Thursday, December 26, 2019

ކަލާފާނު ޒިޔާރަތް އެޅުމަށް ހޭދަކުރެއްވި ބޭފުޅުންގެ ލިސްޓުގައި މަނަދޫ ޢަލީގެ ފުތް ޙަސަން

ލިޔުނީ: ޢަބްދުﷲ ސަޢީދު 


އައްސުލްޠާން އިބްރާހީމް (ތިންވަނަ) ސިރީސުއްދަ ސުވަރުދަ ލޯކަ މަހާރަދުން ނުވަތަ ކަލާފާނު ރަދުންނަކީ މީލާދީން 1585 ން 1609 އަށް ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ރަދުންނެވެ. ކަލާފާނު ރަސްގެފާނު ބައްޕާފުޅަކީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ނުވަތަ ބޮޑު ތަކުރުފާނެވެ. މަންމާފުޅަކީ ބާރަށު ފާތިމާ ދިޔޯ އެވެ. 

ކަލާފާނުގެ ރަސްކަމުގައި އިންނަވަނިކޮށް ހޮޅިންގެ ބަޔަކު ރާއްޖެއާ ދެކޮޅަށް އައެވެ. އެ ޚަބަރު ލިބިވަޑައިގަތުމުން ވަޒީރުންނާއި، އަމީރުންނާއި، ފަނޑިޔާރަކަށް ހުންނެވި މުޙައްމަދު ފަނޑިޔާރު ކަލޭގެފާނު އެއްކުރައްވައި ހަދާނެ ގޮތަކާއި މެދު މަޝްވަރާ ކުރެއްވިއެވެ. ފަނޑިޔާރު މަނިކުފާނު މަޝްވަރާ އެރުވީ ހަނގުރާމަ ކުޅައުމަށްވުރެ މާލެ ދޫކުރައްވައި ފިލާވަޑައިގެންނެވުމަކީ މޮޅު އިތުރު ކަމެއް ކަމުގައެވެ. އެ ލަފާގެ މަތިން އަނބިއަނބި ކަބަލުންނާއި ބައެއް ވަޒީރުން ގޮވައިގެން ގުރާބެއްގައި ރާއްޖޭގެ ދެކުނަށް ދަތުރުފެށްޓެވިއެވެ. މިކަން ދުޝްމަނުންނަށް އެނގިގެން ދުޝްމިނުންގެ ގުރާބުތަކުން ރަދުންގެ ގުރާބުތަކާ ދިމާކުރިއެވެ. ކަނޑުމަތިން ދެ ލަޝްކަރު ބައްދަލުވުމުން ރަސްގެފާނު ގުރާބުގައި ތިބި މީސްތަކުން ކަނޑަށް ފުންމާލައިގެން ގޮސް ފަތާފައި ކައިރީގައި އޮތް ފަޅުރަށަކަށް އެރީ އެވެ. ގަދަ ހިތްވަރުފުޅާއެކު ހަނގުރާމަ ކުރަމުން ގެންދެންވީ ކަލާފާނާއި، ރަދުންގެ އަރިހުގައި ހުންނެވި ޖަމާލު ކަލޯ ކިޔާ ބޭފުޅެކެވެ. އެ ދެކަލުން ވެސް ޝަހީދުވީއެވެ. ކަލާފާނު ޝަހީދުވީ ދުޝްމަނުންގެ ލޮންސި ހަމަލާއަކުންނެވެ. ކަލާފާނު ޝަހީދުވީ 04 ފެބުރުވަރީ 1609 ވީ ބުދަ ދުވަހުއެވެ. ރަދުން ޝަހީދުވުމުން ދުޝްމިނުން ގުރާބަށް އަރައި އޭގެހުރި ހަތިޔާރުތައް ނެގުމަށްފަހު ގުރާބު ދޫކޮށްލުމުން ގުރާބު ގޮސް ލައްވީ ހަންޏާމީދޫ އަށެވެ. ހަންޏާމީދު މީހުންނަށް އެދެކަލުން ޝަހީދުވެފައި ތިބިތަން ފެނުމުން ގެންގޮސް ހަންޏާމީދޫ މިސްކިތްދޮށުގައި ފަސްދާނު ލެއްވީ އެވެ.

Wednesday, December 25, 2019

ދިވެހިރާއްޖޭގެ ތިން ރަސްކަލުންނާ ކައިވެނި ބައްލަވައިގެންނެވި މަހާރެހެންދި

ލިޔުނީ: ޢަބްދުﷲ ސަޢީދު 



ދިވެހިރާއްޖޭގެ ރަސްކަންކުރެއްވި ތިން ރަސްކަލުންގެ ވެސް އަނބިކަނބަލެކެވެ. ދިވެހި ތާރީޚު ދުށް އެންމެ ހިތްވަރުފުޅު ގަދަ އެއް ރަސްގެފާނުގެ މައިކަމަނާއެވެ. އާދެ! ކަނބާ ޢައިޝާ ރަނިކިލެގެއެވެ. ފާދިއްޕޮޅު މާފިލާފުށީ ޚަތީބު ޢަލީ ކޮށަލިކިލަގެގެ މާފިލާފުށީ ފާށަނާއިކަލޯގެ ދި ސިއްތި ބޮޑުކަމަނާގެ ދަރިކަނބަލުންނެވެ. މިއީ އައްސުލްޠާން ޢަލީ (6ވަނަ) ނުވަތަ ޢަލީ ރަސްގެފާނުގެ އަނބިކަނބަލުން ނުވަތަ ބޮޑުތަކުރުފާނުގެ އަނބިކަނބަލުން ސިއްތިމާވާ ރަނިކިލެގެފާނުގެ މައިކަމަނާއެއް ނޫނެވެ. އެއީ ވެސް ކަނބާ ޢައިޝާއެކެވެ. އެކަމަކު މިއީ، މާފިލާފުށީ ސާސްކަފުރަދާނަ ކަނބާ ޢައިޝާ ރަނިކިލެފާނެވެ.  

Saturday, December 7, 2019

ހެންވޭރުގަނޑުވަރުގެ ނާޗަރަންގީ

­
ޕްރިންސް ޙަސަން ޢިއްޒުއްދީން (ކ) ދެން އެ އިންނެވީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)

ލިޔުނީ: ޢަބްދުﷲ ސަޢީދު 


އެ ނާޗަރަންގީ ފެށުމާއެކު ހެންވޭރުގަނޑުވަރު ވެގެންދިޔައީ ދެޖިންސުގެ ޒުވާނުންގެ ކިއްލާއަކަށެވެ. ގޮތްހުރި މީހުން ވަދެ އުޅޭން ލަދުގަންނަ ތަނަކަށެވެ. އަދި އެ ބައި މީހުންގެ ދަރިން ވެސް ވަދެ އުޅޭން ނުރުހޭ ތަނަކަށެވެ. ކުރިއްސުރެ ދިވެހިންގެ ތެރޭގައި މަނާވެފައި އޮތް އާންމު އަޚްލާޤީ މިންގަނޑާ ޚިލާފު އެތައް ކަމެއް އެތަނުގައި ހުއްދަވެ ހިނގާން ފަށައިފިއެވެ. އެ ނާޗަރަންގީގެ އިސް ބޭފުޅަކީ ރާއްޖޭގެ ރަސްކަމުގެ އޭރުގެ ވާރުތަވެރިޔާ، ޕްރިންސް ޙަސަން ޢިއްޒުއްދީނެވެ. އޭރު ދިވެހި ތަޚްތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3ވަނަ)ގެ ހަމައެކަނި ފިރިހެން ދަރިކަލުންނެވެ. ހެންވޭރުގަނޑުވަރަކީ މިހާރުގެ މުލިއާގެއެވެ. ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ ގެކޮޅެވެ.

Monday, November 11, 2019

މަނަދޫ ޢަބްދުއްސައްތާރުގެ ހަނދާނުގައި

 


ޢަބްދުﷲ ސަޢީދު

 

އެއީ ފޯނު ގެންގުޅޭ ޒަމާނެއް ނޫނެވެ. ފަސޭހަފަސޭހައެއްކޮށް މާލެއާ ވާހަކައެއް ނުދެއްކެއެވެ. އަތޮޅުތެރޭގެ ރައްޔިތުން ބަރޯސާވަނީ ރޭޑިޔޯއަށެވެ. އެހެން ނަމަވެސް މަނަދޫގައި އަލަށް އުފެއްދި ޖަމްޢިއްޔާއެއް ކަމަށްވާ "މަނަދޫ ޒުވާނުންގެ ގުޅުން" އިފްތިތާޙު ކުރި ޚަބަރު އެ ޖަލްސާ ކުރިއަށް ދަނިކޮށް ވަގުތުން ރޭޑިޔޯއިން ފޮނުވުމަކީ އިއްތިފާގެއް ނޫނެވެ. އެއީ މާފަންނު މަނަދޫގޭ ޢަބްދުއްސައްތާރު އަބޫބަކުރު (މަނަދޫ ސައްތާރު) އެކަން ކުރައްވަން ބޭނުންފުޅުވި ގޮތެވެ. ޖަލުސާގައި ބައިވެރިވި ގިނަ ބަޔަކަށް ވެސް އެކަން އޭރު ވީ ބޮޑު ހައިރާން ކަމަކަށެވެ.

Sunday, November 3, 2019

ޤައުމީ ނިދާ

 


ޢަބްދުﷲ ސަޢީދު

 

ދުނިޔޭގައި ޤައުމީ ބަޠަލުންނާއި، ޤައުމީ އަބުޠާލުންނާއި، ޒަޢީމުން ފާޅުވެގެން އަންނަނީ އެ ޤައުމަކަށް ދިމާވާ ހިތްދަތި، އަސަރުގަދަ، ވޭނީ ހާލަތްތަކާ ގުޅިގެންނެވެ. ޤައުމު ދެކެ ޙަޤީޤީ ލޯބިވާ ދަރިން ހާމަވަނީ ޤައުމުގައި ރިހުން އުފެދޭ ދަނޑިވަޅުތަކުގައެވެ. ޤައުމުން އުފަންކޮށް، އުފައްދާފައިވާ ލީޑަރުން ކުރީ ސަފުން ޖާގަހޯދަނީ ޤައުމު ކަރުނައަޅާ ހިނދު އެކަރުނަތައް ފޮހެދީގެންނެވެ. ޤައުމުގެ ހިތަށް ތަސައްލީއެއް ހޯދައިދޭން ފުރާނައާއި ޖާނާއި މާލުން ފިދާވުމަށް އިސްނަގާ ކުރާ ޤައުމީ ޚިދުމަތުންނެވެ.

Tuesday, October 29, 2019

ބޮޑުތަކުރުފާނުގެ ފޭލިކޮޅު

 


ޢަބްދުﷲ ސަޢީދު

މިއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން އާދެ! ބޮޑުތަކުރުފާނު ތުރުކުރެއްވި ބޮލު ފޭލިކޮޅެވެ. ބޮލުފޭއްޔަކީ ކޮބައިތޯއެވެ. އެއީ އަންނަ ފޭއްޔާ އެއްވައްތަރަށް އެއަށްވުރެ، ކުދިކޮށް ހަނިކޮށް ބޮލުގައި އަޅަން ވިޔެފައި ހުންނަ ފޭއްޔެވެ. އަންހެނުންނާއި ފިރިހެނުންގެ ވެސް ބޮލުފޭލި ހުރެއެވެ. ތަފާތަކީ ފިރިހެނުން ބޮލުގައި އަޅާފޭލީގެ މެދު ހުންނަނީ ރަތްކޮށް ކަމަށްވެފައި އަންހެނުން އަޅާފޭލީގެ މެދު ހުންނަނީ ކަޅު ކޮށް ކަމަށްވުމެވެ. ބޮލު ފޭއްޔަކީ ރަސްމީގޮތުން އަޅައި އުޅުނު އެއްޗެކެވެ.

Tuesday, October 8, 2019

އެލިޒަބަތު ބޯޔާގެ ފުވައްމުލަކު ދަތުރު


ލިޔުނީ: ޢަބްދުﷲ ސަޢީދު 

ދިވެހިރާއްޖޭގެ އެންމެ ދެކުނުގެ ތިން އަތޮޅުކަމަށްވާ ހުވަދު އަތޮޅާއި ފުވައްމުލަކާއި އައްޑު އަތޮޅު ގުޅިގެން "ޔުނައިޓެޑް ސުވަދީބު އައިލެންޑްސް"ގެ ނަމުގައި ވަކި ދައުލަތެއް 1959 މާރިޗު މަހުގެ 13 ވަނަ ދުވަހު އިޢުލާން ކުރިއެވެ. އެއީ އައްޑު އަތޮޅުގައި އޭރު ތިބި އިނގިރޭސީން އަޑީގައި ތިބެގެން 1958 ޑިސެންބަރު 31 ވަނަ ދުވަހުގެރޭ އައްޑު އަތޮޅު ހިތަދޫގައި ފެށި ހަރަކާތުގެ ނަތީޖާއެވެ. 1959 ޖަނަވަރީ 1 ވަނަ ދުވަހު އައްޑު އަތޮޅުގެ ރައްޔިތުން ދިވެހި ސަރުކާރުން ނެއްޓި ވަކި ދައުލަތެއް ޙަޤީޤަތުގައި އޮތީ އުފައްދާފައެވެ. އެހެންނަމަވެސް އެ ދައުލަތް ރަސްމީކޮށް އިޢުލާންކުރުން ލަސްވެގެން ދިޔައީ އެ ސަރުކާރުގެ އިސްވެރިއަކަށް އިނގިރޭސިން ބޭނުންވެގެން ހަމަޖެއްސި އައްޑު އަތޮޅު ހިތަދޫ އެޅަދީދީގެ ޢަލިދީދީގެ ޢަބްދުﷲ ޢަފީފް  ބޭނުންފުޅުވި ގޮތަށް އިނގިރޭސި ސަރުކާރުން އޭނާ އާއި ޢާއިލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ޔަޤީންކަން ލިބުން ލަސްވެގެންނެވެ.

Tuesday, October 1, 2019

ދޮންބަންޑާރައިން ފޮނުއްވައިގެން ބަޑިބޭހާއި އުންޑަ ބަލައި ކޮޅުނބަށް ދިޔަ މަނަދޫ އިބްރާހީމް

ދޮންބަންޑާރައިންގެ ފަގުޑީކޮޅާއި ކަނޑިއައްޑަނަކޮޅު

ލިޔުނީ: ޢަބްދުﷲ ސަޢީދު

އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ސިރީ ކުލަ ރަންމީބަ ކައްތިރި ބަވަނަ މަހާރަދުން (ދޮންބަންޑާރައިން) ނަކީ އެ ބޭފުޅަކަށްޓަކައި ދިވެހިން ފަޚުރުވެރިވާ ޤައުމީ ބަޠަލެކެވެ. އެއީ ހޮޅިން ނުވަތަ މަލަބާރީންގެ އަތްދަށުން 3 ޖުމާދަލްއާޚިރާ 1166 (7 އެޕްރީލް 1753) ގައި ދިވެހިރާއްޖެ މިނިވަންކޮށް ދެއްވި ޤައުމީ ބަޠަލެވެ. އެއީ ރައްޔިތުން ރަސްކަމަށް އިސްވުމަށް އެދި އާދޭސް ކުރުމުން ވެސް އެކަމަށް ފުރަގަސް ދެއްވި ލީޑަރެކެވެ. ހޮޅިން ރާއްޖެ ހިފައި، ރަސްކަމުގައި އޭރު އިންނެވި އައްސުލްޠާން މުރައްކަމް މުޙައްމަދު ޢިމާދުއްދީނާއި ވަލީ އަހުދު މުޙައްމަދު މަނިކުފާނު (ފަހުން ޣިޔާޘުއްދީން ރަދުން) ގެންދިއުމުން އެ ބޭފުޅުންގެ ޚަބަރެއް ވޭތޯ ބެއްލެވި ދުވަސްވަރު ކޮޅުނބުގައި އޭރު ހުންނެވި ގަވަރުނަރަށް ދޮންބަންޑާރައިން ފަތްކޮޅަކާއެކު ވެދުންކޮޅެއް ފޮނުއްވިއެވެ. މި ފަތްކޮޅަކީ ދިވެހިރާއްޖެ މަލާބާރީން ހިފިކަމާއި، އަދި އެ ބައި މީހުން ބަލި ކުރައްވައި މިނިވަން ކުރެއްވިކަމުގެ ވާހަކަފުޅުތައް ލިޔުއްވާފައިވާ ފަތްކޮޅެކެވެ. މި ފަތްކޮޅު ފޮނުއްވީ ކޮޅުނބުން ބަޑިބޭހާއި އުންޑާ ހޯއްދެވުމެވެ. 

މަލާބާރީން ގެންދިޔަ ރަދުންގެ ސިއްކަފުޅު ޖައްސަވައި ދޮންބަންޑާރައިން ލިޔުއްވި އެ މުހިންމު ފަތްކޮޅު ހިފައިގެން ކޮޅުނބަށް ދަތުރުކުރި ނެއްވަކީ މިލަދުންމަޑުލު ދެކުނުބުރީ (ނ. އަތޮޅު) މަނަދޫ މީހެއް ކަމުގައިވާ "މަނަދޫ އުބުރައިން އަޅާ" ނުވަތަ މަނަދޫ އިބްރާހީމް އެވެ. ތާރީޚީ މި ފަތްކޮޅުގައި ވާގޮތުން ފަތްކޮޅު ލިޔުއްވާފައިވަނީ މީލާދީން 1753 ވަނަ އަހަރެވެ. 

Monday, September 23, 2019

ޣިޔާޘުއްދީނު ރަދުން ކަނޑުފައްތައި ގެއްލުވާލި ހާދިސާ

ދ. ހުޅުދެލީގައި ހުންނަ ހާޖީބަންޑާރައިންގެ ޒިޔާރަތް.


ޢަބްދުﷲ ސަޢީދު

ދޮންބަންޑާރައިން، އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (1ވަނަ) ސިރީ ކުލަރަންމީބަ ކައްތިރި ބަވަނަ މަހާރަދުން އަވަހާރަ ދާންމަތިކޮޅުގައި ދައުލަތުގެ ބޮޑުންނާއި ޢާއިލާގެ ބޭފުޅުންނަށް ވަރުގަދަ ވަސިއްޔަތްޕުޅެއް ކުރެއްވިއެވެ. އެ ވަސިއްޔަތްޕުޅުގައި ވިދާޅުވީ ދިވެހި ރަސްކަން އެ ރަސްކަން ޙައްޤުވާ ދިޔަމިނގިލީ ދަރިކޮޅުގެ މުޙައްމަދު މަނިކުފާނާ ހަވާލެވެ. އަހުރެންގެ ދަރިންނާ މާތް ރަސްކަލާނގެއާ ވަކީލެވެ. ދޮންބަންޑާރައިން އަވަހާރަވުމުން ރަސްކަމަށް އިސްކުރެވުނީ މުޙައްމަދު މަނިކުފާނެވެ. އެއީ ފަހުން އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީން ސިރީ ކުލަ ރަންމަނި ކީރިތި މަހާރަދުންނެވެ. ދޮންބަންޑާރައިންގެ ވަސިއްޔަތްޕުޅާ އެއްގޮތަށް ރަސްކަމަށް އިސް ކުރެވުނަސް ދޮންބަންޑާރައިންގެ ޢާއިލާގެ ބޭފުޅުންނާއި އެ ބޭފުޅުންނާ ގުޅުން އޮތް ފަރާތްތަކުން ތިބީ އެކަމާ ރުހިގެންނެއްނޫނެވެ. ހާޖީ ބަންޑާރައިންނާއި، ޝަހީދުކުޅަ ބަންޑާރައިންނަކީ ވެސް ޣިޔާޘުއްދީނު ރަދުންނެވެ. އެ ރަދުންވީ ހަށިކޮޅުގައި ބަރު ބަދެ، ކަނޑުފައްތައި ގެއްލުވާލާފައެވެ.

Sunday, September 22, 2019

ޙަސަން ފަރީދު ފޮތްތައް ކަނޑުފެއްތި ދުވަސް


އަލްއަމީރު ޙަސަން ފަރީދު ދީދީ އާއި ޙަސަން ފަރީދުގެ ބައްޕާފުޅު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު އަދި ޙަސަން ފަރީދުގެ ބޭބޭފުޅު އަލްއަމީރު މުޙައްމަދު ފަރީދު ދީދީ (ފަހުން އައްސުލްޠާން މުޙައްމަދު ފަރީދުލް އައްވަލް)


ޢަބްދުﷲ ސަޢީދު


ދިވެހިރާއްޖޭގެ ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ރަސްކަމުން ޢަޒުލް ކުރެވި، ރަސްކަމުގެ ތަޚުތުހުރީ ފަޅަރަށެވެ. ރަސްގެފާނަށްފަހު ނުވަތަ ރަސްގެފާނަށްވުރެ ވެސް ބޮޑަށް އާންމު ރައްޔިތުންގެ މެދުގައި މަޤުބޫލު ބޭފުޅަކީ ސުމުއްވުލްއަމީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނެވެ. އާންމު މީހުންގެ ދޫމަތީގައި "މާތް ވެރިޔާ" އެެވެ. އެހެންނަމަވެސް އެ ކިލެގެފާނުގެ ބާރު ވެސް މި ދަންނަވާ ދުވަސްވަރު ދިވެހި ދައުލަތުގެ މައްޗަކަށް ނެތެވެ. ދައުލަތުގެ ހުރިހާ ބާރެއް އޮތީ އެ ކިލެގެފާނުގެ ދަރިކަލުން އަލްއަމީރު ޙަސަން ފަރީދުގެ މުށުތެރޭގައެވެ. ދަރިކަލުންގެ ރޭވުންތެރިކަން، ސިޔާސީ ޙިކުމަތްތެރި ބައްޕާފުޅު ބަލި ކުރެއްވީއެވެ.  އެއީ ހިޖުރައިން 1359 ވަނަ އަހަރެވެ. މީލާދުން ގުނެނީ 1940 ވަނަ އަހަރެވެ.


Thursday, September 19, 2019

ނޮވެންބަރު ތިނެއްގައި "އޮޅުނު" ދެ ނާޞިރު



ޢަބްދުﷲ ސަޢީދު

1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ ތިންވަނަ ދުވަހު ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ، ދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު އަދި ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސާހިބުއްދައުލާ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަޑޭރި ކިލެގެފާނުގެ އަޑީގައި ހުންނަވައިގެން ގެންނަވަން މަސައްކަތް ކުރެއްވި ބަޣާވާތެއްގެ ގޮތުގައި އަޑު ފެތުރުނެވެ. ސީދާކޮށާއި ނުސީދާކޮށެެވެ. މި އަޑު ބައިނަލް އަޤްވާމީ ދުނިޔޭގައި ވަރަށް ބާރަށް ފެތުރުނެވެ. ބޭރުގެ ބޮޑެތި މީޑިއާތަކުގައި ޝައްކުގެ އިނގިލި އެ މަނިކުފާނަށް ފާޅުގައި އަމާޒުކުރިއެވެ. އޭގެތެރެއިން ވެސް ނޮވެންބަރު ތިންވަނަ ދުވަހުގެ ޚަބަރުތައް ފުޅާ ދާއިރާއެއްގައި ކަވަރުކުރި ބީބީސީ ފާހަގަ ކުރެވެއެވެ. މި ޚަބަރުތައް އެންމެ ބާރަށް ފެތުރުނީ ނޮވެންބަރު ތިންވަނަ ދުވަހާއި ހަތަރުވަނަ ދުވަހުއެވެ.

Monday, August 19, 2019

އަހަރެން ދުށް ބޮޑުމަސް ބޭނުމުގެ ކުޅިވަރު


ލިޔުނީ: ޢަބްދުﷲ ސަޢީދު
 
 

ބޮޑުމަސް ބޭނުމުގެ ކުޅިވަރަށް ބޭނުންވާ ތަކެއްޗާއި މުމައްސިލުންނާއި މުމައްސިލާއިން  

1. ބޮޑުމަސް
2. ބޮޑު ބޯވަ
3. ބޮޑު ދޫނި
4. ދިގުބެ
5. އަތޮޅުވެރިން
6. ކެޔޮޅުން
7. ކަންވެރިޔާ
8. ރައިވެރިބެ
9. ރާ ރުކެއް
10. ކަނބުރުވެރިޔާ
11. ކަނބުރުގެ
11. މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް (ބޮޅު ބުޅި އާއި ފަލަ ނަނާއި ބޮޑު ދާވަނި)
12. ބާންދީން / އަރިހު ބޭކަލުން

ބޮޑުމަހާއި ބޮޑު ބޯވަ އާ ވިޔަނީ ފަނުންނެވެ. މި މަސައްކަތް ކުރަނީ ރަށުގައި މީހުން ނޫޅޭ އެކަހެރި ހިސާބެއްގައި ތިބެގެންނެވެ. ބޭނުމަކީ އެއް އަވަށަކުން ވިޔާ މަހާ ބެހޭ މަޢުލޫމާތު އަނެއް އަވަށަކަށް މަސް ނެރުމުގެ ކުރިން އެނގުނަ ނުދިނުމެވެ. މަސް ވިޔުމަށް ބޭނުންވާ ފަން ފިރިހެން ވެރިން ކަނޑައިގެން ނެރުމުން ވިއުމުގެ މަސައްކަތުގައި އިސްކޮށް އުޅެނީ އަންހެނުންނެވެ. ބޮޑު މަހާއި ބޮޑު ބޯވަ ތައްޔާރުކޮށް ހަދާނީ ފިރިހެނުންނެވެ. ފަނުން ތޮށަލި ގޮތަށް ވިޔެފައި ދަނޑިން ހަދާ އޮނިގަނޑެއްގައި ތޮށަލި ތައް ޖަަހައެވެ. މަހުގެ ލޮލާއި ކުރަހަންޖެހޭ ކުރެހުންތައް ކުރަނީ ހުދު އުވައިންނެވެ. ފަހުން ހުދު ކުލަ ވެސް ބޭނުން ކުރިއެވެ. އަދި ލޯ ހެދުމަށް ބޯކަރުދާހާއި އޮމާން ޓިނުވެސް ބޭނުން ކުރިއެވެ. ބޮޑުމަސް ދުއްވަނީ މަހުގެ އެތެރެއަށް ވަދެ ކޮޅަށް ތިބެގެންނެވެ. އެތެރެއަށް ވަދެ ތިބޭ މީހުން ފޮރުވުމަށްޓަކައި މަހުގައި ތިރިއަށް ފަންވަތްތައް ހިމަކޮށް ވީދާފައި ފަން އައްސާފައި ހުރެއެވެ.

Friday, July 26, 2019

ތިކިޖެހި ތާނައާއި "ދިވެހި މުސްލިމުން"

 


ޢަބްދުﷲ ސަޢީދު

 

ރައްޓެއްސަކު ބުންޏެވެ. ތިކި ނުޖަހާވެސް ދިވެހިން ލިޔަންވީ ހުރިހާ އެއްޗެއް ތާނަ އަކުރުން ލިޔެވެއެވެ. ކިޔަންވެސް އެނގެއެވެ. އެހެންވީއިރު މީހުންނަށް އުނދަގޫ ކުރާކަށް ކޮން ތިކިޖެހި ތާނައެއް ހެއްޔެވެ؟ އެހެން ހަމަ ބުނުމާއެކު އަޅުގަނޑުގެ ހަނދާނަށް އައީ މަރުޙޫމް ސައިކުރާ އިބްރާހީމް ނަޢީމު އަޅުގަނޑު ކައިރި ވިދާޅުވި ވާހަކައެކެވެ. ރާގާއި މަޚްރަޖައާއެކު އެ ވިދާޅުވިގޮތަށް ލޔެވޭތޯ ބަލާނަމެވެ. "ޢަބްދުﷲ ސަޢީދު، ތިކި ޖެހި ތާނަ ބޭނުންކުރުމާމެދު ސުވާލު އުފައްދައިފިނަމަ އެ މީހަކު އެހެރީ ރަނގަޅަށް ޤުރުއާން ނުކިޔަވާ. އެމީހަކަށް އަޅުގަނޑުމެންނަކީ ކޮންބައެއްކަން ނޭނގެނީ. މިއީ ދިވެހި މުސްލިމުން" ކަށީގައި ހަން ތަތްލާފައިވާ އަތުން މޭގައި ޖައްސަވާ ލެއްވިއެވެ.

އިސްތިޤުލާލު

 

 

 ޢަބްދުﷲ ސަޢީދު 

އިސްތިޤުލާލު މި ލަފުޒަކީ ޢަރަބި ބަހުގައި "އިސްތަޤައްލަ" މި ކަލިމައިގެ މަސްދަރެވެ. ލަފުޒީ މާނައަކީ ނުފޫޒެއް ނެތި ގޮތް ނިންމުމާއި ނިންމި ގޮތެއް ތަންފިޒުކުރުމުގެ ބާރު ލިބިގެން ވުމެވެ. ސިޔާސީ ގޮތުން އިސްތިޤްލާލުވުމަކީ ބޭރުގެ ބާރެއްގެ އެންމެހައި ނުފޫޒުތަކުން މިނިވަންވުމެވެ. "އިސްތިޤްލާލު ބިއްސިޔާސަތި" ގެ އިތުރުން، "އަލް އިސްތިޤްލާލު ބިއްރައުޔި" (ރައުޔުގައި އިސްތިޤުލާލުވުން) އަދި "އިސްތިޤްލާލު ބިލްޤަޟާއި" (ފަނޑިޔާރުކަމުގައި އިސްތިޤުލާލުވުން) ފަދަ މަފްހޫމްތައް ޢަރަބި ބަހުގައި ހުރެއެވެ. މި ލިޔުމުގައި ބަލާލާނީ ސިޔާސީ ގޮތުން އިސްތިޤުލާލުކަން ޤައުމަކަށް ލިބިފައި އޮތުމުގެ މައްޗަށެވެ.


ދިވެހިން ވާހަކަ ދައްކާއިރު މިނިވަންކަމާއި ސިޔާދަތާ މި ދެ ލަފުޒާއެކު ވަރަށް ގިނަ ހާލަތްތަކުގައި "އިސްތިޤުލާލު" މި ލަފުޒު ބޭނުންކުރެއެވެ. އެހެންނަމަވެސް މިހާތަނަށް މި ލަފުޒު ދިވެހި ބަސްފޮތުގައި (ދިވެހި ރަދީފުގައި) ހިމަނާފައެއް ނުވެއެވެ. އެހެންނަމަވެސް މިނިވަންކަމާއި ސިޔާދަތުގެ މާނަ ބަސްފޮތުން ފެނެއެވެ. ދިވެހި ބަސްފޮތުގައި މިނިވަންކަމުގައި ތިން މާނައެއް އޮވެއެވެ. އެއީ އަޅުވެތިކަމެއް ނެތްކަމާއި އަމިއްލަކަމާއި މިނިވަން މި ތިން މާނައެވެ. މިނިވަން މި ލަފުޒުގެ މާނަތަކުގެ ތެރޭގައި އަޅުވެތިކަމެއްނެތް، ހުހަށްހުރި، ބަންދެންނެތް، ޤާނޫނީ އަދި ސިޔާސީ ޙައްޤުތައް ލިބިގެންވާ، މުޢާމަލާތު ކުރުމުގައި އެއްވެސް ހުރަހެއްނެތް މި ލަފުޒުތައް ހިމެނެއެވެ.

ސިޔާދަތުގެ ފަސް މާނައެއް ދިވެހި ބަސްފޮތުގައި އޮވެއެވެ. އެއީ މާތްކަމާއި، ވެރިކަމާއި، ރަސްކަމާއި، ސަރުކާރާއި، ޤައުމެއްގެ މިނިވަންކަމެވެ. ދިވެހި ބަސްފޮތުގައިވާ މިނިވަންކަމާއި ސިޔާދަތުގެ މާނަތަކަށް ފުންކޮށް ވިސްނައިފިނަމަ އިސްތިޤުލާލުގެ މާނަ އެ ދެ ލަފުޒުން ދޭހަ ވެސް ވެއެވެ. އަދި ދެ ލަފުޒުގެ މާނަތަކުން ވަރަށް ބޮޑު "ތިމާގެ" ކަމެއް ފާހަގަ ކުރެވެއެވެ. އިނގިރޭސި ބަހަށް ބަލާއިރު ދިވެހި ބަހުގައި ބޭނުންކުރާ މިނިވަންކަމާއި އިސްތިޤުލާލަށް ބޭނުންކުރެވޭ ލަފުޒަކީ އިންޑިޕެންޑެންސް (Independence) އެވެ. ސިޔާދަތަކީ ސޮވެރެންޓީ (Sovereignty)އެވެ.  

"މިނިވަންކަން"، "ސިޔާދަތު" އަދި "އިސްތިޤުލާލު" މި ތިން ލަފުޒު ދިވެހީން ވާހަކަދައްކާއިރު ބޭނުންކުރާތީ މިއީ ދިވެހި ބަހުގައި ވަކިވަކި މާނަތަކެއްގައި ބޭނުންކުރާ ލަފުޒުތަކެއް ކަމަށް ޤަބޫލުކުރެވިދާނެއެވެ. އެއީ މާނައިގެ ގޮތުން ކިތަންމެ އެއްގޮތްކަމެއް ހުއްޓަސް މެއެވެ. އިސްތިޤުލާލުގެ މާނައަކީ ކޮބައިތޯ ސުވާލު ކުރެވިއްޖެނަމަ އޭގެ އަވަސް ޖަވާބަކަށް ވާނީ އެއީ މިނިވަންކަން ކަމުގައެވެ. އެހެންނަމަވެސް މިނިވަންކަން ކަށަވަރުވެ ފުރިހަމަ ވަނީ އިސްތިޤުލާލު އޮވެގެންކަން ވިސްނައިގަތުމުން މިނިވަންކަމާއި އިސްތިޤުލާލުން ފަރަގެއް ފާހަގަ ވެއެވެ. އިސްތިޤުލާލެއް ނެތް ޤައުމެއްގައި ޙަޤީޤީ މިނިވަންކަމެއް ނޯންނާނެއެވެ. ސިޔާދަތީ ބާރު ނެތް ޤައުމެއްގައި ވެސް ޙަޤީޤީ މިނިވަންކަން ނޯންނަ ފަދައިންނެވެ.

ޤައުމެއްނެތި ދައުލަތެއް ނޯންނާނެއެވެ. ސިޔާދަތަކީ ދައުލަތުގެ ހުންނަންޖެހޭ އަސާސީ ސިފައެކެވެ. ސިޔާދަތު ގެއްލިއްޖެނަމަ ދައުލަތެއްގެ ސިފަ ގެއްލިދާނެއެވެ. ހަމަ މިފަދައިން އިސްތިޤުލާލު ގެއްލިއްޖެނަމަ ޤައުމެއް އަދި އެ ދައުލަތެއްގެ ސިފަތަކަށް ވެސް އުނިކަން ނުވަތަ ގެއްލުން ލިބިދާނެއެވެ. އެ ޤައުމެއްގެ ރައްޔިތުންނަށް އެ ޤައުމެއްގެ ސަރަޙައްދަށް ބާރު ނުހިނގުމަށް އެހެން ބަޔަކު ހުރަސްއަޅާނަމަ އެއީ އެ ބައެއްގެ އިސްތިޤުލާލު ނެތީއެވެ. ޤައުމެއްގެ ރައްޔިތުންނަށް އިޙްތިރާމު ނުކޮށް ބޭރުގެ ފަރާތަކުން އެބަޔަކު ބޭނުންވާހާ ގޮތަކަށް އެ ސަރަޙައްދެއްގައި ޢަމަލުކުރާނަމަ އެއީ ވެސް އިސްތިޤުލާލު ނެތީއެވެ. އެ ޤައުމެއްގެ ރައްޔިތުން އެދޭގޮތަށް އެ ޤައުމެއްގައި އެ ރައްޔިތަކަށް މިނިވަންކަމާއެކު ބަސްބުނެ ޢަމަލުކުރުމުގެ ފުރުސަތު ނެތްނަމަ، އެ ޤައުމެއްގެ ރައްޔިތުންގެ އިސްތިޤުލާލަށް އެވަނީ އުނިކަން ލިބިފައެވެ. ނުވަތަ ގެއްލިފައެވެ. ބޭރުގެ ނުފޫޒެއްނެތި ގޮތް ނިންމުމުގެ ބާރު އޮތުމަކީ އިސްތިޤުލާލު އޮތުމެވެ. އެ ބާރު ތަންފީޒުކުރުމުގެ ބާރު އޮތުމަކީ ސިޔާދަތީ ބާރު އޮތުމެވެ. ސިޔާދަތަކީ ދައުލަތަށް ޚާއްޞަ ސިފައެކެވެ. އިސްތިޤުލާލަކީ ދައުލަތުގެ އިތުރުން ފަރުދުންނަށް ވެސް ނިސްބަތްކުރެވޭ ޚާއްޞަ ސިފައެކެވެ. 

މިނިވަންކަން ނެތް ނަމަ އިސްތިޤުލާލެއް އަދި ސިޔާދަތެއް ވެސް ނޯންނާނެއެވެ. މިނިވަންކަމަށްވުރެ ކުރިން ގެއްލިގެން ދާނީ އެބައެއްގެ ސިޔާދަތާއި އިސްތިޤުލާލެވެ. މި ޒަމާނަކީ އެއް ޤައުމުން އަނެއް ޤައުމު އަޅުވެތިކޮށް ހިފައި ހަދާ ޒަމާނެއް ނޫނެވެ. އޭގެ ބަދަލުގައި ފެންނަނީ ފިކުރީގޮތުންނާއި ސިޔާސީގޮތުންނާއި އިޤްތިޞާދީގޮތުންނާއި ސަލާމަތީގޮތުން ބަރޯސާވާން މަޖުބޫރުކުރާ ތަނެވެ. އެ އަޅުވެތި ހާލަތަށް ނުދިއުމަށް ޓަކައި ޤައުމުގެ އިސްތިޤުލާލު ދަމަހައްޓަން ޖެހެއެވެ. ޤައުމުގެ މަޞްލަޙަތުތައް ހިމާޔަތްކުރަން ޖެހެއެވެ.

Sunday, June 2, 2019

ބަސްތޫރަ އާއި އައު ލަފުޒު އުފެއްދުން


ޢަބްދުﷲ ސަޢީދު
ބަސްތޫރައަކީ ދިވެހި ބަހަށް އަލަށް ތަޢާރަފުކުރެވޭ ދިވެހި ލަފުޒުތައް އާންމުކުރުމަށް ދިވެހިބަހުގެ އެކަޑަމީން ބޭނުންކުރާ ތޫރައަށް ދީފައިވާ ނަމެވެ. ތޫރައަކީ އިނގިރޭސިބަހުގެ "ބުލެޓިން" މި ލަފުޒުގެ ދިވެހި ލަފުޒެވެ. ބަސްތޫރައިން އާންމުކޮށް ފެންނަނީ ބޭރު ބަސްބަހުގެ ލަފުޒުތަކަށް ކަނޑައަޅުއްވާފައިވާ ދިވެހި ލަފުޒުތަކެވެ. ބަސްތޫރައާއެކު އައު ދިވެހި ލަފުޒުތައް ތަޢާރަފުވާން ފެށުމާއެކު ބައެއް ފަރާތްތަކުން ސުވާލު ކުރަމުން ގެންދެއެވެ. މިވެނި އެވެނި ލަފުޒެއް އުފެދިގެން މިއައީ ކިހިނެއްހެއްޔެވެ؟

Tuesday, May 14, 2019

ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކުގެ ސިފައިންގެ ޚިދުމަތް




ޢަބްދުﷲ ސަޢީދު

ކެޕްޓަން ޙުސައިން މުޙައްމަދު (ފިއްލަދޫ ޙުސައިން މަނިކު) އަކީ ސިފައިންގޭގައި ދެ ފަހަރެއްގެ މަތިން 34 އަހަރެއްހާ ދުވަހު އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތްތެރިއެކެވެ. ވެރިން އެންގެވި ކޮންމެ ކަމެއް އަދި ކުރެއްވި ކޮންމެ ޢަމުރެއް ފަސްޖެހިވަޑައި ނުގެން ތަންފީޒު ކުރެއްވި ބޭފުޅެކެވެ. ޖެހިލުންކުޑަކަމާއި ކެރުމާއި ހިތްވަރުގަދަ ކަމުގެ ނަމޫނާއެކެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކަކީ އިސްވެރިންގެ އޯޑަރާ އެއްގޮތަށް ޢަޒުމާއެކު ކަންކަމާ ކުރިމަތިލައްވައި، ކާމިޔާބު ކުރެއްވި ހިތްވަރުގަދަ ނަމޫނާ ޝަޚްސިއްޔަތެކެވެ. އޭނާ ސިފައިންގެ ޚިދުމަތުގައި ހޭދަކުރެއްވި ދުވަސްވަރު ސިފައިން ކުރި ކޮންމެ ބޮޑު ކަމެއްގައި ވަރަށް ހަރަކާތްތެރި ދައުރެއް އަދާކުރެއްވިއެވެ. ކެޕްޓަން ފިއްލަދޫ ޙުސައިން މަނިކު ސިފައިންގޭގައި ހޭދަކުރެއްވި ދިގު މުއްދަތުގައި އެންމެ އަގުހުރި އަދި އެންމެ ޚާއްޞަ ޚިދުމަތްތަކެއް ކުރައްވާފައިވަނީ ކަނޑުމަތީގައެވެ. އެންމެ އާދައިގެ ސިފައިންގެ މީހެއްގެ ވަޒީފާއިން ފެށި ޤައުމީ ޚިދުމަތް ނިންމާލެއްވީ ކޯސްޓްގާޑުގެ ކެޕްޓަނެއްގެ ގޮތުގައި ހުންނަވައި ސިފައިންގެ އޮފިސަރެއްގެ ގޮތުގައި ކެޕްޓަން ރޭންކުގައެވެ.

Monday, April 22, 2019

އަސްކަރީ އުސޫލު


ޢަބްދުﷲ ސަޢީދު

ދިވެހިބަސް ފޮތުގައި އުސޫލުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ ކަމެއް ކުރުމަށްޓަކައި ރާވާ ރޭވުމެވެ. އަނެއް މާނައަކީ ބިނާވެފައިވާ މައިގަނޑު އަސްލުގެ ޖަމްޢުއެވެ. ދިވެހި ބަހުގެ ތެރެއަށް މި ލަފުޒު އައިކަމަށް ބެލެވެނީ ޢަރަބި ނުވަތަ އުރުދޫ ބަހުންނެވެ. ދިވެހިބަހަށް މި ލަފުޒު އައިސްފައިވާ ބެލެވޭ ބަސްތަކުގައި މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އުސޫލުގެ މާނައިގެ ތެރޭގައި ކަމެއްގެ އަސްލާއި އަސާސްތައް ނުވަތަ ޕްރިންސިޕަލްތައް ހިމެނެއެވެ. އުސޫލު މި ލަފުޒު، ދިވެހިންގެ މެދުގައި މާނަކޮށް، ބޭނުންކުރެވެނީ ވަކި ތަރުތީބަކުން ކަންތައްތައް އިންތިޒާމުވެ ކަނޑައެޅިފައިވާ ކަނޑައެޅުމަށްކަން އެނގެއެވެ. މި މަފްހޫމުން ބަލާއިރު، އަސްކަރީ އުސޫލަކީ ހަނގުރާމަވެރި ގޮތްފާޑެވެ. ހަނގުރާމަވެރި އަސާސްތަކާއި، ނިޒާމުތަކެވެ. އަސްކަރިއްޔާގެ ޒާތާއި، ފާޑާއި، ސިފަތަކެވެ. އަސްކަރީ އުސޫލަކީ ކުރުކޮށް ދަންނަވާނަމަ ސިފައިންގެ ސިފަވަންތަކަމެވެ. 

Sunday, April 21, 2019

ސިފައިންގެ މަދަނީ އެހީ

ޢަބްދުﷲ ސަޢީދު

ސިފައިންގެ މަދަނީ އެހީތެރިކަމަކީ މަދަނީ އިދާރާތަކާއި އާންމު ރައްޔިތުންގެ ހެވާ ލަބައަށް ސިފައިން ކުރާ މަސައްކަތްތަކެވެ. މިލިޓަރީ އެއިޑް ޓު ސިވިލް އޮތޯރިޓީސް (އެމްއޭސީއޭ) ނުވަތަ ސިފައިންގެ މަދަނީ އެހީއަކީ ދިފާޢީ ވުޒާރާ މެދުވެރިކޮށް، މަދަނީ އިދާރާތަކާއި މުއައްސަސާތަކަށް އަދި މަދަނީ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހިންގާ އޮޕަރޭޝަންތަކަށް ނުވަތަ ހިންގާ ހަރަކާތްތަކަށް ޖުމުލަގޮތެއްގައި ބޭނުންކުރާ ނަމެކެވެ. ސިފައިންނަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންގެ ކުރިމަތީގައި ތަސައްވަރު ރަނގަޅު ބަޔަކަށް ވެވޭނީ ރައްޔިތުންނާ ވަރަށް ގާތް ބަޔަކަށް ވެގެންނެވެ. އެ ގާތްކަން ތަރައްޤީކޮށް ދެމެހެއްޓުމަށް ސިފައިންގެ މަދަނީ އެހީ އަކީ މުހިންމު ވާސިތާއެކެވެ.

Tuesday, January 1, 2019

ނ. އަތޮޅު މަދަރުސާ: ތަޢުލީމަށްޓަކައި މަނަދޫ ރައްޔިތުންވި ޤުރުބާނީގެ ނިޝާން

 


ޢަބްދުﷲ ސަޢީދު

 

މަނަދޫގައި ޤުރުއާން ކިޔަވައިދޭ ދެތިން އެދުރުގެ ހުއްޓެވެ. ކިޔަވައިދިނުމުގައި ގިނައިން އުޅުނީ އެދުރު ދައިތައިންނެވެ. ނަރުގިސްވިލާ ހައްވާފުޅު ދައިތައާއި، އުޑުވިލާގޭ މަރިޔަމް މަނިކެ ދައިތައާއި، ރޯޝަނީގޭ ކުޑަ އައިސަ ދައިތައެވެ. އަތިރިމަތީގޭ ހައްވަދައިތައާއި ކަންމަތީގޭ ފާތުމަ ދައިތައެވެ. ހަޒާރުމާގޭ އަބޫބަކުރު ނިޔާޒީއާއި ޚަދީޖާ އެވެ. ސްކޫލެއް މަދަރުސާއެއް، އެންމެ ކުޑަމިނުން މަކުތަބެއް ވެސް ނެތެވެ. އެހެންވީމާ އެ ދުވަސްވަރު ވެފައިވަނީ މަނަދުއަށް ތަޢުލީމީގޮތުން "ފިތުރަތުގެ" ދުވަސްވަރަކަށެވެ. ނިޒާމީ ތަޢުލީމުގެ ކަންފުޅެއް ވެސް ނެތީއެވެ.