Monday, May 1, 2017

ދައުލަތުގެ ނިޝާން





ޢަބްދުﷲ ސަޢީދު
ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މި ހުރިހާ ފަރާތްތަކަކަށް ޖުމްލަކޮށް ކިޔާ ނަމެވެ. ދައުލަތުގެ ނިޝާނަކީ މި ދެންނެވި ހުރިހާ ފަރާތްތަކެއް ރަމްޒުކޮށްދޭ ނިޝާނެވެ. ބައެއް ހާލަތްތަކުގައި ސަރުކާރަށްވެސް  ދައުލަތޭ ކިޔައެވެ. ޤައުމީ ނިޝާނަކީ ޤައުމީ ދިދަ އެވެ. ޤައުމަކީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ މީހުންނެވެ. ޤައުމީ ދިދައިން ރަމްޒުކޮށްދެނީ އެ ޤައުމެއްގެ ދަރިންނެވެ. ދައުލަތުގެ ނިޝާނުން އެ އަށްވުރެ މާ ތަފްސީލުކޮށް މުޅި ދައުލަތް ރަމްޒުކޮށްދެއެވެ. އެހެންވީމާ ޤައުމީ ނިޝާނާއި ދައުލަތުގެ ނިޝާނަކީ އެކައްޗެއް ނޫންކަން އެނގެއެވެ. 

ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 67 ވަނަ މާއްދާއަކީ ކޮންމެ ދިވެހި ރައްޔިތެއްގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް ބަޔާންކޮށްދޭ މާއްދާއެވެ. އެ މާއްދާގެ (ވ) ގައި ބުނަނީ ޤައުމީ ދިދަ އަށާއި، ދައުލަތުގެ ނިޝާނަށާއި، ޤައުމީ ސަލާމަށް ޙުރުމަތްތެރިކޮށް ހިތަން ވާނެ ކަމަށެވެ. ޤައުމީ ދިދަ އާއި ޤައުމީ ސަލާމުގެ ވާހަކަ ބަޔާންކުރިއިރު، ޤައުމީ ނިޝާނުގެ ބަދަލުގައި މި ތަނުގައި ދައުލަތުގެ ނިޝާން މި އޮތީ ކީއްވެގެންތޯއެވެ؟ މި ސުވާލުގެ ޖަވާބު ހޯދާލުމަށް ދިވެހި ބަސްފޮތުން ޤައުމީ ނިޝާނުގެ މާނަ ހޯއްދަވާށެވެ. ބަސް ފޮތުގައި އޮންނަ ގޮތުގައި ޤައުމީ ނިޝާނަކީ ޤައުމުގެ ދިދަ އެވެ.
ދިވެހިރާއްޖޭގައި ދައުލަތުގެ ނިޝާނެއް ފުރަތަމަ ބޭނުން ކުރަންފެށީ 16 ޖުލައި 1934 ގައެވެ. އެއީ "އައްދައުލަތުލް މަޙްމިއްޔަތުލް މަޙްލަދީބިއްޔާ" (ޙިމާޔަތް ލިބިގެންވާ ދިވެހި ދައުލަތް) ލިޔެފައިވާ ހަނދުފަޅި އަކާއި ފަސްފިޔަ ތަރިއެކެވެ. އެހެންނަމަވެސް ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމަށްފަހު އަލްއުސްތާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޒަމް ސިރީ ސަވާދީއްތަ މަހާރަދުންވަނީ އޭރު ލިޔުއްވި ރަސްމީ ފަތްކޮޅުތައް ފެށުމުގައި ދައުލަތުގެ ނިޝާނެއްގެ ގޮތުގައި ނުވަތަ އެ ދަރަޖައިގައި ޢަރަބި އަކުރުން هوالغَنِيٌّ   (ﷲ ފުދިވޮޑިގެންވެއެވެ.) ލިޔުއްވަން ފަށްޓަވާފައެވެ.
1934 ވަނަ އަހަރު ބޭނުންކުރަންފެށި ދިވެހި ދައުލަތުގެ ނިޝާނަށް ބަދަލު އައީ 1949 ޖުލައި 21 ވަނަ ދުވަހު ސްރީލަންކާގެ ޔޯކްސްޓްރީޓްގައި ހުޅުވުނު "މޯލްޑިވިއަން ޝޯވ ރޫމު"ގައި ރާއްޖޭ ރަމްޒެއްގެ ގޮތުގައި ބެހެއްޓި ނިޝާނަކަށް އެ ދުވަސްވަރު ސަރުކާރު ހިންގުމުގެ އިސްވެރިޔަކަށް ހުންނެވި ވަޒީރުއްދާޚިލިއްޔާ ސުމުއްވުލްއަމީރު މުޙައްމަދު އަމީން ދޮށިމޭނާކިލެގެފާނު ޤަބޫލުފުޅުވެ ވަޑައިގެންނެވުމުންނެވެ. އެތަނުގައި ބެހެއްޓި ނިޝާނުގައި ބޭނުން ކުރަމުންއައި ދައުލަތުގެ ނިޝާނުގައިވާ ހަނދުފަޅީގައި އޮތް ލިޔުންކޮޅު އޮތްތަނާއި ހަނދުފަޅިގެ މިސްރާބު ހުރީ ބަދަލު ކޮށްފައެވެ. އަދި ކައްތިރިކޮށްފައި ދިވެހި ޤައުމީ ދެ ދިދަ ބަހައްޓާފައި ހުއްޓެވެ. މި ދެ ދިދައިގެ އިތުރުން މި ނިޝާން ފުރިހަމަ ވެގެން ދިޔައީ އޭގެ ފަހަތުގައި ބެހެއްޓި ގަސްމުށިގަނޑަކާ އެކުގައެވެ. މި ރަމްޒު އަސްލަކަށް ބަލައިގެން އަލަށް ދައުލަތުގެ ނިޝާނެއް ފަރުމާކޮށް 01 މެއި 1951 ގައި ރަސްމީ ލިޔުންތަކުގައި ބޭނުންކުރަން ފެށިއެވެ. މި ނިޝާން ފަރުމާ ކުރެވުނުއިރު  މޯލްޑިވިއަން ޝޯވ ރޫމުގައި ބެހެއްޓި ރަމްޒުގައި ހުރި ގަހުގެ ބަދަލުގައި ހުރީ ދިވެހި ރުކެއްގެ ކުރެހުމެކެވެ. މި އައު ނިޝާން އާންމުކޮށް ފެނުނީ 1951 މެއި 07 ވަނަ ދުވަހު ރާއްޖެ ވަޑައިގެންނެވި ސްރީލަންކާގެ ޓްރާންސްޕޯޓް މިނިސްޓަރ ސަރ ޖޯން ކޮތަލާވާލާ އަށް މަރުޙަބާ ކިޔުމަށް ބެހެއްޓި ގިޑިއެއްގައި ކުރަހާފައި ހުއްޓައެވެ. މި ނިޝާނަށް ފަހުން ގެނައި ބަދަލަކީ 26 ޖުލައި 1965 ގައި ރާއްޖެއަށް ސިޔާސީ މިނިވަންކަން ލިބުމުން ނިޝާނުގެ ތިރީގައި އޮތް ޢަރަވި ޢިބާރާތުން "އަލްމަޙްމިއްޔާ" އުނިކޮށް، "އައްދައުލަތުލް މަޙަލްދީބިއްޔާ" އަށް ބަދަލު ކުރުމެވެ.
ދިވެހި ދައުލަތުގެ ނިޝާނުގައި ހިމެނެނީ ދިވެހިންގެ އުފެއްދުންތެރިކަމާއި ދިވެހިންގެ ދިރިއުޅުމާއި، ދިވެހިންގެ އާރޯކަމާއި ތާޒާކަމާއި ދިވެހިންގެ ކުރިމަގުގެ އުންމީދުތައް ރަމްޒުކޮށްދޭ  ދިވެހި ރުކަކާއި، ދިވެހިންގެ ޤައުމިއްޔަތާއި ޙުބުލްވަޠަންގެ ރޫޙު އަންގައިދޭ ދިވެހި ޤައުމީ ދެ ދިދައާއި، ދިވެހިންގެ ދީނާއި، އިސްލާމީ އަޤީދާއާއި ދިވެހިންގެ ދީނީ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ރަންކުލައިގެ ހަނދުފަޅި އަކާއި ތަރިއެއްގެ އިތުރުން، ރިބަން ފަށެއްގައި ޢަރަބި އަކުރުން ލިޔެވިފައިވާ ދިވެހި ދައުލަތުގެ ނަމެވެ. އެއީ ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރައްވައި، ޣާޒީ ރަދުން  ދިވެހި ދައުލަތަށް ދެއްވި ނަމެވެ.

No comments: