Monday, October 1, 2012

ޑރ. އަފްރާޝީމް އަވަހާރަކޮށްލުން


ޑރ. އަފްރާޝީމް އަޅުގަނޑަށް ފުރަތަމަ ފެނުނީ ރޯދަމަހެއްގައި ޓީވީ ޕްރޮގްރާމަކުންނެވެ. އެއީ ޓީވީއެމުން ރޯދަވީއްލުމުގެ ކުޑަ ވަގުތުކޮޅެއް ކުރިން ގެނެސްދޭ ޕްރޮގްރާމެކެވެ. އެޕްރޮގްރާމްގައި އަފްރާޝީމް ދައްކަވަމުން ގެންދެވި ވާހަކަފުޅުތަކަށް އަޅުގަނޑުގެ ސަމާލުކަން ހުއްޓުނެވެ. ސަބަބަކީ އޭނާ ވާހަކަ ދައްކަވާގޮތް ރާއްޖޭގައި އާންމުކޮށް ދީނީ ވާހަކަ ދައްކަވާ ބޭފުޅުންނާ ތަފާތު ވީމައެވެ. ވިދާޅުވާ އެއްޗެއް ތިލަވެފައި ވިދާޅުވާގޮތުން އޮޅުންފިލާ ސާފުވާގޮތް ފަސޭހައެވެ. ނޭނގޭ ޢަރަބި ގިނަ ބަސްތައް ބޭނުން ކުރެއްވުމުގެ ބަދަލުގައި ދުލަށްފަސޭހަ ދިވެހި ބަސްތަކާއި ދިވެހިން އަތްމަތީގައި ގެންގުޅޭ އިނގިރޭސި ބަސްތައް ބޭނުންކުރެއްވުމުން ކަމަށްވެދާނެއެވެ. ވަރަށް ތަފާތެވެ. 

ޓީވީއެމްގެ ހޭޔަންބޯ ޕްރޮގްރާމްގައި ޑރ. އަފްރާޝީމް ފެނިގެންދިއުމުން އެމަނިކުފާނުގެ ތަޢުލީމީ ހަޔާތް އެގިގެން ދިޔައެވެ. ޢިލްމުވެރިންގެ މެދުގައި ޚިޔާލުތަފާތު މައްސަލަތަކުގައިވެސް ޢިލްމީ ދަލީލުތަކާއެކު ޑރ. އަފްރާޝީމަށް އެ މައްސަލައެއްގައި ފެނިވަޑައިގަންނަވާގޮތް ވިދާޅުވަމުން ގެންދެވިއެވެ. އެހިސާބުން ޑރ. އަފްރާޝީމަށް ވަރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވެވަޑައި ގެންނެވިތަން ފެނުނެވެ. އިމާމުވެ ހުކުރު ކުރައްވައިގެން ފައިބަންނަވަނިކޮށް ބަޔަކު ދިމާކޮށް ޖިސްމާނީ ޢަނިޔާކުރިއެވެ. އަދި އެމަނިކުފާނުގެ އަޤީދާ މައްސަލަތައް ހުރިކަމަށް ބުނެ ބަޔަކު ވާހަކަދައްކާ އެކަންތައް މުޖްތަމަޢުގައި ފަތުރަމުންވެސް ގެންދިޔައެވެ. އެހެން އެކަން އޮއްވާ ރައްޔިތުންގެ މަޖިލިހުގެ އުގޫފާރުދާއިރާގެ ގޮޑި އެމަނިކުފާނު ކާމިޔާބު ކުރެއްވިއެވެ. އެއަށްފަހު އެއީ ދީނީ ޢިލުމުވެރިއެއްގެ އިތުރުން ސިޔާސީ ލީޑަރެއްވެސް މެއެވެ. 

ޑރ. އަފްރާޝީމް ފެނިގެން ދިޔައީ ކުރީގެ ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތާޢީދުކުރައްވާ ވަފާތެރި ބޭފުޅެއްގެ ގޮތުގައެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ރައީސް މައުމޫނާމެދު ހިތްހަމަނުޖެހޭ އެތައް ބައެއްގެ ނަފްރަތާއި ރުޅިވެރިކަންވެސް ޑރ. އަފްރާޝީމަށް ރައްދުވަމުން ދިޔައެވެ. 

ދީނީގޮތުން ދިވެހިރާއްޖޭގެ ރައްޔިތުންނަށް ކުރިން ލިބިފައިނެތް އެތައް ފުރުސަތުތަކެއްލިބި ދީނީ ގޮތުން ހޭލުންތެރިވަމުންދިޔައިރު ރާއްޖޭގައި ދީނީގޮތުން ހަރުކަށި ގޮތްތައް ގެންގުޅޭ ފަރާތްތައްވެސް ފެންނަމުންދިޔައެވެ. ހިމަންދޫގެ މައްސަލައާއި ސަލްޓާންޕާކުގައި ބޮންގޮއްވި މައްސަލައިން އެކަނިވެސް މި ހަގީގަތް ފެނެއެވެ. ހަމައެއާއެކު ރައީސުލްޖުމްހޫރިއްޔާ ކަމުގައި ހުންނެވި ބޭފުޅާގެ އަޤީދާއާމެދު ސުވާލު އުފައްދާ ކޯޓުގައި ޝަރީޢަތް ކުރެވުނުތަންވެސް ފެނުނެވެ. ބަލި ހަނދާނެއްކަމުގައި ނުވާނަމަ އެ ޝަރީޢަތުގައި ރައީސް މައުމޫނުގެ ދިފާޢީ ވަކީލުންގެ ތެރޭގައި އަފްރާޝީމް ހަރަކާތްތެރިވެ ވަޑައިގެންނެވިއެވެ. 

ރާއްޖޭގައި އުފެދިގެންދިޔަ ސިޔާސީ ހަލަބޮލިކަމާއެކު ގޭންގު މާރާމާރީ ދިޔައީ އިންތިހާއަށް ފުޅާވަމުންނެވެ. ޙައްޤަކާނުލާއި މީހުން ކަތިލުމުގެ ހަރަކާތްތައް ފުޅާވެގެންދިޔައެވެ. އެއަދަދު ވޭތުވެދިޔަ ދެތިން އަހަރެއްގެ ތެރޭގައި 27 އަށް އަރައިފިއެވެ. މާރާމާރީތަކުން ބޮޑެތި ޒަޚަމުތައް ލިބެމުންދާ މީހުންގެ ޚަބަރުތަކަށް ދިވެހިންގެ ކަންފަތްތައް ހޭނިއްޖެއެވެ. ހަމައެގޮތަށް ރަޙުމެއްނެތި މީހުން މަރަމުންދާ ދިއުމަށްވެސް ހީވަނީ ކަތްފަތްތައް ހޭނެމުންދާ ހެންނެވެ. 

ލޯޔަރު އަޙްމަދު ނަޖީބު ޤަތުލުކުރި ހާދިސާއާއެކު މުޅި ދައުލަތުގެ ހުރިހާ މުއައްސަސާއެއް ކުއްލިއަކަށް ތެދުވިތަން ފެނުނެވެ. އޭގެ މާގިނަ ދުވަހެއް ނުވަނީ ޑިއުޓީއުޅުނު ފުލުހަކަށް ޙަމަލާދީ ޝަހީދުކޮށްލައިފިއެވެ. މިފަހަރު މިދިޔައީ ރައްޔިތުންގެ މަޖިލިހުގެ އިއްޒަތްތެރި މެންބަރެކެވެ. ދީނީ ޢިލްމުވެރިއެކެވެ. ސިޔާސީ ލީޑަރެކެވެ. 

އަޅުގަނޑު އެދެނީ ޑރ. އަފްރާޝީމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތާއި ރަޙުމަތެވެ. އާއިލާގެ ބޭފުޅުންނަށް ކެތްތެރިކަން ދެއްވުމެވެ. މިއަދަކީ ޤައުމީ ހިތާމައިގެ މައްޗަށް ހިތާމައިގެ ދުވަހެކެވެ. ޤައުމުގެ ހާލަތާމެދު ވިސްނާލަންވީ ދުވަހެކެވެ. އަނިޔާވެރި ގޮތެއްގައި ދެން ޝަހީދުކޮށްލެވޭނީ ކާކުކަމެއް ނޭނގެއެވެ. މިއީ ހައްލެއްނެތް މައްސަލައަކީ ހެއްޔެވެ؟ އަޅުގަނޑަށް އެކަން ޤަބޫލުކުރަން ދަތީއެވެ.