Friday, July 28, 2023

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދުގެ ސިފައިންގެ އަގުހުރި ޚިދުމަތް

 



ޢަބްދުﷲ ސަޢީދު 

 

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަކީ ދިވެހި އަސްކަރިއްޔާގައި އިސް މަޤާމުތަކެއް ފުރުއްވައި ތަފާތު ދާއިރާތަކުން ޚިދުމަތްކުރައްވާފައިވާ ބޭފުޅެކެވެ. ދިވެހި އަސްކަރީ ޚިދުމަތާ ގުޅިވަޑައިގެންނެވީ 25 ޑިސެންބަރު 1983 ގައި ލާންސް ކޯޕްރަލް ރޭންކުގައެވެ. ޕައިލެޓެއްގެ ގޮތުގައި ސިފައިންގެ ޚިދުމަތް ފައްޓަވައި އެންލިސްޓެޑް ރޭންކްތަކުގެ ތެރެއިން ލާންސްކޯޕްރަލް، ކޯޕްރަލް، ސާރޖަންޓް ރޭންކުގައި މަސައްކަތް ކުރެއްވިއެވެ. ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު ކަމިޝަން ކުރެއްވީ 06 ޖޫން 1988 ގައެވެ. އޮފިސަރ ކެރިއަރގައި ލެފްޓިނަންޓް، ފަސްޓް ލެފްޓިނަންޓް، ކެޕްޓަން، މޭޖަރ، އަދި ލެފްޓިނަންޓް ކާނަލްގެ ރޭންކުގައި ވަނީ ޚިދުމަތް ކުރައްވާފައެވެ.  

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަކީ އެންމެ ކުޑައިރުއްސުރެ ޕައިލެޓަކަށް ވެވަޑައިގަތުމުގެ ހުވަފެން ދެކެވަޑައިގެންނެވި ބޭފުޅެކެވެ. މަޖީދިއްޔާ ސްކޫލުން އޭލެވެލް ނިންމެވުމަށްފަހު ޕައިލެޓްކަން ކިޔެވުމަށް ސަރުކާރުގެ ޚަރަދުގައި އެންމެ ފުރަތަމަ ވަޑައިގަތީ ޕާކިސްތާނަށެވެ. ޕާކިސްތާންގައި ތަޢުލީމް ހާސިލު ކުރައްވަމުން ގެންދަވަނިކޮށް ބޮޑުވަޒީރު ޒުލްފިޤާރު ޢަލީ ބުއްޓޫގެ ވެރިކަން އިންޤިލާބަކުން ބަދަލުކޮށްލުމާއެކު ޕާކިސްތާނުގައި ހަމަނުޖެހުންތައް ބޮޑުވިއެވެ. އެ ޤައުމުގެ ހާލަތު ގޯސްވުމާ ގުޅިގެން އޭރު އެ ޤައުމުގައި ތިބި ހުރިހާ ދިވެހި ކިޔަވާ ކުދިން ރާއްޖެ ގެނައުމަށް ސަރުކާރުން ނިންމެވުމުން އިބްރާހީމް ރަޝީދަށް ވެސް ޖެހިވަޑައިގެންނެވީ 1979 ވަނަ އަހަރު ރާއްޖެ ވަޑައިގަންނަވާށެވެ. އެއަށްފަހު ދިވެހިރާއްޖޭގެ ފޮރިން މިނިސްޓްރީގައި ދުވަސްކޮޅަކު ޚިދުމަތް ކުރެއްވުމަށްފަހު އޮސްޓްރޭލިއާ ސަރުކާރުން ދެއްވި ސްކޯލާޝިޕެއްގައި 1982 ވަނަ އަހަރު ޕައިލެޓްކަން ދަސްކުރައްވަން ތައިލޭންޑަށް ވަޑައިގަންނެވިއެވެ. ޗުއްޓީއެއް ނުނަންގަވައި ގާތްގަނޑަކަށް 18 މަސްދުވަހުން އެ ކޯސް ފުރިހަމަކުރެއްވިއެވެ. ދިވެހި ފުރަތަމަ ޕައިލެޓަށް ނުވިޔަސް، ދިވެހިރާއްޖޭގެ ސިވިލް އޭވިއޭޝަނުން ފުރަތަމަ ދިވެހި ޕައިލެޓް ލައިންސަންސް ހާސިލުކުރެއްވުމުގެ ޝަރަފު ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަށް ލިބިވަޑައިގެންނެވިއެވެ.

