Tuesday, July 11, 2023

އަމީން ދީދީގެ ވެރިކަން ބަދަލުކޮށްލި އިންގިލާބު

 


ޢަބްދުﷲ ސަޢީދު

 

ސުމުއްވުލް އަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ސިފައިންގެ އަނބުގަސްދޮށުގައި ހުންނަވަނިކޮށް ސިފައިންގެ އެތެރެއަށް އާންމުންގެ ބަޔަކު ވަދެ އެމަނިކުފާނުގެ ހަށިކޮޅަށް އަރައިގެންފިއެވެ. އޭރު އެމަނިކުފާނުގެ ދެއަތްޕުޅުގައި ވަނީ ބިޑިއަޅާފައެވެ. ތަޅާ އަނިޔާކުރަމުން ގެންގޮސް ސިފައިންގެ މައިދޮރުއަށިން ނެރުނީ ގުޅަކުޅޭ ފަސްގަނޑަށެވެ. އޭރު ހުރި ސިފައިންގޭގެ މޫނުމަތި ހުންނަނީ ސަލްޓަންޕާކުގެ ކުރިމައްޗަށް ވާގޮތަށް ގުޅަކުޅޭ ފަސްގަނޑަށެވެ.

 

އަތުޖެހުނު މީހަކު ހިތުހުރި ވަރަކަށް ތަޅާ އަނިޔާކުރަނީއެވެ. ބަސްފުޅެއް ވިދާޅެއް ނުވެއެވެ. ރައްޔިތުންވަނީ ރުޅިއައިސް ރަތްވެފައެވެ. މަގުމަތީގައި ޖަހާފައިވާ ކަރަންޓް ބައްތި ދަޑިއެއްގެ ދެފަރާތަށް ދެފައިލައި އިރާލަން ވެސް ބަޔަކު މަސައްކަތްކުރިއެވެ. އޮށްގާހުރި ވެލި ފުންޏެއް މައްޗަށް ދަމަމުން އެރުވައެވެ. އެ ވެލިފުނިން ފޮރޮޅާލައި ވައްޓާލައެވެ. އެންމެފަހުން އޮރިޔާން ހާލުކޮޅުގައި ގެންގޮސް އެއްލާލީ ފަޅުމަތީގައި އޮތް ބޮއްކުރައަކަށެވެ. އެވަރަކުން ވެސް ހިތެއް ނުފުރުނެވެ. ފަޅުގައި އޮތް ބައްތެއްޔެއްގެ ތައްޓުމައްޗަށް އެއްލާލިއެވެ. އޭރުވަނީ ތުންފަތްޕުޅާއި އިސްތަށިފުޅު ފަޅާލައިފައެވެ. ކަންފަތްފުޅުންނާއި ނޭފަތްޕުޅާއި އަނގަފުޅުން ލޭއާދެއެވެ. ދެ ލޯފުޅުން ވަނީ ކަރުނަ ހުސްވެފައެވެ.

 

އިރުއެރީ ހޫނު ގަދަ ދުވަހަކަށެވެ. އަރަމުން އައި އިރާއެކު މުޙައްމަދު އަމީނުގެ ހަށިކޮޅުން ފައިބައިފާވާ ލޭފޮދު ދިޔައީ ހިކެމުނެއެވެ. އެ ހާލާތުކޮޅުގައި އޮންނަވަނިކޮށް ފަތްޖެހި އެނދެއްގައި ގެންދެވުނީ ތަޙްޤީޤަށެވެ. ފަތްޖެހި އެނދުގައި އޮންނެވި މުޙައްމަދު އަމީން ތަޙުޤީޤަށް އެއްބާރުލުން ދެއްވައި އިޙްތިރާމު އަދާކުރެއްވުމަށް ވަރަށް މަސައްކަތްޕުޅުން ތެދުވެވަޑައިގެން އެނދުގައި އިށީނދެ ވަޑައިގަތެވެ. އަދި އެ މަނިކުފާނުގެ އިޢުތިރާފު ބަޔާން ދެއްވިއެވެ.

 

    "އަޅުގަނޑަކީ މިއިން ޒަމާނަކު ނުވާވަރަށް ޤައުމަށް ޚިޔާނާތްތެރިވެ ކުށްވެރިވެފައިވާ މީހެއް ކަމުގައި ޤަބޫލުކުރަމެވެ."

 

ތަޙުޤީޤާއި ޝަރީޢަތް ވެސް ނިމިއްޖެއެވެ. ޝަރީޢަތުން ޙުކުމް ކުރެއްވީ 39 އެތިފަހަރުން ތައުޒީރުކޮށް ހިލިހިލާޖަހައި އުމުރަށް އަރުވާލެއްވުމަށެވެ. އެ ހާލަތުކޮޅުގައި އޮންނަވަނިކޮށް ތައުޒީރު ނުކުރެވޭނެތީ އެކަން ފަސްކުރީއެވެ. އަރުވާލެއްވީ މާލެ އަތޮޅު ގާފަރަށެވެ. މުޙައްމަދު އަމީނުގެ ހަށިކޮޅުގެ ބޭރުފުށުން ފެންނަމުންދިޔަ ފާރުތަކަށްވުރެ އެތެރެހަށީގެ ވޭންތައް މާބޮޑެވެ. ހަށިކޮޅު ވަނީ ފާވެފައެވެ. ފަރީކުޅުއްވައެއް ނުހެއްދެވެއެވެ. ހާލުކޮޅު ބޮޑުވުމުން ބަދަލުކުރެއްވީ މާލެއަތޮޅު ވިހަމަނާފުށްޓަށެވެ. އެއީ މިހާރުގެ ކުރުނބާ މޯލްޑިވްސް ކިޔާ ރިސޯޓެވެ. ކުރެވުނީ ނަމަކަށް ކުރެވުނު ދިވެހި ބޭހެވެ. އެ ބޭހުގައި ވެސް ވަނީ ބަދަލު ހިފުމުގެ ރޫޙެވެ. އެކުރި ބޭހަކުން ހަށިކޮޅަށް އެއްވެސް ޝިފާ ލިބިވަޑައި ނުގެން އެމަނިކުފާނުގެ ހާލުކޮޅުވީ އިތުރަށް ގޯހެވެ. އެތެރެހަށިކޮޅު އިންފެކްޓްވެ ހާލުކޮޅު ނެތުނު އިރުވެސް އެކަން އެކަން އޮތީ ސިއްރުވެފައެވެ. ނުވަތަ ސިއްރުކޮށްފައެވެ. މާލެއިން ޑޮކްޓަރަކު ގެންދިޔައިރު ވަގުތު ފާއިތުވެއްޖެއެވެ. އޭރު އޮންނެވީ އިތުރު ފަރުވާއެއް ދެވޭވަރަށް ވުރެ ހާލުކޮޅު މާ ބޮޑަށް ވެސް ގޯސްވެފައެވެ. އެރޭ އާދެ! ޖެނުއަރީ 19، 1954 ދުވަހުގެރޭ މެންދަމު 1:00 ގައި މި ދުނިޔެއާ އެމަނިކުފާނު އަލްވަދާޢު ވިދާޅުވެއްޖެއެވެ.

\

 

ވިހަމަނާފުށްޓަށްގޮސް އެމަނިކުފާނު ހަށިކޮޅު ދެކެވަޑައިގެންނެވުމުގެ ފުރުސަތު ޢާއިލާއިން ލިބިވަޑައިގެންނެވި މެންބަރަކީ ހަމައެކަނި ދަރިކަނބަލުން އަމީނާ މުޙައްމަދު އަމީނެވެ. އަމީނާގެ އަރިހުގައި މާރަންދޫގޭ ޢައިޝަތު ދީދީ ވަޑައިގެންނެވިއެވެ. އަމީނާ ދެކެވަޑައިގެންނެވި ބައްޕާފުޅުގެ ސިފަފުޅު ވަނީ ގެއްލިފައެވެ. އޮންނެވި ހިސާބުގައި ހުރީ ލެއިން ތަތްތެޅިފައިވާ ކަފަތަކެވެ. ކަރުނައިގެ ތެރެއިން އެކަމަނާއަށް ފެނިވަޑައިގެންނެވީ އެއްވެސް ރަޙުމަތްނެތި ބައްޕާފުޅުގެ ސަންދޯއްކޮޅު ބަޔަކު އުފުލާތީއެވެ. ބަޔަކު އެކަމާ އުފާކޮށް މަލާމާތުގެ ރަކިހިނިހޭތީއެވެ.


 

ޖެނުއަރީ 1، 1953 ގައި އުފެދުނު ފުރަތަމަ ޖުމްހޫރީ ވެރިކަން އިންގިލާބަކުން ވައްޓާލިއިރު މުޙައްމަދު އަމީން ހުންނެވީ ބޭސްކޮޅަކަށް ވަޑައިގެން ސްރީލަންކާގައެވެ. ވެރިކަން ބަދަލުކުރި އިންގިލާބީ ލީޑަރުންނަކީ ވެލާނާގޭ އިބްރާހީމް މުޙައްމަދު ދީދީއާއި، އެއްގަމުގޭ އިބްރާހީމް ފާމުދޭރި ކިލެގެފާނެވެ. މި ރޭވުން ރާވާ ހިންގެވުމުގައި ދެން ތިއްބެވީ މާޖެހިގޭ މުޙައްމަދު ދީދީއާއި، ފާމުދޭރިގޭ އަޙްމަދު ޒަކީއާއި މުޙައްމަދު ޒަކީގެ އިތުރުން ވެލާނާގޭ އިބްރާހީމް ނާޞިރެވެ. މި ބޭފުޅުންގެ ތެރޭގައި އިބްރާހީމް ފާމުލަދޭރި ކިލެގެފާނަކީ ސިޔާސީ ގޮތުން އެންމެ ހަރުދަނާ އެންމެ ތަޖުރިބާކާރު ލީޑަރެވެ. އިބްރާހީމް ދީދީ އަކީ މުޙައްމަދު އަމީންގެ ޖުމްހޫރީ ވެރިކަމުގައި ޚިޔާރުކުރެއްވި ނާއިބު ރައީސެވެ.


