Tuesday, July 11, 2023

ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކަ

 


 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖެ އިސްލާމްވީ ސަބަބާ ބެހޭ ގޮތުން އައިސްފައިވާ ވާހަކައަކީ ރާއްޖެއަށް އުނދަގޫކުރާ ޖިންނިފުރޭތައިގެ ވާހަކައެވެ. އެއީ ތުންތުންމަތިން ދެކެވެމުން އައި ފޯކުލޯރެކެވެ. މިއީ މި ވާހަކައަށް ދިވެހި ތާރީޚުން ޖާގަލިބޭ ސަބަބެކެވެ. އެކަމަކު މި ވާހަކަ ލިޔުމުން ފެންނަން އޮތް އެންމެ ދުރު ތާރީޚީ މަސްދަރަކީ އިބްނު ބަޠޫޠާ ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގެ މަޢުލޫމާތު އެއްކޮށްގެން "ރިހްލަތު އިބްނު ބަޠޫޫޠާ"ގެ ނަމުގައި 756 ވަނަ އަހަރު އެކުލަވާލެވިފައިވާ ދަތުރުނާމާއެވެ.

 

އިބްނު ބަޠޫޠާ ޖިންނި ފުރޭތައިގެ ވާހަކަ ލިޔުއްވާފައިވަނީ އޭނާއަށް އެ ވާހަކަ ކިޔައިދެއްވި އިތުބާރު ކުރެވޭ ތިން ބޭފުޅަކު ވިދާޅުވެދެއްވި ގޮތަށެވެ. އެއީ ފަޤީހު ޢީސަލް ޔަމަނީއާއި، ފަޤީހު މުޢައްލިމް ޢަލީ އާއި ޤާޟީ ޢަބްދުﷲ އެވެ. މި ނޫން ވެސް އެތައް ބަޔަކު އިބްނު ބަޠޫޠާއަށް މި ވާހަކަ ކިޔައިދިން ކަމަށް ލިޔުއްވާފައިވެއެވެ.

 

    "އެ ފުރޭތަ އަރަނީ މާކަނޑުންނެވެ. އަރާއިރު ހީވަނީ ބައްތިތަކެއް ދިއްލާފައި އޮންނަ ނަވެއްހެންނެވެ. އެ މީހުންގެ އާދަޔަކީ އެ ފުރޭތަ ފެނިއްޖެއްޔާ ބިކުރުވެރި އަންހެން ކުއްޖަކު ނަލަހައްދައި ޒީނަތްތެރިކޮށްގެން އަތިރިމަތީ ހަދާފައި ހުންނަ ބުދުކޯލެއްގައި ބެއިންދުމެވެ. މި ގެއަކީ ބުދުގެ ގެއެވެ. އެ ބުދުކޯލު ހުންނަނީ ކަނޑުގެ އައްސޭރީގައެވެ. އެ ބުދުކޯލުގައި ކަނޑުފެންނާނޭ ކިޑިކީއެއް ހުރެއެވެ. ދެން އެ ކުއްޖަކު އެތާނގައި ރޭގަނޑު ބައިންދާފައި އަނެއް ދުވަހު އެބައި މީހުން އައިސް ބަލާއިރު އޮންނަނީ އެ ކުއްޖަކުގެ ބިކުރުވެރިކަން ކެނޑި، މަރުވެފައެވެ."

 

ކޮންމެ މަހަކު ބުދުކޯލަށް ގެންދާނޭ ކުއްޖެއް ހޮވަނީ ގުރުއަތުން ކަމުގައި އިބްނު ބަޠޫޠާ ލިޔުއްވާފައިވެއެވެ. އެ މަހަކު ގުރުއަތުން ހޮވޭ ކުއްޖަކު އެ ބުދުކޯލަށް ދިއުމަކީ މަޖުބޫރު ކަމެކެވެ. މިގޮތުމަތީގައި އުޅެމުން ދަނިކޮށް މަޣުރިބު ކަރައިގެ ބޭކަލެއް ރާއްޖެ ވަޑައިގެންނެވި ކަމަށް ލިޔުއްވާފައި ވެއެވެ.

 

އަބުލްބަރަކާތުލް ބަރުބަރީއޭ ކިޔުނު މަޣުރިބުކަރައިގެ ބޭކަލަކު ދުރުވެއްޖެއެވެ. އެއީ ޤުރުއާން ހިތުދަސް ބޭކަލެކެވެ. އެކަލޭފާނުން ދުރުވެ މާލޭގައި ހުންނެވީ މުސްކުޅި އަންހެނެއްގެ ގޭގައެވެ. އެއް ދުވަހަކު އެކަލޭގެފާނު ބޭރުން ދުރުވިއިރު އެ ގޭގެ ހުރިހާ އަންހެނުން ރޮއި ހޭރެނީއެވެ. ހީވަނީ މީހަކު މަރުވެގެން އުޅޭ ހެންނެވެ. ދެން އެކަލޭގެފާނު އެބައި މީހުން އެ ރޯކަމެއް އޮޅުންފިލުއްވާން އުޅުއްވައި، އޮޅުން ނުފިލައިގެން ތަރުޖަމާނަކު ގެންނަވައިފިއެވެ. އެ ތަރުޖަމާނު ނަންގަތެވެ. ގުރުއަތުން އެ މަހު ހޮވުނީ މުސްކުޅި ދައިތަގެ އަންހެން ދަރިފުޅެވެ. މި ދައިތަގެ އެހެން ދަރިއަކު ނެތެވެ. އެ ދަރިފުޅު ފުރޭތަ މިރޭ މަރާލާނެއެވެ.

 

އަބުލްބަރަކާތުލް ބަރުބަރީގެ އެދިވަޑައިގަތުމަށް އަންހެން ކުއްޖާގެ ބަދަލުގައި އެރޭ ބުދުކޯލަށް އެކަލޭގެފާނު ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި ބުދުކޯލަށް އެކަލޭގެފާނު ވެއްދީ ދިވެހީންނެވެ.

 

    "އެކަލޭގެފާނަކީ ތުނބުޅިއެއް މަތިމަހެއް ނެތް ބޭކަލެކެވެ. ދެން އެ މީހުން އެކަލޭގެފާނު ބުދުކޯލަށް ވައްދައިފިއެވެ. އޭނާ ހުންނެވީ ވުޟޫ ކުރައްވައިގެންނެވެ. ދެން އެކަލޭގެފާނު އެތާނގައި ޤުރުއާން ކިޔަވައި ވިދާޅުވާން އިންނަވަނިކޮށް އެއްކަލަ ފުރޭތަ ކިޑިކީން ފެނިއްޖެއެވެ. ދެން ވެސް އެކަލޭގެފާނު އިންނެވީ ޤުރުއާން ކިޔަވައި ވިދާޅުވުން މަތީގައެވެ. ފުރޭތަ އައިސް ކިޔެވުމުގެ އަޑު އިވޭ ހިސާބަށް ކައިރިވެފައި ކަނޑަށް ގެނބިގެންފިއެވެ."

 

އަބުލްބަރަކާތުލް ބަރުބަރީ އެރޭ ފަތިސްވަންދެން އިންނެވީ ޤުރުއާން ކިޔަވާ ވިދާޅުވާށެވެ. ފަތިސްވުމުން އެ މުސްކުޅި ދައިތައާއި އެގޭ މީހުންނާއި ރަށުގެ މީހުން އެ މީހުންގެ އާދައިގެމަތީން ދިޔައީ ބުދުކޯލުގައި މަރުވެފައި އޮންނާނެ ކަމަށް ބެލެވޭ އަންހެން ކުއްޖާ އަންދާލުމަށެވެ. ދިޔައިރު އެ މީހުންނަށް ފެނުނީ މަޣުރިބީ ކަލޭގެފާނު ޤުރުއާން ކިޔަވައި ވިދާޅުވާން އިންނެވި ތަނެވެ. އެ މީހުން އެކަލޭގެފާނު ގޮވައިގެން ދިޔައީ ރަސްގެފާނު އަރިހަށެވެ. އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި އެ ރަދުންގެ ނަންފުޅަކީ ޝަނިވިރާޒާ އެވެ. އެ ކަމަކު ހުކުރު މިސްކިތުގައި ޝިހާބުއްދީން ރަދުން ބެހެއްޓެވި ފިލާއިން އެއީ ރަދުންގެ އިސް ވަޒީރުގެ ނަންފުޅުކަން އެނގެއެވެ. އޭރު ރާއްޖޭގެ ތަޚުތުގައި އިންނެވީ ދަރުމިސްތް ރަދުން ނުވަތަ ތިރިބްވަނަ އާދީއްތަ މަހާރަދުންނެވެ. އެއީ އިސްލާމްވެ ވަޑައިގަތުމަށްފަހު އައްސުލްޠާން މުޙައްމަދު އިބްނު ޢަބްދުﷲ އެވެ. ދަރުމަވަންތަ ރަސްގެފާނެވެ.

 

    "ރަސްގެފާނަށް އެބައި މީހުން މި ޚަބަރުތައް އެންގުމުން މިކަމާ ވަރަށް އަޖައިބުފުޅު ވިއެވެ. އެ ވަގުތު އެ ކަލޭގެފާނުން އެ ރަސްގެފާނަށް އިސްލާމްދީނަށް ގޮވާލައްވައި ދީނުގެ ވާހަކަތައް ދައްކަވައި އިސްލާމްދީނަށް އެ ރަސްގެފާނު އެދުންވެރި ކުރުއްވައިފިއެވެ. އެ ރަސްގެފާނު އެކަލޭގެފާނަށް ވިދާޅުވީ ކަލޭގެފާނު ހަނދުބަލާ މަސް އަންނާންދެން އަޅުގަނޑުމެންގެ ތެރޭގައި ހުންނަވައި، މިފަހަރު ތިޔަ ކަންތައް ކުޅަގޮތަށް ކަންތައްކުރައްވައި އެ ފުރޭތައިގެ ކިބައިން ސަލާމަތް ވެއްޖެނަމަ ތިމަން ރަސްގެފާނު އިސްލާމް ވެވަޑައިގެންފާހުށީމެވެ."

 

އެހެން ނަމަވެސް މަސްދުވަސް ވުމުގެ ކުރީގައި ރަދުން އިސްލާމްވެ ވަޑައިގެންނެވިއެވެ. ރަސްގެފާނަށް ފަހު އަރިސް ބޭފުޅުންނާއި ދައުލަތުގެ ބޮޑުން ވެސް އިސްލާމްވީއެވެ. އެކަމަކު އަޅުކަން ކުރަން ގެންގުޅުނު ބުދުތައް ތަޅައި އެހެން ރަށްރަށުގެ ރައްޔިތުންނަށް އިސްލާމް ދީނަށް ދައުވަތު ދެއްވަން ފެއްޓެވީ ޖެހިގެން އައި މަހުއެވެ.

 

    "އަނެއްމަހު އެކަލޭގެފާނު އެރޭގެ ފަތިސް ވަންދެން ކިޔަވާ ވިދާޅުވާން އިންނެވީއެވެ. ފަތިސްވީމާ ރަސްގެފާނާއި މީސްތަކުން އައި ހިނދު އެ ކަލޭގެފާނު ކިޔަވާ ވިދާޅުވާން އިންނަވަނިކޮށް ދެކެވަޑައިގެންފައި ފައްޅިއާއި ބުދުތައް ތަޅައި މުގުރައި ސުންނާފަތިކޮށް ރަށުގެ އަހުލުވެރީން އިސްލާމުވެ އެހެން ރަށްރަށަށް މީހުން ފޮނުވައި އެރަށްރަށުގެ އަހުލުވެރީން ވެސް އިސްލާމް ވެއްޖެއެވެ."

 

އިބްނު ބަޠޫޠާ ލިޔުއްވާފައިވާ ގޮތުގައި ދިވެހިން ތިބީ އަބުލްބަރަކާތުލް ބަރުބަރީގެ މަޒުހަބު ކަމުގައިވާ އިމާމް މާލިކުގެފާނުންގެ މަޒުހަބުގައެވެ. ދެން ލިޔެފައިވަނީ ހުކުރު މިސްކިތުގެ ފިލާ ވިދާޅުވި ވާހަކައާއި އެ ފިލާގައިވާ ލިޔުމުގެ ވާހަކައެވެ. އެއަށްފަހު އޮތީ ނެގޭ ވާރުގެ ތިންބައިކުޅަ އެއްބައި އިބްނުސަބީލުންގެ މައްޗަށް ޞަދަޤާތެއް ކަމުގައި ރަދުން ބައްސަވާ ވާހަކައެވެ.

 

    ރާއްޖެ އިސްލާމްވި ވާހަކައާ ގުޅިގެން ކިޔާ ޖިންނި ފުރޭތައިގެ އުނދަގޫ ވީ ހަމައެކަނި މާލެއަށް ނޫންކަން އިބްނު ބަޠޫޠާގެ ވާހަކަފުޅުން އެނގެއެވެ. "އިސްލާމްވުމުގެ ކުރީގައި މި ފުރޭތައެއްގެ ސަބަބުން ގިނަ ރަށްތައް ހަލާކުވެ (ފަޅުވެ) ދިޔައެވެ. އަހުރެން މި ރާއްޖެ އައި ފަހަކުން އަހުރެންނަކަށް އެ ފުރޭތައެއްގެ ކަންތަކެއް ނުފެނެއެވެ."

 

މި ގޮތަށް މި ވާހަކަ ލިޔުއްވާފައި އިބްނު ބަޠޫޠާ ދެކެވަޑައިގެން މި ކަނޑުފުރޭތައާ ބެހޭ ހާދިސާއެއް ލިޔުއްވާފައިވެއެވެ.

 

    "އަހަރެން އެރަށުގައި ހުއްޓައި އެއް ރެއަކު ކަމެއްގައި މަސްއޫލުވެގެން އުޅެނިކޮށް މީސްތަކުން ތަހުލީލު ތަކުބީރު ކިޔައި ހަޅޭލަވާ އަޑު އިވޭން ފަށައިފިއެވެ. ބެލިއިރު ކުދީންތައް ޤުރުއާން ފޮތްތައް ބޯމައްޗަށް އުފުލައިގެން ދުވެއެވެ. އަންހެނުން ކޯދޮންނަ ލޯތަކާއި ލޯކަންވާރުތަކުގައި ތަޅައެވެ. އަހަރެން އެބައި މީހުންގެ ކަންތަކާމެދުގައި އަޖައިބުގެން ތިޔަކުރަނީ ކީއްހޭ އެހީމެވެ. އެ މީހުން ބުންޏެވެ. ކަލޭގެފާނު ކަނޑެއް ނުބައްލަވަމުތޯއެވެ. ދެން އަހަރެން ކަނޑު ބަލާލިއިރު ބޮޑު ނަވެއް ކަހަލަ އެއްޗެއް ފެނެއެވެ. އެ އެއްޗެއްގެ ބައްތިތަކާއި ފާނޫޒުތަކުން ފުރިގެންވާ ކަހަލައެވެ. އެބައި މީހުން ބުންޏެވެ. އެއީ އެއްކަލަ ފުރޭތައެވެ. އޭގެ އާދައަކީ ކޮންމެ މަހަކު އެއް ފަހަރު ފާޅުވުމެވެ. ދެން އަހަރެމެން މިގޮތަށް ކަންތައް ކުރާންފެށީމާ އުދަގުލެއް ނުކޮށް އެނބުރި ހިނގައިދެއެވެ."

 

އިބްނު ބަޠޫޠާ ދެކެވަޑައިގަތީ ކޮން އެއްޗެއް ކަމެއް ނޭނގެއެވެ. ނަވަކަށް ވެސް ވެދާނެއެވެ. އެހެންވިޔަސް އެނގެނީ އޭރުވެސް ދިވެހީން އެ ކަނޑުފުރޭތައެއްގެ ވާހަކަ ގަބޫލުކުރާ މިންވަރާއި އެ އެއްޗެއް ދެކެ ބިރުގަންނަ މިންވަރެވެ.

 

އިބްނު ބަޠޫޠާގެ ދަތުރުނާމާގެ ނަމަކީ ތުޙްފަތުއްނަޡާރު ފީ ޣަރާރިބުލް އަމްޞާރު ވައަޖާއިބުލް އަސްފާރެވެ. މި ފޮތް ލިޔުއްވާފައިވަނީ މުޙައްމަދު ބުން ޖުޒައްޔު އެވެ.

 

ނޯޓް: އިބްނު ބަޠޫޠާގެ ދަތުރުނާމާ މިހާރު ވަނީ އެތައް ބަހަކަށް ތަރުޖަމާ ކުރެވިފައެވެ. ދިވެހިރާއްޖެއާބެހޭ ބައި މަލަސްގެ 32 ވަނަ އަދަދުގައި ދިވެހިބަހާ ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުން 1991 ވަނަ އަހަރު "އިބުނު ބަޠޫޠާ ދިވެހިރާއްޖޭގައި" މި ނަމުގައި ދިވެހި ބަހުން ތަރުޖަމާކުރައްވައި ވަނީ ނެރުއްވާފައެވެ. އެ ފޮތް ލިޔުއްވާފައި ވަނީ އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީއެވެ. މި ލިޔުމުގައި އަސްލަކަށް ބެލީ އެ ތަރުޖަމާއެވެ.

No comments: