Saturday, December 6, 2014

ފެން



ފެނަކީ ހުރިހާ ދިރުމެއްގެ އަސްލެވެ. ހަމަ އެހެންމެ، ފެނަކީ މާތް ﷲ އިންސާނުންނަށް ދެއްވާފައިވާ ގިނަގުނަ ނިޢްމަތްތަކުގެ ތެރެއިން ވަރަށް އަގުބޮޑު ނިޢުމަތެކެވެ. އިންސާނުންނާއި ދިރުން ހުރި ކޮންމެ އެއްޗެއް މާތް ﷲ ލައްވާފައިވަނީ ފެނުންނެވެ. ފެނަކީ ޠާހިރު އަދި އެހެން އެއްޗެތި ޠާހިރު ކުރުވާ، ޠާހިރު ކުރުމަށް ބޭނުންކުރެވޭ އެއްޗެކެވެ. ﷲ މިންވަރު ކުރައްވާފައިވާ އެހެނިހެން ނިޢުމަތްތަކެކޭ އެއްފަދައިން ފެނަކީވެސް ވަކި މިންވަރަކަށް ކަނޑައަޅުއްވާފައިވާ ނިޢުމަތެކެވެ. ފެން އުފެދިފައިވަނީ އޮކްސިޖަނާއި، ހައިޑްރޯޖަން އެކުލެވިގެންނެވެ.

ފެނަކީ ފިނިވީމާ ގަނޑުވާ އެއްޗެކެވެ. ހޫނުވީމާ އާތްވަށް ވެގެން އަރާ އެއްޗެކެވެ. އަސްލުގައި ފެނަކީ އެއްވެސް ކުލައެއް، ވަހެއް އަދި ރަހައެއް ހުންނަ އެއްޗެއް ނޫނެވެ. ކުލައާއި ވަހާއި ރަހަ ފެނުގައި އެކުލެވެނީ ފެނަށް އެހެން ކޮންމެވެސް އެއްޗެއް އެއްވެގެން ނުވަތަ ފެނާ އެހެން ކޮންމެވެސް އެއްޗަކާ ލާމެހިގެންނެވެ.
ސައިންސްވެރިން ބުނާ ގޮތުގައި ދުނިޔޭގެ ތިން ބައި ކުޅަ ހަތަރު ބަޔަކީ ފެނެވެ. މި ފެނުގެ ތެރެއިން އެއް ޕަސެންޓަކީ މީރު ފެނެވެ. 97 ޕަސެންޓަކީ ލޮނު ފެނެވެ. ދެ ޕަސެންޓަކީ ގަނޑުފެނެވެ. އިންސާނާގެ ހަށިގަނޑުގެ  70 ޕަސެންޓަކީ ފެނެވެ. ސިކުނޑީގެ 85 ޕަސެންޓަކީ ފެނެއެވެ. ލޭގެ 90  ޕަސެންޓަކީ ފެނެއެވެ. އަދި ޗިސްމޭގެ 96  ޕަސެންޓް އެކުލެވިގެން ވަނީ ވެސް ފެނުންނެވެ. އިންސާނަކަށް ފެނާނުލައި ދިރިހުރެވޭނީ ގިނަވެގެން ހަފުތާއެއްހާ ދުވަހު އެވެ. 



ފެން ބެހިގެން ވަނީ ތިންބަޔަކަށެވެ. އެއީ ދިޔާތަކެތީގެ ގޮތުގައި ހުންނަ ފެނާއި ހަރު އެއްޗެހި ގޮތުގައި ހުންނަ ފެނާއި އަދި ގޭހުގެ ގޮތުގައި އިންސާނާގެ ލޮލަށް ނުފެންނަ ގޮތަށް ޖައްވަށް އަރައިގެންދާ ފެނެވެ. އިސްލާމީ ޝަރީޢަތުގައި ފެން ބެހިގެންވަނީ ހަތަރު ބަޔަކަށެވެ. އެއީ މުޠުލަޤު ފެނާއި، މުސްތަޢުމަލް ފެން (ބޭނުންކޮށްފައި ހުންނަފެން)، ޠާހިރު އެއްޗެއް އެކުވެފައިވާ ފެނާއި، ނަޖިސް އެކުލެވިގެންވާ ފެނެއެވެ. މުޠުލަޤު ފެނަކީ ވާރޭފެނާއި ގަނޑުފެނާއި ފިނިފެނާއި ކަނޑުފެނާއި، ޒަމްޒަމްފެނާއި، ގިނައިރު ހުރުމުގެ ސަބަބުންނާއި ހުރި ތަނުގެ ސަބަބުން ނުވަތަ ވަކިކޮށް ނުލެވޭނޭ ވަޅުފެހިފަދަ އެއްޗެއް އެފެނާއި އެކުވެ ފެނުގެ ކުލައާއި ވަހާއި ރަހަ ތަޣައްޔަރު ވެފައިވާ ފެނެއެވެ.
ހަށިގަނޑު ބޭނުންވާ މިންވަރަށް ފެން ނުބޮވިއްޖެނަމަ ހަށިގަނޑަށް ފޫނުބެއްދޭ ވަރުގެ ގެއްލުންތަކަކާއި ކުރިމަތިލާންޖެހެއެވެ. އޭގެތެރޭގައި ވަރުބަލި ވުމާ ބޮލުގައި ރިއްސުމާއި މަސްގުޅަ ކެއުންފަދަ މައްސަލަތައް ދިމާވެއެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެންނުބޯނަމަ ކިޑުނީގެ ބަލިތަކާއި ކުޑަކަމުދާ ނިޒާމަށްޖެހޭ ބަލިތައް ޖެހުމުގެ ފުރުސަތު ބޮޑުވެއެވެ. މީގެއިތުރުން ފެނަކީ މައިގްރޭންއާއި ކެންސަރު ބަލީގެ ފަރުވާއެއްކަމަށް ދިރާސާތަކުން ދައްކައެވެ. އަދި އެކަށީގެންވާ މިންވަރަށް ފެންބުއިމަކީ ހަމުގެ ބަލިތަކުން ރައްކާތެރިކޮށްދީ، ހަށިގަނޑު ރީތިކޮށް ބެހެއްޓުމަށާއި، އިންސާނާ ފުރިހަމަ ޞިއްޙަތެއްގައި ހުރުމަށް ވަރަށް މުހިންމު ކަމަކެވެ. ހަށިގަނޑަށް ބޭނުންވާ ވަރަށް ފެން ނުބޯނަމަ ހަށިގަނޑުން ފެންމަދުވެ ޑީހައިޑްރޭޓް ވެއެވެ. ޑީހައިޑްރޭޓްވާ ކަމުގެ އަލާމާތްތަކަކީ ބޮލުގައި ރިއްސުމާއި، ކުޑަކަމުދާއިރު ރީނދޫ ކުލަ ގަދަކޮށްހުރުމާއި، މަސްތަކުގައި ރިއްސުމާއި، އާދަޔާ ޚިލާފަށް ކަރުހިއްކުމެވެ. ފެންމަދުވުމުން އިންސާނާގެ ފުރާނައަށް ނުރައްކާވާން ފަށައެވެ. ގިނަ މީހުންގެ ހަށިގަނޑުން  20 ޕަސަންޓަށްވުރެ ފެން މަދުވުމަކީ ކުއްލިއަކަށް މަރުވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމެކެވެ.  

1 comment:

Unknown said...

ވަރަށް ފުރިހަމަ
👍🏻