Monday, June 14, 2010

މަހާތީރު މުޙައްމަދުގެ ލީޑަރޝިޕް

ޑޮކްޓަރ މަހާތީރު މުޙައްމަދުގެ ލީޑަރޝިޕް


ތަޢާރަފް
މެޑިކަލް ޑޮކްޓަރެއް ސިޔާސީ ހަރުދަނާ ލީޑަރަކަށް ވުމަކީ އަޖައިބެއް ހެއްޔެވެ؟ އެއްބައެއްގެ ނަޒަރުގައި އެއީ ވަރަށް ހަރުދަނާ ޑިމޮކްރެޓިކް ސިޔާސީ ލީޑަރެކެވެ. އަނެއްބައެއްގެ ކުރިމަތީގައި އެއީ ޚުދުމުޚުތާރު ޑިކްޓޭޓަރެކެވެ. މިއަދު މެލޭޝިއާ ހޯދާފައިވާ ކުރިއެރުންތަކުގެ މޭސްތިރިޔާގެ ގޮތުގައި ގިނަ ބަޔަކު އެބޭފުޅާ ސިފަކުރެއެވެ. އެބޭފުޅަކީ އޭޝިއާގައި އުފަންވި އެންމެ ނުފޫޒުފަދަ އެއް ސިޔާސީ ލީޑަރެވެ. އެއީ ބޮޑެތި ގޮންޖެހުންތަކަކާއެކުވެސް މެލޭޝިއާ އަކީ "އިޤްތިޞާދުގައި އޭޝިއާގެ މިނިކާވަގު" ކަމުގައި ހައްދަވައިދެއްވި ޑރ. މަހާތީރު މުޙައްމަދެވެ.1
ޑރ. މަހާތީރު މުޙައްމަދުގެ ފުރިހަމަ ނަންފުޅަކީ ތާން ދާތޯ ސިރީ ޑރ. މަހާތީރު ބިން މުޙައްމަދު އެވެ. ޑރ. މަހާތީރު މުޙައްމަދު އުފަންވެވަޑައިގަތީ މީލާދީން 1925 ވަނަ އަހަރުގެ ޑިސެމްބަރ 20 ވަނަ ދުވަހު މެލޭޝިއާގެ ކަޑަހް ސްޓޭޓްގެ ވެރިރަށް، އަލޮ ސެޓަރއަށެވެ. ޑރ. މަހާތީރު މުޙައްމަދުގެ ބައްޕާފުޅު މުޙައްމަދު އިސްކަންދަރު އަކީ އިންޑިއާއަށް އުފަންބޭފުޅެކެވެ. މަންމަފުޅު ވަން ޓަމްޕަވަން އަކީ މެލޭޝިއާއަށް އުފަން ބޭކަނބަލެކެވެ.2 ޑރ. މަހާތީރު މުޙައްމަދު އަކީ އޭނާގެ ބައްޕަ އާއި މަންމައަށް ލިބުނު ނުވަ ކުދިންތަކުގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ދެވަނަ ބޮޑުހަނގުރާމައިގެ ދުވަސްވަރު މަހާތިރު މުޙައްމަދަކީ އޭނާގެ އާއިލާއާއެކު "ބަނާނާ ފްރިޓަރސް" ވިއްކަން އުޅުނު ކުއްޖެކެވެ.3 ( ބަނާނާ ފްރިޓަރސް އަކީ ދިވެހިން ދޮންކެޔޮކަޖުރު ގޮތަށް ދޮންކޭލާއި ގޮދަންފުށް އެއްކޮށްގެން ހަދާފައިހުންނަ ހެދިކާއެކެވެ. )
1.1- ޒަވާޖީ ހަޔާތް:
ޑރ. މަހާތީރު މުޙައްމަދު ކައިވެނިފުޅު ބައްލަވައި ގެންނެވީ 5 އޯގަސްޓް 1956 ގައި އޭނާއާއެކު ޑޮކްޓަރުކަން ކިޔަވާ ވިދާޅުވާން އެކުގައި އުޅުއްވި ސިއްތި ހަސްމާ ބިންތި ހާޖީ މުޙައްމަދު ޢަލީ އާއެވެ. އެ ދެމަފިރިކަނބަލުންނަށް ހަތް ދަރިކަލުން ލިބިވަޑައިގެންނެވިއެވެ.4
1.2- ސިޔާސީ ހަޔާތް:
ޑރ. މަހާތީރު މުޙައްމަދުގެ ސިޔާސީ ދަތުރު ފައްޓަވާފައިވަނީ 1945 ވަނަ އަހަރު އެމަނިކުފާނު ބައިވެރިވެ ވަޑައިގެން އުފެއްދެވި އެންޓި-މެލޭޝިއަން ޔުނިއަށް ކެމްޕޭނުގައެވެ. އޭގެފަހުން 1964 ވަނަ އަހަރު ބޭއްވި އާންމު އިންތިޚާބުގައި ޕާލަމެންޓަށް (ރައްޔިތުންގެ މަޖިލިހަށް) ކުރިމަތިލައްވައި، ކޮތަ ސެޓަރ ސެލަޓަންގެ ގޮޑި ކާމިޔާބު ކުރެއްވިއެވެ. މަހާތީރުގެ ސިޔާސީ ހަޔާތުގެ ކުރީކޮޅުގައި ލީޑަރޝިޕްގެ ޓްރައިޓްސްތަކުގެ ތެރެއިން އޭނާގެ މައްޗަށް ބަރޯސާވުން (ޑިޕެންޑަބެލިޓީ) ފެނިގެން ގޮސްފައިވެއެވެ. 15 ސެޕްޓެމްބަރ 1978 އިން 16 ޖުލައި 1981 އާ ހަމައަށް ހުންނެވީ ބޮޑުވަޒީރުގެ ނައިބުގެ މަޤާމުގައެވެ. މަހާތީރަށް ބޮޑުވަޒީރުކަން ލިބިވަޑައިގެންނެވީ 1981 ވަނަ އަހަރުގެ ޖުލައިމަހުގެ 16 ވަނަ ދުވަހުއެވެ. ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވީ 2003 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 31 ވަނަ ދުވަހުއެވެ.5
1.3- އެސައިންމަންޓްގެ މަޤްޞަދު:
މި އެސައިންމަންޓަކީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމް.އެން.ޑީ.އެފް) ގެ ނޮން ކަމިޝަންޑް އޮފިސަރސް އެކެޑެމީ އިން ހިންގަމުންދާ ވޮރަންޓް ކޯސް (ސާރޖެންޓް ފޭސް)ގައި "ލީޑަރޝިޕް" މާއްދާއިން ފުރިހަމަ ކޮށްފައިވާ ދިރާސާ މަސައްކަތެކެވެ. މި އެސައިންމަންޓްގެ މަޤްޞަދަކީ ދަރިވަރުންނަށް ލީޑަރޝިޕް އެގިފައިވާ މިންވަރާއި އެގިދަސްވެފައިވާ ޢިލުމެއް ޙަޤީޤީ ވެށިން ދެނެގަނެ ދިރާސާ ކުރުމުގެ ޤާބިލުކަން ހުރި މިންވަރު ދެނެގަތުމެވެ.

1.4- އެސައިންމަންޓުގައި ކަވަރު ކުރެވިފައިވާ ބައިތައް:
މި އެސައިންމަންޓްގައި ޑރ. މަހާތީރު މުޙައްމަދުގެ ޒާތީ ދިއުޅުއްވުމުގެ ތެރެއިން ތުއްޕުޅުއިރުގެ ހަޔާތްޕުޅާއި، ތަޢުލީމީ ހަޔާތް އަދި ސިޔާސީ ހަޔާތަށް ބަލާލެވިފައިވާނެއެވެ. މީގެ އިތުރުން ޑރ. މަހާތީރު މުޙައްމަދުގެ ފަރާތުން ފެނިގެންގޮސްފައިވާ ލީޑަރޝިޕްގެ ސިފަތަކާއި، ބޭނުން ކުރައްވާފައިވާ ލީޑަރޝިޕް ޕްރިންސިޕަލްތައް އަދި ފެނިގެންގޮސްފައިވާ ލީޑަރޝިޕް ޓްރައިޓްސްތަކާއި ސްޓައިލްތަކާއި ފާހަގަ ކުރެވޭ ޚާއްޞަ ކަންތައްތައްވެސް ހިމަނާފައިވާނެއެވެ.

ދިރާސާ ނަޒަރަކުން:
2- ޑރ. މަހާތީރު މުޙައްމަދުގެ ހަޔާތުން ފެނިގެން ގޮސްފައިވާ ލީޑަރޝިޕްގެ ޓްރައިޓްސްތައް
ޑރ. މަހާތީރު މުޙައްމަދަކީ ހަރުދަނާ ލީޑަރޝިޕް ޓްރައިޓްސް ތަކެއް ލިބިވަޑައިގެން ހުންނެވި ލީޑަރެކެވެ. އެކަން އެނގިގެންދަނީ ސިޔާސީ ހަޔާތުގައި ނިންމަވާފައިވާ ނިންމެވުންތަކުންނެވެ. ލީޑަރޝިޕް ޓްރައިޓްސް ތަކުގެ ތެރެއިން ގިނަ ސިފަތަކެއް ލިބިވަޑައިގެންފައިވާ ޑރ.މަހާތީރުގެ ހަޔާތުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވެނީ ހިތްވަރު ގަދަކަމާއި، އަމިއްލަފުޅު ނަފްސު ބިނާކުރެއްވުމަށް ކުރެއްވި މަސައްކަތުގެ އިތުރުން، ރަނގަޅުގޮތް ނިންމެވުމުގެ ޤާބިލުކަމާއި އިންސާފުވެރިކަމެވެ.
• ކަރޭޖް ( ހިތްވަރާކެރުން ): މެލޭޝިއާއަކީ ތަފާތު ދަރިކޮޅުތަކުގެ މީހުން ދިރިއުޅެމުންދާ ޤައުމެކެވެ. ޑރ. މަހާތީރުގެ ވެރިކަމުގައި ޤައުމު އެކަތިގަނޑަކަށް ހައްދައި ނަސްލީ ތަފާތުކުރުންތައް ނައްތާލެއްވިއެވެ. 22 އަހަރުވަންދެން ބޮޑުވަޒީރުކަމުގައި ދެމިހުންނެވިއިރު، މި މަޤްޞަދު ހާސިލުކުރެއްވުމަށް ޖެހިލުންކުޑަކަމާއެކު އަޅުއްވާފައިވާ ބައެއް ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނަކީ ހަރުކަށި ބޭފުޅެއްގެ ގޮތުގައިވެސް ބައެއް މީހުން ސިފަކޮށްފައިވެއެވެ6.
• ނޮލެޖް (ޢިލުމް): ވަރަށް އާދައިގެ އާއިލާއަކަށް އުފަންވެވަޑައިގެންނެވި ނަމަވެސް ލިބުނު ފުރުސަތުގެ ބޭނުން ހިތްޕަވާ ތަޢުލީމް ހާސިލުކުރައްވާ ހަރުދަނާ ސިޔާސީ ލީޑަރަކަށް ޑރ. މަހާތީރު ވެވަޑައިގެންނެވިއެވެ.7 ބޮޑުވަޒީރުކަމުގެ ދުވަސްވަރުވެސް ޢިލުމީ ފޮތްތައް ލިޔުއްވާ ޢިލުމީ ގޮތުން ތަރައްޤީވުމަށް ކުރެއްވި މަސައްކަތްޕުޅަކީ ލީޑަރޝިޕްގެ ޓްރައިޓްސްގެ ތެރެއިން ޢިލުމަށް ދެއްވި އިސްކަމުގެ މިސާލެކެވެ.
• ޑިސިސިވްނަސް( ރަނގަޅު ގޮތްނިމުމުގެ ހަރުދަނާކަން): ރަނގަޅުގޮތް ނިންމެވުމުގައި އެންމެ ފާހަގަ ކޮށްލެވޭކަމަކީ ކުރީގެ ބޮޑުވަޒީރުގެ ނައިބުކަމުގެ މަޤާމުގައި ހުންނެވި އަންވަރު އިބްރާހީމްގެ މައްސަލައިގައި މަހާތީރު ގެންގުޅުއްވި ސިޔާސަތެވެ. އެކިގޮތްގޮތުން ޕްރެޝަރ ކުރިމަތިވަމުން ދިޔަނަމަވެސް މެލޭޝިއާގެ ކޯޓުން ނިންމަވާފައިވާ ނިންމެވުން މަހާތީރު ދިފާޢު ކުރެއްވިއެވެ.8
• ޖަސްޓިސް ( އިންސާފުވެރިކަން): ޑރ. މަހާތީރު މުޙައްމަދުގެ ބޮޑުވަޒީރުކަމުގައި އެންމެ ބޮޑަށް ފާހަގަ ކުރެވުނު ކަމަކީ މެލޭޝިއާގައި އޮންނަ އެކިއެކި ނަސްލު ތަކުގެ މެދުގައި ހަމަހަމަ ކަމާއި އިންސާފުވެރިކަން ގާއިމު ކުރެއްވުމެވެ. ނަސްލުތަކުގެ މެދުގައި އޮތް ފިތުނަ ފަސާދަ ނައްތާލައްވާ، ކޮންމެ ރައްޔިތަކަށްވެސް ސުލުހަވެރިކަމާއެކު ދިރިއުޅުމާއި ތަރައްޤީއަށް މަސައްކަތް ކުރުމުގެ ފުރުސަތު ހޯއްދަވައިދެއްވިއެވެ. މިގޮތުން ދުނިޔޭގެ އެންމެ އުސް ޓަވަރުގެ ގޮތުގައި 1992 އިން 1998 އަށް އަދި ދުނިޔޭގެ އެންމެ އުސްބިނާގެ ގޮތުގައި 1998 އިން 2004 އަށް މެލޭޝިއާގެ ޓެލެކޮމް ޓަވަރު ޤާއިމު ރެކޯޑުން އެކަނިވެސް އެ ޤައުމަށް މަހާތީރު ގެންނެވި ކުރިއެރުން ފާހަގަކުރެވެއެވެ.9
2.2- ޑރ. މަހާތީރު މުޙައްމަދު ބޭނުން ކުރައްވާފައިވާ ލީޑަރޝިޕްގެ ޕްރިންސިޕަލްތައް
ޑރ. މަހާތީރު މުޙައްމަދުގެ ލީޑަރޝިޕްއިން ލީޑަރޝިޕްގެ ޕްރިންސިޕަލްތައް ފެނިގެންގޮސްފައިވެއެވެ. މީގެ އިތުރުން އަމިއްލަފުޅު ހަތް ޕްރިންސިޕަލެއްވެސް ގެންގުޅުއްވިކަން ފާހަގަކޮށްލަންޖެހެއެވެ.10 އެ ޕްރިންސިޕަލް ތަކަކީ "ރަނގަޅު ލީޑަރެއްނަމަ ދަށުދަރަޖައަށް ފައިބައިގެން ވާހަކަ ދައްކައެއް ނަހަދާނެއެވެ. އެކަމަކު ބޮޑާ ކަމާއެކު ފޮނިކޮށްވެސް ވާހަކަ ދައްކައެއް ނުހަދާނެއެވެ." ، "އޭނާ ހުންނާނީ ވަގުތުން ޒިންމާ އުފުލަން ތައްޔާރަށެވެ. އެކަމަކު މާބޮޑަށް އަމިއްލަ ގޮތުގައި ހިފަހައްޓައިގެންނެއް ނޫޅޭނެއެވެ." ، "އޭނާގެ ސަބަބުންވާ ފޭލްވާ ފޭލުވުމުގެ ބަދުނާމު އެހެން މީހުންގެ ބޮލުގައި އަޅުވާކަށް ނޫޅޭނެއެވެ. އެކަމަކު އޭނާ އޭނާގެ ބަލިފައިތައް ޤަބޫލުކުރާނެއެވެ." ، "އޭނާ މަސައްކަތް ކުރާނީ މާތް ގޮތަކަށެވެ. އެކަމަކު އެހެން މީހުންގެ ތަޢުރީފާއި މަޝްހޫރުކަމަކަށް އުންމީދެއް ނުކުރާނެއެވެ." "އޭނާގެ ދަށުގައި މަސައްކަތްކުރާ މީހުންނާއި އޭނާގެ އިސްކޮށް ތިބޭ މީހުންނަށްވެސް އޭނާގެ ނުފޫޒު ފޯރުވާނެއެވެ. އެކަމަކު އެހެން މީހުންގެ އިޙްސާސްތައް އޭނާ ދަންނާނެއެވެ." ، " އޭނާވާނީ އެހެން މީހުންނަށް ރޯލްމޮޑަލް އަކަށެވެ. އޭނާގެ ކިބައިގައި ހުރުމަށް އެހެންމީހުން އެދޭ ސިފަތައް އޭނާގެ ކިބައިގައި ހުންނާނެއެވެ." ، "އޭނާވާންވާނީ ވަރަށް އުޖާލާ ސްމާޓް މީހަކަށެވެ. އޭނާގެ ދަށުން މަސައްކަތްކުރާ މީހުން އޭނާގެ ލީޑަރޝިޕް އަށް ރުހޭނެވެ."11
ޑރ. މަހާތީރު މުޙައްމަދު " ސުލްޠާން ޢަބްދުލްޙަމީދު ކޮލެޖް" އިން ތަޢުލީމް ޙާސިލު ކުރެއްވުމަށްފަހު ގުޅިވަޑައިގެންނެވީ ސިންގަޕޫރުގެ ކިންގް އެޑްވަރޑް މެޑިކަލް ކޮލަޖާއެވެ. އެދުވަސްވަރު "ދަ ކަލްޑްރަން" ކިޔާ މެޑިކަލް ދަރިވަރުންގެ މަޖައްލާގެ އެޑިޓޯރިއަލްގައި މަސައްކަތް ކުރެއްވިއެވެ. އަދި އަދި " ސްޓްރައިޓްސް ޓައިމްސް" ނޫހަށް ލިޔުއްވިއެވެ. މި ދުވަސްވަރުވެސް އަދި އޭގެފަހުން މަތީ ތަޢުލީމް ހާސިލުކުރެއްވުމަށްފަހު 1953 ވަނަ އަހަރު މެޑިކަލް އޮފިސަރެއްގެ ގޮތުގައި ސަރުކާރަށް ޚިދުމަތް ކުރައްވަން ފެއްޓެވިއެވެ. 12މިކަމުން ފެނިގެންދާ މިސާލަކީ ލީޑަރޝިޕްގެ ޕްރިންސިޕަލްތަކުގެ ތެރެއިން އަމިއްލަ ނަފްސު ދެނެގަނެ، ނަފްސު ތަރައްޤީ ކުރެއްވުމަށް މަހާތީރު މުޙައްމަދު ދެއްވި އިސްކަމެވެ.
ޑރ. މަހާތީރު މުޙައްމަދަކީ މުސްލިމުންގެ ޙައްޤުގައި ބައިނަލް އަޤްވާމީ ދުނިޔޭގައި ކެރިގެން ވާހަކަ ދައްކަވާ ލީޑަރެކެވެ. އަދި އެމަނިކުފާނު ފަދައިން މުސްލިމުންގެ ޙައްޤުގައި ތެދުވުމަށް ދުނިޔޭގެ އެހެން ލީޑަރުންނަށްވެސް ގޮވާލައްވަމުން ވަޑައިގަންނަވާ އަދި ގިނަ ބައެއްގެ ތަޢުރީފާއި ލޯބި ލިބިވަޑައިގެންފައިވާ ލީޑަރެކެވެ.13 މިކަމަކީ ޑރ. މަހާތީރަކީ އިސްނެގުން ( އިނީޝިއޭޓިވް ) އަދި ލީޑަރޝިޕް ޕްރިންސިޕަލްތަކުގެ ތެރެއިން ނަމޫނާ މިސާލެއް ކަމުގެ ދަލީލެކެވެ.
ޑރ. މަހާތީރު މުޙައްމަދަކީ މެޑިކަލް ޑޮކްޓަރެއްގެ އިތުރުން ކާމިޔާބު އިކޮނޮމިސްޓެކެވެ. ވާހަކަ ދެއްކުން ތެރިއެކެވެ. އަދި އޭހާމެ މޮޅު ލިޔުންތެރިއެކެވެ. ޑރ. މަހާތީރު މުޙައްމަދު ލިޔުއްވި ފޮތްތަކުގެ ތެރެއިން 15 ފޮތެއް ދުނިޔޭގައި މަޝްހޫރުވެގެން ގޮސްފައިވެއެވެ. އޭގެ ތެރޭގައި 1970 ވަނަ އަހަރު ލިޔުއްވި "ދަ މެލޭ ޑިލަމާ" ފާހަގަ ކޮށްލެވެއެވެ. އޭގެ އިތުރުން ފާހަގަ ކޮށްލެވޭ ފޮތްތަކުގެ ތެރޭގައި އާސިއާން އެންޑް ދަ ޗެލެންޖް އިން ޓު ދަ ޓްވެންޓީ ފަސްޓް ސެންޗަރީ (1989) ، ޕެސިފިކް ރިމް އިން ދަ ޓްވެންޓީ ފަސްޓް ސެންޗަރީ (1995)، ދަ ޗެލެންޖް އޮފް ޓާރމްއޮއިލް (1998)، އަކީވެސް ފާހަގަ ކޮށްލެވޭ ފޮތްފޮތެވެ.14 މިއީ ލީޑަރޝިޕް ޕްރިންސްޕަލްތަކުގެ ތެރެއިން ފަންނީ ގޮތުންނާއި ހުނަރުވެރިކަމުގެ ގޮތުން ޤާބިލު މީހަކަށްވުމަށް ކުރައްވާފައިވާ މަސައްކަތްތަކުގެ މިސާލެކެވެ.
މަހާތީރު ބޮޑުވަޒީރުކަމުން އިސްތިޢުފާ ދެއްވިފަހުން، ވެރިކަމުގެ ދުވަސްވަރު ބައެއް ފަނޑިޔާރުން އައްޔަންކޮށްފައިވާގޮތާބެހޭގޮތުން މަހާތީރަށް ތާޢީދުކުރާ ފަސްމީހެއްގެ މައްޗަށް ތަޙްޤީޤެއް ހިންގުމަށް މެލޭޝިއާގެ ސަރުކާރުން ނިންމެވުމުން އަމިއްލަފުޅު ސިޔާސީ ޕާޓީ އަދި ވެރިކަންކުރަމުން ދިޔަ ޔުނައިޓެޑް މެލޭސް ނޭޝަނަލް އޮގަނައިޒޭޝަން (އުމްނޯ) އިން އިސްތިޢުފާ ދެއްވިއެވެ. އެހެންނަމަވެސް ލިބިވަޑައިގެން ހިތާމަފުޅުގެ ސަބަބުން އެދުވަހު ކީރިތި ކުރެއްވުނެވެ.15 މިއީ ލީޑަރޝިޕް ޕްރިންސިޕަލްތަކުގެ ތެރެއިން "މަސްއޫލިއްޔަތު އުފުލާށެވެ. އަދި ތިމާކުރާ ކަންތައްތަކުގައި ޒިންމާވާށެވެ." މި ޕްރިންސިޕަލްގެ މިސާލެކެވެ.
2.3- ޑރ. މަހާތީރު ބޭނުންކުރެއްވި ލީޑަރޝިޕްގެ ތިޔަރީތަކާއި ލީޑަރޝިޕް ސްޓައިލްތައް
އުމުރުފުޅުން 84 އަހަރުގެ ޑރ. މަހާތީރު މުޙައްމަދުގެ ލީޑަރޝިޕްގައި އަޅުއްވާފައިވާ ފިޔަވަޅުތަކާއި ނިންމަވާފައިވާ ނިންމެވުންތަކާއި ބޮޑެތި ކަންތައްތަކުގައި ޢަމަލު ކުރައްވާފައިވާ ގޮތުން އެމަނިކުފާނަކީ ކޮންކަހަލަ ޝަހުސިއްޔަތެއްކަން މި ދިރާސާގެ އަލީގައި މިހާރު ދެންނެވިދާނެއެވެ. މިއަދު ދުނިޔޭގައި މަޝްހޫރުކަން ހޯދާފައިވާ ލީޑަރޝިޕްގެ ތިން ތިޔަރީގެ ތެރެއިން ޑރ. މަހާތީރު މުޙައްމަދަކީ ޓްރާންސް ފޯމޭޝަނަލް ތިޔަރީގެ ބޭފުޅެއް ކަމަށެވެ. ލީޑަރޝިޕްގެ ސްޓައިލަށް ބަލާއިރު އެމަނިކުފާނުގެ ހަޔާތުން އޮޓޯޓޭރިއަން ( އޮޓޯކްރެޓިކް ) އާއި ޕާޓިސިޕޭޓިވް ( ޑިމޮކްރެޓިކް ) އަދި ޑެލިގޭޓިވް ( ފްރީ ރެއިން ) މި ތިން ސްޓައިލްވެސް އެކިއެކި ހާލަތްތަކުގައި ބޭނުން ކުރައްވާފައިވެއެވެ. މިސާލަކަށް ދަންނަވާނަމަ މެލޭޝިއާގައި 22 އަހަރުވަންދެން ބޮޑުވަޒީރުކަން ކުރައްވާފައިވަނީ އޮޓޯކްރެޓިކް ސްޓައިލް ބޮޑަށް ބޭނުން ކުރައްވައިގެންކަން ފާހަގަ ކުރެވެއެވެ. އެހެންކަމުން ޑރ. މަހާތީރު މުޙައްމަދަކީ ހަރުކަށި ލީޑަރެއްކަމަށް ސިފަވެގެން ގޮސްފައިވެއެވެ.16 މެލޭޝިއާގައި މިނިވަން ވިޔަފާރި ފުޅާކުރައްވާ އިޤްތިޞާދީ ގޮތުން ޤައުމަށް ހޯއްދަވައިދެއްވި ކާމިޔާބުތަކުގެ ފަހަތުގައިވަނީ އެކި ދުވަސްވަރު އެމަނިކުފާނުގެ ލީޑަރޝިޕްގައި ހިމެނިވަޑައިގެންނެވި ބޭފުޅުންގެ މަޝްވަރާއާއި ޚިޔާލުތަކާއެކު ޑިމޮކްރެޓިކް ސްޓައިލްގައި ނިންމެވި ނިންމެވުންތަކެވެ.17 ޑރ. މަހާތީރުގެ ސިޔާސީ ހަޔާތުގައި ޑެލިގޭޓިވް ސްޓައިލްވެސް ވަރަށް ބޮޑަށް ފާހަގަ ކުރެވެއެވެ. އެގޮތުން ބައެއް ބޭފުޅުންނަށް ދޫކުރެއްވި ބާރުތަކާއި ކުރެއްވި އިތުބާރުގެ ނަތީޖާއަކަށްވީ އެބޭފުޅުންނަކީ ސިޔާސީ ވަރުގަދަ ލީޑަރުންނަށް ވެގެންދިއުމެވެ. އެގޮތުން އެމަނިކުފާނުގެ ނައިބުކަން ކުރެއްވި އަންވަރު އިބްރާހީމް އާއި އެމަނިކުފާނަށްފަހު މެލޭޝިއާގެ ބޮޑުވަޒީރުކަމަށް ވަޑައިގެންނެވި ޢަބްދުﷲ ބަދާވީ އަކީ މީގެ މިސާލުތަކެވެ.18

2.4- ޑރ. މަހާތީރުގެ ހަޔާތުން އެންމެ ފާހަގަކޮށްލެވޭ ކަންތައް
ޑރ. މަހާތީރު މުޙައްމަދުގެ ލީޑަރޝިޕަށް ކުރިމަތިވި އެންމެ ބޮޑު ސިޔާސީ ގޮންޖެހުމަކީ ކުރީގެ ބޮޑުވަޒީރުގެ ނައިބުކަމުގެ މަޤާމުގައި ހުންނެވި އަންވަރު އިބްރާހީމްގެ މައްސަލައެވެ. މަހާތީރުގެ ހަޔާތުން ފާހަގަކުރެވޭ އެންމެ މުހިންމު ކަމަކީ މެލޭޝިއާގެ އިޤްތިޞާދަށް ގެންނެވި ހެޔޮ ބަދަލެވެ. ޤައުމުގެ މުސްތަޤްބަލަށް ރަނގަޅު ޖީލެއް ބިނާ ކުރެއްވުމަށް މަހާތީރު ކުރެއްވި އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ މެލޭޝިއާގެ ތަޢުލީމީ ނިޒާމަށް ގެންނެވި ބަދަލެވެ. މިހުރިހާ ކަމެއްގެ ތެރެއިންވެސް އެންމެ ފާހަގަ ކޮށްލެވޭ ކަމަކީ އިޤްތިޞާދީ ގޮތުން ހޯއްދެވި ބޮޑު ކާމިޔާބެވެ. މިގޮތަށް ދަންނަވަން ޖެހޭ ސަބަބަކީ މިކަމަށް ޑރ. މަހާތީރުގެ ސިޔާސީ ދުޝްމަނުންވެސް ވަނީ އިޢުތިރާފުވެފައިވުމެވެ. މެލޭޝިއާއަށް އޭޝިއާގެ އިޤްތިޞާދުގެ މިނިކާވަގުގެ ލަގަބު ދީފައިވާތީއެވެ.19

3. އަޅުގަނޑުގެ ނަޒަރުގައި ޑރ. މަހާތީރު މުޙައްމަދުގެ ލީޑަރޝިޕް
މެލޭޝިއާގެ ތާރީޚުގައި އަދި އޭޝިއާ ބައްރުގައި ޑރ. މަހާތީރު މުޙައްމަދަކީ ވަރަށް ޚާއްޞަ ލީޑަރެކެވެ. ޑރ. މަހާތީރު މުޙައްމަދުވަނީ އެ ޤައުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯއްދަވައިދެއްވާފައެވެ. ތަރައްޤީ ވަމުން އަންނަ ޤައުމުތަކުގެ ލިސްޓުން ތަރައްޤީވެފައިވާ ޤައުމުތަކުގެ ލިސްޓަށް މެލޭޝިއާ ގެންދިއުމަށް 2020 ގެ ތަސައްވުރެއް އެމަނިކުފާނު އެކުލަވާލެއްވިއެވެ. މެލޭޝިއާގެ އިޤްތިޞާދު ރަނގަޅު ކުރެއްވިއެވެ. ޤައުމުގެ އިންފްރާސްޓްރެކްޗަރ ވަރުގަދަ ކުރެއްވިއެވެ. ޑރ. މަހާތީރު މުޙައްމަދަކީ އަޅުގަނޑުގެ ނަޒަރުގައި ހަރުދަނާ ލީޑަރެކެވެ. އަދި އެމަނިކުފާނުގެ ސިޔާސަތުން ލީޑަރޝިޕްގެ ހަރުދަނާ ކޮލިޓީތަކެއް ފެނިގެން ގޮސްފައިވާ ލީޑަރެކެވެ. މިކަމުގެ މިސާލަކީ އެމަނިކުފާނަށް ބައިނަލް އަޤްވާމީ ދުނިޔެއިންނާއި މެލޭޝިއާގެ ތަފާތު އިންސްޓިޓިއުޝަންތަކުންނާއި ޖަމާޢަތްތަކުން އަރުވާފައިވާ ލަޤަބުތަކާއި އަގުވަޒަންކޮށް ދެއްވާފައިވާ އެވޯޑް ތަކެވެ. މަހާތީރަށް ބައިނަލް އަޤްވާމީ ދުނިޔޭގައި 10 އެވޯޑް އަދި މެލޭޝިއާގެ އެކިއެކި އިންސްޓިޓިއުޓްތަކުންނާއި ޖަމާޢަތްތަކުން 57 އެވޯޑާއެކު ޖުމުލަ 67 އެވޯޑް ލިބިވަޑައިގެންފައިވެއެވެ. އޭގެ ތެރޭގައި އިންޑިއާ ސަރުކާރުން ދެއްވި މަދަރޓްރޭސަރ އެވޯޑާއި ލީބިއާއިން ދެއްވި ގައްޒާފީ އިންޓަރނޭޝަނަލް ޕްރައިސް އޮފް ހިއުމަންރައިޓްސް ވެސް ހިމެނެއެވެ.20 ( ޑރ. މަހާތީރު މުޙައްމަދަށް ލިބިވަޑައިގެންފައިވާ އެވޯޑް ތަކުގެ ލިސްޓް އެނެކްސް-1 ގައި އެޓޭޗް ކުރެވިފައިވާނެއެވެ. )
ޑރ. މަހާތީރު މުޙައްމަދުގެ ހަޔާތް ދިރާސާ ކުރުމުން ލިބިގެންދިޔަ ފިލާވަޅު
2003 އޭޕްރީލްމަހުގެ ތެރޭގައި ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވާ އަދި އިސްލާމީ ދުނިޔޭގަޔާއި ދިވެހިންގެ ތެރޭގައިވެސް މަޝްހޫރު ބޭފުޅެއް ކަމަށްވާ ޑރ. މަހާތީރު މުޙައްމަދުގެ ހަޔާތް ދިރާސާ ކުރުމުން އަޅުގަނޑަށް ލިބިގެންދިޔަ ފިލާވަޅަކީ:-
01. އިފެކްޓިވް ލީޑަރަކަށްވުމަކީ އެމީހަކު އެކަމަށް މަސައްކަތްކޮށްފިނަމަ ނުވެވޭނެ ކަމެއްނޫނެވެ.
02. އުފަންވާ ނަސްލާއި ހަސަބާއި ނަސަބަކީ އިފެކްޓިވް ލީޑަރަކަށްވުމަށް އޮތް ހުރަހެއް ނޫނެވެ.
03. އިފެކްޓިވް ލީޑަރަކަށް ވުމަށް ބޭނުންވަނީ ހަރުދަނާ އަޚްލާޤަކާއި ވަރުގަދަ ޢަޒުމަކާއި ގަދަފަދަ ހިތްވަރެކެވެ.
04. ލީޑަރޝިޕަކީ އުފަންވާއިރު ލިބިފައި ހުންނަކަމެއް ނޫންކަމަށް ބުނެވޭ ބުނުމުގައި ވަރަށް ބޮޑު ޙަޤީޤަތެއްވެއެވެ.
05. ޙަވާލުކުރެވޭ މިޝަނެއް ހާސިލު ކުރުމަށްޓަކައި އަދި އެތަނެއް ކުރިއެރުވުމަށްޓަކައި ދަށުގައި މަސައްކަތްކުރާ މީހުންނަށް ރަނގަޅު މަގު ދެއްކުމާއެކު އެބަޔަކު މޯޓިވޭޓްކޮށް އެބަޔަކަށް ނަމޫނާ މިސާލުން މަގު ދެއްކުމަކީ ކާމިޔާބު ލީޑަރަކަށް ވުމަށް އެންމެ މުހިންމު ކަންތަކެވެ.
ނިންމުން
މި އެސައިންމަންޓް ލިޔެ ތައްޔާރުކުރުމުގެ ހެޔޮ ތަޢުފީޤު ދެއްވި ކަމަށްޓަކައި މާތްﷲ ސުބުހާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރު ދަންނަވަމެވެ. މިއީ ޑރ. މަހާތީރު މުޙައްމަދުގެ ހަޔާތުގައި ލީޑަރޝިޕް ޕްރެކްޓިސް ކުރައްވާފައިވާ ގޮތުގެ މައްޗަށް އެކުލަވާލެވުނު އެސައިންމަންޓެކެވެ. މި ދިރާސާއަކީ އަޅުގަނޑަށާއި އެހެން ބޭފުޅުންނަށްވެސް ބޭނުންކުރެވޭ ބޭނުންތެރި ދިރާސާއަކަށްވުމަކީ އަޅުގަނޑުގެ ދުޢާއެވެ. މި އެސައިންމަންޓް ލިޔެ ނިންމާފައިމިވަނީ 01 އޭޕްރީލް 2010 ގައެވެ.
References

1, 16, 19 BBC 2003, viewed 26 March 2010,

2, 3 ,4, 7, 13 Wikipedia 2010, viewed 12 March 2010,
5, IPMD 2010, viewed 13 March 2010,

6 Haveeru Online 2003, viewed 16 March 2010,
< page="details&id="70236&tbl="archiv&cat="">
8 Time 2006, viewed 28 March 2010,

9, 12, 14 Devolving 2009, viewed 12 March 2010,

10, 11 Slideshare 2009, viewed 15 March 2010,

12 PMO 2010, viewed 25 March 2010,

15Toharudinrasid 2009, viewed 19 March 2010,
>http://toharudinrasid.blogspot.com/2009/12/mahathir-mohammad.html< net="" en="" scholar="" id="10&UICollectionID=19">
18Primeministersofmalaysia 2010, viewed 30 March 2010,

20 PMO 2010, viewed 29 March 2010,
>http://www.pmo.gov.my/?menu=page&page=1648<

Monday, June 7, 2010

ދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރގެ ހާދިސާ

ދިރާސާ ނަޒަރަކުން ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ




1. ތަޢާރަފާއި މަޤްޞަދު

މި ދިރާސާ މަސައްކަތަކީ 1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާ ދިރާސާކޮށް އެ ހާދިސާއާ ދޭތެރޭ ފިކުރު ހިންގާ އެއިން ދޭހަވާ މިންވަރެއް އެހެން ބަޔަކަށް ހުށަހަޅައި ދިނުމަށް ކުރެވުނު މަސައްކަތެކެވެ. 3 ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާއަކީ ފަހުގެ ތާރީޚުގައި ރާއްޖޭގެ މިނިވަންކަމަށް ލޮޅުން އަރުވާލި އެންމެ ބިރުވެރި ހާދިސާއެވެ. ދިވެހިންގެ މަދުބަޔަކު އަޑީގައި ތިބެގެން ހިންގި މި ޢުދުވާނުގައި ސިފައިންގެ ތެރެއިން 8 ބޭކަލަކާއި އާންމު ރައްޔިތުންގެ ތެރެއިން 11 ބޭކަލަކު ޝަހީދުވިއެވެ.

މި ދިރާސާ މަސައްކަތުގައި 3 ނޮވެމްބަރުގެ ޢުދުވާން ކުރިމަތިވިގޮތާއި އެދުވަހުގެ ބިރުވެރިކަން، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ތަޢާރަފް، ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލައިން ދިފާޢުވުމުގައި ކޯޕްރަލް ޝަހީދު ޙުސައިން އާދަމް އަދާކުރި މުހިންމު ދައުރު، ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހިތްވަރު ގަދަކަން، އެތެރޭގައި މީހުން ޑިޕްލޮއި ކުރުން ، ސިފައިންގޭގައި ތިއްބެވި ވެރިން އަދާކުރެއްވި ދައުރު، ބަޑިގުދަނުގެ ތަޅުގަނޑި ބޭރުން އެތެރެއަށް ގެނެވުން، ސިފައިންގެ މަރުކަޒުން، ރެކީ ޕެޓްރޯލަށް ނުތުމާއި އެމީހުންގެ ހިތްވަރު ، ސިފައިންގެއިން މީހުން ނުކުތުމުގެ ސަބަބުން ކުރި ފައިދާ ، ތަމަޅައިންނަށް ކުރިމަތިވި ނާކާމިޔާބީއާއި އެކަމުގައި މެދުވެރިވި ކަންތައްތައް، ޝަހީދުވި ސިފައިންނާބެހޭ މަޢުލޫމާތު، ނޮވެމްބަރ ތިނެއްގެ ޢުދުވާނުގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް އައި ހޭލުންތެރިކަމާއި ބަދަލުތައް، ކުރިމަގުގައި އެފަދަ ކަމަކަށް ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންތައްތައް އަދި މީގެ އިތުރުން ސިފައިން ތައްޔާރަށް ތިބެންވީ މިންވަރާމެދު ބަލާލެވިފައިވާނެއެވެ.

2. ތިނެއް ނޮވެމްބަރުގެ ޢުދުވާން ކުރިމަތިވިގޮތާއި އެދުވަހުގެ ބިރުވެރިކަން

1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާއަކީ ދިވެހިންގެ ބަޔަކާއި ސްރީލަންކާގެ ޓެރަރިސްޓް ޖަމާޢަތެއް ކަމަށްވާ ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް ( ޕްލޯޓް ) ގެ ހަތިޔާރުއެޅި ބަޔަކު މާލެ ގެނެސްގެން ރާއްޖޭގައި އޮތް ޤާނޫނީ ސަރުކާރު ވައްޓާލުމަށްޓަކައި ހިންގި ޢުދުވާނީ ހަމަލާއެކެވެ. މި ޙަމަލާ ރާވާ ހިންގުމުގައި ދިވެހިންގެ ތެރެއިން އިސްކޮށް ތިބީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީ އާއި ސ. ހިތަދޫ ޕެރިސްހޮލިޑޭ ސަގަރު އަޙްމަދު ނާޞިރެވެ.

މި ޢުދުވާނީ ޙަމަލާގައި ބައިވެރިވިކަމަށް ޝަރީޢަތުން އިތުރު 5 ދިވެއްސެއްގެ މައްޗަށް ހުކުމް ކޮށްފައިވެއެވެ. އެއީ ޢަބްދުﷲ ޝާހިދު، ކަރޯ ޢައްބާސް އިބްރާހީމް، މުޙައްމަދު ނަޢީމް ( ޕައިލޮޓް ނަޢީމް )، ސިއްކަ އަޙްމަދު އިސްމާޢީލް މަނިކު އަދި ޢުމަރު ޖަމާލެވެ.

ޢަބްދުﷲ ލުޠުފީ އާއި ޕްލޯޓް ޖަމާޢަތް

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ދިވެހިންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވީ ހ. ހާޖަރާގޭ ޢަބްދުﷲ ލުޠުފީއެވެ. އޭނާއަކީ އޭނާގެ ޢަމަލުތައް ހުރިގޮތުގެ ސަބަބުން އެތައް ފަހަރެއްގެމަތިން އަދަބު ލިބިފައިވާ މީހެކެވެ. ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ސުމުއްވުލް އަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު އަވަހާރަކޮށްލުމަށް ހަތިޔާރު އެތެރެކުރި މައްސަލައެއްގައިވެސް އޭނާވަނީ ބައިވެރިވެފައެވެ.

ލުޠުފީގެ ކުށުގެ ސިލްސިލާ ފެށިފައިވަނީ 1972 ގައެވެ. ތަފާތު ކުށްތަކުގައި އަދަބު ލިބެމުން އައިސް 1986 ވަނަ އަހަރު ކުރި ކުށަކާގުޅިގެން ލުޠުފީ ހުރީ ގޭގައި ބަންދުކޮށްފައެވެ. އެފަހަރު ގޭގައި ބަންދުގައި ހުރިހުރުމުގައި ސަރުކާރު ބަދަލުކޮށްލުމުގެ ވާހަކަ އޭނާގެ ގާތް ބައެއް ރަޙުމަތްތެރިންގެ ކައިރީގައި ދައްކާފައިވެއެވެ. ލުޠުފީ މިނިވަންވެގެން ސްރީލަންކާއަށް ގޮސް އުޅުނު އުޅުމުގައި ބަބުޅަޕިޓިޔާ ކޯވިލް ކައިރީގައި ހުންނަ ހޮޓަލަކަށް ސައިބޯން ގޮސް އުޅުނު އުޅުމުގައި " ރުޑުލާ" ނަމަކަށްކިޔާ ތަމަޅައަކާ ރައްޓެހިވިއެވެ. 1987 ވަނަ އަހަރުގެ ޖޫންމަހު ޕްލޯޓް ޖަމާޢަތުގެ އެންމެ އިސްވެރިޔާ ލުޠުފީ އާ ބައްދަލުކުރަން ބޭނުންވާހަކަ ރުޑުލާ ބުންޏެވެ. އަދި ލުޠުފީ ޕްލޯޓް ޖަމާޢަތުގެ ކޮމާންޑަރ އިން ޗީފް މިސްޓަރ ޖާނޫ ( ވަސަންތީ ) އާ ބައްދަލުކުރިއެވެ. 1987 ވަނަ އަހަރުގެ ފަހުކޮޅު ވަސަންތީ ބުނެގެން ލުތުފީ އުމާ މަހޭޝްވަރަމް އާ ބައްދަލުކުރިއެވެ. ފުރަތަމަ ދެކެވުނީ ވިޔަފާރީގެ ވާހަކައެވެ. ރާއްޖޭގެ ސަރުކާރު ބަދަލުކޮށްލުމުގެ ވާހަކަ ދެކެވުނީ 1988 ފެބްރުއަރީ މަހު މިދެމީހުންގެ ދެމެދުގައި ބޭއްވުނު ދެވަނަ ބައްދަލުވުމުގައެވެ. އެއަހަރުގެ މާޗް މަހުގެ ތެރޭގައި ތަމަޅަ ހަނގުރާމަވެރިން، ދިވެހި ސިފައިން ބޭނުންކުރާ ހަތިޔާރާއި ސިފައިން ޑިއުޓީ މަރާ ތަންތަންބަލާ ރެކީ ކުރުމަށް ރާއްޖެއައެކެވެ. ޢަބްދުﷲ ލުތުފީ އާއި ސަގަރު ނާސިރު ބައްދަލުވީ އެއަހަރުގެ އޭޕްރީލްމަހުގެ ތެރޭގައެވެ. ޖުލައި 26 އާ ދިމާކޮށް ވަސަންތީ މާލެ އައިސް ސިފައިންގެ ރަސްމީ ޕެރޭޑާއި ކުޅިވަރު ބަލަން މަސައްކަތް ކުރިއެވެ. އޮކްޓޯބަރު މަހުގެ ތެރޭގައި ވަސަންތީ އާއި އުމާ މަހޭޝްވަރަމް އާއި ލުޠުފީ އާ ތިންމީހުންވެގެން ސިފައިންގެ ޗާޓު ކުރަހާ ޙަމަލާއަށް ތައްޔާރުވާން ފެށިއެވެ.

ޕީޕަލްސް ރިބަރޭޝަން އޮފް ޓެމިލް އީލާމް ( ޕްލޯޓް ) އަކީ ލިބަރޭޝަން ޓައިގަރސް އޮފް ޓެމިލް އީލާމް ( އެލް.ޓީ.ޓީ.އީ) ގެ ވެރިޔާ ވެލުޕިއްލައި ޕްރަބާކަރަންގެ ނައިބެއްގެ ގޮތުގައި ހުރި އުމާ މަހޭޝްވަރަމް އާއި ޕްރަބާކަރަން އާ ދެމެދު ޖެހުނު މައްސަލައެއްގައި އެލް.ޓީ.ޓީ.އީ އިން ވަކިވެގެން އުމާ މަހޭޝްވަރަމް އުފެއްދި ހަނގުރާމަވެރި ޖަމާޢަތެކެވެ. މި ޖަމާޢަތް އުފެދުނުކަން އިޢުލާން ކުރެވުނީ 1981 ގައެވެ. ޕްލޯޓް ޖަމާޢަތް ތަމަޅަ މުޖްތަމަޢުގައި މަޝްހޫރުވެގެން ދިޔައީ 22 އޮކްޓޯބަރ 1981 ގައި އެޖަމާޢަތުން "ކިލިނޮންޗީ" ގެ ބޭންކެއް ފަޅާލި ހާދިސާއާ ގުޅިގެންނެވެ.

3. ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ ތަޢާރަފް

ޝަހީދު ކޯޕްރަލް ޙުސައިން ޢާދަމަކީ ، ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށްޓަށް އުފަން ބޭކަލެކެވެ. އޭނާގެ ބައްޕައަކީ ކުޅުދުއްފުށީ / މާވާގޭ އާދަމް މުޙައްމަދު (އާދަމްބެ) އެވެ. މަންމައަކީ ޢާއިޝަތު ޙަސަން އެވެ. ހުސައިންއިންއާދަމް އުފަންވެފައިވަނީ 1968 ވަނަ އަހަރުގައެވެ. އެދުވަސްވަރުގެ ލިޔެކިޔުން ހުރިގޮތުން ކަނޑައެޅިގެން ދުވަސް ރެކޯޑްކުރެވިފައެއްނެތެވެ. ތަޢްލީމު ޙާޞިލުކުރެއްވީ ކުޅުދުއްފުށީ " އަމީރު އަމީން " ސްކޫލުންނެވެ. ހުސައިން އާދަމަކީ އަމީރުއަމީން ސްކޫލުން އައި ގްރޫޕްގެ ތެރޭގައި ހިމެނުނު ބޭކަލެކެވެ.

ހުސައިންއާދަމްގެ ސްކޫލްދައުރުގައި އެސްކޫލުގައި ހިންގި ކެޑޭޓް ޚަރަކާތުގައި ބައިވެރިވެ ލެއްވިއެވެ. ޙުސައިން އާދަމް ހިމެނޭ ބެޗަކަށް ކެޑޭޓް ދަސްކޮށްދެއްވި ބޭފުޅުންގެ ތެރޭގައި ސިފައިންގެތެރެއިން އެންމެ ފުރަތަމަ ރާއްޖެއިން ބޭރަށް ތަމްރީނު ޙާސިލް ކުރައްވަން ވަޑައިގެންނެވި ބޭފުޅުންގެތެރޭގައި ހިމެނޭ އައްސައްޔިދު ޢައްބާސް އަލީ ހިމެނިވަޑައިގެންނެވިއެވެ. ޢައްބާސް ވިދާޅުވެފައިވާގޮތުގައި އޭނާ އަމީރުއަމީން ސްކޫލްގައި ކެޑޭޓް ދަސްކޮށްދެއްވި އިރު ޙުސައިން އާދަމަކީ އެބެޗްގައިވެސް އާދަޔާ ޚިލާފަށް ފާހަގަ ކުރެވޭ ތޫނުފިލި ކުއްޖެކެވެ.

4. ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާއިން ދިފާޢުވުމުގައި ކޯޕްރަލް ޝަހީދު ޙުސައިން އާދަމް އަދާކުރެއްވި މުހިންމު ދައުރު

ނޮވެމްބަރ 3 ރޭ ފަތިހު 4 އިން 6 އަށް ބަނޑޭރިގޭ ބޭރުގޭޓް ހުޅަނގު ފަޅީގެ ޑީއުޓީއަށް ދުރުވީ ޕްރައިވެޓް ޙުސައިން އާދަމް އެވެ. ބޭރުގޭޓޫގެ އިރުމަތިފަޅީގައި ހުރީ ޕްރައިވެޓް އާދަމް މުޙައްމަދު (ގުލްބަކާ) އެވެ. ގޭޓް އެތެރޭން އުތުރުފަޅީގައި މުގުރުފޯރީގައި ހުރީ ޕްރައިވެޓް ޖިހާދު އަޙްމަދެވެ. ގޭޓްގެ އެތެރޭން ދެކުނު ފަޅީގައި ހުރީ ޕްރައިވެޓް އިބްރާހީމް މޫސާ ފިކުރީ އެވެ. ޑިއުޓީ ސަރުދާރަކީ ލާންސް ކޯޕްރަލް އަޙުމަދު ރިޒާއެވެ.

އެމީހުން ޑިއުޓީއާ ހަވާލުވެގެން އާދައިގެ މަތިން އެކަކު އަނެކަކާ ވާހަކަ ދައްކަ ހަދަމުން ދިޔައެވެ. އެރޭގެ 4:25 ނުވަތަ 4:30 ހާއިރު ބަޑިއެއް ގޮއްވަލިއަޑު އިވުމުން އެވަގުތު މިމީހުންގެ ތެރޭގައި "ރައީސް އޮފީހުގެ ޑިއުޓީ މީހުންކުރެ މީހަކު ވަޒަނެއް ގޮއްވާލިއޭ" ކިޔާވާހަކަ ދެކެވެނިކޮށް "މިތާ ސޯޓްބުރިއެއް ލައިގެން އުޅޭބައަކު އެބައުޅެޔޭ" ޙުސައިން އާދަމް ބުނުއްވިއެވެ. އެވަގުތު ޑިއުޓީ ސަރުދާރު "ރަނގަޅަށް ބަލައްޗޭ" ބުނުއްވިތަނާ، ޙުސައިން އާދަމް އޭނާގެ ބަޑި ރެޑީކުރިއެވެ. އެވަގުތު އިތުރު ވަޒަންތަކެއް ރައީސް އޮފީހާދިމާލުން ގޮވި އަޑުއިވުނެވެ. އަދި އެވަގުތު ބަނޑޭރިގޭ ގޭޓަށް އެރިވަޒަނަކުން މަތިން ސިމެންތިތައް ބުރައިގެން ދިއުމާއިއެކު ޙުސައިން އަދަމް ހަމަ ވަގުތުން ރައްދުގައި ހަމަލާދޭން ފަށައިފިއެވެ.

ޙުސައިން އާދަމް ޙަމަލާ ދެމުން ދިޔައިރު ޑިއުޓީގައި ތިބި އެހެން މީހުންނާ ވާހަކަ ދެއްކެވިއެވެ. ޙުސައިން އަދާމް ފުރަތަމަ މެގަޒިން ހުސްވުމުން އިތުރުވަޒަން ބޭނުންކަމަށް ޑިއުޓީ ސަރުދާރަށް އެންގެވީ ޕްރައިވެޓް ޖިހާދު އަޙްމަދު މެދުވެރިކޮށެވެ. ޙުސައިން އާދަމް ހުރީ ގޭޓްގެ ބޭރުގައި ވާރެޔާ ހިޔާވުމަށް ހަދާފައިހުރި ތަނުގައެވެ. އެތަނަކީ މީހަކަށް ކަވަރ ނަގައިގެން ޙަމަލާދެވޭ ގޮތަށް ހަދާފައި ހުރި ތަނެއްނޫނެވެ. ދޮރުގެ ދެފަރާތުގައި ނާރާފައިހުރި ފާރުކޮޅުގެ ފުޅާމިނަކީ ގާތްގަނޑަކަށް 6 އިންޗިއެވެ. މިއީ ސީދާ ކުރިމަތިން ނިކުމެގެން ނޫނީ ދެވޭގޮތަށްނެތް ތަނެކެވެ.

ޙުސައިން އާދަމް އަތުގައި އޮތް ދެ ވަނަ މެގަޒިން ލޯޑްކުރިއަޑުވެސް ގޭޓްގެ އުތުރުކޮޅުން ހުޅަނގުފަޅީގައި ހުރި ޖިހާދު އަޙުމަދު އެހިކަމަށް ވެއެވެ. އަދި ވަކިވަރަކަށް ވަޒަންޖަހާފައި އަދިވެސް ވަޒަން ނުލިބޭތޯ އެހިކަމަށްވެސް ވެއެވެ. އެވަގުތު އެތެރެއަށް އާދެވޭނެތޯވެސް ޙުސައިން އާދަމް ކައިރި ޖިހާދު އަޙްމަދު ސުވާލުކުރިއެވެ. އެކަމަކާއެއްވެސް ވާހަކައެއް އޭނާ ނުބުނުއްވައެވެ. އޭރުވެސް މެދުނުކެޑި ޙުސައިން އާދަމް ގެންދެވީ ޙަމަލާ ދެމުންނެވެ. މިހުރިހާ ވަހަކައެއް ޙުސައިން އާދަމް ދައްކަވަމުން ދުޝްމިނުންނާ ޙަމަލާދެއްވަމުން ދިޔައިރު ގޭޓްގެ އިރުފަޅީގައި ހުރި އާދަމް މުޙައްމަދު (ގުލްބަކާ) އޭނާގެ މަޤާމު ދޫކޮށް އިރުމަތީކޮޅަށްގޮސް ފުލުސް އޮފީހުގެ ދޮރުއަށިން އެތެރެއަށް ( މަގުފާރުން އެތެރެއަށް ) ވަދެއްޖެއެވެ. އޭރު ފުލުސް އޮފީސް ހުންނަނީ ސިފައިންގެ އިރު އުތުރު ކަނުގައި މިހާރުގެ ޑިފެންސް މިނިސްޓްރީ ހިންގާ ބައިގައެވެ.

ޙުސައިން އާދަމް ގޭޓް ދޫކޮށްނުލާ ހުރެ ޙަމަލާ ދިނުމުގެ ނަތީޖާއަކަށްވީ ސިފައިންގެ ތެރޭގައި ތިބި މީހުންނަށް ސިފައިންގެ ދިފާޢުކުރުމުގެ ފުރުސަތު ލިބުމެވެ. އަދި ސިފައިންގެ އެކިއެކި ސަރަޙައްދަށް ހަތިޔާރައެކު ސިފައިން ފޮނުވައި ދުޝްމިނުންނަށް ސިފައިންގެއަށް ނުވަދެވޭނެގޮތަށް ސިފައިންގެ ތެރޭގައި ދިފާޢީ ފިޔަވަޅުތައް އަޅަމުން ގެންދިއުމުގެ ފުރުސަތު ލިބުމެވެ. ޙުސައިން އަދަމް އެހަމަލާގައި އެގޮތަށް ދެމިހުންނަވައި ޤައުމާ ވަތަނުގެ ޙައްގުގައި ލެޔާފުރާނައިން ޤުރުބާންވީއެވެ. މިދިވެހި ފަސްގަނޑު އަންނަން އޮތްޖީލުތަކަށް ޙިމާޔަތް ކޮށްދީ ޝަހީދުވީއެވެ. އެޅަޒުވާން ޙުސައިން އާދަމް ދެއްކެވި ހިތްވަރާއި ފަންވަރުން ދުޝްމިނުންގެ މޮމެންޓަމް ގެއްލި ސިހުން ލިބުނެވެ. ތަމަޅައިންނަށް ދިވެހި ސިފައިންގެ ފެންވަރާއި ފަންވަރު ވަޒަންކުރެވުނެވެ. ދިވެހީންގެ އެންމެ ފަރުދަކު ދިރިހުއްޓައިވެސް ރުހުމުން މިޤައުމު ތަމަޅައިގެ އަތްދަށަށް ދިޔަ ނުދޭނެކަން، ޙުސައިން އާދަމް ސާބިތުކޮށްދެއްވިއެވެ.

5. ޝަހީދު ޙުސައިން އާދަމްގެ ހިތްވަރުގަދަކަން

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާގައި ސިފައިންގެއަށް ވަންނަން މަސައްކަތްކުރި ދުޝްމިނުން ވަނަނުދީ ހިފަހައްޓާލެއްވީ، ޙުސައިން އާދަމްގެ ޙިކުމަތާ ހުނަރު ޤައުމީ ހިތްވަރު އޭގެ އެންމެ މަަތިވެރި ދަރަޖައިގައި ބޭނުން ކުރައްވައިގެން އަތުގައި އޮތް އެންމެ 60 ވަޒަނުންނެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލަ ނާކާމިޔާބުވެގެން ދިއުމާއި ދުޝްމިނުންނަށް ރައްދު ހަމަލާދިނުމަށް ސިފައިންނަސް މަޤާމުތަކަށް ނިކުތުމުގެ ފުރުސަތު ލިބިގެން ދިޔައީ ޙުސައިން އާދަމުގެ ހިކުމަތްތެރިކަމާއި ހިތްވަރުގަދަ ކަމުގެ ސަބަބުންނެވެ. އެއްވެސް މީހެއްގެ ކޮމާންޑެއްނެތި އަމިއްލައަށް އިސްނަގައި ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރައްވާ، ރާއްޖޭގެ ޤައުމީ ދިފާޢީބާރުގެ ރަމުޒުކަމުގައިވާ ސިފައިންގެ ބޭރުފާރު އޭނާގެ ޤައުމީ ޖޯޝުން ފުރިގެންވާ ޒުވާން ހޫނު ލެއިން ތެންމާލިއެވެ. ދިވެހި ފަސްގަނޑުގައި އޭނާގެ ލޭގެ ކޯރު ދެމިގެން ދިޔައީ ފަޚުރުވެރި އަދި ޝަރަފުވެރި ރީތި ނަމެއް ދިވެހި ސިފައިންނަށް ހޯދައިދީފައެވެ. މިސަބަބުތަކަށްޓަކައި ޝަހީދު ކޯޕްރަލް ޙުސައިން އަދާމް ގުނާލެވެނީ ޤައުމުގެ އެންމެ މަތިވެރި މުޖާހިދުންގެ ތެރޭގައެވެ.

ޝަހީދު ކޯޕްރަލް ޙުސައިން އާދަމްގެ މްތިވެރި ޖިހާދުގެ އަގުވަޒަން ކުރުމުގެ ގޮތުން ސަރުކާރުން ޝަހީދު ޕްރައިވެޓް ޙުސައިން އާދަމް ކޯޕްރަލަކަށް ޑަބަލް ޕްރޮމޯޝަން ދެއްވައި، އޭނާގެ މަތިވެރި ޤުރުބާނީގެ އަގުވަޒަން ކުރުމުގެ ގޮތުން މެޑެލްފޯ އެކްޝެޕްޝަނަލް ބްރައިވަރީ (ހުރަވީ ރަންމެޑަލް) އާއި ޖިހާދުގެ ރަންމެޑެލް އާއި ނޮވެމްބަރ 3 ގެ މެޑެލް އޭނާގެ ހަނދާނަށް އެރުވުނެވެ. އޭނާ ޝަހީދުވެގެން ވެއްޓިވަޑައިގެން ތަނާ ދާދިކައިރީގައި ޢިމާރާތްކުރި ފުލުހުންގެ މައިމަރުކަޒަށް އެ ޝަހީދުގެ ނަންފުޅު "ޝަހީދު ޙުސައިން އާދަމް ބިލްޑިންގ" މިނަމުން ނަންދެއްވާފައި ވެއެވެ. ޝަހީދު ކޯޕްރަލް ޙުސައިން އާދަމް ފަސްދާނުލެވިފައި ވަނީ ރަސްމީ އިއްޒަތުގައި ހެންވޭރު ގަބުރުސްތާނުގައި ހެދިފައިވާ ޝަހީދުގެ ދަނާވަތީގައެވެ.

6. އެތެރޭގައި މީހުން ޑިޕްލޮއި ކުރުން

ނޮވެމްބަރ 3 ގެ ޢުދުވާނީ ހަމަލާ ކުރިމަތިވި ވަގުތު ސިފައިންގެ މައިގޭޓާއި ފުލުސް އޮފީހުގެ ބޭރު ގޭޓުގެ އިތުރުން ސިފައިންގެ އެތެރޭގައިވެސް ޑިއުޓީ ޕޮއިންޓްތަކެއް ހުއްޓެވެ. އެއީ ސިފައިންގެ މައިދޮރާ ދިމާލުން އެތެރެ ފަރާތުގައި ސްޓޭޖް ފުރަގަހުގައި ހުރި ޑިއުޓީ ޕޮއިންޓާއި އޮފިސަރުންގެ ފެންޑާގެ ކުރިމަތީގައި ނުވަތަ ބާރައިގައި ޤާއިމުކޮށްފައިހުރި ޑިއުޓީ ޕޮއިންޓާއި ސިފައިންގެ އެލްޝޭޕް ބިލްޑިންގ އާއި މަނަވަރު ބިލްޑިންގ ދެމެދުން އޮންނަ މަގުގެ ދެކުނު ކޮޅުގައި ( މިހާރުގެ ސިފްކޯ ފިހާރައިގެ ކުރިމަތީގައި ) ޤާއިމުކޮށްފައިވާ ޑިއުޓީ ޕޮއިންޓެވެ. ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވުމުން މިތިން ތަނުގައި ޑިއުޓީ ވަރުގަދަކޮށް ދުޝްމިނުންނަށް ރައްދުގައި ހަމަލާދީފައިވެއެވެ. ބާރައިގައި ބަހައްޓާފައިހުރި ޖީޕީއެމްޖީ އިން ދުޝްމިނުން ސިފައިންގެ ހުޅަނގު ދެކުނު ކަނުން ގޮއްވާލި ބާގަނޑަށް އަމާޒުކޮން ދުޝްމިނުން ވަނަނުދީ އެދިމާލަށް ބަޑިޖަހާފައި ވެއެވެ.

މި ޑިއުޓީ ޕޮއިންޓްތަކުގެ އިތުރުން ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާއާ ގުޅިގެން ސިފައިންގެ ތަފާތު ތަންތަނުގައި ޑިޕްލޮއި ކޮށްފައިވެއެވެ. އެގޮތުން ފެންޑާތަކާއި ސިފައިންގެ މަގުފާރާ ދެމެދުގެ ގޯޅިގަނޑުގެ ތެރޭގަޔާއި ބަނޑޭރިގޭ މަތީބުރީގަޔާއި މަނަވަރު ކިޔާ ޢިމާރާތުގެ މަތީބުރީގަޔާއި އަދި ބަޑިގުދަންމަތީގަޔާއި ސިފައިންގެ ހުޅަނގު ދެކުނު ކަނުގައި ބަހައްޓާފައިހުރި ފެންތާންގީ ތަކުގެ މަތީގައިވެސް ސިފައިން އެދުވަހު ޑިޕްލޮއި ކޮށްފައިވެއެވެ.

ދުޝްމިނުންގެ ހަމަލާތައް ބަލިކޮށްލުމަށް އެންމެ ވަރުގަދަ ރައްދު ހަމަލާތަކެއް ދިން ތަނަކީ ބަނޑޭރިގޭ މައްޗެވެ. ބަނޑޭރިގޭ މަތީގައި ތަފާތު ދިމަދިމާލުގައި މީހުން ޑިޕްލޮއިކޮށް ދުޝްމިނުން ފަހަތަށް ޖެއްސިއެވެ. ބަނޑޭރިގޭ ބިލްޑިންގގެ ހުޅަނގު ކޮޅުގައި އޭރު ހަދަމުންދިޔަ ކޮމާންޑަރ އިން ޗީފްގެ ކޮޓަރިކޮޅުގެ އިމާރާތުގައި ބަޑިބަހައްޓައިގެން ދިން ހަމަލާތަކަކީ ސިފައިންގެއަށް ހަމަލާ ދިނުމަށްޓަކައި ދުޝްމިނުން ބަންކަރު ޖަހަން ކުރި މަސައްކަތް ބޭކާރުކޮށްލި ހަމަލާތަކެވެ.

7. ސިފައިންގޭގައި ތިއްބެވި ވެރިން އަދާކުރެއްވި ދައުރު

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ސިފައިންގެ އެތެރޭގައި ސީނިއަރ އޮފިސަރުންގެ ތެރޭގައި ތިއްބެވި ބައެއް ބޭފުޅުންނަކީ އަސްކަރީ ތަމްރީނުތަކެއް ހައްދަވައިގެން ތިއްބެވި ބޭފުޅުންނަށް ނުވާތީ، އެފަދަ ތަމްރީނު ހައްދަވައިގެން ތިއްބެވި އެބޭފުޅުންނަށްވުރެ އޮޕަރޭޝަން ކުރިއަށް ގެންދެވުމަށް އޮތީ ވަރަށް ބޮޑަށް ދޫކޮށްލައްވާފައެވެ. އެހެންކަމުން ޖޫނިއަރ ބޭފުޅުން ދެއްވި އިރުޝާދާއި ލަފާ އަދި ކޮމާންޑްތަކަށް އެބޭފުޅުން ގެންދެވީ ތަބާވެ ވަޑައިގަންނަވަމުންނެވެ. މުޅި އޮޕަރޭޝަންގެ އެންމެ އިސް ކޮމާންޑަރެއްގެ ގޮތުގައި ހަރަކާތްތެރިވެވަޑައިގެންނެވީ މޭޖަރ މުޙައްމަދު ޒާހިރެވެ. މޭޖަރ މުޙައްމަދު ޒާހިރާއެކު ޢަމަލީގޮތުން އޮޕަރޭޝަން ކާމިޔާބު ކުރުމަށް އެންމެ އިސްދައުރެއް އަދާކުރެއްވީ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލެވެ.

މި ދެބޭފުޅުންގެ ބެލުމުގެ ދަށުން ސިފައިންގެ އެތެރޭގައި ޑިއުޓީތައް މައުންޓްކޮށް، ދުޝްމިނުންނަށް ރައްދުގައި ދޭނެ ހަމަލާތައް ވަރުގަދަކޮށް ހެއްދެވިއެވެ. އަދި ޑިއުޓީތަކުގައި ތިބޭ ސިފައިންނަށް ހިތްވަރު ދެއްވާ ޑިއުޓީތައް ޗެކް ކުރައްވަމުން ގެންދެވިއެވެ. ބަނޑޭރިގޭ މަތީގައި މެޝިންބަޑި ބަހައްޓައިގެން ދުޝްމިނުންނަށް ވަރުގަދަ ހަމަލާތަކެއް ދެއްވިއެވެ. ކެޔުން ބުއިމުގެ ކަންތައްތައް ހަމަޖެއްސެން އޮތް ގޮތަކަށް ހަމަޖެއްސެވިއެވެ. އަތުގައި ހުރި ހަތިޔާރު އެންމެ ރަނގަޅަށް ބޭނުން ކުރެވޭނެ ގޮތްތަކަށް ރާވައިގެން ހަމަލާތައް ދެވޭތޯ މަސައްކަތް ކުރެއްވިއެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުން އެހީ ލިބޭތޯ މަސައްކަތް ކުރެއްވިއެވެ. އަދި ދުޝްމިނުންގެ ބާރު ދެނެގަތުމަށްޓަކައި ބަޔަކު ބޭރަށް ނެރުމަށް ނިންމަވާ އެމަސައްކަތް ކުރެއްވިއެވެ. ފުރަތަމަ ބޭރަށް ނިކުންނަށް މަސައްކަތް ކުރީ ދެ ބަހުގައެވެ. މޭޖަރ މުޙައްމަދު ޒާހިރު އާއި ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލުވެސް ބޭރަށް ނިކުތުމަށް އުޅުއްވިއެވެ. ބަހުގައި ބޭރަށް ނިކުތުމަށް މައި ދޮރު ހުޅުވުމަށް ޓްރެކްޓަރ ބޭނުން ކޮށްގެން އުޅުމުގެ ތެރޭގައި މައިގޭޓުގައި ޓްރެކްޓަރ ތާށިވީއެވެ. އެހެންކަމުން ބަހުގައި ބޭރަށް ނިކުތުން ހުއްޓާލުމަށްފަހު ފައިމަގުގައި ބޭރަށް ނިކުތުމަށް ނިންމީއެވެ. އެފަހަރު ބޭރަށް ނިކުން ބޭކަލުންގެ ކޮމާންޑަރެއްގެ ގޮތުން ނިކުންނެވީ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލެވެ.

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާގެ ވަގުތުގައި ސިފައިންގެ އެތެރޭގައި ތިއްބެވި ވެރިން ކުރެއްވީ މަތިވެރި ޖިހާދެކެވެ. ދެއްކެވީ ހަރުދަނާ ލީޑަރޝިޕެކެވެ. ހަނގުރާމައިގެ ވަގުތުގައި ބައެއް ބޭކަލުން ކަންބޮޑުވެ ހާސްވެގެން އުޅުނު އިރު އެބޭފުޅުންނަށް ހިތްވަރުދެއްވާ ހެއްދެވިއެވެ. "އަމާންދިނުމަށް" ގޮވާލި އަޑުތައް ނާއްސަވާ ހިތްވަރާއެކު ޖިހާދު ކުރުމަށް ނަސޭހަތްތެރިވިއެވެ. ބޭރަށް ނިކުތުމަށް ތައްޔާރުވި ހިނދު އެ އެންމެ ބޭކަލުންނާ ބައްދަލުކޮށް ކޮޑާއި ކޮޑު ޖައްސަވާ ސަލާންކުރައްވާ ހިތްވަރު ދެއްވިއެވެ. އަސަރާއި ވޭނުގައިވެސް ކެތްކުރައްވާ ދީނާއި ޤައުމުގެ ޙައްޤުގައި ޖިހާދު ކުރުމުގެ މަތިވެރިކަން ވިދާޅުވެ ދެއްވިއެވެ.

ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލުގެ އެއްފަޔަށް ގްރަނޭޑެއްގެ ބައެއް ހެރި ޒަޚަމުވީ ފަހުންވެސް އެތަން ފޮތިގަނޑަކުން ބަދެލައްވައިގެން ހިތްވަރާއެކު ޖިހާދު ކުރެއްވިކަން ފާހަގަކޮށްލަން ޖެހެއެވެ. ހަމަ އެގޮތަށް ބަނޑޭރިގޭ މަތީގައި މެޝިންގަން ބެހެއްޓުމަށް ދޮރުތައް ހުޅުވުމަށް އުޅުމުގެ ތެރޭގައި މޭޖަރ މުޙައްމަދު ޒާހިރުގެ އެއްއަތް ޒަޚަމުވުމުންވެސް ހިތްވަރު ދޫނުކޮށް ކުރެއްވި ޖިހާދު ފާހަގަކޮށްލަންޖެހެއެވެ. މި ދެބޭފުޅުންނާއެކު ޙަސަން ނަޞީރު، ބިލާލު އާދަމް މަނިކު، ޝައުކަތު އިބްރާހިމް، ކުރެއްވި މަތިވެރި ޖިހާދަކީ ފަނޑުނުވާނެ ޤައުމީ ޖިހާދެކެވެ.

8. ބަޑިގުދަނުގެ ތަޅުދަނޑި ބޭރުން އެތެރެއަށް ގެނައުން

1988 ނޮވެމްބަރ 3 ގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ސިފައިންގެ ބަޑިގުދަނުގެ ތަޅުގަނޑި އޮންނަނީ އޭރުގެ ޑިފެންސް މިނިސްޓަރުގެ ނައިބު އޮނަރަބަލް އިލްޔާސް އިބްރާހީމްގެ އަތްޕުޅުގައެވެ. އިލްޔާސް އިބްރާހީމް ދިރިއުޅުއްވަމުން ގެންދަވަނީ މއ. ކިނބިގަސްދޮށުގޭގައެވެ. ނޮވެމްބަރ ތިނެއްގެ ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ތަޅުގަނޑި އޮތީ އެގޭގައި އޮތް އެގޭގައެވެ. ތަޅުދަނޑި ސިފައިންގެއަށް ގެނައުމުގައި ހަރަކާތްތެރިވި ދެބޭފުޅުންނަކީ އޭރުގެ ދެކޯޕްރަލުން ކަމަށްވާ ކޯޕްރަލް އިބްރާހީމް މުޙައްމަދު ދީދީ ( މިހާރުގެ ސަދަން އޭރިޔާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހިމް މުޙައްމަދު ދީދީ ) އާއި ކޯޕްރަލް ފަރުޙަތު ޝަހީރު ( މިހާރުގެ ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ފަރުޙަތު ޝަހީރު ) އެވެ. ސިފައިންގެއަށް ތަޅުދަނޑިފަތި އެއްލުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވީ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީއެވެ.

ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީގެ ދޫފުޅުން

1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ ކުރިމަތިވިއިރު ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީއަކީ ކޯޕްރަލެކެވެ. އޭރު އެއީ އުމުރުން 27 އަހަރުގެ ޒުވާނެކެވެ. ނޮވެމްބަރ 2 ވަނަ ދުވަހުގެ ރޭ އިބްރާހީމް ދީދީ ނިދިކުރެއްވީ ޖުމްހޫރީ ދުވަހަށް އެސް.އެމް.ޖީ ފަރިތަ ކުރުންތަކުގައި ބައިވެރިވުމަށް ފަހުގައެވެ. ފަތިހު ހޭލެވުނުއިރާއެކު އިވެމުން ދިޔައީ ބަޑިޖަހާއަޑެވެ. ވަގުތުން ވެގެން އުޅޭގޮތް އޮޅުންފިލުވުމަށްޓަކައި ސިފައިންގެ އެކްސްޗޭންޖް 3322607 ނަންބަރު ފޯނަށް ގުޅުއްވިއެވެ. ފޯނު ނެންގެވީ މޭޖާރ މުޙައްމަދު ޒާހިރު އެވެ. އެއީ ފަތިހު 05:05 ހާއިރެވެ. މޭޖަރ މުޙައްމަދު ޒާހިރު ވިދާޅުވީ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވަޑައިގެން ހުންނެވި ގެއަށް ދުރުވުމަށެވެ. މުޙައްމަދު އިބްރާހީމް ދީދީއަށް ކޯޕްރަލް ފަރުޙަތު ޝަހީރުއާ ބައްދަލުވީ މާފަންނުންނެވެ. ސައިކަލް ބަހައްޓާފައި ދެބޭކަލުން ދުރުވީ ހިނގާފައެވެ. އެދިޔަ ދިއުމުގައި ކިނބިގަސްދޮށުގޭގައި ފޯރިއަށްހުރި ފަހުމީ އަތުން ބަޑިއަތުލައި ގެއަކަށް ވެއްދީ ކުރިމަތިވެދާނެ ނުރައްކަލަކަށް ވިސްނުމަށްފަހުއެވެ. އެއީ އިބްރާހީމް ދީދީ ވިދާޅުވިގޮތުގައި އެއްވެސް އެހެން ފަރާތެއްގެ އެތޯރިޓީއެއްނެތި ހާލަތާއި ވަގުތަށް ބެލުމަށްފަހު ނެގި ޑިސިޝަނެކެވެ. ރައީސް މައުމޫނު ހުންނެވި ގެކައިރީގައި ބަޑިއާއި 30 ވަޒަނުގެ މެގަޒިންއާއެކު އިބްރާހީމް ދީދީ ހުންނަވަނިކޮށް ތަމަޅަ ހަނގުރާމަވެރިންގެ ހަތަރު މީހުން ވަރަށް ކައިރިން ދާތަން ދެކެވަޑައިގެންނެވިއެވެ. އަތުގައި ހުރި ވަޒަނުން ހަތަރު މީހުން "ކޮށާލެވިދާނެ" ކަމަށް ހީފުޅުވި ނަމަވެސް ހުންނެވި ތަނާއި ދުޝްމިނުންގެ މަޢުލޫމާތު އޭރު ފުރިހަމައަށް ލިބިފައިނެތުމާއެކު އިބްރާހީމް ދީދީ ނިންމެވީ ބަޑީގެ ބޭނުން ނުކުރުމަށެވެ.

ދޭތެރެ ދޭތެރެއިން ސިފައިންގެއަށް ގުޅުއްވަމުން ދަނިކޮށް އިބްރާހީމް މުޙައްމަދު ދީދީއަށް 05:40 ހާއިރު އަނެއްކާވެސް މޭޖާރ މުޙައްމަދު ޒާހިރާ ގުޅުނެވެ. އެވަގުތު މުޙައްމަދު ޒާހިރު އެދިވަޑައިގެންނެވީ ބަޑިގުދަނުގެ ސޭފް ބައިގެ ތަޅުގަނޑި ވީހާވެސް އަވަހަކަށް ސިފައިންގެއަށް ގެނެސްދެއްވުމަށެވެ. އެއީ ބަޑިގުދަނުގައި ލައިވް ވަޒަން ބަހައްޓާފައިހުންނަ ބައިގެ ތަޅުދަނޑިއެވެ. ފަރުޙަތު ޝަހީރާއި އިބްރާހީމް ދީދީ އާ ދެބޭކަލުން ކިނބިގަސްދޮށުގެއަށް ދިއުމަށް މަސައްކަތް ކުރިއިރު އެ ސަރަޙައްދުގައި ތަމަޅަ ހަނގުރާމަވެރިން ހަރަކާތްތެރިވަމުން ދިޔައެވެ. އެހެންކަމުން އެއްގޮތަކަށްވެސް އެގެއާ ކައިރިވެވޭ ގޮތެއް ނުވިއެވެ. ހަދާނެ ގޮތަކާމެދު ޚިޔާލު ކުރެއްވުމަށްފަހު އިބްރާހީމް ދީދީ އެތަނުން ގެއަކަށް ވަންނަވާ މާލޭ އިނގްލިޝް ސްކޫލްގެ ސްކޫލު ޔުނީފޯމެއް ލައިގެން ކިނބިގަސްދޮށުގެއަށް ދިއުމަށް ދަތުރުފެށިއެވެ. ކޯޑުން ހުރަސްކޮށް އިބްރާހީމްދީދީ އެތެރެއަށް ވަންނަވައިގެންގޮސް އެގޭ ބޭރު ފާރުން އެތެރެއަށް ފުންމާލައްވައިފިއެވެ. އެއީ ގާތްގަޑަކަށް 6 ފޫޓް ހުންނަވަރުގެ ފާރެކެވެ. އޭރު އެގޭ ގޯތިތެރޭގައި ޝަހީދު ކުޑަނެވި ތުއްތުމަނިކު ޝަހީދުވެގެން ލޭތަކާއެކު ވެއްޓިފައި އޮތްތަން ދެކެވަޑައިގެންނެވިއެވެ. ގޭތެރެއަށް ވަދެވަޑައިގެންނެވިއިރު ގޭތެރޭގައި ސިފައިންގެ ދެބޭކަލުންކަމަށްވާ ލާންސްކޯޕްރަލް މުޙައްމަދު ސަލީމް ( އުންބެސަލީމް ) އަދި ޕްރައިވެޓް ޙުސައިން ސަލީމް ( ދެމާ ސަލީމް ) ބަދެފައި ތިއްބެވެ. ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހީމް އޭރު އެގެއިން ފިލައްވައިގެން މ. ގައްދަޑުގެއަށް ވަޑައިގެންފިއެވެ. ބަދެފައިތިބި ދެމީހުން އިލްޔާސް އިބްރާހީމް އަވަހާރަކޮށްލައިފި ކަމަށާއި ގޭތެރެއަށް ނުވަނުމަށް އިބްރާހީމް ދީދީ އަރިހު ނަންގަތެވެ. އެހެންނަމަވެސް އިބްރާހީމް ދީދީ އެގެއަށްވަދެ ތަޅުދަނޑިފަތި ހިއްޕަވައިގެން ނިކުމެވަޑައިގެންނެވިއެވެ. އޭގެ ފަހުގައި ފަރުޙަތު ޝަހީރުއާ ބައްދަލުކުރައްވާ ދެބޭކަލުން ސިފައިންގެއަށް ތަޅުދަނޑިފަތި ފޯރުކޮށްދިނުމުގެ ދަތުރުފެށިއެވެ. އޭރު ސިފައިންގޭގައި ބާކީ އޮތީ 30 ވަޒަނުގެ އެންމެ 12 މެގަޒިނަށް ވެފައެވެ.

އަލިކިލެގެފާނު މަގަށް ނިކުމެވުނުތަނާ ތަމަޅައިގެ ހަނގުރާމަވެރިންނަށް ފެނިގެން އެމީހުން މިދެބޭކަލުން ފަހައިގަތެވެ. އެވަގުތު ވަދެވުނީ މާޖެހިގެއަށެވެ. އެގޭގައި ދެބޭފުޅުން މަޝްވަރާ ކުރެއްވުމަށްފަހު ފަރުޙަތު މަޑުކުރެއްވީއެވެ. ސްކޫލް ޔުނީފޯމަކީ ހުދުކުލައިގެ ޔުނީފޯމަކަށްވެފައި އޭރު ސިފައިން އާންމުކޮށް ލައިއުޅެނީ ގިރުވާނުގައި ކަޅުފަށްއެޅި ހުދު ޔުނީފޯމް ކަމަށްވާތީ އިބްރާހީމް ދީދީ ކުރިން ލައިގެން ހުރި ސްކޫލް ޔުނީފޯމް ބޭލުމަށްފަހު ޓީޝާޓެއް ލެއްވިއެވެ.

ތަޅުދަނޑިފަތި ހިފައިގެން އިބްރާހީމް ދީދީ އައިސް ވަނީ އޭރުގެ ޖަސްޓިސް މިނިސްޓަރ ފަޟީލަތުއްޝައިޚް މުޙައްމަދު ރަޝީދު އިބްރާހިމްގެ ގެކަމުގައިވާ " ގަސްކަރަ" އަށެވެ. އެގޭ ފާރުމަތިން ޖެހިގެން ހުރިގެއަށް ފުންމާލަމުން އައިސް މޫނިމާގޭ ގޯތިތެރެއަށް ފުންމާލައިގެން މަގުހުރަސްކޮށްވަނީ ދަރުމަވަންތަ މިސްކިތުގެ ގޯތިތެރެއަށެވެ. އެވަގުތު ކައިރީގައިހުރި ސަކީނާ މަންޒިލް ގޭގެ ދެވަނަ ބުރިއަށް އަރާ ތަޅުގަނޑިފަތި ސިފައިންގެ ދެކުނު ފަރާތު ފާރުމަތިން އެއްލުމަށް އެތައް ފަހަރަކު ޚިޔާލަށް އައެވެ. އެހެންނަމަވެސް އިބްރާހީމް ދީދީ ގަސްތު ކުރެއްވީ ފާރުމަތިން ފުންމާލައިގެން މަގުމައްޗަށް ނިކުމެފަ ޔަގީންކަމާއެކު ތަޅުދަނޑިފަތި އެއްލުމަށެވެ. މިސްކިތުގެ ފާރުމަތިން ފުންމާލެވުނީ ފެންތާނގީތައް ބަހައްޓާފައިހުރި ބަޔަށެވެ. އެއީ ވަށައިގެން އުސްފާރުތަކެއް ރާނާފައިވާ ތަނެކެވެ. އެރޭނެ ގޮތެއްނެތެވެ. އެކަން އިޙްސާސް ކުރެވުނީ އެތަނަށް ފުންމާލެވުނު ފަހުންކަމަށް ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ދީދީ ވިދާޅުވިއެވެ.

ތާންގީ ތަކުގެ ތެރޭގައި ހުރުމަށްފަހު ފުންމައިގެން އަރާ ހިފުނީ އެސްޖެހިގެއާއި ދިމާފާރުގައެވެ. އެފާރުމަތީގައި އަތް އެޅުނީ ހިތްވަރާއެކު އެތައް ފަހަރަކު މަސައްކަތް ކޮށްގެންނެވެ. އެފާރަކީ އުސްފާރަކަށްވެފައި އެފާރުމަތީގައި އަތް އަޅުވާލެވުނު ގޮތާއި އެކަމަށް ހިތްވަރު ލިބުނުގޮތަކީ އަޖައިބެއް ކަހަލަ ކަމެއްކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އެސްޖެހިގެއަށް ފުންމާލުމަށްފަހު ދެން ދިމާކުރީ އެންމެ ތަޅުދަނޑިފަތި އެއްލުމަށެވެ. އޭރު އެ ސަރަޙައްދުގައި ސިފައިންގެ މީހަކު މަރުވެފައި އޮތްތަނާއި އެތަނުގައި ހަތިޔާރު އެޅި ބަޔަކު ތިބިތަން ދެކެވަޑައިގަތެވެ. ފަހުން އެގުނު ގޮތުގައި އެއީ ޒޯން ޑިއުޓީގައި އުޅުއްވި ޕްރައިވެޓް ޙުސައިން މުޙައްމަދު (މަސްތަކާ) އެވެ.

ރަނގަޅަށް ދެކޮޅު ބެލުމަށްފަހު މަގަށް ނިކުމެ އިބްރާހީމް ދީދީ ތަޅުދަނޑިފަތި ސިފައިންގެ ތެރެއަށް އެއްލިއެވެ. " މަގުމައްޗަށް ނިކުތީ މަރާލިއަސް ތަޅުގަނޑިފަތި އެތެރެއަށް އެއްލޭނެކަމުގެ ޔަގީންކަމާއެކު. އޭރު ސިފައިންގެ ތެރޭގައި ބޭނުންކުރަން އޮތީ 30 ވަޒަނުގެ އެންމެ 7 މެގަޒިން " އިބްރާހިމް ދީދީ ވިދާޅުވިއެވެ. ތަޅުގަނޑިފަތި އެއްލި ވަގުތު ގަހެއްގައި ޖެހުނުހެން އިބްރާހީމް ދީދީއަށް ހީފުޅުވިއެވެ. އޭރު ގަޑިން އެއީ ފަތިހު 5:40 އާއި 5:45 އާ ދެމެދުގެ ވަގުތެއްކަމަށް އިބްރާހީމް ދީދީ ވިދާޅުވިއެވެ. އިބްރާހީމް ދީދީ ތަޅުދަނޑިފަތި އެއްލުމަށްފަހު އެނބުރިއައިސް ސިފައިންގެއަށް ފޯނުކޮށް ދަޅުގަނޑިފަތި އެއްލި ވާހަކަ ބުނުއްވިއެވެ. ތަޅުދަނޑިފަތި ސިފައިންގެ އެތެރޭގައި ތިބި މީހުންނަށް ހޯދުން ކުޑަކޮށް އުނދަގޫވިއެވެ. އެއީ ގަހެއްގައި ޖެހުނު ވާހަކަ އިބްރާހިމް ދީދީ ވިދާޅުވެފައިއޮތުމުންނެވެ. އެހެންމަވެސް ތަޅުގަނޑިފަތި އޮތީ ސިފައިންގެ އިރު ދެކުނު ކަނާދިމާލުން ވަރަށް ރީތިކޮށް ފެންނާނެހެން ބިންމަތީގައެވެ. ސިފައިންގެ ތެރޭގައި ތިބި މީހުންނަށް ތަޅުދަނޑިފަތި ފެނުނުކަން އިބްރާހީމް ދީދީއަށް ޔަގީންވީ 10 ވަރަކަށް މިނިޓްފަހުން ސިފައިންގެއިން ދޭންފެށި ވަރުގަދަ ރައްދު ހަމަލާގެ ސަބަބުންނެވެ.

އެން.ސީ.އޯ އެކެޑަމީގެ ދަރިވަރުންނާ ބައްދަލުކުރައްވާ ސަދަން އޭރިޔާގެ ކޮމާންޑަރ ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީ މި މަޢުލޫމާތު ދެއްވި ދުވަހު ވިދާޅުވީ ތިނެއް ނޮވެމްބަރުގައި އެޖިހާދު ކުރެއްވީ ދީނާއި ޤައުމަށްޓަކައި ކަމަށެވެ. އަދި އެމަނިކުފާނަށް ކުރެއްވުނު ކަމެއް ކުރެއްވުނީ އަމިއްލަ މޮޅުކަމުން ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި އެއީ މާތްﷲ ގެ ކުޅަދުންވަންތަކަން ކަމުގައެވެ.

9. ސިފައިންގެ މަރުކަޒުން، އެނާމާންކަމުގެ ތެރޭގައި ރެކީ ޕެޓިރޯލަށް ނުކުތުމާއި އެމީހުންގެ ހިތްވަރުގަދަކަން

އެދުވަހުގެ މެންދުރެއްހާއިރު ފުލުސް އޮފީހުގެ ގޭޓުން ބަޔަކު ނެރެން މަސައްކަތްކުރިއެވެ. ބޭރަށް ނިކުން ބޭކަލުންގެ ކޮމާންޑަރަކަށް ހުންނެވީ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ( މިހާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް މޫސާ ޢަލީ ޖަލީލް ) އެވެ. ބޭރަށް ނިކުތީ ޖުމުލަ 11 ބޭކަލުންނެވެ. އެއީ:-

1. ލެފްޓިނެންޓް މޫސާ ޢަލީ ޖަލީލް (ސނ: 601 )

2. ލ. ކޯޕްރަލް ޢަބްދުﷲ ނަސީމް (ސނ: 347 )

3. ޕްރައިވެޓް ޙުސައިން މަނިކު (އުލަގަލަ) (ސނ: 502 )

4. ޕްރައިވެޓް ޢަބްދުﷲ މުފީދު (ޅައިމަގު) (ސނ: 733 )

5. ލ. ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ) (ސނ: 635 )

6. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލި) (ސނ: 821 )

7. ޕްރައިވެޓް މުޙައްމަދު އިބްރާހީމް (މެކާނޯ) (ސނ: 606 )

8. ކޯޕްރަލް ޙުސައިން ޢަލީ ( ފުއްކަފަ ދޮންތުއްތު ) (ސނ: 133 )

9. ޕްރައިވެޓް އިބްރާހީމް ޝަރީފް (އޮނުތޫރި) (ސނ: 704 )

10. ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި) (ސނ: 853 )

11. ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލި) (ސނ: 531 )

މަތީގައި ލިސްޓް ކުރެވިފައި އެވާ ތަރުތީބަކީ ރެކީ ޕެޓްރޯލަށް ސިފައިންގެއިން ބޭކަލުން ނިކުންނެވި ތަރުތީބެވެ. މި ބޭކަލުންގެ ތެރެއިން ޕްރައިވެޓް ޢަލީ މާހިރު (ކުޑަރިކިލީ) އާއި ޕްރައިވެޓް މުޙައްމަދު ޢަލީ (ކުޅުދުއްފުށި) ފިޔަވައި އެންމެންވެސް ފުލުސް އޮފީހު ގޭޓުން ނުކުތެވެ. މި ދެބޭކަލުން ބޭރަށް ނިކުތުމަށްޓަކައި ފުލުސް އޮފީހުގެ ދޮރުން ބޭރަށް ނިކުންނަވައި މަޑުކުރައްވައިގެން ތިއްބެވީ ފުލުސް އޮފީހުގެ އިމާރާތާއި މަގުމަތީ ފާރާއި ދޭތެރޭގައި އޮތް ހުސްތަނުގެ ތެރޭގައެވެ. މި ދެބޭކަލުން ފުލުސް އޮފީހުގެ ދޮރުން ބޭރަށް ނިކުމެ، މަގުމަތީ ގޭޓާއި ދޭތެރޭގައިއޮތް ހުސްތަނުގައި މަގުމައްޗަށް ނިކުތުމަށް ތައްޔާރަށް ތިއްބާ މޭޖަރ މުޙައްމަދު ޒާހިރުގެ އޯޑަރަކަށް އެތެރެއަށްވަނީއެވެ. ރެކީ ޕެޓްރޯލަށް ބޭރަށް ނިކުތުމުގެ ތެރޭގައި ޝަހީދުވި ތިން ބޭފުޅުންނަކީ :-

1. ލ. ކޯޕްރަލް އާދަމް ނަޞީރު (ޝޭޑީ)

2. ޕްރައިވެޓް މުހައްމަދު އިބްރާހިމް (މެކާނޯ)

3. ޕްރައިވެޓް މުޙައްމަދު ޙަސަން (ދިޔަމިގިލީ) އެވެ.

ބޭރަށް ނުކުތް ބޭކަލުންގެ ތެރެއިން ޝަހީދުވި 3 މީހުންގެ އިތުރަށް ޢަބްދުﷲ މުފީދު ފިޔަވައި އެހެން ބޭކަލުން ސިފައިންގެއަށް އެނބުރި އައިސްވަނީ ފުލުސް އޮފީސް ގެޓުންބޭރުގައި ވަޒަންއަރައިގެން ޒަޚަމުވެފައިއޮތް ޕްރައިވެޓް އަހުމަދު ބުޝްރީވެސް ގޮވައިގެންނެވެ. އެބޭކަލުން ބޭރަށް ނިކުންނަވާ ދިހަވަރަކަށް މިނިޓްގެ ތެރޭގައި އެތެރެއަށް ވަންނަވައިފިއެވެ. ޢަބްދުﷲ މުފީދަށް ވީގޮތަކީ ބޭރަށް ނިކުންވަގުތު ލިބުނު ކުއްލި ޝޮކެއްގެ ސަބަބުން ހަމަވިސްނުން ގެއްލި ވާހަކަ ނުދެކޭ ޙާލަތަށް މީހާ ދިޔައީއެވެ. އޭނާއާ ކޮމާންޑަރ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް ތަކުރާރުކޮށް ވާހަކަ ދައްކައިގެންވެސް ވިސްނޭގޮތް ނުވުމުން އޭނާ އަތުގައިހުރި ހަތިޔާރާއި މެގަޒިންތައް އަތުލުމަށްފަހު އޭނާ ދޫކޮށްލީއެވެ.

10. ސިފައިންގެއިން ބޭރަށް މީހުން ނިކުތުމުގެ ފައިދާ

ނޮވެމްބަރ 3 ވަނަ ދުވަހުގެ ޢުދުވާނީ ޙަމަލާގެ ތެރޭގައި ސިފައިންގެ އެތެރޭގައި ތިބި ސިފައިންގެ ތެރެއިން ރެކީ ޕެޓްރޯލެއްގައި ބަޔަކު ބޭރަށް ނިކުތުމަކީ ކިހާވަރެއްގެ ބޭނުންތެރި ކަމެއްތޯ ނުވަތަ އެއީ ކިހާވަރެއްގެ ފައިދާއެއް ލިބުނު ކަމެއްތޯ މިއީ މިހާރުވެސް ބަހުސް ކުރެވޭ ކަމެކެވެ. އެކި ބޭފުޅުން އެކަމާމެދު ދެކެވަޑައިގަންނަވާގޮތް ތަފާތެވެ. މިގޮތަށް މިކަން ދިމާވެފައިވަނީ ރެކީ ޕެޓްރޯލަށް ނިކުން ބޭކަލުންގެ ތެރެއިން 3 ބޭކަލަކު ޝަހީދުވުމާއެކު ބޭރަށް ނިކުން ބޭކަލުންނަށް ދުޝްމިނުންނާ ދެކޮޅަށް ހަމަލާތަކެއް ދެވިފައި ނުވުމާއި އަދި ދުޝްމިނުންގެ ކަންތައްތައް ހުރިނެތްގޮތް ބެލިފައި ނެތުމުންނެވެ.

ތިނެއް ނޮވެމްބަރގެ ޢުދުވާނީ ހަމަލާ ކުރިމަތިވިއިރު އެ ޙަމަލާއަކީ ކޮން ބައަކު ކިހިނެތް ކޮން ގޮތަކަށް ދެމުންދާ ހަމަލާއެއް ކަމެއް ސިފައިންގެ އެތެރޭގައި ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދު ކުރަމުންދިޔަ ސިފައިންނަކަށް ނޭނގެއެވެ. ލިބެމުންދިޔަ މަޢުލޫމާތު ތަކުން އެއީ ތަމަޅަ ބަހުން ވާހަކަ ދައްކާ ބައެއްކަން އެނގުނު ނަމަވެސް އެމީހުންގެ ބާރުވެރިކަން ހުރި މިންވަރެއް ނޭނގެއެވެ. ދުޝްމިނުން ހަމަލާދޭން ފެށިތާ ކުޑައިރުކޮޅެއްގެ ތެރޭގައި ސިފައިންގެ ހުޅަނގު ދެކުނު ކަނުން ބާގަނޑެއް ގޮއްވާލުމުގެ ސަބަބުން ދުޝްމިނުންގެ ބާރުވެރިކަން ކޮންމެވެސް ވަރަކަށް އަންދާޒާ ކުރެވުނެވެ. އަދި ސިފައިންގެ ކުރިމަތީ ފާރަށް އަރަމުންދިޔަ ވަރުގަދަ ހަމަލާތަކުންނާއި އެތެރެއަށް ވެއްޓުނު މޯޓަރސެލްގެ ސަބަބުން ދުޝްމިނުންނަކީ ވަރަށް ބާރުގަދަ ބައެއްކަމަށް ބެލެވުނެވެ. އެހެންކަމުން ސިފައިންގެ ހަތަރުފާރުގެ އެތެރޭގައި ބަންދުވެގެން ތިބެ ދުޝްމިނުންނާ ދެކޮޅަށް ހަމަލާދެމުން ގެންދިއުމަކީ ކިހާވަރެއްގެ ނުރައްކާތެރިކަމެއްތޯ އޮތީ ސުވާލު އުފެދިފައެވެ. އެތެރެއަށް އަންނަ ހަމަލާތަކުން ޒަޚަމުވާ މީހުންނަށް ފަރުވާދެވޭނެ ގޮތެއް ނެތެވެ. ކެއިން ބުއިމުގެ ކަންތައްތައް ކުރެވޭނެ އިންތިޒާމެއްނެތެވެ. ރަހީނުންގެ ގޮތުގައި އާންމު ރައްޔިތުން ހިފެހެއްޓުމާއި ދިފާޢީ އައްޑަނައިގެ ގޮތުގައި އާންމު ރައްޔިތުން ދުޝްމިނުން ބޭނުން ކުރުމަކީ ސިފައިންގެ އެތެރެއިން ޙަމަލާދިނުމަށް އޮތް ހުރަހެކެވެ. މިފަދަ ސަބަބުތަކަށްޓަކައި ސިފައިންގެއިން ބޭރަށް ބަޔަކު ނެރުމުގެ މުހިންމުކަމާއި ބޭނުންތެރިކަން އޮތީ އިންތިހާއަށް ބޮޑުވެފައެވެ. ޙަމަލާތައް ބަދަލުކުރެވެން ފެށިތާ މާގިނައިރުތަކެއް ނުވަނީސް ސިފައިންގެ އެތެރޭގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގެންނެވި މޭޖަރ މުޙައްމަދު ޒާހިރަށް މިކަމުގެ ލަފާ ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލް އަރުވައިފިއެވެ. އެހެންނަމަވެސް މުޙައްމަދު ޒާހިރު އެކަމުގައި ވަކިގޮތެއް ނުނިންމަވާ މަޑުކުރެއްވިއެވެ. އެދުވަހު މުޙައްމަދު ޒާހިރާއެކު އިސްކޮށް އޮޕަރޭޝަން ކޮމާންޑްގައި ހަރަކާތްތެރިވެވަޑައިގެންނެވި ލެފްޓިނަންޓް މޫސާ ޢަލީ ޖަލީލުގެ ލަފާ ޤަބޫލުކުރައްވާ ބޭރަށް ނިކުތުމުގެ މަސައްކަތް ފެއްޓެވީ ދެބޭފުޅުން އިސްކޮށް ތިއްބަވައިގެންނެވެ. ފުރަތަމަ ބޭރަށް ނިކުތުމަށް އުޅުއްވީ ދެބަހެއްގައެވެ. އެކަން ކާމިޔާބު ނުވުމުން ދެން ނިކުތީ ފައިމަގުގައެވެ. ބަހުގައި މި ދެބޭފުޅުން ބޭރަށް ނިކުންނަވަން އުޅުއްވި ވަގުތު ދިމާވީ ސިފައިންގެ ޚަބަރުތައް ސާފުކުރެއްވުމަށް ޑިފެންސް މިނިސްޓަރުގެ ނައިބު އިލްޔާސް އިބްރާހިމް ފޯނު ކުރެވި ވަގުތާއެވެ. ބަހުގައި މޫސާ ޢަލީ ޖަލީލް އާއި މުޙައްމަދު ޒާހިރުއާ ދެބޭފުޅުން ނިކުންނަވަން އުޅޭކަން އެނގިވަޑައިގެންނެވުމުން ދެބޭފުޅުން އެއްކޮށް ބޭރަށް ނުނިކުންނެވުމަށާއި މޭޖަރ މުޙައްމަދު ޒާހިރު އެތެރޭގައި މަޑުކުރެއްވުމަށް ޑިފެންސް މިނިސްޓަރުގެ ނާއިބު އިލްޔާސް އިބްރާހީމް އެންގެވިއެވެ.

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާ ދިންއިރު ދުޝްމިނުންވަނީ ވަރަށް ރަނގަޅަށް ސިފައިންގެ މަޢުލޫމާތު އޮޅުންފިލުވާ ހަދާފައެވެ. އެހެންކަމުން އެމީހުންނަށް އޮތް އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ހަތިޔާރު ހުރީ ހަމައެކަނި ސިފައިންގެ މައި މަރުކަޒުގެ ތެރޭގައިކަން ޤަބޫލު ކުރެވިފައި އޮތުމެވެ. މާލެ ތެރޭގައި އެމީހުން ކޮންމެ ގޮތަކަށް އުޅުނު ކަމުގައިވިޔަސް ހަތިޔާރަކުން އެމީހުންނާ ދެކޮޅަށް ހަމަލާދޭނެ ބަޔަކު ނެތްކަމަށް އެމީހުން ތިބީ ޤަބޫލުކޮށް ހިތްހަމަ ޖެހިގެންނެވެ. އެހެން ތިއްބާ އެމީހުންނަށް ކުއްލިއަކަށް ފެނުނީ ސިފައިންގެ ތެރެއިން ބަޔަކު ނިކުންތަނެވެ. ހަމަލާ ބަދަލު ކުރެވެމުންދިޔަ ނުރައްކާތެރި އެވަގުތުގައި ކުއްލިއަކަށް ސިފައިންގެ ތެރެއިން ބަޔަކު ހަތިޔާރާއެކު ނިކުންތައް ފެނުމަކީ ޖެހިލުން ކުޑަކަމަށް މަޝްހޫރުވެފައިވާ ތަމަޅަ ޓެރަރިސްޓުންވެސް ސިއްސުވާލި ޢަމަލެކެވެ. ސިފައިންގެ ތެރެއިން ހަތިޔާރާއެކު ބަޔަކު ބޭރަށް ނިކުންކަން އެނގުނަސް އެމީހުން އެތެރެއަށް ވަންކަމެއް ނުވަތަ ދެން ވީ ކިހިނެއްކަމެއް ދުޝްމިނުންނަކަށް ނޭނގުނެވެ. އެހެންކަމުން ކުރިން އެމީހުންނަށް އޮތް ހިތްހަމަޖެހުން ފިލާގޮސް ބިރުވެރިކަން ހިތަށް ވެރިވެއްޖެއެވެ. ހަތިޔާރާއެކު މާލެ ތެރޭގައި ސިފައިން އުޅޭކަން ޔަގީންވެއްޖެއެވެ. މިހިސާބުން ތަމަޅަ ހަނގުރާމަވެރިން ގޮތްހުސްވެ ފިލަން މަސައްކަތް ފެށިއެވެ. އެހެންކަމުން ސިފައިންގެ ތެރެއިން ބޭރަށް ރެކީ ޕެޓްރޯލްގައި ބަޔަކު ނިކުތުމަކީ ތިނެއް ނޮވެމްބަރުގެ ހަނގުރާމައިގެ ޓާނިންގ ޕޮއިންޓެވެ.

11. ތަމަޅައިންނަށް ކުރިމަތިވި ނާކާމިޔާބީއާއި އެކަމުގައި މެދުވެރިވި ކަންތައްތައް

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ ނާކާމިޔާބުވުމުގައި ވަރަށް ގިނަ ސަބަބުތަކެއް އެކުވެ ލާމެހިފައިވެއެވެ. އޭގެ ތެރޭގައި:-

· އެދުވަހު ދިވެހިރައްޔިތުންގެ މެދުގައި އޮތް އެއްބައިވަންތަކަމާއި އެއްބައެއްވަންތަކަމުގެ ވަރުގަދަ ރޫޙް

· ރައްޔިތުންގެ މެދުގައި އޮތް ޤައުމީ އަދި ދީނީ ލޯބީގެ މަތިވެރިކަން

· ދިވެހިންގެ ކުރިމަތީގައި ޤައުމުގެ މިނިވަންކަމުގެ އަގު ބޮޑުކަން

· ދުޝްމިނުން ހީކުރިގޮތަށް ދިވެހިން އެމީހުންނާ ބައިވެރިނުވުމާއި ތާއީދު ނުކުރުން

· ކޯޕްރަލް ޝަހީދު ޙުސައިން އާދަމްގެ ހިތްވަރާއި ހުޝިޔާރުކަމާއި ޙިކުމަތްތެރިކަން.

· ރެކީ ޕެޓްރޯލަށް ބޭރަށް ނިކުން ސިފައިންގެ ޖެހިލުން ކުޑަކަން.

· ދުޝްމިނުން ހީކުރި ވަރަށްވުރެ ދިވެހި ސިފައިން ހިތްވަރުގަދަވެފައި ޖެހިލުން ކުޑަވެފައި ހުޝިޔާރުވުން.

· ދިވެހި ސިފައިންގެ ދީނާއި ޤައުމަށްޓަކައި ކުރި މަތިވެރި ޖިހާދު

· ދިވެހި ސަރުކާރުގެ ފޮރިން ޕޮލިސީ އާއި ރައްޔިތުންގެ ހިތްތަކުގައި ސަރުކާރަށް އޮތް ތާޢީދު

· ދިވެހި ރައްޔިތުންގެ ކެތްތެރިކަމާއި ސިފައިންނަށް ކުރި އިތުބާރު

· ދިވެހި އެންމެހާ ރައްޔިތުންގެ އަޤީދާގެ ހަރުދަނާ ކަމާއި މާތްﷲ ގެ ޙަޟްރަތުގައި ދެންނެވި މަތިވެރި ދުޢާތައް

· އިންޑިއާ ސަރުކާރުގެ އަސްކަރީ އެހީ

ދުޝްމިނުންގެ ހަމަލާދޭން ފެށުމާއެކު އެމީހުންގެ ކޮމާންޑަރަކަށް ހުރި ވަސަންތީ ދިވެހި ސިފައިންގެ ހަމަލާއަކުން މަރުވުމާއި ދުޝްމިނުން ހަދާފައިވާ ޕްލޭންތައް އެކިއެކި ސަބަބުތަކާއެކު ފޭލް ވުމަކީ ތަމަޅައިންނަށް ނާކާމިޔާބު ކުރިމަތިވި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

12. ޝަހީދުވި ސިފައިންނާބެހޭ މަޢުލޫމާތު

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާގައި ސިފައިންގެ 8 ބޭކަލަކު ޝަހީދުވިއެވެ. އެބޭކަލުންގެ ވަޅުލާފައިވަނީ ރަސްމީ ޢިއްޒަތުގައެވެ. ޝަހީދުންގެ ދަނާވަތި ހެދިފައިވަނީ މާލޭ ހެންވޭރު ސަހަރާގައެވެ. ޝަހީދުގެ ހަނދާންތައް ދިރުވާ އާލާކުރުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އިންޓެގްރޭޓެޑް ހެޑްކްއޯޓަރޒްގައި ޝަހީދުންގެ މާލަމެއް ތައްޔާރުކުރެވިފައިވެއެވެ. ތިރީގައި މިވަނީ 3 ނޮވެމްބަރ ގައި ޝަހީދުވި ސިފައިންގެ ޝަހީދުންނާ ބެހޭ މަޢުލޫމާތެވެ.

ކޯޕްރަލް ޙުސައިން އާދަމް (ސ.ނ 856) ހދ. ކުޅުދުއްފުށި / މާވާގެ (އުމުރު 20 އަހަރު)

ސިފައިންގެ މައިމަރުކަޒަށް ޙަމަލާދިން ވަގުތު އެމަ ރުކަޒުގެ މައިގޭޓުގައި ޓާސްކްފޯސް ޑިއުޓީގައި ތިއްބެވި ދެ ބޭކަލުންގެ ތެރެއިން އެއް ބޭކަލަކީ ކޯޕްރަލް ޙުސައިން އާދަމެވެ. މިމަޤާމުގައި ފިސާރި ސާބިތުކަންމަތީ ހުންނަވައި ކޯޕްރަލް ޙުސައިން އާދަމް، ދުސްމިނުން ދެމުންގެންދިޔަ ބަޑީގެ ވަރުގަދަ ޙަމަލާތަކުން ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމަށްޓަކައި މަސައްކަތް ކުރައްވަމުން ގެންދަވަނިކޮށް، ކޯޕްރަލް ޙުސައިން އާދަމުގެ ހަށިގަނޑުގެ އެތަން މިތަނަށް ވަޒަން އަރައި ޝަހީދުވިއެވެ. ކޯޕްރަލް ޙުސައިން އާދަމް މިޢުދުވާނީ ޙަމަލާގެ އެންމެ ފުރަތަމަ ވަގުތުކޮޅުގެ ތެރޭގައި ސިފައިންގެ މައިމަރުކަޒު ދިފާޢު ކުރުމުގައި އެންމެ މުހިންމު ބައި ކުޅުއްވާ، ހިތްވަރުގަދަ ކެރޭ ސިފައިންގެ މީހެއްކަން ސާބިތުކޮށްދެއްވިއެވެ. ކޯޕްރަލް ޙުސައިން އާދަމް، މިކުރެއްވި ހިތްވަރުގަދަ ޤައުމީ ޖިހާދުގެ އަގު ދިވެހި ދައުލަތުން ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި މެޑަލް ފޮރ އެކްސެޕްޝަނަލް ބްރޭވަރީ (ހުރަވީ ރަން މެޑަލް)،އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތްމެޑަލް ދެއްވާފައިވެއެވެ. ކޯޕްރަލް ޙުސައިން އާދަމް ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ހަތަރު އަހަރާއި ފަސްމަހާއި ސައުވީސް ދުވަސް ވެއްޖެއެވެ. މާތްމަރުޙޫމް ޙުސައިން އާދަމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

ލެފްޓިނަންޓް މޫސާ އަޙުމަދު (ކުޑަނެވި ތުއްތުމަނިކު) ސ.ނ 243 މއ. ދާރީގެ (އުމުރު 51 އަހަރު)

ސިފައިންގެ ވެރިޔާގެ ނައިބު ހުންނަވާ ގެކޮޅަށް ޙަމަލާ ދެނިކޮށް ލެފްޓިނަންޓް މޫސާ އަޙުމަދު (ކުޑަނެވި ތުއްތުމަނިކު)ގެ އަތުގައި އެއްވެސް ހަތިޔާރެއްނެތި އެބައިމީހުންނާއި ކުރިމަތިލެއްވުމުން ދުސްމިނުންގެ ބަޑީގެ ވަޒަން ލެފްޓިނަންޓް މޫސާ އަޙުމަދުގެ ގަޔަށް އަރައި ޝަހީދުވިއެވެ. ލެފްޓިނަންޓް މޫސާ އަޙުމަދު ޝަހީދުވެގެން ވެއްޓިފައިވަނީ މއ. ކިނބިގަސްދޮށުގޭ ކުރިމަތިން ޒަމާނީ ހިގުމަށެވެ. ލެފްޓިނަންޓް މޫސާ އަޙުމަދު ސިފައިންގެ ވެރިޔާގެ ނައިބު ދިފާޢު ކުރުމަށް ކުރެއްވި މަތިވެރި ހިތްވަރުގަދަ މަސައްކަތް، ދިވެހި ދަޢުލަތުން ވަޒަން ކުރައްވައި ސާރޖެންޓެއްގެ މަޤާމުން ލެފްޓިނަންޓެއްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި، މެޑަލް ފޮރ އެކްސެޕްޝަަނަލް ބްރޭވަރީ (ހުރަވީ ރަން މެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ. ލެފްޓިނަންޓް މޫސާ އަޙުމަދު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ސަތާރަ އަހަރާއި ތިންމަހާއި އަށާރަ ދުވަސް ވެއްޖެއެވެ. މާތްމަރުޙޫމް ލެފްޓިނަންޓް މޫސާ އަޙުމަދުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން .

ސާރޖަންޓް އާދަމް ނަޞީރު (ސ.ނ 635) ޝޭޑީ ވިލާ (އުމުރު 28 އަހަރު)

ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރެއިން ސާރޖަންޓް އާދަމް ނަޞީރު (ޝޭޑީ) ނިކުންނެވި ވަގުތު ދުސްމިނުން ދިން ބަޑީގެ ޙަމަލާގައި ވަޒަންއަރައި ޝަހީދުވިއެވެ. ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒުގެ އިރު އުތުރު ކަނާ ދިމާއިން އަމީރު އަޙުމަދު މަގަށެވެ. ސާރޖަންޓް އާދަމް ނަޞީރު މިސާބިތުކޮށްދެއްވި ޤައުމީ ޖިހާދުގެ އަގު ދިވެހި ދަޢުލަތުން ވަޒަންކުރައްވައި ލާންސްކޯޕްރަލެއްގެ މަޤާމުން ސާޖަންޓްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހިމެޑަލް) އާއި 3 ނޮވެމްބަރު ގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ. ސާރޖަންޓް އާދަމް ނަޞީރު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ 8 އަހަރާއި 23 ދުވަސް ވެއްޖެއެވެ. މާތްމަރުޙޫމް އާދަމް ނަޞީރުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

ކޯޕްރަލް މުޙައްމަދު އިބްރާހީމް (ސ.ނ 606) ހއ. މުޅަދޫ / އަނބުގަސްދޮށުގެ (އުމުރު: 31 އަހަރު)

ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރޭގައި ކޯޕްރަލް މުޙައްމަދު އިބްރާހީމް (މެކާނޯ) ނިކުންނެވި ވަގުތު ދުސްމިނުންދިން ބަޑީގެ ޙަމަލާގައި ވަޒަން އަރައި ޝަހީދުވިއެވެ. ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒު އުތުރު ކަނާދިމާއިން އަމީރު އަޙުމަދު މަގަށެވެ. ކޯޕްރަލް މުޙައްމަދު އިބްރާހީމް މިސާބިތުކޮށްދެއްވި ޤައުމީ ޖިހާދުގެ އަގު ދިވެހި ދަޢުލަތުން ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހިމެޑަލް) އާއި 3 ނޮވެމްބަރު މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ. ކޯޕްރަލް މުޙައްމަދު އިބްރާހީމް ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ އަށް އަހަރާއި ފަސް މަސްދުވަސް ވެއްޖެއެވެ. މާތްމަރުޙޫމް މުޙައްމަދު އިބްރާހީމްގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

ކޯޕްރަލް މުޙައްމަދު ޙަސަން (ސ.ނ 821) ތ. ދިޔަމިގިލި / ހ. ރަބީޢުގެ (އުމުރު 28 އަހަރު)

ސިފައިންގެއިން ރެކީ ޕެޓްރޯލެއްގެ ގޮތުގައި ނުކުންނެވި 10 ބޭކަލުންގެ ތެރޭގައި ކޯޕްރަލް މުޙައްމަދު ޙަސަން ނުކުންނެވި ވަގުތު ދުސްމިނުން ދިން ބަޑީގެ ޙަމަލާގައި ވަޒަން އަރައި ޝަހީދުވީއެވެ. ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވެގެން ވެއްޓިފައިވަނީ ސިފައިންގެ މައިމަރުކަޒު އިރު އުތުރު ކަނާދިމާއިން އަމީރު އަޙުމަދު މަގަށެވެ. ކޯޕްރަލް މުޙައްމަދު ޙަސަން މިސާބިތުކޮށްދެއްވި ޤައުމީ ޖިހާދުގެ އަގު ވަޒަންކުރައްވައި، ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް ޕްރޮމޯޓްކުރައްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހި މެޑަލް) އާއި ތިނެއް ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތްމެޑަލް ދެއްވާފައިވެއެވެ. ކޯޕްރަލް މުޙައްމަދު ޙަސަން ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ހަތަރު އަހަރާއި ދިހަމަހާއި އަށް ދުވަސްވެއްޖެއެވެ. މާތްމަރުޙޫމް މުޙައްމަދު ޙަސަންގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ލައްވާށިއެވެ. އާމީން.

ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު (ސ.ނ 120) ހ. އަންހީޓް (އުމުރު 49 އަހަރު)

ސާޖަންޓް ކުޑައާދަމް ކުޑަތުއްތު ޝަހީދުވީ ޒޯން ޑިއުޓީގައި މެދުޒިޔާރަތް މަގުގައި އުޅުއްވަމުން ގެންދަވަނިކޮށް ދުޝްމިނުން ދިން ބަޑީގެ ޙަމަލާއިން ވަޒަން އަރައިގެންނެވެ. ސާރޖަންޓް ކުޑަ އާދަމް ކުޑަތުއްތު ޝަހީދުވެގެން ވެއްޓިފައިވަނީ އިސްލާމީ މަރުކަޒުގެ ކައިރިން މެދުޒިޔާރަތް މަގަށެވެ. ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދަޢުލަތުން މިކަން ވަޒަންކުރައްވައި ލ.ކޯޕްރަލެއްގެ މަޤާމުން ސާރޖެންޓެއްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހި މެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ. ސާރޖަންޓް ކުޑައާދަމް ކުޑަތުއްތު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ހަތާވީސް އަހަރާއި އެއްމަހާއި ސައުވީސް ދުވަސް ވެއްޖެއެވެ. މާތްމަރުޙޫމް ކުޑައާދަމް ކުޑަތުއްތުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

ކޯޕްރަލް ޙުސައިން މުޙައްމަދު (ސ.ނ 246) ބ. ތުޅާދޫ / މަބުސްތާނުގެ (އުމުރު 38 އަހަރު)

ކޯޕްރަލް ޙުސައިން މުޙައްމަދު (މަސްތަކާ)، ޝަހީދުވީ ޒޯން ޑިއުޓީގައި އުޅުއްވަމުން ގެންދަވަނިކޮށް މެދުޒިޔާރަތް މަގުން މުލިއާގޭ މައިގޭޓާއި ހިސާބުން ދުޝްމިނުން ދިން ބަޑީގެ ޙަމަލާއެއްގައި ވަޒަން އަރައިގެންނެވެ. ކޯޕްރަލް ޙުސައިން މުޙައްމަދު ވެއްޓިފައިވަނީ މުލިއާގޭ މައިގޭޓާއި ދިމާއިން މެދުޒިޔާރަތް މަގަށެވެ. ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ، ދިވެހި ދަޢުލަތުން މިކަން ވަޒަންކުރައްވައި ޕްރައިވެޓެއްގެ މަޤާމުން ކޯޕްރަލެއްގެ މަޤާމަށް ޕްރޮމޯޓް ކުރައްވައި، މެޑަލް ފޮރ ބްރޭވަރީ، (ހުރަވީ ރިހި މެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ. ކޯޕްރަލް ޙުސައިން މުޙައްމަދު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ސަތާރަ އަހަރާއި ތިންމަހާއި އަށާރަ ދުވަސްވެއްޖެއެވެ. މާތްމަރުޙޫމް ޙުސައިން މުޙައްމަދުގެ ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

ކޯޕްރަލް ޢަބްދުޒުހައިރު (ސ.ނ 830) ގދ. ތިނަދޫ ޝަރީފާ މަންޒިލް (އުމުރު 33 އަހަރު)

ކޯޕްރަލް ޢަބްދުޒުހައިރު ޝަހީދުވީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުޅަނގު ގޭޓް ޑިއުޓީގައި ހުންނަވަނިކޮށް ދުޝްމިނުން ދިން ބަޑީގެ ޙަމަލާއަކުން ވަޒަން އަރައިގެންނެވެ. ކޯޕްރަލް ޢަބްދުޒުހައިރު ޝަހީދުވެފައިވަނީ ސިފައިންގެ ޑިއުޓީގައި ހުންނަވަނިކޮށް ކަމަށްވާތީ ދިވެހި ދަޢުލަތުން އެކަން ވަޒަންކުރައްވައި ޕްރައިވެޓްގެ މަޤާމުން ކޯޕްރަލްގެ މަޤާމަށް ބަދަލުކުރައްވާ، މެޑަލް ފޮރ ބްރޭވަރީ (ހުރަވީ ރިހިމެޑަލް) އާއި 3 ނޮވެމްބަރުގެ މެޑަލް އަދި ޖިހާދުގެ ރަތް މެޑަލް ދެއްވާފައިވެއެވެ. ކޯޕްރަލް ޢަބްދުޒުހައިރު ޝަހީދުވިއިރު އޭނާ ސިފައިންގެ ޚިދުމަތުގައި އުޅުއްވާތާ ފަސް އަހަރާއި ހަތްމަހާއި ވިހި ދުވަސްވެއްޖެއެވެ. މާތްމަރުޙޫމް ޢަބްދުޒުހައިރުގެ ފުރާނަޔަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށިއެވެ. އާމީން.

13. ނޮވެމްބަރ ތިނެއްގެ ޢުދުވާނުގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް އައި ހޭލުންތެރިކަމާއި ބަދަލުތައް

ނޮވެމްބަރ 3 ގެ ހާދިސާގެ ސަބަބުން ދިވެހި އަސްކަރިއްޔާއަށް އައި އެންމެ ބޮޑު ބަދަލަކީ "ދިވެހި ސިފައިންގެ ފިކުރަށް އައި ބަދަލު" ކަމަށް ކޯސްޓްގާޑް ކޮމަޑާންޓް ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވިދާޅުވިއެވެ. 2010 އޭޕްރީލް 20 ވަނަ ދުވަހު އެން.ސީ.އޯ އެކެޑެމީގެ ދަރިވަރުންނާ ބައްދަލުކުރެއްވިއިރު މި އެސައިންމަންޓް ތައްޔާރުކުރި ގްރޫޕްގެ މެންބަރ ވޮރަންޓް އޮފިސަރ 2 ޢަބްދުﷲ ސަޢީދު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ވިދާޅުވީ ނޮވެމްބަރ ތިނެއްގެ ހާދިސާއާ ގުޅިގެން ސިފައިންގެ ލޯތައް ހުޅުވިގެން ދިޔަކަމަށެވެ. ސިފައިން ހޭލުންތެރިވެގެން ދިޔަކަމަށެވެ.

ދިވެހި ސިފައިންގެ ލަޝްކަރަށް ޒަމާނީ އަސްކަރީ ތަމްރީނުދީ، ދިވެހި ސިފައިންގެ ގެމަތައް އަސްކަރީ ހަމަތަކުގެ މަތިން ރުކުރުވާލެވެން ފެށުނީ، އެހާދިސާގެ ސަބަބުންނެވެ. 3 ނޮވެމްބަރގެ ހާދިސާއިން މުޅި ޤައުމަށާއި ސިފައިންނަށް ޢިބުރަތްތެރި ފިލާވަޅުތަކެއް ދަސްކޮށްދިނެވެ. އާކަންތައްތަކެއް ތަޖުރިބާކުރަންޖެހުނެވެ. އެހާދިސާގެ ސަބަބުން ސިފައިންގެ މިސްރާބު ބަދަލުކުރަންޖެހުނެވެ. އަދި ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު އިތުރުވެ، ސިފައިންގެ ޙަރަކާތްތައް ފުޅާކުރަން ވެސްޖެހުނެވެ.

އެ ނުރައްކާތެރި ހާދިސާއިން ލިއްބައިދިން ފިލާވަޅުތަކާއި ދަރުސްތަކުގެ އަލީގައި، ދިވެހި ސިފައިންގެ ލަޝްކަރަށް ގެންނަންޖެހޭ އިޞްލާޙުތައް އެވަގުތުން އެވަގުތަށް ގެންނަންފެއްޓިއެވެ. މިގޮތުން މައިގަނޑު ހަތަރު ދާއިރާއަކުން ދިވެހި އަސްކަރިއްޔާއަށް ބަދަލު ގެނައުމުގެ މަސައްކަތް ފެއްޓިއެވެ. އެއީ:-

· ސިފައިންގެ ލަޝްކަރަށް މީހުން އިތުރުކުރުން

· ތަޢުލީމީ ޒުވާނުން ސިފައިންގެ ޚިދުމަތަށް ގެނައުން

· ސިފައިންގެ އިދާރީ އޮނިގަނޑު އަލުން ބައްޓަންކުރުން

· ސިފައިންގެ ޚިދުމަތަށް ބޭނުންވާ އިތުރު އާލާތްތަކާއި ޒަމާނީ ވަސީލަތްތައް ހޯދުމުގެ މަސައްކަތެވެ.

ސިފައިންގެ އިދާރީ އޮނިގަނޑު އަލުން ފަރުމާކުރުން:

ތިނެއް ނޮވެމްބަރަށްފަހު ސިފައިންގެއަށް ގެނެވުނު އެންމެ ބޮޑު އެއް ބަދަލަކީ އިދާރީ އޮނިގަނޑަށް ގެނެވުނު ބަދަލެވެ. އެގޮތުން ޒަމާނުއްސުރެ ސިފައިންގެ ތެރޭގައި އޮތް ޑިއުޓީ ސެކްޝަން އުވާލައި، ފައިޓިންގ ޔުނިޓްތަކާއި ސަޕޯރޓް ޔުނިޓްތައް އުފައްދަވައި، އެ ޔުނިޓްތަކަށް ވަކިވަކި މިޝަންތަކާއި ޓާސްކްތައް ކަނޑައެޅުނެވެ. އަދި ދިމާވާ ހާދިސާއަކާގުޅިގެން އަވަސްކަމާއެކު ޙަރަކާތްތެރި ވުމަށްޓަކައި ކުއިކް ރިއެކްޝަން ފޯސްގެ ނަމުގައި ވަކި ޔުނިޓްތަކެއް ވެސް އުފެއްދެވިއެވެ ހަމައެއާއެކު، ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީކަންތައްތައް ބެލެހެއްޓުމަށް، ވަކި ޚާއްޞަ ޔުނިޓެއް އުފައްދަވައި، ރައީސުލްޖުމްހޫރިއްޔާއާއި ރައީސުލްޖުމްހޫރިއްޔާގެ ޢާއިލާގެ ސަލާމަތީކަންތައްތައް ބެލެހެއްޓުން އެޔުނިޓާއި ޙަވާލުކުރެވުނެވެ. މީގެ އިތުރުން، މާލެއާއި ރާއްޖެތެރޭގައި ސިފައިންގެ އިތުރު މަރުކަޒުތައް އުފެއްދެވިއެވެ. އަދި ރީޖަނަލް ހެޑްކްއޯރޓާޒްގެ ގޮތުގައި ސިފައިންގެ މަރުކަޒުތައް ޤާއިމްކުރެވި އެމަރުކަޒުތަކުން އެސަރަޙައްދުތައް ބަލަހައްޓައި، މާލެއަށް ސަޕޯޓްދޭންޖެހިއްޖެ ހިނދެއްގައި ސަޕޯޓްދެވޭގޮތަށް އެމަރުކަޒުތައް ހިންގަން ފެށުނެވެ.

ސިފައިންގެ އިދާރީ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް ކުރެއްވި މަސައްކަތުގައި، ސިފައިންނާ ސީދާ ގުޅޭކަންކަން ރާވައި ހިންގުމުގައި، ސިފައިންގެ އޮފީހުގެ ދައުރު ފުޅާކޮށް ބޮޑުކުރެއްވިއެވެ.. އަދި ސިފައިންގޭގައި ޗީފް އޮފް ސްޓާފް ގެ މަޤާމާއި ޑެޕިއުޓީ ޗީފް އޮފް ސްޓާފް އުފައްދަވާ ބޭފުޅުން އިސްކުރެއްވިއެވެ. ސިފައިންގެ މައި އޮފީހަކީ، އޮފީސް އޮފް ދަ ޗީފް އޮފް ސްޓާފް ކަމުގައި ހަމަޖައްސަވައި، މިނިސްޓްރީ އޮފް ޑިފެންސްގެ ލަފައާއި މަޝްވަރާއާއި އެއްގޮތަށް، ސިފައިންނާ ސީދާ ގުޅޭކަންކަން ރާވައި ހިންގެވުން އެ އޮފީހުން ކުރާގޮތަށް ހަމަޖެއްސެވިއެވެ. އަދި ސިފައިންގެ މީހުންނަށް މަޤާމްގެ ކުރިއެރުން ދިނުމުގައާއި ޝަރަފްގެ ނިޝާން ދިނުމުގައި ޢަމަލުކުރާނެ ހަރުދަނާ އުސޫލް ތަކެއްހަމަޖައްސަވައި، އެ އުސޫލުގެ މަތިން ސިފައިންނަށް މަޤާމުގެ ކުރިއެރުމާއި ޝަރަފުގެ ނިޝާން ދެއްވަންވެސް ފެއްޓެވިއެވެ.

އިންސާނީ ވަސީލަތް ތަރައްޤީކުރުން:

ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ހަމަލާއަށްފަހު ސިފައިންގޭގައި އިންސާނީ ވަސީލަތް ތަރައްޤީ ކުރުމަށް ކުރި މަސައްކަތަކީވެސް ފާހަގަކޮށްލެވޭ ކަމެކެވެ. ސިފައިންގެ ލަޝްކަރު އިތުރަށް ވަރުގަދަކޮށް ސަފުތައް އިތުރުކުރަންޖެހުމާ ގުޅިގެން، ސިފައިންގެ ޚިދުމަތަށް ބޭނުންވާ އިތުރު މީހުން ސިފައިންގެއަށް ވެއްދުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާ، ސިފައިންގެ ޚިދުމަތާއި ގުޅުމުގެ ފުރުޞަތު އާންމުކޮށް ދެޖިންސްގެ މީހުންނަށް ހުޅުވާލެއްވިއެވެ. އަދި އެ ހުޅުވާލި ފުރުޞަތުގައި ދެ ޖިންސްގެ ގިނައަދަދެއްގެ ބަޔަކު ސިފައިންގެ ޚިދުމަތާއިވަނީ ގުޅިފައެވެ. ޚާއްޞަކޮށް ފުރަތަމަ ފަަހަރަށް އަންހެން ސިފައިން، ދިވެހި ސިފައިންގެ ލަޝްކަރުގައި ހިމެނިގެންދިޔަކަން ފާހަގަކުރެވެއެވެ.

މީގެ އިތުރުން، ތަޢުލީމީ ޒުވާނުން ސިފައިންގެ ޚިދުމަތަށް ހޯދުމަށް ކުރި މަސައްކަތަކީވެސް މުހިންމު މސައްކަތެކެވެ. ސިފައިންނާގުޅޭ އަސްކަރީ ތަމްރީނުތައް ރާއްޖެއިން ބޭރުން ހެދޭވަރުގެ ތަޢުލީމީ ގޮތުން ފެންވަރު ރަނގަޅު ކުދިން ހޯދުމުގެ ގޮތުން، ސްކޫލް ނިންމާ ދަރިވަރުންގެ ތެރެއިން ސަރުކާރަށް ޚިދުމަތްކުރަންޖެހޭ ބޮންޑުގެ ދަށުން، ކޮންމެ އަހަރަކުވެސް ވަކި އަދަދަކަށް ސްކޫލް ނިންމާކުދިން ސިފައިންގެ ޚިދުމަތަށް ގެންނަވަން ފެއްޓެވިއެވެ. މިއަދު ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރުގައި އިންސާނީ ވަސީލަތުގެ ގޮތުން ލިބިފައިވާ އެންމެ ބޮޑު ކުރިއެރުމުގެ އަސްލަކީ އެއީއެވެ.

ތަޢުލީމާއި ތަމްރީނު:

ސިފައިންގެ ސަފުތައް އިތުރަށް ބަދަހިކުރުމަށް ފެއްޓެވި މަސައްކަތުުގައި އެންމެ މުހިންމު ކަމެއްދެއްވި އެއްދާއިރާއަކީ ސިފައިންނަށް ބޭނުންވާ ތަޢުލީމާއި ތަމްރީންދިނުމެވެ. ނޮވެމްބަރ 03 ގެ ޢުދުވާނުގެ ކުރިން ސިފައިންގޭގައި ތިބީ ރާއްޖޭން ބޭރުން އަސްކަރީ ތަމްރީނު ޙާޞިލްކުރައްވާފައިވާ ވަރަށް މަދުބަޔަކުއެވެ. އަދި އޭގެ ކުރިން ރާއްޖެއިން ބޭރުން ލިބިފައިވާ ކޯސްތަކަށް ބަލާލާއިރުވެސް ގިނައީ އަސްކަރީ ތަމްރީންތަކަށްވުރެ އެހެންދާއިރާތަކުގެ ކުރު މުއްދަތުގެ ކޯސްތަކެކެވެ. އެހެންނަމަވެސް، އޭގެ ފަހުން ރަޙްމަތްތެރި ޤައުމުތަކުގެ މިލިޓަރީ އެކަޑަމީތަކުންނާއި އެހެންވެސް މިލިޓަރީ ކޮލެޖްތަކުން، ދިވެހި ސިފައިން ތަމްރީނު ކުރުން އިތުރުކުރެވުނެވެ. ނަތީޖާއަކަށްވީ ކުރުމުއްދަތެއްގެ ތެރޭގައި ދިވެހި ސިފައިންގެ ފައުޖުގައި އޮފިސަރ ޓްރޭނިންގ އާއި އަދި އެހެން ރޭންކުތަކުންވެސް ސްޕެޝަލައިޒްޑް ޓްރޭނިންގ ހަދާފައިވާ ގިނަ އަދަދެއްގެ ބަޔަކު ދިވެހި ސިފައިންގެ ފައުޖުގައި ހިމެނި ސިފައިންގެ ޤާބިލުކަން ކުރިއަށްވުރެ އެތައްގުނައަކަށް އިތުރުވުމެވެ.

ވަސީލަތްތައް ތަރައްޤީކުރުން:

ތިނެއް ނޮވެމްބަރުގެ ފަހުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްޤީ ކުރެވިފައިވާ ދާއިރާއަކީ ކޯސްޓްގާޑުގެ ޚިދުމަތުގެ ދާއިރާއެވެ. ދިވެހިރާއްޖޭގެ އިޤްތިޞާދީ އަދި ސިޔާސީ ސަރަޙައްދު ބެލެހެއްޓުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން ކޯސްޓްގާރޑް ފްލީޓަށް ޒަމާނީ ވަސީލަތްތައްހުރި ލޯންޗުފަހަރު އިތުރުކޮށް، އެދާއިރާއިން މީހުން ތަމްރީންކުރުމަށް ވަރަށްބޮޑު އިސްކަމެއްދެއްވިއެވެ. މީގެ އިތުރުން ސިފައިންގެ މުއާޞަލާތުގެ ނިޒާމް (ކޮމިއުނިކޭޝަން ސިސްޓަމް) އަކީވެސް، 3 ނޮވެމްބަރގެ ހާދިސާއަށްފަހު ވަރަށްބޮޑަށް ތަރައްޤީކުރެވުނު ދާއިރާއެކެވެ. ސިފައިންގެ ޚިދުމަތުގައި ސަޕޯރޓް ސަރވިސް ޚިދުމަތްތައް ފުޅާކޮށް ތަރައްޤީ ކުރުމަށް މަސައްކަތް ފެށިގެން އައީވެސް ނޮވެމްބަރ ތިނެއްގެ ހާދިސާއަށްފަހުގައެވެ. ސިފައިންގެ ވެލްފެއަރގެ ބައެއްގެ ގޮތުގައި ހިމެނޭ މެޑިކަލް ސަރވިސްއަކީވެސް 03 ނޮވެމްބަރގެ ހާދިސާގެ ފަހުން ސިފައިންގޭގައި ތަރައްޤީކުރެވިފައިވާ ދާއިރާއެކެވެ. ( މަޢުލޫމާތު: އައްޑަނަ މަޖައްލާގެ 2 ވަނަ ޢަދަދު )

14. ކުރިމަގުގައި އެފަދަ ކަމަކަށް ތައްޔާރުވެ ތިބުމަށް ކުރެވިދާނެ ކަންތައްތަކާއި ސިފައިން ތައްޔާރަށް ތިބެންވީ މިންވަރު

1988 ނޮވެމްބަރ 3 ވަނަ ދުވަހު ދިވެހި ސިފައިން ދުސްމިނުންނާ ހަނގުރާމަކުރީ ސާބިތުކަމާއި ހިތްވަރާއެކުގައެވެ. އަސްކަރީ ތަމްރީނު ލިބިފައިވާ މީހުންގެ ޢަދަދު އެއިރު ކިތަންމެ މަދުކަމުގައިވިޔަސް، އެ ދުވަހު ހަނގުރާމަ ކުރި ސިފައިންގެ ފަރާތުން ފެނިގެން ދިޔައީ، ސިފަވަންތަ ޖޯޝާއި ކެރުމާއި ހިތްވަރެވެ. ޤައުމަށްޓަކައި ވާންޖެހުނު ކޮންމެ ޤުރުބާނީއެއްވުމަށް ސިފައިން ފަސްނުޖެހޭނެ ކަމެވެ. އަމިއްލަ ހަށިގަނޑާއި ފުރާނަ ޤައުމަށްޓަކައި ޤުރުބާންކޮށްގެންވިޔަސް، ދުޝްމިނުންނަށް މިޤައުމުގެ ބިމުން އެންމެ ތަންފުކެއްވެސް ދޫނުކުރާނެކަމުގެ ވަރުގަދަ ޢަޒުމެވެ. މިއަދު އަޅުގަނޑުމެން ސިފައިން ކުރިމަގަށް މިފަދަ ކަމަކުން ސަލާމަތްވެ ރައްކާތެރިވެ ތިބުމަށް ކުރަން އޮތް އެންމެ މުހިންމުކަމަކީ އެދުވަހު ދިވެހި ސިފައިން ދައްކައިދިން ނަމޫނާ މިސާލުން އިބުރަތް ހާސިލުކުރުމެވެ. ހަމައެއާއެކު ތަޢުލީމާއި ތަމްރީނުދީ ސިފައިން ބިނާ ކުރުމެވެ. ޤައުމުގެ މިނިވަންކަން ދިފާޢު ކުރުމަށް ހުރި ގޮންޖެހުންތައް ދުރާލާލައި ދެނެގަނެ ފިޔަވަޅު އެޅުމެވެ. ދިވެހި ރާއްޖޭގެ ޤާނޫނު އަސާސީ އާއި ސިފައިންގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ސިފައިންގެ މަސްއޫލިއްޔަތު އުފުލުގެ ޤާބިލުކަން ބައްޓަން ކުރުމެވެ. އިންސާނީ ވަސީލަތް ހަރުދަނާ ކުރުމެވެ. މި ކަންތައްތައް ކުރުމަށްޓަކައި ސިފައިންގެ ހިންގުމުގެ ނިޒާމަށާއި ސިފައިންގެ ވިސްނުމާއި ފިކުރަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި ރައްޔިތުންނާއި ސިފައިންނާ އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މުހިންމުކަން ބޮޑެވެ.

15. ނިންމުން

ސިފައިންނަށް އެހީތެރިވުމަށް އިންޑިއާ ސިފައިން އައިސް ހުޅުލެއަށް ޖެއްސިއިރު ބަނދަރުގައިއޮތް ޕްރޮގްރެސް ލައިޓްގައި ބަޔަކު ރަހީނުކޮށްގެން ފިލަން ދަތުރުކޮށްފައި ގާދޫކޮލުން ނުކުންނަނީއެވެ. އެވަގުތު އިންޑިއާ ސިފައިން އެބޯޓް ހުށްޓުވުމަށްޓަކައި އެބޯޓަށް ބަޑިޖެހިއެވެ. ނަމަވެސް ބޯޓް މަޑުނުކޮށް ދިޔައީއެވެ. ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުން ހޯދުމަށް ދިވެހި ސިފައިންނާއި އިންޑިއާނޭވީ ގުޅިގެން ހިންގި އޮޕަރޭޝަން ( އޮޕަރޭޝަން ކެކްޓަސް ) ގައި އެމީހުން ކަނޑުމަތިން އަތުލައިގަތީ ޕްލޯޓް ޖަމާޢަތުގެ ކޭމްޕް ހުންނަ ސްރީލަންކާގެ މުއްލިކުލަމް އާއި ދިމާލަށް މިޞްރާބުޖަހާފައި ވަނިކޮށެވެ. ދިވެހި ޚިޔާނާތްތެރިންގެ ތެރެއިން އިސްކޮށް ހުރި ޢަބްދުﷲ ލުތުފީ އާއި ސަގަރު އަޙްމަދު ނާޞިރު ސިފައިންގެ ބެލުމުގެ ދަށަށް ގެނައެވެ. އެއަށްފަހުގައި މި ހާދިސާގެ ތަޙްޤީޤުކޮށް ޝަރީޢަތް ކުރެވުނެވެ. ޝަރީޢަތުން މެރުމަށް ހުކުމްކުރި ހުރިހާ ފަރާތްތަކަކަށް ރައީސުލްޖުމްހޫރިއްޔާ މަޢާފު ދެއްވާ އުމުރަށް ޖަލަށްލުމަށް ހުކުމް ލުއިކޮށްދެއްވިއެވެ. ތަމަޅައިންގެ ތެރެއިން ބައެއް މީހުން ރާއްޖޭގެ އެކިއެކި ރަށްރަށަށް އަރުވާލެވުނެވެ. އޭގެ ތެރެއިން ބައެއް މީހުން އިސްލާމްދީން ޤަބޫލުކޮށްފައިވެސް ވެއެވެ.

އިންޑިއާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ހިންގި އޮޕަރޭޝަނަށްފަހު ބަރާބަރު އެއް އަހަރުވަންދެން ރާއްޖޭގައި އިންޑިއާ ސިފައިން ތިއްބެވެ. ޝަރީޢަތުން ހުކުމްކޮށްފައި ތިބި ތަމަޅަ ހަނގުރާމަވެރިން ދިވެހި ސަރުކާރުން ސްރީލަންކާގެ ސަރުކާރާވަނީ ހަވާލު ކުރައްވާފައެވެ. މި ހާދިސާގައި ދިވެހިންގެ ތެރެއިން ބައިވެރި މީހުންކަމުގައި ޝަރީޢަތަށް ސާބިތުވި ދިވެހިންގެ ތެރެއިން މި ހާދިސާގައި އިސްކޮށް ހަރަކާތްތެރިވި ޢަބްދުﷲ ލުޠުފީ އާއި ސަގަރު އަޙްމަދު ނާޞިރު ފިޔަވާ އެހެން ހުރިހާ ފަރާތްތަކަކަށް ދިވެހި ސަރުކާރުން ވަނީ މަޢާފުދެއްވާފައެވެ.

މި ހާދިސާއަށް ބަލާއިރު، މިއީ ދިވެހި ސިފައިންގެ ހިތްވަރުގަދަކަމާއި ދިވެހި ސިފައިންނަކީ ދީނާ ޤައުމަށްޓަކައި ޖިހާދުކޮށް ޝަހީދުވުމަށް ފަސްނުޖެހޭނެ ބައެއްކަން ސާބިތުކޮށްދިން ހާދިސާއެކެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި މިހާދިސާގެ ސަބަބުން ދިވެހި ސިފައިންނަށް އޮންނަ އިތުބާރާއި ޔަގީންކަން އިތުރުވެގެން ދިޔައެވެ.

މި ދިރާސާ މަސައްކަތަކީ އަޅުގަނޑަށްް ލިބުނު މަޢުލޫމާތުގެ އަލީގައި ކުރެވިފައިވާ ދިރާސާއެކެވެ. މި މަސައްކަތް ކާމިޔާބުކަމާއެކު ނިންމާލުމުގެ ހެޔޮ ތަޢުފީޤު ދެއްވި ކަމަށްޓަކައި ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ޙަމްދާއި ޝުކުރުދަންނަވަމެވެ. އަދި ބިރުވެރިކަމާއި ނާމާންކަމުން މި ލޮބުވެތި ޤައުމު ސަލާމަތް ކުރެއްވުމަށް އެދި ދުޢާކުރަމެވެ. އަބަދުވެސް ދީނާއި ޤައުމުގެ ދިފާޢުގައި ޖިހާދުކޮށް ކާމިޔާބާއި ނަޞްރު ހޯދުމުގެ ހެޔޮ ތަޢުފީޤު ދިވެހި ސިފައިންނަށް ދެއްވާށިއެވެ. އާމީން

------------------------------------------------------------------------------------------

ރިފަރެންސް:

1- ތިނެއް ނޮވެމްބަރުގެ ޢުދުވާނީ ޙަމަލާ / ރައީސް އޮފީސް

2- އައްޑަނަ މަޖައްލާ 2 ވަނަ ޢަދަދު / އެމް.އެން.ޑީ.އެފް

3- އައްޑަނަ މަޖައްލާ 4 ވަނަ ޢަދަދު / އެމް.އެން.ޑީ.އެފް

4- އައްޑަނަ މަޖައްލާ 5 ވަނަ ޢަދަދު / އެމް.އެން.ޑީ.އެފް

5- އައްޑަނަ މަޖައްލާ 6 ވަނަ ޢަދަދު / އެމް.އެން.ޑީ.އެފް

6- ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް މުޙައްމަދު ދީދީ އެންސީއޯ އެކެޑެމީގައި ދެއްކެވި ވާހަކަފުޅު

7- ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު އެންސީއޯ އެކެޑެމީގައި ދެއްކެވި ވާހަކަފުޅު

8- ސިފައިންގެ ތާރީޚް ( އެންސީއޯ އެކެޑެމީގެ ޕްރެސީ )

9- http://www.mndf.gov.mv

10- http://www.militaryphotos.net

11- http://www.bharat-rakshak.com/IAF/History/1988Cactus/Chordia.html

12- http://www.militaryphotos.net/forums/showthread.php?21489-Operation-Cactus-Maldives-1988