެވެ. ރަށުގައި އެދުވަހު ކާނޭއެއްޗެއްވެސްނެތެވެ. ރަށަށްއަރާ ކާބޯތަކެތި ދައުލަތުން އަންގާފައިވާ ޤަވާޢިދުގެ މަތީން ބެހެމުން ނުދާކަން ކަށަވަރެވެ. އެރަށުގައި ކަމެއް ހިންގޭފަދަ މީހަކަށްހުރީ، ކުޑަ ޚަތީބެވެ. ނަމަވެސް ރަށަކީ، އަތޮޅުވެރިރަށްކަމުން އޭނާގެ ނުފޫޒެއް ނުހިގައެވެ. މަނަދޫގައި މިހާރުވެސް ބަނޑަށް ޖެހިގެން ހިސާބަކަށް މީހުން އެބަ މަރުވެއެވެ. ވަރަށް ޙާލު ދެރަވެފައިތިބި ވިއްސަކަށް ކުދީންވެސް އެބަތިބޫއެވެ. އެ އަތޮޅަކަށް އަދި ޑަންގީއެއް ( ކާޑުގެ ބާވަތްތައް ހިފައިގެން ރަށްރަށަށް ކާޑުގެ ބާވަތްތައް ބަހަމުން މަނަވަރާއެކު ދަތުރުކުރަމުން ދިޔަ އުޅަނދު ) ނުދެއެވެ. އެހެންކަމުން ވަރަށް ބޮޑަށް ވިސްނުމަށްފަހު އަޅުގަނޑަށް ފެނުނީ މަނަވަރު ބީހިގެން މަނަވަރުން ބޭލި ތަކެތީގެ ތެރެއިން 20 ބަސްތާ ހަނޑުލާއި، 20 ބަސްތާ ގޮދަނާއި، އެއަތޮޅަށް ގެންދުވައިގެން ދައުލަތުން ބަހާއެއްޗެއްގެ ގޮތުން އެމީހުންނަށް ދިނުމަށެވެ. އެހެންކަމުން އަޅުގަނޑު މިފުރަނީ އެތަކެތި އެރަށަށް ގެންދެވޭނެގޮތް ހެދުމަށްފަހު އެތަކެތި އަތޮޅުތެރޭގައި ބެހުމަށް އަތޮޅުވެރިންނާއި ޚަތީބުއާ ދެމީހުންނާ ޙަވާލުކުރުމަށްފަހުގައެވެ. މަނަދޫގައި ކާޑުގެ ޤަވާޢިދެއްވެސް އޮތީ ނަމަކަށެވެ. އެމީހަކަށް ލިބުނު އެއްޗެއް އެމީހަކު ކަނީއެވެ. ކާއެއްޗެއް ނުލިބުނު މީހަކު މަރުވަނީއެވެ. އަޅުގަނޑު މިފުރަނީ ރައްޔިތުންނަށް ވަރަށްވެސް ނަސޭހަތްދީ، ދައުލަތުން އަންގާފައިވާ ގޮތުގެމަތީން ކަންތައްކުރުމަށް އަތޮޅުވެރިންނަށް ގަދަ އަމުރުކޮށްފައެވެ. "

މުޙައްމަދުއަމީން ދީދީ ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މަޝްހޫރު ކ.ހ އޮފީސް ހުޅުވުނު ބިލަކީ " ދިވެހިރާއްޖޭގައި ކާބޯތަކެތި ހަމަޖެއްސުމުގެ ޤަވާޢިދު " ފާސްވެގެންދިޔަ ބިލް ނަންބަރު 1/63 އެވެ. މި މުހިންމު ބިލުގެ ދެލިކަރުދާސް މަނަދޫ ބަނދަރުގައި އޮންނަވައިގެން މުޙައްމަދުއަމީންދީދީ އެކުލަވާލެއްވީ ސަބަބެއްނެތިއެއް ނޫނެވެ. " ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި" މި ފޮތުގައި އެމަނިކުފާނު ލިޔުއްވާފައިވާ ގޮތުގައި އޭރު މަނަދޫގެ ހާލަތު ވަރަށް ގޯހެވެ. ކާޑުގެ އެއްވެސް އެއްޗެއްނެތެވެ. ބަނޑަށް މީހުން މަރުވަނީއެވެ. އެއްވެސް ކަމެއްގެ އިންތިޒާމެއްނެތެވެ. ނ. އަތޮޅުވެރިޔާގެ މަޤާމުގައި ހުންނެވި ކޮށީގޭ ދޮންކަލޭފާނަކީ އެމަޤާމުގައި ބަހައްޓަން އެކަށީގެންވާ މީހެއް ނޫންކަމުގައިވެސް އަމީންދީދީ ލިޔުއްވާފައިވެއެވެ. މުޙައްމަދުއަމީންދީދީ މަނަދޫ ފުރާވަޑައިގެންނެވީ 5 ރަބީޢުލްއައްވަލް 1363 ( 29 ފެބްރުއަރީ 1944 ) ވީ ބުދަ ދުވަހުގެ 7:30 ގައެވެ. ދެން އެމަނިކުފާނު ވަޑައިގެންނެވީ ނ. މިލަދޫ އަށެވެ. އަމީންދީދީ ދައުލަތަށް ހުށަހެޅުއްވި ރިޕޯޓްގައި މަނަދޫގެ ހާލަތަށްވުރެ މިލަދޫގެ ހާލަތު ތަންކޮޅެއް ރަނގަޅު ކަމުގައި ފެންނަ ކަމަށް ލިޔުއްވާފައިވެއެވެ. މުޅި އަތޮޅުގެ ޢާންމު ޙާލަތު އަމީން ދީދީ ލިޔުއްވާފައިވަނީ ތިރީގައި މިވާ ޢިބާރާތުންނެވެ.

" މުޅި އަތޮޅުގެ ޢާންމު ޙާލަތަށް ވިސްނާބަލާއިރު، ވަރަށްވެސް ދެރައެވެ. އެކަމުގެ އެންމެ ބޮޑު ސަބަބަކީ އަތޮޅުވެރީންގެ ބޭލަޔާގަތްތެރިކަމެވެ. ދޮންކަލޭފާނަކީ، ކަމެއް ޤަވާޢިދަށް ހިންގޭ ފަދަ މީހެއްނޫނެވެ. އެއްވެސް ކަމެއްގެ އިންތިޒާމެއް ނުބެލެހެއްޓެއެވެ. އަމުދުން މިކަހަލަ ވަގުތެއްގައި އޭނާއަކީ، އަތޮޅުވެރިކަން ބަލަހައްޓާން އެކަށީގެންވާ މީހެއްނޫނެވެ. އޭނާގެ ބަދަލުގައި އެހެން އަތޮޅުވެރިއަކު، ފޮނުއްވުމީ ވަރަށް އަވަހަށް ކުރާންވެއްޖެ ކަމެކެވެ. "


އަމީންދީދީގެ މި ތާރީޚީ ދަތުރުފުޅު ނިންމަވާލެއްވީ 6 ރަބީޢުލްއައްވަލް 1363 ( 01 މާޗް 1944 ) ގައެވެ. މި ދަތުރުފުޅުގެ ސަބަބުން ރާއްޖޭގެ ހާލަތު ވަރަށް ރަނގަޅަށް އެމަނިކުފާނަށް ތަޖުރިބާ ކުރެއްވުނެވެ. އެހެންކަމުން ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެންމެ އިސް ކަމެއް ކަމަށް ދެކެވަޑައިގެންނެވީ ރާއްޖެތެރޭގައި ކާބޯތަކެތީގެ ކަންތައްތައް ހަމަޖެއްސެވުމާމެދު އެމަނިކުފާނަށް ފެނިވަޑައިގަންނަވާގޮތުގެ ބިލެއް ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވުމެވެ. މުޙައްމަދުއަމީން ދީދީ ލިޔުއްވާފައިވާ ގޮތުގައި މިބިލްގެ ދެލިކަރުދާސް އެމަނިކުފާނު ލިޔުއްވީ އެޗް.އެމް.އެސް މާލޮއި ގައި މަނަދޫ ބަނދަރުގައި އޮވެގެންނެވެ.

މުޙައްމަދުއަމީންދީދީ އުތުރަށް ކުރެއްވި ދަތުރުފުޅުގެ ރިޕޯޓްގެ ކަނަލެއް އޭރު ނެރެވުނު " ސަރުކާރުގެ ޚަބަރު " ގައި ޝާއިޢުކުރައްވާފައިވެއެވެ. މި މަޒުމޫނަށް މި މަޢުލޫމާތު ނަގާފައި މިވަނީ އަމީން ދީދީ ލިޔުއްވާފައިވާ " ދިވެހިރާއްޖެ ހަނގުރާމައިގެ ވިލާގަނޑެއްގެ ދަށުގައި " މި ފޮތުންނެވެ.


Friday, June 6, 2008

މަނަދޫގައި ވޯޓްލުން

މަނަދޫގައި ވޯޓްލުމުގެ ސަގާފަތް އޮތީ ރާއްޖެގެ އެހެން ރަށްރަށުގައި އޮންނަ ކަމަށް ބުނާ ގޮތަކަށް ނޫނެވެ. އެއްވެސް ދުވަސްވަރެއްގައި ވޯޓުލުމުގައި ރަށުގެ ވެރިންނާއި އަދި އެހެން ބަޔަކުވެސް ނުފޫޒު ފޯރުވަން މަސައްކަތްކޮށްފައިވާ ކަމެއް އަޅުގަނޑަށް އެގިފައެއްނެތެވެ. އެހެން ނަމަވެސް ރާއްޖޭގެ ރަށްރަށުން ސަތޭކަ ޕަސެންޓް ރައީސުލް ޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ދިނުމުގެ ރޫހެއް ގެންގުޅުނުއިރު އެފަދަ އަޑުތައް މަނަދޫންވެސް އިވިފައިވެއެވެ. ރަށުގެ މުސްތަޤުބަލް ރަނގަޅުވާނީ އަދި ތަރައްޤީގެ އަރުތަތައް އިތުރަށް ލިބުމަށް މަގުފަހިވާނީ ސައްތައިން ސައްތަ ވޯޓު ދީގެންކަމަށް ރައްޔިތުންނަށް ހީވެފައިވާ ދުވަސްވަރެއް އަޅުގަނޑުވެސް ދުށީމެވެ. އެއީ އޭރުގެ ރައްޔިތުންގެ ހޭލުންތެރިކަމާއި އޭރު ސަރުކާރުން ގެންގުޅުއްވި ސިޔާސަތާ ގުޅުންހުރި ކަމަކަށް ވެދާނެއެވެ.

މަނަދޫ ރައްޔިތުންގެ ތެރެއިން ވޯޓް ލާ ދުވަސްދުވަހު ވޯޓްލާންދާ ގިނަ މީހުންނަކީ އަންހެނުންކަން ފާހަގަ ކުރެވެއެވެ. މަނަދޫގައި އާންމުކޮށް ރައްޔިތު ފިރިހެނުންނަށް ގޮވައިގެން ބާއްވާ އެއްވުމެއް ނުވަތަ މަސައްކަތަކަށް ފިޔަވާ ގިނަ މިބާވަތުގެ ކަންތައްތަކުގައި އިސްނަގާ ހަރަކާތްތެރިވާތަން ފެންނަނީ އަންހެނުންނެވެ. ބެލެނިވެރިންގެ ގޮތުގައި ސްކޫލުގެ ހަރަކާތްތަކުގަޔާއި އިޖުތިމާޢީ ގޮތުން ކުރެވޭ އާންމު މަސައްކަތްތަކުގައެވެ. މަނަދޫގައި މި ސިފަ ޖެހިގެން އައިސްފައިވަނީ ޒަމާނުއްސުރެ މަނަދޫ ރައްޔިތު އަންހެނުންގެ މެދުގައި އޮތް އިޖުތިމާޢީ ރޫހެއްގެ ސަބަބުންކަމަށް އަޅުގަނޑު ދެކެމެވެ. މަނަދޫއަކީ ވަރަށް ކުރިން ސުރެވެސް ހަފުތާއަކު ކޮންމެވެސް ދެދުވަހަކު އަންހެންވެރިން ނިކުމެ ރަށުތެރެ ކުނިކަހާ ރަށުތެރެ ސާފުކުރަމުން އައިސްފައިވާ ބައެކެވެ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި ރައްޔިތުންގެ ތެރެއިން އަންހެން ވެރިންގެ އިސްނެގުމާއި އެމީހުންގެ ޓީމްވޯކް ހަރުދަނާ ވެގެން ގޮސްފައިވާ މައިގަނޑު ސަބަބަކީ މިއީއެވެ.

މަނަދޫގައި ވޯޓުލުމުގެ ކަންތައްތަކުގެ ތެރެއަށް ވެރިން ވަދެވަޑައިގެން އެއްވެސް އިންތިޚާބަކަށް ނުފޫޒު ފޯރުވާފައިވާ ކަމުގެ އެއްވެސް އަޑެއް އަޅުގަނޑު ނާހަމެވެ. އަދި އެއްވެސް ސިފައެއްގައި އެއްވެސް ގޮތަކަށް ނުފޫޒާއި ބާރުގެ ބޭނުންކުރިކަމެއް އަދި ކުރަން އުޅުނުކަމުގެ އަޑެއްވެސް ނާހަމެވެ. ކުރީގައި ވެރިކަމުގައި ތިއްބެވި ބޭފުޅުންނާއި ފަހުން ވެރިކަމަށް ވަޑައިގެންނެވި ބޭފުޅުންގެ ތެރެއިން ބޭފުޅެކޭ ކިޔައިގެންވެސް މި ކަހަލަ އަޑެއް ނާހަމެވެ.

އާންމު އިންތިޚާބުތަކާއި ރިޔާސީ އިންތިޚާބުތަކުގައި މަނަދޫގެ ގިނަ އަދަދެއްގެ ބަޔަކު ވޯޓްލައެވެ. ވޯޓް ލުމުގައި އެއްވެސް ދުވަސްވަރަކު އެއްވެސް ކަހަލަ ހަމަނުޖެހުމެއް ހިގާފައެއްނުވެއެވެ. އެހެންކަމުން މަނަދޫގައި ވޭތުވެދިޔަ ތަނުގައި ބާއްވާފައިވާ އިންތިޚާބުތަކުގައި ވޯޓްލާފައިވާ ގޮތަށް ބަލާއިރު ނަތީޖާ އިޢުލާން ކުރަންދެން އެއްވެސް މީހަކަށް މަނަދޫގެ ވޯޓް ފޮށިން ނިކުންނާނީ ކޮންކަހަލަ ނަތީޖާއެއްކަމެއް ދަންނަވާކަށް ނޭނގެއެވެ. ރައްޔިތުންގެ މަޖިލިހަށް މެންބަރުން އިންތިޚާބުކުރުމަށް ބާއްވާފައިވާ އާންމު އިންތިޚާބު ތަކުގައިވެސް މަނަދޫން ނިކުންނާނީ ކޮން ނަތީޖާއެއްކަމެއް އަންދާޒާކޮށް ބުނަން ނޭނގޭކަމީ މަނަދޫ ރައްޔިތުންނަކީ ޒަމާނުއްސުރެވެސް މިނިވަންކަމާއެކު ވޯޓްލުމުގެ ހައްގު ހެޔޮ ގޮތުގައި ބޭނުންހިފާ ބައެއް ކަން އެގޭކަމެކެވެ.