 

އޭރު ދިވެހިރާއްޖެ އޮތީ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައެވެ. ރާއްޖޭގެ ހާލަތު އެންމެ ގާތުން ބަލާނެ އަދި އެނގޭނެ ބޭރުގެ ބަޔަކީ އެއީއެވެ. މުޙައްމަދު އަމީން ނިސްބަތްވެ ވަޑައިގަންނަވާ އަތިރީގޭ ޚާދާނާއި އިނގިރޭސީންނާ ޒަމާނުއްސުރެ އޮތީ ބަދަހި، ގާތް ގުޅުމެކެވެ. މުޙައްމަދު އަމީނާ ވެސް ވަރަށް ގާތް ގުޅުމެއް އޮތްތަން ފެނުނެވެ. އެކަމަކު އެ ދީދީއަށް އިނގިރޭސީންގެ އެހީތެރިކަން އެންމެ ބޭނުންފުޅުވި ވަގުތު އެ މީހުން ވަނީ ލޯ މަރާލާފައެވެ. އަމީން ދީދީގެ ވެރިކަން ބަދަލުވެގެން ދިޔަ ގޮތާމެދު އިނގިރޭސީން އިންގިލާބީ ވެރީންނާ ސުވާލެއް ނުކުރެއެވެ. އޭގެބަދަލުގައި ދިނީ އެއްބާރުލުމެވެ. އޭރު ރާއްޖެއަށް އެންމެ ބޭނުން ވެފައިވަނީ ރާއްޖެއިން ބޭރުން ކާޑު ހޯދުމެވެ. އެކަމުގައި އިނގިރޭސީން މަދަދުވެރިކަން ފޯކޮށްދިނެވެ. ސްރީލަންކާއާއި އިންޑިއާއާއި ޕާކިސްތާނުން ވެސް ކާޑު ލިބޭނެ މަގު ފަހިކޮށްދިނެވެ. މުޙައްމަދު އަމީނުގެ ވެރިކަމަށް ހިމާޔަތާއި ރައްކާތެރިކަން ނުދިންތާނގައި، އެންމެ ކުޑަ މިނުން ބޭރުން ބޭސް ފަރުވާ ކުރެއްވޭނެ އިންތިޒާމު ވެސް ހަމަޖައްސައި ނުދިނެވެ.

 

މުޙައްމަދު އަމީންގެ ވެރިކަން ބަދަލުކޮށްލި އިންގިލާބަކީ ރޭވުންތެރިކަމާއެކު ދުރާލައި ރާވައިގެން ހިންގާފައިވާ ކަމެކެވެ. ރައްޔިތުންގެ ވިސްނުމާއި ފިކުރާ ކުޅެލައިގެން ހިންގާފައިވާ ކަމެކެވެ. 1953 އޯގަސްޓް 21ވީ ހުކުރު ދުވަހު ހުކުރުން ފައިބައިގެން ގުޅަކުޅޭ ފަސްގަނޑަށް ހަވަރު އެއްވީއެވެ. ނޫނެކެވެ. ރާވައި ފައިވާގޮތަށް ރައްޔިތުން އެއްކުރީއެވެ. މުޙައްމަދު އަމީން ވެރިކަމުން ދުރުކޮށް، ވެރިކަމާ ހަވާލުވާންވީ ދެ ބޭފުޅެއްގެ ނަން ގޮވަންފެށީއެވެ. އެއީ ފާމުލަދޭރި ކިލެގެފާނާއި ވެލާނާގޭ އިބްރާހީމް ދީދީއެވެ. އެ ބޭފުޅުން ވެރިކަމާ ހަވާލުވެވަޑައި ގެންފިއެވެ. މުޙައްމަދު އަމީންގެ ވެރިކަން ބަދަލުވީއެވެ. ރާއްޖޭގައި ފުރަތަމަ އުފެދުނު ޖުމްހޫރީ ވެރިކަން ވެސް ނިމުމަކަށް އައީއެވެ. ޖުމްހޫރިއްޔާ އުވާލެއްވިކަން އިޢުލާންކުރެވުނެވެ. ރާއްޖެއިން ބޭރަށް މުއާސަލާތު ކުރެވޭ ހަމައެކަނި ވަސީލަތް ކަމަށްވާ ވަޔަރލެސް އޮފީހުގައި ތަޅު އެޅުވިއެވެ. އޭރުއޮތް ހަމައެކަނި ސިޔާސީ ޕާޓީ ކަމަށްވާ މުތަޤައްދިމް ޕާޓީ އާއި ރައްޔިތުންގެ ގެއާއި ސެނެޓް ވެސް އުވާލިއެވެ. އެއަށްފަހު ފަސް މެންބަރުން ހިމެނޭ އިންގިލާބީ ކޮމެޓީއަކުން ރާއްޖޭގެ ވެރިކަންކުރައްވަން ފެށްޓެވިއެވެ. ސިފައިންގެ ވެރިކަމާއި އިންގިލާބީ ކޮމެޓީގެ ވެރިއަކަށް ހުންނެވީ ވެލާނާގޭ އިބްރާހިމް މުޙައްމަދު ދީދީއެވެ. މުޙައްމަދު އަމީނުގެ ނާއިބު ރައީސެވެ. އެއީ އަމީން ދީދީ ބޭސްކޮޅަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވިއިރު ހުރިހާ ބާރުތަކެއް ހަވާލުކުރެއްވި އެމަނިފާނު އެންމެ އިތުބާރު ކުރެއްވި އެ މަނިކުފާނު ވިދާޅުވާ "އިބްރާހީމްބޭބެ" އެވެ.

 

ރާއްޖޭގެ ޤާނޫނީ ވެރިކަން ވަރަށް ފަސޭހައިން ބަދަލުވެއްޖެއެވެ. ލޭއޮހޮރުމެއް ނެތް އިންގިލާބެކެވެ. އެކަން އެހެން ނަޒަރަކުން ބަލާއިރު ދިވެހި ދައުލަތް ހިނގަވަމުން ގެންދެވި ގޮތާމެދު އާންމު ރައްޔިތުންގެ އިތުބާރު ޤައުމުގެ ރައީސަށް ގެއްލިވަޑައިގެންނެވީއެވެ. ރައްޔިތުން ނިކުމެ އެކަން ފާޅުކުރީއެވެ. ދައުލަތް ހިނގަމުންދިޔަ ގޮތާމެދު ރައްޔިތުން އިޢުތިރާޟް ކުރާކަން ވަރަށް ހަރުދަނާ ގޮތެއްގައި ހާމަކުރީއެވެ. ރައްޔިތުން އެބައި މީހުންނަށް އިތުބާރު ކުރެވޭ ދެ ބޭފުޅަކަށް އެބައި މީހުންގެ ދައުލަތް ހިންގަވައި ދެއްވުމަށް ދެންނެވީމެވެ. ޤައުމުގެ ހާލަތު އޮތް ހިސާބުން އެއީ ޤައުމީ ޒިންމާއެއްކަމުގައި ދެކެވަޑައިގެން އެ ބޭފުޅުން އަމިއްލަފުޅު އެއްވެސް އެދުމެއްނެތި ދައުލަތް ހިންގަވައި ދެއްވުމާ ހަވާލުވެވަޑައި ގެންނެވީއެވެ. ކުރީގެ ރައީސް ޞާހިބުއް ފަޙާމާ މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނުގެ ވެރިކަން އެ ހިނދުން ނިމުމަކަށް އައީއެވެ.

 

އޭރު ދިވެހި ދައުލަތް ކުރިމަތިލާފައި އޮތީ ބަޔާން ނުކުރެވޭފަދަ ދަތި އުނދަގޫ ހާލަތަކާއެވެ. ޤައުމަށް ލިބޭ އާމުދަނީއާއި ލިބޭ ފައިސާކޮޅު މަދެވެ. އިސްރާފު ބޮޑެވެ. ދިރިއުޅުމުގެ ކޮންމެ ކަމެއް ޞުލްޙަވެރިކަމުގައި ހިންގޭނެ ގޮތެއް ނެތެވެ. ރައްޔިތުން ދެކުނު ގޮތުގައި އިސްލާމްދީނުގެ ހަމަތައް ދިޔައީ ޤައުމުގައި ގެއްލެމުންނެވެ. ކާބޯތަކެއްޗަށް ވަނީ ޖެހިފައެވެ. ރައްޔިތުން ތަހަންމަލު ކުރަންޖެހިގެން އުޅޭ ދަތި އުނދަގޫ ހާލަތުގެ އަސްލަކީ އަމީން ދީދީ ރާއްޖެއަށް ގެންނެވި ވެރިކަން ކުރުމުގެ ފަރަންޖީ ނިޒާމާއި ޚުދު އެމަނިކުފާނުގެ ނާގާބިލު ކަމެވެ. އިޤްތިޞާދީ ގޮތުންނާއި ތަޢުލީމީ ގޮތުން ޢުމްރާނީ ގޮތުންނާއި ޤާނޫނީ ގޮތުން ވެސް ޤައުމަށް ވަނީ ބޮޑެތި ބަދަލުތަކެއް ގެންނަން ޖެހިފައެވެ. ތަނެއް އިސްލާހުކުރާނޭ ދަރީން އެތަނަކުން އުފެދުމަކީ ޤުދުރަތީ ޤާނޫނެވެ. އާންމު ދިވެހީން ޤަބޫލުކޮށްގެން ތިބީ މިގޮތަށެވެ.

 

މުޙައްމަދު އަމީންގެ ވެރިކަން ބަދަލުވެގެން ދިޔަގޮތް އެނގިވަޑައި ނުގަންނަވަނީ އެމަނިކުފާނަށެވެ. ވެރިކަމުގެ ބާރުތަކާ ހަވާލުވެވަޑައިގެން ތިއްބެވި ބޭފުޅުން އެކަން އެ މަނިކުފާނަށް ސިއްރުކުރެއްވިއެވެ. ރޭވުން ވަރަށް ފުރިހަމައެވެ. އަމީން ދީދީ މާލެ ގެންނެވުމަށް ވަޔަރލެސް އެއް ފޮނުވިއެވެ. އޭރު އިނގިރޭސީންގެ ކަނޑަށް ޖައްސާ ބޯޓެއް އޮތީ ދަތުރަށް ތައްޔާރުވެފައެވެ. ރައްޔިތުންގެ ތެރޭގައި ހަމަނުޖެހުން އުފެދިގެން އުޅޭކަމަށާއި އެކަން ހައްލުކުރެއްވުމަށް ވީހާވެސް އަވަހަކަށް މާލެވަޑައިގަތުމަށް ދަންނަވައިފިއެވެ. މުޙައްމަދު އަމީން މާލެވަޑައިގެންނެވީ އިނގިރޭސީންގެ އާރްއޭއެފްގެ ކަނޑަށްޖައްސާ މަތިންދާ ބޯޓެއްގައި އޯގަސްޓް 13، 1953 ގައެވެ. ބޯޓުން ބާލުއްވައިގެން ގެންދަވައި ވަގުތުން ދޫނިދޫގައި ހައްޔަރުކުރެއްވީއެވެ.

 

    "ކުރީގެ ރައީސް ޞާޙިބުއްފަޙާމާ މުޙައްމަދު އަމީން ރާއްޖެ ވަޑައިގެން އޭނާގެ މަޤާމުތަކުން ވަކިވެވަޑައިގަތީއެވެ. ރައްޔިތުންގެ އެދުމާ އެއްގޮތްވާ ގޮތުގެމަތީން އެމަނިކުފާނު މިހާރު އެހުންނެވީ ދޫނިދޫގައި ބަންދުވެފައެވެ."

 

ސަރުކާރުގެ ޚަބަރުގައި އޮތީ މި ހެންނެވެ.

 

އެ ދުވަހުގެ އެ މަންޒަރު އިނގިރޭސީން ދެކޭނެއެވެ. އެ ހާލަތަކީ އެ މީހުންނަށް ނޭނގިއައި ހާލަތެއް ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ. ނޭނގެނީ އެ މީހުންގެ ބައިވެރިވުމާއި ރުހުމާއި އެއްބާރުލުން ދިން މިންވަރެކެވެ. ރާއްޖޭގެ އެތެރެފުށުގެ ކަންތައްތަކާ އޭގެކުރިންނާއި އޭގެ ފަހުން ވެސް އިނގިރޭސީން ބެހި ހަދާފައިވާ މިންވަރަށް ބަލާއިރު ޤަބޫލުކުރަން ފަސޭހައީ މިގޮތެވެ.

 

އެ ދުވަސްވަރު މުޙައްމަދު އަމީނު ހުންނެވީ ވަރަށް ބޮޑަށް ދެރަފުޅު ވެފައެވެ. އިންގިލާބީ ވެރިންގެ ހީލަތްތެރި ރޭވުމުގެ ދަށުން ދޫނިދޫގައި ހައްޔަރު ކުރެއްވުމުންނެވެ. އެކަމަކު މިއީ ދުނިޔެކަމާއި ސިޔާސީ ކަންތައްތަކަކީ މިފަދަ ކަމެއްކަމަށް އެމަނިކުފާނު އަމިއްލަފުޅު ޒަމީރަށް ވިސްނަވައި ދެއްވިއެވެ. ކަޅު އަނދިރި ކޮންމެ ރެއެއް ވެސް ވިލޭނީ އަލި އަމާން ފަތިހަކަށްކަން ޤަބޫލުފުޅު ކުރެއްވިއެވެ. ބަންދުގައި ހުންނަވައިގެން ދަރިކަނބަލުންނަށް ލިޔުއްވި އަސަރުގަދަ ސިޓީފުޅުގައި ވިދާޅުވެއެވެ.

 

    "އަދަކީ އިއްޔެ އާއި، ވަރަށް ތަފާތު ދުވަހެކެވެ. އަދި މާދަމާ އަކީ، މިއަދާއި ވަރަށް ވެސް ތަފާތު ދުވަހަކަށް ވުމަކީ، އެކަށީގެންވާ ކަމެކެވެ."

 

އެއީ ސިޔާސީ މުހައްނިކެކެވެ. ޒަމާނަށް ހޭލުންތެރި އެ ޒަމާނަށް ބަލާއިރު އެތައް ރޮނގަކުން ކުރީގައި އުޅުއްވި ޢިލްމީ ބޭފުޅެކެވެ. ދުނިޔޭގައި ކުލަތައް އަރާ ބަދަލުވާގޮތާމެދު އެމަނިކުފާނުގެ އެއްވެސް ޝަކުވާއެއް ނެތް ކަހަލައެވެ.

 

    "އާއެކެވެ. ދުނިޔެއަކީ ވަރަށް ގިނަ ފަހަރަށް ބޭވަފާތެރި އެއްޗެކެވެ. ނަސީބާއި ކާމިޔާބުގެ ސިނޑިން މީހަކު އަރަމުން ދާއިރު، ދުނިޔެ އޮންނަނީ އެ މީހެއްގެ މައްޗަށް ހިނިތުންވެފައެވެ. ނަސީބު ގެއްލިގެން ދިއުމުން، ދުނިޔެ ތުން ފިއްތަން ފަށަނީ ވަރަށް ވެސް އަވަހަށެވެ."

 

މިއީ އަމީން ދެކެވަޑައިގެންނެވި ގޮތެވެ.

 

ދޫނިދޫގައި އަމީން ދީދީ ހުންނަވަނިކޮށް ދަރިކަނބަލުން އަމީނާ ކަކާގޭ ޝަމުސުއްދީން ޙިލުމީއާ ކައިވެނިފުޅު ބައްލަވައިގެންފިއެވެ. އަމީން ދީދީ ކޮއްކޯފުޅު މަރިޔަމް އަމީން އޭރު ވަނީ ކަކާގޭ އަޙްމަދު ޙިލްމީއާ ކައިވެނި ބައްލަވައިގެންފައެވެ. ޝަމުސުއްދީން ޙިލްމީގެ ދޮންބޭބެ ކަކާގޭ އިބްރާހީމް ޙިލްމީއަކީ ރާއްޖޭގެ ވެރިކަމަށް ޝައުޤުވެރި ބެއްލެވުމަކުން ބެއްލެވި ބޭފުޅެކެވެ. މުޙައްމަދު އަމީނަށް އޮޅުވާލެއްވި ބޭފުޅަކީ އެއީއެވެ.

 

    "މާލޭގައި ގިނަ މީހުން، ކީއްކުރަންތޯއެވެ؟ އެންމެން ވެސް ތިބީ ދައުލަތް ބަދަލުކޮށްލުމަށް އެދިގެންނެވެ."

 

މިއީ އިބްރާހީމް ޙިލްމީ މުޙައްމަދު އަމީނަށް އެރުވި ޔަޤީންކަމެވެ.

 

މުޙައްމަދު އަމީން ދޫނިދޫގައި ހުންނަވަނިކޮށް ސިއްރުން ސިޓީ ފޮނުއްވައި، އެންމެފަހުން އެއްރެއެއްގެ ދަންވަރު މާލެ ގެންނަވައިފިއެވެ. ސިފައިންނާއި ރައްޔިތުންގެ ތާޢީދާއި އިތުބާރު އޮތީ އެ މަނިކުފާނަށް ކަމުގައި ދަންނަވައިގެންނެވެ. އިބްރާހީމް ޙިލްމީއާއި ޝަމްސުއްދީން ޙިލްމީގެ އަރިހުގައި ފަށްއެޅި ޔުނީފޯމްކޮޅުގައި މުޙައްމަދު އަމީން ސިފައިންގެއަށް ވަޑައިގެންނެވިއެވެ. އެރޭ ސިފައިންގޭގައި ސިފައިންގެ އިސް އޮފިސަރަކަށް ހުންނެވީ ސަރުދާރު ދައްޕަރު މޫސާ މަނިކެވެ. ދައްޕަރު މޫސާ މަނިކުގެ އަރިހުގައި މުޙައްމަދު އަމީން އެދިވަޑައިގެންނެވީ އެމަނިކުފާނަށް އެއްބާރުލުން ދެއްވުމަށެވެ. އެވަގުތު މޫސާ މަނިކަށް ޖަވާބެއް ދެއްވަން ދަތިފުޅުވިއެވެ.

 

މުޙައްމަދު އަމީނަކީ މިހާރު ވެރިއެއްނޫން ކަމަށާއި އެއީ ދޫނިދޫގައި ދައުލަތުން ބަންދުކުރައްވާފައި ހުންނަވަނިކޮށް ޤަވާޢިދާ ޚިލާފަށް ވަޑައިގެން އުޅުއްވާ ބޭފުޅެއް ކަމަށް ދެންނެވީ ސިފައިންގެ ސަރުދާރެއް ކަމަށްވާ އޮގަރު ކަޅުހުއްތެވެ. އަމީން ވިދާޅުވިގޮތަށް ކަންތައް ކުރެވެން ނެތްކަމަށް ދައްޕަރު މޫސާ މަނިކު މުޙައްމަދު އަމީނަށް ދެންނެވީ އެ ހިސާބުންނެވެ. ކަންތައްތައް ސިފައިންގެ ތެރޭގައާއި މާލެތެރޭގައި އޮތީ މުޙައްމަދު އަމީނަށް މަޢުލޫމާތު ލިބިވަޑައިގެފައިވާ ގޮތަށް ނޫންކަން އެނގިވަޑައިގެންނެވިއެވެ. އިތުރަށް ކުރައްވާކަށް ކަމެއް ވަޑައިގަންނަވާނެ ތަނެއް ނެތެވެ. އެކަމަކު އިބްރާހީމް ޙިލްމީގެ ރޭވުންތަކާ އެއްގޮތަށް ވެރިކަން ބަދަލު ކުރުމުގެ ހަރަކާތްތައް ހިންގޭތޯ އެ ބޭފުޅުން އުޅުއްވިއެވެ. އެކަމަކު އެކަމެއް ހިނގާގޮތެއް ނުވިއެވެ. އިންގިލާބީ ލީޑަރުން އެއަށްވުރެ މާ ހުޝިޔާރެވެ. ނޫނީ ރައްޔިތުންގެ ތަޢީދު ޙަޤީޤަތުގައި ވެސް އޮތީ އެ ބޭފުޅުންނަށެވެ. ރަށުތެރޭގައި އަޑުގަދަވެ ގުޅަކުޅޭ ފަސްގަނޑަށް ރައްޔިތުން އެއްވާން ފަށައިފިއެވެ. އިވެންފެށީ މުޙައްމަދު އަމީނާއި އެމަނިކުފާނުގެ ބައިވެރިން ބަޣާވާތެއް ގެންނަން އުޅޭއަޑެވެ. ރައްޔިތުން ބޭނުންވެގެން އުފައްދާފައިވާ ސަރުކާރު ވައްޓާލައްވަން ބާރުގެ ބޭނުންކުރައްވާ އަޑެވެ. ރައްޔިތުން ތިބީ އެ ފުރުސަތު ދޭކަށް ނޫނެވެ. މާގިނައިރުތަކެއް ނުވަނީސް ދެން ފެނުނީ ސިފައިންގެ ތެރެއަށް އާންމު ރައްޔިތުން ވަދެގަންތަނެވެ. އަދި މުޙައްމަދު އަމީންގެ ހަށިކޮޅަށް މީހުންތައް އަރައިގަންތަނެވެ. އިބްރާހީމް ދީދީ އާއި އިބްރާހީމް ނާޞިރާ ދެ ބޭފުޅުން ވެސް އަމީން ދީދީ ހިމާޔަތް ކުރެވޭތޯ ބޭރުފުށުން މަސައްކަތް ކުރެއްވި ތަނެވެ. ހިތްޕުޅެއް ނޭނގެއެވެ.

 

ވެރިކަން އިންގިލާބު ކޮށްލި ދުވަހާއި އަމީން ދީދީ އަވަހާރަވީ ދުވަހާ ދެމެދުގައި ދިވެހިންގެ ތެރޭގައި މުޙައްމަދު އަމީނަށް ވަފާތެރި މީހަކު ނެތް ކަހަލައެވެ. އިންގިލާބީ ވެރިންގެ މައްޗަށް ބަހެއް ބުނެ އެހީތެރިކަމެއް ދެވޭނެ މީހަކު ނެތެވެ. ހަމްދަރުދީގެ ހިތެއް އޮތް މީހަކަށް ވެސް ހިމާޔަތެއް، ރައްކާތެރިކަމެއް ދެވޭނެ ގޮތެއް ނެތެވެ. އެ ފުރުސަތު އޮތް ބަޔަކީ ހަމައެކަނި އިނގިރޭސީންނެވެ. އެކަމަކު ކަން ހިނގައިދިޔަ މަގަށް ބެލީމާ ފެންނަނީ މުޙައްމަދު އަމީނަށް އިނގިރޭސީންގެ ވެސް އިތުބާރު ނެތްތަނެވެ.

 

އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް 1887 ވަނަ އަހަރު ރާއްޖެ ގެންދިޔަފަހުން، އެ އެއްބަސްވުން ފުރަތަމަ އާ ކުރެއްވީ 1948 ވަނަ އަހަރުއެވެ. އޭރު، ވަޒީރުއްދާޚިލިއްޔާ ކަމުގައި ހުންނަވައިގެން ވަލީކޮމެޓީގެ ފަރާތުން ދައުލަތް ހިންގަވުމުން ގެންދެވީ މުޙައްމަދު އަމީނެވެ. އެ އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން މުޙައްމަދު އަމީނުގެ އިތުރުން، ސޮއި ކުރެއްވީ އިބްރާހީމް ފާމުލަދޭރިކިލެގެފާނެވެ. އެ ކިލެގެފާނަކީ މުޙައްމަދު އަމީނުގެ ވެރިކަން އިންގިލާބުކޮށްލި ޕާޓީގެ އިސް ލީޑަރެކެވެ. ޖުމްހޫރީ ވެރިކަމަށްފަހު ރާއްޖޭގައި ޤާއިމުކުރެއްވުނު ރަސްކަމުގެ ފުރަތަމަ ބޮޑު ވަޒީރެވެ. ދައުލަތުގެ އެހެން އެއްވެސް ވެރިޔަކަށް އެނގިވަޑައި ނުގެން އިނގިރޭސީންނަށް 100 އަހަރަށް އައްޑު އަތޮޅު ގަން ދެއްވުމަށް އެއްބަސްވެވަޑައިގެން ރަމުޒީ ސޮއި ކުރެއްވި އޭރުގެ ވަޒީރުލްއަޢުޒަމެވެ. އެ މައްސަލަ ހޫނުވެ އެންމެފަހުން އިސްތިޢުފާ ދެއްވަން ޖެހިވަޑައިގެންނެވީއެވެ.

 

ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ތަރި ސިޔާސީ އުދަރެހުން އޮއްސުމާއެކު އިނގިރޭސީން އެދޭހާ ގޮތަކަށް ރާއްޖޭގައި ކަންތައްތައް ނުހިގާން ފަށައިފިއެވެ. އެންމެފަހުން ދިވެހީން ނުކުތީ އިނގިރޭސީންގެ "ހިމާޔަތުގެ" ދަށުން ސަލާމަތްވެ މިނިވަންކަން ހޯދުމުގެ "ގަދަ ކަނޑު" ދުއްވާށެވެ. އެއީ ނުރައްކާތެރި ދަތުރެކެވެ. އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ، ދިވެހީންގެ އަތްތަކުން ކަފުންކުރަން ޖެހުނު ސަބަބަށް ވެދާނެއެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ހިތްދަތިގޮތެއްގައި އަވަހާރަވެރިވަޑައިގެންނެވި ސަބަބުކަމުގައި ވެސް ވެދާނެއެވެ. އިނގިރޭސި ދައުލަތާއި ދިވެހި ދައުލަތާ ދެމެދު 1948 ގައި މާލޭގައި ވެވުނު އެއްބަސްވުމުގައި އިނގިރޭސި ރަސްކަމުގެ ފަރާތުން ސޮއިކުރެއްވީ ސްރީލަންކާގައި ހުންނަވާ ސަފީރު ސަރ ޑަބްލިޔު. ހެންކިންސަން އެވެ. އޭނާ އެކަމަށް ރާއްޖެ ވަޑައިގެންނެވި ދަތުރު ރިޕޯޓާއި އެ ރިޕޯޓާ އެކު ފޮނުއްވި ސިއްރު ރިޕޯޓުގައި މުޙައްމަދު އަމީނުގެ ހިންގުންތެރިކަމަށް އިޢުތިރާފުވެވަޑައިގެންނެވުމަށް ފަހުގައި ވެސް އެ ދީދީގެ އިޚްލާޞްތެރިކަމާމެދު ސުވާލު އުފައްދަވާފައިވެއެވެ. "މީހެއްގެ ހިތުގައި އޮތް އެއްޗެއް ނޭނގޭނެޔޭ" ވިދާޅުވެފައެވެ. އަނެއް ކަމަކީ ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ހޯއްދަވައި ދެއްވުމަށް މުޙައްމަދު އަމީން ވަރަށް ބޮޑަށް އެދުންވެރިވެވަޑައިގެން ހުންނެވި ކަމަށް ލަންޑަނުގެ ސަމާލުކަމަށް ގެންނެވި ގެންނެވުމެވެ.

 

އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (2ވަނަ) ނުވަތަ ކުޑަބަންޑާރައިންގެ ރަސްކަމާ އިނގިރޭސީން ހިތްހަމަ ނުޖެހުމުން 1888 ވަނަ އަހަރު މާލޭ ބަނދަރުގައި މަނަވަރެއް ބާއްވައިގެން ހީލަތްތެރި ގޮތަކަށް ފޮރޮޅާލިއެވެ. އޭގެ މާފަހުން ދިވެހިރާއްޖެ އިނގިރޭސީންގެ ހިމާޔަތުގެ ދަށުގައި އޮތީތީ ކޮންމެ މީހަކަށް ވެސް ހިމާޔަތް ދެވިދާނެ ކަމަށް ބުނެ އައްޑޫ ޢަބްދުﷲ ޢަފީފަށާއި ޢާއިލާއަށް ހިމާޔަތާއި ރައްކާތެރިކަން ދިން ގޮތް ވެސް އެ އޮތީ ފެންނާށެވެ. މުޙައްމަދު އަމީން ދީދީއަށް އެފަދަ ހިމާޔަތެއް ނުވަތަ ރައްކާތެރިކަމެއް ނުވަތަ ހަމްދަރުދީގެ ބަހެއް ވެސް އިނގިރޭސީންގެ ފަރާތުން ލިބިވަޑައި ނުގެންނެވުމުގައި ކޮންމެ ވެސް ސަބަބެއް ވާނެއެވެ.

 

އޭގެ އެއް ސަބަބަކަށް އެމަނިކުފާނު ޞިއްޙީ ހާލުކޮޅު ވެދާނެއެވެ. އިންގިލާބުގެ ކުރިން ވެސް އެ މަނިކުފާނު އުޅުއްވީ ވަރަށް ބޮޑަށް އާލާސްކަންފުޅާއެވެ. އެހެންކަމުން އެއީ ސިޔާސީ ގޮތުން މާދުރު މުސްތަޤްބަލެއް އޮތް ބޭފުޅެއް ނޫންކަމަށް އިނގިރޭސީން ދެކެފާނެއެވެ. އަޅުގަނޑުމެންނަށް ފެންނަން އޮތީ ދިވެހި ބަހާއި، އަދަބިއްޔާތަށާއި ޢިލްމަށް އަދި ޤައުމުގެ ކުރިއެރުމަށް ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާ ކިލެގެފާނު ކުރެއްވި އަގުހުރި މަސައްކަތްޕުޅެވެ. ޚާއްޞަކޮށް ޤައުމިއްޔަތާއި ޙުއްބުލްވަޠަން ނުވަތަ ޤައުމީ ލޯތްބަކީ ކޮބައިކަން ދިވެހިންނަށް އަންގައިދެއްވައި އޮޅުއްފިލުވައި ދެއްވުމަށް ކުރެއްވި މަސައްކަތްޕުޅެވެ. މިނިވަންކަމާއި ވަޠަނީ ރޫޙު އުފެއްދެވުމަށް އިސްވެ ހުންނަވައި ކުރެއްވި މަސައްކަތްޕުޅެވެ. ޤައުމެއް، އިސްތިޢުމާރީ ބާރެއްގެ ވަކިތަކުގެ ދަށުގައި އޮންނައިރު މިހިރަމިހިރަ ކަންތައްތަކަކީ ވެސް އެބަޔަކު ރުހޭނޭ ކަންތައްތަކެއް ނޫނެވެ. (ނިމުނީ)

No comments: