Tuesday, July 11, 2023

ދާދިވަރުކޮށް އުތީމު ގަނޑުވަރު

 


 

ޢަބްދުﷲ ސަޢީދު

 

އަޅުގަނޑު އިނީ ގޭގެ ސޯފާގައެވެ. ފެންނަނީ ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުނދޯލިދާންކޮޅެވެ. ނުހުޅުވޭ ދޮރުކޮޅެވެ. ބޮޑުތަކުރުފާނު ހަނގުރާމައިގައި ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ. އެ ބޭފުޅުން އެރުއްވި މަރަވަޅިކޮޅުތަކެވެ. ދަންޑަހެލުމެން ބޭފުޅުން ނިދިކުރެއްވި ކުޑައަށިކޮޅެވެ. މުޅިގެއަށް އަލިކޮށްލަދޭ ހަތްހުޅުކޮޅުލީ ވޮށްކޮޅެވެ. ބޭރުގެ މަންޒަރުތައް ކުލަކޮށް ފޯރުކޮށްދޭ އަޖައިބެއް ފަދަ ލޯވަޅެވެ. އާދެ! އެއީ ރާއްޖޭގައި ހުރި އެންމެ ގިނަ ދުވަސްވީ ގެކޮޅެވެ. އުތީމު ގަނޑުވަރެވެ.

 

ެައަޅުގަނޑަށް އެތައް ފަހަރަކު އެ ގަނޑުވަރަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ލިބިއްޖެއެވެ. އެކަމަކު މިހާ ހަމަޖެހިލައިގެން އިނދެ މި ނޫނީ އެ ގަނޑުވަރު ބަލައެއް ނުލެވެއެވެ. ދުވަސްވަރަކީ ބަނބުކެޔޮ މޫސުމެވެ. މަންމަ ފޮނުވާފައިހުރި ތެލުލިކެޔޮ އަޅާފައިހުރި ތަށި ކައިރީގައި ހުއްޓެވެ. މުރުމުރު އަޑާއެކު ގަނޑުވަރުގެ އެތެރެއަށް ވަނީމެވެ. ދިވެހި ތާރީޚުގެ އެ މުހިންމު ބިނާ ދާދިވަރުކޮށް މުޅި ދުނިޔެއަށް ހުށަހަޅުއްވަމުން ގެންދެވީ އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ އެސިސްޓެންޓް ޑިރެކްޓަރ ޢަލީ ސިފާމެވެ. ކޮވިޑުގެ އާލަމީ ވަބާގައި ދަތުރުފަތުރަށް ހުރަސްއެޅިފައިވާ ވަގުތެއްގައި މިފަދަ ގޮތަކަށް އުތީމު ގަނޑުވަރަށް ޒިޔާރަތް ކޮށްލުމުގެ ފުރުސަތު ދެއްވި ކަމަށްޓަކައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒަށް ހިތުގައި އުތުރިގަތީ ޝުކުރާއި ތަޢުރީފެވެ.

ޢަލީ ޝިފާމް ދާދިވަރުކޮށް އުތީމު ގަނޑުވަރާބެހޭ މަޢުލޫމާތު ދެއްވަނީ

 

ފެންނަނީ މިހާރު ގަނޑުވަރު ހުރިގޮތާއި ބޮޑުތަކުރުފާނުގެ ޒަމާނެވެ. އުތީމު ގަނޑުވަރު މިހާރު ހުރިގޮތް ފެންނަނީ ވީޑިޔޯގެ ކުލަ ރީތި މަންޒަރުތަކުންނެވެ. ޢަލީ ސިފާމުގެ މަޑުމައިތިރި އަޑުން ސިފަކޮށް ދެއްވަނީ އޭރުގެ އެ ޒަމާނުގެ ވާހަކަތަކެވެ. އުތީމު ގަނޑުވަރަކީ ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ މިނިވަންކޮށްދެއްވި ޤައުމީ ބަޠަލު، އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުންގެ ބައްޕާފުޅު ޙުސައިން ޚަޠީބު ތަކުރުފާނު ދިރިއުޅުއްވަން ބިނާކުރެއްވި ގެކޮޅެވެ. އެއީ ބޮޑުތަކުރުފާނާއި ބޭބޭފުޅު ޢަލީ ތަކުރުފާނާއި ދައިތާކަމަނާ ފާތުމާފާނާއި ކޮއްކޯފުޅު ޙަސަން ތަކުރުފާނު އުޅެ ބޮޑުފުޅުވި ގެކޮޅެވެ. ސިފާމު ވިދާޅުވި ގޮތުގައި މިހާރު އުތީމު ގަނޑުވަރަށް ގާތްގަނޑަކަށް 500 އަހަރަށްވުރެ ގިނަ ދުވަސް ވެދާނެއެވެ. ބައެއް މުއައްރިޚުން ވިދާޅުވާގޮތުގައި އުތީމު ގަނޑުވަރު ބިނާކުރެވުނީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނުގެ ރަސްކަމުގައެވެ.

 

އުތީމު ގަނޑުވަރު ފުރަތަމަ ޢިމާރާތްކުރެވުނީ ބިމަށް މުޑި ޖަހައި، ދެމުޑި ދޭތެރޭގައި ގާފޮޅު ބަނދެ، ގާފޮޅު މަތީގައި ފަތިވަކަރާއި އަރިވަކަރު އަޅައި، އެވަކަރު މަތީގައި މެއްލަ ޖަހައިގެންނެވެ. ލާދުނބުރިން ބިތް ގަތައި، ބިތުގެ ބޭރުން ސަޓާ ޖަހައި، އޭގެ މަތިން ބިންފަށް ދަމައި އޮނބިއަޅައިގެންނެވެ. އޭރުގައި ފިލާޖަހާފައި ހުރީ ހަމައެކަނި ބޭރުގޭގެ އުތުރު ފަރާތުގައެވެ. އެއީ އެ ޒަމާނުގައި ދަމާ ދޮރު ލުމަށްޓަކައި ހަދާގޮތެވެ. އެކަމަކު މިހާރު ފެންނާނީ ބިއްތައް ފިލައިން ހަދާފައިވާތީއެވެ. ބުނެވޭ ގޮތުގައި މިގޮތަށް ގެކޮޅު ހެއްދެވީ އުތީމު ތިންބެއިން ބޮޑުފުޅުވެގެން އެބޭފުޅުންގެ ޒަމާނުގައެވެ.

 

އުތީމު ގަނޑުވަރު ފުރަތަމަ ހިޔާކޮށްފައި ހުރީ ފަނުންނެވެ. ސިފާމު ވިދާޅުވި ގޮތުގައި ފަހުން ޓިނުޖެހިއެވެ. އޭގެފަހުން އީޓު ވެސް ޖެހިއެވެ. މިހާރު ޖަހާފައި ހުންނަނީ ޑެކްރަބޮންޑް ޓިނެވެ. އެ ޓިނު ޖެހީ 1999 ވަނަ އަހަރުގެ ފަހުކޮޅުގައެވެ.

 

އުތީމު ގަނޑުވަރުގެ ގޯތިތެރޭގައި މައިގަނޑު ހުރީ ތިން ތަނެކެވެ. އެއީ ބޮޑުގެކޮޅާއި މަރިޔާދުގެކޮޅާއި އަށިގެކޮޅެވެ. ފުރަތަމަ ސިފާމު ތަޢާރަފު ކުރެއްވީ ބޮޑުގެކޮޅެވެ.

 

ބޮޑުގެކޮޅަކީ އުތީމުގަނޑުވަރުގައި އުޅުއްވި ބޭފުޅުން ދިރިއުޅުއްވައި އަވަހާރަފުޅު ލައްޕަވައި ހެއްދެވި ގެކޮޅެވެ. މި ގެކޮޅުގައި މިހާރު ތިން ބައެއް ފެންނަން ހުރެއެވެ. އެހެންނަމަވެސް މި ގެކޮޅު ފުރަތަމަ ޢިމާރާތް ކުރެވުނީ ދެ ބަޔަކަށްކަމުގައި އަޅުގަނޑު އަޑުއަހަމެވެ. އެއީ ކުރީ ޒަމާނުގައި އާންމުކޮށް ގޭގެ ބިނާކުރެވޭގޮތަށް އެތެރެ ގެޔާއި ބޭރުގެއެވެ. ނަމަވެސް ޙުސައިން ޚަތީބު ތަކުރުފާނުގެ ބޭފުޅުން ބޮޑުފުޅުވެ ދިރިއުޅުއްވުމެއް ފަށްޓަވަން ޖެހުމުން މިދެންނެވި ގޭގެ އިރުން އިތުރު ބައެއް ހައްދަވައި އެއީ ބޭރުގެކަމުގައި ހަމަޖެއްސެވީއެވެ. މި ބަދަލާއެކު ކުރީގެ ބޭރުގެ ބަދަލުވެގެން ގޮސްފައިވަނީ މެދުއެތެރެގެ އަށެވެ. އެ ޒަމާނުގައި ކޮންމެ ގެއެއްގައި ވެސް އެތެރިގެ ޚާއްޞަވެފައި އޮންނަނީ އަންހެނުންނަށެވެ. ފިރިހެނުންނަށް ޚާއްޞަވެފައި އޮންނަނީ ބޭރުގޭތެރެއެވެ. އަޅުގަނޑު މި ދެންނެވި ބޭރުގެއާއި މެދުގެ ސިފާމް ސިފަކުރެއްވީ ގަނޑުވަރުގެ ފިރިހެނުންނަށް ޚާއްޞަ ބައިގެ ގޮތުގައެވެ.

ބޮޑުތަކުރުފާނު އަވަހާރަފުޅު ލެއްޕެވި އުދޯލިދާންކޮޅު

 

އެބައިގައި ހުރި އުނދޯލިދާންކޮޅަކީ މުޙައްމަދު ތަކުރުފާނު އަވަހާރަފުޅު ލެއްޕެވުމަށް ބޭނުންކުރެއްވި އުނދޯލިދާންކޮޅެކެވެ. އަދި އެ އުނދޯލި ދާންކޮޅު ބޮޑުތަކުރުފާނުގެ ތުއްޕުޅު ދަރިކަލުން ކަލާފާނު (ފަހުން އައްސުލްޠާން އިބްރާހީމް ކަލާފާނު) މަސަލަސް ކުރައްވާން ބޭނުންކުރެއްވިއެވެ.

އުތީމު ގަނޑުވަރުގެ ކުޑައަށިކޮޅު

 

އެބައިގެ ތެރެއިން ދެން ތަޢާރަފުކޮށް ދެއްވީ އުތުރު ފަރާތުގައި ހުރި ކުޑައަށިކޮޅެވެ. އާންމުކޮށް އެ އަށިކޮޅު ބޭނުންކުރެއްވީ ބޭރުން ވަޑައިގަންނަވާ ބޭފުޅުން އިށީންދެ ވަޑައިގަތުމަށެވެ. އެކަމަކު ގަނޑުވަރުގައި ދިރިއުޅުއްވާ ބޭފުޅުން މިފަދަ އަށިކޮޅު ތަކުގައި އަވަހާރަފުޅު ވެސް ލައްޕަވާނެއެވެ. މި އަށިކޮޅުގައި ހުރި ލަކުޑީގެ ބައިތައް ހުރީ ކުރިން ވެސް ހުރިގޮތަށެވެ. އެ ޒަމާނުގައި އެ ބޭފުޅުން ބޭނުންކުރެއްވިގޮތަށެވެ.

ގަނޑުވަރުގައި އުޅުއްވި ބޭފުޅުން ބޭނުންކުރެއްވި ބައެއް މަރަވަޅިކޮޅުތައް

 

އެ ބައިގެ ތެރޭގައި އެ ބޭފުޅުން އެރުއްވި ބައެއް މަރަވަޅިކޮޅުތައް ވެސް ހުއްޓެވެ. ފައިވާނުގެ ގޮތުގައި އެ ޒަމާނުގައި ބޭނުންކުރާ ލަކުޑިން ހަދައިފައި ހުންނަ މަރަވަޅިއަކީ ކޮންމެކޮންމެ މީހަކަށް އެރޭ އެއްޗެއް ނޫނެވެ. އެއީ މަނާ ކަމެކެވެ. ޢިއްޒަތްތެރި ބޭފުޅުން ވެސް މަރަވަޅިކޮޅަށް އަރުއްވާނީ ޚާއްޞަ ދުވަސްދުވަހުއެވެ.

ގަނޑުވަރުގެ ވޮށްކޮޅު އެލުވާފައިވާ ފަންގިފިލާ

 

ގަނޑުވަރުގެ ފަންގިފިލާ ދައްކާލިއިރު ގަނޑުވަރުގެ އަސްލު ފަންގިފިލާއިން ފެންނަން އޮތީ ވޮށްކޮޅު އެލުވާފައިވާ ބައި އެކަންޏެވެ. ވޮށްކޮޅަކީ ގަނޑުވަރަށް އަލިކުރަން އެލުވާފައި ހުންނަ ބައްތިއެވެ. ކާށިތެޔޮ އަޅައިގެން ދިއްލާ އެ ބައްތީގައި ހަތް ހުޅުކޮޅު ދިއްލެން ހުރެއެވެ. އާންމުކޮށް އެ ބޭފުޅުން ދިއްލަވައި އުޅުއްވީ އެންމެ ހުޅުކޮޅެކެވެ. އެކަމަކު ޚާއްޞަ ރޭރޭ ހުރިހާ ހުޅުކޮޅެއް ވެސް ދިއްލަވާ ކަމަށްވެއެވެ.

ޝަމްސުއްދީން ރަދުން ހަދިޔާކުރެއްވި ބޮޑު އަށިކޮޅު

 

ގަނޑުވަރުގެ ބޮޑު އަށިކޮޅު ހުންނަނީ އިރުމަތީ ފަރާތުގައެވެ. އެކަމަކު އެއީ ބޮޑުތަކުރުފާނުގެ ޒަމާނަށްވުރެ ފަހުގެ އަށިކޮޅެކެވެ. ބޮޑުއަށިކޮޅުގެ މަޤާމުގައި މިހާރު ހުރި ބޮޑުއަށިކޮޅަކީ އައްސުލްޠާން މުޙައްމަދު ޝަމުސުއްދީން (ތިންވަނަ) އުތީމު ގަނޑުވަރަށް ހަދިޔާކުރެއްވި އަށިކޮޅެކެވެ.

ބޮޑު ތަކުރުފާނުގެ ފޮށިކޮޅު

 

މި އަށިކޮޅުގެ މަތީގައި ނިކަން ބޮޑު ލަކުޑި ފޮށިކޮޅެއް ހުރެއެވެ. އެއީ ބޮޑުތަކުރުފާނު ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދު ކުރެއްވިއިރު ގެންގުޅުއްވި ބޮޑު ފޮށިކޮޅެވެ.

ވިޔަފާރި ފޮށިކޮޅުތައް

 

ގަނޑުވަރުގެ ހުޅަނގު ކޮޅުގައި ހުރި އެތެރިގެތެރެ އަކީ އައިމިނާ ރެހެންދި، ކަލާފާނު ރައްކައުވި ބައެވެ. މިތަނުގައި ވެސް ކުޑަ އަށިކޮޅަކާއި ބޮޑު އަށިކޮޅެއް ހުރެއެވެ. މިއީ އެ ބޭފުޅުންގެ ޒަމާނުގެ އަސްލު އަށިކޮޅު ތަކެކެވެ. މި ބައިގައި ހުރި ބޮޑުއަށިކޮޅަކީ ގަނޑުވަރުގެ އަސްލު ބޮޑުއަށިކޮޅު ކަމަށް ސިފާމް ވިދާޅުވިއެވެ.

މައިގެކޮޅުގެ އެތެރިގެކޮޅުތެރޭގައި ހުންނަ ކުޑައަށިކޮޅު

 

އެ އަށިކޮޅު މަތީގައި ހުރި ލަކުޑި ފޮށިކޮޅު ތަކަކީ އެ ބޭފުޅުން ވިޔަފާރި ދަތުރުފުޅު ތަކުގައި ބޭނުންކުރެއްވި ފޮށިކޮޅުތަކެކެވެ. އެތަނުގެ ތެރޭގައި އެ ބޭފުޅުންގެ ޒަމާނަށްވުރެ ފަހުގެ ފޮށްޓެއް ހުއްޓައި ދައްކަވައިލެއްވިއެވެ. ދެ ތަޅު ލެވޭގޮތަށް ހުރި އެ ފޮށްޓަކީ މީހުން ނަދުރުބުނެއުޅުނު ޒަމާނުގައި ފައިސާ ބެހެއްޓި "ތިޖޫރި"އެވެ.

ނަދުރު ބުނެގެން ލިބޭ ފައިސާ ރައްކާކުރާ ފޮށިކޮޅި

 

އުތީމު ގަނޑުވަރުން އެންމެ ގިނަ މީހުން ބަލާލަން ޝައުޤުވެރިކަން ހުންނަނީ ގަނޑުވަރުގެ ދެކުނު ފަރާތު ބިތުގައި ހުންނަ ލޯވަޅަކުން ދައްކައިދޭ "ޖާދޫ"އެވެ. ނަދުރުބުނެ ހެދި ޒަމާނުގައި މި ޕިންހޯލް ތިޔަރީގެ މަންޒަރުތައް ފެނުނު ނަމަ ވީހީ ވަރަށް ބޮޑު ކަރާމާތްތެރި ކަމަކަށެވެ. އެއްވެސް އިލެކްޓްރޯނިކްސް ޑިވައިސް އެއް ބޭނުންނުކޮށް އުނދޯލި ދާންކޮޅުގެ ހުދު ފޮތިގަނޑަށް ގަނޑުވަރުގެ ދެކުނު ފަރާތުން ބޭރުގެ މަންޒަރު ކުލަކޮށް ފެނުމަކީ މިހާރު ވެސް ބައެއް މީހުންނަށް ވަރަށް ބޮޑު އަޖައިބެކެވެ.

މައިގެކޮޅުގެ ދެކުނު ފަރާތުގެ ބިއްގަނޑު. އަދި ޕިންހޯލް

 

ގަނޑުވަރުގެ ދެކުނު ފަރާތު ބިތުގައި ޖަހާފައިހުރި ފިލައެއްގައި ހުރި ގޮށެއް ވެއްޓިގެން ހެދިފައިވާ މި ލޯވަޅުން ސީސީ ޓީވީ ކެމެރާއެކޭ އެއްގޮތަށް މަންޒަރު ފެންނަކަން ފާހަގަ ކުރެވިފައިވަނީ 1996 ވަނަ އަހަރު އަމީނިއްޔާ ސްކޫލް ދަރިވަރުންތަކެއް ގަނޑުވަރަށް ކުރި ޒިޔާރަތެއްގައެވެ.

ޕިންހޯލް ކެމެރާއިން މަންޒަރު ފެންނަގޮތް

 

ބޮޑުގެކޮޅުން ބޭރަށް ނުކުމެވުނީ ދެކުނު ފަރާތަށެވެ. ދެކުނު ފަރާތުގައި އިމާރާތަކަށް ހުރީ ގުދަނެކެވެ. އެ ގުދަނަކީ ބޮޑު ތަކުރުފާނުގެ ޒަމާނުގެ ތަނެއް ނޫންކަމަށް ޝިފާމް ވިދާޅުވިއެވެ. ދެންހުރީ ގަނޑުވަރުގެ ބަދިގެކޮޅުގެ ތަރާގަނޑެވެ. ބަދިގެކޮޅުގެ ތަރާގަނޑުގެ ކުރިމަތީގައި ހުރީ ވަޅުކޮޅެކެވެ. އެއީ ބަދިގޭގެ ބޭނުންތަކަށް ފެންނެގި ބަދިގޭ ވަޅުކޮޅެވެ.

ބަދިގެ ކޮޅަށް ފެން ބޭނުންކުރެއްވި ވަޅުކޮޅު

 

ގަނޑުވަރުގެ ހުޅަނގު ފަރާތުގައި ހުސްބިމެއް އޮވެއެވެ. އެއީ މުޙައްމަދު ތަކުރުފާނުގެ ކާފާފުޅު ކަޅު ޢަލީ ޚަތީބު ތަކުރުފާނު ދިރިއުޅުއްވި ގެކޮޅު ހުރި ސަރަޙައްދެވެ. އެ ހުސް ބިމުގައި އޮތް ތަރާގަނޑެއް ފިޔަވައި އިމާރާތެއްގެ އެއްވެސް ނިޝާނެއް ނެތެވެ.

މަރިޔާދުގެކޮޅު

މަރިޔާދުގެކޮޅު

 

ކަޅު ޢަލީ ޚަތީބު ތަކުރުފާނުގެ ގޯތި ދައްކާލުމަށްފަހު ސިފާމް ޚިޔާރު ކުރެއްވި މަރިޔާދުގެކޮޅު ތަޢާރަފު ކުރައްވާށެވެ.

 

ެުއުތީމު ގަނޑުވަރުގައި ހުންނަ "ނުހުޅުވޭ ދޮރުކޮޅު" ހުންނަނީ މަރިޔާދުގެކޮޅުގެ ދެކުނު ފަރާތުގައެވެ. އެއީ ވަރަށް ކުރިންސުރެ ގިނަ ބަޔަކު ސަމާލުކަންދޭ ދޮރުކޮޅެކެވެ. އެ ދޮރުކޮޅު ތާށިވެފައި އެހެރީ ޕޯޗްގީޒުންނާ ދެކޮޅަށް ޖިހާދުކުރެއްވުމަށް ނިންމަވައި އާއިލާގެ ބޭފުޅުން މަލިކަށް ބަދަލުކުރެއްވުމަށް ނިކުންނެވި ރޭ ބޮޑުތަކުރުފާނުގެ ކޮއްކޯފުޅު ޙަސަން ތަކުރުފާނު ޖެއްސެވި ގޮތަށެވެ. ތުއްޕުޅު ކަލާފާނު އުރުވަޑުވައިގެން ނިކުންނަވަމުން ޖެއްސެވިލެއް ބާރުކަމުން އެ ދަމާ ދޮރުކޮޅު ކުރިން ހުންނަނީ ލެއްޕިފައި ތިން އިންޗިހާވަރަށް ހުޅުވިފައެވެ. އެއަށްވުރެ ބޮޑަށް ހުޅުވޭތޯ އެކިފަހަރު އެކި މީހުން ހިފައިގެންނާއި ތަކެތި ލައްވައި މަތާހެދުމުން ވެސް ހުޅުވޭ ގޮތް ނުވެފައެވެ. ވީވަރަކީ ހުޅުވިފައިވާ ތަންކޮޅު ވެސް ވީގޮތެއް ނޭނގި ލެއްޕި ހިމުންވުމެވެ. މިހާރު އެ ދޮރުކޮޅު ހުޅުވަން އުޅުން ވަނީ މަނާކުރައްވާފައެވެ.

ޢިއްޒަތުގެ މި އަސާކޮޅު

 

އެ ދޮރުކޮޅު ނޫނަސް މަރިޔާދުގެކޮޅަށް ވަދެވޭގޮތަށް އުތުރު ފަރާތުގައާއި އިރުމަތީފަރާތުގައި އިތުރު ދެ ދޮރުކޮޅު ހުރެއެވެ. މަރިޔާދުގެކޮޅަކީ މެހުމާނުންނާ ބައްދަލުކުރައްވަން ހެއްދެވި ގެކޮޅެކެވެ. ނަމަވެސް ފަހުން ބޭނުންކުރެއްވީ މުޙައްމަދު ތަކުރުފާނުގެ ދައިތާ ކަމަނާ، ފާތުމާފާނު ދިރިއުޅުއްވުމަށެވެ. މަރިޔާދުގެކޮޅުގައި ވެސް އުނދޯލިދާންކޮޅެއް ހުރެއެވެ. އުނދޯލިދާންކޮޅުގައި އަސާކޮޅެއް އޮތެވެ. މި އަސާކޮޅަށް ކިޔަނީ ޢިއްޒަތް ދަނޑިއެވެ. މުޅި ގަނޑުވަރުގައި ވެސް މަރާމާތު ނުކޮށްހުރި ދެ ގޮނޑިކޮޅު ހުރީ މަރިޔާދުގެކޮޅުގައެވެ. އެއީ އަންހެން ބޭފުޅުންނަށް ޚާއްޞަ ގޮނޑިކޮޅަކާއި ފިރިހެން ބޭފުޅުންނަށް ޚާއްޞަ ގޮނޑިކޮޅެކެވެ. ރާއްޖެއިން ބޭރުން ގެންނަވައިގެން ބޭނުންކުރެއްވި މި ދެ ގޮނޑިކޮޅު ހަދާފައިވަނީ ފިނިފެން ލަކުޑިންނެވެ.

ބޮޑުތަކުރުފާނުގެ ޒަމާނުގައި ބޭނުންކުރެއްވި ދެ ގޮނޑިކޮޅު

 

މަރިޔާދުގެކޮޅު ކުރިމަތީގައި ވަޅުކޮޅެއް ހުރެއެވެ. އެއީ މަރިޔާދު ވަޅުކޮޅެވެ. މިއީ މަރިޔާދުގެކޮޅަށް ވަދެވަޑައިގަންނަވާ ބޭފުޅުން ފައިންޕުޅު ދޮންނެވުމަށް ހުންނަ ވަޅުކޮޅެކެވެ.

މަރިޔާދުގޭ ވަޅުކޮޅު

 

ގަނޑުވަރުގެ އުތުރުފަރާތުގައި ހުރި ދޮރުއަށިކޮޅަކީ ވެސް މުހިންމު ދޮރުއަށިކޮޅެކެވެ. އެއީ މެހުމާނުންނާއި އެކިއެކި ބޭބޭފުޅުން ގަނޑުވަރަށް ވަދެނިކުމެ ވަޑައިގަތުމަށް ބޭނުންކުރެއްވި ރަސްމީ ދޮރާށިކޮޅެވެ.

ރަސްމީ ދޮރުއަށިކޮޅު

 

އެންމެފަހުން ސިފާމް އަޅުގަނޑުމެންނައިގެން ވަދެވަޑައިގެންނެވީ ގަނޑުވަރުގެ އަށިގެކޮޅަށެވެ. އަށިގެކޮޅަށް ހަރުގެކޮޅު ވެސް ކިޔައެވެ. މިއީ ތަފާތު އެކިއެކި ބޭނުންތަކަށް ބޭނުންކުރެއްވި "ދަރުބާރުގެ" އެކެވެ. ބޮޑެތި ބައްދަލުވުންތަކާއި ހަފުލާތައް ބާއްވަވާ މާލަމެކެވެ. މެހުމާނުން ގިނަ އަދަދަކަށް ވަޑައިގަތީމާ އެ ބޭފުޅުންގެ އަވަހާރަ ލެއްޕެވުމާއި ފަރިއްކޮޅުގެ ކަންތައްތައް ވެސް ހަމަޖައްސަވާ ތަނެވެ.

އަށިގެކޮޅު

 

ތަނުގެ އަސްލު ގިޔޮގަނޑާއި މިންތައް ހުރީ އޭރު ވެސް ހުރިގޮތަށެވެ. އެކަމަކު އެތަނުގެ މެދުގައި ޖަހާފައިހުރި ހައިވަކަރު ހަތަރު ތަނބު ފިޔަވައި އޭރުގެ އެއްވެސް އެއްޗެއް މިހާރަކު ފެންނާކަށް ނެތެވެ.

އަށިގެކޮޅުގެ އެތެރެ

 

އަށިގެއިން ނުކުންނަވައިފައި ސިފާމް ތަޢާރަފު ކޮށް ދެއްވީ އަށިގޭގެ ދޮރުމަތީގައި ހުރި ވަޅުކޮޅެކެވެ. އެ ވަޅުކޮޅަށް ހަތަރު ނަމެއް ކިޔައެވެ. އަށިގޭ ދޮރުމަތީ ވަޅުކޮޅެވެ. ކަދާވަޅުކޮޅެވެ. އެއްހިރިވަޅުކޮޅެވެ. އަދި ލެއްގިވަޅުކޮޅެވެ.

ލެއްގިވަޅުކޮޅު

 

އަށިގޭ ދޮރުމަތީ ވަޅުކޮޅު ކިޔަނީ އެ ވަޅުކޮޅު ހުންނަނީ އަށިގޭ ދޮރުމަތީގައި ކަމަށް ވާތީއެވެ. ކަދާވަޅުކޮޅު ކިޔަނީ ވަޅުކޮޅު ހެދިފައިވާ ގޮތަށް ނިސްބަތްކޮށެވެ. އެއްހިރިވަޅުކޮޅޭ ކިޔަނީ ވަޅުކޮޅުގެ އަޑީގެ ކޮންމެ ބައެއް ވެސް ބޮޑު އެއް ހިރިން ހަދާފައިވާތީއެވެ. ލެއްގިވަޅުކޮޅޭ ކިޔަނީ އެ ވަޅުކޮޅަކީ ލެއްގިވަޅުކޮޅަކަށްވާތީއެވެ. ބުނެވޭ ގޮތުގައި މިއީ ވާދޫ ދަންނަކަލޭފާނު ބޮޑުތަކުރުފާނަށް ހަދިޔާކުރެއްވި ވަޅުކޮޅެކެވެ. ހުވަދުއަތޮޅުން ކަޅުއޮށްފުންމީގައި ވަޅުކޮޅު އަރުވައިގެން ދަތުރުކުރައްވަނިކޮށް ކަނޑުގަދަވެގެން ދަތުރު ކުރެއްވޭވަރު ނުވެގެން ވަޅުކޮޅު ﷲ އަށް ވަކީލު ކުރައްވާފައި ކަނޑަށް ދޫކޮށްލެއްވީއެވެ. ފަހުން އެ ވަޅުކޮޅު އުތީމު ގަނޑުވަރުމަގާ ދިމާއަށް ލައްވެފައި ވަނިކޮށް މިހާރު ވަޅުހުރި ތަނުގައި ވަޅު ބެހެއްޓެވީ ޙަސަން ތަކުރުފާނު، ރަންނަބަނޑޭރިކަމުގައި އުތީމަށް ކުރެއްވި ޒިޔާތެއްގައި ކަމުގައި ސިފާމް ވިދާޅުވިއެވެ.

 

ޢަލީ ސިފާމާއެކު ދާދިވަރުކޮށް އުތީމު ގަނޑުވަރު ބަލާލެވިއްޖެއެވެ. އެތައް ގިނަ މަޢުލޫމާތެއް އަނެއްކާ ވެސް ތާޒާ ވެއްޖެއެވެ. އަޅުގަނޑުމެންގެ ސޯފާއިން އުތީމު ގަނޑުވަރުގެ އުނދޯލިދާންކޮޅަށް ދެވިއްޖެއެވެ. ވަރަށް ބޮޑަށް ޝުކުރިއްޔާއެވެ. (ނިމުނީ)

 

ނޯޓު: މި ލިޔުމަކީ 2020 އޮގަސްޓް 31 ވަނަ ދުވަހުގެރޭ 20:34 ގައި ސަގާފީ ތަރިކަ ރައްކާތެރިކުރާ ޤައުމީ މަރުކަޒުން މީސް މީޑިއާ މެދުވެރިކޮށް ފޮނުއްވި ދަރެހެއްގެ މައްޗަށް ލިޔެފައިވާ ލިޔުމެކެވެ. މި ދަރެހުގެ މައުޟޫއަކީ "ތިގޭ ސޯފާއިން އުތީމު ގަނޑުވަރުގެ އުނދޯލިދާންކޮޅަށެ" ވެ.

No comments: