Wednesday, March 23, 2011

ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި އަޅުގަނޑު

ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި އަޅުގަނޑު

ފޮތްތަކާއި ލިލިޔުންތަކުން ކިތަންމެވަރަށް ކިޔަސް އަދި ވީޑިއޯތަކާއި ފޮޓޯތަކުން ކިތަންމެ ވަރަކަށް ބެއްޔަސް އުތީމުގަނޑުވަރަށް ޒިއާރަތްކުރުމުން އެލިބުނު ހިތްހަމަޖެހުމާއި އުފަލެއް ނުލިބެއެވެ.

ޢަބްދުﷲ ސަޢީދު

ދިވެހިރާއްޖޭގައި އަޅުގަނޑު އެތަނަކަށް ޒިއާރަތް ކުރުމަށް އެންމެ ބޭނުންވެފައިވާ އެއްތަނަކީ ހއ. އުތީމުގައި ހުންނަ ބޮޑުތަކުރުފާނުގެ ގަނޑުވަރެވެ. އެންމެ ކުޑައިރުއްސުރެވެސް ކުރަމުންއައި އެއުންމީދު ހާސިލުވީ އަޅުގަނޑުގެ އުމުރުން 37 އަހަރު ފާއިތުވިފަހުންނެވެ. 2011 ޖެނުއަރީ 30 ވަނަ ދުވަހަކީ އަޅުގަނޑަށް ފުރަތަމަ އުތީމަށް ދެވުނު ދުވަހެވެ. އުޑުމަތި ސާފު އަވިގަދަ ދުވަހެކެވެ. އުތީމުގެ އަތިރިމަތީގެ ހިމުން ދޮންވެލިގަނޑުގައި ފައިތިލަ ޖެހުމާއެކު ފުރަތަމަވެސް މިސްރާބު ޖެހީ އުތީމު ގަނޑުވަރާ ދިމާލަށެވެ.

އުތީމު ކާނިގަސް

ގަނޑުވަރަށް ދިއުމަށް ދިޔަ މަގުމަތީގައި ބޮޑު ކާނިގަހެއް ހުއްޓެވެ. މިއީ އެގަހަކުން ދަރު ޖައްސައިގެން ކައްކާ ބަތްތަވާ ދުންގަނެކަމަށް ކިޔާ އުތީމުގެ މަޝްހޫރު ކާނިގަހެވެ. މިގަސްކައިރީގައި ބަހައްޓާފައިހުރި ބޯޑުގައި ވާގޮތުން މިގަހަކީ ބޮޑުތަކުރުފާނުގެ ޒުވާން ދުވަސްވަރު ފޭރާން ވިޔުއްވުމަށް ހަރުޖެއްސެވި އެއްކަޑަ ރޯވެގެން ހެދިފައިވާ ގަހެއްކަމަށް ބުނެވެއެވެ. އެހެންކަމުން މިގަހުގެ އުމުރުން މިހާރު 471 އަހަރުވަރު ވެދާނެއެވެ.

ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒު

ކާނިގަސް ފަސްދިންއިރު ބޮޑުތަކުރުފާނުގެ ގަނޑުވަރު އެހެރީ ފެންނާށެވެ. ބޮޑުތަކުރުފާނުގެ ގަނޑުވަރަށް ވަނުމަށްޓަކައި ޓިކެޓް ގަންނަންޖެހެނީ ކައިރީގައި ހުންނަ ބޮޑުތަކުރުފާނުގެ ހަނދާނީމަރުކަޒުންނެވެ. އެތަނުގައި ތާރީޚީ ލައިބްރަރީއެއް ހުއްޓެވެ. އެލައިބްރަރީގައި އާސާރީ ބައެއް ސާމާނުވެސް ބަހައްޓާފައިހުއްޓެވެ. ޓިކެޓް ގަނެގެންގޮސް ދެއްކުމުން ޓިކެޓް ކެނޑުމަށްފަހު ގަނޑުވަރުގެ ގޯތިތެރެއަށް ވައްދައިފިއެވެ. ގަނޑުވަރުގެ ގޯތިތެރެއަށް ވެއްދީ ބޫޓު ބާލުވާ ހުސްފައިގައެވެ. މަގުފާރުން އެތެރެއަށް ވަދެވުމުން ކުރިމަތިން ފެންނަންހުރި ތަންތަން ފުންކޮށް ނަޒަރު ހިންގާލީމެވެ. ކުރިންވެސް ފޮޓޯއާއި ވީޑިއޯ ފެނިފައިވާތީ އެއީ ކޮންތަންތަނެއްކަން ކޮންމެވެސް ވަރަކަށް އެނގުނެވެ. ކަނާތްފަރާތުގައި އަށިގެކޮޅެވެ. އަށިގެކޮޅު ކުރިމަތީގައި ގެއްލިވަޅުކޮޅެވެ. ކުރިމަތިން ފެންނަން އެހެރީ ބޮޑުގެކޮޅާއި މަރިޔާދުގެކޮޅެވެ. އެތަންތަނާބެހޭގޮތުން މަޢުލޫމާތު ދެއްވީ ބޮޑުތަކުރުފާނުގެ ހަނދާނީ މަރުކަޒުގެ ގައިޑް ޢަލީ ޙާފިޒެވެ. އުތީމު ގަނޑުވަރާބެހޭގޮތުން ޖަވާބު ނުލިބޭ އެންމެ ސުވާލެއްވެސް ނުކުރެވުނެވެ.

ރާއްޖޭގައިހުރި އެންމެ ގިނަދުވަސްވީގެ

ގަނޑުވަރުގެ އެތެރެ ދައްކާލުމުގެ ދަތުރު ފެށުނީ ކުރިމަތިން ވާތްފަރާތުން ފެންނަންހުރި "ބޮޑުގެކޮޅު" ންނެވެ. އެއީ ބޮޑުތަކުރުފާނުގެ ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުންގެ ގެކޮޅެވެ. މިއީ އުތީމު ތިންބެއިންކަމަށްވާ ޢަލީ ތަކުރުފާނާއި، މުޙައްމަދު ތަކުރުފާނާއި، ޙަސަން ތަކުރުފާނުގެ އިތުރުން އެބޭފުޅުންގެ ދައިތާ ކަމަނާ، ފާޠިމާފާނު އުޅުއްވާ ބޮޑުފުޅުވި ގެކޮޅެވެ. މިއީ ރާއްޖޭގައި ހުރި އެންމެ ދުވަސްވީ ގެއެވެ. "ގެކޮޅުގެ ފުރާޅު ތިރިކަމަށްޓަކައި ސަމާލުވެ ލައްވާތި. ފަހަރުގައި ބޯޖެހުމަކީ އެކަށީގެންވާކަމެއް. އެއްވެސް އެއްޗެއްގައި އަތްލައްވާ އަދި އެއްވެސް ތަނެއްގައި އިށީންދެވަޑައިގެން ހައްދަވައިގެން ނުވާނެ" އަޅުގަނޑު އާއެކޭ ބުނުމުގެ ގޮތުން ބޯޖަހާލީމެވެ. " މިގެކޮޅަކީ މީލާދީ ސަނަތުން 1512 އާއި 1528 އާ ދެމެދު ޢިމާރާތް ކުރެވުނު ގެކޮޅެއްމީ " ޢަލީ ޙާފިޒު ބުނުއްވިއެވެ. ބޮޑުގެކޮޅުގައިހުރި އެއްޗެތީގެ ތެރޭގައި ހަތް ހުޅުކޮޅު ދިއްލޭ ވޮއްކޮޅާއި ބޮޑުތަކުރުފާނު ޖިޒީއައިގެން ވަޑައިގެންނެވިއިރު ގެންދެވި ނާލުފޮށިކޮޅާއި ބޭރުގޭތެރޭ އުނދޯލިދާންކޮޅާއި ކުޑައަށިކޮޅާއި ކޮޅުފިލާގޮޑިކޮޅު ފާހަގަކުރެވުނެވެ.

ޕިންހޯލް ކެމެރާ

ބޮޑުގެކޮޅުގެ އެތެރިގޭތެރޭގައި ހުންނަ އުދޯލިދާންކޮޅާ ހަމައަށް ދެވިއްޖެއެވެ. މިއީ ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި ހުންނަ އަމިއްލައަށް ހެއްލޭ ކަމަށްބުނާ އުދޯލިދޯންކޮޅެވެ. މިހާރުވެސް ހެއްލޭގޮތަށްހުރި މި އުނދޯލިދާންކޮޅެއް މިހާރަކު އަމިއްލަކަށް ނުހެއްލެއެވެ. " މިއީ ބޮޑުތަކުރުފާނާއި ބާރަށު ބޯށިވަލު ބުޅާފާތުމާގެ ރެހެންދި ( ފަހުން އައިމިނާ ރަނިކިލެފެފާނު) އަށް ލިބިވަޑައިގެންނެވި އިބްރާހިމް ކަލާފާނު ތުއްތުޕުޅުއިރު އަވަހާރަ ލެއްޕެވުމަށާއި މަސަލަސް ކުރެއްވުމަށް ބޭނުންކުރެއްވި އުނދޯލިދާންކޮޅު" އެހެން ބުނެފައި މަތީގައި ހަރުކޮށްފައިހުރި ބޮކި ނިއްވާލިއެވެ. އެވަގުތު އުނދޯލި ދާންކޮޅުގެ ބިއްދޮށްފަރާތުގައި ދަމާފައިހުރި ހުދުކުލައިގެ ފޮތިގަނޑަށް ކުލަ މަންޒަރެއް އެޅިގެން ދިޔައެވެ. އެއީ ބޮޑުތަކުރުފާނުގެ ގަނޑުވަރުގައި މިހާރު އެންމެ މަޝްހޫރު އަދި އެންމެ ގިނަބައެއްގެ ސަމާލުކަން ލިބިފައިވާ ޕިންހޯލް ކެމެރާގެ މަންޒަރެވެ. ގާތްގަޑަކަށް ސާޅިހަކަށް ފޫޓުގެ މަންޒަރު ކަވަރުކުރެއެވެ. މަންޒަރު ފެންނަނީ ކުލަކޮށެވެ. އެހެންނަމަވެސް އެކޮޅު ކޮޅުންނެވެ. އުދޯލިދާންކޮޅުގެ ބިއްކޮށުގެ ލަކުޑި ބިތުގައި ހުރި ލޯވަޅަކުން މަންޒަރު އެތެރެއަށް ވަންނަނީއެވެ. އެލޯވަޅު ހުރިގޮތުން ހީވަނީ އެއީ ލަކުޑިގަނޑުގެ ގޮށެއް ނެއްޓިފައިވާ ތަނެއްހެންނެވެ. މީހަކު ގަނޑުވަރުގެ ދެކުނު ފަރާތުން ބޭރަށް ފޮނުވައިގެން ހިންގުވައިގެން ބެލީމެވެ. ލައިވްކޮށް މަންޒަރު ފެންނަމުންދިޔައެވެ. އެއީ މިޒަމާނުގެ ސީސީޓީވީ ސިސްޓަމާ އެއްގޮތް ނިޒާމެކެވެ. އެލޯވަޅަށް އިނގިލި ލައިގެންވެސް ބެލީމެވެ. "ގަނޑުވަރުގެ އެތެރޭގައި ތިއްބަވައިގެން ގަނޑުވަރުގެ ބޭރުގައި ހިނގާ ކަންތައްތައް ބެލުމަށް ހައްދަވާފައިވާ ގޮތެއްކަމެއް ނޫނީ އިއްތިފާޤުން ވެފައިހުރި ގޮތެއްކަމެއް ނޭނގެ" ޢަލީ ހާފިޒު ބުނުއްވިއެވެ.

ބަދިގެކޮޅު

ބޮޑުތަކުރުފާނުގެ ގަނޑުވަރުގެ ބޮޑުގެކޮޅުން ދެކުނަށް ނިކުމެވުނުއިރު އެތަނުގައިހުރީ އެބޭފުޅުންގެ ކޮށާރުކޮޅުހުރިތަނުގައި ފަހުން ހަދާފައިވާ ގުދަނަކާއި ބަދީގޭގެ ގާފޮޅާއި ފެން ވަޅެކެވެ.

ނުހުޅުވޭ ދޮރުކޮޅު

ގަނޑުވަރުގެ ދެކުނުފަރާތަށް ނިކުންދޮރުން އެނބުރި އެތެރެއަށްވަދެގެން ގޮސް ވަނީ މަރިޔާދުގެކޮޅަށެވެ. މިއީ މެޙްމާނުންނާ ބައްދަލުކުރައްވާ ގެކޮޅެވެ. މިއީ ބޮޑުތަކުރުފާނުގެ ދައިތާކަމަނާ ފާޠިމާފާނަށް އުތީމު ތިންބެއިން އަޅުވައިދެއްވި ގެކޮޅެކެވެ. މިގެކޮޅަކީ "ނުހުޅުވޭ ދޮރުކޮޅު" ހުންނަ ގެކޮޅެވެ. މިދޮރުކޮޅަކީ މަރިޔާދުގޭ ދެކުނު ދޮރުކޮޅެވެ. ރާއްޖެ އިސްލާމްކުރެއްވުމުގެ ޖިހާދަށް ފެއްޓެވުމަށްޓަކައި އާއިލާގެ ބޭފުޅުން ގޮވައިގެން މީލާދީން 1568 އޭޕްރީލް 24 ވަނަދުވަހުގެރޭ މަލިކަން ވަޑައިގަތުމަށް ނިކުމެވަޑައިގަންނަވަމުން ޖެއްސެވިގޮތަށް މިދޮރުކޮޅު އަދިއަދަށްދާންދެންވެސް ހުރީ ނުހުޅުވިއެވެ. އެރޭ އެދޮރުކޮޅު ޖެއްސެވީ ޙަސަން ތަކުރުފާނެވެ. "މި ދޮރުކޮޅު ތާށިވެފައި މިހިރީ ބޮޑުތަކުރުފާނުގެ ތުއްޕުޅު ދަރިކަލުން ކަލާފާނު އުރުވަޑުވައިގެން ނިކުމެވަޑައިގަންނަވާ ޙަސަން ތަކުރުފާނު ޖެއްސެވިގޮތަށް" އެހެން ޢަލީ ޙާފިޒު ބުނުއްވުމުން އަޅުގަނޑު ދޮރުގައި ހިފާ ދަމާލީމެވެ. އެކަމަކު ގުޑާވެސް ނުލިއެވެ. ގަނޑުވަރުގައިހުރި އެފަދަ އެހެން ކެހޭ ދޮރުތައް ވަރަށް ފަސޭހައިން ކަހާލެވޭކަން އަޅުގަނޑު ތަޖުރިބާކުރީމެވެ. މަރިޔާދުގެ ކޮޅުން ނިކުންއިރު ކުރިމަތީގައި ވަޅެއްހުއްޓެވެ. އެއީ މެޙްމާނުން ފައިގައި ފެންލުމަށާއި މަރިޔާދުގޭގެ ބޭނުންތަކަށް ބޭނުންކުރި ފެންވަޅެވެ.


އަށިގެކޮޅު

މިއީ އިއްޒަތްތެރިންނާއި މެޙްމާނުން ނިދުމަށާއި ބޭތިއްބުމަށް ގަނޑުވަރުގެ ގޯތިތެރޭގައި ވަކިން ހަދާފައިހުރި ތަނެކެވެ. "މިއީ ދުވާފަރު ޢަލީ ދަންގަހެލުވެސް ނިދިކުރެއްވިތަން. މިތަނުގައި ކުރިން އޮންނަނީ ދޮޅުފޫޓުގެ އުސްމިނުގައި އެއްކޮށް އަށިއަޅާފަ. އަށި ދޮށުގައި ބޮލި ރޯނުފަދަ ތަކެތި ރައްކާކުރައްވާ. މިތަނުގައި އެޒަމާނުގެ އެއްޗަކަށް ފެންނަން މިހިރީ މި ހަތަރު ތަނބު" އަށިގެކޮޅުގެ މެދުގައި ކޮޅަށް ޖަހާފައިހުރި ހަތަރު ތަނބުނޫނީ ބޮޑުތަކުރުފާނުގެ ޒަމާނުގައި އަށިގެކޮޅުގެ ބައެއް މިހާރު އެތައް ފަހަރަކު މަރާމާތުކޮށްފައިވާ އެއަށިގެކޮޅުން ފެންނާކަށް ނެތެވެ.

ލެއްގިވަޅުކޮޅު

މިއީ އަށިގޭގެ ދޮރުމަތީގައި ހުންނަވަޅެކޮޅެކެވެ. މިވަޅުކޮޅަށް ލެއްގި ވަޅުކޮޅޭ ކިޔަނީ ބުރާރު މުޙައްމަދުފުޅުގެ ބޮޑުތަކުރުފާނު ވާހަކަ ފޮތުގައި މިވަޅުކޮޅަކީ ގެއްލި ވަޅުކޮޅެއްކަމަށް ބުނާތީއެވެ. އެވާހަކައިގައި އޮންނަނީ ބޮޑުތަކުރުފާނުގެ އެދިވަޑައިގެންނެވުމަކަށް ގދ. ވާދޫ ކަންވެރިކަލޭގެ އެވަޅުކޮޅު ދެއްވުމުން ކަޅުއޮށްފުންމިއަށް ލައްވައިގެން އުތީމަށް ގެންނަވަނިކޮށް ކަނޑުގަދަވެ ވިއްސާރަވުމުން "ދެބޭންނަށް ލިބެންހުރި އެއްޗެއް ކަލާނގެ ވާގިފުޅާއެކު ލިބޭނެޔޭ" ވިދާޅުވެ ކަނޑަށް އެއްލާލުމުން މިވަޅުކޮޅު އުތީމަށް ލައްގާފައިވާތީއެވެ. "މިއީ ވާދޫ ދަންނަކަލޭފާނު ހަދިޔާކުރެއްވި ވަޅުކޮޅެއް. މިވަޅުކޮޅަށް އެތައްނަމެއްކިޔާ. އަށިގެދޮރުމަތީވަޅުކޮޅު، ކަދާވަޅުކޮޅު، އެއްހިރިވަޅުކޮޅު، އަދި ލެއްގިވަޅުކޮޅުވެސްކިޔާ" ޢަލީ ޙާފިޒު ބުނުއްވިއެވެ.

އެއްވަޅަކަށް މިހާގިނަނަން ކިޔާތީ ކޮންމެ މީހަކުވެސް ސުވާލު އުފެދޭނެއެވެ. "ކަނދާވަޅުކޮޅު ކިޔަނީ ވަޅުހެދިފައިހުރިގޮތުން. އަށިގެ ދޮރުމަތީވަޅުކޮޅޭ ކިޔަނީ ވަޅުހުރި ތަނުގެގޮތުން. އެއްހިރިވަޅުކޮޅޭ ކިޔަނީ ވަޅު ތިންބުރިއަށްހުރިއިރު ކޮންމެ ބުރިއެއްވެސް އެއް ހިރިއަކުން ހަދާފައިވާތީ. ވަޅުގެ އެންމެ އަޑީބައި ތިލަވަތްގަލާއެކު ހަދާފައިވަނީވެސް އެއް ހިރިއަކުން. ލެއްގިވަޅުކޮޅޭ ކިޔަނީ ބޮޑުތަކުރުފާނުގެ އެންމެ ކުރީގެ ވާހަކައިގައި އެއީ ލެއްގިވަޅުކޮޅެއްކަމަށް ބުނާތީ. މިވަޅުގެ ފެން ވަރަށް މީރުވާނެ" އަޅުގަނޑު ދާނިން ފެންނަގާ ފެންބުއިމެވެ. އެއީ ވަރަށް ބޮޑު ތެދެކެވެ.

ކަނދުވަލު މިސްކިތް

ބޮޑުތަކުރުފާނުގެ ގަނޑުވަރާބެހޭގޮތުން މަޢުލޫމާތު ދެއްވި ޢަލީ ޙާފިޒަށް ޝުކުރުއަދާކުރުމަށްފަހު ގަނޑުވަރުން ނިކުމެއްޖައީމެވެ. ދެން މިސްރާބުޖެހީ ކަނދުވަލު މިސްކިތާދިމާލަށެވެ. ކަނދުވަލު މިސްކިތަކީ އުތީމު ތިންބެއިން ޖިހާދަށް ފެއްޓެވުމަށް ޢަޒުމު ކަނޑައެޅުއްވާ ނަޞްރާއި ކާމިޔާބަށް އެދި ﷲ ގެ ޙަޟްރަތުގައި ދުޢާ ދެންނެވި ތާރީޚީ މިސްކިތެވެ. މިއީ އެބޭފުޅުން ނަމާދުކުރައްވާ އުޅުއްވި މިސްކިތެވެ. އެމިސްކިތުގެ ކައިރީގައި ބަހައްޓާފައިހުރި ބޯޑުން އެމިސްކިތާ ބެހޭ މަޢުލޫމާތު ލިބެން ހުއްޓެވެ. ބޮޑުތަކުރުފާނުގެ ކާފާފުޅާއި ބައްޕާފުޅުގެ މަހާނަހުރީ އެމިސްކިތުގެ ގޯތިތެރޭގައެވެ. ކާފާފުޅު ކަޅުޢަލީޚަތީބު ތަކުރުފާނުގެ މަހާނަފުޅުހުރީ އުތުރުފަރާތުގައި އޮތް ގަބުރުސްތާނުގެ ތެރޭގައެވެ. ބައްޕާފުޅު ޙުސައިން ޚަތީބު ތަކުރުފާނުގެ މަހާނަފުޅު ހުރީ މިސްކިތަށްވަންނަ ދޮރުގެ ވާތްފަރާތުގައެވެ. މި މަހާނައިގައި ޖަހާފައިހުރީ އަންހެން ގަލެކެވެ. ކަނާތްފަރާތުގައިވެސް މަހާނައެއް ހުއްޓެވެ. ފިރިހެން ގަލެއް ޖަހާފައިވާ އެމަހާނައަކީ ކޮންބޭފުޅެއްގެ މަހާނަފުޅެއްކަން އެނގޭކަށް ނެތެވެ.

މިސްކިތުގެ ދޮރުމަތީގައި ހުރި ކުޑަ އެހެންނަމަވެސް ފެންފުން ވަޅުން ވުޟޫކޮށްގެން މިސްކިތަށް އަރައިފީމެވެ. މިސްކިތުގެ ބެރިތައްހުރީ ލާފެންކޮށް ޢަރަބިން ލިޔެފައެވެ. މެންދުރުނަމާދު ޖަމާޢަތުގައި ކުރީ އެމިސްކިތުގައެވެ. މި މިސްކިތުގެ އިރުމަތީ ފަރާތުގައި ސައްޔިދު ޢަލީގެ ޒިއާރަތޭ ކިޔާ ތަނެއް ހުއްޓެވެ.

ދަތުރު ނިންމާލުން

ތިލަދުންމަތީ އުތުރުބުރީ އުތީމަށް އަޅުގަނޑުކުރި ފުރަތަނަ ދަތުރު ނިންމާލީ އެރަށުގައި ގާތްގަޑަކަށް ހަތަރުގަޑިއިރު ހޭދަކޮށްފައެވެ. އަދިވެސް ބޮޑުތަކުރުފާނުގެ ގަނޑުވަރަށް ޒިއާރަތްކުރާހިތުން ހުރެއެވެ. އެއީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޠަމް (އުތީމު ބޮޑުތަކުރުފާނު) އާއި އެތަކުރުފާނުގެ އާއިލާ ދިރިއުޅުވި ގަނޑުވަރެވެ. ދިވެހިންގެ ތެރޭގައި ޚާއްޞަ ޤަދަރަކާއި ލޯތްބެއް ލިބިވަޑައިގެންފައިވާ ދިވެހިރާއްޖޭގެ ޤައުމީ ބަޠަލްގެ ޛިކުރާ އެންމެ ބޮޑަށް އާވެއާލާވެ ދިރިގެންދާނެ ތަންވެސްމެއެވެ. އެއީ 16 ވަނަ ޤަރުނުގައި ރާއްޖެ އަޅުވެތިކުރި ޕޯޗްގީޒުންގެ 15 އަހަރުގެ ކަނދިރި އަނިޔާވެރިކަމުގެ ތެރެއިން މިނިވަން އަމާން ފަތިހަކަށް ދިވެހިން ގެންގޮސްދެވި ހިތްވަރުގަދަ ލީޑަރެވެ. ފޮތްތަކާއި ލިޔުންތަކުން ކިތަންމެވަރަށް ކިޔަސް އަދި ވީޑިއޯތަކާއި ފޮޓޯތަކުން ކިތަންމެ ވަރަށް ބެއްޔަސް އުތީމު ގަނޑުވަރަށް ދިއުމުން އެލިބުނު ހިތްހަމަޖެހުމާއި އުފާ ކުރިއަކުން ނުލިބެއެވެ.

Thursday, March 17, 2011

އިސްލާމިކް ލީޑަރޝިޕް

އިސްލާމިކް ލީޑަރޝިޕް

އިސްލާމިކް ލީޑަރޝިޕްގެ ޙަޤީޤީ ކޮންސެޕްޓަކީ ކޮންމެ މީހަކަށްވެސް ހަރުދަނާ ލީޑަރަކަށް ވެވިދާނެކަމާއި ކޮންމެ މީހަކުވެސް ހަރުދަނާ ލީޑަރަކަށް ހެދިދާނެކަން

ޢަބްދުﷲ ސަޢީދު

އިސްލާމްދީނަކީ އެދީނުގައި އިންސާނާ ދިރިއުޅުމުގެ ހުރިހާ ބައިތަކެއް ހިމެނިފައިވާ ހުރިހާ ޒަމާނަކަށް އަދި ހުރިހާ ތަނަކަށް އެންމެ އެކަށީގެންވާ ދީނެވެ. އެހެންކަމުން އެދީނުގައި ނެތް އާކަމެއް އިންސާނިއްޔަތަކަށް ރަނގަޅަކަށްޓަކައި އީޖާދުކޮށް ހޯދައިގަތުމުގެ ކުޅަދާނަކަށް އިންސާނާއަށް ލިބިގެނެއްނުވެއެވެ. އެގޮތުން އިސްލާމްދީނުގައި ލީޑަރޝިޕްގެ ހުރިހާ ބައިތަކެއްވެސް އެންމެ ފުރިހަމައަށްވަނީ ހިމެނިފައެވެ. އިސްލާމިކް ލީޑަރޝިޕަކީ ތިމާ މީހަކު ނުވަތަ ބަޔަކުލައްވާ ކުރުވަން ބޭނުންވާކަމެއް އެބަޔަކު ކުރަންޖެހޭކަމެއްކަން ހިތުގެ އަޑިން ޤަބޫލުކޮށްގެން އިސްލާމީ އުސޫލުތަކާ އެއްގޮތަށް އެކަމެއް ކުރާހިތުން ކުރުވުމުގެ ޤާބިލުކަމެކެވެ. އިސްލާމިކް ލީޑަރޝިޕްގައި ހަވާލުކުރެވޭ މިޝަން ފުރިހަމަ ކުރުމަށްޓަކައި ބަޔަކަށް ކަމުގެ މަޤްޞަދު ބަޔާންކޮށްދިނުމުގައި އެކަމުގައިއޮތް ދީނީ ނަރަޒިއްޔާ ބުނެދެވެންޖެހެއެވެ. އެއަށްފަހު ކުރަން ހަވާލުކުރެވޭ ކަންތައް އަންގައިދީ، މޯޓިވޭޓްކޮށް ކިޔަމަންތެރިކަމާއި، އިތުބާރާއި، އިހްތިރާމާއި، ވަފާތެރިކަމާއި ފުރިހަމަ އެއްބާރުލުން ހޯދުމަށް އެމީހުންނަށް ނުފޫޒު ފޯރުވުމުގެ ޤާބިލުކަން ހުރުމަކީ އިސްލާމިކް ލީޑަރޝިޕެވެ.

އިސްލާމްދީނުގައި ލީޑަރޝިޕް ގުޅިފައިވަނީ އިސްލާމީ ޢަޤީދާއާއެވެ. އިސްލާމިކް ލީޑަރޝިޕް ޤާއިމުވެފައި އޮންނަނީ ދެ ރުކުނެއްގެ މަތީގައެވެ. އެއީ ރޫޙާނިއްޔަތާއި މާއްދިއްޔަތެވެ. އެހެންކަމުން އިސްލާމިކް ލީޑަރޝިޕްގެ ޕްރިންސިޕަލްސްތައް ބިނާވެފައިވަނީ މިދެބައި ހިމެނޭގޮތަށެވެ. އިސްލާމިކް ލީޑަރޝިޕްގެ ޙަޤީޤީ ކޮންސެޕްޓަކީ ކޮންމެ މީހަކަށްވެސް ހަރުދަނާ ލީޑަރަކަށް ވެވިދާނެކަމާއި ކޮންމެ މީހަކުވެސް ހަރުދަނާ ލީޑަރަކަށް ހެދިދާނެކެމެވެ. ބޭނުންވަނީ ޢަޤީދާ ހަރުދަނާކުރުމާއި، ނަފްސު ދެނެގަތުމާއި، ތަޢުލީމާއި ތަމްރީނާއި ތަޖުރިބާ ހޯދުމާއި ލިއްބައިދިނުމެވެ.

ލީޑަރޝިޕް އާބެހޭގޮތުންނާއި ލީޑަރޝިޕްގެ ތަފާތު ނަޒަރިއްޔާތަކުގެ މައްޗަށް މިއަދުގެ ދުނިޔޭގައި ތަފާތު ގިނަ ފޮތްތައް އެކިބަސްތަކުން ލިޔެވިފައިވިޔަސް މީގެ 1400 އަހަރުކުރިން ބާވާލެއްވި ކީރިތި ޤުރުއާނުގައި ވަރަށް ގިނަ ތަންތަނުގައި ލީޑަރޝިޕަށް އިޝާރާތްކުރައްވާފައިވެއެވެ. އަދި ލީޑަރުންގެ ކިބައިގައި ހުންނަންޖެހޭ މަތިވެރި ސިފަތަކަށްވެސް އިޝާރާތް ކުރައްވާފައިވެއެވެ. ހަމައެގޮތަށް ކީރިތި ރަސޫލާގެ ހަދީސްފުޅު ތަކުންނާއި އެކަލޭގެފާނުން ދެއްކެވި ފުރިހަމަ ނަމޫނާގައި ލީޑަރޝިޕްގެ ގިނަގުނަ ފިލާވަޅުތަކެއް ހިމެނިގެންވެއެވެ. މިއަދު ކީރިތި ޤުރުއާނުގެ ދިވެހިތަރުޖަމާ އާއި ކީރިތި ރަސޫލާގެ ސީރަތު ދިވެހިބަހުން ލިޔެވިފައިވުމުން މިއީ ހޯދާ ދިރާސާކުރަން އުނދަގޫކަމެއް ނޫނެވެ.

މީލާދީން 570 ވަނަ އަހަރު ދުނިޔޭގެ އަލިކަންދެކެވަޑައިގެންނެވި އިސްލާމްދީނުގެ މާތް ނަބިއްޔާ މުޙައްމަދު ރަސޫލު الله صلى الله عليه وسلم ގެ ލީޑަރޝިޕްގެ ރިވެތި ނަމޫނާއަށް ގޮންޖަހާލެވޭނެ ލީޑަރެއް އަދި ލީޑަރޝިޕެއް ނެތްކަމަށް އެހެންދީންތަކުގެ ޢިލުމުވެރިންވެސް އެއްބަސްވެއެވެ. ސަބަބަކީ އިތުރު އެކަލޭގެފާނަކީ ވަރަށް ވަރުގަދަ ފިލޯސަފަރަށްވީކަމެވެ. އެކަލޭގެފާނަކީ ނަމޫނާ ލީޑަރެކެވެ. އަދުލުވެރި ވެރިއެކެވެ. ހަނގުރާމަ ކުރެއްވި މުޖާހިދެކެވެ. ސުލުހަވެރިކަން އާންމު ކުރެއްވި ކެއްތެރި ޙިކުމަތްތެރި ބޭފުޅެއްވެސް މެއެވެ. އެއީ އެއްވެރިކަމެއްގެ ތެރޭގައި ވިއްސަކަށް ދައުލަތް ހިންގެވި ޤާބިލު ޝަހުސިއްޔަތެކެވެ. އެކަލޭގެފާނަކީ އެތައް ލީޑަރުންނެއްގެ މައްޗަށް ކުރި ހޯއްދެވި އަދި މުޖުތަމަޢުގެ ލޯބި ނުވަތަ ފޮލޯވަރުންގެ ކިޔަމަންތެރިކަމާއި ވަފާތެރިކަން އޭގެ ނިހާޔަތަށް މިލުކު ކުރެއްވި ލީޑަރެއްވެސް މެއެވެ.

އިސްލާމީ ލަޝްކަރެއްގައި އޮންނަންޖެހޭނީ އިސްލާމިކް ލީޑަރޝިޕެކެވެ. އިސްލާމިކް ލީޑަރޝީޕާއި ސެކިއުލަރ ލީޑަރޝިޕްގެ އެންމެ ބޮޑު ތަފާތަކީ ސެކިއުލަރ ލީޑަރޝިޕްގެ އަމާޒުފަތްގަނޑަކީ ސެލްފް އެސްޓަބްލިޝްމަންޓަށްވެފައި، އިސްލާމިކް ލިޑަރޝިޕްގެ ޓާގެޓަކީ ޖަންނަތުލް ފިރްދައުސް ނުވަތަ ސުވަރުގޭގެ އެންމެމަތީ ދަރަޖަކަމުގައިވުމެވެ. ސެކިއުލަރ ލީޑަރޝިޕްގައި މަސައްކަތްކުރެވެނީ ހަމައެކަނި އިންސާނުން އެކަކު އަނެކަކަށް އިހްތިރާމް ހޯދުމަށެވެ. އެކަމކު އިސްލާމިކް ލީޑަރޝިޕްގައި މަސައްކަތް ކުރެވެނީ ﷲ ގެ ރުހިވޮޑިގަތުމަށް އެދިއެވެ. އިސްލާމިކް ލީޑަރޝިޕްގެ ރުކުންތައް އިސްލާމްދީނާއި ޤައުމުގެ ދިފާޢުގައި ފުރަނައިން ޤުރުބާންވުމަށް ޤައުމުގެ ދިފާޢީ ލަޝްކަރުގެ އެންމެ ކުރީ ސަފުގައި ތިބޭ ބައެއްގެ ކިބައިގައި ހުރުން ލާޒިމެވެ. އިސްލާމިކް ލީޑަރޝިޕްގެ ކޮންސެޕްޓާ އެއްގޮތަށް ޓްރޭނިންގ ތަކާއި އަސްކަރީ ފަލްސަފާތައް ބައްޓަންކުރަން ޖެހެއެވެ. އިސްލާމިކް ލީޑަރޝިޕްގެ ފުރަތަމަ ރުކުނަކީ އިސްލާމީ ތަރުބިއްޔަތު ލީޑަރުންގެ ކިބައިގައި ހުރުމެވެ. އެލީޑަރަކީ މަދަނީ ނުވަތަ އަސްކަރީ ގޮތުން ޖަމާޢަތުގެ ކަންތައްތައް ރާވާ، ހިންގުމުގެ ކުޅަދާނަކަން ލިބިގެންވާ މީހަކަށް ހެދުމެވެ. ފަޔަރ ޓީމެއްގެ ލީޑަރުން ފެށިގެން މުޅި އަސްކަރިއްޔާގެ ލީޑަރޝިޕްއާ ހަމައަށް މިކަން އޮންނަންވާނީ މިގޮތަށެވެ.

އިސްލާމްދީނުގައި ބަޔާންވެގެންވަނީ ހަމައެކަނި ލީޑަރުންގެ ކިބައިގައި ހުންނަންވީ ސިފަތައް އެކަންޏެއް ނޫނެވެ. ފޮލޯވަރުންގެ ސިފަތައްވެސް އިސްލާމިކް ލީޑަރޝިޕްގައި ބަޔާންވެގެންވެއެވެ. ލީޑަރުންނަކީ ދިރިއުޅުމުގައި އިސްލާމްދީން ދައްކާފައިވާ މަގު އެނގޭ ބަޔަކަށްވާންޖެހޭއިރު، ފޮލޯވަރުން ވާންޖެހެނީ އެމަޤްޞަދު ހާސިލުކުރުމަށް ލީޑަރަށް އެހީތެރިވާ ބަޔަކަށެވެ. އިސްލާމިކް ލީޑަރޝިޕްގައި ލީޑަރވާންޖެހެނީ ރަނގަޅުގޮތް ބުނެދޭ ނަމޫނާ މިސާލުން މަގުދައްކާ، އެގޮތުގައި ސާބިތުވެ ހުންނަ އެހެން މީހުންނަށް އޭނާގެ ހުނަރުވެރިކަމާއި ކުޅަދާނަކަމުން އެހީތެރިވެދޭ ޤާބިލު މީހަކަށެވެ. ފޮލޯވަރުން ވާންޖެހެނީ ފަސްޖެހުމެއްނެތި ކިޔަމަންތެރިކަން އަދާކުރާ ވަފާތެރި ބަޔަކަށެވެ.

އިސްލާމިކް ލީޑަރޝިޕް ޓްރެއިޓްސް އަކީ ލީޑް ކުރެވޭ ފަރާތްތަކުގެ ކިޔަމަންތެރިކަމާއި އިތުބާރާއި އިޙްތިރާމާއި ވަފާތެރިކަމާއި ފުރިހަމަ އެއްބާރުލުން ހޯދާ މޯޓިވޭޓް ކުރުމަށް ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ އަގުހުރި ސިފަތައް ނުވަތަ ކޮލިޓީސް ތަކެވެ. އެގޮތުން ލީޑަރުންގެ ކިބައިގައި އީމާންތެރިކަމާއި އަދުލުވެރިކަމާއި، ޙިކުމަތްތެރިކަމާއި، ސާބިތުކަމާއި، ކެތްތެރިކަމާއި، ހިތްވަރުގަދަކަމާއި، ޢިލުމުވެރިކަން ހުންނަންޖެހެއެވެ. އަދި އިސްނެގުމާއި ޖޯޝާއި ޝަޢުޤުވެރިކަމުގެ ރޫޙުގެ އިތުރުން ވާހަކަ ދެއްކުންތެރިކަމާއި ރިވެތި އަޚްލާޤާއި އިންސާނިއްޔަތުކަމާއި ޖިސްމާނީ ކުޅަދާނަކަން ހުންނަން ޖެހެއެވެ. އިސްލާމިކް ލީޑަރެއް ވާންޖެހޭނީ ޒާތީ ތަޢައްޞުބުން އެއްކިބާވެފައިވާ ވަގުތާއި ޙާލަތަށް ބެލުމަށްފަހު ރަނގަޅު ގޮތް ނިންމާ، ރިވެތި ޝަޚްސިއްޔަތާއި ފުރިހަމަ އަޚްލާޤިއްޔާތު އެތެރެފުށާއި ބޭރުފުށުގައި ހަރުލާފައިވާ މީހަކަށެވެ.

އިސްލާމީ ލީޑަރަކަށް ވެވޭނީ ތެދުވެރި، އިޚްލާޞްތެރި، ހިތްހެޔޮ، އަދި އެއްވެސް ފޮރުވުމެއްނެތް ހިތްސާފު މީހަކަށް ވެވިގެންނެވެ. ހަވާލުކުރެވިފައިވާ މަސްއޫލިއްޔަތާއި ވާޖިބު ފުރިހަމަ ކުރުމަށް ގަދައަޅާ މަސައްކަތް ކޮށްގެންނެވެ. އެމީހެއްގެ ވާޖިބު އަދާކުރުމަށް ބޭނުންވާ ހުނަރާއި ޢިލުމް އުނގެނި ދަސްކޮށް ޤާބިލް އަދި ތަޖުރިބާހުރި މީހަކަށް ވެވިގެންނެވެ. އިސްލާމީ ލީޑަރަށްވެވޭނީ ނުރައްކާތެރި އަދި ބިރުވެރި ހާލަތްތަކުގައިވެސް ﷲ ގެ ޙަޟްރަތުން ނަޞްރަށްއެދި ހިތްވަރާއި ސާބިތުކަމާއިއެކު ކެރިގެން ކުރިމަތިލާ މިޝަން ފުރިހަމަކުރުމުގައި ފަސް ނުޖެހޭ މީހަކަށްވެވިގެންނެވެ. އިސްލާމިކް ލީޑަރޝިޕްގައި ޕޮލޯވަރުން ނުވަތަ ޖަމާޢަތުގެ ވާޖިބުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އޮތީ ދެކަމެކެވެ. އެއީ ފަސްނުޖެހި ކިޔަމަންތެރިކަން އަދާކުރުމާއި ރިވެތި ގޮތުގައި ނަސޭހަތްތެރިވުމެވެ.

Thursday, March 3, 2011

ރާއްޖެ އިސްލާމްވި ދުވަހާގުޅޭ ވީޑިއޯ ރިޕޯޓް - 2011

ރާއްޖެ އިސްލާމްވި ދުވަހާގުޅޭ ވީޑިއޯ ރިޕޯޓް - 2011

ލިޔުނީ: ޢަބްދުﷲ ސަޢީދު

c هُوَ الَّذِي أَرْسَلَ رَسُولَهُ بِالْهُدَى وَدِينِ الْحَقِّ لِيُظْهِرَهُ عَلَى الدِّينِ كُلِّهِ (އައްޞައްފު:9) މާނައަކީ: ''އެ ކަލާނގެ އީ، ޙައްޤު ދީނާއިގެން، އެ ކަލާނގެ ރަސޫލާ، ފޮނުއްވި ރަސްކަލާނގެއެވެ. އެ ދީން އެހެން އެންމެހައި ދީންތަކުގެ މައްޗަށް ފެތުރި ފައުޅުވެ ގަދަވެގެން އަންނާނެ ގޮތް މެދުވެރިކުރެއްވުމަށްޓަކައެވެ.''

މާތްވެގެންވާ އިސްލާމް ދީނަކީ، އިންސާނުން އަމިއްލައަށް ހެދި ދީނެއް ނޫން. އަދި އިންސާނުންގެ ހަވާނަފްސަށް ތަބާވާ ދީނެއް ވެސް ނޫން. އެކަމަކު އިސްލާމް ދީނަކީ، ސަމާވީ ދީނެއް. މާތް ﷲ ބާވައިލެއްވެވި ދީނެއް. މިއީ ހުރިހާ ރަސޫލު ބޭކަލުންނާއި ނަބީ ބޭކަލުންވެސް ގޮވާލެއްވި ދީން. އިސްލާމްދީނަކީ ޞުލުޙައިގެ ދީން. މިއީ މިނިވަންކަމުގެ ދީން، މިއީ ޢަދުލުވެރިކަމުގެ ދީން، މިއީ ރަޙުމަތުގެ ދީން. މިއީ އެހީތެރިކަމުގެ ދީން، މިއީ މެދުމިންކަމުގެ ދީން، މިދީނަކީ ހަމަހަމަކަމުގެ ދީން. މިއީ ދުނިޔެއާއި އާޚިރަތުގެދީން.

މި ދީނުގެ ޙުކުމްތަކަކީ، ﷲ ޢަމުރު ކުރެއްވި ކަންތައްތައް. ޙަރާމް ކަންތައްތަކަކީ،ނަހީ ކުރެއްވި ކަންތައްތައް. ޙަލާލް ކަންތައްތަކަކީ ﷲ ހުއްދަ ކުރެއްވި ކަންތައްތައްތައް. މި ދީނުގެ މައިގަނޑު މަޞްދަރަކީ ކީރިތި ޤުރުއާނާ، ކީރިތި ރަސޫލު -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ޙަދީޘްފުޅުތައް. އެހެންވެ މި އަދާ ޖެހެންދެން ވެސް މި ދީނުގެ އަސްލަށް ބަދަލުތަކެއް އައިސްފައެއްނެތް. އަޅުގަނޑުމެން އެންމެހާ ދިވެހިންނަށް މި މަތިވެރި ދީނުގެ އަހުލުވެރިންނަށް ވުމުގެ ހެޔޮ ނަސީބު މިންވަރުކުރެއްވީތީ، އަދި މި ލޮބުވެތި ވަޠަނަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވީތީ އެ ކަމަށްޓަކައި މާތްއަށް ޝުކުރުވެރިވާންޖެހޭ.

ތާރީޚުން އެނގޭގޮތުގައި ރާއްޖޭގައި މީހުން އުޅެން ފެށީންސުރެ ދިވެހިންނަކީ ބުދު ދީނުގެ ތަފާތު ކަފިތަކަށް އުޅެމުން އައި ބައެއް. ތާރީޚީ ލިޔުންތަކާއި ރާއްޖެއިން ފެނިފައިވާ އާސާރީ ތަންތަނާއި އެތަންތަނުން ފެނިފައިވާ ތަކެތިން މިކަން ސާބިތުވޭ. ރާއްޖޭގެ ތާރީޚު ލިޔުއްވި ހުރިހައި ލިޔުންތެރިންވެސް އިއްތިފާޤުވާ އެއް މައްސަލައަކީ ރާއްޖެ އިސްލާމްވުމުގެ ކުރިން ރާއްޖޭގައި އޮތީ ބުދުދީންކަން.

ދިވެހިރާއްޖޭގައި މީހުން ވަޒަންވެރިވެގެން އުޅެންފެށީންސުރެ އެދީނަކަށް އަޅުކަންކުރަމުންއައި ބުޑިސްޓުދީން ދޫކޮށްލައި ދިވެހި ދައުލަތުން ރަސްމީގޮތުގައި އިސްލާމްދީން ޤަބޫލުކޮށް ދިވެހިރާއްޖޭގެ ރައްޔިތުން އެދީނަށް އެނބުރުމަށް އޭރުގެ ރަދުން އަމުރުކުރެއްވީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގައި. އެތާރީޚު ދިމާވަނީ މީލާދީ ތާރީޚުން 1153 ވަނަ އަހަރުގެ ޖޫން މަހަށް.

ރަސްމީގޮތުން ދިވެހި ދައުލަތުން ޤަބޫލު ކުރައްވާގޮތުގައި ރާއްޖެ އިސްލާމް ކުރެއްވި ބޭކަލަކީ މަޣްރިބުކަރައިގެ މައުލާނަ އަލްޙާފިޒު އަބުލްބަރަކާތު ޔޫސުފުލް ބަރްބަރީ. މޮރޮކޯ ގެ މި ދަތުރުވެރިޔާއަކީ ހިޖުރައިން ހަވަނަ ޤަރުނުގެ ތެރޭގައި އިސްލާމްދީނަށް ނުހަނު ޚިދުމަތްކުރެއްވި ބޭކަލުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭކަލެއް.

ރާއްޖެ އިސްލާމްވިއިރު ރާއްޖޭގެ ރަސްކަމުގައި ހުންނެވީ ތީމުގޭ މަހާކަލަމިންޖާ. އިސްލާމްވެވަޑައިގަތުމަށްފަހު އެރަސްގެފާނުގެ ނަންފުޅަކީ އައްސުލްތާން މުޙައްމަދު ބުނު ޢަބްދުﷲ . އެއީ ދަރުމަވަންތަ ރަސްގެފާނު. އެ ރަސްގެފާނަށް ނިސްބަތްކޮށް ނަންދެވިފައިވާ ތާރީޚީ މިސްކިތެއް މާލޭގައި އެބަހުރި. އެއީ ދަރުމަވަންތަ މިސްކިތް. އެރަދުންނަކީ މާތްވެގެންވާ އިސްލާމްދީނަށް ތެދުވެރި ރައްޔިތުންނަށް އިޚުލާސްތެރި އޯގާތެރި ރަސްކަލެއް.

ހިޖުރައިން548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހު ދިވެހިން ބުދު ދީނުން މާތްވެގެންވާ އިސްލާމްދީނަށް އެނބުރުނީއްސުރެ އަދިއަދަށް ދާންދެންވެސް މިރާއްޖޭގައި މިއޮތީ އިސްލާމްދީން. ރާއްޖޭގެ މީސްތަކުން އިސްލާމްވީއްސުރެ ދިވެހިންނަކީ ދީނަށް ޙުރުމަތްތެރިކޮށް ހިތާ އިޢުތިޤާދު ހަރަދަނާ ބައެއް. ޒަމާނުއްސުރެ ދިވެހިންގެ މިނިވަންކަމާއި އިސްތިޤްލާލު ދިފާޢުކުރުމާއި ހިމާޔަތް ކުރުމުގައި އަދި ދިވެހިން ޤުރުބާންވެފައިވަނީ އިސްލާމްދީނުގެ ޙައްޤުގައި. ދިވެހިންގެ މެދުގައި ޒަމާނުއްސުރެ އޮތް އެކުވެރިކަމާއި އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަން ދެމިއޮތުމުގެ ސިއްރަކީ ދިވެހިން އިސްލާމްދީނުގެ ހިދާޔަތުގެ ނޫރުގައި ހިފަހައްޓައިގެން ތިބި ތިބުން. ދިވެހިންގެ މެދުގައި އޮތް ދީނީ އެއްބައިވަންތަކަން. ދިވެހިންގެ މެދުގައި ދީނީ ބައިބައިވުންތަކަށް ޖާގަނުދީ ސާބިތުކަންމަތީ ދެމިތިބި ދެމިތިބުން.

މިއީ ދިވެހިރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރަން ފެށުނު ގޮތަކީކޮބާތޯ ބަލާލަން މުނާސަބު ވަގުތެއް. ރާއްޖެ އިސްލާމްވީ ދުވަހުގެ ގޮތުގައި ދުވަހެއް އެންމެ ފުރަތަމަ ފާހަގަކުރެވުނީ އައްސުލްޠާން މުޙަންމަދު ފަރީދުލް އައްވަލްގެ ރަސްކަމުގެ ވަރަށް ކުރީކޮޅު. ވަޒީރުންގެ މަޖިލީހުން ފާސްކުރެއްވި ފާސްކުރެއްވުމެއްގެމަތިން ރާއްޖެ އިސްލާމްވި ދުވަސް އެންމެ ފުރަތަމަ ފާހަގަކުރީ 1374 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު. އެއީ މީލާދީން 1954 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަސް.

ރާއްޖެ އިސްލާމްވިދުވަސް ފާހަގަކުރެއްވުން ހުއްޓަވާލެއްވުމަށްފަހު އޭގެ 33 އަހަރު ފަހުން ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރައްވާގޮތަށް ދައުލަތުން ކަނޑައެޅުއްވި. އަލުން މިދުވަސް ފާހަގަ ކުރައްވާގޮތަށް ނިންމެވީ 2000 ވަނަ އަހަރުގެ މެއި މަހުގެ 4 ވީ ބުރާސްފަތި ދުވަހުއޮތް ވަޒީރުންގެ މަޖިލީހުގެ ޖަލްސާއިން . ރާއްޖެ އިސްލާމްވި ދުވަސް ފާހަގަ ކުރެވެނީ ރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމަކަށްވުމާއެކު، ދިވެހީންގެ ދީނީ އެއްބައިވަންތަކަން ބަދަހިކުރުމުގެ ދުވަހެއްގެ ގޮތުގައި. ރާއްޖެ އިސްލާމްވި ދުވަހުގެ ގޮތުގައި ފާހަގަ ކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަސް. މިގޮތުން މިއަހަރު އާދެ! 1432 ވަނަ އަހަރު މި ފާހަގަ ކުރެވެނީ ރާއްޖެ އިސްލާމްވީތާ 884 އަހަރު ފުރުމުގެ މުނާސަބާ. ( ނިމުނީ )