Thursday, November 20, 2008

މަނަދޫ މުޙައްމަދު ޙާޖީ


ޢަބްދުﷲ ސަޢީދު 


ނ. މަނަދޫ ފިލިގަސްދޮށުގޭ މުޙައްމަދު ޢަބްދުލްކަރީމް (ކަރިންބޭގެ މުޙައްމަދުބެ) ގެ އަޅުގަނޑުމެންނަށް ފެންނަން ފެށިއިރު މަސައްކަތް ކުރައްވަނީ މަނަދޫ ކޯޓްގައެވެ. އޭރު ކޯޓްގައި ގާޒީ އާއި ކާތިބެއްގެ އިތުރުން މުޙައްމަދުބެ ފިޔަވާ ދެވަނަ މީހަކު ނުހުރެއެވެ. މަސައްކަތު މީހަކީވެސް އެއީއެވެ. ދޭވާންޏަކީވެސް އެއީއެވެ. ދިދަނަގާ ބަލާމީހަކީވެސް އެއީއެވެ. އެއްބޭފުޅަކަށްފަހު އަނެއް ބޭފުޅަކު ކޯޓާ ހަވާލުވަމުން ގާޒީކަން ކުރައްވަމުން ބަދަލުވަމުން ދިޔައިރު ކޯޓްގައި ބަދަލުނުވެ ހުރި ބޭފުޅަކީ މުޙައްމަދުބެއެވެ. ވަޒީފާއިން ވަކިވެވަޑައިގެންނެވުމާ ހަމައަށް ގިނަ އަދަދެއްގެ ޤާޟީންނާއެކު މުޙައްމަދުބެވަނީ މަސައްކަތް ކުރައްވާފައެވެ. ތަފާތު ތަންތަނަށް މަނަދޫ ކޯޓް ބަދަލުވަމުންދިޔައިރުވެސް މުޙައްމަދުބެ އަކަށް ބަދަލެއް ނާދެއެވެ. މުޙައްމަދުބެއަކީ ސަރުކާރުގައި ޚިދުމަތްކުރެއްވި އިރު އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު ޚިދުމަތް ކުރެއްވި ބޭކަލެކެވެ.

މުޙައްމަދުބެއަކީ ދިވެހި ބޭސްވެރިއެކެވެ. މުޙައްމަދުބެ ދިވެހިބޭސް ކުރައްވާފައިވަނީ ހިލޭ ސާބަހަށެވެ. ދުވަހަކުވެސް މީހެއްގެ އަތުން އުޖޫރައެއް ނަންގަވައިގެންނެއް ނޫނެވެ. މުޙައްމަދުބެ ދިވެހިބޭސް ހެއްދެވި ދުވަސްވަރަކީ ޑޮކްޓަރީ ބޭސްވެރިކަން ވައިގައި ނުހިފާއޮތް ދުވަސްވަރެވެ. ފަންޑިތައާއި ދިވެހިބޭސްވެރިކަން ނޫން އެހެންގޮތެއް ނެތް ދުވަސްވަރެވެ. ތަފާތު ގިނަ ބަލިތަކަށް ރަށުން ލިބެން ހުންނަ ފަތްޕިލާވެލި ބޭނުންކޮށްގެން ބޭސް ހައްދަވާ އެތައް ބަޔަކަށް ފަރުވާ ކޮށްދެއްވިއެވެ. ދިވެހި ބޭސްވެރިކަމުގެ ތެރެއިން މުޙައްމަދުގެ ޚާއްޞަ ދާއިރާއަކީ ލޮލުބޭހެވެ.

މުޙައްމަދުބެއަކީ ޙައްޖުގެ މަތިވެރި އަޅުކަން އަދާކުރައްވާފައިވާ ބޭކަލެކެވެ. އެހެންވީމާ އެއުމުރުގެ ބައެއް މީހުން މުޙައްމަދު ޙާޖީއޭ ކިޔާ މުޚާތަބުކުރެއެވެ. އެއީ މަނަދޫގެ ޤަދަރުވެރި ބޭކަލެކެވެ. ދުވަހަކުވެސް މައްސަލައެއްގައި އަދަބެއް ލިބިފައެއް ނުވެއެވެ.

މުޙައްމަދުބެއަކީ އަބަދުވެސް ހުދު ހެދުމުގައި ހުންނަވާ ބޭކަލެކެވެ. އާންމުކޮށް ތުރުކުރައްވަނީ ހުދު ގަމީހާއި ހުދު މުންޑާއި ހުދުކުލައިގެ ހައްޖުތާކިހަލެކެވެ. ހައްޖަށް ވަޑައިގެންނެވުމުގެ ކުރިންވެސް އަބަދުވެސް ހުންނަވަނީ ވަރަށް ސާފުތާހިރުކޮށެވެ. ސާފުތާހިރުކަމަށް ލޯބިކުރައްވާ މުޙައްމަދުބޭގެ މިޒާޖަކީ މަޑުމައިތިރި މިޒާޖެކެވެ. ދީނީ ކަންތައްތައްކަށް ޚާއްޞަ އަހުމިއްޔަތުކަމެއް ދެއްވައެވެ. ޚާއްޞަގޮތެއްގައި ޖަމާޢަތުގައި ނަމާދުކުރެއްވުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވައެވެ.

މުޙައްމަދުބެއަކީ ޚިތާނު ކުރުމުގައިވެސް ހަރަކާތްތެރިވެ ލެއްވި ބޭކަލެކެވެ. ޚިތާނު މޫސުމުގައި މަނަދޫއަށް އަންނަ ޚިތާނުކުރާ އެދުރުންނާއެކު އަތްދަށު ބޭކަލެއްގެ ގޮތުގައި މުޙައްމަދުބެ ހަރަކާތްތެރިވެވަޑައިގެން އުޅުއްވައެވެ. އެކަމުން މަނަދޫގެ ގިނަ ރައްޔިތުންނަށް ވަރަށް ފަސޭހަވެސް ވެއެވެ. ސަބަބަކީ އެދުރުމީހާ ކިތަންމެ ބިޒީކޮށް އުޅުނަސް މުޙައްމަދުބެ އެދުރުބޭގެ ފަރާތުން ކޮންމެ ވަގުތަކުވެސް އެހީތެރިއެއްގެ ގޮތުގައި ހުންނަވާތީއެވެ. ކުދިން ރޮއި ބޮޑާހާކާ ހަދަން ފެށުމުން މުޙައްމަދުބެ ގެންނާނެއެވެ. އޭރުން އެކަންތައް އެކެނޑުނީއެވެ. ޚިތާނުގެ ކަންތައްތައް ނިމުމުން އެދުރުމީހާ ފުރައިގެން ދިޔަޔަސް ކުދިންގެ ހާލު އަހުވާލު ބަލާމީހެއްގެ ގޮތުގައި މުޙައްމަދުބެ ދެމިހުރެއެވެ. މުޙައްމަދުބެއަށް އިތުބާރު ކުރައްވާ ޚިތާނުކުރާ އެދުރުން މުޙައްމަދުބޭގެ އަތްމައްޗަށް ކުދިން ދޫކޮށްފައިދެއެވެ. މުޙައްމަދުބެ އެކަމުގައި އުޅެފައިވަނީ ކަމަށްކަމޭހިތައިގެން މީހުންގެ ހުރުން ލިބޭފަދަ މުރާލިކަމާއެކުގައެވެ.

މުޙައްމަދުބޭގެ ދެފިރިހެން ދަރިންނާއި ދެ އަންހެން ދަރިން ދުނިޔޭގައި އެބަތިއްބެވިއެވެ. އެއީ ޚާލިދު މުޙައްމަދު، އިބްރާހީމް މުޙައްމަދު ، ނާހިދާ މުޙައްމަދު އަދި މަރިޔަމް މުޙައްމަދެވެ. މީގެ ތެރެއިން ނާހިދާ މުޙައްމަދަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ މަޝްހޫރު ދިވެހި މުދައްރިސެކެވެ. އެއީ ދިވެހިބަހުން ޑިގްރީ ހާސިލުކުރައްވާފައިވާ މޮޅު ވާހަކަ ދެއްކުންތެރިއެކެވެ. އަދި އެހާމެ މޮޅު ވާހަކަ ލިޔުންތެރިއެކެވެ. މުޙައްމަދުބެއަކީ ޚިތާނުކުރާ އެދުރެއް ނޫނެވެ. އެކަމަކު މިހާރު މުޙައްމަދުބޭގެ ދަރިއަކު އެކަން އެބަހުރެއެވެ. އެއީ މުޙައްމަދުބޭގެ ދޮށީ ދަރިފުޅު ޚާލިދު މުޙައްމަދެވެ. ޚާލިދަކީ ސަރުކާރު ޤަބޫލުކުރާ ފާސް އޮންނަ އެދުރެކެވެ. މުޙައްމަދުބޭގެ ދަރިންގެ ތެރެއިން އިބްރާހިމް މުޙައްމަދަކީ މަނަދޫގައި ވިޔަފާރިކުރާ ބޭކަލެކެވެ.

މުޙައްމަދުބޭގެ ދަރިންނާއި ކާފަދަރިންގެ އިތުރުން މުނިކާފަ ދަރިންވެސް އެބަތިއްބެވެ. މިއަދު މުޙައްމަދުބޭގެ އެންމެ ބޮޑު އުފަލަކީ އެދަރިންނެވެ. އެދަރިންގެ މެދުގައި އޮންނަ އާއިލީ ލޭގެ ގާތް ގުޅުމެވެ. މުޙައްމަދުބެއަށް ފުރިހަމަ ޞިއްޙަތެއް ދެއްވާ، އާއިލާއަށާއި މުޙައްމަދުބެއަށް ބާއްޖަވެރިކަން މިންވަރުކުރައްވާށިއެވެ.

 

Tuesday, November 18, 2008

ފުރާވަރުގެ އުމުރުގައި ތޮޅުން

  ޢަބްދުﷲ ސަޢީދު 


އެއް ކުއްޖަކު އަނެއްކުއްޖަކާ ތޮޅުމަކީ އަޅުގަނޑުމެންގެ މުޖުތަމަޢުގައި ކިހާވަރެއްގެ ސީރިއަސް މައްސަލައަކަށް ދެކޭ ކަމެއްބާ؟  ކޮންމެ ގޮތަކަށް މުޖުތަމަޢުން ދެކުނަށް މިއީ އަޅާނުލައި ތިބެވޭ ވަރަށްވުރެ ބޮޑު މައްސަލައެއް. ތޮޅުން، މިބަސް ބޭނުންކުރެވެނީ ވަރަށް ފުޅާ މާނައެއްގަ. ރާއްޖޭގެ ސްކޫލްތަކުގައި ފުރާވަރުގެ ކުދިންގެ މެދުގައި މި ނުބައި ޢަމަލުވަނީ ވަކި ހިއްޕާލާފަ. އެކަމުގެ ސަބަބުން ވަރަށް ބޮޑެތި ނޭދެވޭ އަސަރުތައް ދަނީ ފެންނަމުން. ތޮޅުމަކީ ކޮބައިކަމާއި ތޮޅުމުން ލިބޭ ގެއްލުންތަކާއި އެކަންކަން ރަނގަޅުކުރެވޭނެ ގޮތްތާއި އެކަންތައްތައް ދެނެގަންނާނެ ގޮތްތައް ބެލެނިވެރިންނާއި މުދައްރިސުން މިއަދު މިވަނީ ދަސްކޮށްދީ އޮޅުންފިލުވައިދޭން ޖެހިފަ. އަދި އެކަމަށްޓަކައި މުޖުތަމަޢުގެ ހޭލުންތެރިކަން މިވަނީ އިތުރުކުރަން ޖެހިފަ.

 

ތޮޅުމޭ ބުނެވޭ ބަހުގެ މާނައަކީ ކުއްޖަކަށް އެކުއްޖާއަށްވުރެ ގަދަފަދަ ކުއްޖެއް ނުވަތަ ކުދިންތަކެއް ޖިސްމާނީގޮތުންނާއި ނަފުސާނީ ގޮތުން އަނިޔާ ކުރުން. ތޮޅުމުގެ ގޮތުން ކުރާ ކަންތައްތަކުގެ ތެރޭގައި މާރާމާރީ ހިންގުމާއި ބިރުދެއްކުމާއި ޖެއްސުންކުރުމާއި އުނދަގޫކުރުމާއި ހަގީގަތެއްނެތް ވާހަކަ ދެއްކުމާއި ކުއްޖާގެ ތަކެއްޗަށް ގެއްލުންދީ ކުއްޖާ އެކަހެރި ކުރުމަށް ކުރާ މަސައްކަތް ހިމެނޭ.

 

އަޅުގަނޑުމެންގެ ތެރޭގައި ކުދިންނާ، ކުދިން ތޮޅޭ ވާހަކައަކީ އިވެމުންދާ އަޑެއް. އެކަމަކު އަބަދުވެސް ތިމާގެ ދަރި ތިމާއަށް އޮންނަނީ ދޮންފުތު ވެފަ. ނަތީޖާއަކީ އެއްވެސް މީހަކު އެމީހާގެ ދަރިފުޅަކީ އެހެންކުދިންނާ ތޮޅޭ ކުއްޖެއްކަމަށް ނުވަތަ ތޮޅެފާނެ ކުއްޖެއްކަމަށް އެއްބަސް ނުވުން. އެކަން ޤަބޫލު ނުކުރެވުން. ޓީޗަރުން އެކަން ފާހަގަ ކުރިއަސް ބެލެނިވެރިން އެކަން ޤަބޫލެއް ނުކުރޭ. ބެލެނިވެރިއަކަށް އެކަން ފާހަގަ ކުރެވިގެން އެހެން ބެލެނިވެރިއެއްގެ ކައިރީގައި އެ ޝަކުވާ ކުރިއަސް އެކަމެއް އެ ބެލެނިވެރިޔާއަކަށް ބަލައެއް ނުގަނެވޭ.

 

ތޮޅުމުގެ ސަބަބުން އެކިކުދިންނަށް ކުރާ އަސަރުތައް ތަފާތު. މި ދެންނެވި އަސަރުތައް ބިނާވެފައި އޮންނަނީ ކުދިންނާ ތޮޅެވޭ ގޮތާއި ތޮޅެވޭތާވީ ދުވަހާއި އެކުއްޖާގެ މިޒާޖު ހުންނަގޮތަށް. ތޮޅުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްގެ ކިބައިން ފެންނާނެ އަލާމާތްތަކަކީ ކިޔެވުންމަތިން ފޫހިވުން، ބިރުގަތުން، އަމިއްލަ ނަފުސަށް ކުރާ އިތުބާރު ކުޑަވުން، އެހެން ކުދިންނާ އެކަހެރިވުން، ހާސްވެ ކަންބޮޑުވުން، އަދި ފަރުވާ ކުޑަވުން ކަހަލަ ކަންތައްތައް.

 

ފުރާވަރު ޢުމުރުގެ ކުދިންގެ ސްކޫލްތަކުގައި ނުވަތަ ކުދިން އެއްވެ އުޅޭ މާހައުލެއްގައި ތަޅާފޮޅުމާއި ތޮޅުމުގެ އަމަލުތައް ހިންގުމަކީ އެ ކަމުގެ ސަބަބުން ސީދާގޮތުން އަނިޔާ ލިބޭ ކުދިންގެ އިތުރުން އެހެން ކުދިންނަށްވެސް ގެއްލުންތަކެއް ލިބޭ ކަމެއް. ކުދިންގެ ކުރިމަތީގައި އަނިޔާވެރި އަމަލުތައް ހިންގާނަމަ އެކުދިންނަށް އެކަމުން އަސަރުތަކެއްކުރޭ. އެފަދަ ކުދިންނަށް ތޮޅެވޭ ކުއްޖަކަށް ލިބޭ އަނިޔާއާ އެއްވަރުގެ އަނިޔާތަކެއް ނުލިބުނު ނަމަވެސް ނަފުސާނީގޮތުން ލިބޭ އަނިޔާތައް ކުޑައެއްނޫން. ބިރުގަތުމާއި، އެކަންކަމާމެދު ވިސްނާ ފިކުރު ކުރެވެން ފެށުމުގެ ނަތީޖާއަކީ ނަފުސާނީ ގޮތުން އެކުއްޖާވެސް ބަލިކަށިވުން.

 

މައިންބަފައިންނަކީ އެގިގެންވެސް އަދި ނޭނގި ނަމަވެސް އެމީހުންގެ ދަރިފުޅަށް އެއްވެސް އަނިޔާއެއް އަދި ގެއްލުމެއް ލިބުމަށް އެދޭނެ ބައެއްނޫން. ހަމައެފަދައިން  އެމީހެއްގެ ދަރިއެއްގެ ފަރާތުން އެހެން މީހެއްގެ ކުއްޖަކަށް އެއްވެސް އަނިޔާއެއް ލިބުމަށް އެދޭނެ ބައެއްވެސްނޫން. އާންމު ގޮތެއްގައި ކުދިންނާ ތޮޅެ ހަދަމުންދާ ކުދިންނަކީ ކޮންކަހަލަ ކުދިންނެއްބާ؟ އެކުދިން ފާހަގަކޮށް ދެނެގަންނާނީ ކިހިނެއްބާ؟

 

އަނިޔާ ލިބޭ ގިނަ ކުދިންނަނީ ޖިސްމާނީ ގޮތުން ނިކަމެތި ކުދިންނަށްވާ ފަދައިން ތޮޅޭ ގިނަ ކުދިންނަކީ ޖިސްމާނީ ގޮތުން ވަރުގަދަ ކުދިން. މިފަދަ ކުދިންގެ ފަރާތުން ފެންނާނެ އަލާމާތްތަކަކީ ރުންކުރުވުމާއި އަވަހަށް ރުޅިއައުން، ހިތްހަމަ ނުޖެހޭ ކަންތައްތަކުގައި ތަހަންމަލު ކުރާނެ ހިތްވަރު ނުހުރުން. އެހެން ކުދިންގެ މައްޗަށް ވެރިވެގަތުމުގެ ޝައުޤުވެރިކަންކުރުން. ކިޔެވުމަށް ދަށްވުން، ހެދިފައިވާ ޤަވާޢިދުތަކަށް ރުހުމަތްތެރިކޮށް ނުހިތުން އަދި ސާފުތާހިރުކަން ކުޑަވުމާއި ބަސްމަގު ހުތުރުވުން. ޖިސްމާނީ ގޮތުން ވަރުގަދަ ކޮންމެ ކުއްޖަކީ އަދި ކިޔެވުމަށް ދަށް ކޮންމެ ކުއްޖަކީ ކުދިންނާ ތޮޅޭ ކުދިންނެއްނޫން. އެހެންނަމަވެސް ކުރިން ދެންނެވި ސިފަތަކަކީ ކުދިންނާ ތޮޅޭ ކުދިންގެ ކިބައިގައި ހުންނަ ސިފަތައް ކަމަށް ދިރާސާތަކުން ފާހަގަ ކުރެވިފައިވާ ސިފަތައް.

 

ތޮޅޭކުދިން ތޮޅޭ ކުދިންނަށްވަނީ ބެލެނިވެރިންގެ ސަބަބުން ނުވަތަ އެކުދިން ބެލެހެއްޓުމާ ޙަވާލުވެފައިވާ ބެލެނިވެރިންގެ ސަބަބުން ކަމާމެދު އެއްވެސް ޝައްކެއްނެތް. ބެލެނިވެރިންގެ އިހުމާލު މި މައްސަލައިގައި ވަރަށް ބޮޑަށް ފާހަގަ ކުރެވޭ. ކުދިން ތަރުބިއްޔަތު ކުރުމުގެ ފުރިހަމަ ޒިންމާ ނޫފުލުމާއި ތަރުބިއްޔަތު ކުރާނެ ރަނގަޅުގޮތް ނޭނގުމާއި ކުއްޖާއަށް އަންނަމުންދާ ބަދަލުތައް ވަޒަން ކުރަން ނޭނގި ފިޔަވަޅު އެޅުމަކީ ކުއްޖާއަށް އެކަމުން ނޭދެވޭ އަސަރުތަކެއް ކުރާކަމެއް. ތޮޅުމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަމަށް ދެކިގެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅު އަޅަން ނޭނގުމަކީ މި މައްސަލަ ފެތުރެމުންދާން ދިމާވާ މައިގަނޑު ސަބަބު. ފަހުގެ ދިރާސާތަކުން ދައްކާ ގޮތުގައި ދަރިންނާމެދު މާހަރުކަށިކޮށް ކަންތައްތައް ކުރުމާއި ދަރިންނަށް މާބޮޑަށް މިނިވަންކަންދީ ދޫކޮށްލުމަކީވެސް ތޮޅޭ ކުދިންނަށް ބަދަލުވެގެންދާ ސަބަބެއް. އެހެންކަމުން ބެލެނިވެރިންނަށް ކުއްޖާ އެމީހުންގެ ބެލެނިވެރިކަމުގެ ދަށުގައި ބަހައްޓަންވީ ހިސާބު ވަރަށް ރަނގަޅަށް އެގެން އެބަޖެހޭ. ކޮންމެ ކުއްޖަކީވެސް ބެލެހެއްޓޭ ކުއްޖަކަށް ވާންއެބަޖެހޭ.

 

ސްކޫލްތަކަކީ ތަޅާފޮޅުންނެތް، އަދި ކިޔަވާ ކުދިންނަށް އެއްވެސް ނުތަނަވަސްކަމެއް އަދި ބިރުވެރިކަމެއްނެތް މާހައުލަކަށް ވުމަކީ އެންމެންގެވެސް އެންމެ ބޮޑުއެދުން.  އެފަދަ މާހައުލެއް ނެތި ކުދިންގެ ނަތީޖާ އެންމެ ރަނގަޅަކަށް ފެންނަމަކުން ނުދާނެ. ސްކޫލް ތަކުގައި އުފެދިފައިވާ ބިރުވެރި މާހައުލު ނައްތާލެވޭނީ ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން. އަދި މިކަމަކީ ކިހާވަރެއްގެ ނުރައްކާތެރި ކަމެއްކަން އެންމެންނަށްވެސް އެގިގެން. ތޮޅުމަކީ އެކުއްޖާއަށް ލިބޭ ޖިސްމާނީ އަދި ނަފުސާނީ ގެއްލުންތަކުގެ ސަބަބުން އަމިއްލައަށް ކުދިން މަރުވަން ދިމާވާ ސަބަބެއް ކަމަށް ދިރާސާތަކުން ދައްކާ.

 

ދެވަނަ ރިޕޯޓް

 

ރާއްޖޭގެ ސްކޫލްތަކުގައި އެއް ކުއްޖަކު އަނެއް ކުއްޖަކާ ތޮޅުމަކީ އަށަގެންފައިވާ ވަރަށް ނުރައްކާތެރި ކަމެއް. އެކި ސްކޫލްތަކުގައި އެކަންތައްތައް އެކިވަރަށް އޮތްކަމަށްވިޔަސް އެކަމަކީ އޭރެއްގެ މުޖްތަމަޢަށް އަންނަ ބަދަލުތަކާއެކު ބަދަލުވަމުން ދާނެކަމެއް.

 

ތިޔަ ބެލެނިވެރިޔާ ގެ ބެލުމުގެ ދަށުގައިވާ ކުއްޖަކީ ތޮޅޭ ކުއްޖެއްނަމަ ހަދާނީ ކިހިނެއްތޯ؟ ސްކޫލުގައި ތިޔަ ބެލެނިވެރިޔާގެ ދަރިފުޅާ ކުއްޖަކު ތޮޅޭނަމަ ތިޔަ ބެލެނިވެރިޔާ ކަންތައްތައް ކުރައްވާނީ ކިހިނެއްތޯ؟ ތިޔަ ދަރިވަރަކީ ތޮޅުމުގެ ޝިކާރައަކަށް ވެފައިވާ ކުއްޖެއްނަމަ އެކަމުން ސަލާމަތް ވުމަށް އަޅާނީ ކޮންކަހަލަ ފިޔަވަޅުތަކެއްތޯ؟ މިއީ ކޮންމެ ބެލެނިވެރިއަކާ ދަރިވަރަކުވެސް ޖަވާބު ހޯދަން ބޭނުންވާނެ ސުވާލުތަކެއްކަން ޔަގީން.

ބެލެނިވެރިޔާއަށް އޭނާގެ ބެލެނިވެރިކަމުގެ ދަށުގައި ހުރި ކުއްޖެއްގެ ސަބަބުން އެހެން ކުއްޖަކަށް އަނިޔާއެއް ލިބޭކަމުގެ މަޢުލޫމާތެއް ފުރަތަމަ ލިބޭ ދުވަހަކީ ކުއްލި ހައިރާންކަމެއް ލިބޭނެ ދުވަހެއް. ދަރިފުޅާމެދު އުންމީދު ކުރަމުން އައި ގޮތާ ޚިލާފަށް ކަންތައްތަކެއް ވަމުންދާކަމުގެ އިހުސާސް އެދުވަހު ކުރެވޭނެ. އެހެންކަމުން އެދުވަހު އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ނަފުސަށް ބާރު ފޯރުވުމާއެކު ދަރިފުޅާ ވާހަކަ ދެއްކުން. އެއްވެސް ހާލެއްގައި އެކަމާ ގުޅިގެން އެއްވެސް ހަރުކަށި އަބަދެއް ދިނުމަކީ އެކަމަށް އޮތް ހައްލެއްނޫން.

 

ކުއްޖަކު އެހެން ކުއްޖަކާ ތޮޅެއްޖެހޭ ކޮންމެވެސް ސަބަބެއް އޮވެދާނެ. އެކަމެއް ދެނެގަންނަންޖެހޭނެ. ބައެއް ފަހަރު ތޮޅޭ ކުއްޖަކަށް ކުއްޖާ ބަދަލުވަނީ އެހެން ކުދިން އެކުއްޖާއާވެސް ތޮޅޭތީ ކަމަށްވެދާނެ. ތޮޅޭ ކުއްޖަކާ ވާހަކަ ދައްކާ އެކަންތައްތައް ހައްލު ކުރުމުގައި ތަކުރާރު ކުރުމާއި ޓީޗަރުންގެ އެހީތެރިކަމާއި މަދަދު ހޯދުން ބުއްދިވެރި. އަދި ގިނަ ކުދިންތަކެއް ގުޅިގެން އެބާވަތުގެ އަމަލު ހިންގާކަމަށް ފާހަގަ ކުރެވޭނަމަ އެހެން ކުދިންގެ ބެލެނިވެރިންނާވެސް އެކަމުގައި މަޝްވަރާ ކޮށް ހެދުމަކީ މުހިންމުކަމެއް.

 

ކޮންމެ ބެލެނިވެރިއަކުވެސް އެމީހެއްގެ ދަރިފުޅު ސްކޫލަށް ފޮނުވަނީ ވަރަށް ފޮނި އުންމީދެއްގަ. އަދި ވަރަށް ބޮޑަށް ސްކޫލަށް އިތުބާރުކޮށްފަ. އެހެން ނަމަވެސް ސްކޫލުން ގެއަށް އަންނައިރު ބައެއް ކަހަލަ ކުދިކުދި ގޯނާތައް ދަރިފުޅަށް ކުރިމަތިވެފައި ހުއްޓާ ފެނޭ. އެކަންތައްތަކާމެދު ސުވާލު ކުރުމުން ދަރިފުޅު ދޭނީ ކުރު ޖަވާބެއް. ގިނަ ފަހަރަށް އެކަންތައްތައް ބެލެނިވެރިންނަށް ބޮޑުކަމަކަށްނުވޭ. އެއީ ބޮޑުކަމަކަށް ހަދާ ބެލެނިވެރިންނަށް ވާގޮތަކީ އެކަމުގައި މާމައްޗަށް އެކަންތައްތައް ކުއްލިއަކަށް ގެންދެވުން. އެހެންކަމުން ދަރިފުޅަށް ދިމާވެފައިވާ ނުރައްކާތެރި މައްސަލައަށް ހައްލެއް ލިބުމުގެ ބަދަލުގައި އެ މައްސަލަ ގޯހުން ގޯހަށް ދިއުމުގެ ފުރުސަތު ބޮޑުވޭ.

 

ތިމާގެ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާއަށް އެހެންކުދިން ތޮޅޭކަން އެގިއްޖެނަމަ އެކަމަކީ އަޅާނުލާ ދޫކޮށްލައިގެން ވާނެ ކަމެއްނޫން. ފުރަތަމަ ކަމަކީ ބެލެނިވެރިކަމުގެ ދަށުގައިވާ ކުއްޖާއަށް ނުވަތަ ދަރިފުޅާ ވާހަކަ ދައްކައިގެން ނަފުސާނީ ގޮތުން ލިބިފައިވާ ނުތަނަވަސްކަމަށް ލުއިކަމެއް ހޯދައިދިނުން. މިގޮތުން ދަރިފުޅާ އެހެން ކުއްޖަކު ތޮޅެން ނުޖެހޭނެކަމާއި ތޮޅެންޖެހޭ ސަބަބެއް ނެތްކަން ވިސްނައިދިނުން ހިމެނޭ. އަދި ޓީޗަރުންނަށާއި ސްޕަވައިޒަރުންނަށް އެކަން އެންގުމަށް އަވަސްވުމަކީ މުހިންމު ކަމެއް. އެއްވެސް ހާލެއްގައި ތޮޅޭ ކުއްޖާއާ ސީދާ ކުރިމަތި ލުމަކީ ނުވަތަ ތޮޅޭ ކުއްޖާގެ ބެލެނިވެރިންނާ ވާހަކަ ދެއްކުމަކީ އެއްވެސް ހާލެއްގައި ރަނގަޅު ގޮތެއްނޫން. އަބަދުވެސް މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަންވާނީ ސްކޫލުގެ ތެރެއިން. މަސްލަހަތު އޮވެފަ، އެކަން އެންމެ އަވަހަށް އަދި އެންމެ ރަނގަޅަށް ހައްލު ކުރެވޭނީ އެގޮތުން.

 

ދަރިފުޅާ ކުދިން ތޮޅޭނަމަ އެކަން މޮނީޓަރ ކުރުމަކީ ބެލެނިވެރިންނާއި ބައިންބަފައިން ކުރަންޖެހޭ ކަމެއް. ދަރިފުޅު ސްކޫލަށް ގެންގޮސް ގެނައުމުގައި ފަރުވާތެރިވުމާއި ގަޑިއަށް ސަމާލުކަން ދިނުމަކީ މުހިންމުކަމެއް. އަދި ހަމަ އެއާއެކު ކޮންމެ ދުވަހަކުވެސް ސްކޫލުގައި ކަންތައްތައް ހިނގާދިޔަގޮތްތައް އޮޅުންފިލުވާ ދަރިފުޅުގެ ކަންބޮޑުވުން ކުޑަކޮށް އަބަދުވެސް ބެލެނިވެރިޔާ ނުވަތަ މައިންބަފައިން ތިބެނީ ދަރިފުޅާއެކުގައިކަން އަމަލާއި ބަހުން ދައްކައިދިނުމަކީ ކުރަންޖެހޭކަމެއް. މި މައްސަލައަށް ވަމުންދާގޮތް އަދި ބެލެނިވެރިޔާއަށް ފެންނަގޮތާއި ލަފާ ކްލާސް ޓީޗަރަށް އަންގަމުން ދިއުމަކީ ވަރަށް މުހިންމުކަމެއް. އަދި އެފަދަ ކަމެއްގެ ސަބަބުން އެއްވެސް ގެއްލުމެއް ދަރިފުޅަށް ލިބިފައިވާކަން ފާހަގަ ކުރެވިއްޖެނަމަ ލަސްނުކޮށް ކަމާބެހޭ ފަންނީ ބޭފުޅަކަށް ނުވަތަ ޑޮކްޓަރަކަށް ނުވަތަ ސައިކޭޓްރިސްޓަކަށް ދެއްކުމަކީ މުހިންމުކަމެއް.

 

ތޮޅޭ ކުދިންގެ ޝިކާރައަކަށްވާ ކުދިން ޢަމަލުކުރަންވީ ގޮތްތައް މި ޒަމާނުގައި ކިޔަވާ ކުދިންނަށް އެގެންޖެހޭ. ފުރާވަރުގެ ކުދިންނަށް އެކަންކަން ދަސްކޮށްދޭންޖެހޭ. އެއްވެސް ސިފައެއްގައި އެހެން މީހެއްގެ ފަރާތުން ހިތްހަމަ ނުޖެހޭ ކަމެއް ކުރިމަތިވާނަމަ އެކަން ފާޅުކުރުމުގެ ހިތްވަރު ކުދިންގެ ކިބައިގައި އަށަގަންނުވަންޖެހޭ. ލިބޭ އަނިޔާތައް ސިއްރު ނުކޮށް ފާޅުކޮށް ތިމާއަށް އިތުބާރުކުރެވޭ މީހުންގެ ކައިރީގައި ކިޔައިދިނުމަކީ މި މައްސަލަ ހައްލު ކުރުމަށް ފުރަތަމަ އަޅަންޖެހޭ ފިޔަވަޅު.

ތިޔަ ދަރިވަރާ އެހެން ދަރިވަރަކު ތޮޅޭނަމަ އެއްވެސް ހާލެއްގައި އެކަމުގެ ޒިންމާ އަމިއްލަ ނަފުސަށް އުފުލައިގެން ނުވާނެ. ކުއްޖަކު ތޮޅޭނަމަ ނުވަތަ ތޮޅެން އުޅޭނަމަ އެކުއްޖަކާ ކެރިގެން ވާހަކަ ދެއްކުމަކީ މުހިންމުކަމެއް. އެފަދަ ކުއްޖަކާ ވާހަކަ ދައްކަންވާނީ ހަތަރުކަޅި ހަމަކޮށް، މޫނަށް ބަލަހައްޓައިގެންހުރެ . އެފަދަ ކުއްޖެއްގެ ކުރިމަތީގައި އިސްޖަހާ ކުޑަ ނުވެގެން ނުވާނެ. އުޅޭ އުޅުމާއި ކުރާކަންތައްތަކުގައި ފުރިހަމަ އިތުބާރާއި ޔަގީންކަން އޮތްކަން ދައްކަންވާނެ. އެހެން ކުދިންނާ ގިނައިން ވާހަކަ ދައްކާ ގިނަ ރަޙުމަތްތެރިން ހޯދާ ރަހުމަތްތެރިކަން ބަދަހިކުރަންވާނެ. ގިނަ ރަޙުމަތްތެރިން ތިބުމަކީ ތޮޅޭ ކުދިން ތޮޅުމަށް ޖެހިލުންވާ ސަބަބެއް. ސްކޫލުގެ އިތުރު ހަރަކާތްތަކުގައި ބައިވެރިވެ ހަރަކާތްތެރި ދަރިވަރެއްގެ ގޮތުގައި އުޅުމަކީވެސް އަމިއްލަ ނަފުސަށް ކުރެވޭ އިތުރުބާރު ބޮޑުވެ ނަފުސާނީ ގޮތުން ހަމަޖެހިލުމަށް ލިބޭ ފުރުސަތަކަށްވާނެ. ތިމާގެ ކުރިމަތީގައި އެހެން ކުދިންނާ ތޮޅޭނަމަ އެކުއްޖާއާ ވާހަކަ ދައްކާ ހިތްވަރުދޭންވާނެ. އަދި އެކަން ޓީޗަރަށް ނުވަތަ އެކުއްޖާގެ ބެލެނިވެރިންނަށް އަވަހަށް އަންގަންވާނެ. އެއްވެސް ހާލެއްގައި ތޮޅޭ ކުދިންނާ ބައިވެރިވެގެން ނުވާނެ. ތޮޅުމުގައި ބައިވެރިވުމަށް މަޖުބޫރުކޮށް ބިރު ދެއްކިއަސް ބުނާ ބަހުގައި ހިފަހައްޓާ ހަރުދަނާކަންމަތީ ސާބިތުވެ ހުންނަންވާނެ.

 

ތޮޅުމަކީ ނުރައްކާތެރި ކަމެއް ކަމަށް ބަލައިގެން ސްކޫލުތަކުގެ ވެށި އަބަދުވެސް ރަނގަޅަށް ސުޕަވައިޒު ކުރާނެ ސުޕަވައިޒަރުން ތިބެންޖެހޭ. ތޮޅުން ހުއްޓުވޭނީ އެކަން ބައްލަވާ، ފިޔަވަޅު އަޅުއްވާ، އަދި އެކަން ބެލެނިވެރިނަން އެންގަވާ ހެއްދެވުމުން. އެއް އުމުރު ފުރައެއްގެ ކުދިންތަކެއްގެ މެދުގައި ނިކުންނާނެ މައްސަލަތައް ދުރާލާ އެގުމާއި އެކަންކަމުގެ ނުރައްކާތެރިކަން ސީރިއަސް ކަމެއްގެ ގޮތުގައި ނެގުމަކީ ވަރަށް މުހިންމުކަމެއް. ކޮންމެ ސްކޫލަކީވެސް ރައްކާތެރި، ކިޔަވާ ކުދިން ހިތްހަމަޖެހޭ އަދި ބެލެނިވެރިން އިތުބާރުކުރާ މާހައުލަކަށް ހެދޭނީ އެންމެންގެ އެއްބާރުލުން ލިބިގެން. ކޮންމެ ބަޔަކުވެސް އެބައެއްގެ ޒިންމާއާއި މަސްޢޫލިއްޔަތު ފުރިހަމައަށް އުފުލައިގެން.

 

 

 

 

 

  

  އަތިރިމަތީގޭ ޙައްވަދައިތައާއެކު ޢަބްދުﷲ ސަޢީދު މަނަދޫ އަތިރިމަތީގެ ދަރިކޮޅު އެނގެން އޮތީ އަތިރިމަތީގޭ މުޙައްމަދުބޭގެ ފަސް ދަރިން ކަމުގައ...