Monday, April 22, 2019

އަސްކަރީ އުސޫލު


ޢަބްދުﷲ ސަޢީދު

ދިވެހިބަސް ފޮތުގައި އުސޫލުގެ ދެ މާނައެއް އޮވެއެވެ. އެއް މާނައަކީ ކަމެއް ކުރުމަށްޓަކައި ރާވާ ރޭވުމެވެ. އަނެއް މާނައަކީ ބިނާވެފައިވާ މައިގަނޑު އަސްލުގެ ޖަމްޢުއެވެ. ދިވެހި ބަހުގެ ތެރެއަށް މި ލަފުޒު އައިކަމަށް ބެލެވެނީ ޢަރަބި ނުވަތަ އުރުދޫ ބަހުންނެވެ. ދިވެހިބަހަށް މި ލަފުޒު އައިސްފައިވާ ބެލެވޭ ބަސްތަކުގައި މާނަކޮށްފައިވާ ގޮތަށް ބަލާއިރު، އުސޫލުގެ މާނައިގެ ތެރޭގައި ކަމެއްގެ އަސްލާއި އަސާސްތައް ނުވަތަ ޕްރިންސިޕަލްތައް ހިމެނެއެވެ. އުސޫލު މި ލަފުޒު، ދިވެހިންގެ މެދުގައި މާނަކޮށް، ބޭނުންކުރެވެނީ ވަކި ތަރުތީބަކުން ކަންތައްތައް އިންތިޒާމުވެ ކަނޑައެޅިފައިވާ ކަނޑައެޅުމަށްކަން އެނގެއެވެ. މި މަފްހޫމުން ބަލާއިރު، އަސްކަރީ އުސޫލަކީ ހަނގުރާމަވެރި ގޮތްފާޑެވެ. ހަނގުރާމަވެރި އަސާސްތަކާއި، ނިޒާމުތަކެވެ. އަސްކަރިއްޔާގެ ޒާތާއި، ފާޑާއި، ސިފަތަކެވެ. އަސްކަރީ އުސޫލަކީ ކުރުކޮށް ދަންނަވާނަމަ ސިފައިންގެ ސިފަވަންތަކަމެވެ. 

Sunday, April 21, 2019

ސިފައިންގެ މަދަނީ އެހީ

ޢަބްދުﷲ ސަޢީދު

ސިފައިންގެ މަދަނީ އެހީތެރިކަމަކީ މަދަނީ އިދާރާތަކާއި އާންމު ރައްޔިތުންގެ ހެވާ ލަބައަށް ސިފައިން ކުރާ މަސައްކަތްތަކެވެ. މިލިޓަރީ އެއިޑް ޓު ސިވިލް އޮތޯރިޓީސް (އެމްއޭސީއޭ) ނުވަތަ ސިފައިންގެ މަދަނީ އެހީއަކީ ދިފާޢީ ވުޒާރާ މެދުވެރިކޮށް، މަދަނީ އިދާރާތަކާއި މުއައްސަސާތަކަށް އަދި މަދަނީ ޖަމާޢަތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސިފައިން ހިންގާ އޮޕަރޭޝަންތަކަށް ނުވަތަ ހިންގާ ހަރަކާތްތަކަށް ޖުމުލަގޮތެއްގައި ބޭނުންކުރާ ނަމެކެވެ. ސިފައިންނަކީ އަބަދުވެސް ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތްކުރާ، ރައްޔިތުންގެ އިތުބާރު ލިބިފައިވާ އަދި ރައްޔިތުންގެ ކުރިމަތީގައި ތަސައްވަރު ރަނގަޅު ބަޔަކަށް ވެވޭނީ ރައްޔިތުންނާ ވަރަށް ގާތް ބަޔަކަށް ވެގެންނެވެ. އެ ގާތްކަން ތަރައްޤީކޮށް ދެމެހެއްޓުމަށް ސިފައިންގެ މަދަނީ އެހީ އަކީ މުހިންމު ވާސިތާއެކެވެ.