Saturday, October 9, 2010

ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ "ބާރު"

 ޢަބްދުﷲ ސަޢީދު

 

ސިފައިންގެ މީހަކާއި އާންމު ރައްޔިތަކާ ހުންނަ ތަފާތަކީ ކޮބާހެއްޔެވެ؟ އާންމު ރައްޔިތަކާއި ސިފައިންގެ މީހަކާ ބާރުގެ ގޮތުން ތަފާތުވާން ޖެހެނީ ކިހާ މިންވަރަކަށް ހެއްޔެވެ؟  ސިފައިންގެ މީހެއް ކިބައިގައި ބާރު ހުންނަންޖެހެނީ ކީއްވެހެއްޔެވެ؟ ކިހާ މިންވަރަކަށް ހެއްޔެވެ؟ ކީއްކުރަން ހެއްޔެވެ؟ ދިވެހި ބަހުގައި ބާރު 13 ގޮތަކަށް މާނަ ކުރެއެވެ. އެހެންކަމުން ސުވާލަކީ ދިވެހި ސިފައިންނަށް ނިސްބަތްކުރާއިރު ބާރު މިބަސް މާނަ ކުރެވެނީ ކޮންގޮތަކަށް ހެއްޔެވެ؟ ބާރޭ ބުނުމުން ކުއްލިއަކަށް އަޅުގަނޑުމެންގެ ހިތަށް ސިފަވެގެންދާގޮތާއި ސިފައިންނަށް މިބަސް ނިސްބަތްކުރާއިރު މާނަ ކުރެވޭ ގޮތުގެ ތަފާތަކީ ކޮބާހެއްޔެވެ؟

 

ދިވެހިބަހުގައި ބާރު

      ދިވެހިބަސްފޮތުގައި ބާރުގެ މާނައިގެ ގޮތުގައި ހަކަތަ، ގަދަފަދަ، ވާން، ތަކެތި ކޮށްޕުމާއި ދަމައިގަތުމާއި އުފުލުމުގެ ވާގި، ހަލުއި، ހެދުން ފަދަ ތަކެތި ހެޔޮވަރު ނުވެގެންވާ ދަތި، ދޮރުފަދަ ތަކެތި ވަރުނުވެގެންވާ ތާށި، އެއްޗެއްގެ ތެރެއަށް އެއްޗެއް ވަދެގެންވާ ތާށި، ވަޔާއި އޮޔާއި ކަނޑާއި އަޑުފަދަ އެއްޗެތިވާ ގަދަ، އިންޖީނުފަދަ ތަކެތީގެ ހިނގުންވާ މަތި، މަޑުގެ އިދިކޮޅު، އިސްކުރު ބޯލްޓް ފަދަ އެއްޗެހި ޖަހައި ކުރާހިމުން އަދި މަތިގަނޑު އުނގުރި ފަދަ އެއްޗެހި ޖަހައި ކުރާ ހަރުވެސް ހިމެނެއެވެ.

      ދިވެހިބަހުގައި ބާރު މިބަސް މާނަކޮށްފައިވާ ގޮތްތަކާއި ސިފައިންގެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ބާރު މާނަކުރެވޭ ގޮތުގައި ތަފާތުތަކެއް އެބަހުއްޓެވެ. އެހެންކަމުން ސިފައިންނަށް ނިސްބަތްކުރާއިރު ދިވެހިބަހުގެ ރަދީފުގައި މިހާރު މިބަސް މާނަކުރެވިފައިވާ މިންވަރުން ނުފުދޭކަމާއި އެއަށްވުރެ ފުޅާ ދާއިރާއެއްގައި ބާރު މާނަކުރަންޖެހޭކަން ފާހަގަ ކުރެވެއެވެ.  

