Wednesday, February 29, 2012

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރުގެ އަސްކަރީ ޚިދުމަތް


 

ޢަބްދުﷲ ސަޢީދު

މއ. އަޅިވިލާގޭ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 18 ޖޫން 1985 ގައެވެ. އެންލިސްޓެޑް ސިފައިންގެ ސޯލްޖަރެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތާ ގުޅިގެންނެވި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ކޮމިޝަން ކުރެއްވީ 21 އެޕްރީލް 1992 ގައެވެ. ދިވެހި އަސްކަރިއްޔާގައި ތަފާތު ގިނަ މަޤާމުތައް ފުރުއްވާފައިވާއިރު އެންމެ އިސް މަޤާމަކަށް އަދާކުރެއްވި މަޤާމަކީ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަޤާމެވެ. އެ މަޤާމަށް އައްޔަން ކުރެއްވީ 18 ނޮވެންބަރު 2008 ގައެވެ. 2012 ވަނަ އަހަރުގެ ފެބުރުވަރީ 29 ވަނަ ދުވަހު ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރަންވަންދެން ވެސް ހުންނެވީ އެ މަޤާމުގައެވެ.

 

ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރަކީ އިނގިރޭސިވިލާތުގެ ރޯޔަލް މިލިޓަރީ އެކަޑަމީ، ސޭންޑްހަރސްޓް އިން އޮފިސަރ ކެޑޭޓް ކޯސް ފުރިހަމަކުރެއްވުމަށްފަހު ކޮމިޝަން ކުރެވުނު އޮފިސަރެކެވެ. ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު ބްރިގޭޑިއަރ ޖެނެރަލްގެ ރޭންކަށް ޕްރޮމޯޓް ކުރެއްވީ 08 ފެބްރުއަރީ 2009 ގައެވެ. ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް)ފަރުޙަތު ޝަހީރު ދިވެހި އަސްކަރިއްޔާގައި ކުރެއްވި އެންމެ އަގުހުރި އެއް ޚިދުމަތަކީ 1988 ނޮވެންބަރު ތިންވަނަ ދުވަހު ކުރެއްވި އަގުހުރި މަސައްކަތެވެ. އެ ދުވަހު މާލެ ތެރޭގައި ހަރަކާތްތެރިވި ސިފައިންގެ ތެރެއިން ސިފައިންގެ ބަޑިގުދަނުގެ ތަޅުގަނޑި ކިނބިގަސްދޮށުގެއިން ސިފައިންގެއަށް ގެނެސްދިނުމުގައި ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދު ދީދީއާއެކު ހަރަކާތްތެރިވެވަޑައިގެންނެވި އޭރު ކޯޕްރަލްގެ ރޭންކުގައި ހުންނެވި ފަރުޙަތު ޝަހީރެވެ.  

 

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އަދާކުރައްވާފައިވާ އެޕޮއިންޓްމަންޓްތަކުގެ ތެރޭގައި ސްޓާފު އެޕޮއިންޓްމަންޓްތަކާއި ކޮމާންޑް އެޕޮއިންޓްމަންޓްތައް ހިމެނެއެވެ. ސޭންޑްހަރސްޓްގައި ތަމްރީނު ވުމަށްފަހު، 1986 ވަނަ އަހަރު ގިރިފުށީ ޓްރޭނިންގ ސެންޓަރުގައި ޓެކްޓިކްސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ކެރިއަރު ފެށްޓެވިއެވެ. އޭގެ އިތުރުން ޑިފެންސް މިނިސްޓްރީގެ ޓްރޭނިންގ ކޯޑިނޭޓިން އޮފިސަރާއި، ޗީފް އޮފް ސްޓާފްގެ އެގްޒެކެޓިވް އޮފިސަރުކަމާއި، ކުއިކް ރިއެކްޝަން ފޯސް - III ގެ ޑެޕިއުޓީ ކޮމާންޑިންގ އޮފިސަރާއި، އެމްއެންޑީއެފް ޓްރާންސްޕޯޓް ސަރވިސްގެ ކޮމާންޑިންގ އޮފިސަރުކަމާއި، ރީޖަނަލް ހެޑްކުއާޓަރ، ލ. ކައްދޫގެ ކޮމާންޑިންގ އޮފިސަރުކަމާއި ޑިފެންސް އިންސްޓިޓިއުޓް ފޯ ޓްރޭނިންގ އެންޑް އެޑިއުކޭޝަންގެ ކޮމާންޑިންގ އޮފިސަރުކަން ހިމެނެއެވެ.

 

ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު ދިވެހި އަސްކަރިއްޔާގައި ތަފާތު ގިނަ ތަމްރީނުތައް ފުރިހަމަ ކުރައްވާފައިވެއެވެ. މީގެތެރޭގައި 1998 ވަނަ އަހަރު އިންޑޮނޭޝިއާއިން ކޮމާންޑް އެންޑް ސްޓާފް ކޯހާއި 1991 ވަނަ އަހަރު އިންޑިއާއިން ރެޖިމެންޓަލް ސްޓާފް އޮފިސަރ ކޯހާއި 2002 ވަނަ އަހަރު އިންޑިއާއިން ގަވަރނަންސް އެންޑް ޑިފެންސް މެނޭޖްމަންޓް ކޯސް ވަނީ ފުރިހަމަ ކުރައްވާފައެވެ. އަދި ސިންގަޕޫރުގައި ބޭއްވި 32 ވަނަ ޕެސިފިކް އޭރިއާ ސީނިއަރ އޮފިސަރ ލޮޖިސްޓިކްސް ސެމިނަރާއި، އިންޑޮނޭޝިއާގައި ބޭއްވި 32 ވަނަ ޕެސިފިކް އާމީސް މެނޭޖްމަންޓް ސެމިނާރާއި، ތައިލެންޑުގައި ބޭއްވި 34 ވަނަ ޕެސިފިކް އޭރިއާ ސީނިއަރ އޮފިސަރ ލޮޖިސްޓިކްސް ސެމިނާރާއި އެމެރިކާގައި ބޭއްވި އޭޝިއާ ޕެސިފިކް ސެންޓަރ ފޯރ ސެކިއުރިޓީ ސްޓަޑީޒްގެ ސެމިނާ އޮން ކޮމްޕްރެހެންސިވް ސެކިއުރިޓީ ރެސްޕޮންސް ޓު ޓެރަރިޒަމް އާއި، އިންޑިއާގައި ބޭއްވި ޑިފެންސް މެނޭޖްމަންޓް ހިމެނެއެވެ ސެމިނަރާއި ތައިލެންޑުގައި ބޭއްވި އިންޓަނޭޝަނަލް މިލިޓަރީ އޮޕަރޭޝަންސް އެންޑް ލޯ ކޮންފަރެންސް އާއި، އެމެރިކާގެ ވޮޝިންޓަން ޑީސީގައި ބޭއްވި ނީއާ-އީސްޓް ސައުތު އޭޝިއާ ސެންޓަރ ފޯ ސްޓްރެޓެޖިކް ސްޓަޑީޒް އެގްޒެކެޓިވް ސެމިނާރާއި އޮސްޓްރޭލިއާގައި ބޭއްވި ޕެސޯލްސް ސެމިނާރާއި، ގްރީސްގައި ބޭއްވި ނިއަރ-އީސްޓް ސައުތު އޭޝިއާ ސެންޓަރ ފޯ ސްޓްރެޓެޖިކް ސްޓަޑީޒް އެލަމްނީ ސިމްޕޯޒިއަމްއާއި، އެމެރިކާގައި ބޭއްވި ނީއާ-އީސްޓް ސައުތު އޭޝިއާ ސެންޓަރ ފޯރ ސްޓްރެޓެޖިކް ސްޓަޑީޒް ސީނިއަރ އެގްޒެކެޓިވް ސެމިނާރާއި ޗައިނާގައި ބޭއްވި 38 ވަނަ ޕެސިފިކް އޭރިއާ އޮފިސަރ ލޮޖިސްޓިކްސް ސެމިނާރާއި، ދެކުނު ކޮރެއާގައި ބޭއްވި 13 ވަނަ ޗީފްސް އޮފް ޑިފެންސް ކޮންފަރެންސް (ސީއޯޑީ) ބައިވެރިވެވަޑައިގެންކަން ފާހަގަކުރެވެއެވެ.

 

ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) ފަރުޙަތު ޝަހީރު ދިވެހި އަސްކަރިއްޔާއަށް ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތުގެ އަގުވަޒަންކުރައްވައި ދިވެހި އަސްކަރިއްޔާއިން  ވަރަށް ގިނަ ޝަރަފުގެ ނިޝާންތަކެއް އަރުވާފައިވެއެވެ. މިގޮތުން ޑިސްޓިންގްއިޝްޑް ސާވިސް މެޑަލް، 3 ނޮވެންބަރުގެ މެޑަލް، ސައްތައިގެ މެޑަލް، ޑެޑިކޭޓެޑް ސާވިސް މެޑަލް، ޑިފެންސް ފޯސް ސާވިސް މެޑަލް، ގުޑް ކޮންޑަކްޓް މެޑަލް، އަދި ރައީސުލްޖުމްހޫރިއްޔާގެ މެޑަލް ހާސިލުކުރައްވާފައިވެއެވެ.

 

ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރަކީ އެމްއެންޑީއެފްގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ހުންނަވައިގެން އެމްއެންޑީއެފް ޒަމާނީ ޕްރޮފެޝަނަލް އަސްކަރިއްޔާއެއްގެ ގޮތުގައި ބައްޓަން ކުރެއްވުމަށް ވަރަށް އަގުހުރި މަސައްކަތްތަކެއް ކުރެއްވި ލީޑަރެކެވެ. މިގޮތުން އެމްއެންޑީއެފް އަލުން ރީސްޓްރަކްޗަރ ކުރައްވައި، އޮފިސަރ ކޯރއާއި ވޮރަންޓް އޮފިސަރ ކޯރއާއި އެންލިސްޓެޑް ކޯރ ވަކިކުރެއްވުމާއި، އެންސީއޯ އެކެޑެމީ އުފައްދަވައި އެންސީއޯއިން ބާރުވެރިކުރުމަށް ކުރެއްވުނު މަސައްކަތްތަކުގެ ޙަޤީޤީ މޭސްތިރިއަކީ ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރެވެ. މީގެއިތުރުން އެމްއެންޑީއެފްގެ ފުރަތަމަ ސްޓްރެޓެޖިކް ޑިފެންސް ޑިރެކްޓިވް ބައްޓަންކުރުމުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީއަށް އެހީތެރިވެވަޑައިގަތެވެ. އަދި ވައިސް ޗީފް އޮފް ޑިފެންސް ފޯސްގެ ހައިސިއްޔަތުން އެމްއެންޑީއެފްގެ އިދާރީ، ޕަރސަނަލް، އަދި ލޮޖިސްޓިކް މަސައްކަތްތައް ހިންގުމުގައި ޗީފް އޮފް ޑިފެންސް ފޯސްއަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެއްވިއެވެ. ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރުގެ އެންމެ ފާހަގަކޮށްލެވޭ ޚިދުމަތުގެ ދާއިރާއަކީ އިންސާނީ ވަސީލަތް ބިނާކުރެއްވުމާއި ހިންގުމުގެ ދާއިރާއެވެ. މިގޮތުން މިހާރު މިއޮތް އެމްއެންޑީއެފްގެ ތަމްރީނާއި ތަޢުލީމީ ނިޒާމް ބައްޓަން ކުރެއްވުމުގެ މޭސްތިރިއަކީ ވެސް ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރެވެ. ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރުގެ ފިރިހެން ބޭފުޅަކާއި ހަތަރު އަންހެން ބޭފުޅުން ތިއްބަވައެވެ.

 

Tuesday, February 7, 2012

މިއަދު އެއްލިގެން މިދިޔައީ އަނެއްކާވެސް މުޅިން އާ ޞަފްޙާއެއް


ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ 2008 ވަނަ އަހަރު އެކުލަވާލެވުނުއިރު ހިމެނުނު ޑިމޮކްރެޓިކް ބޮޑެތި ބަދަލުތަކާއެކު ފުރަތަމަ އެ ޤާނޫނު އަސާސީން ވެރިކަމަށް އައީ އޭރުގެ އިދިކޮޅު ލީޑަރ މުޙައްމަދު ނަޝީދެވެ. 30 އަހަރުގެ ވެރިކަމަކަށްފަހު ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން ޢަބްދުލްޤައްޔޫމް ވެރިކަމުން ފައިބައި ވަޑައިގެންނެވިއެވެ. ޑިމޮކްރަސީގެ ރިވެތި ނަމޫނާ ދައްކަވަމުން ރައްޔިތުންގެ ވޯޓުން އިންތިޚާބު ކުރެއްވި އާ ލީޑަރާ ވެރިކަން ހަވާލުކުރެއްވިއެވެ.