Friday, August 12, 2022

ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓުގެ ތަފާތު

 



ޢަބްދުﷲ ސަޢީދު

ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓަކީ ވެސް ސުލޫކީ ދެ މިންގަނޑެކެވެ. އަސްކަރިއްޔާތަކާއި އެހެނިހެން މުއައްސަސާތަކާއި، ކުންފުނިތަކާއި، ނޫސް މަޖައްލާތަކުގައި ވެސް ކޯޑް އޮފް އެތިކްސް އާއި ކޯޑް އޮފް ކޮންޓަކްޓް ހަދާފައި ހުރެއެވެ. ބޭނުމަކީ އަޚްލާޤީ ގޮތުން ހަރުދަނާ ސުލޫކެއް ހިފެހެއްޓުމެވެ. މުއައްސަސާއާއި މުވައްޒަފުން  ވެސް ސުލޫކީ އެއް މިންގަނޑަކަށް ތަބާވުމެވެ. ކޯޑް އޮފް އެތިކްސްއާއި ކޯޑް އޮފް ކޮންޑަކްޓުގެ ތަފާތުތަކެއް ހުރެއެވެ. މި ފާހަގަކޮށްލަނީ އޭގެތެރެއިން ބައެއް ތަފާތުތަކެވެ

އަސްކަރީ މަތިވެރިއަގުތައް (ވެލިއުސް)

 



ޢަބްދުﷲ ސަޢީދު

އަސްކަރިއްޔާއެއްގެ މަތިވެރި އަގުތަކުގެ ނިޒާމު ނުވަތަ ވެލިއު ސިސްޓަމުގައި އެތަނެއްގެ ވެލިއުސްތަކާއި އީތޯސްއާއި ކްރީޑް ނުވަތަ ޢަޒުމަކީ މުހިންމު އެއްޗެކެވެ. އެމެރިކާގެ އާމީ ވެލިއުސްތަކަކީ ލޯޔަލިޓީ (ވަފާތެރިކަން)، ޑިއުޓީ (ވާޖިބުތައް)، ރެސްޕެކްޓް (އިޙްތިރާމު)، ސެލްފްލެސް ސާވިސް (އަމިއްލަ އެދުމެއްނެތިކުރާ ޚިދުމަތް)، އޮނަރ (ޝަރަފު)، އިންޓެގްރިޓީ (ނަޒާހަތްތެރިކަން)، އަދި ޕާސަނަލް ކަރޭޖް (ޒާތީ ހިތްވަރު) އެވެ. މި ވެލިއުސްތަކަށް ކުރުކޮށް ކިޔަނީ LDRSHIP  އެވެ

ދިރިހުއްޓައި ހަންގަނޑު ދަމައިގަތް ފަނޑިޔާރު

 


ޢަބްދުﷲ ސަޢީދު

މީލާދީން 500 ވަނަ އަހަރު ފާރިސްކަރައިގައި އުޅުނު ނަޒާހަތްތެރިކަމެއް ނެތް ފަނޑިޔާރެކެވެ. ނަމަކީ ސިސާމްނެސް އެވެ. އޭނާގެ އަނިޔާވެރިކަން ކޮޅުންލައިގެން ދިޔައެވެ. ނަމަވެސް  އިންސާފު އައިސް އޭނާއާ ވެސް އަރާ ހަމަކުރިއެވެ. އޭނާގެ މައްޗަށް ކުރެވުނު ހުކުމަކީ ދިރިހުއްޓައި އޭނާގެ ހަށިގަނޑުން ހަންގަނޑު ދަމައިގަތުމެވެ.  މީލާދީން 16 ވަނަ ގަރުނުގެ ކުރެހުމެއްގައި އެ މަންޒަރު ސިފަކޮށްދީފައިވެއެވެ.

ސިސާމްނެސްއަކީ ފާރިސް ކަރައިގެ ރަސްގެފާނު ކެމްބިސެސް llގެ ދުވަސްވަރު  އުޅުނު ޝާހީ ފަނޑިޔާރެކެވެ. ކޯޓުގައި ރިޝްވަތު ނަގައިގެން ބޭއިންސާފުން ހުކުމުތައް ކުރަމުންދިޔަ ގާޒީއެވެ.  ބާރާއި ނުފޫޒުގައި އެތައް ދުވަހަކު ފަނޑިޔާރުކަމުގެ ގޮނޑީގައި ބާރާއި ޢިއްޒަތުގައި އިނެވެ. އޭނާގެ ޝަކުވާ ކަމާބެހޭ އެކިއެކި ފަރާތްތަކަށް އުފުލެވެ.  އެކަމަކު އޭނާއާމެދު އެއްވެސް ފިޔަވަޅެއް ނޭޅެއެވެ. އޭނާގެ ޝަކުވާއެއް މީހަކު ކަމާބެހޭ ފަރާތެއްގައި ކުރިޔަސް ސިސާމްނެސް ފަނޑިޔާރަށް އޮންނަނީ  އެކަމެއް އެނގިފައެވެ. އެހެންވީމާ އަނިޔާ ލިބެނީ ޝަކުވާ ކުރާ މީހުންނަށެވެ. ކުށްވެރިވަނީ ކުށްވެރިޔާއެއް ނޫނެވެ 

ކިރުވިއްކާ އިމާމުގެ ހިތްވަރު

 



ޢަބްދުﷲސަޢީދު

ތުރުކީވިލާތުގައިއޮތް އުސްމާނީ ދައުލަތް ވެއްޓި ފަރަންސޭސިން ދެކުނު ތުރުކީއަށް ވެރިވެގަތް ދުވަސްވަރެވެ. ތުރުކީގެ މުސްލިމުންގެ މައްޗަށް ބާރު ހިންގަމުން ދިޔައީ ފްރާންސް އާއި އަރްމީނިއާގެ އިސްތިޢުމާރީ ސިފައިންނެވެ. ތުރުކީވިލާތުގައި އޭރުވެސް މުސްލިމު އަންހެނުން ތިބީ ބުރުގާ އަޅައިގެންނެވެ. އެއް ދުވަހަކު ޕެޓްރޯލަށް ނުކުމެ އުޅުނު ފަރަންސޭސި - އަރްމީނިއާ ގެ  ސިފައިންގެ ބަޔަކު  މަގުމަތިން ހިނގާފައި ދަނިކޮށް ބުރުގާ އަޅައިގެން ހުރި އަންހެނަކާ ބައްދަލުވިއެވެ. އާދައިމަތިން އެ ބައިމީހުން އެ އަންހެން މީހާއަށް ފުރައްސާރަކޮށް ދިމާކޮށް ހަދަމުން ދިޔައެވެ.

އެ ސިފައިންގެ މީހުން ބުންޏެވެ. "މިހާރު މުސްލިމުންގެ ދައުލަތް ނެތިހިގައްޖެވެ. ކަލޭމެންގެ ވެރިކަން ވެއްޓިއްޖެއެވެ. މިހާރު ކަލޭމެން ތިޔަ ތިބީ ހުޅަނގުގެ ވެރިންގެ ބާރުގެ ދަށުގައެވެ. ތިޔަ ބުރުގާ ނަގާށެވެ." 

ދައުލަތެއް ބިނާވާ މުހިންމު މާއްދާތައް



ޢަބްދުﷲ ސަޢީދު

ދައުލަތެކޭ ކިޔެނީ އެއް ސަރުކާރެއްގެ ދަށުން އިންތިޒާމުކުރެވިފައިވާ ސިޔާސީ ޖަމާޢަތެއްގެ ގޮތުގައި ބަލާ ޤައުމެއް ނުވަތަ ސަރަޙައްދަކަށެވެ. ދައުލަތެއް ދައުލަތަކަށް ވަނީ މުހިންމު ހަތަރު މާއްދާއެއް އެކުވެގެންނެވެ. އެއީ އާބާދީ އާއި، ސަރަޙައްދާއި،  ވެރިކަން (ސަރުކާރު)އާއި، އިސްތިޤްލާލް (މިނިވަންކަން) އެވެ. އާބާދީއާއި ސަރަޙައްދަކީ  ދައުލަތުގެ ޖިސްމާނީ ނުވަތަ މާއްދީ ދެ އަސާސެވެ. ސަރުކާރާއި އިސްތިޤްލާލަކީ  ސިޔާސީ އަދި ރޫޙާނީ އަސާސެވެ. 

ޝަހީދު ކޯޕްރަލް ޙުސައިން އާދަމުގެ ހަޔާތުނާމާ


 

ޢަބްދުﷲ ސަޢީދު

 

ވަނަވަރު:

ނަންފުޅު: ޝަހީދު ކޯޕްރަލް ޙުސައިން އާދަމް

ދާއިމީ އެޑްރެސް: މާވާގެ / ހދ. ކުޅުދުއްފުށި

އުފަން ތާރީޚު:   28 ފެބުރުވަރީ 1968

ބައްޕާފުޅު: އާދަމް މުޙައްމަދު، މާވާގެ / ހދ. ކުޅުދުއްފުށި

މަންމަފުޅު: ޢާއިޝަތު ޙަސަން، މާވާގެ / ހދ. ކުޅުދުއްފުށި

ތަޢުލީމު ޙާޞިލުކުރެއްވީ: އަމީރު އަމީން ސްކޫލް

އިސްކޮޅު: 5 ފޫޓު، 4 އިންޗި

ލޭގެ ގްރޫޕް: އޭ ޕޮޒިޓިވް

 

ކުޑައިރުގެ ހަނދާނެއް: ނަރުއުންޑަޖެހުން


 

ޢަބްދުﷲ ސަޢީދު

އަޅުގަނޑު ކުޑައިރު ރަށުތެރޭގައި މާގިނައިން "ޕެކިން ރަބަރު" ގެންގުޅެންފެށި ދުވަސްވަރެކެވެ. މަދު އަދަދަކަށް ނޫނެވެ. އަދި އެހާގިނަ ކުލަތައް ވެސް މެއެވެ. އަޅުގަނޑާ އެއްފުރާގެ ބައެއް ކުދިން ސަތޭކައިން ފަންސާހުން ރަބަރު ގެންގުޅުނެވެ. ކިޔަނީ މަސްކިރަން ދިޔަ ބޯޓަކުން ގެނެސްގެން އުޅޭ ރަބަރުތަކެއް ކަމަށެވެ.

އެ ދުވަސްވަރު އެ ރަބަރުތަކުން ކުރާ އެއް ކަމަކީ ހަނގުރާމަކުރުމެވެ. ޕެކިން އަތުގެ ދެ އިނގިއްޔެއްގައި އަޅުވައި އިލޮށިކޮޅުކޮޅާއި ކަރުދާސް ކޮޅުކޮޅުން ހަމަލާ ދިނުމެވެ

ފަލަސްޠީނު - ލޭގެ ކޯރެއްގައި



 

ޢަބްދުﷲ ސަޢީދު

 

ވޭނާ ހޫނުގައެވެ.

ލެއާއި ކަރުނައިގައެވެ.

ބިރާއި ނާމާންކަމުގައެވެ.

ލޭގެ ކޯރެއްގައެވެ.

އިވެއެވެ.

މަންމަމެންގެ ރުއިމުގެ އަޑެވެ.

ބައްޕަމެން ގިސްލާ އަޑެވެ.

ގޮވާތަކެތީގެ އަޑެވެ.

ޢިމާރާތްތައް ފުނޑުފުނޑުވެގެން ފައިބާ އަޑެވެ.

އެކަމަކު އަޤްޞާއަށް ޓަކައި އުފުލާ އަޑު މަޑެއް ނޫނެވެ.

މިނިވަން ކަމަށް ޓަކައި އުފުލާ އަޑު ކަނޑުވައެއް ނުލެވެއެވެ.

ފެނެއެވެ

އަސްކަރިއްޔާތަކުގައި އެންލިސްޓެޑް ސިފައިން ގިންތި ކުރެވޭގޮތް




ޢަބްދުﷲ ސަޢީދު

ދުނިޔޭގެ އަސްކަރިއްޔާތަކުގައި ސިފައިން ގިންތިކުރެވެނީ އެތަނެއްގެ ރޭންކް ސްޓްރެކްޗަރއާއި ކެރިއަރ ޕާރތު ކަނޑައެޅިފައި އޮންނަ ނިޒާމެއްގެ މައްޗަށެވެ. ދުނިޔޭގެ އަސްކަރިއްޔާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އޮންނަނީ  ދެ ނިޒާމެކެވެ. އެއްގޮތަކީ އިނގިރޭސިވިލާތާއި ކޮމަންވެލްތުގެ ގިނަ ޤައުމުތަކުގައި އޮންނަ ގޮތެވެ. އަނެއް ގޮތަކީ އެމެރިކާގައި އޮންނަ ގޮތެވެ. 2010 ވަނަ އަހަރުން ފެށިގެން ދިވެހި އަސްކަރިއްޔާގައި އޮންނަނީ އެމެރިކާގެ އަސްކަރިއްޔާއާ އެއްގޮތް ނިޒާމެކެވެ. އިނގިރޭސިވިލާތާއި އެމެރިކާގެ އަސްކަރިއްޔާގައި އޮންނަ ނިޒާމުގެ އިތުރުން ދެން އޮންނަނީ މި ދެ ނިޒާމުގެ މަސްހުނިކަން ފެންނަ ނުވަތަ މުޅިން މިއިން އެއްވެސް ނިޒާމަކަށް ނުފެތޭ އަމިއްލަ ނިޒާމުތަކެވެ

Friday, August 5, 2022

ކެޕްޓަން ހައިވަކަރު އަޙްމަދުފުޅުގެ ޤައުމީ ޚިދުމަތް

 





 

ޢަބްދުﷲ ސަޢީދު

ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި މއ. ހައިވަކަރުގޭ އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅުގެ ފުރިހަމަ ނަންފުޅަކީ އަޙްމަދު ޔޫސުފެވެ. އެމަނިކުފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ  1 ސެޕްޓެންބަރު 1932 ގައެވެ. ބައްޕައަކީ ޔޫސުފް އާދަމެވެ. މަންމައަކީ ޢާއިޝަތު އަބޫބަކުރެވެ.

ހައިވަކަރު އަޙުމަދު ފުޅު ތަޢުލީމް ޙާޞިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އެމަނިކުފާނުގެ ޤައުމީ ޚިދުމަތުގެ ފެށުމަކީ ދިވެހި އަސްކަރިއްޔާއެވެ. ހައިވަކަރު އަަޙްމަދުފުޅު ދިވެހި އަސްކަރިއްޔާއާ ގުޅިވަޑައިގަތީ 08 އޮކުޓޫބަރު 1953ގައެވެ. އެ ދުވަހުން ފެށިގެން އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު 24 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވިއެވެ. މި ދިގު މުއްދަތުގެ ތެރޭގައި ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި، 2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަމާއި ކެޕްޓަންގެ މަޤާމު އަދާކުރެއްވިއެވެ. ހައިވަކަރު އަޙްމަދު ފުޅު ފާހަގަކުރެވިފައިވަނީ ހިންގުންތެރި ލީޑަރެއްގެ ގޮތުގައެވެ. ޚާއްޞަގޮތެއްގައި އިދާރީ ހިންގުންތެރިކަމާއި މެނޭޖްމަންޓުގެ ދާއިރާއިން އަސްކަރިއްޔާއަށް ކޮށްދެވި ޚިދުމަތްތައް ގިނަގުނައެވެ. އަސްކަރިއްޔާގެ ގަވާއިދުތަކާއި ނިޒާމުތަކާއި އުސޫލުތައް އަދި އަސްކަރީ ފަލްސަފާތައް ނަގަހައްޓައި ދެމެހެއްޓެވުމުގައި ހައިވަކަރު އަޙްމަދު ފުޅަކީ އަމިއްލަ ޝަޚްސިއްޔަތުން ފުރިހަމަ ނަމޫނާއެއް ދައްކަވައިދެއްވި ވަރުގަދަ އަސްކަރީ ލީޑަރެކެވެ.

ސިފައިންގެ ޚިދުމަތާ ގުޅިވަޑައި ގެންނެވިއިރު ވެސް ހައިވަކަރު އަޙްމަދު ފުޅަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ ކުޅިވަރުގެ ޝަޚްސިއްޔަތެކެވެ. ޚާއްޞަގޮތެއްގައި އެއީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ޒަމާނީ ފުޓްބޯޅަ ކުޅެންފެށި ޖީލުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ މޮޅު ގޯލްކީޕަރެވެ. ފުޓްބޯޅައިގެ އިތުރުން ހޮކީއާއި ކްރިކެޓްފަދަ ގިނަ ކުޅިވަރުތަކެއް ކުޅުއްވި ހައިވަކަރު އަޙްމަދު ފުޅު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު ރަގަބީ ގުޅުއްވަން ފަށްޓަވައި، މަތީ ފެންވަރުގައި ރަގަބީ ކުޅުއްވިއެވެ.

ހައިވަކަރު އަޙްމަދު ފުޅަކީ ކޮންމެ ކަމެއް ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ކަމަށްކަމޭ ހިތްތަވައިގެން ކުރެއްވި ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގެ ތެރެއިން އޭރަކު ކުރައްވަން ޖެހިވަޑައިގެންނެވި ކޮންމެ ކަމެއް ފަސްޖެހިވަޑައި ނުގެން ކުރެއްވި، އަމުރަށް ކިޔަމަންތެރި އަދި ނަޒާހަތްތެރި ބޭފުޅެކެވެ. އެއީ އެ މަނިކުފާނުގެ އަސްކަރީ ހަޔާތުގައި ރާއްޖޭގައި ހިނގާދިޔަ ދާޚިލީ ބޮޑެތި ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމުގައި ސިފައިން ހިންގި ބޮޑެތި ޚާއްޞަ އޮޕަރޭޝަންތަކުގައި ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު ވެފައިވަނީ ޤާނޫނާއި ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެވަޑައިގެންނެވި އަދި އެހާމެ ޝައުޤުވެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭފުޅަކަށެވެ. ސިފައިންގެ ތެރޭގައި ފުލުހުންގެ ޚިދުމަތް އޮތްއިރު އެ ޚިދުމަތުގެ ތެރޭގައި ވެސް އިސް މަޤާމުތަކެއް ފުރުއްވިއެވެ. މިގޮތުން 27 އޮގަސްޓް 1960ގައި ތަހުގީގު އޮފީހުގެ މަސައްކަތްފެށުނުއިރު މާރާމާރީއާ ބެހޭ ބައިގެ ވެރިޔާގެ އެހީތެރިއަކަށް ހުންނެވީ އެ މަނިކުފާނެވެ. އެއީ އަސްކަރިއްޔާއިން ލިބިވަޑައިގަންނަވަމުން ދިޔަ ތަޖުރިބާގެ އަލީގައި ޝަޚްސިއްޔަތު ބިނާކުރެއްވި ސިފަވަންތަ ލީޑަރެކެވެ. ހައިވަކަރު އަޙްމަދު ފުޅުގެ ޝަޚްސިއްޔަތުން ފާހަގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ އަސްކަރީ މަތިވެރި އަޚްލާޤެވެ. އެއީ ވަގުތަށް ކަމޭހިތެއްވުމާއި ވެރިންނަށް ކިޔަމަންތެރިވުމުގައި ނަމޫނާ ބޭފުޅެކެވެ.

ހައިވަކަރު އަޙްމަދު ފުޅު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 27 ޑިސެންބަރު 1978 އެވެ. އެއީ ސިފައިންގެ އެންމެ މަތީ ފަންތީގައި ދިވެހި އަސްކަރިއްޔާއަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވި އަސްކަރީ ލީޑަރެކެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށްފަހު ވެސް ދިވެހި ދައުލަތަށާއި ސަރުކާރަށް އެ މަނިކުފާނު ވަނީ ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައެވެ. މިގޮތުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މުލަކަ އަތޮޅާއި ފާދިއްޕޮޅާއި އައްޑުއަތޮޅުގެ އަތޮޅުވެރިކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޕްރޮވިންސަލް އެފެއަރޒްގެ އެސިސްޓެންޓް އަންޑަރ ސެކެޓްރީކަމާއި، ރެންޓަލް ޑިވިޝަންގެ އެސިސްޓެންޓް މެނޭޖަރުކަމާއި، މެނޭޖަރުކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަމާއި، މިނިސްޓްރީ އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ ގެ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރު ޖެނެރަލްކަމާއި، ކޮމިޔުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޑިރެކްޓަރު ޖެނެރަލްކަން ހިމެނެއެވެ.

 ހައިވަކަރު އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި ގާނޫނާއި ގަވާއިދުތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ޚިދުމަތް ކުރެއްވި ކޮންމެ ދާއިރާއެއްގައި ވެސް ވެރިންނާއި މުވައްޒިފުންގެ އިތުބާރު ހޯއްދެވި ބޭފުޅެކެވެ. ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށާއި ހަރުދަނާ ނިޒާމުތަކާއި އުސޫލުތައް އެކުލަވާލައްވައި އެގޮތުގެ މަތިން އަމިއްލަފުޅު ޝަޚްސިއްޔަތުން ނަމޫނާ މިސާލު ދައްކަވަމުން ލީޑުކުރެއްވި ވެރިއެކެވެ.

މީގެތެރެއިން ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ދިވެހިރާއްޖެއަށް ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާކަމުގައިވާ 1988 ނޮވެންބަރު 3ގެ ޢުދުވާނީ ޙަމަލާގައި އެމަނިކުފާނު ކުރެއްވި އަގުހުރި ޤައުމީ ޚިދުމަތެވެ. އޭރު އެމަނިކުފާނު ހުންނެވީ ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުގެ މަޤާމުގައެވެ. އެ ޙަމަލާ ދޭން ފެށުމާއެކު ފަތިހު ހޮސްޕިޓަލަށް ވަޑައިގެން ޑޮކްޓަރުންނާއި ނަރުހުން ޚިދުމަތަށް ނެރުއްވައި، އަސްކަރީ ކޭމްޕެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތްދޭ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ބަދަލުކުރެއްވިއެވެ. އޭރު އެތަނުގައި ތިއްބެވި މަދު އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއެކު އެ ދުވަސްވަރު ހުރިހާ ވަގުތެއް އެމަނިކުފާނު ހޭދަކުރެއްވީ ހޮސްޕިޓަލުގައެވެ. އޭރު މާލޭގައި އިތުރު ހޮސްޕިޓަލެއް ނެތުމާއެކު ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާތައް ކުރިއަށް ގެންދެވޭގޮތް ހަމަޖައްސަވަމުން ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ބޮޑެތި ޒަޚަމްތައްވީ ފަރާތްތަކަށް ފަރުވާދެވޭނެ އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދެވިއެވެ.

ރައީސް މައުމޫނުގެ ޒަޢާމަތު ފެށުނުއިރު ހައިވަކަރު އަޙްމަދު ފުޅު ހުންނެވީ ސިފައިންގެ 1 ނަންބަރު ސަރުކާރުގެ ރޭންކުގައެވެ. އެ ދުވަސްވަރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އެންމެ އިސް ބޭފުޅުން ތިއްބެވީ އެ ރޭންކުގައެވެ. 13 ނޮވެންބަރު 1978 ގައި ސިފައިންގެ 1 ނަންބަރު ސަރުދާރުގެ ރޭންކާ އެއްވަރު ރޭންކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކެޕްޓަންގެ ރޭންކު ހަމަޖެއްސެވިއެވެ. އެހެންކަމުން ހައިވަކަރު އަޙްމަދު ފުޅު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ އޭރު ސިފައިންގެ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން ސިފައިންގެ އެންމެ އިސް ރޭންކު ކަމުގައިވާ ކެޕްޓަން ރޭންކުގައެވެ.  ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް، ރައީސް ނާޞިރުގެ ވެރިކަން ގާނޫނާއެއްގޮތަށް އޮމާންކަމާއެކު ބަދަލުކުރެވިގެން ދިއުމުގައި އަސްކަރިއްޔާގެ އޭރުގެ ލީޑަރޝިޕުން ކުރެއްވި އިޚްލާޞްތެރި މަސައްކަތުގައި ހައިވަކަރު އަޙްމަދު ފުޅު އިސް ދައުރެއް އަދާކުރެއްވިއެވެ. ސިފައިންގޭގައި އެންމެ އިސް ރޭންކެއްގެ ގޮތުގައި ކެޕްޓަންގެ ރޭންކް ހަމަޖެއްސެވިއިރު އެ ރޭންކުގެ އިންސިގްނިއަރ އަކީ  ހުރަހަށް ކިނާރީ ފަށެއްއަޅައި އެ ފަށާ ޖެހިގެން ޕިޕެއް ޖަހާފައި ހުންނަ މަހުމާގަނޑެކެވެ.

އަލްމަރްޙޫމް ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު 2022 އޮގަސްޓް 5 ވީ ހުކުރު ދުވަހު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. އަވަހާރަވިއިރު ޢުމުރުފުޅަކީ، 89 އަހަރެވެ. ފަސްދާނު ލެވުނީ މާލޭ އާސަހަރާގައެވެ.

ހައިވަކަރު އަޙްމަދު ފުޅާ ބައްދަލުކޮށް އެ މަނިކުފާނުގެ އަސްކަރީ ޚިދުމަތުގެ ދުވަސްވަރު ސިފައިންގޭގެ  ކަންތައްތައް ހުރިގޮތުގެ މައްޗަށް އެއްފަހަރަށްވުރެ ގިނަ ފަހަރު ވާހަކަ ދައްކައި މަޢުލޫމާތު ހޯދުމުގެ ފުރުސަތު އަޅުގަނޑަށް އެމަނިކުފާނު ދެއްވިއެވެ. އަމިއްލަފުޅު ގޭގައި ވެސް ބައްދަލުކުރެއްވިއެވެ. އަތްޕުޅުގައި ހުރި ފޮޓޯތައް ދައްކަވައި ބައެއް ފޮޓޯ ހިއްސާކުރެއްވިއެވެ. އަމިއްލަފުޅު ވަރަށް ގިނަ ވާހަކަތަކާއި ތަޖުރިބާތައް ހިއްސާކުރެއްވިއެވެ. އެއިން ކޮންމެ ފުރުސަތެއްގައި ވެސް އަޅުގަނޑަށް އިހުސާސް ކުރެވުނީ އެ މަނިކުފާނަކީ ސިފައިންގެ ބޭފުޅެއްކަމެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވައިގެން ހުންނެވިތާ އެތައް އަހަރެއް ފާއިތުވެދިޔައިރު ވެސް އެމަނިކުފާނުގެ ޝަޚްސިއްޔަތުގައިވާ ސިފަވަންތަކަން ފަނޑުނުވާކަމެވެ. ގަޑިއަށް ފަރުވާތެރިވުމުގައި ފެނުނީ ފުރިހަމަ ނަމޫނާއެކެވެ. ދެން ފާހަގަވީ ދިވެހި އަސްކަރިއްޔާއާމެދު އޮތް މަތިވެރި ލޯތްބެވެ. އޭރުގެ ވާހަކަތައް އާކައިވްކޮށްދެއްވުމަށް އޮތް ޝައުޤުވެރިކަމެވެ. އެ އަގުހުރި މަސައްކަތްޕުޅުވީ ދިވެހި އަސްކަރީ ތާރީޚަށް ލިބުނު ވަރަށް ބޮޑު މުއްސަނދިކަމަކަށެވެ.

އަޅުގަނޑުގެ ހެޔޮ ދުޢާއަކީ އިޚްލާޞްތެރިިކަމާއި ވަފާތެރިކަމުގައި ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ދައުލަތަށް ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި ހެޔޮ ދަރުމަ މިންވަރުކުރެއްވުމެވެ.