Wednesday, June 28, 2023

މޮޓަރުބޯޓު ގަޑުބަޑު

 

ޢަބްދުﷲ ސަޢީދު

މޮޓަރުބޯޓު ގަޑުބަޑަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ޤާނޫނު އަސާސީ ވީދާލައި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލި ގަޑުބަޑެވެ. ޤާނޫނު އަސާސީ އެކުލަވާލިތާ އެއް އަހަރު ދުވަސް ވެސް ނުވަނީސް ގެނައި ވަރުގަދަ އިންޤިލާބެކެވެ.

މޮޓަަރު ބޯޓު ކިޔަނީ ރާއްޖެއަށް އެންމެ ފުރަތަމަ ގެނެވުނު އިންޖީނުއެޅި ބޯޓަށެވެ. އެ ބޯޓުގެ ނަމަކީ ފަތުޙުއްސަލާމެވެ. މޮޓަރުބޯޓަކީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީއާ ގުޅިގެން ހިނގި ގަޑުބަޑުގައި ސިލޯނަށް ވަޑައިގެންނެވި ބޭފުޅުން ވަޑައިގެންނެވި ބޯޓެވެ.

 

މޮޓަރުބޯޓު ގަޑުބަޑުގެ އަސްލު ގުޅިފައި ވަނީ ދިވެހީންގެ ފުރަތަމަ ޤާނޫނު އަސާސީއާއެވެ. އެ ޤާނޫނު އަސާސީ އެކުލަވާލި މައިގަނޑު މަޤްޞަދު އޮތީ ދެ ކަފިވެފައެވެ. ރަސްކަމުގައި އިންނެވި އައްސުލްޠާން މުޙައްމަދު ޝަމްސުއްދީން (3 ވަނަ) ގެ ބޭނުންފުޅަކަށްވީ އޭރު ހުންނެވި ބާރުގަދަ ބޮޑުވަޒީރު އަތިރީގޭ ޢަބްދުލްމަޖީދު ރަންނަބަޑޭރި  ކިލެފާނުގެ ބާރު ކުޑަކޮށް "ސައިޒް"ކުރެއްވުމެވެ.  ބޮޑު ވަޒީރު ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނު މަޤްޞަދަކީ ޝަމްސުއްދީން ރަދުންނަށް ފަހު އެ ރަދުންގެ ޒުވާން އަޚްލާޤެއް ނެތް "ދިއުޅިއެއްނުވާ" ދަރިކަލުން ޕްރިންސް ޙަސަން ޢިއްޒުއްދީނަށް  ރަސްކަމަށް ވަޑައި  ނުގެންނެވޭނެ ގޮތް ހެއްދެވުމެވެ. ޤާނޫނު އަސާސީ އެކުލަވާލައި ނިމުނުއިރު މި ދެކަންތައް ވެސް އޮތީ ހާސިލުވެފައެވެ.  ޤާނޫނު އަސާސީ ތަޞްދީޤު ކުރެވުނުއިރު ބޮޑުވަޒީރު އާލާސްކަންފުޅު ހުންނެވި ގޮތުންކަމަށް ވިދާޅުވެ ރާއްޖެ ދޫކުރައްވައި ވަޑައިގަތީ އެ ޤާނޫނު އަސާސީގެ ދަށުން ބޮޑުވަޒީރަކަށް ހުންނަވަން ބޭނުންފުޅުވެ ވަޑައި ނުގެންނެވުމުންނެވެ. ނަމަވެސް ޤާނޫނު އަސާސީ ހިންގަން ފެށިއިރު ބޮޑުވަޒީރާއި ސަރުކާރުގެ ބާރުގަދަ ހުރިހާ މަޤާމެއް ލިބިވަޑައިގެން، ސަރުކާރު ހިންގަވަން ތިއްބެވީ ޢަބްދުލްމަޖީދު ރަންނަބަޑޭރި ކިލެގެފާނުގެ ޒުވާން ދެ ބޭފުޅުން ކަމަށްވާ މުޙައްމަދު ފަރީދާއި ޙަސަން ފަރީދުގެ އިތުރުން ޢަބްދުލްމަޖީދު ރަންނަބަނޑޭރި  ކިލެގެފާނަށް ބޮޑުބޭބެ ވިދާޅުވާ މުޙައްމަދު އަމީނެވެ.

ޤާނޫނު އަސާސީ ވުޖޫދަށް އައުމާއެކު އޭގެދަށުން "ފަތުއަޑުކިޔާފައި" ޤާނޫނުތައް "ފުލުފުލުގައި" ނެރެން ފަށައިފިއެވެ. މިކަންވީ ލިޔެވިފައިވާ ޤާނޫނުތަކަކަށް ތަބާވެގެން އުޅުމުގެ ހޭލުންތެރިކަމެއް ނެތް ރައްޔިތުންނަށް ވަރަށް ބޮޑު ތަކުލީފަކަށެވެ. ރައްޔިތުންނަށް ވިސްނައިދެއްވަން ތިއްބެވި ބޭފުޅުން ވެސް ކުށްވެރިކުރައްވަމުން ގެންނެވީ ޤާނޫނު އަސާސީއެވެ.  އެއަށްވުރެ ބޮޑަށް ސަރުކާރު ހިންގަވަން ތިއްބެވި ޒުވާން ބޭފުޅުންނާއި ޝަމްސުއްދީން ރަދުން ވެސް ހަގީގަތުގައި ބޭނުންފުޅުވީ އެ ޤާނޫނު އަސާސީ ވީދާލައްވާށެވެ. އެ ޤާނޫނު އަސާސީ އެކުލަވާލެވިފައި އޮތީ  ރަސްގެފާނަށް ކުރިން އޮތް އިމްތިޔާޒުތަކާއި އިޚްތިޔާރުތަކާއި  ބޮޑުވަޒީރަށް އޮތް ނުފޫޒާއި ބާރު ވެސް ހަނިވާގޮތަށެވެ.

މި ސަބަބުތަކާއެކު މޮޓަރު ބޯޓް ގަޑުބަޑުގައި ދިވެހިރާއްޖޭގެ ފުރަތަމަ ޤާނޫނު އަސާސީ ރައްޔިތުން ނުކުމެ ގުޅަކުޅޭ ފަސްގަނޑުގައި އުވާލީ (ޤާނޫނު އަސާސީ ވީދާލީ) 20 ރަޖަބު 1352 (09 ނޮވެންބަރު 1933) ވީ ބުރާފަސްތި ދުވަހުއެވެ.

 ބޭރުފުށުން ފެންނަނީ ރައްޔިތުން ނުކުމެ ޤާނޫނު އަސާސީ ވީދާލި މަންޒެވެ.  ރައްޔިތުން "އެދިގެން" ވަޒީރުންގެ ތެރެއިން ބޭފުޅުންކޮޅެއް މަޤާމުން ދުރުކޮށް ފޮނުވާލަން ރަދުންނަށާއި ސަރުކާރަށް ވެސް "މަޖުބޫރު"ވީތަނެވެ. ރުަޅިގަދަވެފައިވާ ރައްޔިތުން ހަމައަކަށް އަޅުވައި އަމަންއަކާންކަން ޤާއިކުކުރެވޭނެ އެހެން ގޮތެއް ނުފެނުނުތަނެވެ. "ދެރަ، ނިކަމެތިގޮތެއް" ވިޔަ ނުދެއްވަވަން ވެގެން" ގެންގޮސް އެ ބޭފުޅުން ލެއްވީ މޮޓަރުބޯޓަށެވެ. އެ ބޯޓުގައި ބައިތިއްބަވާފައި ކުއްލިއަކަށް ސިލޯނަށް (މިހާރުގެ ސްރީލަންކާ) އަށް އެ ބޭފުޅުން ފުރާވަޑައިގެން ތަނެވެ.

އެތެރެއިން ފެންނަނީ ރަދުންނާއި ސަރުކާރު ހިންގަވަން ތިއްބެވި އިސް ވެރިން ވެސް ޤާނޫނު އަސާސީ ނަގަހައްޓަން މަސައްކަތް ނުކުރެއްވިތަނެވެ. ސިޔާސީގޮތުން ބާރު ހޯއްދެވުމުން ރާވައިގެން ކުޅެމުންދިޔަ ގުޅިގަނޑެކެވެ. އެ ކުޅިގަނޑު ކުޅުމަށް ކޮންމެހެން މާލޭގެ ފަސްގަނޑުން ބޭރުކުރެއްވުމަށް ބޭނުންފުޅުވާ ބޭފުޅުންކޮޅެއް  މޮޓަރުބޯޓަށް ލައި ފުރުވާލި ތަނެވެ.

އެ ބޭފުޅުންނަކީ

1. ސުމުއްވުލް އަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނު

2. އައްޝައިޚް އިބްރާހީމް ރުޝްދީ

3. އައްޝައިޚް ޙުސައިން ޞަލާޙުއްދީން

4. އައްނަބީލް އިބްރާހީމް ޙަސަން ދީދީ

5. އަލްފާޟިލް މޫސާ އިބްރާހީމް ދީދީ

6. އަލްފާޟިލް މުޙައްމަދު އިސްމާޢީލް ދީދީ

ވަޒީރުންގެ ތެރެއިން މި ބޭފުޅުންގެ އިތުރުން ސިލޯނުގައި ރަސްމީ ބޭނުންފުޅަކަށް އޭރު ވަޑައިގެން ހުންނެވި އަލްއުސްތާޛު އަޙްމަދު ކާމިލް ދީދީ ވެސް ހިމެނިވަޑައިގަތީ މާލެވަޑައިގަތުގެ ހުއްދަ އެވަގުތަށް ލިބިވަޑައި ނުގެންނެވި ބޭފުޅުންގެ ތެރޭގައެވެ.

 ޤާނޫނު އަސާސީ ވިދާލި ގަޑުބަޑަށްފަހު ޝަމްސުއްދީން ރަދުންގެ ބާރު އިހުނަށްވުރެ ކުޑަވެ، އަތިރީގޭ ބޭފުޅުންގެ ސިޔާސީ ބާރު ބޮޑުތަނުން ގަދަވެގެން ދިޔައެވެ.  

 މޮޓަރު ބޯޓުގެ ގަޑުބަޑާއެކު ރައްޔިތުންގެ މަޖިލިސް އުވިގެން ދިޔައެވެ. އެހެންނަމަވެސް މާލޭގެ 4 އަވަށުގެ ރައްޔިތުންގެ ނަމުގައި 68 ބޭކަލުންގެ މައްޗަށް އެކުލެވޭ މަޖިލިހެއް އެކުލަވާލިއެވެ. އަދި ޤާނޫނު އަސާސީއެއް ނެތި 3 ވަޒީރުން، މުޙައްމަދު ފަރީދާއި ޙަސަން ފަރީދާއި މުޙައްމަދު އަމީން ތިއްބަވައިގެން ސަރުކާރު ހިންގަވަމުން ގެންދެވިއެވެ.

މޮޓަރުބޯޓުގެ ގަޑުބަޑަށް އަހަރެއް ނުވަނީސް ޝަމްސުއްދީން ރަދުންގެ ރަސްކަން ނިމުމަކަށް ގެންނަވައި އަތިރީގެ ބޭފުޅުން ދައުލަތާއި ސަރުކާރުގެ ވެރިންނަށް ވެވަޑައިގަތެވެ. "ހެންވޭރު ގަނޑުވަރުގެ ބަޣާވާތް" ގެ ނަމުން ނަން ދެވިފައިވާ ހަމަނުޖެހުންގަނޑުގައި

ޝަމްސުއްދީން ރަދުން އެންމެފަހުން ރަސްކަމުން ޢަޒުލުކުރީއެވެ. "ޤާނޫނީ ހަމަތަކުގެ މަތިން" ރަސްކަމުން ދުރުކޮށް ފުވައްމުލަކަށް އަރުވާލެއްވީއެވެ.  އެ ގަޑުބަޑު ހިނގީ 7 އޮކުޓޫބަރު 1934(27 ޖުމާދިލް އާޚިރު1353) ގައެވެ. މި ގަޑުބަޑުތައް ހިނގަން މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޕްރިންސް ޙަސަން ޢިއްޒުއްދީނުގެ ޢަމަލުފުޅުތައް ހުންނެވިގޮތާއި ޝަމްސުއްދީން ރަދުންނަށް ހެއްދެވުނު ގޯސްތަކެއް ވެސް ހުއްޓެވެ.    (ނިމުނީ)

މަސްދަރު: މުޙައްމަދު އިސްމާޢީލް ދީދީގެ މޮޓަރުބޯޓުގެ ގަޑުބަޑު

No comments: