Tuesday, July 11, 2023

ޕޯޗްގީޒުންގެ "ދިވެހިރާއްޖޭގެ ކެޕްޓަން"

 


 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖޭގައާއި ސިލޯނުގައި ޕޯޗްގީޒުންގެ ކިއްލާތަކެއް އެޅުމަށް ޕޯޗްގީޒުންގެ ރަސްގެފާނު ޑޮމް މެނުއަލް (ޖޯން 3 ވަނަ) އޮތީ އަންގަވާފައެވެ. އެކަމެއް އިންޑިއާގައި އޮތް ޕޯޗްގީޒުންގެ ފައުޖަކަށް ނުވެއެވެ. އިންޑިއާގައި ހުރި ޕޯޗްގީޒުންގެ ގަވަރުނަރު އަފޮންސޯ ޑި އަލްބުކެއާރްކް މީލާދީން 1515 ވަނަ އަހަރު އަވަހާރަވެއްޖެއެވެ. އޭނާގެ ބަދަލުގައި އެ މަޤަމަށް އިސްކުރެއްވީ ލޯޕޯ ސްވާރެސް ޑި އަލްބަގާރިއާ އެވެ. ރާއްޖޭގެ ރަސްކަމުގެ ތަޚުތުގައި އިންނެވީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނެވެ. ރާއްޖޭގައި ކިއްލާއެއް ހެދުމުގެ ޝައުޤުވެރިކަމުގައި އައި ޕޯޗްގީޒުންނާ ދެކެވުނު ވާހަކަތަކަށްފަހު ނިންމުނީ ވިޔަފާރީގެ މަރުކަޒެއް އެޅުމަށެވެ.

 

 

 

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން ޕޯޗްގީޒުންނަށް ފޮނުވާ މުދާ ގެންދިއުމުގެ ކަންތައްތައް އެއްބަސްވުމެއްގެ މަތިން ޕޯޗްގީޒުން ފުރަތަމަ ހަވާލުކުރީ ކަންނަންނޫރުގެ މަޝްހޫރު އިސްލާމީ ވިޔަފާރިވެރިޔާ މާމަލޭ (މުޙައްމަދު ޢަލީ) އާއެވެ. މާމަލޭއަށް އޮތް އިތުބާރު ގެއްލުމުން ޕޯޗްގީޒުން ދެން ނިންމީ އެ މީހުންގެ މީހަކު އެޖެންޓެއްގެ ގޮތުގައި ރާއްޖޭގައި ބަހައްޓާށެވެ. އެޖެންޓެއް ވެސް ހުއްޓައި އަލަށް މަޤާމެއް އުފައްދައިފިއެވެ. އެއީ "ދިވެހިރާއްޖޭގެ ކެޕްޓަން"ގެ މަޤާމެވެ. އެ މަޤާމަށް ފުރަތަމަ އިސްކުރީ ޜޮއާއޮ ގޯމެސް ޝޭރާޑިޏޭރޯ އެވެ. އިންޑިއާގައި 10 އަހަރަށްވުރެ ގިނަ ދުވަހު ހޭދަކޮށްފައި ޕޯޗްގީޒަށް ދިޔަތަކުން އަލަށް މި ލިބުނު މަޤާމަކީ ވަރަށް މަތިވެރި ގަދަރުވެރި ހައިބަތުހުރި މަޤާމެއްކަމެއް ކަމަށް ނުވަތަ ވަރަށް ބޮޑު ޕްރޮމޯޝަނެއް ކަމަށް އޭނާ ހީކުރިއެވެ. އެކަމަކު ކަންވީ އެހެނެއްނޫނެވެ.

ޕޯޗްގީޒުގެ ސިފައިންގެ މީހަކު ކުރަހާފައިވާ މާލެއާއި ކައިރި ރަށްރަށް ފެންނަ ޗާޓެއް

 

އޭރުގައި ރާއްޖޭގައި ވަރުގަދަ ކިއްލާތަކެއް ޕޯޗްގީޒުން ބިނާކޮށްފައެއް ނެތެވެ. ވަންނަން ޖެހުނީ ދަނޑިފަނުން ހަދާފައިހުރި ޑިފުޓި އަކަށެވެ. ހަވާލުވާން ޖެހުނީ އެތަންތަނުގެ ވެރިކަމާއެވެ. މިކަންވީ ޕޯޗްގީޒުން ރާއްޖޭގައި ފުރަތަމަ ބެހެއްޓި "ދިވެހިރާއްޖޭގެ ކެޕްޓަން" ވަރަށް ރުޅިގަދަވި ކަމަކަށެވެ. އެންމެ ބޮޑު އެއް ހިތްހަމަނުޖެހުމަކީ ވިޔަފާރީގެ އެޖެންޓެއްގައި ހުރެފައި، އޭނާއަށް ދީފައި އޮތް ދިވެހިރާއްޖޭގެ ކިއްލާތަކުގެ ކެޕްޓަންކަމުގެ މަޤާމުގައި މުދަލާއި ވިޔަފާރިއާ ބެހިހެދުމަށް ފުރުސަތު ނެތުމެވެ.

ގަވަރުނަރު އަފޮންސޯ ޑި އަލްބުކެއާރްކް (1453 – 1515)

 

އޭނާގެ ހިތްހަމަނުޖެހުމާއި ރުޅިވެރިކަން އެއް ދުވަހުން އަނެއް ދުވަހަށް ދިޔައީ ބޮޑުވަމުންނެވެ. އަނިޔާވެރިކަން ވެސް ދިޔައީ ބޮޑުވަމުންނެވެ. ދިވެހި ރައްޔިތުންނާ މެދުގައި ކަންކުރަނީ ހިތުހުރި ގޮތަކަށް ކަމުގައި ވެއްޖެއެވެ. ބޭރުގެ ވިޔަފާރި ނައު ފަހަރަށް އަރައި މުދާކޮޅު ފޭރި ލޫޓުވާން އުޅޭން ފަށައިފިއެވެ. ޕޯޗްގީޒުންގެ ސިފައިންގެ ތެރެއިން ވެސް އޭނާ ނުރުހޭ ކޮންމެ މީހަކާމެދު ހަރުކަށި ފިޔަވަޅުއަޅައި ބޮޑެތި އަދަބުތައް ދޭން ފަށައިފިއެވެ. ޖަލުތައް އަލަށް ހަދައި މީހުންތައް ބަންދުކުރަން ފަށައިފިއެވެ. ޕޯޗްގީޒުންގެ މީހެއްގެ ގައިގައި ކޮޅުފައިން ޖެހުމުގެ ސަބަބުން ލިބުނު އަނިޔާގައި އެ މީހާ މަރުވެއްޖެއެވެ. އަނިޔާތަކަށް ކެތްނުވެގެން ޕޯޗްގީޒުންގެ ބައެއް ސިފައިން ސަލާމަތްވާން މޫދަށް އެރިއްޖެއެވެ.

 

އޭރު މާލޭގައި އޭރު ތިބި ޕޯޗްގީޒުންގެ 20 މީހުން 14 މީހުންނަށް ވެއްޖެއެވެ. އެ މީހުން ޕޯޗްގީޒުގެ ރަސްކަމުގެ ފަރާތުން މާލޭގައި ބޭތިއްބި މަގުސަދު އޮޅުންބޮޅުން ވެއްޖެއެވެ. މާލޭގައި ތިބި ޕޯޗްގީޒުންގެ ގިނަ މީހުން ތިބީ ޖަލުގައި ބަންދުކޮށްފައެވެ. އޭގެތެރޭގައި ރާއްޖޭގައި ކްރިސްޓިއަން ދީން ފެތުރުމަށް ފޮނުވާފައިހުރި ފާދިރީއަކާއި ކަރާނީއެއް ވެސް ހިމެނެއެވެ.

ޕޯޗްގީޒުންގެ ރަސްގެފާނު ޑޮމް މެނުއަލް (ޖޯން 3 ވަނަ) (1521 – 1557) އުފަންވެ ވަޑައިގަތީ 1502 ވަނަ އަހަރު.

 

މި އަނިޔާވެރިކަން މި ހިސާބަށް ގޮސްފައިވަނިކޮށް ރާއްޖޭގައި ހުރި ޕޯޗްގީޒުންގެ ވިޔަފާރި މަރުކަޒަށް 1521 ވަނަ އަހަރު އިންޑިއާގެ ގުޖުރާތީންގެ ބަޔަކު ހަމަލާދީފިއެވެ. އެ ހަމަލާގައި ޕޯޗްގީޒުން ބެހެއްޓި ދިވެހިރާއްޖޭގެ ކެޕްޓަންނާއި އޭނާގެ ވާގިވެރިން މަރައިފިއެވެ. ފިލަން ރަށުތެރޭގެ ރުއްގަނޑުތަކަށް ވަދެ ހިމާޔަތް ހޯދަން އުޅުނު މީހުންތައް މެރީ ދިވެހީންނެވެ. މި ވާހަކަތައް ބަޔާންކޮށްފައި ވަނީ ޕޯޗްގީޒުން ރަސްގެފާނު ޖޯން 3 ވަނަ (1521 – 1557) އަށް ކެޕްޓަން ސިމާއޮ ސޮދްރޭ ފޮނުއްވި ބަޔާނެއްގައެވެ. އޭނާގެ ލިޔުމުގައި ހަމަލާދިން މީހުންނަކީ ގުޖުރާތީން ކަމަށް ލިޔެފައި ވިޔަސް އެހެން ބައެއް މުއައްރިޚުން ލިޔުއްވާފައިވާ ގޮތުގައި އެ ހަމަލާދިނީ މަލާބާރީންނެވެ. އެގޮތަށް އެ މުއައްރިޚުން ވިދާޅުވަނީ އެ ދުވަސްވަރު އިންޑިއާ ކަނޑުގެ އައްސޭރި ފަށުގައި ހުރި ޕޯޗްގީޒުންގެ ކިއްލާތަކަށް މަލާބާރީ ލަޝްކަރުތަކުން ހަމަލާދީފައި ވާތީއެވެ.

ގަވަރުނަރު އަފޮންސޯ ޑި އަލްބުކެއާރްކް (1453 – 1515)1

 

ޕޯޗްގީޒުން ރާއްޖެއަށް ފުރަތަމަ ފޮނުވި "ދިވެހިރާއްޖޭގެ ކެޕްޓަން" މަރާލުމުން ދެވަނަ ފަހަރަށް އެހެން މީހަކު އެ މަޤާމަށް އިސްކުރިއެވެ. އޭނާ ވެސް ބޭރުގެ ހަނގުރާމަވެރިން ވަނީ މަރާލާފައެވެ. އޭރު ވެސް ދިވެހިރާއްޖޭގެ ކިއްލާގެ ކެޕްޓަންކަމާއި ވިޔަފާރީގެ އޭޖެންޓުގެ މަޤާމަކީ ޕޯޗްގީޒުންގެ ދެ މީހަކު ފުރާ ދެ މަޤާމެކެވެ. ދިވެހިރާއްޖޭގެ ފުރަތަމަ ކެޕްޓަން މަރުވިއިރު އޭރު ހުރި ވިޔަފާރީ އެޖެންޓް ވަނީ ސަލާމަތްވެފައެވެ. މި ދެ މަޤާމަށް 1525 ގައި ދެ މީހަކު އަލަށް ޕޯޗްގީޒުން ހަމަޖެއްސިއެވެ.

ޕޯޗްގީޒުން 1558 ވަނަ އަހަރު ރާއްޖެ ހިފިއިރު އިންޑިއާގައި ހުރި ވައިސްރޯއީ ކޮންސަންޝީނޯ ޑި ބްރަގަންސަ (1528 - 1575) . ޕޯޗްގީޗް ލަޝްކަރު ރާއްޖެއައީ މީނާގެ އަމުރަށް.

 

މި ކަންކަން ހިނގީ ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމުގައެވެ. މިގޮތުގެ މަތީން ރާއްޖޭގައި ތިބި ބައެއް ކެޕްޓަނުން ރާއްޖޭގެ ރަސްގެފާނާ އެ މީހުން ބައްދަލުކުރި ވާހަކަ ލިޔެފައިވެއެވެ. އެހެންކަމުން އެ ދުވަސްވަރު ކިތަންމެ ބޮޑު ހަމަނުޖެހުންތަކެއް ހިނގި ކަމުގައި ވިޔަސް އެއީ ދިވެހިރާއްޖެ ބޭރުގެ ބާރެއްގެ އަޅުވެތިކަމުގައި އޮތް ދުވަސްވަރެއްގެ ގޮތުގައެއް ނުބަލައެވެ. ދިވެހިރާއްޖެ ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ދަށަށް ދިޔައީ މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު އެވެ. އެއީ ހިޖުރީގޮތުން 965 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 1 ވަނަ ދުވަހެވެ. ދިވެހިރާއްޖޭގެ ކެޕްޓަންގެ މަޤާމަކީ އޭގެ ކުރީން ޕޯޗްގީޒުން ހަދައިގެން އުޅުނު މަޤާމެކެވެ. (ނިމުނީ)

 

ހަވާލާ:

ނަސީމާ މުޙައްމަދު (2010) ދިވެހިރާއްޖޭގެ ރަހުންނާއި ރަނީން (ދެވަނަ ޗާޕު 2014) / ދިވެހިބަހާއި ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒު

އެޗްސީޕީ ބެލް (1922) އެކްސެޕްޓާ މޯލްޑިވިއާނާ. އޭޝިއަން އެޑިއުކޭޝަނަލް ސާވިސަސް، ނިއު ޑެލްހީ 1998.

No comments: