Tuesday, July 11, 2023

ފްރީ ޑައިވަރުންގެ ހިތާމަވެރި ދެ މަރު


 

ޢަބްދުﷲ ސަޢީދު

 

ފްރީ ޑައިވްކުރުމާއި ފްރީ ޑައިވްކޮށްގެން މަސް ހިފުން ޒުވާނުންގެ މެދުގައި ވަރަށް މަގުބޫލެވެ. ތަމްރީނު ހަދައިގެން ޕްރޮފެޝަނަލްކޮށް ފްރީ ޑައިވްކުރާ ޒުވާނުން ރާއްޖޭގައި އަންނަނީ އިތުރުވަމުންނެވެ. އެ ފަރާތްތަކުން މީސް މީޑިއާއަށް ދޫކޮށްލާ ފޮޓޯތަކުން އެ ފަރާތްތަކުގެ ކުޅަދާނަކަން އެނގެއެވެ. ހިފާފައި ހުންނަ ބޮޑެތި ބިޔަ މަސްތަކާއެކު ނަގާފައިވާ ފޮޓޯތަކުން އެކަމަށް ހެކިދެއެވެ. ފްރީ ޑައިވްކުރުމާއި ފްރީ ޑައިވްކޮށްގެން މަސް ހިފުމަށް ޒުވާނުންގެ މެދުގައި ވަރަށް ބޮޑު ލޯތްބަކާއި ޝައުޤުވެރިކަމެއް އޮއްވައި ވަރަށް ކައިރިކައިރީގައި ފްރީ ޑައިވްކުރާ ދެ ޒުވާނަކު މިވަނީ ނިޔާވެފައެވެ. އެއީ ހިތާވެރި ދެ މަރެވެ. އެކަން އެކުވެރި ރަޙުމަތްތެރިން މީސް މީޑިއާއަށް ކަރުނައާއެކު ބަންޑުކޮށްލި އިޚްލާޞްތެރި ތަޢުޒިޔާއާއި ހެޔޮއެދުމުގެ ޝުޢޫރުތަކުން އެކަނި ވެސް އެނގެއެވެ.

 

ރާއްޖޭގެ ޖެވެލިން ޗެމްޕިއަން އަދި ދުވުންތެރިޔާ، އުމުރުން 34 އަހަރުގެ ސްޓާފް ސާޖެންޓް ޔައުޤޫބު އަޙްމަދު ނިޔާވީ މި އަހަރުގެ މާރިޗު މަހުގައެވެ. ސިފައިންގެ ކުޅަދާނަ އެތުލީޓެއް ކަމަށް ޔައުޤޫބު ނިޔާވީ ކ. އެނބޫދޫ ފަޅަށް މަސް ހިފަން ގޮސް އުޅެނިކޮށެވެ. އެ ހިތާމަވެރި ހާދިސާއަށް މިވީ ހައެއްކަ މަހެވެ. ޚަބަރު މި ލިބުނީ ފީނަން ގޮސް އުޅުނު ފްރީ ޑައިވްކުރާ ކުޅަދާނަ މޮޅު ޑައިވަރަކު މި ސެޕްޓެންބަރު 21 ވަނަ ދުވަހު ނިޔާވި ހިތްދަތި ޚަބަރެވެ. އެއީ

މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގައި މަސައްކަތް ކުރަމުންދިޔަ އުމުރުން 24 އަހަރުގެ ޝައްފާން ރަޝީދެވެ.

 

މި ދެ ޒުވާނުންނަކީ ވެސް ޒިންމާދާރު ވަޒީފާތަކުގައި އުޅުނު ހަރުދަނާ ދެ ޒުވާނުންނެވެ. އަދި ފްރީ ޑައިވް ކުރުމުގެ ތަމްރީނުތައް ހަދާފައިވާ، އެ ރޮނގުން ރާއްޖެއިން ފާހަގަ ކޮށްލެވޭ ދެ ޒުވާނުންނެވެ. އެ ފެންވަރުގެ ދެ ޑައިވަރަކު ކުއްލި ގޮތަކަށް ވަކިވެގެން ދިއުމަކީ މިކަމާމެދު ހިތުގައި ސުވާލުތަކެއް އުފެއްދިކަމެކެވެ. ފްރީ ޑައިވް ކުރުމާ ބެހޭ މަޢުލޫމާތު ހޯދާލަން ޝައުޤުވެރިކަން އުފެއްދި ސަބަބެކެވެ.

 

ފްރީ ޑައިވް ކުރުމަކީ ވައިފުޅި ބޭނުންނުކޮށް އަމިއްލަ ނޭވާ ކޮންޓްރޯލް ކޮށްގެން ފުނަށް ފީނުމެވެ. ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ މަރުކަޒުތަކުން ފްރީ ޑައިވްކުރުމުގެ ތަމްރީނުދީ ދަރަޖަކުރެއެވެ. މި ތަމްރީނުތަކުގައި ނޭވާ ކޮންޓްރޯލްކޮށްގެން ފީނުމުގެ ހުނަރުތައް ދަސްކޮށްދެއެވެ. އެ ތަމްރީނުތަކާއެކު ސަލާމަތާއި ރައްކާތެރިކަމުގައި ބަލަންޖެހޭ ކަންތައްތަކާއި ޢަމަލުކުރަންޖެހޭ ކަންތައްތައް އުގަންނައި ދެއެވެ. ފަސްޓްއެއިޑް ވެސް ދަސްކޮށް ދެއެވެ. ޚާއްޞަކޮށް ފްރީ ޑައިވްކުރުމުގެ ތެރޭގައި ދިމާވާ ބްލެކްއައުޓްވާ ހާލަތްތަކުގައި ޢަމަލުކުރާނެގޮތް ކިޔަވައިދީ ތަމުރީނު ކުރެއެވެ.

 

ބްލެކްއައުޓް ވުމަކީ އަޑީގައި އޮއްވައި ފީނާ މީހާގެ ހެއަށް ގޮތްވުމޭ ބުނެވިދާނެއެވެ. އެ ހިނދު އޭނާ ސަލާމަތްކުރުމުގެ އެންމެ މުހިންމު ޒިންމާއެއް އަދާކުރަން ޖެހެނީ އޭނާގެ ބަޑީއެވެ. ނުވަތަ އޭނާއާއެކު ޑައިވްކުރާ ބައިވެރިޔާއެވެ. ފްރީ ޑައިވް ކުރުމަކީ ދެ މީހުން ނުވަތަ އެއަށްވުރެ ގިނަ ބަޔަކު އެކުވެގެން ފީނާ ފީނުމެކެވެ. ފްރީ ޑައިވް ކުރާއިރު އެކަކު އަޑިއަށް ދާއިރު އޭނާގެ ބަޑީ އޮންނަނީ އޭނާއަށް ކަމެއް ދިމާވެއްޖެނަމަ އެހީތެރިކަން ފޯރުކޮށްދިނުމަށް އެ މީހަކަށްވުރެ ތަންކޮޅެއް މަތީގައި ފާރަވެރިއަށެވެ. ރާއްޖޭގައި ވައިފުޅި ނާޅާ ފްރީ ޑައިވްކޮށްގެން 40 މީޓަރަށްވުރެ ފުނަންދާ ޒުވާނުން އުޅެއެވެ. ރާއްޖެއިން ފްރީ ޑައިވިންގެ ދުނިޔޭގެ ރެކޯޑް 521 މީހުންނާއެކު 2019 ވަނަ އަހަރު ވަނީ ހަދާފައެވެ.

 

ފްރީ ޑައިވަރުން ޑައިވް ތެރޭގައި މަރުވުމުގެ ހާދިސާ ރާއްޖޭން ބޭރުގައި ވެސް ހިނގައެވެ. ރާއްޖެ އަންނަ ބައެއް ފަތުރުވެރިން ވެސް ފްރީ ޑައިވްގެ ތެރޭގައި މަރުވެފައިވެއެވެ. މިފަދަ ގިނަ ހާދިސާތައް ހިނގާފައި ހުންނަނީ ފްރީ ޑައިވްކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތަކަށް އިޙުތިރާމު ނުކުރެވިގެންނެވެ. އެންމެ ގިނައިން ހިތާމަވެރި ހާދިސާތައް ހިނގަނީ އެކަނި ފީނުމުގެ ސަބަބުނެވެ. އެހެން މީހަކު ނުވަތަ ބަޔަކާ އެކު ގޮސް ވެސް، އެކަނި މާ ފުނަން ފީނުމަކީ ހިތާވެރި ހާދިސާތައް ހިނގާ ސަބަބެކެވެ.

 

ފްރީ ޑައިވްކުރާ މީހުން ބްލެކްއައުޓް ވުމަކީ ހިނގާކަމެކެވެ. އެ ވަގުތު އޭނާއަށް އެހީތެރިކަން ދެވިއްޖެނަމަ ފުރާނަ ސަލާމަތް ކުރެވެއެވެ. ކަނޑުފަޅުތަކަށް ފަރިތަވެފައި މޫދަށް ގަދަވެފައި ފަތަން ކިތަންމެ މޮޅަސް އަދި ކިތަންމެ ފިޓަސް ފްރީ ޑައިވް ކުރާއިރު ޢަމަލުރަންޖެހޭ ގޮތްތަކަކާއި ހިފަހައްޓަންޖެހޭ އުސޫލުތަކެއް ހުރެއެވެ. ފްރީ ޑައިވްކުރާ ރާއްޖޭގެ ދެ ޒުވާނުން ނިޔާވީ ސީދާ ކިހިނެތް ވެގެން ކަމެއް ދަންނަވާކަށް ނޭނގެއެވެ. މަރަކީ ކޮންމެ ވަގުތަކު ވެސް ދެކެން ޖެހިދާނެ ރަހައެކެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ވަކިވެގެން އެ ދިޔައީ ވަރަށް ޒިންމާދާރު ދެ ޒުވާނުންނެވެ. މިކަމުގައި ދިރިތިބީންނަށް އޮތީ ހެޔޮ ދުޢާކުރުމާއި އިބުރަތް ހާސިލު ކުރުމެވެ. (ނިމުނީ)

No comments: