ޢަބްދުﷲ ސަޢީދު
ކޭލަކުނުގެ ތަޢާރަފު
ކޭލަކުނަކީ ކުރީ ޒަމާނުގައި
ތިލަދުންމަތީގައި އޮތް އެންމެ އާބާދީ ބޮޑު އެއް ރަށްކަމަށްވެއެވެ. ހަތަރު އަވަށަށް
މީހުން ދިރިއުޅުނުކަމަށާއި ފުރާދުއްވާ އުޅަނދު ފަހަރު އެހިސާބުގެ އެހެން ރަށްރަށާ
އަޅާބަލާއިރު ވަރަށް ގިނަ ރަށެއްކަމަށް ވެއެވެ. ނެވިންނާއި މާލިމީންނާއި
ނަކަތްތެރިކަމަށާއި ތަފާތު ޢިލްމުތަކަށް އަރާތިބި މީހުން އެރަށުގައި އުޅުނުކަމަށް
ބުނެވެއެވެ. ހދ. ކުނބުރުދޫގައި އޮތް ނެވި އާއިލާއަކީ ކޭލަކުނުން ހިޖުރަކުރި
އާއިލާއެއްކަމަށް ބުނެވެއެވެ. ކާލަކުނަކީ އެ ޒަމާނަށް ބަލާއިރު ރަށްވެހިކަން
ކުރިއަރާފައިވާ، 70 މިސްކިތްހުރި ރަށެއްކަމަށް ވެސް ބުނެއެވެ.
ތުންތުންމަތިން ވާރިދުވެފައިވާ
ކޭލަކުނުގެ މި ވާހަކަތަކަށް ބާރު ލިބެނީ އެރަށުގައި ހުރި ގިނަ އަދަދެއްގެ
މަހާނަފާތަކާއި އެރަށުގައި ބަޔަކު ދިރިއުޅެފައިވާކަމުގެ
ނިޝާންތަކުންނެވެ. އަދި އެރަށުގެ ބޮޑުކަމާއި މިހާރު ވެސް އެރަށަށް ލިބިފައިވާ ޤުދުރަތީ
މުއްސަނދިކަމުންނެވެ. ކޭލަކުނަކީ ޗަސްބިން ބޮޑު ކުޅިއާއި ފާ ހިމެނޭ ހިތްހައިމު
ރަށެކެވެ. ދިވެހިރާއްޖޭގައި "ފޮރެސްޓް" އެއް އޮތް ހަމައެކަނި ރަށެވެ.
އެރަށުގެ ޖަންގަލީގައި ހެދޭ ބަރު ގަސް ނުވަތަ އަވިސެނިއާ މެރީނާ ގަހުގެ ރީތި ކަމަކީ އެރަށަށް ލިބިގެންވާ ޚާއްޞަ
ސިފައެކެވެ. ކޭލަކުނަކީ ބޮޑުމިނުގައި 80.23 ހެކްޓަރު ހުންނަ ރަށެކެވެ.
ހާދިސާ ހިނގި ތާރީޚު
ދިވެހި ތާރީޚުގައި ކޭލަކުނު
ތަޅާލި ވިއްސާރައިގެ ހާދިސާ ހިނގާފައިވަނީ ހިޖުރައިން 1237 ވަނަ އަހަރުގެ ރަބީޢުލްއައްވަލު
މަހުގެ 13 ވީ އާދީއްތަ ވިލޭރޭގައެވެ. އެއީ މީލާދީން 1821 ވަނަ އަހަރުގެ ޑިސެންބަރު
މަހުގެ 8 ވީ ހޮނިހިރު ދުވަހުގެރެއެވެ. މި ހިޖުރީ ތާރީޚަކީ އަލްޤާޟީ ޙަސަން ތާޖުއްދީނުގެ
"ތާރީޚު އިސްލާމި ދީބާ މަޙަލު"ގައި އޮތް ތާރީޚެވެ. އޭރު އެ ފޮތް
ލިޔަމުން ގެންދެވީ އަލްޤާޟީ އިބްރާހީމް ސިރާޖުދީނެވެ. އަލްޤާޟީ ޙަސަން ތާޖުދީނު މީލާދީން
1727 ވަނަ އަހަރު އަވަހާރަވުމުން އެފޮތް ލިޔުއްވީ އަލްޤާޟީ މުޙައްމަދު މުޙިއްބުއްދީނެވެ.
އަލްޤާޟީ އިބްރާހީމް ސިރާޖުއްދީން އެ ފޮތް ލިޔުއްވުން ކުރިއަށް ގެންދެވީ މީލާދީން
1785 ވަނަ އަހަރު އަލްޤާޟީ މުޙައްމަދު މުހިއްބުއްދީން އަވަހާރަވުމުންނެވެ.
އެހެންވީމާ ތާރީޚު އިސްލާމި ދީބާ މަޙަލުގައި ކޭލަކުނު ތަޅާލި ވިއްސާރައިގެ ވާހަކަ
ލިޔުއްވާފައިވަނީ އަލްޤާޟީ އިބްރާހީމް ސިރާޖުއްދީނެވެ.
ސިރާޖުއްދީން
ލިޔުއްވާފައިވެއެވެ. "ހިޖުރައިން 1237 ވަނަ އަހަރު ރަބީޢުލްއައްވަލު މަހު 13 ވީ
އާދީއްތަ ވިލޭރޭ ވަރަށް ގަދަފަދަ ވަޔެއް އައިސް ބޮޑުރާޅު އެރިއެވެ. މިކަމުގެ ސަބަބުން
މިލަދުންމަޑުލާއި ތިލަދުންމަތީ ވަރަށް ގިނަ ރަށްރަށް ގިރައި ހަލާކުވިއެވެ. މި ތޫފާނުގެ
ސަބަބުން 30 ގަނޑެއްޗަށް ވުރެ ގިނަ އުޅަނދުފަހަރު ހަލާކުވިއެވެ. އަދި މި އުޅަނދުފަހަރުން
ބައެއް މީހުން ގެނބިގެން މަރުވިއެވެ. މި ތޫފާން ލައިގަތުމުގެ ސަބަބުން ފަޅުވި ރަށްރަށަކީ
ހިރުބަދޫ، މިގޫދޫ، މާކަނޑޫދޫ، މިލަންދޫ، ނަރުދޫ، ރިނބުދޫ، ކުރެންދޫ، ނަލަންދޫ، މަޑިދޫ،
ފޭދޫ، ފީވައް، ފޯކައިދޫ، ނެޔޮ، ނޫމަރާ، މާވައިދޫ، ގޮއިދޫ، ކަނޑިތީމު، ކަކައިއުރިއަދޫ،
ވައިކަރަދޫ، މުރައިދޫ، ނޭކުރެންދޫ، ކައްޓަލަފުށި، ނެއްލައިދޫ، ނާވައިދޫ، ހިރިނައިދޫ،
މުއިރި، ކުރިނބި،
ކޭލަކުނު، މާމަކުނުދޫ، ކުޅުދުއްފުށި، ކުނބުރުދޫ، ނޮޅިވަރަމް، ހިރިމަރަދޫ" އެވެ.
އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން
(6 ވަނަ) ދިވެހި ތާރީޚު ދިވެހި ބަހުން ލިޔުއްވުމަށް ނިންމަވައި އެކުލަވާލެއްވި
ކޮމެޓީން "ތާރީޚު އިސްލާމި ދީބާ މަޙަލް" ދިވެހި ބަހަށް ތަރުޖަމާކުރުމާއެކު
އެކިއެކި ޒަމާން ޒަމާނުގައި ދިވެހި ބަހުން ހުރި ތާރީޚީ ފަތްފުށްތަކާއި ރެކޯޑުތައް ބައްލަވައިގެން
ދިވެހި ބަހުން ލިޔެވިފައިވާ "ދިވެހި ތާރީޚު" ފޮތުގައި ކޭލަކުނު ތަޅާލި
ވިއްސާރައިގެ ހާދިސާ ލިޔެފައިވަނީ ދާދި އެއްގޮތަކަށެވެ. މި ހިތާމަވެރި ހާދިސާ ހިނގީ އައްސުލްތާން މުހައްމަދު މުއީނުއްދީންގެ ރަސްކަމުގައެވެ.
ތާރީޚީ އޮޅުމެއް
އެޗްސީޕީ ބެލް (1940)ގެ "ދަ
މޯލްޑިވް އައިލެންޑްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ"
(ބެލުގެ މަޝްހޫރު "މޮނޮގުރާފް") ގައި ކޭލަކުނު ތަޅާލި ވިއްސާރައިގެ
ހާދިސާ ހިނގިކަމަށް ލިޔެފައިވަނީ "13 ރަބީޢުލްއައްވަލު 1235ހ. (1820މ.)"
އެވެ. މި ތާރީޚަކީ އެހެން އެއްވެސް މަސްދަރަކުން ފެންނަން ނެތް އަދި އެއްވެސް
ހަވާލާއެއް އޮތް ތާރީޚެއްކަމަށް ނުވާތީ މި ތާރީޚު ބެލެވެނީ ލިޔުމުގެ ކުށެއްކަމަށެވެ.
ބެލު ލިޔުއްވާފައިވާ ހިޖުރީ ތާރީޚާއި މީލާދީ އަހަރު ވެސް ދިމާލެއް ނުވެއެވެ.
ހިޖުރައިން 13 ރަބީޢުލްއައްވަލު 1235 ދިމާވާނީ 30 ޑިސެންބަރު 1819 ތާރީޚާއެވެ.
މި ހާދިސާގައި ތާރީޚީ އަނެއް
އޮޅުމަކީ ކޭލަކުނު ތަޅާލި ވިއްސާރައިގައި ފަޅުވިކަމަށް ތާރީޚުގައި ލިޔެފައިވާ
ރަށްރަށް ފަޅުވިކަން ކަށަވަރު ނުވުމެވެ. ބައެއް ރަށްރަށުގައި އޭގެފަހުން މީހުން
އަލުން ވަޒަންވެރިވިކަން އެނގޭއިރު ފަޅުވިކަމަށް ލިޔެފައިވާ ރަށްރަށުގެ ތެރޭގައި
ދުވަހަކު ވެސް މީހުން އާބާދުވެގެން އުޅެފައިނުވާ ރަށްރަށުގެ ނަންތައް ވެސް
ހިމެނިފައިވެއެވެ. ތާރީޚުގައި މި ހާދިސާގައި ފަޅުވިކަމަށް ލިޔެފައިވާ ރަށްރަށަކީ
މި ހާދިސާގައި އެންމެ ބޮޑެތި ގެއްލުންތައްވީ ރަށްރަށް ކަމަށް ވެދާނެއެވެ.
މި ހާދިސާއާ ގުޅިގެން ކިޔާ
ފޯކުލޯރުތަކުގައި ބުއްދި ގަބޫލުނުކުރާބައެއް ވާހަކަތައް ވެސް ހިމެނެއެވެ. އެއީ
ކޭލަކުނު ތަޅާލި ވިއްސާރައިގައި އެރި ނަގޫ ރޯޅީގައި އެރަށުގެ މީހުން ދުނިޔޭގެ
އެތަންމިތަނަށް ގެންދިޔަ ވާހަކައެވެ. އަދި ރާއްޖޭގެ އެކި އަތޮޅުތަކުގެ އެކިއެކި
ރަށްރަށް ވައިގެ ތެރޭގައި ގެންދިޔަ ވާހަކައެވެ. މި ވާހަކައިގައި ބޮޑަށް ގަބޫލުކުރެވެނީ
އެގޮތަށް ރާއްޖޭގެ އެކި ރަށްރަށަށް ދެވިފައިވާ މީހުންނަކީ މި ހާދިސާއާ ގުޅިގެން
އެގޮތް މިގޮތުން އެކި ރަށަށް ދަތުރުކޮށްފައި ނުވަތަ އޮޑިދޯނި ފަހަރުގައި ބެހިގެން
ނުވަތަ ހިޖުރަކޮށްފައި ދެވުނު ފަރާތްތަކެއް ކަމަށެވެ.
ހާދިސާގައި ހިނގީ ކީއްވެ؟
މި ހާދިސާ ހިނގި ސަބަބެއް
ތާރީޚީ މަސްދަރުތަކަކުން ސާފެއް ނޫނެވެ. އެހެންނަމަވެސް "ތާރީޚު އިސްލާމި
ދީބާ މަހަލު"ގައި ހާދިސާއާ ބެހޭ ގޮތުން ލިޔެފައިވާ ލިޔުންތަކުން ދޭހަކޮށްދެނީ
އެއީ މީހުންގެ އުޅުމާއި އަޚުލާޤުހުރިގޮތުން މެދުވެރިވި ބަލާ މުސީބާތެއް ކަމެވެ. މިކަމަށް
ބާރުދޭ ފޯކުލޯރުތަކެއް ތިލަދުންމަތީ މީހުން ކިޔާއުޅެއެވެ. އޭގެ އެއް ފޯކުލޯރަކީ ކިޔަވައިގެން
އައި ޒުވާނަކު ކޭލަކުނުގެ ނާއިބުކަމަށް އިސްކުރުމުން އޭނާ ހިތާވި އެރަށުގެ
ކަމުވޮށިވެގެންވާ ވަރަށް ރީތި ޒުވާން އަންހެން ކުއްޖަކާ އޮތް ގުޅުމެއްގެ
ވާހަކައެވެ. އެ ގުޅުމުގައި ފާހިޝް އެތައް ޢަމަލެއް ހިނގައި، އެ ދެ މީހުންގެ
ކުޅިގަނޑު ބޭޒާރުވެ ފަޅާއެރީއެވެ. އެ ފިތުނަގަނޑުގެ ތެރޭގައި ރަށުގެ ރައްޔިތުން
ބައިބައިވީއެވެ. އެއްބަޔަކު އަނެއްބައެއްގެ ހަލާކަށް ކަންތައްތައް ކޮށް
އުޅުނީއެވެ. އެންމެފަހު އެ އަހަރު ކޭލަކުނުގައި ބޭއްވި ބޮޑު މާލޫދުގައި ނައިބު
ކަލޭގެ "މާލޫދު ބުނަން" ނުދިޔައީއެވެ. އެކަމުގައި ހިތްހަމަނުޖެހުނު
ބަޔަކު މަލާފަތް ގެންގޮސް މޫދަށް ބަންޑުންޖެހީއެވެ.
އަނެއް ފޯކުލޯރަކީ ކޭލަކުނު
މާލޫދު ބުނަށް މުދިންކަލޭގެ ނުދިޔަ ކަމަށް ބުނާ ވާހަކައެވެ. މުދިން ކަލޭގެ
މާލޫދުބުނަށް ނުދިޔައީ އޭނާ އަޅާ ފޮށަޔަށް ބަޔަކު ކައިރު ފެން ޖެހީމާ ކަމަށް
ބުނެވެއެވެ. އެ ފޮށަޔަށް ކައިރުފެން ޖެހިބަޔަކު އެކަމެއް ކުރީ މުދިން ކަލޭގެކުރާ
ފާހިޝް ޢަމަލުތަކެއް ފަޅާއަޅައިގެން ކަމަށް ވެސް ކިޔާ އުޅެއެވެ. މި ވާހަކައިގައި
ވެސް ކިޔަނީ އެކަމާ ހިތްހަމަ ނުޖެހުނު ބަޔަކު މަލާފަތްތައް މޫދަށް ބަންޑުންޖެހީ
ކަމަށެވެ.
މި ދެ ހާދިސާ މި ނޫން
ގޮތްގޮތަށް ވެސް ކިޔައެވެ. އަދި އެހެން ފޯކުލޯރުތަކެއް ވެސް ހުރުން ހަމަ
އެކަށީގެންވެއެވެ. އެކަމަކު މި ދެ ހާދިސާއިން އެނގޭ ކަމަކީ ކޭލަކުނު ތަޅާލި
ވިއްސާރައާއި ރަބީޢުލްއައްވަލްމަހުގެ 12 ވަނަ ދުވަހު ކޭލަކުނުގައި އޮތް ބޮޑު
މާލޫދާއި އެ މާލޫދަށް ކައްކައި ތައްޔާރުކޮށްގެން ގެންދިޔަ މަލާފަތްތަކެއް ނުކައި
މޫދަށް ބަންޑުންޖަހާލުމާ ގުޅުމެއް އޮތްކަމަށް އޭރުގެ މީހުން ދެކޭކަމެވެ. އަދި އަދި
އެރަށުގެ ރައްޔިތުންގެ މެދުގައި އެ ދުވަސްވަރު ވަރަށް ބޮޑު ފިތުނަވެރިކަމަކާއި
ދެކޮޅުވެރިކަމެއް އޮތްކަމާއި ވަރަށް ނުބައި ފާހިޝް ޢަމަލުތަކެއް ސިއްރާއި ފާޅުގައި
ވެސް ކުރަމުން ދިޔަކަމެވެ.
ތާރީޚު ޢިލްމުވެރިޔާ މުޙައްމަދު
އިބްރާހީމް ލުޠުފީގެ ޖޯގްރަފީ ވަނަވަރުގައި ލިޔުއްވާފައިވާ ގޮތުގައި މިއީ އަރަބިއަން
ކަނޑުގައި އުފެދޭ ތޫފާނުތަކުން ކުރިމަތިވި ހާދިސާއެކެވެ. އެފަދަ ތޫފާންތަކުގެ
އަސަރު ތިލަދުންމައްޗާއި މިލަދުންމަޑުލުގެ ރަށްރަށަށް އެ ނޫނަސް ކޮށްފައިވާ ކަމަށް
ލުތުފީ ވިދާޅުވެއެވެ.
ހާދިސާ ހިނގިގޮތް
ކޭލަކުނު ވިއްސާރައިގެ ހާދިސާ
ހިނގީ މާލޫދުގެ ކަންތައްތައް ނިމި ރަށްރަށުން ކޭލަކުނަށް އައި މީހުން ވެސް އެރަށް
ދޫކޮށް ފުރައިގެން ދިޔަ ފަހުންނެވެ. ގަދަފަދަ ވަޔާއެކު އައި އެ ވިއްސާރައިގެ
ބާރުގަދަ ކޮޅިގަނޑު ލައިގަތުގެ ކުރިން އުތުރުކާލުން ދެކުނުކާލަށް ރޮނގެއް
ދަމާލެވުނު ކަމަށްވެއެވެ. އަދި މޮމަދެކަނޑުން ނަގޫ ބާލާފައި އައި ވަރުގަދަ ބިޔަ
ނަގޫރޯޅިއެއް އަރައި އެ ރަށް ސުންނާފަތިކޮށްލީ ކަމަށް ކިޔާއުޅެއެވެ. ގަސްރުއް ވެރި
ގޯތިގެދޮރު ބިމާހަމަވެ، ގިނަ ބަޔަކު އޭގެ ދަށުވެ މަރުވީއެވެ. އެވަގުތު ބައެއް
މީހުން ސަލާމަތްވުމަށް ފަޅުގައި ހުރި އޮޑިދޯނި ފަހަރަށް އެރިކަމަށް ވެއެވެ. އެހެން
ނަމަވެސް އެ މީހުން ވެސް ޣަރަވެ ދިޔައީއެވެ. ނަގޫރޯޅީގެ ވައިގެ ތެރޭގައި
އެއްރަށުން އަނެއް ރަށަށް ވެސް މީހުން ގެންދިޔަކަމަށް ވެއެވެ. އެތައް ރަށެއް
ފަޅުވެ، އެތައް ބަޔަކު މަރުވެ ދިޔައެވެ.
ކޭލަކުނު ތަޅާލި ވިއްސާރައާ ގުޅުވައިގެން ކިޔާ އުޅޭ އެއް ފޯކުލޯރަކީ ހދ. ކުޅުދުއްފުށީގައި މީހުން އާބާދުވިގޮތެވެ. އެ ހާދިސާގައި އެ ރަަށަށް ވެސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުނު ކަަމަށްވެފައެވެ. އާބާދީ ވަރަށް ބޮޑަށް މަދުވެފައިވަނިކޮށް އާބާދީ ބޮޑުވެގެން ދިޔައީ މިލަދުންމަޑުލު ދެކުނުބުރީ ބަނޑައިދިއްދޫން އިން "ކަނބޯރަނި" ކިޔާ މީހަކު ގެނެސްގެން ފަންޑިތަ ހަދުވައިގެންނެވެ. ކޭލަކުނު ތަޅާލި ވިއްސާރައަށްފަހު އެރަށުގެ މީހުން ހިޖުރަކުރި ރަށްތަކުގެ ތެރޭގައި ކުޅުދުއްފުށި ވެސް ހިމެނެއެވެ.
ހަވާލާ:
ހަސަން ތާޖުއްދީން. (2020). ތާރީޚު
އިސްލާމި ދީބާ މަޙަލް (ދިވެހިބަހުގެ އެކެޑަމީ، ތަރުޖަމާ).
އެޗް.ސީ.ޕީ.ބެލް. (1940). ދަ މޯލްޑިވް
އައިލެންޑްސް. މޮނޮގްރާފް އޮން ދަ ހިސްޓްރީ، އާކިއޮލޮޖީ، އެންޑް އެޕިގްރަފީ.
މުޙައްމަދު އިބްރާހީމް ލުޠުފީ.
(1995). ދިވެހިރާއްޖޭގެ ޖޯގްރަފީގެ ވަނަވަރު 1 + 2 ވަނަ ބައި.