Tuesday, April 25, 2023

މޭޖަރ ޢަލީ ސަލީމުގެ އަގުހުރި އަސްކަރީ ޚިދުމަތް

 



ޢަބްދުﷲ ސަޢީދު

މޭޖަރ ޢަލީ ސަލީމުގެ އެކުވެރިންނަށް އެއީ "ފަޔަރު ސައްލި" އެވެ. މޭޖަރ ޢަލީ ސަލީމުގެ ނަމާއެކު "ފަޔަރު" ބޭނުންކުރަނީ ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތާ މޭޖަރ ޢަލީ ސަލީމާ އޮތް ގުޅުމުގެ ސަބަބުންނެވެ. އެއީ ދިވެހި އަސްކަރިއްޔާގައި އަލިފާން ނިއްވުމުގެ ޚިދުމަތްދިނުމަށް ޚާއްޞަ ޔުނިޓެއްގެ ގޮތުގައި އެންއެސްއެސް ފަޔަރ ސެކްޝަން، 1990 މޭ 1 ވަނަ ދުވަހު އުފެއްދެވި އިރު ތިއްބެވި ފަސް ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. އަސްކަރިއްޔާގެ ދެ އޭރިއާ ކޮމާންޑެއްގައި އަދާކުރެއްވި  ޕޯސްޓިންގ ޑިއުޓީގެ ދެ ޑިއުޓީއެއް ފިޔަވައި މުޅި އަސްކަރީ ޚިދުމަތުގައި މޭޖަރ ޢަލީ ސަލީމު މަސައްކަތްކުރެއްވީ އަލިފާން ނިއްވުމުގެ ޚިދުމަތުގައެވެ. އެއީ އެމްއެންޑީއެފްގެ ލީޑަރޝިޕުގެ އިރުޝާދާއެއްގޮތަށް ދިވެހި އަސްކަރިއްޔާގެ އަލިފާން ނިއްވުމުގެ ޚިދުމަތް ފުޅާކުރައްވައި، ތަރައްޤީކުރައްވައި އަދި  މީހުންނާއި ވަސީލަތްތައް ބިނާކުރެއްވުމުގައި ގަދައަޅައި މަސައްކަތްކުރެއްވި އިޚްލާޞްތެރި، ތެދުވެރި ޚިދުމަތްތެރިއެކެވެ. ދިވެހި އަސްކަރިއްޔާގައި އަލިފާން ނިއްވުމުގެ ޚިދުމަތުގައި އެންމެ ދުވަސްވީ ތަޖުރިބާކާރަކަށް މިއަދާ ހަމައަށް ހުންނެވި ބޭފުޅަކީ މޭޖަރ ޢަލީ ސަލީމެވެ. 

Saturday, April 1, 2023

ހާރުބެރަށްފަހު ސިފައިން ޖެހި ބަޑި



ޢަބްދުﷲ ސަޢީދު

 

ހާރުބެރަށް ކިޔަނީ "ނައްކާރަ"އެވެ. ނައްކާރައަކީ ބަރަކާތްތެރި ރަމަޟާންމަހުގެ ހާރުދަމުގެ ވަގުތުގައި  ނާބުސްޚާނާއިން  ޖަހާ ބެރެކެވެ. އެ ބެރު ޖަހަނީ ރޯދަމަހު ރޭގަނޑު މެންދަމުން އަލިވެ ދޭއް ޖަހާއިރުއެވެ. މި ބެރު ޖަހަނީ ހާރު ވަގުތު ވަދެއްޖެކަން އިޢުލާނުކުރުމަށެވެ.

 

ނާބުސްޚާނު ނުވަތަ ނާބުސްޚާނާއަކީ ދިވެހިރާއްޖޭގައި ރަސްކަން އޮތް ދުވަސްވަރު މާލޭގައި އާދަވެގެން ރަސްމީ ބެރުތައް ޖަހައި އުޅުނުތަނެވެ. އާންމުކޮށް ރައްޔިތުންނަށް އަންގަންޖެހޭ ބައެއް މުހިންމު އެންގުންތައް ރަސްކަމުގެ ގަނޑުވަރުން އިޢުލާންކުރުމަށް އެ ޒަމާނުގައި ވަރަށްގިނަ  ބެރުތައް ނާބުސްޚާނާއިން ޖަހާއުޅުނެވެ. އެ ބެރުތަކުގެ އަޑު ނުވަތަ ބީޓުތަކުން އެއީ ކޮން ކަމަކާ ގުޅިގެން ޖަހާ ބެރެއްކަން  އެޒަމާނުގެ މީހުންނަށް އެނގެއެވެ.

 

ނާބުސްޚާނާ  ހުރީ ހިތްތަން ދޮރޯށީގެ މަތީގައެވެ. އެ ތަން ހަދައިފައި ހުރީ ބޯކު ދޮރުތަކެއް ލައިފައި ހުންނަ ދިގު ކުޅިބަލާ ގެއެއް ހެންނެވެ. ނާބުސްޚާނާ ކިޔަނީ އެ ތާނގެ އިރުމަތީ ބަޔަށެވެ.

 

ހާރުދަން އިޢުލާނުކުރުމަށް ހާރުބެރު ނުވަތަ "ނައްކާރަ" ޖަހަމުންދާތާ އެތައް ޒަމާނެއް ފަހުން މިގޮތަށް ޖަހަމުންދިޔަ ބެރުތައް ސަރުކާރުން ހުއްޓާލެއްވިއިރު ނައްކާރަ ޖެހުން ވެސް ހުއްޓާލެއްވިއެވެ.

 

މި ބަދަލާއެކު ބޮޑުވަޒީރު އިބްރާހީމް ނާޞިރުގެ ސަރުކާރުން ކަނޑައެޅުއްވީ ސިފައިންގެއިން ބަޑިއެއް ޖަހާގޮތަށެވެ. އެކަމަކު އެ ބަޑި ޖަހާގޮތަށް ނިންމެވީ ހާރުވަގުތު އިޢުލާން ކުރުމަކަށް ނޫނެވެ. ހާރުދަން ނިމުނުކަން ނުވަތަ ހާރު ކެއުމުގެ ވަގުތު ނިމިއްޖެކަން އިޢުލާން ކުރުމަށެވެ.  މި ބަޑި ޖަހާގޮތަށް ނިންމެވީ ސިފައިންގެ ބަޑިޖަހާގެއިންނެވެ.  މި ގޮތަށް 25 އޮކްޓޫބަރު 1961 ގައި ނިންމަވައި ސަރުކާރުން  އިޢުލާން ކުރެއްވީ 5 ފެބުރުވަރީ 1962 ގައެވެ.

 

މި ބަދަލަކީ އޭރުގެ ސަރުކާރުން ދެކެވަޑައިގެންނެވި ގޮތުގައި "މީސްތަކުންނަށް ބޭނުންތެރި މާނައިން ފުރިގެންވާ" ކަމެކެވެ.

ރޯދަ ވީއްލުމަށްޓަކައި ސިފައިންޖަހާ "ނާބަ ބަޑި

ޢަބްދުﷲ ސަޢީދު

 

ނާބަބަޑިއަކީ ރަމަޟާންމަހު އިރު އޮއްސިއްޖެކަން އެންގުމަށް މާލޭގައި ސިފައިން ޖަހައި އުޅުނު ބަޑިއެކެވެ.  ހަރޯދައިގެ ދުވަސްތަކުގައިވެސް މި ބަޑިޖަހާ އުޅުނެވެ. ބޮޑު ދެހިތީގައި ނާބަ ފަށަންވީމާ ޖަހައި އުޅުނު ތިން ބަޑިއަށް ވެސް ނާބަބަޑި ޖެހުމޭ ކިޔައެވެ.

 

ނާބައަކީ މަޣްރިބު ނަމާދަށް މާލޭ ހުކުރު މިސްކިތު މުންނާރުން ބަންގި ގޮވާ ނިމުމާއި ވިދިގެން ނާބުސްޚާނުން ޖަހައި އުޅުނު ބެރެކެވެ. ރަސްމީ ބެރުޖެހުން އޮންނަ ރޭރެއަށް ނާބަ ޖަހައި އުޅުނީ އެ ބެރުގެ ފަހުގައެވެ. ބޮޑު ދެހިތީގައި ޖަހާއުޅުނީ ހިތިގެ ދޮށުގައެވެ. ރަޖަބު، ރަމަޟާން، ޝައްވާލު މި މަސްމަހަށް ހަނދުބަލާރޭރޭ މި ބެރުޖަހައި އުޅުނީ ބަޑިޖެހުމުގެ ފަހުގައި ނުވަތަ ހަނދު ފެނުނުކަން އެގުނީމައެވެ.

 

ތާނިޔާ

 


ޢަބްދުﷲ ސަޢީދު 

 

 ދިވެހިބަހުގައި "ތާނިޔާ"ގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ "ދީނަށް ނަސްރު ދެއްވައި ވެރިންނާއި ރައްޔިތުން އެންމެހާ ނުރައްކާތެރި ކަންތައްތަކުން ސަލާމަތް ކުރެއްވުން އެދި ކުރާ އިލްތިމާސެއް" މިއެވެ. ދެވަނަ މާނައަކީ "ތާކުންތާކު ނުޖެހޭ ދިގު ވާހަކަ" އެވެ.

ތާނިޔާއަކީ ކުރީ ޒަމާނުގައި ހުކުރު ނަމާދަށްފަހު، ޛިކުރުތަސްބީޙަ ކިޔާނިމިގެން، ޞަލަވާތް ފާތިޙާ ކިޔެވުމުގެ ކުރިން ކިޔާ ދުޢާއެކެވެ. ނުވަތަ ދަންނަވާ ދެންނެވުމެކެވެ. މި ކިޔާ ދުޢާ ކިޔުމަށް ކިޔަނީ "ތާނިޔާ ކިޔުން" މިހެންނެވެ. ތިރީގައި މިވަނީ އައްސުލްޠާން ޙަސަން ނޫރައްދީނު (2ވަނަ) ގެ ރަސްކަމުގައި ކިޔާފައިވާ ތާނިޔާގެ ނަކަލެކެވެ. ރަދުން ބަދަލުވުމުން ތާނިޔާއިން ރަދުންގެ ނަންފުޅު ބަދަލުކުރެއެވެ.