Tuesday, July 11, 2023

ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް އަނބުރާލެއްވި ފަތްކޮޅު

 


 

ޢަބްދުﷲ ސަޢީދު

 

މުޅި މާލެ އޮތީ ވަރަށް ރީތިކޮށް ނަލަހައްދާލައިފައެވެ. އެންމެންގެ މޫނުތައްމަތިން ވެސް ފެންނަނީ ހިނިތުންވުމާއި އުފާވެރިކަމެވެ. މީލާދީން 1953 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ފުރަތަމަ ދުވަހެވެ. އާ އަހަރަކަށް މަރުޙަބާ ކިޔުމަކަށް ނޫނެވެ. ޖުމްހޫރިއްޔަތަށް މަރުޙަބާ ކިޔުމަށެވެ. އެތައް ޒަމާނަކުންސުރެ ރާއްޖޭގައި ހިނގަމުންއައި ވެރިކަން ކުރުމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރިއްޔަތަކަށް ބަދަލުވަނީއެވެ. ޖުމްހޫރިއްޔަތަކީ ކޮން އެއްޗެއްކަން ގިނަ ދިވެހީންނަށް ނޭނގުނަސް ދިވެހީންގެ އުންމީދުތައް ހުރީ ވަރަށް މަތީގައެވެ. އެއީ އޭރު ރާއްޖެ އޮތް ހާލަތުން މާއުފާވެރި ހާލަތަކަށް ބަދަލުވެގެންދާނެ ކަމުގެ އުންމީދެވެ. އާ ރޫޙެއްގައި މުޅި ދިވެހި އުންމަތް ހިނިތުންވަނީ އެހެންވެގެންނެވެ.

 

މި ޚާއްޞަ ރަސްމިއްޔާތަށް އިނގިރޭސިވިލާތާއި ސިލޯނުގެ ޢިއްޒަތްތެރިންގެ ޚާއްޞަ ވަފުދެއް ރާއްޖެ ވަޑައިގެންނެވިއެވެ. ސިލޯނުގައި ހުންނަވާ އިނގިރޭސި ސަފީރު ސަރ ސިސިލް ސަޔާރޒުގެ ދެކަނބަލުންނާއި ސިލޯނުގެ ވަކީލެވެ. ސިލޯނުގެ ޔުނިވަރސިޓީގެ އިސްވެރިޔާ އާއި ކޮޅުނބުގެ ބަނދަރުގެ ވެރިޔާގެ އިތުރުން އެހެންބައެއް ބޭފުޅުންނެވެ.

 

ގަޑިން ހެނދުނު 09:15 އެވެ. ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންވާ އިސް ބޭފުޅުން ވަޑައިގަންނަވަން ފެއްޓެވީއެވެ. ނާދީ ތަމައްދުނުން ރަސްމިއްޔާތުގެ ޚާއްޞަ ދަރުބާރު ބާއްވާ ދާރުލްޢުލޫމަށެވެ. ފުރަތަމަ އެވަޑައިގެންނެވީ ރައްޔިތުންގެ ގޭގެ ޢިއްޒަތްތެރި މެންބަރުންނެވެ. އެންމެ ކުރީގައި އެ ހުންނެވީ އެގޭގެ ރައީސް ފަޟީލަތުއްޝައިޚް މަލިމް މޫސާ މާފަތްކަލޭފާނެއެވެ. ތުރުކުރައްވައިގެން ހުންނެވީ އެ މަޤާމުގެ ރަސްމީ ހެދުންކޮޅެވެ. މިހާރު ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ ޚާއްޞަ ހެދުންކޮޅެއް ނެތަސް އޭރު އެ މަޤާމުގައި ވެސް ޚާއްޞަ ހެދުންކޮޅެއް އޮވެއެވެ.

 

އެ ބޭފުޅުން ދަރުބާރަށް ވަޑައިގަތުމުން ދެން ނާދީން ނުކުންނެވީ ސެނޭޓުގެ މެންބަރުންނެވެ. އެންމެ ކުރީގައި ހުންނެވީ ސެނޭޓުގެ ރައީސް އަންނަބީލާ ފާޠުމަތު އިބްރާހީމް ދީދީއެވެ. ތުރުކުރައްވައިގެން ހުންނެވީ ވަރަށް ރީތި ސާޅި ހެދުންކޮޅެކެވެ. ދެން ފެނިގެން ދިޔައީ އުއްތަމަ ފަނޑިޔާރު މަނިކުފާނު ފަޟީލަތުއްޝައިޚް ޢަބްދުﷲ ޖަލާލުއްދީނާއި މާލޭގެ ނާއިބު ބޭކަލުން ރަސްމިއްޔާތަށް ވަޑައިގެންނެވި މަންޒަރެވެ. އެ ބޭފުޅުން ވެސް ތިއްބެވީ އެ ބޭފުޅުންގެ ރަސްމީ ހެދުންކޮޅުގައެވެ. ކަނޑައެޅިފައިވާ ޚާއްޞަ ތަރުތީބަކުން މި ކަންކަން ހިނގަމުންދިޔައިރު ބޭރުގެ ނޫސްވެރިންނާއި މުރާސިލުން އެ މަންޒަރުތައް ފޮޓޯނަމުން ދިޔައެވެ. ބޭރުން ވަޑައިގެންނެވި ޢިއްޒަތްތެރި ދަރުބާރަށް ވަޑައިގެންނެވީ އަތިރީގެއިންނެވެ.

 

ރަސްމިއްޔާތަށް ވަޑައިގަންނަވާ ބޭފުޅުން ގޮޑިކޮޅުތަކުގައި އިށީންދެވަޑައިގެން ހައްދަވާއިރު އެންމެންގެ ނަޒަރުތައް ވެސް ހުއްޓިފައި ވަނީ އަންހެން ބޭފުޅުންގެ އިންތިޒާމުތައް ބެލެހެއްޓުމަށް ދަރުބާރުގައި ހަރަކާތްތެރިވާ މަޑު ނޫކުލައިގެ ސާޅީއަޅައިގެން ތިބި ޒުވާން ނަލަނަލަ އަންހެން ކުދިންނަށެވެ. އެ ކުދިންގެ ސަބަބުން ވެސް ދަރުބާރު އިތުރަށް ޒީނަތްތެރި ކޮށްދެއެވެ. މުޅި ދަރުބާރުގެ ހުރިހާ އިންތިޒާމެއްގެ ވެރިޔަކީ ވަޒީރުލްއަޢުޡަމުގެ ނާއިބު އިބްރާހީމް މުޙައްމަދު ދީދީއެވެ. ކިނާރީއެޅި ކަޅުކުލައިގެ ދިގު ކޯޓު ކޮޅަކާއި ކަޅު ފަޓުލޫނު ކޮޅެކެވެ. އެ މަނިކުފާނުގެ މޭފުޅުމަތީގައި މަޖީދީ ނިޝާނާއި އިބްރާހީމީ ނިޝާނާއި އަސްކަރީ މެޑެލި ވިދަވިދާ ހުއްޓެވެ. މިހާރު އެންމެން ވެސް އެ އިންތިޒާރު ކުރަނީ މި ޚާއްޞަ ރަސްމިއްޔާތު އެ ބޭފުޅަކަށް ޚާއްޞަވާ ޤައުމުގެ ރައީސް ވަޑައިގަންނަވާނެ ވަގުތަކަށެވެ. ޤައުމުގެ ރައީސް ދަރުބާރަށް ވަޑައިގަންނަވަނީ މުލީއާގެއިން ކާރުކޮޅުގައެވެ.

 

އަލްއަމީރު މުޙައްމަދު އަމީން ދަރުބާރަށް ވަޑައިގެންނެވިއިރު އެމަނިކުފާނުގެ އަރިހުގައި އެ މަނިކުފާނުގެ ޚާއްޞަ ދެ އޭޑީކޯނުން ކަމަށްވާ ގައިޑް ކޮމާންޑަންޓް އަދި ދަރިކަނބަލުން އަންނަބީލާ އަމީނާ މުޙައްމަދު އަމީނާއި ގައިޑް ކޮމާންޑަންޓް އަންނަބީލާ ޖަމީލާ އިބްރާހީމް ވަޑައިގެންނެވިއެވެ. މުޙައްމަދު އަމީން ހުންނެވީ ސިފައިންގެ އެންމެމަތީ އަސްކަރީ ޔުނީފޯމު ކޮޅުގައެވެ.

 

ރަސްމިއްޔާތު ފެށުނީ އުއްތަމަފަނޑިޔާރު މަނިކުފާނުގެ ޞަލަވާތް ވިދާޅުވުމުންނެވެ. އެއަށްފަހު އަޙްމަދު ކާމިލް ދީދީ ކީރިތި ޤުރުއާން ކިޔަވާ ވިދާޅުވިއެވެ. ދެން އޮތީ ރައީސާއި ނާއިބު ރައީސް ހުވާ ކުރެއްވުމެވެ. ހުވާ ލައިދެއްވީ އުއްތަމަ ފަނޑިޔާރު މަނިކުފާނެވެ. ފުރަތަމަ ހުވާ ކުރެއްވީ ނާއިބު ރައީސް ޞާހިބުލްމަޢާލީ އިބްރާހީމް މުޙައްމަދު ދީދީއެވެ. އެއަށްފަހު ޤައުމުގެ ރައީސް ޞާހިބުލް ފަހާމާ އަލްއަމީރު މުޙައްމަދު އަމީނެވެ. ހުވާ ކުރެއްވުމަފަހު ދެން ފެނިގެންދިޔައީ ރައީސްކަމުގެ ކަނޑިކޮޅު ހަވާލު ކުރެވުނު މުހިންމު މަންޒަރެވެ. ދިވެހި ރައްޔިތުންގެ ފަރާތުން އެ ކަނޑިކޮޅު ހަވާލުކޮށް ދެއްވުމަށް އެދިވަޑައިގެންނެވީ ރައްޔިތުންގެ ގޭގެ ފަރާތުން އައްޔަންކުރެއްވި ވަފުދުގެ ވެރިޔާ އައްނަބީލާ އައިމިނަތު ޙުސައިނެވެ. ކަނޑިކޮޅު މުޙައްމަދު އަމީނުގެ ކަމަރުކޮޅުގައި އަޅުވައިދެއްވަން އުއްތަމަ ފަނޑިޔާރު މަނިކުފާނު އުޅުއްވުމުގެ ތެރޭގައި އެ މަނިކުފާނުގެ އަތްޕުޅުން ދޫވެގެން ބިންމައްޗަށް ވެއްޓުނެވެ. އެވަގުތު އެ ރަސްމިއްޔާތުގެ ޚާއްޞަ ޒަޢީމް އަދި ދާދި ދެންމެއަކު ނާއިބު ރައީސް ކަމުގެ ހުވާކުރެއްވި އިބްރާހީމް ދީދީ ކަނޑިކޮޅު އަޅުއްވައި ދެއްވުމުގައި އެހީތެރިވެ ވަޑައިގެންނެވިއެވެ. ރަސްމިއްޔާތުގެ ހުރިހާ ކަމެއް ވެސް ވަރަށް އޮމާންކޮށް ގޮސްގޮސް އޮއްވައި ކަނޑިކޮޅު ވެއްޓުންވީ ވަރަށް ބޮޑު އައިބަކަށެވެ. ބައެއް ބޭފުޅުންގެ ނަޒަރުގައި އެއީ ނުބައި ފާލެކެވެ.

 

ރަސްމިއްޔާތުގައި ދެންއޮތީ ރައީސްގެ ޝަރަފުގައި 21 ބަޑީގެ ސަލާމެއް އެރުވުމެވެ. އެއަށްފަހު އޮތީ ދިވެހިރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރާލުމަށްޓަކައި ރައީސް ސޮއިކުރެއްވި ފަތްކޮޅާއި އެ ފަތްކޮޅުގެ އިނގިރޭސި ތަރުޖަމާ އިއްވުމެވެ. ތިރީގައި މިވަނީ އެ ފަތްކޮޅުގައި އޮތް ޢިބާރާތެވެ.އަލްޙަމްދު ލިﷲ ރައްބިލްޢާލަމީން. ވައްޞަލާތު ވައްސަލާމް ޢަލާ ސައީދިނާ މުޙައްމަދު ވަޢަލާ އާލިހީ ވަޞަޙްބިހީ އަޖްމަޢީން.

ދެކެދެނެ ތިބެ ދަންނާށެވެ.

 

1372ހ. ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައި ދިވެހިރައްޔިތުންގެ އާންމު ރާޢީއާއި، އެއްގޮތްވާ ގޮތުގެ މަތީން، ޤާނޫނީ ހަމަތަކުން، ގަސްދުކޮށްފައި ވަނީ، ފުރަތަމަ ރައީސަކު ކަމުގައި، އަޅުގަނޑު މުޙައްމަދު އަމީން އަޙްމަދުލް ހުރަވީ ހުރެގެން، ދިވެހި ރަސްކަން ޖުމްހޫރިއްޔަތަކަށް އަނބުރައިލުމެވެ.

ދެންފަހެ، ދިވެހި ރަސްކަން، ޖުމްހޫރިއްޔަތަކަށް އަނބުރައިލާނޭ ދުވަހަކީ، މިއަދު ކަމުގައި އަޅުގަނޑު ކަނޑައަޅައިފީމެވެ.

އަޅުގަނޑު މި އަމުރުކުރަނީ، މިއަދުން ފެށިގެން ދިވެހި ރަސްކަމަކީ ޖުމްހޫރިއްޔަތެކެވެ.

މުޙައްމަދު އަމީން

ދިވެހި ޤައުމުގެ ރައީސް

14 ރަބީޢުލްއާޚިރު 1372ހ.

1 ޖަނަވަރީ 1953މ.

 

ދިވެހިރާއްޖޭގައި އޮތް ރަސްކަން ޖުމްހޫރިއްޔަތަކަށް ބަދަލުވީކަން އިޢުލާންކުރެވިގެން ދިޔައީ 1953 ޖަނަވަރީ 1 ވަނަ ދުވަހުގެ 11:00 ގައެވެ. (ނިމުނީ)

No comments: