Wednesday, May 6, 2009

އަހަރެން ވޯޓު ލާނީ ކާކަށް؟

މި މޭމަހުގެ 9 ވާ ހޮނިހިރު ދުވަހަކީ އަނެއްކާވެސް ރައްޔިތުންގެ ނިންމުން ނިންމުމަށްޓަކައި ވޯޓު ފޮށިތައް ދޮށަށް ދާންޖެހޭ ދުވަހެކެވެ. ރާއްޖޭގެ ޤާނޫނު ހަދާމަޖިލިސް އެކުލަވާލުމަށް ރައްޔިތުން ވޯޓުދޭން ޖެހޭއިރު އެއީ ފަރުދީ ޒިންމާއަކާއި ފަރުދީ ޙައްޤެއްވާ ކަމެކެވެ. އެހެންކަމުން ވޯޓު ކަރުދާސްކޮޅު އަތަށް ދިނުމުގެ ކުރިން ވޯޓުލާނީ ކާކަށްތޯ ނިންމަން ޖެހެއެވެ. އެކަމާމެދު ޚިޔާލުކޮށް ވޯޓުލާންވީ ކާކަށްތޯ ކަނޑައަޅަންޖެހެއެވެ.

އަހަރެން ހިމެނޭ ދާއިރާއަކީ މަނަދޫ ދާއިރާއެވެ. އެދާއިރާގައި ހިމެނެނީ މަނަދޫ، މާފަރު، ޅޮހި، މަގޫދޫ އަދި މިލަދޫއެވެ. މި ފަސްރަށް، ރައްޔިތުންގެ މަޖިލިހުގައި ތަމްސީލުކުރުމަށް ކުރިމަތިލައްވާފައިވަނީ މަނަދޫ މުޙައްމަދު ޠާރިޤު، ޅޮހީ އަޙްމަދު ފައިޞަލް، މާފަރު ޢަބްދުއްސަލާމް ޢާރިފު އަދި މުޙައްމަދު ޙުސައިން ޝަރީފު ( މުންދު ) އެވެ. ތޯރިގު މަޖިލިހަށް ކުރިމަތިލައްވާފައިވަނީ ރޫލިން އެމްޑީޕީގެ ޓިކެޓްގައެވެ. މުންދު ކުރިމަތިލައްވާފައިވަނީ އޮޕޮޒިޝަން ޑީއާރުޕީގެ ޓިކެޓްގައެވެ. ފައިޞަލްއާއި ޢަބްދުއްސަލާމް ކުރިމަތި ލައްވާފައިވަނީ އަމިއްލަ ގޮތުންނެވެ.

ހަތަރު ބޭފުޅުންގެ ވަރަނަވަރު އަހަރެން ވަރަށް ރަނގަޅަށް ބަލާ ދިރާސާކުރީމެވެ. ތަޢުލީމީ އަދި ފަންނީ ތަޖުރިބާތައް އަޅާކިޔާލީމެވެ. ރައްޔިތުންގެ މަޖިލިހަށް އެންމެ ކަމުދަނީ ކޮން ބޭފުޅެއްތޯ ބަލާލީމެވެ. މި ނިންމުން ނިންމުމަށް ޖެހުނުހިނދު، ތޯރިގާއި ފައިޞަލް އަކީ އަހަރެންގެ ވަރަށް ގާތް ދެ އެކުވެރިންނެވެ. އިންތިޚާބަށް ކުރިމަތިލި ހިސާބުން ޢަބްދުއްސަލާމާއި މުންދުވެސް ދެނެފަރިތަ މީހުންނަށްވިއެވެ. އެއް ފަހަރަށްވުރެ ގިނަ ފަހަރު މުންދުއާ ބައްދަލުވެ ވާހަކަ ދެއްކުމުގެ ފުރުސަތު ލިބުނެވެ. ޢަބްދުއްސަލާމާ ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ނުލިބުނަސް ފޯނުން ބައްދަލުވެ ވާހަކަ ދައްކާލުމުގެ ފުރުސަތު ދެފަހަރު ލިބުނެވެ. އެހެންކަމުން ޖުމުލަ ގޮތެއްގައި ސިޔާސީ ގޮތުން ހަތަރު ބޭފުޅުންގެ ފިކުރު ހުރިގޮތް އަޅުގަނޑަށް ވަރަށް ކައިރިން ތަޖުރިބާ ކުރެވުނެވެ. އެއީ ޢާންމުކޮށް ބައްދަލުވުންތަކާއި ޖަލްސާތަކާއި ކެމްޕޭން ޙަފުލާތަކުގައި އިއްވާ ސިޔާސީ ފިކުރަށްވުރެ މުހިންމު ވަގުތު ކޮޅުތަކެކެވެ.

ކެމްޕޭނުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު ދެ ސިޔާސީ ޕާޓީން ދައްކާ ވާހަކަ އެހުމުގެ ޝަޢުޤުވެރިކަމެއް އަހަރެންނެތެވެ. އެހެންކަމުން ބާރުތައް އެއްވެދާނެތީ އިދިކޮޅު ޕާޓީން ދައްކާ ވާހަކައާއި ވައުދުތައް ފުރިހަމަ ކުރުމަށް ޤާނޫނީ ހިއްސާ ހޯދުމަށް ވެރިކަންކުރާ ޕާޓީން ދައްކާ ވާހަކައަށް އެއްވެސް ޝަޢުޤުވެރިކަމެއްނެތެވެ. އަދި އެއްވެސް ފަރާތަކަށް ނުވިކި " މިނިވަން" ކެންޑިޑޭޓުންގެ ގޮތުގައި ދައްކަވަމުން ގެންދެވި ވާހަކަތަކަށްވެސް ޝަޢުޤުވެރިކަމެއް ނެތެވެ.

އަހަރެންގެ ޝަޢުޤުވެރިކަން ހުރީ ޤައުމުގެ އަދުގެ ހާލަތަށެވެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް ގެނައުމަށް ރައްޔިތުން ފަށާފައިވާ އަދި ބޮޑު ކުރިއެރުމެއް ހޯދާފައިވާ ބުރަ މަސައްކަތަށެވެ. އެކަންތައްތައް ފުރިހަމަވެ، ޤައުމުގެ ރައްޔިތުންގެ މެދުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން އާލާވާނެ ދުވަހެއްގެ ޝަޢުޤުވެރިކަމެވެ. ރައްޔިތުންގެ މަޖިލިހުގެ ޙަޤީޤީ ދައުރު އަދާކޮށްގެން ނޫނީ ރާއްޖޭގައި ހަލާކުވެ ފިނދިފައިވާ އިޖުތިމާޢީ ފޭރާން ރަނގަޅު ނުކުރެވޭނެކަމަށް އަހަރެންނަށް ޤަބޫލުކުރެވެއެވެ. އެކަމަށް ޒަމާނީ ތަޢުލީމު ބޭނުންވެއެވެ. އަދި ސިޔާސީ ހިކުމަތާއި ތަޖުރިބާވެސް ބޭނުންވެއެވެ. އެމީހަކީ ސިޔާސީ ގޮތުން ހަރުދަނާ މާޒީއެއް އޮތް ބޭފުޅަކަށްވެސް ވާންޖެހެއެވެ. މި ހުރިހާ ސިފަތަކެއް ފުރިހަމަވާ ކެންޑިޑޭޓަކު މަނަދޫ ދާއިރާއަށް ކުރިމަތިލައްވާފައި ވާކަމަކަށް އަހަރެންނަކަށް ނުފެނުނެވެ. އެހެންކަމުން ދެން މި ސިފަތަކުގެ ތެރެއިން ރާއްޖޭގެ އަދުގެ ހާލަތަށް ރިޔާޢަތް ކުރުމަށްފަހު މީގެ ތެރެއިން އެންމެ ރަނގަޅު ކަމަށް ފެންނަ ކެންޑިޑޭޓް ޚިޔާރުކޮށްފީމެވެ. ފަހަރުގައި އަހަރެން ވޯޓުލާ ކެންޑިޑޭޓް ނުހޮވިދާނެއެވެ. އެހެންނަމަވެސް ހޮވުމަށް އެންމެ ތަނަވަސް ފުރުސަތު އޮތީ އަހަރެން ދެކޭ ގޮތުގައި އެ ކެންޑިޑޭޓަށެވެ. ކޮންމެ ގޮތެއްގައިވެސް އަހަރެންގެ ޙައްޤު އަހަރެން އަދާކުރާނަމެވެ. އިރާދަކުރެއްވިއްޔާ އަހަރެން އެ ޒިންމާ އަދާކުރާނީ ﷲ ގެ ދަރުބާރުގައި ޖަވާބުދާރީ ވާންޖެހޭނެކަން އެގިހުރެއެވެ. އަހަރެންގެ ހިތުގައި އެއްވެސް ކެންޑިޑޭޓަކަށް ނުރުހުމެއް އަދި ނަފުރަތެއްވެސް ނެތެވެ. ރައްޔިތުން ނިންމާ ކޮންމެ ނިންމުމަކަށްވެސް އަހަރެން ތާޢީދުކުރާނަމެވެ.

  އަތިރިމަތީގޭ ޙައްވަދައިތައާއެކު ޢަބްދުﷲ ސަޢީދު މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައ...