Thursday, February 3, 2011

ޤައުމީ ދުވަސް

ޤައުމީ ދުވަސް

· ޕޯޗުގީޒުން، ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަތީ 1 ޝަޢުބާން 965 ހ. (19 މެއި 1558) ގައި

· ޤައުމީ ދުވަހަކީ ރަބީއުލްޢައްވަލް މަހުގެ އެއްވަނަ ދުވަސް ކަމަށް ޤާނޫނު އަސާސީގައި ބަޔާންވެފައިވޭ

· ޕޯޗްގީޒުން ރާއްޖެއަށް ވެރިވީ އޭރު ވެރިކަމުގައި ހުންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން އަވަހާރަކޮށްލުމަށްފަހު.

· ޢަލީ ރަސްގެފާނު ޝަހީދުވީ އިތުރު ޚާދިމަކާއެކު ގިނި ކަންޏާ ކަހަލަ ގޮތަކަށް ހަނގުރާމަ ކުރައްވަމުން ދަނިކޮށް.

· ޕޯޗްގީޒުން ރާއްޖެއަކީ ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވާ އިންޑިއާގެ ގޯވާ އަށް ވަޑައިގެން ނަޞާރާ ދީނަށް ވަންނަވާ ޕޯޗްގީޒުންގެ ކިބައިން އެދިވަޑައިގެންނެވުމުން

· އަދިރި އަދިރިންގެ ފުރިހަމަ ނަމަކީ ކެޕްޓަން މެނުއަލް ޑިސިލްވޭރާ ޑިއަރައުރޯ

· ތާރީޚު ލިޔުންތެރިން ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކުރައްވަނީ ”ދިވެހި ކަނޑުތައް ދިވަހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ“ ދުވަސްވަރެއްގެ ގޮތުގައި

· ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އުތީމު ހުސެއިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ހިތްވަރު. މުޙައްމަދު ތަކުރުފާނާއި، ހަސަން ތަކުރުފާނާއި، ޢަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު ”ކަޅުއޮށްފުންމި“ ކިޔާ އަނގަމަތީ މަސްއޮޑިއެއްގައި ކުރި ހިތްވަރުގަދަ ޖިހާދު

· މިޖިހާދުގައި މުޙައްމަދު ތަކުރުފާނަށް އެތަށް ގޮންޖެހުންތަކަކާއި ކުރިމަތިވި. މީގެ ތެރޭގައި އެތަކުރުފާނުގެ އެއްބަފާ ބޭބޭފުޅު ޢަލީ ތަކުރުފާނު ޝަހީދުވުން.

· އަނދިރި އަނދިރީންގެ ގަޔަށް ބޮޑުތަކުރުފާނު ބަޑިޖައްސަވައި، ރާއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްވީ 1 ރަބީޢުލްޢައްވަލު 981 ހ. (2 ޖުލައި 1573 މ.) ގައި

· ޕޯޗްގީޒުންގެ އަތްދަށުގައި ރާއްޖެ 15 އަހަރާއި 6 މަސްދުވަހު އޮތް

· ދިވެއްސަކަށް ވީތީ މިކަމާމެދު ފަޚުރުވެރިވެ، ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި، ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްތިބި ބަޔަކަށް ވާންޖެހޭ.

· ޤައުމުގެ ޙާލުގެ ދުލުން ގޮވާލެވޭ ހިނދު ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހައި، ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމުކަނޑައަޅަން ޖެހޭ.

· ރާއްޖޭގައި ފުރަތަމަ ޤައުމީ ދުވަހެއް ފާހަގަ ކުރީ 1946 ގައި

· 2011 ވަނަ އަހަރު ފާހަގަ ކުރެވެނީ 66 ވަނަ ޤައުމީ ދުވަސް

· ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވިތާ 437 އަހަރު ވެއްޖެ


· ޤައުމީ ދުވަސް

ޕޯޗުގީޒުންނޭ ބުނުމުން އެއީ ކިހާވަރެއްގެ ނުރައްކާތެރިބައެއްކަން ބައެއް މީހުންނަށް ނޭނގިދާނެ އެވެ. ނަމަވެސް ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި ދިވެހިން 15 އަހަރު ހޭދަކުރި ވާހަކަ ބުނުމުން އެއީ ކިހާ ހިތްދަތި ދުވަސްތަކެއްކަން އެނގިގެންދާނެ އެވެ. ދިވެހިން އެންމެ ގިނަ ދުވަސްތަކެއް ވަންދެން އަޅުވެތިކަމެއްގެ ރަހަ ދެކެން ޖެހުނީ ޕޯޗުގީޒުންގެ އަތްދަށުގައި ތިބެގެންނެވެ. ޕޯޗުގީޒުގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވިތާ 449 އަހަރު ފުރުނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. މިދުވަސް ރާއްޖޭގައި ފާހަގަ ކުރެވެމުން އަންނަތާ މިއަހަރަށް 64 އަހަރު ވަނީ ފުރިފައެވެ. މަދު ދުވަސްކޮޅެއް ނޫން އެހެން ނޫންތޯ އެވެ؟

ރާއްޖޭގައި މިހާރު ފާހަގަ ކުރެވެމުން އަންނަ ދުވަސްތަކުގެ ތެރެއިން އެންމެ ދޮށީ ދުވަހަކީ ޤައުމީ ދުވަހެވެ. އެހެން ނަމަވެސް ރަބީއުލް އައްވަލުމަހުގެ 1ވަނަ ދުވަހަކީ ބަންދު ދުވަހެއްގެ ގޮތުގައި ރަން އަކުރުން ކަލަންޑަރުގައި ފާހަގަކޮށްފައި އޮތުން ފިޔަވާ އިތުރު ކަމެއް މީގެ ކުރިން ފާހަގަ ކުރުމަށް ކުރެވިފައި ނެތް ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރެއެވެ.

ޤައުމީ ދުވަހަކީ ކޮން ދުވަހެއްތޯ ޒުވާނަކު ގާތުގައި އަހަފިނަމަ ޖަވާބު ދިނުމަކީ އެހާ ފަސޭހަކަމެއް ނޫނެވެ. ނަމަވެސް ޕޯޗުގީޒުންގެ އަތްދަށުގައި ދިވެހިން 15 ނުވަތަ 17 އަހަރު ތިބިކަން އެނގޭ ނުވަތަ އެވާހަކަ ދައްކާ މީހުން ވަރަށް ގިނަ އެވެ. ޔޫރޯ ނުވަތަ ވޯލްޑްކަޕްގައި ޕޯޗުގަލް ކުޅޭއިރު މި ސަބަބަށްޓަކާ އެ ޤައުމަށް ސަޕޯޓްކުރަން ބޭނުންނުވާ މީހުންވެސް ބައިވަރު އުޅެއެވެ. އެހެން ނަމަވެސް ނޭނގެނީ މިދެންކަންތައް ގުޅުވާލާށެވެ. ޤައުމީ ދުވަސް ފާހަގަ ކުރަނީ ކީއްވެތޯ ކަމެވެ.

ޤައުމީ ދުވަސް މިއަހަރު ކުލަގަދަކޮށް ފާހަގަ ކުރެވިގެންދާއިރު ކުރީ އަހަރުތަކާ އަޅާ ބަލާއިރު އެކަން ކުރަން އޮތް މުއައްސަސާއަށް ބަދަލެއް އައިސްފައެއް ނެތެވެ. ރާއްޖޭގެ ތާރީޚު އާއްމުންނާއި ހަމައަށް ފޯރުކޮށްދީ މީހުން ހޭލުންތެރިކުރުވުމުގެ ޒިންމާ އޭރުވެސް އަދި މިހާރުވެސް އެޅިފައިވަނީ ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒުގެ ބޮލުގައެވެ. މީގެ ކުރިންވެސް ޤައުމީ ދުވަސް ފާހަގަ ކުރަން ޤައުމީ މަރުކަޒުން އުޅެއެވެ. އެތަނުގެ މުވައްޒަފުންނަށް އެދުވަހަކީ އެނގޭ ދުވަހެކެވެ. ސަބަބަކީ އެތަނުން ކޮންމެ އަހަރަކުވެސް ބައެއް ދުވަހު ނޫސްތަކުގައި ސަޕްލިމެންޓެއް ޝާއިއުކޮށް ކޮންމެވެސް މިނިސްޓަރަކު މެދުވެރިކޮށް ޚިތާބެއް ފޮނުވައެވެ. ނިމިގެން ދިޔަ އަހަރު ޤައުމީ ދުވަސް ފާހަގަ ކުރުމަށް އުތީމުގައި ހާއްސަ ޖަލްސާއެއް ބާއްވާ ތަމްސީލު ކުޅުނު މަންޒަރުވެސް ޓީވީން ފެނިގެން ދިޔައެވެ.

ދިވެހިން ފާހަގަ ކުރާ ދުވަސްތަކުގެ ތެރެއިން ޤައުމީ ދުވަހަށްވުރެ ވަކި މުހިއްމު ދުވަހެއް އެބައޮތް ހެއްޔެވެ؟ އެދުވަހު މުހައްމަދު ތަކުރުފާނުގެ ހިތްވަރު ނުފެނުނުނަމަ ދިވެހިންނަށް ވާނީ ކިހިނެތް ހެއްޔެވެ؟ އަދިވެސް އޮންނާނީ އެ އަޅުވެރިކަންމަތީގައި ބާވައެވެ؟ މިއީ ހައްތާވެސް ސުވާލެވެ.

ކުރީގެ ސަރުކާރުން މުހިއްމު ދުވަސްތަކުގެ ތެރެއިން އެންމެ އަޅާ ނުލާ އޮތް ދުވަހަކީ ޤައުމީ ދުވަހެވެ. މިނިވަން ދުވަސް ފާހަގަ ކުރަން މަގުމަތީގައި ކުޅިވަރުތައް ބާއްވާ ހުރިހާ ބޮޑުންނަށް ރައީސް ދެއްވާ ޖާފަތެއް އޮވެއެވެ. ޖުމްހޫރީ ދުވަހާއި ގުޅުވައިގެން އާއްމު ޚިދުމަތުގެ އިނާމު ދިނުމަށް ބޮޑު ޖަލްސާއެއް ބާއްވައެވެ. ނަމަވެސް ޤައުމީ ދުވަހަކީ ހަމައެކަނި ސަރުކާރު މުވައްޒަފުންނަށް ޗުއްޓީ ދުވަހެއްގެ ލަގަބު ފިޔަވާ އެހެން ލަގަބެއް ނެތެވެ.

ނަމަވެސް މިފަހަރު މަންޒަރު ބަދަލުވެއްޖެ އެވެ. އާ ސަރުކާރުން ޤައުމީ ދުވަހަށް ބޮޑު އަހަމިއްޔަތުކަމެއް ދީފިއެވެ. މިފަހަރުގެ ޤައުމީ ދުވަސް އަންނަކަން މަހެއް ކުރިން އިއުލާންކޮށް ޓީވީ އާއި ރޭޑިއޯއިން ކެމްޕޭން ފަށައިފި އެވެ. މިދިޔަ ދުވަސްތަކުގައި ޓީވީ އާއި ރޭޑިއޯއިން ޤައުމީ ދުވަހުގެ ވާހަކަތައް ފަތުރާފައިވަނީ ދުވަހެއް ޕްރޮމޯޓްކުރަން މީގެ ކުރިން މަސައްކަތްކޮށްފައިނުވާ މިންވަރަށެވެ. އެހެންކަމުން ޤައުމީ ދުވަހަށް އެންމެން ހޭލުންތެރިވެއްޖެ އެވެ. މިދިޔަ 64 އަހަރު ތެރޭގައި ޤައުމީ ދުވަސް އެނގުނު މީހުންނަށްވުރެ މިއަހަރު އެކަނި ޤައުމީ ދުވަސް އެނގުނު މީހުން ގިނަވެއްޖެ އެވެ. އެހެންކަމުން ހުރިހާ ގޮތަކުން ބަލާއިރުވެސް މިފަހަރުގެ ޤައުމީ ދުވަސް ޤައުމު ބައިވެރިވެގެން ފާހަގަ ކުރަ ދުވަހަކަށް ހެދުމަށް ކުރެވުނު މަސައްކަތަށް ސާބަސްދޭން ޖެހެއެވެ.

މިފަހަރުގެ ޤައުމީ ދުވަސް ފާހަގަ ކުރުމަށް ބޭއްވުނު ހިނގާލުމަކީ ދުވަސް ކުލަގަދަ ކުރުމަށް އެކި ފަރާތްތަކުން ކުރި މަސައްކަތުގެ އަލިގަދަ ހެއްކެކެވެ. ޤައުމީ ދުވަސް މަތިން ދިވެހިން ހަނދާން ނެތިފައި ތިއްބާ ދިއްލާލި ވަރުގަދަ ބައްތިއަކުން މާޒީ ހަނދާން ވެއްޖެ އެވެ. މާޒީގެ ސަފުހާތަކުން 449 އަހަރު ކުރިއަށް ދިވެހިން ދަތުރުކޮށްފި އެވެ. މި ޖީލު ފުރަތަމަ ފަހަރަށް ޤައުމިއްޔަތުގެ އުފާ ހާސިލުކޮށްފި އެވެ.

މިފަހަރު ކުރެވުނު މަސައްކަތުން ރަބީއުލްއައްވަލުމަހުގެ 1ވަނަ ދުވަހަކީ ކޮން ދުވަހެއްކަން ދުވަސްތަކަކަށް ދިވެހިން ހަނދާން ހުންނާނެ އެވެ. މި ހިސާބުން މިކަން ނިންމާލެވޭކަށް ނެތެވެ. ޤައުމިއްޔަތުގެ އިތުރު ހަރުފަތްތަކަކަށް ދިވެހިން ގެންދޔުން އަދި އޮތީ އެވެ.

މިއަދަކީ ދިވެހިރާއްޖޭގެ ޤައުމީ ދުވަހެވެ. ޤައުމީ ދުވަހުގެ ގޮތުގައި ފާހަގަކުރެވެނީ ކޮންމެ އަހަރެއްގެވެސް ރަބީއުލްޢައްވަލު މަހުގެ 1ވަނަ ދުވަހެވެ. 1946ވަނަ އަހަރުން ފެށިގެން ރަސްމީގޮތުން ފާހަގަކުރަންފެށި ޤައުމީ ދުވަހަކީ ޕޯޗުގީޒުންގެ 15 ވަރަކަށް އަހަރުވީ އަނިޔާވެރި ވެރިކަމުން އުތީމު މުޙައްމަދުތަކުރުފާނު ދިވެހިރާއްޖެ ސަލާމަތްކުރެއްވި ހާދިސާގެ ހަނދާން އާކުރުމުގެ ގޮތުން ފާހަގަކުރެވޭ ދުވަހެކެވެ. މިފަހަކަށް އައިސް ޤައުމީ ދުވަސްފަދަ ޤައުމީ މުހިންމު ދުވަސްތައް ފާހަގަކުރުމުގައި އާންމުގޮތެއްގައި ފެންނަނީ ޤައުމީ ދިފާޢީ ބާރާއި, ސްކޫލުތަކުން ގުޅިގެން ހެވިކަމުގެ ހިނގާލުންތަކެއް ބޭއްވޭތަނެވެ. ނަމަވެސް ޤައުމީ ދުވަސް ފާހަގަކުރަމުން ދާއިރު, މިއީ އެފަދަ މުހިންމު ޤައުމީ ދުވަހެއް ފާހަގަކުރުމަށް އެންމެ އެކަށީގެންވާ ގޮތްތޯ އަޅުގަނޑުމެން ވިސްނާލަންޖެހެއެވެ. 16ވަނަ ޤަރުނުގައި ”ކަނޑުގެ ބާޒު“ ގެ ނަމުން މަޝްހޫރުވެފައިވާ ޕޯޗުގީޒުން ދިވެހިރާއްޖޭގެ މައްޗަށް އަތްގަދަކުރުމަށްޓަކައި, 1 ޝަޢުބާން 965 ހ. (19 މެއި 1558) ގައި, އޭރު ވެރިކަމުގައި ހުންނެވި އައްސުލްޠާން ޢަލީ (6 ވަނަ) ސިރީ އައުދަ ސިޔަކަ ކައްތިރި މަހާރަދުން އަވަހާރަކޮށްލިއެވެ. އަދި އެބައިމީހުންގެ އަނިޔާވެރި ވެރިކަން ދިވެހިރާއްޖޭގައި ފެށިއެވެ. މިހާދިސާގެ ތެރެއިން ފާހަގަކޮށްލަންޖެހޭ އެންމެ މުހިންމު އެއްކަމަކީ, ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއެރި ކޮންމެ ހާދިސާއެއްގައި ކަންހިނގާފައިވާ ގޮތަށް, މިހާދިސާގެ ފަހަތުގައިވެސް ދިވެހި ޚާއިނުންތަކެއްގަ އަތެއްވާކަމެވެ. އަނިޔާވެރިކަމުގައި ހައްދުފަހަނައަޅައި ގޮސްފައިވާ ކެޕްޓަން މެނުއަލް ޑިސިލްވޭރާ ޑިއަރައުރޯ (އަނދިރި އަނދިރިން) ގެ އަތްދަށަށް ދިވެހިރާއްޖެ ދިއުމުގެ މައިގަނޑު ސަބަބަކީ ހިލާލީ ދަރިކޮޅުގެ 9ވަނަ ހަސަން ރަސްގެފާނު, ރަސްކަމުގެ ކޮއިލުތެރޭގައި ޖެހުނު މައްސަލައަކާއި ގުޅިގެން ރާއްޖެ ދޫކޮށް އިންޑިޔާގެ ގޯވާއަށްގޮސް, ނަޞާރާދީނަށް ވަދެ, ދިވެހިރާއްޖޭގެ ވެރިކަން އަލުން ހޯދުމަށްޓަކައި ޕޯޗުގީޒުންގެ އެހީއަށް އެދުމެވެ.

ވެރިކަމުގެ ދަހިވެތިކަމުގައި ހަސަން ރަސްގެފާނު ކުރެއްވި މިޢަމަލުގެ ސަބަބުން 15 އަހަރާއި 6 މަހުގެ މުއްދަތަކަށް ދިވެހިރާއްޖެ ޕޯޗުގީޒުންގެ އަތްދަށުގައި ހޭދަކުރިއެވެ. ތާރީޚު ދިރާސާކުރައްވާ ބޭފުޅުން ޕޯޗުގީޒުންގެ އަނިޔާވެރި ވެރިކަމުގެ ދުވަސްވަރު ސިފަކުރައްވަނީ ”ދިވެހި ކަނޑުތައް ދިވަހި ދަރީންގެ ލެއިން ރަތްވެގެން ދިޔަ“ ދުވަސްވަރެއްގެ ގޮތުގައެވެ. މިޙާދިސާއިން މިއަދު އަޅުގަނޑުމެން ޢިބުރަތް ޙާސިލުކުރަން ޖެހެއެވެ. ދިވެހިންގެ ތެރެއިން އިތުރު ޚާއިނުންތަކެއް އުފެދުމުގެ ފުރަސަތު ނުދިނުމަށް މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންޖެހެއެވެ. ދިވެހިންގެ މެދުގައި މިއޮތް އެއްބައިވަންތަކަމާއި އެއްބަނޑު އެއްބަފާކަން ދެމެހެއްޓުމަށް މިއަދު އަޅުގަނޑުމެން ޢަޒުމު ކަނޑައަޅަންޖެހެއެވެ. މާތްވެގެންވާ އިސްލާމްދީން ނޫން އެހެން ދީނަކަށް މިރާއްޖެއިން ފުރުސަތު ނުދިނުމަށް ޢަޒުމު ކަނޑައަޅަންޖެހެއެވެ.

ޕޯޗުގީޒުންގެ އަނިޔާވެރިކަމުން ދިވެހިން ސަލާމަތްވުމަށް މެދުވެރިވި މައިގަނޑު ސަބަބަކީ އުތީމު ހުސެއިން ޚަތީބު ތަކުރުފާނުގެ ތިން ދަރިކަލުންގެ ހިތްވަރެވެ. މުޙައްމަދު ތަކުރުފާނާއި, ހަސަން ތަކުރުފާނާއި, ޢަލީ ތަކުރުފާނު ދެހާޖީންނާއި ދަންޑަހެލާއެކު ”ކަޅުއޮށްފުންމި“ ކިޔާ އަނގަމަތީ މަސްއޮޑިއެއްގައި ކުރި ހިތްވަރުގަދަ ޖިހާދެވެ. މިޖިހާދުގައި މުޙައްމަދު ތަކުރުފާނަށް އެތަށް ގޮންޖެހުންތަކަކާއި ކުރިމަތިވިއެވެ. މީގެ ތެރޭގައި އެތަކުރުފާނުގެ އެއްބަފާ ބޭބޭފުޅު ޢަލީ ތަކުރުފާނު ޤަތުލުކޮށް, އެތަކުރުފާނުގެ އިސްތަށިފުޅު ހަށިކޮޅާއި ވަކިކޮށްލުން ހިމެނެއެވެ. އެހެންނަމަވެސް މިހުރިހާ ކަމަކާއި މުޙައްމަދު ތަކުރުފާނު ކުރިމަތިލެއްވިއެވެ. އަދި ހިތްވަރުގަދަ ޖިހާދަކަށްފަހު އަނދިރި އަނދިރީންގެ ގަޔަށް އެމަނިކުފާނު ބަޑިޖައްސަވައި, 1 ރަބީޢުލްޢައްވަލު 981 ހ. (2 ޖުލައި 1573 މ.) ގައި ޕޯޗުގީޒުންގެ ކިބައިން ދިވެހިރާއްޖެ މިނިވަން ކުރެއްވިއެވެ. މިއީވެސް އަޅުގަނޑުމެން ޢިބުރަތުގެ ނަޒަރަކުން ބަލާ, ވިސްނަންޖެހޭފަދަ ޙާދިސާއެކެވެ. ދިވެއްސަކަށް ވީތީ މިކަމާމެދު ފަޚުރުވެރިވެ, ދިވެހި ކޮންމެ ދަރިއަކީވެސް ޤައުމަށްޓަކައި, ޤައުމުގެ ކޮންމެ ގޮވާލުމަކަށް އިޖާބަދޭން ތައްޔާރަށްތިބި ބަޔަކަށް ވާންޖެހެއެވެ. ޤައުމުގެ ޙާލުގެ ދުލުން ގޮވާލެވޭ ހިނދު ޤައުމު ތިމާއަށް ކޮށްދިނީ ކޮންކަމެއްތޯ ނާހައި, ތިމާއަށް ޤައުމަށް ކޮށްދެވޭނީ ކޮންކަމެއްތޯ އަހާނެ ބަޔަކަށްވާން ޢަޒުމުކަނޑައަޅަން ޖެހެއެވެ.

ދިވެހިރާއްޖޭގައި ޤައުމީ ދުވަސް ފާހަގަކުރެވެނީ މިޙާދިސާގެ ހަނދާންއާކޮށް, ޢިބުރަތް ލިބިގަތުމަށް ކަމުގައިވިއަސް, ދުނިޔޭގެ އެހެން ޤައުމުތަކުގައި މިކަން އޮންނަގޮތް ކޮންމެވެސް ވަރަކަށްތަފާތެވެ. މިގޮތުން ބަލާއިރު, ސްޕެއިނުން އެޤައުމުގެ ޤައުމީ ދުވަސް ފާހަގަކުރަނީ ކްރިސްޓޮފަރ ކޮލަމްބަސް އިންޑިޔާއަށް ދިއުމަށް ކުރި ދަތުރުގެ ތެރޭގައި އޭނާއަށް ފުރަތަމަ ފަހަރަށް އެމެރިކާ ހޯދުމުގެ މުނާސަބާ ފާހަގަކުރުމުގެ ގޮތުންނެވެ. އެމެރިކާއިން އެޤައުމުގެ ޤައުމީ ދުވަސް ފާހަގަކުރަނީ, އިނގިރޭސިވިލާތުގެ އިސްތިޢުމާރީ ބާރުތަކުގެ ކިބައިން 1775ގައި އެޤައުމު މިނިވަންވުން ފާހަގަކުރުމުގެ ގޮތުންނެވެ. އަވަށްޓެރި އިންޑިޔާއިން ޤައުމީދުވަހުގެ ގޮތުގައި ފާހަގަކުރަނީ 1950ވަނަ އަހަރު އެޤައުމުން އާ ޤާނޫނު އަސާސީއަށް ޢަމަލުކުރަން ފެށުމުގެ ސަބަބުން އެމީހުންނަށް ޑިމޮކްރަސީ ލިބުން ފާހަގަކުރުމުގެ ގޮތުންނެވެ. މިޤައުމުތަކުން ޤައުމީ ދުވަސް ފާހަގަކުރުމުގެ ގޮތުން މައިގަނޑުގޮތެއްގައި ކުރާ ކަމަކީ ހެވިކަމުގެ ޕެރޭޑުތައް ބޭއްވުމެވެ. އެހެންނަމަވެސް ފާހަގަކޮށްލަންޖެހޭ ކަމަކީ މިޤައުމުތަކުގައި ޤައުމީ ދުވަސް ފާހަގަކުރުމަށް އިންތިޒާމުކުރެވޭ ހަރަކާތްތަކުގައި ކުޑަކުދިން ވީހާވެސް ގިނައިން ބައިވެރިކުރުމަށް އިސްކަންދޭކަމެވެ. މިއަދުގެ ކުދަކުދިންނަކީ މާދަމާ ޤައުމުގެ ކުރިއެރުމަށް މަސައްކަތްކުރަން ތިބޭ ޒުވާނުންނަށް ވާތީ, ކުޑަކުދިންގެ ހިތްތަކުގައި ޤައުމީ ލޯބި ޖެއްސުމަށްޓަކައި އެޤައުމުތަކުން މަސައްކަތްކުރާކަމެވެ.

ރާއްޖޭގައި ޒަމާނުއްސުރެ ޤައުމީ ދުވަސް ފާހަގަކުރުމަށް ގެންގުޅުނު ސަޤާފަތަށް މިއަހަރު ބަދަލު ގެނެވިފައިވާކަމަށްޓަކައި އަޅުގަނޑުމެން އުފާކުރަންޖެހެއެވެ. މިނިސްޓްރީ އޮފް ހޯމްއެފެއާޒާއި, ޓެލެވިޒަން މޯލްޑިވްސްއާއި, ދިވެހިރާއްޖޭގެ އަޑު, އަދި ދިވެހިބަހާއި ތާރީޚަށް ޚިދުމަތްކުރާ ޤައުމީ މަރުކަޒު ގުޅިގެން ”ހިނގާދަމާ“ ގެ ނަމުގައި ޤައުމީ ހިނގާލުމެއް ބޭއްވުމަކީ އެދެވޭ ބަދަލެކެވެ. މިކަން ވެގެންދާނީ ދިވެހި ދަރީންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޖޯޝް އަށަގެންނެވުމަށް ލިބޭ ރަނުގެ ފުރުސަތަކަށެވެ. އެކިއެކި މުއައްސަސާތަކުގެ އިތުރުން ގިނަ ޢަދަދެއްގެ ޢާންމުންނާއި ކުޑަކުދިން މިހިނގާލުމުގައި ބައިވެރިވެ, ދިވެހިންނަކީ އެއްބައިވަންތަ ބައެއްކަން ދައްކައިދިނުމަކީ މިފަދަ ދުވަހެއްގައި ވަރަށްވެސް ބޭނުންތެރިކަމެކެވެ.