 

އެއަރ މޯލްޑިވްސްގެ ކޯ ޕައިލެޓެއްގެ ގޮތުގައި ވައިގެ ޚިދުމަތަށް 1983 ވަނަ އަހަރު ނުކުމެވަޑައިގެންނެވިއިރު ރާއްޖޭގައި ދުއްވާ މަތިންދާ ބޯޓުތައް ދުއްވުމަށް ތިބީ ޑިފެންސް މިނިސްޓްރީގެ މުވައްޒަފުންގެ ގޮތުގައި ތިބި ބިދޭސީ ޕައިލެޓުންނެވެ. ދިވެހި ދެ ޕައިލެޓުން ކަމުގައިވާ ކެޕްޓަން އިބްރާހީމް ރަޝީދާއި ކެޕްޓަން ޙުސައިން ޝާމް ސަރުކާރުން ސިފައިންގެ ވަޒީފާއަށް ބަދަލުކުރައްވައި ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރައްވާގޮތަށް ހަމަޖެއްސެވިއެވެ.

 

ސިފައިންގެ ޚިދުމަތުގެ ތެރޭގައި އޮތް އެއަރ ކްރާފްޓު ސެކްޝަން 01 ޖަނަވަރީ 1994 ގައި އުވާލައްވައި އޭރު ތިއްބެވި ސިފައިންގެ ދެ ޕައިލެޓުންގެ ތެރެއިން ފަސްޓް ލެފްޓިނަންޓް ރޭންކުގައި ހުންނެވި އިބްރާހީމް ރަޝީދު ޕޮލިސް ހެޑްކްއޯޓަރޒަށް ބަދަލު ކުރައްވައި، އަދި ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ)ގެ މެނޭޖަރެއްގެ ގޮތުގައި ހަމަޖެއްސެވިއެވެ. އަދި ސިފައިންގެ ކޮއްތުގުދަން މިހާރުގެ ގޮތުންނަމަ ކްއޯޓަރމާސްޓަރ ސަރވިސްގެ ކޮމާންޑަރެއްގެ ގޮތުގައި ވެސް ޚިދުމަތް ކުރެއްވިއެވެ. އޭރު ޕޮލިސް ހެޑްކްއޯޓަރޒް ހިގަނީ ސިފައިންގެ ޔުނިޓެއްގެ ގޮތުގައެވެ. މި ބަދަލު ގެންނެވި ނަމަވެސް އެއަރ މޯލްޑިވްސްގައި ޕައިލެޓެއްގެ ގޮތުގައި ކުރައްވަމުން ގެންދެވި މަސައްކަތް ކުރެވޭނެގޮތް އޮތީ ހަމަޖައްސަވައިދެއްވާފައެވެ.  

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު ވަނީ ސިފައިންގެ ޚިދުމަތުގައި ހުންނަވައި ތަފާތު ގިނަ ކޯސްތައް ފުރިހަމަ ކުރައްވާފައެވެ. މިގޮތުން 1994 ވަނަ އަހަރު ޕާކިސްތާނުން ފުރިހަމަ ކުރެއްވި ބޭސިކް ސްޓާފް ކޯސް، 1996 ވަނަ އަހަރު ޕާކިސްތާނުން ފުރިހަމަކުރެއްވި ލޮޖިސްޓިކްސް ސްޓާފް ކޯސް، 1989 ވަނަ އަހަރު އެމެރިކާއިން ފުރިހަމަ ކުރެއްވި ސެކިއުރިޓީ ސްޓަޑީސް ކޯސް، އަދި އިންޑިއާއިން ފުރިހަމަކުރެއްވި ސީނިއަރ ޑިފެންސް މެނޭޖްމަންޓް ކޯސް ފާހަގަކުރެވެއެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު ދިވެހި އަސްކަރިއްޔާއަށާއި ދިވެހި ޤައުމަށް ކޮށްދެއްވި ޚާއްޞަ ޚިދުމަތްތަކުގެ ތެރޭގައި 1988 ނޮވެންބަރު 3 ވަނަ ދުވަހު ކުރިމަތިވި ނުރައްކާތެރި ޢުދުވާނީ ޙަމަލާ އާއި އެ ހަމަލާއާ ގުޅިގެން ދިވެހި ސިފައިން ރެއާއި ދުވާލު ގޭދުވަހެއް ގޭރެއެއްނެތި އާއިލާތަކާ ދުރުގައި މަސައްކަތްކުރަން ޖެހުނު ހިނދު އެ ބުރަ ޑިއުޓީތަކުގައި އިޚްލާޞްތެރިކަމާއެކު ހަރަކާތްތެރިވެވަޑައިގަތުމާއި، ކަނޑުމަތީގައި ހާލުގައި ޖެހިގެންނާއި މީހުން ގެއްލިގެން އެ މީހުން ހޯދުމަށް ވައިގެމަގުން ހިންގި ތަފާތު ގިނަ އޮޕަރޭޝަންތަކުގައި ޕައިލެޓެއްގެ ގޮތުގައި ކުރެއްވި މަސައްކަތް ފާހަގަ ކުރެވެއެވެ. މީގެ ތެރެއިންވެސް ފުވައްމުލަކުގައި ހިނގި ހަމަނުޖެހުމަކާ ގުޅިގެން ސިފައިންގެ ހިންގި ޚާއްޞަ އޮޕަރޭޝަނަކަށް ވައިގެމަގުން ކުއްލިގޮތަކަށް ސިފައިން ގޮވައިގެން އައްޑޫސިޓީއަށް ކުރެއްވި ދަތުރާއި އެނަމާ ބޯޓް ބަންޑުންޖަހާލި ކާރިސާއާ ގުޅިގެން މާލެއިން ޑައިވަރުން ގޮވައިގެން ކާޑެއްދޫއަށް ވައިގެމަގުން ކުރެއްވި ތާރީޚީ ދަތުރު ފާހަގަ ކުރެވެއެވެ. އެނަމާ ބޯޓް ބަންޑުން ޖަހާލުމުން މާލެއިން މީހުން ގޮވައިގެން ރޭގަނޑު ކާޑެއްދޫ އެއަރޕޯޓަށް ވަޑައިގެންނެވިއިރު އެ އެއަރޕޯޓަކީ ރޭގަނޑުގެ ދަތުރުތަކަށް ތައްޔާރުކުރެވިފައިވާ އެއަރޕޯޓެއް ނޫނެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަކީ ސިފައިންގެ ބޭންޑު ހިންގެވުމާއި، މީހުން ތަމްރީނުކުރެއްވުމުގައި ވެސް އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެވެ. މިގޮތުން 1986 ވަނަ އަހަރު ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) ޙަސަން ޔޫސުފް ބޭންޑް މާސްޓަރ ކޯސް ފުރިހަމަ ކުރެއްވުމަށް ރާއްޖެއިން ބޭރަށް ވަޑައިގަތުމަށް ހަމަޖެހުމާ ގުޅިގެން ސިފައިންގެ ބޭންޑުގެ ކޮންޑަކްޓަރެއްގެ ގޮތުގައި ޑިފެންސް މިނިސްޓްރީން ހަމަޖެއްސެވި ބޭފުޅަކީ މަޖީދިއްޔާ ސްކޫލުގެ ބްރާސް ބޭންޑްގައި ވެސް މަސައްކަތް ކުރައްވާފައިވާ  އޭރު ސާރޖަންޓް ރޭންކުގައި ހުންނެވި އިބްރާހީމް ރަޝީދެވެ. 1980ގެ އަހަރުތަކުގެ ތެރޭގައި މާލޭގައި ސިފައިން ކުރިއަށް ގެންދިޔަ ކުލަގަދަ ރޫޓްމާޗުތަކުގައި ދިވެހި ސިފައިންގެ ބޭންޑުގައި ޑްރަމްމޭޖަރެއްގެ ގޮތުގައި ވެސް ހަރަކާތްތެރިވެވަޑައިގެންނެވި ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަކީ ބޭންޑްގެ ޚިދުމަތަށް އެންމެ ފުރަތަމަ އަންހެން ސިފައިން ގެންނަވައި އެ ސިފައިން ތަމްރީނުކުރުމުގައި ވެސް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެކިއެކި ޔުނިޓްތަކުގައި މަސައްކަތްކުރައްވާ ސިފައިންގެ މައްޗަށް އެކުލެވިފައި އޮތް ބޭންޑުގައި "ބޭންޑް ސެކްޝަން"ގެ ނަމުގައި ވަކި ލެޓަރހެޑެއް ތަޢާރަފުކުރައްވައި، ސިޓީ ނޯޓު ފޮނުއްވައި ސިފައިންގެ ވަކި ޔުނިޓެއްގެ ސިފައިގައި އެންމެ ފުރަތަމަ ހަރަކާތްތެރިވާން ފެށްޓެވީ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު  ބޭންޑް ކޮންޑަކްޓަރެއްގެ ގޮތުގައި ހުންނެވި ދުވަސްވަރުއެވެ. އެ ދުވަސްވަރު ބޭންޑް މާސްޓަރަކަށް ހުންނެވި ޔުތެކާ އިކެމާގެ އިރުޝާދުގެ ދަށުން ބޭންޑުގައި ކުޅެވޭ މުހިންމު ރާގުތައް ލިޔުމަށް ތިރިކުރައްވައި ފޮތެއް ވެސް ނެރުއްވިއެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު ދިވެހި އަސްކަރިއްޔާގައި ކުރައްވާފައިވާ އިޚްލާޞްތެރި ޚިދުމަތާއި ދައްކުވައި ދެއްވާފައިވާ ހަރުދަނާ އަސްކަރީ އަޚްލާޤުގެ ސަބަބުން ޝަރަފުގެ ނިޝާނުގެ ގޮތުގައި 5 މެޑެއްޔާއި 8 ކުލައެއް ލިބިވަޑައިގެންފައިވެއެވެ. މިގޮތުން ލިބިވަޑައިގެންފައިވާ މެޑެލި ތަކަކީ ރައީސުލްޖުމްހޫރިއްޔާގެ މެޑެލި، އިޚްލާޞްތެރި ޚިދުމަތުގެ މެޑެލި، އަޚްލާޤީ މެޑެލި، 3 ނޮވެންބަރުގެ މެޑެލި، ސައްތައިގެ މެޑެއްޔެވެ. ޝަރަފުގެ ނިޝާނުގެ ކުލައިގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ ކުލަ، ދިގު މުއްދަތެއްގައި ޚިދުމަތްކުރުމުގެ ކުލަ، އިޚްލާޞްތެރި ޚިދުމަތުގެ ކުލަ، ސިފައިންގެ ޚިދުމަތުގެ ކުލަ، ޚާއްޞަ ޚިދުމަތުގެ ކުލަ، ހުނަރުވެރިކަމުގެ ކުލަ އަދި އަޚްލާޤީ ކުލަ އެއްވަނަފަހަރަށާއި ދެވަނަ ފަހަރަށް ހާސިލުކުރައްވާފައިވެއެވެ.       

 

ސިފައިންގެ ޚިދުމަތުގެ ތެރެއިން އެންމެ ބޮޑަށް ފާހަގަ ކުރެވެނީ ފުލުހުންގެ ޚިދުމަތުގެ ތެރޭގައި ކުރެއްވި އަގުހުރި ޚިދުމަތްތަކެވެ. މިގޮތުން ތަފާތު ރޭންކުތަކުގައި ތަފާތު އެޕޮއިންޓްމަންޓްތައް ފުރުއްވާފައިވާ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވިއިރު ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. 2003 ސެޕްޓެންބަރު 19 ވަނަ ދުވަހުގެރެއާއި ސެޕްޓެންބަރު 20 ވަނަ ދުވަހު މާފުށީ ޖަލުގައި ހިނގާދިޔަ ހިތާމަވެރި ހާދިސާތަކާ ގުޅިގެން ފުލުސް އޮފީހުގެ ލީޑަރޝިޕަށް ސިފައިންނާއި ފުލުހުންގެ އެންމެމަތީ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ގެންނެވި ބަދަލުތަކުގެ ތެރޭގައި ޕޮލިސް ހެޑްކްއޯޓަރޒް ހިންގެވުން ޑެޕިއުޓީ ކޮމިނަރ އޮފް ޕޮލިސްގެ މަޤާމުގައި ހުންނެވި ލެފްޓިނެންޓް ކާނަލް އިބްރާހިމް ރަޝީދުއާ ހަވާލުކުރެއްވިއެވެ. މިގޮތުން 2003 ސެޕްޓެންބަރު 30 ވަނަ ދުވަހުން ފެށިގެން 2004 ފެބުރުވަރީ 15 ވަނަ ދުވަހާ ހަމައަށް ފުލުސް އޮފީސް ހިންގެވުމުގައި އެންމެ އިސް ބޭފުޅެއްގެ ގޮތުގައި ހުންނެވީ ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސް ލެފްޓިނަންޓް ކާނަލް އިބްރާހީމް ރަޝީދެވެ.

ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަކީ 20 އަހަރާއި 6 މަހާއި 12 ދުވަހު ދިވެހި އަސްކަރިއްޔާއަށް ވަރަށް އަގުހުރި އަދި އެހާމެ މުހިންމު ޚިދުމަތްތަކެއް ކުރެއްވި ބޭފުޅެކެވެ. 2004 ޖުލައި 6 ވަނަ ދުވަހު  މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޑައިރެކްޓަރ ފްލައިޓް އޮޕަރޭޝަންސްގެ މަޤާމަށް ބަދަލުކުރެއްވިއިރު ހުންނެވީ ސިފައިންގެ ލެފްޓިނަންޓް ކާނަލް ރޭންކުގައި ޑެޕިއުޓީ ކަމިޝަނަރ އޮފް ޕޮލިސްގެ މަޤާމުގައެވެ. އޭރު ވެސް ސިފައިންގެ އެކުވެރި ކުންފުނި (އެސްއީކޭ)ގެ މެނޭޖަރެއްގެ މަޤާމާއި ދޫނިދޫ ޑިޓެންޝަން ޔުނިޓްގެ ކޮމާންޑަރެއްގެ ގޮތުގައި ހުންނެވީ ލެފްޓިނަންޓް ކާނަލް (ރިޓަޔަރޑް) އިބްރާހީމް ރަޝީދެވެ.

 

ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށްފަހުގައި ދިވެހިރާއްޖޭގެ ވައިގެ ޚިދުމަތުގައި ޚިދުމަތް ކުރެއްވުމަށްފަހު ވައިގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 4 މޭ 2023 ގައެވެ. 42 އަހަރަށްވުރެ ގިނަ ދުވަހު އެ ދާއިރާގައި ޚިދުމަތްކުރެއްވުމަށްފަހު ޤާނޫނުގައި ބަޔާންކުރާގޮތުގައި 65 އަހަރުވުމުން ޕަސިންޖަރުން ގޮވައިގެން ޕައިލެޓެއްގެ ގޮތުގައި ދަތުރު ނުކުރެވޭނެތީ އެ ދާއިރާއިން ރިޓަޔަރ ކުރެއްވި ނަމަވެސް ހުންނެވީ ވަރަށް ހަށިހެޔޮ ދުޅަހެޔޮ ބޭފުޅެއްގެ ގޮތުގައި، ވަރަށް ގިނަ ބައެއްގެ ލޯތްބާއި އިޙްތިރާމު ހޯއްދަވައިގެންނެވެ. ލެފްޓިނަންޓް (ރިޓަޔަރޑް) އިބްރާހީމް ރަޝީދަށް އަޅުގަނޑު އެދެނީ ފުރިހަމަ ޞިއްޙަަތަކާއި ބާއްޖަވެރި ހަޔާތެކެވެ. 

 

 



No comments: