Tuesday, January 17, 2012

ފޮލޯވަރޝިޕްގެ 10 ރޫލްސް



1.ތިމާގެ ވެރިމީހާ ނިންމާ، މަޤްބޫލްނޫން ނިންމުންތަކަށް އިލްޒާމް ނުކުރާށެވެ. ކަލޭގެ މައްޗަށްއޮތީ އެކަމަށް ތާއީދުކުރުމެވެ.

2.  ޙާލަތާގުޅޭގޮތުން ތިމާގެ ވެރިމީހާއާއި ކަންކަމުގައި ބަހުޘް ކުރާށެވެ. އެކަމަކު އެކަހެރިކޮންނެވެ. ހިތްނުތަނަވަސް ޙާލަތްތަކާ ދުރުހެލިވެ، މީހުންގެ ތެރެއަށް އެކަން ހާމަނުކުރާށެވެ.


3. ދިމާވާ ކަންތައްތަކުގައި ގޮތެއް ނިންމުމަށްފަހު، އަމިއްލައަށް  އިސްނަގައިގެން ވެރިމީހާއާއި ހަމައަށް އެކަން ގެންދާށެވެ.  


4. ޒިންމާދީފިނަމަ، ކޮންމެ ހިނދެއްގައިވެސް އެޒިންމާއެއް އުފަލާއެކު ޤަބޫލުކުރާށެވެ.

5. އޮޅުވާނުލާ އަބަދުވެސް ތެދުބުނާށެވެ. ތިމާގެވެރިމީހާ، އޭނާގެ އިސްކޮށްތިބި މީހުންގެ ކައިރީގައި ވާހަކަތައް ކިޔައިދޭނީ ތިމާ ބުނާ އެއްޗަކަށް ރިއާއަތްކޮށެވެ.


6. ވެރިމީހާ ގޮތް ނިންމުމަށް ބޭނުންވާނެ ހުރިހާ މަޢުލޫމާތުތަކެއް  ހޯދުމަށްފަހު ވެރިމީހާއަށް ދޭށެވެ. އަދި ކުރިމަތިވެދާނެ ސުވާލުތަކަށް ސަމާލުވެ ހުންނާށެވެ.


7. ގޮތެއް ހުށައަޅާއިރު، އެކަން ކުރަންޖެހެނީ ކާކަށްކަން ކުޑަކޮށް ވިސްނާލާށެވެ. މީގެ މާނައަކީ ތިމާގެ ލިމިޓޭޝަންސްއާއި ލިބިފައިވާ ބާރާއި ބަލިފައި އަމިއްލައަށް ދެނެގަތުމެވެ.


8. ޔުނިޓުގައި ހިނގާ ކަންތައްތަކުގެ މަޢުލޫމާތު ވެރިމީހާއާއި ހަމައަށް ގެންދާށެވެ. ލިބޭ ކާމިޔާބުތަކާއި ދިމާވާ މައްސަލަތައް ވެރިމީހާއާއި ހަމައަށް ފޯރުކޮށްދިނުމަށް ބައެއްމީހުން ފަސްޖެހޭނެއެވެ. އެމީހުންގެ ވާހަކަތައް ވެރިމީހާއާއި ހަމައަށް ތިމާ ގެންދަންވާނެއެވެ. އަދި ތިމާގެ ކާމިޔާބުތަކާއި މައްސަލަތައް އެހެންމީހަކު ވެރިމީހާކައިރިއަށް ގެންދާނެކަމަށް އުންމީދު ކުރާށެވެ.


9. ކަމެއް ދިމާވެއްޖެނަމަ އެކަމެއް ޙައްލުކުރާށެވެ. ޒިންމާވަނީ ކާކުތޯއާއި ރީތިނަން ލިބެނީ ކާކަށްތޯ ނުވިސްނާށެވެ.


10. މަސައްކަތުގައި ހޭދަކުރާވަގުތުތަކުގައި ޝައުގުވެރިކަމާ ތެދުވެރިކަމާއެކު ކަމަށްކަމޭހިތައިގެން ކުރާށެވެ. އެހެންނަމަވެސް ތިމާގެ ޢާއިލާގެ ބޭނުންތަކުގެމަތިން ހަނދާން ނައްތާނުލާށެވެ.  ޢާއިލާ ހަމަނުޖެހޭނަމަ، ތިމާގެ ހިތް ނުތަނަވަސްވާނެއެވެ. އަދި އެކަމުގެ އަސަރު ވަޡީފާއަށްވެސް ކުރާނެއެވެ.

ލީޑަރޝިިޕްގެ އަސާސް (ޕްރިންސިޕަލްސް) ތައް



1.     ތިމާގެ އަމިއްލަ ނަފްސް ދެނެގަންނާށެވެ. އަދި ތިމާ އިތުރައް ތަރައްޤީ ކުރާށެވެ.
2.     ޓެކްޓިކަލީ އަދި ޓެކްނިކަލީ ހަރުދަނާވާށެވެ.
3.     މަސްޢޫލިއްޔަތު އުފުލާށެވެ. އަދި ތިމާ ކުރާ ކަންތައްތަކުގައި ޒިންމާވާށެވެ.
4.     ގޮތްނިންމަންޖެހޭއިރު ހަރުދަނާކަމާއިއެކު ގޮތްނިންމާށެވެ.
5.     އެހެންމީހުންނަށް މިސާލަކަށްވާށެވެ.
6.     ތިމާގެ ދަށުގައި މަސައްކަތްކުރާ މީހުން ދަސްކުރާށެވެ. އަދި އެމީހުންގެ ބޭނުންތަކަށް ބަލާށެވެ.
7.     ދަށުގައިވާ މީހުންނަށް ކަންތައްތައް ކުރަންވީގޮތާއި ވާނުވާ އަންގާށެވެ.
8.     ދަށުގައިވާ މީހުންގެ ކިބައިގައި މަސްޢޫލިއްޔަތު އުފުލުމުގެ ޝައުޤުވެރިކަން އުފައްދާށެވެ.
9.     ހަވާލުކުރެވުނު މަސައްކަތް އެނގުނުތޯ ބަލާށެވެ. އަދި ސުޕަވައިޒްކޮއް މަސައްކަތް ޙާޞިލްކުރާށެވެ.
10. ދަށުގައި މަސައްކަތްކުރާ ސިފައިން ޓީމެއްގެގޮތުގައި ތަމްރީންކުރާށެވެ.
11. ތިމާގެ ޔުނިޓަށް ލިބިފައިވާ ޤާބިލްކަމާއި އެއްވަރަށް އެމީހުންލައްވާ ކަންތައްތައް ކުރުވާށެވެ.

މަނަދޫގެ ދޯނި ފަހަރުގެ ތާރީޚު



އަހަރެމެންގެ ރަށުގައި އެއްފަހަރާ ސާޅީސް ވަރަކަށް މަސްދޯނި ދުއްވި ދުވަސްވަރެއް އައިކަމަށް ކުރީ ޒަމާނުގެ މީހުން ބުނެއެވެ. އޭރު މަނަދޫ މީހުންނަކީ ތިލަދުންމައްޗަށް ގޮސް ބަޑަހަ ޖަހައިގެން މަސްވެރިކަން ކުރުމުގައި ނަން އަރާތިބި ބައެކެވެ. މަޝްހޫރު ބައެކެވެ. އެޒަމާން ފެނިފައިވާ މީހުން މިހާރު މަނަދުއަކު ނެތެވެ. ތިބީ އެއަޑުތައް އަހާ މީހުންނެވެ. އޭރު އޮޑިދޯނި ފަހަރަށް ނަންކިޔާ އުޅުނީ ކިހިނެއްކަމެއް ނޭނގެއެވެ. ބުނެވޭ ގޮތުގައި އޮޑިދޯނި ފަހަރަށް ނަންކިޔަން ފެށީ އޮޑިދޯނިފަހަރުވެސް ރަޖިސްޓްރީކުރަން ފެށުނު ހިސާބުންނެވެ. އެހެންނަމަވެސް ތާރީޚަށް ބަލާއިރު އޭގެކުރިންވެސް އޮޑިދޯނި ފަހަރަށް މަނަދޫގައި ނަންކިޔާފައިވާކަން އެނގެއެވެ.

މަނަދޫގައި ވަރަށް ރީތި ނަންތައް އޮޑިދޯނި ފަހަރަށް ކިޔާފައި ހުއްޓެވެ. އޭގެ ބައެއް ނަންނަމުގައި ތިލަ މާނަތަކާއި ފުންމާނަތައް ހުއްޓެވެ. އޮޑިދޯނި ފަހަރު ރަޖިސްޓްރީކުރަންވެގެން ކިޔާފައިވާ އަސްލު ނަންތަކަށްވުރެ ބައެއް ދޯނި ފަހަރުގައި މަސްހޫރުވެފައިވަނީ ވަނަންތަކެވެ. ބޮޑެތި މަސްދޯނި ފަހަރު ރިޔަލުގައި ދުއްވި ޒަމާނަށްފަހު އިންޖީނަށް ބަދަލުވީއިރު އޭރު މަނަދޫގައި ހުރި ގިނަ މަސްދޯނިތައްހުރީ ވަރަށް ބޮޑަށް ދުވަސްވެ ބާވެފައެވެ. މަތި ހަދައިގެންވެސް އިންޖީނު އެޅުނީ މަދު ދޯންޏެއްގައެވެ. އިންޖީނުގައި ކާމިޔާބު މަސްވެރިކަމެއް އެދޯނި ފަހަރަކަށް ނުކުރެވުނެވެ. އެ ދޯނިފަހަރު ފަހުން ސަތަރިދޯންޏަށް ބަދަލުކުރިއެވެ. އެވިޔަފާރީގައިވެސް އެދޯނި ފަހަރު މާކާމިޔާބުވީތަނެއް ނުފެނުނެވެ.

1945 ވަނަ އަހަރުހާ ހިސާބުގައި ނުވަތަ ދެވަނަ ބޮޑުހަނގުރާމަ ނިމުނުއިރު މަނަދޫގައި އޮޑިވެރިންނަކީ މާގިނަ ބައެއް ނޫނެވެ. އޭގެ މާނައަކީ މުއްސަދި އޮތީ ދެތިން އާއިލާއެކެވެ. ބޮޑެތި އޮޑިދޯނި ފަހަރު ނިސްބަތްވަނީ އެއާއިލާތަކަށެވެ. އޭރުތިބީ ޣަނީ ކަތީބު (ޢަބްދުލްޣަނީ ކަލޭފާނު) އާއި  އަޙްމަދު ކަލޭފާނުބެއާއި ޒަކަރީބެ އާއި ހާޖީގެ އިބުރަބެއާއި ކާސިންހާޖީއާއި ހާރޫނު މޫސަބެއާއި ނެވިގޭ އަބޫބެ ކަހަލަ އޮޑިވެރިންކަހަލަ ގިލިތަކުން ގުނާލެވޭނެ މަދު ބައެކެވެ. މިހާރުވަނީ މިހުރިހާ އެންމެންވެސް އަހަރެމެންނާ ވަކިވެ ގޮސްފައެވެ. ހުރިހާ މަރުހޫމުންނަށް ސުވަރުގޭގެ ރަހުމަތް ލައްވާށިއެވެ.

އުޖާލާ، ސިރާތާ، ނަސީރާ، އާކަރު، ވަރުދީ، ލިވަރުޕޫލް، ގުލްޝަނީ، ފިނިފެންމާ، ޝިކާރު، މަސައްރާ، މުނައްވަރު، މުނީރާ، ކަރަންކާ، ދިލާވަރު، ފެހިވިދުވަރު، ބެންކްގުޑުވާލި، މުތީ ބައްތެލި، ފެހެންދޫބައްތެލި، ބޮޑުދޯނި، ހުދުދޯނި، މިހިރީ ކުރީ ޒަމާނުގައި މަނަދޫގައި ދުއްވި ބޮޑެތި އޮޑިދޯނި ފަހަރަށް ކިޔާފައިވާ ނަންތަކެވެ.

އަހަރެމެންގެ ޖީލަށް ފެނުނު ޢަބްދުއްރަހިންބެ ދުއްވި އާކަރާއި ކުރީގެ އާކަރާ އެއީ ދެ ދޯންޏެކެވެ. އަސްލު ކުރީގެ އާކަރަކީ ޢަބްދުއްރަހިންބެގެ ކާފަ މޫސާމަނިކުބޭ ދުއްވި ދޯންޏެކެވެ. އެދޯނީގެ އަސްލު ނަމަކީ އުދުހޭތަރިއެވެ. އާކަރަކީ އެދޯންޏަށްކީ ވަނަމެކެވެ. އެދޯނި ގޮތްމަރު ތުޑިއަށް އަރާ ދެފަޅިވީއެވެ. އެއީ މާޅޮސްމަޑުލުގައި އޮންނަ ފަޅު ރަށެކެވެ. އޭގެފަހުން ނެވިގޭ އަބޫބެ ( ޢަބްދުއްރަހިންބެ ބައްޕަ ) ބަން ދޯންޏަކަށް އާކަރުގެ ނަން ދިނީއެވެ. ނެވިގޭ އަބޫބެގެ ދެން އޮންނަ ދޯންޏަކީ ޖަރީއެވެ. ކާސިން ހާޖީ އާއި ހާޖީގެ އިބުރަބޭގެ ބައްޕަ ހާޖީބޭގެ ހަތަރު ދޯނި ހުއްޓެވެ. އެއީ އުޖާލާ އާއި ސިތާރާ އާއި ނަސީރާ އާއި ހުދުދޯންޏާއި މަސައްރާ އާއި މުނައްވަރާއި ކަރަންކާ އާއި ދިލާވަރެވެ. މި ދޯނިތަކުގެ ތެރެއިން ހާޖީބެ ނިޔާވިއިރު އޮތީ ހަތަރު ދޯންޏެވެ. އެ ހަތަރު ދޯނި ހާޖީބެގެ ތިބި ހަމައެކަނި ދެފިރިހެން ދަރިން ކަމުގައިވާ ހާޖީބެ އިބުރަބެއަށާއި ކާސިންހާޖީއަށް ހަމައަށް ބެހީއެވެ. އިބުރަބެއަށް ލިބުނީ މަސައްރާ އާއި މުނައްވަރެވެ. ކާސިންހާޖީއަށް ލިބުނީ ކަރަންކާ އާއި ދިލާވަރެވެ.
އުޖާލާ ދޯނި ފަހުން ބައްތެއްޔެއްގެ ގޮތުގައި މޮޑިފައި ކޮށް އުޖާލާބައްތެލީގެ ނަމުގައި ދުއްވިއެވެ. ހާޖީބެގެ ނަސީރާ ދޯނި ގެއްލުނު ހާދިސާއަށްފަހު އޭގެން ދަތުރުކުރި މީހުންނާއި އެދޯނީގެ އެއްވެސް ޚަބަރެއް އަދިއަދަށް ދާންދެންވެސް ނުވެއެވެ. އެހާދިސާގައި ގެއްލުނު މީހުންގެ ތެރޭގައި ހާޖީބޮޑުބެ ބައްޕަ ހިމެނެއެވެ. ކަމަނަ ޔޫސުންބެ އަކީވެސް އޮޑިވެރިއެކެވެ. ޔޫސުންބެ ދުއްވި ދޯންޏަށް ކިޔަނީ ވަރުދީ އެވެ. ޣަނީ ކަތީބަކީ ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މަނަދޫގައި ހުރި ކުޑަކަތީބެވެ. މުޙައްމަދު އަމީން މަނަދޫއަށް ކާޑު ހިފައިގެން ދިޔައިރު ހުރީ ޣަނީ ކަތީބެވެ. ޣަނީކަތީބު ނުވަތަ ޢަބްދުލްޣަނީ ކަލޭގެފާނަކީ ވާދުބޭގެ ބޮޑުބެއެވެ. އޭނާ ނިޔާވުމުން އޭނާގެ ދަރިންނެތުމާއެކު ހުރިހާ މުދަލެއް ވާރުތަވީ ވާދުބޭގެ ބައްޕައަށެވެ. ލިވަރުޕޫލަކީ ޢަބްދުލްޣަނީ ކަލޭފާނުގެ ދޯންޏެކެވެ.ވާދުބޭ ދުއްވި ފިނިފެންމާ ދޯންޏަކީ މާފަހުގެ ދޯންޏެކެވެ. އެދޯންޏަށް ރަތްމަސްފަރޭވެސް ކިޔައެވެ. އެހެންކިޔުނީ މަލޭ ދަތުރެއްގައި ރަތްމަސްފަރަށް އެދޯނި އެރުމުންނެވެ. އެ ހާދިސާ ހިނގިއިރު ހާބުބޭ އެދޯނީގައި ހުރިކަމަށްވެއެވެ. ގުލްޝަނީގޭ އަބުދުބޭވެސް ދޯންޏެއް ދުއްވިއެވެ.
ޒަކަރީބެގެދުއްވީ ޝިކާރެވެ.ހާޖީގެ އިބުރަބޭމަސައްރާ، މުނައްވަރު، މުނީރާ ދުއްވިއެވެ.ކާސިންހާޖީކަރަންކާ އާއި އާއި ދިލާވަރު ދުއްވިއެވެ.ނެވިގޭ އަބޫބެގެ ޖަރީ އާއި އާކަރު ދުއްވިއެވެ. ހާރޫނު މުސާބޭ ދޯންޏަށް ކިޔަނީ ފެހިވިދުވަރެވެ. މި ދޯނި ފަހަރަކީ މަހަށްގޮސް ތިލަގަނޑު ޖަހައިގެން ހައްސަ ބާނައިގެން އަންނަ މަހަށްތޫނު ދޯނިފަހަރެވެ.އަޙުމަދު ކަލޭފާނުބޭ ދުއްވި ދޯންޏަށް ކިޔަނީ ބޮޑު ދޯންޏެވެ. އެދޯނި ކަނޑިންމަ މައްޗަށް ބަންޑު ޖަހާލި ހާދިސާއެއްގައި ވަރަށް ގިނަ ބަޔަކަށް އަނިޔާވިއެވެ. އޭގެ ތެރޭގައި ކުރުމޫސަބޭ ހިމެނެއެވެ. ކުރުމޫސަބެއަށް އަނިޔާވީ ދޯނި ބަންޑުންޖަހާ ވައްތޮށްޓަށް އެރުމުންނެވެ. އަޙްމަދު ކަލޭފާނުބޭ ދުއްވި ބައްތެއްޔަށް ކިޔަނީ ފެހެންދޫ ބައްތެއްޔެވެ. އެއީ ފެހެންދޫން ކަލޭފާނުބޭ ގަން ބައްތެއްޔެކެވެ. ކަލޭފާނުބޭ އަތޮޅު ބައްތެލިވެސް ގަނެގެން ދުއްވިއެވެ. އެ ބައްތެއްޔަކީ ކަމަރާގެ ހަދާފަހުރި އެޒަމާނުގެ ފައިވްސްޓަރ "ޔޮޓެކެވެ."ހާޖީގެ އިބުރަބޭގެ މުތީ ބައްތެއްޔާއި އަލީސޮރުގެ"ބެންކްގުޑުވާލި" އަކީ މާލެދަތުރުކުރި ދޯނިފަހަރެވެ. ކެލާ ހަސަންބެގެ ހުދަންބަރަކީ އެދޯނި ބަންނަން ލަކުޑި ކަނޑަށް ދިޔަ ދަތުރެއްގައި ހޮވުނު ހުދަންބަރަކަށް ނިސްބަތްކޮށް ދީފައިވާ ނަމެއްކަމަށް ވެއެވެ. ކުޑައިބުރާހިމުގެ ޒަމާނީ އަކީ ސަތަރިދޯނިތަކުގެ ތެރެއިން މަނަދޫގެ އެއްވަނައެވެ. ވަދުދޯނި ނުވަތަ ކުދި ދޯނި ފަހަރުގެ ތެރޭގައި އިބުރަބޭގެ ތުއްތުބޭ ޖައްރާފު ، ޒަކަރީބޭގެ ބުއްފުޅި، ކެލާ ހަސަންބެގެ ކުޑަތޯލާއި ބޮޑުތޯލާ،  މޮޔައިބުރަބޭގެ ފޮށިއެއްލި، ފަހަކަށްއައިސް މަޝްހޫރި ނަންތަކުގެ ތެރޭގައި ސޯލިންބެ ތުއްތުބޭގެ ތަށިބަރި ހިމެނެއެވެ. މީގެއިތުރުން ވަދުދޯނިތަކުގެ ތެރޭގައިފޭލިބޯ މޫސާބޭ ދޯންޏާއި، ސަންގު ދޮންބެ ދޯންޏާއި، ހަކުރުކަރިންބެ ދޯންޏާއި، ދޮންފުތު މުޙައްމަދުބޭ ދޯންޏާއި، ހައިގިލި އަބޫބެ ދޯންޏާއިދޮންތުއްތުބޭ ދޯންޏާއި ބީރު އަބުރުބޭދޯންޏާއި ދުންބޯ ދުއްލޯބެ ދޯންޏާއި ސީނުއިސްމާޢީލް ދޯނިފަދަ ދޯނިތަކަކީ ވަދުމަސްވެރިކަން ކުރުމުގައި އަރާހުރި ދޯނިފަހަރެވެ. ފަހަކަށް އައިސް ދުއްވި މަސްދޯނިތަކުގެ ތެރޭގައި މިލަދޫ އިބްރާހިމްބެގެ ހިޖުރަ ދޯންޏާއި ގަރުދިޔަ މުހުންމަދު ދޯނި ފާހަގަ ކުރެވެއެވެ.

އަތޮޅުގޭގައިވެސް ދޯނި ދުއްވިއެވެ. ލޯންޗެއްވެސް ދުއްވިއެވެ. ދޯނިތަކުގެ ތެރޭގައި އެހީ،ރަންދެލި، ދެވެންދުނި ހިމެނެއެވެ. ދެވެންދުނި މިއީ ރިޔާނެގި ކުޑަ ދޯންޏެކެވެ. މިދޯނީގައި އެންމެ ފަހުން ކުރި މަސައްކަތަކީ އަތޮޅުގެ އަޅަން މަނަދޫ ފަރުން ގާއެރުވުމެވެ. އެމަސައްކަތަށްފަހު އެދޯނި ނީލަމުގައި ވިއްކާލީއެވެ.އެންމެފަހުން މަނަދޫން ފެނިގެންދިޔައީ އަންބުދުގެ މަނަދޫ ބޯޓެވެ. މިއީ މަނަދޫގެ ތާރީޚުގައިވެސް ދުއްވި އެންމެ ބޮޑު ބޯޓެވެ. މިހާރު މިބޯޓްވަނީ ވިއްކާލާފައެވެ.

Monday, January 16, 2012

މަނަދޫގެ ވިޔަފާރިގެތަކުގެ ތާރީޚް


ޢަބްދުﷲ ސަޢީދު

(ފޮޓޯ: އަޅުގަނޑުގެ ކާފަ ޤާސިމް ހާރޫނު ކޮޅުބަށް ވިޔަފާރިކަމު ކުރެއްވި ދަތުރުފުޅެއްގައި ބޭނުންކުރެއްވި ޕާސްޕޯޓެއް)

މަނަދޫގައި ވިޔަފާރިކުރާ ފިހާރަތަކުގެ ތާރީޚަކީ މާގިނަދުވަސްވީ ތާރީޚެއްނޫނެވެ. އެކަމަކުވެސް ކޮންމެވެސް މީހަކު މި ތާރީޚަށް ކަޅިއެއް އެއްލާނުލައި އޮތިއްޔާ ފަހުން މި ތާރީޚު ހޯދަން ދަތިވެދާނެއެވެ. މިހާރުވެސް ތާރީޚަކަށް އެންމެ އެކަށޭނަ މިންވަރަށް މަނަދޫގައި ކުރިން ހުރި ފިހާރަތަކުގެ ތާރީޚު ލިޔެވޭކަށް ނެތެވެ. އެއީ އެފިހާރަތައް ހިންގި ތާރީޚުތައް އަތުޖެހޭ ހިސާބުގައި ނެތީތީއެވެ.
މިހާރު ލިޔެވެންއޮތީ ފިހާރަތަކުގެ ނަންތަކެވެ. މިއިން ނަމެއްގެ ތެރެއިން ނަމެއް ވެއްޓިފައި އޮތްނަމަ ނުވަތަ އިތުރުކޮށްލަން ބޭނުންވާ ނަމެއް އޮތްނަމަ ކިޔުންތެރިން ކޮމެންޓްސްގައި ލިޔުއްވާށެވެ. އޭރުން ފަހުން އެހެން މީހަކު ކުރާ ދިރާސާއަކަށްވެސް ބޭނުން ހިފިދާނެއެވެ. އަދި މި ކޮލަމްގެ މުއްސަދިކަންވެސް އިތުރުވާނެއެވެ.

މަނަދޫގައި މިޒަމާނުގެ އުސޫލުން ގަނެވިއްކުމުގެ ވިޔަފާރިކުރަން ފެށުނީ "ކާޑުގެ" ދުވަސްވަރުގައެވެ. މަނަދޫ ކާޑުގެ ހުރީ މިހާރު ބިކިރި ރެސްޓޯރެންޓް އެހެރަ )މަނަދޫ ޒުވާނުންގެ ޖަމްޢިއްޔާއަށް ދީފައިވާ ބިމުގެ( ސަރަޙައްދުގައެވެ. ކާޑުގޭގައި ވިއްކާ ހެދީ ކާޑުގެ ބައިވަތްތަކެވެ. އޭރު ވިޔަފާރިކުރީ ބާޓާ ސިސްޓަމަށެވެ. ތަކެތީގެ ބަދަލުގައި ތަކެތި ދޭ އުސޫލުންނެވެ. ކާއްޓާއި މަސް ގަތުމަށްފަހު، ކަނޑޫ، ހަކުރު، ގޮދަން، ޒުވާރި ފަދަ ތަކެތި ދޫކުރާ ގޮތަށެވެ. 

މަނަދޫގައި އަމިއްލަ ގޮތުން ފުރަތަމަ ވިޔަފާރި ކުރަންފެށީ މަނަދޫ ކާސިން ހާޖީއެވެ. މަނަދޫ ފިނިވާގޭގައި މިހާރުވެސް އެ ވިޔަފާރި ކުރި ޢިމާރާތް ފެންނަން އެބަހުއްޓެވެ. އެވިޔަފާރި ކާސިންހާޖީގެ މަރުދުވަހަށް ދެމިގެންދިޔައެވެ. އެފިހާރައަށް ކިޔަނީ "ސަމަރވައިޓް ޝޮޕް" އެވެ. ކުދިން މަޖަލަކަށް "ސަމަރުވައިޓްޝޮޕް، ކަމަނައުމަރުކޯޓް" މިހެން ކިޔާ އަޑު އަހަރެންނަށް އިވެއެވެ. މިހެން ކިޔަނީ މި ފިހާރައަށް ނިސްބަތްކޮށެވެ. މިއީ ސިލޯނުން ސީދާ މުދާގަނެގެން ގެނެސް ވިއްކި ފިހާރައެކެވެ. މުޅި އުތުރުގައިވެސް ނަން މަޝްހޫރު ފިހާރައެވެ. އަހަރެމެންނަށް ވީއިރު ނުވަތަ 1970 ގެ އަހަރުތަކުގައި މިފިހާރަ ވަރަށް ހިނގިއެވެ. އެންޓިޕާއަކީ މިފިހާރައިން ވިއްކި ޚާއްޞަ އެއްޗެކެވެ. އެއީ ފަނިވުމުން ކުޑަކުދިންނަށް ބޯންދޭ ދިޔާ ބޭހެކެވެ. މި ފިހާރައިގެ ވިޔަފާރި މަޑުޖެހިގެންދިޔައީ ކާސިންހާޖީ ބަލިވުމުންނެވެ. އޭރު އެފިހާރައިގައި ހުރި ގިނަ އަދަދެއްގެ ބްރިސްޓޯލް ސިގިރެޓްތަކެއް ފީވުމުގެ ސަބަބުން އުކާލިއެވެ. ވަލުތެރޭގައި ބަބުކެޔޮމޫ ބޮއިހަދަމުންދިޔަ ކުދިން ކާޓޫނު ކާޓޫނުން ރައްކާކޮށްގެން ބޮއި ހެދިއެވެ.

ދެން ފާހަގަކުރެވޭ ތަނަނީ ނ. އަތޮޅު އިސްޓޯރެވެ. ނ. އަތޮޅު އިސްޓޯރަކީ 1970 ގެ ދުވަސްވަރު  މަނަދޫގައި އެންމެ ވަރުގަދައަށް ހިންގި އަނެއް އިސްޓޯރެވެ. އަތޮޅު އިސްޓޯރުގައި އަހަރެމެންނަށް ފެންނަން ފެށިއިރު އިންނަ ސޭޓަކީ މަރުހޫމް މޫސާފުޅުބެއެވެ. އެޒަމާނުގައި ނ. އަތޮޅުގެ ހުރިހާ ރަށަކުން މަނަދޫއަށް އައިސް ވިޔަފާރިކުރެއެވެ. އަހަރެމެން ސްކޫލަށް ދާއިރު އިރުވައި ތޮށީގެ ރަށްރަށުގެ މީހުންގެ ކާޑު ޑަބިޔާތައް ބޭރުގެ ގާގަނޑުމަތީގައި އަތުރާފައިވާތީ ދެކެމެވެ. އޭރު ކިޔުތައް އޮންނަނީ ދަމާލާފައެވެ. އޭރު ދިހަ ލާރިއަށް އަލަނާސި މެޓައެއް ލިބެއެވެ. އަތޮޅު އިސްޓޯރު ގާގަނޑު ކައިރިން ދިހަލާރި ހޮވައިގެން ކުދިން އަލަނާސި މެޓާ ހަމަ އެފިހާރައިން ގަނެއެވެ.

އަތޮޅު އިސްޓޯރުގެ އިތުރުން ދޮންތުއްތުބޭ)ސަޢީދު ޤާސިމް(ގެ "އާފިހާރަ" އަކީ 1990ގެ އަހަރުތަކުގައި މަނަދޫގެ އެއްނަންބަރު ފިހާރައެވެ. އެފިހާރަ ހިންގަންފެށިތާ މާގިނަދުވަހެއް ނުވަނީ މަރުހޫމް ސީނު އިސްމާޢީލް)އިސްމާޢީލް( ގެ "މަތިސްޓަރ" ހުޅުވިއެވެ. އަދި ކަރިންބޭގެ މުޙައްމަދުބޭގެ އިބްރާހިމް )އިބްރާހީމް މުޙައްމަދު( ގެ ޚިދުމަތް ފިހާރައިގެ ޚިދުމަތް މަނަދޫ ރައްޔިތުންނަށް ލިބެން ފެށިއެވެ. ވިޔަފާރީގައި މުޅިން އާނަމެއް އަނެއްކާވެސް އަތުވެއްޖެއެވެ. އެއީ ކެލާ ޝަރީފާގެ އިބްރާހިމް )އިބްރާހީމް ޙުސައިން( ގެ "ގިގުނި" ފިހާރައެވެ. ޚިދުމަތް ފިހާރަ އާއި އާފިހާރައަށްވުރެ މާފުރިހަމައަށް ގިގުނި ހިގަންފެށިއެވެ. ގިގުނީގެ އަޑު ފަޑުވަންފެށީ ދޮންއައިމިންދައިތަގެ ވަހީދު ) ވަޙިދު( ގެ "އާތު" ފިހާރައެވެ. މިހާރު މަނަދޫގައި ހުރި އެންމެ ގިނަ މުދާ އެއްތަނަކުން ލިބޭ އެންމެ ފިހާރައަކީ އާތު ފިހާރައެވެ. ނޫހުބޭގެ ރައްޒާޤު) ޢަބްދުއްރައްޒާޤު ނޫޙު( ގެ "ފަޒާއިސްޓޯރު" ، އަލީ ސޮރު )ޢަބްދުﷲ ޢަލީ( ގެ "މިރުސް އިސްޓޯރު އަހަރެމެންނާ ވަކިވެގޮސްފައިވިޔަސް އަލީސޮރުގެ ޔޫސުބު )ޔޫސުފް ޢަބްދުﷲ(ގެ "މަގަތު" އެއްވާނެއްގައި އެބަހިފަހައްޓައެވެ. ރާކެއްޓު)އިސްމާޢީލް ޢުމަރު(ގެ "ޕެންޒީމާ ސްޓޯރު"، އަލިބެ ރަޝީދުގެ "ސާތު" ފިހާރަ ވަރަށް ހިނގިއެވެ. ކަޑަވައި)އަބޫބަކުރު ޢުމަރު) ހިންގި ފިހާރައާއި މާޅެންދޫ ކާސިންފުޅުބެ ހިންގަމުންދާ ފިހާރައިގެ ނަން ކުއްލިއަކަށް ހަނދާނަކަށް ނައެވެ.

މިހާރު މަނަދޫގައި ޒަމާނީ އާ ގޮތްތަކަށް ވިޔަފާރިތައްދަނީ ބަދަލުވަމުންނެވެ. ގަދީމީ ގޮތްދޫކޮށްލައި ޒަމާނީ ކުލަތަކާއި ރަހަތައްދަނީ ތަޢާރަފުކުރަމުންނެވެ. އެގޮތުން ޖޯކޭ ) ޢަބްދުލްޙަމީދު ޙުސައިން( ގެ "ނިއުވިއު" އަކީ މަނަދޫގެ ވިޔަފާރީގެ ސްޓައިލް ބަދަލުކޮށްލި ފިހާރައެކެވެ. ހަމަ އެހެންމެ ސޯލިންބެގެ އަޙްމަދު )އަޙްމަދު ޝިޔާމް( ގެ މައިސްޕޮޓް ފާހަގަކުރެވެއެވެ. މަނަދޫގައި ކޮމްޕިއުޓަރ ވިޔަފާރި ފުރަތަމަ ކުރަންފެށީ މަނަދޫ ކުންނަމަލައިގައި ހުޅުވި "ޓެކްގައިސް" އިންނެވެ.

ބޭސްފިހާރަތައް މަނަދޫގައި އިތުރުވެގެންދިޔައިރު މި ވިޔަފާރި މަނަދޫއަށް އަދި މުޅި ނ. އަތޮޅަށްވެސް ތަޢާރަފުކުރީ މަނަދޫ ކަރަންކާވިލާ އިބްރާހިމް މަނިކު )ހާރޫނު މޫސަގެ މަނިކު( އެވެ. އޭނާގެ "ފުރަވެރި" ބޭސްފިހާރައަށްފަހު ރައްޔިތުންގެ "ފަސްސަންގު" ބޭސްފިހާރަ ހުޅުވިއެވެ. ފުރަވެރި ފުރަތަމަ ހިންގީ ކަރަންކާވިލާގައެވެ. މިހާރު ފުރަވެރި އެހިންގަނީ ތިންވަނަ ތަނުގައެވެ. ވިޔަފާރީގައި ތެޔޮދޮންބެ )ޢަބްދުﷲ މޫސާ( އަކީ ނަމޫނާއެކެވެ. ފުރަތަމަ ތަނެއް ކުއްޔަށް ހިފައިގެން ވިޔަފާރި ކުރަން ފެށީ އޭނާއެވެ. އެއްފަހަރާ މަނަދޫގައި ދެ ފިހާރަ ހިންގީވެސް އޭނާއެވެ.

މިހާރު މަނަދޫއަކީ ޖޫގޯގެ ވިޔަފާރިވެސްކުރާ ރަށެކެވެ. ޖޫގޯގެ ވިޔަފާރި ފުރަތަމަ ފެށީ މަނަދޫ ނިޝާންގައި "އެމްކިޔުބް" ގެ ނަމުގައި އަޙްމަދު ފައިސަލް )އިބްރަބޭ ތުއްތުބޭގެ ފައިސަލް( އެވެ. މަނަދޫ ލިލީގައި މިހާރު މަޢުރޫފް ޢަބްދުލްޢަޒީޒު )މާއްޓޭ( ވެސް ޖޫގޯގެ ޚިދުމަތްދެއެވެ. ހާޑްވެއަރ ފިހާރަތަކަށް ބަލާއިރު ފުރަތަމަ ހުޅުވީ މަނަދޫ ޒުވާނުންގެގުޅުމުގެ ޢިމާރާތުގައި ދޮންތުއްތުބޭގެ މުޙައްމަދު )މުޙައްމަދު ސަޢީދު( ހުޅުވި ހާސާ ހާޑްވެއަރ އެވެ. މިހާރު އާތުހާޑްވެއަރ ވަނީ އާތުވަހީދު ހިންގަން ފަށާފައެވެ. މިހާރު އެފިހާރައަކީ ބޭނުންކުލައެއް މެޝިން ބޭނުންކޮށްގެން މިކްސްކޮށް ތައްޔާރުކޮށް ފޯރުކޮށްދޭ ޒަމާނީ ފިހާރައެކެވެ. ހަނދާން ބަލި ނޫނިއްޔާ ބައިޓީ ) ޢަބްދުﷲ މުޙައްމަދު( ހިންގި "ބިނާ އިސްޓޯރު" އާއި ޢަބްދުއްރަޙިންބެ ހިންގި ފިހާރައާއި މަރުޙޫމް މަނަދޫ ޢަބްދުއްސައްތާރު ހިންގި ސަންލައިޓް ޝޮޕް ހަނދާނަށް އަންނާނެއެވެ. މި ސަންލައިޓް ޝޮޕް ފުރަތަމަ ހިންގީ މަނަދޫ ފިނިވާގޭގައި ކުރިން ސަމަރުވައިޓް ޝޮޕް ހިންގި ތަނުގައެވެ.

މަނަދޫގެ ވިޔަފާރިތައްދަނީ ކުރިއަށެވެ. ސައިފިހާރަތަކާއި ވަޑާންކުރާ ތަންތަންދަނީ އިތުރުވަމުންނެވެ. ތަފާތު އެކި ބާވަތްތަކުގެ ވިޔަފާރިކުރާ ވިއްސަކަށް ފިހާރަ މިހާރު މަނަދޫގައި އެބަހުއްޓެވެ. ކޮމެންޓްސް ކުރައްވާ ބޭފުޅުން ފިހާރަތަކާއި އެތަންތަނުގެ ވެރިންގެ ނަންތައް ކޮމެންޓްސްގައި ހިމަނުއްވާށެވެ. އޭރުން މިލިޔުން އިތުރަށް ފުރިހަމަ ވާނެއެވެ.

އޮޕަރޭޝަން ކޮޅުފުށި ރިލީފް-2011

ޢަބްދުﷲ ސަޢީދު- 

މ. ކޮޅުފުށްޓަކީ 2004 ޑިސެމްބަރ 26 ގައި ކުރިމަތިވި ސުނާމީ ކާރިސާގައި އެންމެ ބޮޑަށް ގެއްލުންލިބުނު ރަށްތަކުގެ ތެރޭގައި ހިމެނޭ ރަށެކެވެ. މ. އަތޮޅުގެ ކޮޅުފުށްޓާއި ވާރެއާފުށްޓަކީ މިހާރު އެއްރަށެކެވެ. އެކަމަކު ވާދަވެރި ދެއަވަށެވެ. ސުނާމީއަށްފަހު ވަގުތީ ހިޔާތަކުގައި ދިރިއުޅެމުންދާތާ ހަތް އަހަރުވެފައިވާ ކޮޅުފުށީގެ ރައްޔިތުންނަށް 2011 ޑިސެމްބަރ 18 ވަނަ ދުވަހުގެރެއަކީ ބިރުވެރި ރެއެކެވެ. އެރަށު މީހުން ސިފަކުރަނީ އެއީ ސުނާމީއަށްވުރެވެސް ބިރުވެރި ރެއެއްގެ ގޮތުގައެވެ. ސުނާމީގައި ގެދޮރުގެއްލުމުގެ ސަބަބުން ވަގުތީ ހިޔަލުގައި ދިރިއުޅުން ވޭތުކުރަމުންދަނިކޮށް ކޮޅުފުށީގައި ހުރި ސުނާމީ ހިޔާތަކުގެ ތެރެއިން އެންމެ އިރުމައްޗަށްހުރި ހިޔަލުގައި އަލިފާންރޯވެ އަނދައިގެން ދިޔައީ އެވަގުތު އެތަނުގައި ނިދަންތިބި މީހުން ލައިގެން ލިބި އަންނައުނު ފިޔަވާ އެއްވެސް އެއްޗެއް ސަލާމަތް ނުކުރެވިއެވެ. އެ ޚަބަރު އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް ލިބުމާގުޅިގެން ރިލީފް އޮޕަރޭޝަނެއް ވަގުތުން ފެށުނެވެ.

ވަގުތީ ހިޔާ
އަލިފާން ރޯވި ވަގުތީ ހިޔަލަކީ ޢިމާރާތް ވަށައިގެން ބޭރު ފާރު އެއްފޫޓަށް ރޭނުމަށްފަހު ދަގަނޑުހޮޅިން މުޑިޖަހާ ދަގަނޑު ހޮޅިން ޓްރަސް އަޅައިގެން ލަކުޑި ފައްޗާއި ފްލައިވުޑް ފިލާ ބޭނުންކޮށްގެން ކޮޓަރިތައްވަކިކޮށް ދެފުރާޅަށްވާގޮތަށް ހަދާފައިވާ ޢިމާރާތެކެވެ. މިއީ ދެފަރާތުން ވަދެނިކުމެވޭގޮތަށް ފަރާތެއްގައި 20 ކޮޓަރި ހަދާފައިވާ 40 ކޮޓަރީގެ ޢިމާރާތެކެވެ. 160 ފޫޓް ދިގު 24 ފޫޓް ފުޅާ މި ހިޔަލުގައި  108 މީހުން ދިރިއުޅެއެވެ. އެއީ 49 އަންހެނުންނާއި 59 ފިރިހެނުންނެވެ. 18 އަހަރުންމަތީގެ 73 މީހުން ތިބިއިރު 18 އަހަރުން ދަށުގެ 35 ކުދިން މި ޢިމާރާތުގައި ދިރިއުޅެއެވެ. މިއީ 20 ގެއެއްގެ މީހުންނެވެ. މި އަލިފާނުގެ ހާދިސާ ކުރިމަތިވިރޭ އެތަނުގައި ތިބީ 44 މީހުންނެވެ.

އަލިފާންރޯވުން
ވަގުތީ ހިޔަލުގައި އަލިފާން ރޯވީ 2011 ޑިސެމްބަރ 18 ވަނަ ދުވަހުގެރޭ ދަންވަރު 1:15 ގައެވެ. މިކަން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސާރވިސްއަށް އެނގިފައިވަނީ 1:42 ގައެވެ. އެމްއެންޑީއެފް ސެންޓްރަލް އޭރިއާއަށް މިޚަބަރު ދީފައިވަނީ ފަޔަރ އެންޑް ރެސްކިޔު ސާރވިސް އިންނެވެ. ފުރަތަމަ އަލިފާން ރޯވި ރަންދޯދި ގޭގެ ކޮޓަރި ހުންނަނީ ވަގުތީ ހިޔަލުގެ ގާތްގަޑަކަށް މެދާހިސާބުގައެވެ. އެވަގުތު އެތަނުގައި އެއްވެސް މީހަކު ނެތެވެ. އަލިފާން ރޯވެފައި ހުރިތަން ފެނުމާއެކު ހިޔަލުގައި ތިބި މީހުން ނިކުމެ އަލިފާން ނިއްވުމުގެ މަސައްކަތްފެށިއެވެ. އަލިފާން ރޯވެފައިވާ ކޮޓަރީގެ ދޮރު ވައްޓާލުމާއެކު އަލިފާންގަނޑު މުޅިތަނަށް ފެތުރިގެން ދިޔައެވެ. މި ހާދިސާގައި މުޅި ޢިމާރާތާއި ޢިމާރާތުގައި ހުރި ހުރިހާތަކެއްޗެއް އަނދައިގެންދިޔައެވެ. އޭގެތެރޭގައި ފައިސާއާއި އަންނައުނާއި ޕާސްޕޯޓާއި އައިޑީކާޑް ފަދަ މުހިންމު ލިޔެކިޔުންތައްވެސް ހިމެނެއެވެ. މީގެ އިތުރުން 3 ސައިކަލާއި ފެންއަޅާ 13 ކަޅުހަންއަނދައިގެން ގޮސްފައިވެއެވެ. މި އަލިފާނުގެ ހާދިސާ ހިނގީ ކަރަންޓް ޝޯޓަކުން ކަމަށް ލަފާކުރެވެއެވެ.

އަލިފާން ނިއްވުމުގެ މަސައްކަތް
       އަލިފާން ރޯވިކަން އެނގުމާއެކު ވަގުތީ ހިޔަލުގައި ދިރިއުޅޭ މީހުން އަލިފާން ނިއްވުމުގެ މަސައްކަތް ފެށިއެވެ. ފުރަތަމަ އަލިފާން ނިންވުމަށް ބޭނުންކުރީ އެސަރަޙައްދުގައި ބޯފެން ރައްކާކޮށްފައިހުރި ކަޅުހަންތަކުން ބޯފެނާއި، ހޮޅިއަޅައިގެން މޫދުން ލޮނު ނަގައިގެންނެވެ. މިއަލިފާންގަނޑު ނިވާލީ ކޮޅުފުށީގެ ރައްޔިތުންގެ މަސައްކަތުންނެވެ. ކޮޅުފުށީގެ ރައްޔިތުންނާއެކު އެރަށުގައި ދާއިމީ ގެތައް އެޅުމުގެ މަސައްކަތްކުރަމުންދިޔަ އެމްޓީސީސީގެ މުވައްޒަފުންނާއި ވެހިކަލްތައްވަނީ ހަރަކާތްތެރިވެފައެވެ. އަލިފާންގަނޑު ނިވާލެވުނީ 3:48 ގައެވެ.
       އަލިފާން ރޯވިކަމުގެ މަޢުލޫމާތު ލިބުމާއެކު ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ފަޔަރ ފައިޓަރުންނާއެކު ފަޔަރބޯޓް (އެކޯ-9) މާލެއިން ފުރައިގެން ކޮޅުފުށްޓަށް ދަތުރުކުރިއެވެ. ހަތަރު ގަޑިއިރުގެ ދަތުރަކަށްފަހު ފަޔަރ ބޯޓަށް ކޮޅުފުށްޓަށް އާދެވުނީ ހެނދުނު 6:13 ގައެވެ. ސެންޓްރަލް އޭރިއާ ހެޑްކްއޯޓަރޒް ލ. ކައްދޫގައި ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ އަލިފާން ނިއްވާ ބޭކަލުންނާއި އެކަމާގުޅޭ ސާމާނެއް އަދި މިވަގުތަކު ޤާއިމުކުރެވިފައެއް ނުވެއެވެ. މ. މުލީގައި ތިބި ފުލުހުންނަށް ކޮޅުފުށްޓަށް ދެވުނުއިރުވެސް އަލިފާންގަނޑުވަނީ ނިންވާލާފައެވެ.

ރިލީފް އޮޕަރޭޝަން

       ކޮޅުފުށީ ރައްޔިތުންގެ ތެރެއިން ހާލުގައި ޖެހުނު މީހުންނަށް ދިރިއުޅެވޭނެ ގޮތަކާއި ނިދާހެދޭނެ ގޮތެއް ހަމަޖައްސައިދިނުމަށް ސެންޓްރަލް އޭރިއާ ހެޑްކްއޯޓާރޒް ލ. ކައްދޫއިން ދިޔަ ޓީމަށް ކަޅައިދޫއަށް ދެވުނީ މެންދުރު 12:15 ގައެވެ. ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ރިލީފް އޮޕަރޭޝަނަށް ލިބުނު ތަކެތި ހިފައިގެން ކޯސްޓްގާޑު އިސްކަންދަރު ލޯންޗްގައި ސެންޓްރަލް އޭރިއާގެ ހުޅުލޭ ޕޯސްޓްގެ ސިފައިންގެ ޓީމު ކޮޅުފުށްޓަށް ދިޔައީ 17:30 ގައެވެ.
       މި ނުރައްކާތެރި އަލިފާނުގެ ހާދިސާގެ ސަބަބުން ސުނާމީގައި ހާލުގައިޖެހިފައިވާ ކޮޅުފުށީގެ ރައްޔިތުންގެ "ރިހޭފައިމައްޗަށް (ވަނީ) ފޮއި ވެއްޓިފަ"އެވެ. ކުޑަކުދިންގެ މޫނުމަތިން ފެނުނީ ކަންބޮޑުވުމާއި ހާސްކަމެވެ. އަންހެންވެރިން ތިބީ "ހިމޭން" ވެފައެވެ. ސެންޓްރަލް އޭރިއާގެ ސިފައިން ކޮޅުފުށީގައި ރިލީފް އޮޕަރޭޝަން ފަށާ ހާލުގައި ޖެހިފައިވާ މީހުންނާ ބައްދަލުކޮށް އެމީހުންނަށްވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. ހާލުގައި ޖެހުނު މީހުން ތިބުމަށް ކޮޅުފުށީ ސްކޫލް ހަމަޖައްސާފައިވިޔަސް ހާލުގައި ޖެހުނު މީހުން ބޭނުންވީ އެމީހުންގެ އާއިލާތަކާއެކު ތިބުމަށެވެ. އެހެންކަމުން އެމީހުންނަށް ބޭނުންވާނެ ގޮދަޑިއާއި ބެޑްޝީޓާއި ރަޖަލާއި ޓީޝާޓާއި ބަދިގެ ސެޓްފަދަ ތަކެތި ސިފައިންވަނީ އެމީހުން ތިބި ތަންތަނަށް ގެންގޮސްދެވިފައެވެ. ސެންޓްރަލް އޭރިއާއިން ހިންގި ރިލީފް އޮޕަރޭޝަން ނިންމާލީ 2011 ޑިސެމްބަރ 20 ވަނަ ދުވަހުއެވެ.

ކޮޅުފުށީ ދާއިމީ ހިޔާތައް
       ސުނާމީގައި ހާލުގައި ޖެހުނު ކޮޅުފުށީ ރައްޔިތުންނަށް ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ ޕްރޮޖެކްޓްގެ ކޮންޓްރެކްޓަރަކީ އެމްޓީސީސީ އެވެ. އެމްޓީސީސީއިން މި އެއްބަސްވުމުގައި ސޮއިކޮށް މަސައްކަތާ ހަވާލުވެފައިވަނީ 2009 އޮކްޓޯބަރ 17 ވަނަ ދުވަހުއެވެ. އޭގެކުރިން ރެޑް ކްރޮސް ޖަމާޢަތުން ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ފެށި މަޝްރޫޢުވަނީ ޚިޔާލު ތަފާތުވުންތަކާއެކު ކުރިއަށް ނުގެންދެވި ހުއްޓިފައެވެ. އެ މަޝްރޫޢަށް ކޮޅުފުށްޓަށް ގެންދިޔަ ސިމެންތިތައް ގަނޑުވެފައި އަތިރިމަތީގައި އެބަހުއްޓެވެ. ހިލައާއި ހިލަވެލިތައް އެކި ހިސާބުތަކުގައި ފުނިފުންޏަށް ހުރިއިރު އެ މަސައްކަތަށް ގެންދިޔަ ދަގަނޑުތައް ފީވެ ހަލާކުވަމުން އެބަދެއެވެ.
       ދާއިމީ ހިޔާވަހިކަން ފޯރުކޮށްދިނުމަށް ހިންގާ މަޝްރޫޢުގެ ދަށުން ކޮޅުފުށީގައި 167 ގެ އެޅުމަށްވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން 120 ގެ ވަނީ ރާނާ ނިމިފައެވެ. މިއީ 2012 ވަނަ އަހަރުގެ މާޗްމަހުގެ 17 ވަނަ ދުވަހަށް ނިންމުމަށް ކުރިއަށް ގެންދެވޭ މަޝްރޫޢެކެވެ.