 

ބާރު، ސިފައިންނަށް ނިސްބަތްކުރާއިރު

      ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ބާރާއި ސިފައިންގެ މީހަކަށް ވީތީ ލިބިދޭ ބާރަކީ ތަފާތު ދޭއްޗެކެވެ. ސިފައިންގެ މީހަކަށްވީތީ ޤާނޫނީ ގޮތުން ޙަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތު އުފުލުމަށްޓަކައި އެކަމުގެ ބާރު ލިބިދީފައިވަނީ ޤާނޫނުންނެވެ. އެބާރާއި ސިފައިންގެ މީހެއްގެ ނަފްސުގައި އަށަގަންނުވާ ހަރުލައްވާ ދަމަހައްޓަންޖެހޭ ބާރަކީ ތަފާތު ބާރަކަށްވިޔަސް މިއީ ސިފައިންގެ މީހެއްގެގޮތުން އުފުލަންޖެހޭ އެންމެހާ ޒިންމާތަކަށްބަލާއިރު ވަކިނުކުރެވޭނެ ދޭއްޗެކެވެ. ސިފައިންގެ މަސްއޫލިއްޔަތާއި ވާޖިބު ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންވެފައިވެއެވެ. ޤާނޫނު އަސާސީގައި އެންމެ ބޮޑު ޒިންމާއެއް ހަވާލުކޮށްފައިވަނީ ދިވެހި ސިފައިންނާއެވެ. އެ ޒިންމާ އަދާކުރުމަށް ސިފައިންނަށް ލިބިދީފައިވާ ޤާނޫނީ ބާރުގެ އިތުރުން ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ބާރުގެ މުހިންމުކަން ހަނދާންނައްތާލައިގެން ނުވާނެއެވެ.

 

ޖިސްމާނީ ބާރު

ސިފައިންގެ މީހެއްގެ ކިބައިގައި ޖިސްމާނީ ބާރު ނުވަތަ ހަށިގަނޑުގެ ހަކަތަ ހުންނަންޖެހެއެވެ. ސިފައިންނަކީ ދީނީ އަދި ޤައުމީ ވަރަށް މުހިންމު މަސްއޫލިއްޔަތުތަކެއް ހަވާލުވެފައިވާ ބަޔަކަށްވީހިނދު ސިފައިންވާންޖެހެނީ ޤާނޫނީ ގޮތުން ހަވާލުވެފައިވާ މަސްއޫލިއްޔަތާއި ވާޖިބު އަދާކުރެވޭވަރުގެ ޖިސްމާނީ ބާރު ލިބިގެންވާ ބަޔަކަށެވެ. ސިފައިންގެ މީހެއްގެ ހަށިގަނޑުގައި ހުންނަންޖެހޭ ފަންވަރާއި ހަކަތަ ހިމެނެނީ ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޖިސްމާނީ ބާރުގެ ތެރޭގައެވެ.

 

ނަފްސާނީ ބާރު

ވިސްނުމާއި ފިކުރުގެ ޤާބިލުކަން ބިނާވަނީ އެމީހަކު އެމީހެއްގެ ވިސްނުމާއި ފިކުރަށް ފޯރުވާ ބާރުގެ މިންވަރަށެވެ. ކަންތައްތަކާމެދު ވިސްނާގޮތާއި މައްސަލަތަކުގެ މައްޗަށް ޙައްލު ހޯދުމުގެ ޤާބިލުކަމަކީ ވިސްނުމާއި ފިކުރަށް ފޯރުވާ ބާރުން ބަދަލު އަންނަ ކަމެކެވެ. ކަންބޮޑުވެ ހާސްވާ ވަގުތުތަކުގައިވެސް ރަނގަޅު ގޮތް ނިންމުމާއި ލިބޭ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމާއި ރަނގަޅު ގޮތްތަށް ތަނަވަސްކުރުމަށް މަސައްކަތްކުރެވޭ މިންވަރު ބިނާވެގެންވަނީވެސް ވިސްނުމާއި ފިކުރުގެ މައްޗަށް އެމީހަކު ފޯރުވާ ބާރުގެ މައްޗަށެވެ.

 

ރޫޙާނީ ބާރު

ހެވާއި ނުބައި ވަކިކޮށް ދެނެގަތުމާއި ގޯސްކަމެއް ކުރިމަތިވާހިނދު ނުވަތަ ޤަވާޢިދާ އުސޫލުތަކާއި ހަމަތަކާ ޚިލާފު ކަންކަން ކުރިމަތިވާހިނދު އެކަމެއް އިޞްލާޙު ކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރު ލިބެނީ އެމީހެއްގެ ކިބައިގައި ހުންނަ ރޫޙާނީ ބާރުގެ ސަބަބުންނެވެ. ދީނީ ގޮތުން ޙަރާމް ކުރައްވާފައިވާ ކަންތައްތަކާއި ނަހީ ކުރައްވާފައިވާ ކަންތައްތަކުން ދުރުހެލިކޮށްދެނީ އެމީހެއްގެ އަޤީދާގެ ސާބިތުކަމުންނާއި ހަވާ ނަފްސުގެ މައްޗަށް އެމީހަކަށް ބާރު ފޯރުވޭ މިންވަރަކުންނެވެ. ދިވެހި ސިފައިން ހުވާކޮށްގެން ޚިދުމަތުގައި ދެމިތިބެނީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އިސްލާމްދީން ދިފާޢުކުރުމުގެ މަތިވެތި ޢަޒުމުގައެވެ. އެހެންކަމުން ސިފައިންގެ މީހެއްގެ ކިބައިގައި ރޫޙާނީ ބާރަކީ ހުންނަންޖެހޭ އެންމެ މުހިންމު ބާރެކެވެ. ސިފައިންގެ މީހަކު ރަނގަޅު ގޮތުގައި ދެމިހުރުމަށް ގަދައަޅާ މަސައްކަތްކުރުމުގެ ހިތްވަރު ލިބެނީ މިދެންނެވި ބާރުގެ ސަބަބުންނެވެ.

                           

ތަހަންމަލު ކުރުމުގެ ބާރު

ތިމާއާއި ތިމާގެ ބައިވެރިންނަށް ކުރިމަތިވާ ގޮންޖެހުންތަކާ ކުރިމަތިލުމަށާއި އެކަންކަމުން ނިކުންނަ ނަތީޖާ ޤަބޫލުކުރުމާއި ބަލައިގަތުމުގެ ބާރަކީ ސިފައިންގެ މީހުންގެ ކިބައިގައި ހުންނަންޖެހޭ ބާރެކެވެ. ކަންތައްތަކަށް ކެތްތެރިވުމާއި ހިތްވަރާއި އެހެންމީހުންނަށް އަޅާލައި އޯގާތެރިވުމުގެ ބާރަކީވެސް ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ މުހިންމު ބާރެކެވެ. ހިތްހަމަ ނުޖެހޭ ވަގުތު ތަކުގައިވެސް އެކަންތައްތައް ތަހަންމަލުކޮށް ބަލައިގަތުމުގެ ބާރު ސިފައިންގެ މީހަކަށްވީތީ ހުންނަންޖެހެއެވެ. ސިފައިންނަކީ ދުޝްމިނުންގެ އަތްދަށުގައި ހައްޔަރުވެވިދާނެ ހާލަތެއް ކުރިމަތިވެދާނެ މީހެކެވެ. އެފަދަ ވަގުތުތަކުގައިވެސް އިމާންތެރިކަމާއެކު އެކަން ތަހަންމަލުކޮށް ސަލާމަތްވުމަށް މަސައްކަތްކުރުމުގެ ބާރަކީ ކޮންމެހެން ހުންނަންޖެހޭ ބާރެކެވެ.

 

ޝަޚްސުގެ ބާރު       

ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަޚްސުގެ ބާރަކީ މުޖުތަމަޢު ޤަބޫލުކުރާ އަދި ބަލައިގަންނަ މީހެއްގެ ގޮތުގައި ނަފްސާއި ޖިސްމު ތަރުބިއްޔަތުކޮށް ބައްޓަންކުރުމުގެ ބާރެވެ. ހަރުދަނާ އަޚްލާޤަކާއި ސުލޫކުގެ ކުރިމަތީގައި ތިމާގެ ޢަމަލުތައް ބެހެއްޓުމުގެ ބާރާއި ބަހާއި ޢަމަލު އެއްގޮތްވުމުގެ ބާރާއި ރިވެތި ބަސްމަގާއި މުއާމަލާތް ކުރުމުގައި ހަރުދަނާވުމުގެ ޤާބިލުކަން ހިމެނެނީ ޝަޚްސުގެ ބާރުގެ ތެރޭގައެވެ. ވަކި ލަނޑުދަނޑިއެއް ހާސިލުކުރުމަށް ބާރާއި ޤާބިލުކަން ދިވެހި އަސްކަރިއްޔާ އިން ސިފައިންނާވަނީ ހަވާލުކޮށްފައެވެ. ޤައުމުން ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތާއި ވާޖިބުތައް ދެނެގަނެ ފަހުމުވުމުގެ ޤާބިލުކަން އަދި އެއް އަމާޒަކަށް ހުރިހާ ފަންތިއެއްގައިވެސް އަދި ގިންތިއެއްގައިވެސް މަސައްކަތް ކުރުމުގެ ކުޅަދާނަކަމާއި ޤާބިލުކަން ހުރުން މުހިންމެވެ.

 

ހިތްތިރިކަމާއި ހިތްވަރުގަދަކަމުގެ ބާރު

ހިތްތިރި ކަމާއި ހިތްވަރުގަދަކަމުގެ ބާރު މާނަކުރެވެނީ ސިފައިންގެ މީހުން ކުރާ ހަނގުރާމައެއްގައި ނޫނީ ހިންގާ އޮޕަރޭޝަނެއްގައި ކާމިޔާބު ލިބޭ ހިނދުގައި ހިތްތިރިކޮށް ސިފައިންގެ ބެލުމުގެ ދަށަށް ގެނެވޭ މީހުންނާމެދު ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލް އަޤްވާމީ ޤާނޫނުތަކާއިއެއްގޮތަށް ހިތްތިރިކަމާ އޯގާތެރިކަމާއެކު ކަންތައްތައް ކުރުމާއި ކާމިޔާބާއި ނަޞްރަކީ އަރަހުށި ހުސްޠާހިރުވަންތަ ﷲ ސުބުހާނަހޫ ވަތަޢާލާ ދެއްވާ އެއްޗެއްކަން ޤަބޫލުކުރުމެވެ. އަދި ކާމިޔާބު ނުވާ ދަނޑިވަޅުތަކުގައިވެސް އެއީ ﷲ ސުބުޙާނަހޫ ވަތަޢާލާ މިންވަރު ކުރެއްވިގޮތްކަން ހިތުގެ އަޑިން ޤަބޫލުކުރުމާއެކު ފަސްނުޖެހި ހިތްވަރާއެކު ކުރިއަށް ދިއުމުގެ ބާރު ނަފްސުގައި ހަރުލެއްވުމެވެ. މިބާރުގެ ތެރޭގައި ރައްޔިތުންގެ ދަތިއުނދަގޫތައް ފިލުވައިދިނުމަށް މަސައްކަތްކުރުމުގެ ހިތްވަރާއި ބާރުވެސް ހިމެނިގެންދެއެވެ.

 

އަމުރަށް ކިޔަމަންތެރިވުމާއި އަމުރު ބަލައިގަތުމުގެ ބާރު

އިސްލާމް ދީނުގައި އަންގަވާފައިވާގޮތަށް އުޅުމާއި، ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއަށް ބޯލަނބާ، ޤާނޫނު އަސާސީ ޙިމާޔަތް ކުރުމުގެ ބާރު ސިފައިންގެ މީހުންގެ ކިބައިގައި ހުންނަން ޖެހެއެވެ. ދިމިޤްރާތީ ވެރިކަމެއްގައި ބާރު ފެށެނީ ރައްޔިތުންގެ ކިބައިން ޤަބޫލުކުރުމުގެ ބާރު ސިފައިން މީހުންގެ ކިބައިގައި ހުންނަން ޖެހެއެވެ. ވެރިކަމަކީ ރައްޔިތުންގެ ފަރާތުން ރައްޔިތުންނަށްޓަކައި ރައްޔިތުންނަށްޓަކައި ރައްޔިތުންކުރާ ކަމެއްކަމާއި މިއުސޫލުން އިންތިޚާބު ކުރެވޭ ޤާނޫނީ ވެރިކަމަށް ކިޔަމަންތެރިވެ އެހީތެރިވެ އެއްބާރުލުން ދިނުމުގެ ބާރު ސިފައިންގެ މީހުންގެ ކިބައިގައި ހުންނަންޖެހެއެވެ. ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބޯލަނބާ ކިޔަމަންތެރިވުމުގެ ބާރާއި ވެރިންނަށް ކިޔަމަންތެރިކަން އަދާކޮށް އަމުރެއް ކުރެވޭހިނދު ޤާނޫނީ ގޮތުން ބާތިލް އަމުރަކަށް ނުވާނަމަ ފަސްނުޖެހި ބޯލަނބާ އެ އަމުރެއް ތަންފީޒު ކުރުމުގެ ހިތްވަރާއި ބާރުވެސް ސިފައިންގެ މީހެއްގެ ކިބައިގައި ހުރުން ލާޒިމެވެ. ޤައުމާއި މުއައްސަސާއާއި ޔުނިޓާއި ތިމާގެ އަދުގެ ހާލަތު ރަނގަޅަށް ހަރުދަނާ ކުރުމުގެ ހިތްވަރާކެރުމާއި އަދި މުސްތަޤްބަލު އުޖާލާކޮށް ކުރިމަގު ފެހިކުރުމުގެ ޤާބިލުކަން ސިފައިންގެ މީހުންގެ ކިބައިގައި ހުންނަންޖެހެއެވެ.

ޙައްވާލުކުރާ މިޝަން އަމިއްލަ ކަންތައްތަކުގެ ކުރިއަށް އިސްކޮށް، ކޮންމެ ޙާލަތެއްގައިވެސް އެމިޝަން ހާސިލު ކުރުމަށާއި މަސައްކަތް ކުރުމުގެ ބާރާއި މިޝަން ހާސިލުކުރުން ނުވަތަ މިޝަން ހާސިލުކުރުމަށް މަސައްކަތްކުރުމާއި ދެމިހުރެ ޝަހީދުވުމުގެ ހިތްވަރަކީ ސިފައިންގެ މީހެއްގެ ކިބައިގައި ހުރުން ކޮންމެހެން ބޭނުންވާ ބާރެކެވެ. އަމުރުކުރުމާއި ލީޑަރޝިޕް އެކްސަސައިޒް ކުރުމުގެ ހިތްވަރާއި ނަފްސު ތަރުބިއްޔަތުކޮށް ކޮމާންޑް ރެސްޕޮންސިވިލިޓީ އަދާކުރުމަށްޓަކައި ބޭނުންވާ ހުނަރާއި ޤާބިލުކަން ހޯދުމުގެ ހިތްވަރު ހުންނަންޖެހެއެވެ. ދަށުން މަސައްކަތްކުރާ މީހުންނަށް މަގުދައްކައި އެފަދަ ޖިސްމާނީ ، ނަފްސާނީ އަދި ފިކުރީ ޤާބިލުކަމެއް ތިމާގެ ކިބައިގައި އަށަގެންނެވުމުގެ ހިތްވަރު ހުންނަންޖެހެއެވެ. އަސްކަރީ ހާލަތުގައި ޤައުމަށާއި ރައްޔިތުންނަށް ޔުނިޓަށް ކުރިމަތިވާ ބޮޑެތި އަދި ނުރައްކާތެރި ހާލަތްތަކުގައި ދަށުގައި މަސައްކަތްކުރާ މީހުން ގޮވައިގެން ޤާބިލުކަމާއި ހުނަރުވެރިކަމާއިއެކު މައިދާނުގައި ހަރަކާތްތެރިވުމުގެ ބާރު ނެތްނަމަ އެއީ ފުރިހަމަ ސިފައިންގެ މީހެއްނޫނެވެ.

 

ވަކި މީހަކު ތަފާތު ކުރުމެއްނެތި އިންސާފުވެރިކަމާއި ހަމަހަމަކަމާއެކު މީހުން ގެންގުޅެ ބެލެހެއްޓުމުގެ ހިތްވަރާއި ބާރަކީ ސިފައިންގެ ނަފްސުގައި އަށަގަންނުވާ ދަމަހައްޓަންޖެހޭ ބާރެކެވެ. ވެރިންނާއި އެކީގައި މަސައްކަތްކުރާ މީހުންނާއި އަދި ދަށުގައި މަސައްކަތްކުރާ މީހުން ދެނެގަތުމުގެ ހިތްވަރާއި ޤާބިލުކަން އަދި މަސްއޫލިއްޔަތާއި ޙަވާލުވެ އެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމުގެ ހިތްވަރާއި ބާރުވެސް ސިފައިންގެ މީހަކަށްވީތީ ކޮންމެހެން ހުންނަން ޖެހެއެވެ.

 

ބިނާކޮށް އާރާސްތު ކުރުމުގެ ބާރު

 

ނަފްސު ބިނާކުރުމާއި މީހުން ބިނާ ކުރުމާއި ޔުނިޓާއި މުއައްސަސާ ބިނާކުރުމާއި ޤައުމު ބިނާކުރުމާއި ޤައުމުގެ ތަރައްޤީގައި ސިފައިން އަދާކުރަންޖެހޭ މުހިންމު ދައުރު އަދާކުރުމުގެ ޤާބިލުކަމާއި ބާރު ސިފައިންގެ ކިބައިގައި ހުންނަން ޖެހެއެވެ. ޤައުމާއި ރައްޔިތުން އަދި ދިވެހި ދައުލަތަށް ކުރިމަތިވާ ހުރިހާ ނުރައްކާތަކާއި ބިރުތަކެއް ނައްތާލައި ފަނާކޮށްލުމުގެ ބާރާއޮ ޢުދުވާންތަކާއި ބިރުތަކުން ރައްޔިތުން ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި އެދެމެދުގައި ހުރަހަކަށްވާ މީހެއްވިޔަސް އަދި އެއްޗެއް ވިޔަސް ނައްތާލުމަށް ފަސްނުޖެހުމުގެ ބާރަކީ ސިފައިންގެ ކޮންމެ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ބާރެކެވެ.  އަމިއްލަ ނަފުސަށް ކުރިމަތިވާ އެކިއެކި ހިތާމަތަކާއި މޮޅިތައް ތަހަންމަލު ކުރުމުގެ ހިތްވަރާއި އެފަދަ ކަންކަމާއި ކުރިމަތިލާ އާހިތްވަރަކާއެކު އަލުން މައިދާނަށް ނުވަތަ ވާޖިބަށް ނުވަތަ މަސްއޫލިއްޔަތު އަދާކުރުމަށް މަސައްކަތް ކުރުމުގެ ހިތްވަރާއި ބާރު ނެތް މީހަކަށް ފުރިހަމަ ސިފައިންގެ މީހެކޭ ނުދެންނެވޭނެއެވެ.

 

ސިފައިންގެ މީހަކާއި އާންމު ރައްޔިތަކާ ހުންނަ އެންމެ ބޮޑު ތަފާތަކީ އިސްވެ ދެންނެވުނު ބާރު ސިފައިންގެ މީހެއްގެ ކިބައިގައި ހުންނަ މިންވަރެވެ. އެހެންކަމުން ސިފައިންގެ މީހަކަށްވުމަށް ކޮންމެ މީހެއްގެ ކިބައިގައި މި ސިފަ އަށަގަންނުވަންޖެއެވެ. އޭރުން އެމީހާވާނީ ދީނާއި ޤައުމާއި ރައްޔިތުންގެ ދިފާޢުގައި ހަނގުރާމަ ކުރަން ތައްޔާރަށް ހުރި ފުރިހަމަ ސިފައިންގެ މީހަކަށެވެ.