Tuesday, July 11, 2023

މާމަލޭ އާއި އަލީރާޖާ

 

 

 

ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖޭގެ އިހަވަންދިއްޕޮޅާއި އިންޑިއާގެ މަލިކާ ދެމެދުގައި އޮންނަ އެއިޓް ޑިގްރީ ޗެނަލަށް "މާމަލޭ ކަނޑު" ކިޔާ އުޅުނު ދުވަސްވަރެއް ދިޔައެވެ. އެ ނަން ނިސްބަތްވަނީ މާމަލޭ މަރައްކާރު ނުވަތަ މުޙައްމަދު ޢަލީއަށެވެ. އޭނާއަކީ މަލާބާރުގެ އިސްލާމް ވިޔަފާރިވެރިއެވެ. މަޝްހޫރުވެފައި ވަނީ ކަނޑުގެ ރަސްގެފާނުގެ ނަމުންނެވެ. އެއީ ކަންނަންނޫރުގައި ވަކި އިސްލާމީ ރަސްކަމެއް ހިންގި އަރައްކަލް އާއިލާ، ކޮންމެ ރަސްކަލަކަށް ވެސް "އަލީރާޖާ"ގެ ލަގަބު ބޭނުން ކުރެވުނުގެ ރަސްކަން އުފެދިގެން ދިޔަ ސަބަބެވެ. އަލީރާޖާ ނުވަތަ އާޅީރާޖާގެ ލަގަބު ވެސް އުފަންވެގެން އައި ސަބަބެވެ.

 


މަލާބާރުކަރައަކީ އިންޑިއާ ބައްރުގެ ހުޅަނގުން ދެކުނަށް އޮތް އައްސޭރިފަށެވެ. ކަރްނާޓަކާއާއި ކެރެލާޔާ ދެމެދުގައިވާ ސަރަޙައްދެވެ. ކަންނުރް (ކަންނަންނޫރު) އަކީ މަލާބާރުކަރައިގެ މުހިންމު ސަރަޙައްދެކެވެ. މަލާބާރުގައި އެންމެ ބާރުގަދަ ބަޔަކަށް އުޅުނީ ހިންދީންގެ ބްރަހުމިނުންނެވެ. ރަސްކަން ވާރުތަވަމުން އައީ ބްރަހުމިނުންގެ ރަސްމަތިފުށަށެވެ. ބާރު އޮތީ ކެރެލާގެ ރަސްގެފާނަށެވެ. މީލާދީން 14 އަދި 15 ވަނަ ޤަރުނުގެ ތެރޭގައި އިންޑިއާ ކަނޑުގައި ހަރަކާތްތެރިވަމުން ދިޔައީ މުސްލިމު ވިޔަފާރިވެރިންނެވެ. އެ ދުވަސްވަރު ކަންނަންނޫރުގެ މުސްލިމު ދަރިކޮޅެއް ކަމަށްވާ މަޕިއްލާ ދަރިކޮޅަކީ ބާރާއި ނުފޫޒު ގަދަ ބަޔަކަށް ވެއްޖެއެވެ. ކެރެލާގެ ރަސްގެފާނު ސަމުތިރީސްގެ ރަސްކަމުގައި މަލާބާރުގެ ދިފާޢީ ކަންތައްތައް ބެލެހެއްޓުން އޮތީ އެ އާއިލާއާ ހަވާލުކޮށްފައެވެ. މާމަލޭ އަކީ އެގޮތުން މުސްލިމުންގެ އިސް ވެރިއެއްގެ ގޮތުގައި މަލާބާރަށް ކަނޑައެޅުނު ވަޒީރެކެވެ. އެ މަޤާމު އޮތީ އޭނާގެ ވާރިސުންނަށް ވާރުތާ މަޤާމެއްގެ ގޮތުގައެވެ.

ކަންނަންނޫރު (ކަންނުރް) ފެންނަ ޗާޓެއް

 

މީލާދީން 15 ވަނަ ޤަރުނުގެ ފަހުކޮޅު ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައިއިރު މި ސަރަޙައްދުގައި މަލާބާރުގެ މުސްލިމުންނަކީ ވިޔަފާރިއާއި ބާރުގެ ގޮތުން ނުފޫޒު ގަދަ ބައެކެވެ. ދެ ފަރާތުގެ ދެމެދުގައި ދެބަސްވުންތަކާއި ހަނގުރާމަތައް ވެސް ހިނގިއެވެ. އެކަމަކު މާމަލޭގެ މައްޗަށް އިންޑިއާ ކަނޑުގައި ޕޯޗްގީޒުން އުންމީދުކުރި ވަރުގެ ފުރިހަމަ ކޮންޓްރޯލް ހޯދިފައެއް ނުވެއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން އިންޑިއާ ކަނޑުގެ ވިޔަފާރީގެ ބާރު ހިއްސާކުރުމުގައި ދެ ފަރާތުގެ ދެމެދުގައި އެއްބަސްވުންތައް ހެދުނެވެ.

 

މާމަލޭގެ ވިޔަފާރީގެ ނުފޫޒު ދިވެހިރާއްޖެއާއި ސިލޯނާއި ދެކުނު އިންޑިއާގެ ސަރަޙައްދުތަކަށް އޮތީ ފެތުރިފައެވެ. އެހެންކަމުން މި ސަރަޙައްދުގައި މާމަލޭއަށް "ކަނޑުގެ ރަސްގެފާނު" ކިޔަމުން ދިޔައެވެ. ރާއްޖޭގެ މައްޗަށް އޭނާގެ ނުފޫޒު އޮތް މިންވަރު ބޮޑުކަމުން ރާއްޖޭގެ ވެރިޔަކީ އޭނާކަމަށް ވެސް ކިޔަމުން ދިޔައެވެ. މާމަލޭގެ ހަޔާތް ދިރާސާކުރެއްވި ލިޔުންތެރިޔާ ޖެނެވީވް ބޫޝޯން ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުން މާމަލޭއަށް ކިޔާއުޅުނީ "ކަންނަންނޫރު މާމަލޭ" އެވެ. މި ނަމާއެކު ނަމުގެ ފަހަތަށް "ރެޖެޑޯރް ޑޮ މާރް" (ކަނޑުގެވެރިޔާ) އިތުރުކޮށްފައި ހުރެއެވެ. މިއީ މަލާބާރުގައި އޮންނަ މަލަޔާލީ ބަހުން "އަންދެއްރާޖާއޮ" ނުވަތަ އަލީރާޖާއެވެ. އެހެންނަމަވެސް އިސްލާމީ ވަކި ރަސްކަމެއްގެ ގޮތުގައި ކަންނަންނޫރުގައި އަރައްކަލް އާއިލާގެ ރަސްކަން ފެށުނީ މީލާދީން 1545 ވަނަ އަހަރުއެވެ. އެއީ ކެރޭލާގެ މިނިވަންކަމަށްޓަކައި ކަންނަންނޫރު މުސްލިމުން ކުރި ހަނގުރާމައަށްފަހު އޭރު އެ މީހުންނަށް ލިބިފައިއޮތް ބާރާއި ދެކުނު އިންޑިއާގައި އޮތް ވިޔަފާރީގެ ތަނަވަސްކަމާއި ނުފޫޒާއެކު ކަންނަންނޫރުގެ ހިންދޫ ރަސްކަމުން ވަކިވެ މުސްލިމުންގެ އަމިއްލަ ރަސްކަމެއް ޤާއިމުކުރުމަށް ނިންމުމުންނެވެ.

 

ދިވެހިރާއްޖެއަށް ދެކުނު އިންޑިއާގެ މަލާބާރުންގެ ދުއްތުރާތައް ކުރިމަތިވާންފެށީ ކޮން ދުވަސްވަރެއްގައި ކަމެއް ނޭނގެއެވެ. މާމަލޭގެ ދުވަސްވަރުން ފެށިގެން އެބައި މީހުންގެ ދުއްތުރާތައް ރާއްޖެއަށް އެކި ސިފަސިފައިގައި ކުރިމަތިވަމުން އައިކަން ދިވެހި ތާރީޚުން އެނގެއެވެ. ރާއްޖޭގެ ވިޔަފާރީގެ މައްޗަށް ވެރިވެގެން ތިބުމާއި ރާއްޖޭގެ ރަސްކަމުގެ ކޮއިލުތެރެއަށް އަތް ބޭނުމާއި، ދޭތެރެދޭތެރެއިން ރާއްޖޭގެ އެކި ރަށްރަށަށް ކަންނަންނޫރުގެ ފޭރޭ މީހުންގެ ގުރާބުތައް ފޮނުވައި ފޭރި ހަދަމުން ގޮސްފައިވެއެވެ. އަދި އެއްފަހަރަކު ރާއްޖޭގެ މިނިވަންކަން ފޭރިގަނެ ޤައުމު އަޅުވެތި ވެސް ކުރިއެވެ. އެފަހަރު ރާއްޖެ ސަލާމަތްކޮށްދެއްވީ ދޮންބަންޑާރައިންނެވެ. މަލާބާރީންނަށް ހޮޅީންނޭ ދިވެހީން ކިޔަނީ އެ މީހުން ވާހަކަދައްކާ ބަސް ކަމުގައިވާ މަލަޔާލީ ބަހަށް ނިސްބަތްކޮށެވެ.


 

ޙަސަން ތާޖުއްދީން ލިޔުއްވި ދިވެހިތާރީޚުން "ކަންނަންނޫރު އަލީރާޖާ"ގެ ވާހަކަ ފުރަތަމަ ފެންނަނީ ކަޅު މުޙައްމަދު ރަސްގެފާނު ދެވަނަ ފަހަރަށް ރަސްކަމަށް އިސްވެވަޑައިގަތުމަށް އޭނާގެ އެހީ ހޯއްދެވި ވާހަކައާ ހަމައިންނެވެ. އައްސުލްޠާން ކަޅު މުޙައްމަދު ސިރީ ދަންމަރު ބަވަނަ މަހާރަދުން ތިން ފަހަރެއްގެ މަތިން ރަސްކަމަށް އިސްވެވަޑައިގެންނެވިއިރު ދެ ފަހަރު ރަސްކަން ހޯއްދެވީ ކަންނަންނޫރު އަލީރާޖާގެ އެހީތެރިކަން ހޯއްދަވައިގެން 1494 ވަނަ އަހަރުއެވެ. އެ ރަސްކަން 1510 ވަނަ އަހަރަށް ދެމިއޮތެވެ. ތިންވަނަ ފަހަރަށް ރަސްކަމަށް އިސްވެވަޑައިގެން ރަސްކަން ކުރެއްވީ 1512 އިން 1528 އަށެވެ. 1512 އޮކުޓޫބަރު 11 ވަނަ ދުވަހު ގޯވާގައި އޭރު ހުންނެވި ޕޯޗްގީޒު ގަވަރުނަރު އަފޮންސޯ ޑި އަލްބުކެއާރްކް ޕޯޗްގީޒު ރަސްގެފާނަށް ފޮނުއްވި ސިޓީފުޅެއްގައި އެ ވާހަކަ ލިޔުއްވާފައިވެއެވެ. ދިވެހިރާއްޖޭގެ ރަސްގެފާނަށް އަލުން ތަޚުތު ހޯއްދަވައި ދެއްވިކަމަށް މާމަލޭ ބުނިކަމަށާއި މިކަމާގުޅިގެން ދިވެހިރާއްޖޭގެ ރަސްގެފާނު ރާއްޖެއިން ބައެއް ޖަޒީރާތައް ދެއްވި ކަމަށް ލިޔުއްވާފައިވެއެވެ. ބޫޝޯންގެ ލިޔުއްވުމުން އެނގޭގޮތުގައި މާމަލޭއަށް ކަޅު މުޙައްމަދު ރަސްގެފާނު ދެއްވީ ތިލަދުންމަތީ ކިނޮޅަހާއި މިލަދުންމަޑުލު ކެނދިކޮޅެވެ. މި ދުވަސްވަރު ރާއްޖޭގެ ވިޔަފާރީގެ މުޅި ކޮންޓްރޯލް އޮތީ މާމަލޭގެ އަތުގައެވެ. އެ ހިސާބަށް ކަންތައް ދިޔައިރު އޭނާގެ އަތް އެތެރެކޮއިލު ތެރެއަށް ވެސް ވަނީ ފޯރާފައެވެ.


މާމަލޭ މަރުވި ކަމަށް ބެލެވިފައިވަނީ މީލާދީން 1527 ވަނަ އަހަރުގެ ފަހުކޮޅުގައެވެ. އޭނާއަށްފަހު ކަންނަންނޫރުގެ އިސްލާމުންގެ ވެރިކަން ވާރުތަވީ އޭނާގެ ކޮއްކޮ ޕޮކާއަމާމޭ އަށެވެ. ވެރިކަމާ ހަވާލުވެފައި 1528 ޖަނަވަރީ 14 ވަނަ ދުވަހު ޕޯޗްގީޒު ރަސްގެފާނަށް އޭނާ ސިޓީފުޅެއް ފޮނުއްވިއެވެ. މާމަލޭ އަދާކުރެއްވި ކަނޑުގެ ރަސްކަމުގެ މަޤާމަކީ ވިރާސީގޮތުން ވާރުތަވާ ވެރިކަމެއްކަމާ އެ ވެރިކަމުގެ ލަގަބަކީ "އަންދެއްރާޖާއޮ" (އަލީރާޖާ) ކަން ބަޔާންކުރެއްވިއެވެ. އަންދެއްރާޖާއޮ ގެ ލަގަބު އޭނާއަށް ޕޯޗްގީޒު ސަރުކާރުން ދެއްވިއެވެ. ނޫނީ އެކަން ގަބޫލުކުރެއްވިއެވެ.


 

މީލާދީން 1545 ވަނަ އަހަރު އަންދެއްރާޖާއޮ ގެ މަޤާމުގައި ހުރި ޕޮކްރާލި ކޮޔާ ކިޔާ ޕޯޗްގީޒުންގެ ހަމަލާއެއްގައި ގަތުލުކޮށްލިއެވެ. އޭގެފަހުން އެ މަޤާމަށް އިސްކުރެވުނީ ކުރިން ވެރިކަމުގައި ހުންނެވި ޕޮކްރާލި ކޮޔާ އަށާއި މާމަލޭއަށް ވެސް ބޮޑުބޭބެ ކިޔާ ބޭފުޅެކެވެ. އެއީ އަލީރާޖާގެ ނަމުން ނަންކިޔުނު ފުރަތަމަ މުސްލިމު އަމީރެވެ. ކަންނަންނޫރުގައި މީލާދީން 19 ވަނަ ޤަރުނު ނިމުމާ ހަމައަށް ވެރިކަންކުރެއްވި އަލީރާޖާގެ ނަމުން ނިސްބަތްވާ މަޝްހޫރު ދަރިކޮޅުގެ ފެށުމަކީ މިއީ ކަމަށެވެ.

 

އަލީރާޖާ ނުވަތަ އާޅީރާޖާގެ ލަގަބާއެކު ރަސްރަސްކަލުންނާއި ބީވީން އައީ ރަސްކަން ކުރަމުންނެވެ. އެ ރަސްކަން ނިމުމަކަށް އައީ މީލާދީން 1819 ވަނަ އަހަރުއެވެ. އޭގެފަހުން ވެސް އަރައްކަލް ދަރިކޮޅުން ކޮންމެ ވެސް ބޭފުޅަކު މިއަދާ ހަމައަށް ވެސް ރަމްޒީ ގޮތުން އަލީރާޖާއެއްގެ ގޮތުގައި ހުންނަވައެވެ. އިންޑިޔާގެ އެހެނިހެން ރަސްދަރިކޮޅުތަކާ ޚިލާފަށް އަރައްކަލް ދަރިކޮޅުގެ ރަސްކަން ވާރުތަވަނީ އަންހެން ފިރިހެން ތަފާތުކުރުމެއް ނެތި އެއިރަކު ހުންނެވި އެންމެ ދުވަސްވީ ބޭފުޅަކަށެވެ.


 

މިހާރު އަރައްކަލް ދަރިކޮޅުގެ ރަސްކަމުގައި ހުންނެވީ އަލީރާޖާ ސުލްޠާން އާދިރާޖާ މަރިޔުންމާ އެވެ. އާންމު ނަމަކީ ޗެރިޔަ ބީކުންޏު ބީވީއެވެ. އޭނާ އެ މަޤާމަށް 08 މޭ 2019 ގައި އިސްކުރީ ކުރީން އެމަޤާމުގައި ހުންނެވި ސުލްޠާން އަރައްކަލް އާދިރާޖާ ފާޠިމާ މުއްތުބީވީ އަވަހާރަވުމުންނެވެ. މިހާރު ހުރި އަލީރާޖާއަކީ 40 ވަނަ އަލީރާޖާއެވެ.

No comments: