Saturday, May 31, 2008

ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް ކިޔާނަންތައް ކަމަކުނުދޭ


ނ. އަތޮޅު މަދަރުސާގެ ހަތަރު ހައުސްއަށް ނަންދީފައިވަނީ ހަތަރު ޕްލެނެޓެއްގެ ނަމުންނެވެ. މާސް އާއި މާކަރީ އާއި ވީނަސް އާއި ސެޓާނެވެ. އަތޮޅު މަދަރުސާގެ ހަތަރު ހައުސްއަށް ފުރަތަމަ ނަންދީފައިވަނީ ރާއްޖޭގައި ހެދޭ ބައެއް ގަސްގަހާ ގެއްސަށް ކިޔާނަންނަމުންނެވެ. އޭރު އޮންނަނީ ކާނިބަޔާއި ފުނަބަޔާއި ކާމިނީބަޔާއި ލިލީބައެވެ. " ޒަމާނަށް ނުގުޅިގެން " އަތޮޅު މަދަރުސާގެ ހައުސްތަކުގެ ނަންތައް ބަދަލުކޮށްފައިވާ ނަންތަކަކީ އަޅުގަނޑުމެންގެ ސްކޫލުގެ ހައުސްތަކަށް ކިޔަން ކިހާ އެކަށީގެންވާ ނަންތަކެއްތޯއެވެ؟ އަޅުގަނޑަކަށް މިހާރު މިކިޔާ ނަންތައް އެއްގޮތަކަށްވެސް ސްކޫލަކާ ނުގުޅެއެވެ. އެކަށީގެންނެއްނުވެއެވެ. އަދި ޕްލެނެޓް ތަކެއްގެ ނަންތައް ސްކޫލުގެ ހައުސްއަކަށް ކިޔަންޖެހޭ ސަބަބެއްވެސްނެތެވެ.

ފުނަބަޔާއި ކާނިބަޔަކީ އެންމެ ފުރަތަމަ ފިރިހެން ކުދިންގެ ބައެވެ. ފުނައާއި ކާންޏަކީ ރާއްޖޭގައި ހެދޭ އާރުލާ މޮޅު ލަކުޑީގެ ތެރެއިން ނަންހިނގާ ދެބާވަތަށްވާތީ އޭރު ފިރިހެން ކުދިންގެ ދެބަޔަށް އެ ދެލަކުނޑިން ނަންދިނީ ކަމަށްވެދާނެއެވެ. ލިލީ އާއި ކާމިނީ އަކީ ރާއްޖޭގައި ހެދޭ މާމެލާމެލީގެ ތެރޭގައި ހިމެނޭ ރީތި މަލެއް އަޅާ ދެބާވަތަށް ވާތީ ދެމަލެއްގެ ނަމުން އަންހެން ކުދިންގެ ދެބަޔަށް ނަން ދިނީ ކަމަށް ވެދާނެއެވެ. ހައުސްތަކުގައި ދެޖިންސުގެ ކުދިން ހިމެނޭގޮތަށް ހައުސްތައް ބަހާ އޭގެފަހުން ހައުސްތަކުގެ ނަންތައްވެސް މިއޮތީ ބަދަލުކޮށްފައެވެ.

ރާއްޖޭގެ ސްކޫލުތަކުގެ ހައުސްތަކަށް އާންމުކޮށް ނަންކިޔާފައި ހުންނަނީ ރާއްޖެ، އެބޭފުޅުންނަކަށްޓަކައި ފަޚުރުވެރި ޚިދުމަތްތަކެއް ޤައުމަށް ކޮށްދެއްވާފައިވާ ޢިއްޒަތްތެރިންގެ ނަންފުޅުންނެވެ. އޭގެ ތެރޭގައި ޝަހީދުންނާއި ޣާޒީންނާއި އަބްޠާލުން ހިމެނިވަޑައިގަންނަވައެވެ. އަދި ތާރީޚުގައި ޤައުމަށްޓަކައި އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބޭފުޅުންނާއި ޤައުމަށްޓަކައި ދީނަށްޓަކައި މަތިވެރި ޤުރުބާނީ ވެވަޑައިގެންފައިވާ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. މިގޮތަށް ހައުސްތަކަށް ނަން ދިނުމުގެ މަޤުސަދަކާއި ބޭނުން ބޮޑެވެ. އެއީ އިތުރަށް ދަންނަވަން ނުޖެހޭނެ ފަދައިން ދަރިވަރުންގެ ހިތްތަކުގައި އެބޭބޭފުޅުންގެ ޒިކުރާ ތާއަބަދު އާކުރުމާއި އެބޭފުޅުންނަށްޓަކައި ފަޚުރުވެރިވާން ދަސްކޮށްދިނުމެވެ. ސްކޫލުގެ ހަޔާތުގައި އެބޭފުޅުންގެ ތާރީޚާއި ޤައުމީ ދީނީ ޚިދުމަތް ބިންވަޅު ނެގިފައި އޮތުމެވެ. އަބަދުވެސް ސްކޫލުގެ ތެރޭގައި އެބޭފުޅުންގެ ނަންފުޅުތަކުން މުޚާތަބުކުރެވޭނެ މާހައުލެއް އުފެއްދުމެވެ. ކޮންމެ ހައުސްއަކަށް ދިދަ އެއް އޮންނައިރު ޤައުމީ ކުލަތަކުން އެދިދަތައް ހެދުމަކީވެސް މުހިންމު ކަމެކެވެ.

ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް މިހާރު މިކިޔާ ނަންނަން ކިޔަން އެންމެ ރަނގަޅުވާނީ ސްޕޭސް ދަތުރުތަކާއި ސްޕޭސް ޓެކްނޮލޮޖީ އާއި ސްޕޭސް ޢިލުމު އުގަންނައިދޭ ސްކޫލެއްގެ ހައުސްތަކަކަށެވެ. އެންމެ އެކަށީގެންވާ ގޮތަކީ އެއީއެވެ. ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް ކިޔަން އަޅުގަނޑަށް އެންމެ ރަނގަޅީ އަޅުގަނޑުމެންނާ ގުޅޭ ނަންތަކެކެވެ. ހައުސްއަށް ކިޔާ ނަމުންވެސް އެ ކުދިންގެ ރޫޙާއި ޖޯޝް އިތުރުވެގެންދާންވާނެއެވެ. ހައުސްއަށް ނަން ދީފައިވަނީ ކިހާ ހިތްވަރުގަދަ އަބުޠާލެއްގެ ނަންފުޅުންކަން އެކުދިންނަށް އެގެންވާނެއެވެ. ސްކޫލެއްގައި ހިންގޭ ކޮންމެ ކަމަކީ އަދި ކޮންމެ ހަރަކާތަކީ ސީދާ ގޮތުންނާއި ނުސީދާގޮތުން ކުދިން ބައްޓަން ކުރުމަށް އެޅޭ ބާރަކަށް ވާންވާނެއެވެ. އެހެންނޫނީ ހައުސްތަކެއް ހަދައިގެން އިތުރު ހަރަކާތްތަކެއް ސްކޫލުތަކުގައި ހިންގުމުގެ އެއްވެސް މާނައެއްނެތެވެ.

ރާއްޖޭގެ ކޮންމެ ރަށެއްގެ ވަށައިގެން އޮންނަ މަގަށް ނަންދީފައިވަނީ ބޮޑުތަކުރުފާނުގެ ނަންފުޅުންނެވެ. މުޅި އިންޑިއާގައި އެމްޖީ ރޯޑް ނުވަތަ މަހާތުމާގާނދީ ރޯޑް ދޮގެއްތޯއެވެ؟ މިއީ ކޮންމެވެސް ހިކުމަތެއް އެކަމުގައި އެކުލެވިގެންވާނެ ކަމެކެވެ. އެހެން ރަށްރަށުގައި ބޮޑުތަކުރުފާނު މަގު އޮވެފައި މަނަދޫގައި ބޮޑުތަކުރުފާނު މަގެއް އޮންނާތީ އެކަން ބޮޑު މައްސަލައަކަށް ނުވެއެވެ. އެހެން ސްކޫލެއްގައި ޣާޒީ، ހުރަވީ، އިސްކަންދަރު، ޝަހީދުޢަލީ ފަދަ ނަންތައް ހައުސްތަކަށް ދީފާވުމަކީ އަޅުގަނޑުމެންގެ މަދަރުސާގެ ހައުސްތަކަށް އެނަންތައް ކިޔުން މަނާކުރާ ކަންތައްތަކެއްނޫނެވެ.

ނ. އަތޮޅު މަދަރުސާގެ ހައުސްތަކަށް މިހާރު ދީފައިވާ ނަންތައް އަޅުގަނޑަކަށް އެއްގޮތަކަށްވެސް ކަމަކު ނުދެއެވެ. މިއީ މުރާޖަޢާ ކުރަންޖެހިފައިވާ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. އަތޮޅު މަދަރުސާގެ މެނޭޖްމަންޓާއި ބެލެނިވެރިންނާއި ޕީޓީއޭ އާއި ދަރިވަރުންނާއި އިސްދަރިވަރުންވެސް މިކަމާމެދު ވިސްނާނެކަމަށް އަޅުގަނޑު އުންމީދު ކުރަމެވެ. މަނަދޫގެ ކޮންމެ ރައްޔިތަކުވެސް މިކަމާމެދު ޚިޔާލު ކުރައްވާނެ ކަމަށް އަޅުގަނޑު ހީކުރަމެވެ. އަދި މިއީ ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރުން ފާހަގަކުރާ ކުލަގަދަ ރަސްމިއްޔާތާއެކު ނުވަތަ އޭގެ ކުރިންނަމަވެސް ބަދަލު ގެންނަން ޖެހިފައިވާ ކަމެއްކަމަށް އަޅުގަނޑު ދެކެމެވެ. މިއީ އަޅުގަނޑުގެ ޚިޔާލެވެ. އެހެން ފަރާތްތަކުގެ ޚިޔާލުތަކަށްވެސް އަޅުގަނޑު އިޙްތިރާމް ކުރަމެވެ. ހުރިހާ އެންމެންގެ ޚިޔާލު އެއްގޮތް ވާކަށް ނުޖެހެއެވެ. ޚިޔާލު ފާޅުކުރުމުން ބަލަންޖެހޭނީ މީހާއަކަށް ނޫނެވެ. ފާޅުކުރި ޚިޔާލަށެވެ. މި ޚިޔާލަށް ތާޢީދު ކުރައްވާ ބޭފުޅުން ތިއްބެވިނަމަ އެބޭފުޅުންވެސް ޚިޔާލު ފާޅުކުރައްވަންވީއެވެ. އަދި މިއަށްވުރެ ރަނގަޅު ޚިޔާލެއް އޮތަސް ހުށަހަޅުއްވަންވީއެވެ. ޚިޔާލެއް ހުށަހެޅުމަކީ މައްސަލައެއް ނޫން އެހެންނޫންތޯއެވެ؟

Tuesday, May 27, 2008

ނަފުސާނީ ބަލި - ބޮޑެތި ކުށްވެރިން ސަލާމަތްވުމަށް ޖަހާ މަޅި



ދުނިޔޭގެ ބޮޑެތި ކުށްވެރިން ޝަރީޢަތުގެ މަޖިލިހުގައި ސަލާމަތްވުމަށް ޖަހާ އެންމެ އާންމު މަޅިއަކީ ނަފުސާނީ ބަލި މީހަކަށް ބަދަލުވުމެވެ. ދިފާޢީ ވަކީލުންނަށް އެމީހަކު ކުށުން ސަލާމަތްކޮށް ނުދެވޭނެކަން އެނގުމުން ދެން މަސައްކަތް ކުރެވެނީ އެއީ ނަފުސާނީ ބަލި މީހެއްކަން ޝަރީއަތަށް ސާބިތު ކޮށްދޭށެވެ. ދުނިޔޭގެ ބޮޑެތި ޤައުމުތަކުގައި މިއީ އާންމު ކަމެކެވެ. ސާބިތުވާ ވަރުގެ ހެއްކާއި ގަރީނާ ލިބިފައިވާ މައްސަލަތައް ކޯޓުން ނިމިގެންދަނީ ނަފުސާނީ ބަލިންވެސް ފުރޭނިގެންނެވެ. އެކަމަކު މިއީ ރާއްޖޭގައި އާންމު ކަމެއް ނޫނެވެ.

ނަފުސާނީ ބައްޔަކީ އޮންނަ ބައްޔެކެވެ. އެއީ ސިކުޑީގެ ބައްޔެކެވެ. ނަފުސާނީ ބަލި މީހެކޭ ބުނުމުގެ މާނައަކީ ފުރިހަމަ ބުއްދިނެތް ( ބުއްދި ސަލާމަތުންނެތް ) މީހެކޭ ބުނުމެވެ. ބުއްދި ސަލާމަތުން ނެތް މީހަކު ކުރާ ކަމަކަށް އަދަބު ދިނުމަކީ ބޮޑު ޖޯކެކެވެ. ދުނިޔޭގައި ކުޑަކުދިން ހިމާޔަތް ކުރުމަށާއި އެކުދިންނަށް ޤާނޫނީ ރައްކާތެރިކަން އިތުރަށް ދީފައިވަނީ އެކުދިންނަކީ ސިކުޑި ފުރިހަމަނުވާ ކުދިންނަށްވާތީއެވެ. ދުނިޔޭގައި މޮޔައިން ގެންގުޅުމާއި މޮޔައިން ބެލެހެއްޓުމަކީ ޤައުމުތަކުގެ ސަރުކާރުންކުރާ ކަމެކެވެ. އަދި އެމީހުންނަކީ ޤާނޫނުގެ ކުރިމައްޗަށް ހުށަހެޅި ޤާނޫނީ ގޮތުން ކުށް ސާބިތުކޮށް އަދަބު ކަނޑައެޅޭ ބައެއްނޫނެވެ. ބައެއް ޤައުމުތަކުގައި އެފަދަމީހުން ކުރާ ކުށްތަކަށް އަދަބު ދެވެނީ އެމީހުންގެ ބެލެނިވެރިން ނުވަތަ ބަލަދުވެރިންނަށެވެ. އެމީހުން އެބައެއްގެ ބެލުމުގެ ދަށުގައިވާ މީހުންނަށެވެ.

ދުނިޔޭގައި ނަފުސާނީ ބަލި މީޙުން މަޝްހޫރުވެގެންދާ އެހެން ގޮތެއްވެސް އޮވެއެވެ. އެއީ ސިޔާސީ ގޮތުންނެވެ. ޤައުމެއްގެ ވަރުގަދަ އިދާރާއަކަށް ދިފާޢީ ހަށިފާރަވެރިންނާއި ދިފާޢީ ލަޝްކަރު ފޫދުއްވާލާފައި އެތައް ފަހަރަކު މީހުން ވަދެފައިވެއެވެ. މިއިން ކޮންމެ ފަހަރަކުވެސް ފެނިގެންދަނީ ދިފާޢީ ނިޒާމުގެ ބަލިކަށި ކަމާއި ޤައުމީ ދިފާޢީ ކަންތައްތައް އޯގަނައިޒު ކުރެވިފައި ހުންނަ ދޯދިޔާކަމެވެ. އެކަންކަން ފޮރުވުމަށްޓަކައި އެ ޤައުމުތަކުގެ ސަރުކަރުން އެކަންކަން ކުރާ ކުށްވެރިން ހަދަނީ ނަފުސާނީ ބަލި މީހުންނަށެވެ. މޮޔައިންނަށެވެ. ސިކުޑި ހަމަނުޖެހޭ މީހުންނަށެވެ. އެހިސާބުން މީޑިއާއިން އެމައްސަލަ އަބަދުގެ އަބަދަށް ފަސްއެޅި ފޮރުވިގެން ދެއެވެ. އެފަދަ މައްސަލައެއް ކޯޓް ކޭހަކަށް ހަދައިފިނަމަ އެކަމާ ގުޅިގެން އެތައް އެތައް ސުވާލުތަކެއް އުފެދި، ކަމުގެ ތެރެއަށް އެހެން އެތައް ބަޔަކު ވަދެ، ބަހުސްތައްކޮށް ފާޑުކިޔާ ހެދުމުގެ މަގުތަކެއް ހުޅުވިގެން ދެއެވެ. އަދި އެތައް ދުވަހަކަށް އެތައް ބައެއްގެ ސަމާލުކަން އެމައްސަލައަކަށް ހުއްޓިފައި އޮވެދެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް ވަޅިއަކުން ހަމަލާދިން މީހާ ގެ ތަހުގީގު ނިމި ކޯޓުގައި ޝަރީއަތް ފެށުމާއެކު އޭނާ އަކީ ސިކުޑީގެ މައްސަލަތަކެއް ހުރި މީހަކަށް ވެއްޖެއެވެ. އޭނާގެ ދިފާޢީ ވަކީލުން ވިދާޅުވަމުން ގެންދަވަނީ އޭނާއަކީ ކުޑައިރު ޑަބިޔަލެއްގައި ބޯޖެހި ބޮލަށް ގެއްލުންތަކެއް ވެފައިވަ މީހެއްކަމަށެވެ. ބޮލަށް ލިބޭ ގެއްލުމާއި ސިކުޑިއަށް ލިބޭ ގެއްލުމަކީ ދެ ގެއްލުމެކެވެ. ބޮލަށް ލިބޭ ކޮންމެ ގެއްލުމެއްގެ އަސަރު ސިކުޑިއަށް ކުރާކަށް ނުޖެހެއެވެ. އެކަމަކު ބޮލަށް ލިބޭ އަނިޔާއެއް މާބޮޑަށް ބޭރަށް ފެންނަން ނެތް ކަމަވެސް ސިކުޑިއަށް އަސަރު ކޮށްފާނެއެވެ.

ރައީސުލްޖުމްހޫރިއްޔާއަށް ވަޅިން ހަމަލާދިން މިހާ ޝަރީއަތުގައި ވާހަކައެއް ނުދައްކައެވެ. އެކަމަކު އޭނާ ތަހުގީގަށް ބޮޑު ބަޔާނެއް ދީފައިވެއެވެ. ޝަރީޢަތުގައި ވާހަކަ ދައްކާނީ ކީކޭ ކިޔާފައިތޯއެވެ. އެކުށުން އޭނާ ބަރީޢަވުމަށް ދައްކާނީ ކޮން ބަހަނާއެއްތޯއެވެ. ޤާނޫނީ ވަކީލުން އޭނާ އެކުށުން ބަރީޢަ ކުރުމަށް ދައްކާނީ ކޮން ހުއްޖަތެއްތޯއެވެ؟ ޝައްނެތެވެ. އޭނާ އެކުށް ކުރިއެވެ. އެއީ އޮޅުވާލެވެންނެތް ހަގީގަތެކެވެ. އެހެން ވުމުން ނަފުސާނީ ބަލި މީހަކަށް ވުންނޫންގޮތެއް ނެތެއްނޫންތޯއެވެ؟

ވަޅިން ހަމަލާދިން މީހާގެ ސިކުޑީގެ މައްސަލައެއްވެސް އުޅެދާނެއެވެ. އެކަމަކު ޝަރީޢަތުގައި ބަލާނީ މިހާރު އޭނާގެ ސިކުޑިއަށް ލިބިފައިވާ ނުވަތަ އޭނާގެ ވާހަކައާއި އަމަލުތަކުން ތަމުސީލުކުރާ ނަފުސާނީ ބަލިކަމެއްނޫނެވެ. ޝަރީޢަތުން ބަލާނީ އެ އަމަލު ހިންގި އިރު އެމީހާ ހުރި ހާލަތެވެ. މިކަންކަން ޝަރީއަތަށް ސާބިތުކޮށް ދިނުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. ކުށްވެރިޔާ އަނގަ ބަންދުކޮށްގެން ބަހައްޓައިގެން އޭނާގެ ވަކީލުންނަށް ޝަރީޢަތް ދިގު ދަންމާލެވިދާނެއެވެ. އަދި ނަފުސާނީ ޑޮކްޓަރުންނަށް ދައްކާ މައްސަލަ ފުޅާކުރެވިދާނެއެވެ. ހަމަ އެގޮތަށް ކުށްވެރިޔާ ދީފައިވާ ބަޔާނާއި ބަޔާން ނަގާފައިވާ ގޮތުގެ ވީޑިއޯއާއި އޭނާގެ އޭރުގެ ހަރަކާތްތައް ހުރިނެތްގޮތްވެސް ބެލިދާނެއެވެ. މިއީ ބަލަން ޖެހޭވެސް ކަންތައްތަކެވެ. މިކަންތައްތައް ބެލުމަށްފަހު ކޯޓުން ނިންމަވާގޮތް ނިމޭނީވެސް ކޮންމެވެސް އެއްކޮޅަކަށެވެ. ދެން ހުށަހެޅޭނީ އިސްތިޢުނާފަށެވެ. އޭރުން ވެސް ނަތީޖާއަކަށްވާނީ ކޮންމެވެސް އެއްކޮޅެއް ބަލިވެ އަނެއްކޮޅު މޮޅުވުމެވެ. ނަފުސާނީ ބަލި މީހެއް ކަމަށް ޝަރީޢަތުން ނިންމަވައިފިނަމަ ދުނިޔޭގެ އެހެން ޤައުމުތަކުގައި ދާންޖެހެނީ އޭގެބަލި މީހުން ތިބޭ ތަނަކަށެވެ. ކުރަންޖެހެނީ ފަރުވާއެވެ. ރާއްޖޭގައި ދާނީ ގެއަށް ބާވައެވެ؟ މިއީވެސް ރާއްޖޭގައި އާކަމެކެވެ. ނަފުސާނީ ބަލި މީހުން ގެ ދޮރު ޝަރީއަތުން ހުޅުވިއްޖެނަމަ އެދޮރުން ވަންނާނެ ވަރަށް ގިނަ މީހުންވާނެއެވެ.

Monday, May 26, 2008

އުންމީދީ މަނަދޫއަކަށްު



މިއީ މަނަދޫގެ މުސްތަގުބަލުގެ އުންމީދީ ޚިޔާލީ ތަސްވީރެކެވެ.

Saturday, May 24, 2008

މާފަރު ކުޑަޙުސޭނުބޭ މަރުވީ އޭނާ އަމިއްލައަށް ހެދި މަސްވެރި ފަންޑިތައެއްގެ ސަބަބުން؟


ނ. މާފަރު މިރިހިމާގޭ އިބްރާހިމް ޙުސައިން


ލިޔުނީ: ޢަބްދުﷲ ސަޢީދު

ފަންޑިތަ އާއި ސިހުރު ހާހޫރަ އާއި ގުޅޭ ހާދިސާތައް ކަމަށްބުނާ ވަރަށް ގިނަ ހާދިސާތައް ހުރެއެވެ. މިފަދަ ގިނަ ހާދިސާތަކާއި ވާހަކަތަކަކީ އެކިއެކި މީސްމީހުންގެ ތުންތުންމަތިން ނަގުލުވެފައިވާ ވާހަކަތަކެކެވެ. އެއީ ތެދެއްތޯ ނުވަތަ ދޮގެއްތޯ ސުވާލު އުފެދޭ ވާހަކަ ތަކެކެވެ. މިކަހަލަ ގިނަ ވާހަކަތައް ލިޔަން ޖެހެނީ ކޮންމެ ވެސް މީހަކު ކިޔައދޭ ގޮތަށެވެ. މިފަހަރު މިލިޔާ ވާހަކައަކީވެސް ތަފާތު ވާހަކައެކެވެ. މަސްވެރިކަމަށް ހެދި ފަންޑިތައެއްގެ ސަބަބުން ފަންޑިތަ ހެދި މީހާ މަރުވެދިޔަ ގޮތުގެ ވާހަކައެކެވެ. މި ވާހަކަ ކިޔައިދީފައިވަނީ މަރުވި މީހާގެ ދަރިއެކެވެ. ނ. މާފަރު މިރިހިމާގޭ އިބްރާހިމް ޙުސައިން އަށް ފެނުނީ އޭނާގެ ބައްޕަ މަރުވެގެން ވެއްޓުނު މަންޒަރު އެކަންޏެއް ނޫނެވެ. އޭނާގެ ބައްޕަ މަރުވަން ދިމާވި ސަބަބު ކަމަށް އިބްރާހިމް ބުނާ ފަންޑިޔަ އޭނާގެ ބައްޕަ ހަދާފައިވަނީ އިބްރާހިމްގެ ވަރަށް ބޮޑު އެހީތެރިކަން ލިބިގެން ކަމަށް އޭނާ ބުނެއެވެ. އެކަން އިބްރާހިމް ފިޔަވާ އެހެން އެއްވެސް މީހަކަށް އެނގޭ ބާވައެވެ.

ދުވަސްވަރަކީ ދިވެހިންގެ ދިރިއުޅުން ކަނޑު ރޯއްޖަށް ބަރޯސާވެފައިވާ ދުވަސްވަރެވެ. އެދުވަސް ވަރަކީ މަސްވެރިކަން ފިޔަވާ އިތުރު މާގިނަ މަސައްކަތްތަކެއް ކައިގެން ބޮއިގެން އުޅުމަށް ދިވެހިން ކުރި ދުވަސްވަރެއް ނޫންކަމުގައި އިބްރާހިމް ބުންޏެވެ. މަސްވެރިކަން ފިޔަވާ ދެން ކުރެވޭ މަސައްކަތްތަކަކީ މަސްވެރިކަމާއި ގުޅުންހުރި މަސައްކަތްތަކެވެ. ބާނާ މަސްކައްކާ، ހިތްކުމާއި ރިހާކުރު ހެދުމާއި އެމަސް ރާއްޖެއިން ބޭރަށް ގެންގޮސްގެން ވިއްކުމާއި މިހިރީ އެދުވަސްވަރު ދިރިއުޅުމަށް ކުރި މަސައްކަތްތަކެވެ. ހިކިމަސް ރާއްޖެއިން ބޭރަށް ގެންދާއިރު އެއާއިއެކު އެހެނިހެން އެއްޗެތިވެސް މަދުމަދުން ގެންދެއެވެ. ނަމަވެސް މައިގަނޑު ބާވަތަކީ ދިވެހި ހިކި ކަނޑުމަހެވެ.

ދިވެހިންގެ ދިރިއުޅުން ކަނޑުމަހަށް ބިނާވެފައިވާ އެދުވަސްވަރު މަސްވެރިންގެ މެދުގައި ވަކި ޚާއްޞަކޮށް ރަށްރަށުގެ މަސްދޯނި ފަހަރުގެ މެދުގައި އުފެދިފައިއޮތީ ވަރަށް ބޮޑޫ ވާދަވެރިކަމުގެ ރޫހެކެވެ. އެއްދޯނި އަނެއް ދޯންޏާއި ދެމެދުގައި އޮންނަ ވާދަވަރިކަމުގެ ހުރިހާވެސް ބަހެއް ރައްދުވާ މައިގަނޑު މީހަކީ ކޮންމެ ދޯންޏެއްގައިވެސް ހުންނަ މައިކެޔޮޅު މީހާއެވެ. ބައެއް ދޯނި ފަހަރު މަސްކަނޑަށް ނިކުމެ މަސްބާނާ ވަތްތައް ފުރާލައިގެން ދިދަ ޖަހައިގެން އަންނައިރު އަނެއްބައި ދޯނި ފަހަރުގެ މީހުންނަށް އެމަންޒަރު ބަލަން ތިބުމަކީ ހިތްހަމަޖެހޭ ވަރުގެ ކަމަކަށް ނުވެއެވެ. ދެން އެހިސާބުން ފެށެނީ ފަންޑިތަ ހެދުމާއި ވަލީވެރިންނަށް ނަދުރު ބުނުމާއި މަސްވެރިކަމަށް ރަނގަޅު ކުރުމަށް އަލުން ދޯނި ބޭލުމާއި ވަލީވެރިންގެ ޒިޔާރަތްތައް ހުންނަ ރަށްރަށަށް ދޯނި ބީއްސުންފަދަ ކަންތައްތަކެވެ. " ކޮންމެ ދޯންޏެއްގައިވެސް ހުންނާނެ ހަމަ ސީދާ އެކަމަށް ( ފަންޑިތަ ވެރިކަމަށް ) ޚާއްޞަ މީހެއް. އޭނާ ދޯނި ބާލާނީ. އޭނާއަށް އެކަމުގެ އުޖޫރައެއްގެ ގޮތުން މަސްލިބޭނެ. ކޮންމެ ދުވަހަކުވެސް ބާނާ އެންމެ ބޮޑު މަސް ފުރަތަމަވެސް ބައިމެދުން ނެގޭނީ ކަންވެރިޔާއަށް. މީގެ އިތުރުން އޮޑިދޯނި ފަހަރުގެ ކެޔޮޅުންވެސް ތިބޭ އެމީހަކު އަމިއްލައަށް ކަންވެރިކަން ކުރާ މީހުން. އެފަދަ މީހެއް އަޅުގަނޑުގެ ބައްޕައަކީ " އިބްރާހިމް މީގެ ފަންސާހަކަށް އަހަރުގެ ކުރީގެ ހަނދާންތައް އާކުރަމުން ބުންޏެވެ. އިބްރާހިމްގެ ބައްޕަ ކުޑަ ޙުސޭނުބެއަކީ މާފަރުގެ މަޝްހޫރު ކެޔޮޅެކެވެ. އެންމެ ޒުވާން ދުވަސްވަރުން ފެށިގެންވެސް މަސްވެރިކަމުގައި އުޅެމުން އައި ހީވާގި މީހެކެވެ. ބައްޕަ އާއިއެކު އިބްރާހިމް މަހަށް ދާންފެށިއިރު އޭނާއަކީ އުމުރުން ދިހަވަރަކަށް އަހަރުގެ ކުޑަކުއްޖެއް ކަމަށް އިބްރާހިމް ބުންޏެވެ.

" އެއް ރެއަކު ބައްޕަ ބުނެފި އަޅުގަނޑަށް ގޮވާލާފައި މޫދުން ރޯ ހިރިއެއް ގެނެސްދޭށޭ. އެހެން ބުނުމާއެކުވެސް އަޅުގަނޑަށް އެނގުނު ބައްޕަ އެއުޅެނީ ކީއް ކުރަންކަން. އެކަމަކު އޭރރަކު އެއްގޮތަކަށް ހިތަކަށް ނާރާ މިއީ ކިހާވަރެއްގެ ކަމެއްކަމެއް. ބައްޕަ އެހެން ބުނުމުން އަޅުގަނޑު އެރޭ މޫދަށް އެރިގެން ކުޑަކުޑަ ނޫހިރިއެއް ގެނައީ. ވަށްކޮށް ވަރަށް ރީތިކޮށް އޮތް ހިރިއެއް އެއީ. ހިރި ގެނެސް ބައްޕަގެ އަތަށް ދީފަ އަޅުގަނޑު ދިޔައީ. ފަތިހު މަހަށްދާން ގޮވާފަ ބައްޕަ އަޅުގަނޑުގެ އަތަށް އެ ( ހިރި ) ދިނީ. ދީފަ ބުނީ މިހިރި ހިފައިގެން ދޯންޏަށްދާށޭ. އޭރު ހިރި އޮތީ ހުދު ކަފުންފޮތި ކޮޅަކަށްލާފަ. ވަރަށް ރީތިކޮށް އައްސާލާފަ. އަޅުގަނޑަށް އެނގޭ އެރޭ ވަރަށް ދަންވަންދެން ބައްޕަ އުޅުނީ އެ ހިރި މެތުރުމުގެ މަސައްކަތުގައިކަން. އެފަދަ ކަންތައްތައް ބައްޕަ ކުރާނީ މީހުން ނިދާ ހަމަހިމޭން ވުމުން ވަރަށް ސިއްރުން. ބައްޕަ މަރުވިއިރު ދުވަސް ވެފައި ހުއްޓަސް ބައްޕައަކީ ގައިބާރު ދެރަ ބަލި މީހެއްނޫން " އިބްރާހިމް ވާހަކަ މެދުކަނޑާލިއެވެ.

އަޅުގަނޑު އެއްވެސް ސުވާލެއް ނުކޮށް އިނީމެވެ. އޭނަގެ މޫނުމަތިން ފާޅުވާ ކުލަވަރުތަކަށް ބަލާށެވެ. ސަމާސާ އާއި މަޖަލާއި ހުނުމަކީ އިބްރާހިމްގެ ކަށީގައި ހިފާފައިވާ ކަމެކޭ ކުރިން އަޅުގަނޑަށް އޮތީ ޤަބޫލުކުރެވިފައެވެ. އޭނާގެ މިޒާޖު ހުންނަލެއް ސަކަ ކަމުންނެވެ. ނަމަވެސް އޭނާގެ އިޙްސާސްތަކަށް އައި ކުއްލި ބަދަލު އޭނާގެ އަޑަށާއި މޫނުމަތީގެ ކުލަވަރަށްވެސް ވެރިވެގެން ދިޔައެވެ. އޭނާގެ ޙަޔާތުގައި ދިމާވި އެންމެ އަސަރުގަދަ ވާހަކަ ކިޔައިދިނުމަކީ މާ ފަސޭހަ ކަމަކަށް ނުވިއެވެ. އޭނާ ބޭނުންވީ ވާހަކަ މިހިސާބުން ނިންމާލާށެވެ. އެކަމަކު ކުޑަ އިރުކޮޅަކަށްފަހު ވާހަކައިގެ ދެން އޮތްބައި ލަސްލަހުން ނަމަވެސް ކިޔައިދޭން ފެށިއެވެ.

" އަޅުގަނޑު ހިރި ގެންގޮސް އެއްސީ ކަނދޮޅު ގޮނޑީގަ. ހުރިހާ އެންމެން އަރާ ހަމަވުމުން ދޯނި ބައްޓާލައިފި. އެ ހިރި ގެނަޔަސް އެދުވަސްވެސް އާދައިގެ ދުވަހެއް ގޮތަށް އަޅުގަނޑުމެން އުޅުނީ. އެއީ އެހެން ނޫނަސް އެކިއެކި ދުވަސް ދުވަހު ބައްޕަ ހަދާ ފަންޑިތަތައް ބައްޕަ ބުނާ ގޮތަކަށް ގެނެސް އެއަށް އެކުރަންވާ ކަމެއް ބައްޕަ ކުރަންދެން އެއެއް ބަހައްޓާފައި ހުންނަނީ އަޅުގަނޑުގެ ހަވާލުގަ. އެދުވަހު އެންދަމަން ދިޔައީ ވާދޫ ބޭރަށް ( ވާދޫ އަކީ ނ. އަތޮޅުގައި އޮންނަ ފަޅުރަށެކެވެ. އެރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ޅޮއްސެވެ. ) ވާދޫ ބޭރުން އެންދަމައިގެން މަސްކަނޑަށް ނުކުތީ. ހެޔޮ ވަރަކަށް ވައިޖެހޭ ދުވަހެއްއެއީ. މޫސުމްވެސް ވަރަށް ރީތި. އެދުވަސްވަރަކީ ރިޔަލުގައި މަސްވެރިކަން ކުރި ދުވަސްވަރު. މަސްކަނޑަށް ނުކުމެފަ ބައްޕަ ބުނެފި ދަރިފުޅާވޭ އެއްކަލަ އެތި ދޭށޭ. ދެން އަޅުގަނޑު ހިރި ގެނެސް ދިނުމުން ބައްޕަ އޭތި މޮހާލީ. އެއަށްފަހު އެކުރި ކަމެއް ކޮށްފައި ދޯނީގެ ރިޔާމަތިން ކަނޑަށް އެއްލީ. އޭރުވެސް މަސްއައިން ހޯދުމަށް އެކި މީސްމީހުން އެކި ދިމަދިމާލަށް ބަލަމުން ގެންދިޔައީ. ހިރި އެއްލިތާ އިރުކޮޅެއް ނުވެ ދޯނީގެ ސީދާ ކުރިމަތިން ދޫންޏެއް ފެނިއްޖެ. އެއަށްފަހު އިތުރު ދޫނިވެސް ފެންނަން ފަށައިފި. ދޫނި ފެންނަނީ ރޮއްޖެއްހެން ކަނޑަށް ތިރިކުރާތީ. އޭރު މާފަރުގެ މަލަ ކިރިޔާ ހެން ހީވަނީ. މަސް އައިނާ ކައިރިވެފަ ބައްޕަ ބުނި ކުދިންނޭ މިހިރީ މަހޭ. އައިނަށް ވަންނަންވީހޭ. ދޯނީގައި ތަން އޮތިއްޔާ ބޭނުން ވަރަކަށް މިއަދު މަސްބެވޭނެޔޭ. އެކަމަކު ހިޔެއް ނުވެޔޭ އަހަރެން ސަލާމަތްވާނެ ހެންނެއް. ބައްޕަ އެހެން ބުންޏަސް އެކަކަށްވެސް ބައްޕަ އެބުނަނީ ކީކޭ ކަމެއް އޭރަކު ވިސްނައެއް ނުގަނެވުނު. އޮޑިދޮށުން ފުމެއަރާ ދަހި މަސްއައިނަށް އަވަހަށް ވަނުމަށް ފަޅުވެރިން ގޮވަން ފެށި. އެދިޔަ ގޮތަށްގޮސް އައިނަށް އަރައިފި. ބައްޕަ ހުރީ ފުރަތަމަ ހުންގާނުގަ. ދޮށިވެސް އެޅި. އެއަށްފަހު އިނީ ފެންލާން ފިލާގަނޑުގަ. މަސްދަހިކަމުގެ ވާހަކަ ރަނގަޅުވާނީ ނުދެއްކިއްޔާ. އެންމެ ކުރު ދޮށީގައި މަސްބާނަމުން އައީ އިސްހިތަކު ދޯނި ފުރިއްޖެ. އޭރުވެސް އައިނުގެ ދަހިކަމަކަށް ބަދަލެއްނާދެ. ބާނާނެ ވަރަކަށް މަސްބާނަން ހުރި. މަސް ބާނަށް ތިއްބާ ފެނުނީ ބައްޕަ ފިލާގަނޑު މައްޗަށް ވެއްޓުނުތަން. ބައްޕަ މަރުވެގެން ވެއްޓުނީ އަޅުގަނޑުގެ ކުރީމަތީގަ " އިބްރާހިމް އޭނާގެ ޙަޔާތުގައި ދިމާވި އެންމެ ހިތާމަވެރި ހާދިސާ ފުރަތަމަ ފަހަރަށް ނޫހެއްގައި ޖެހުމަށް ކިޔައިދެމުން ބުންޏެވެ.

" ބައްޕަ އެ ފަންޑިތަ ހެދީ ފަހަރެއްގައި މީހަކު ބުނި ދެރަ ބަހަކަށް ކަމަށްވެސް ވެދާނެ. އޭރަކީ މަސްވެރިކަމުގައި ވަރަށް ވާދަވެރި ދުވަސްވަރެއް. އެކަމަކު އެ ފަންޑިތަ އަކީ އެހާ ނުރައްކާތެރި ފަންޑިތައެއްކަން ކުރިން އެގުނުނަމަ އަޅުގަނޑު އެފަންޑިތަ ހެދިޔަކަ ނުދިނީމުސް. ބައްޕަ އަށް އެ ފަންޑިތަ ހެދުނީ އަޅުގަނޑު އެ ހިރި ގެނެސްދިނުމުން " އިބްރާހިމް ބުންޏެވެ.

އިބްރާހިމްގެ މި ވާހަކަ މާފަރުގެ ގިނަ މީހުންނެއް ޤަބޫލެއް ނުކުރެއެވެ. އެރަށުގެ މީހުން ޤަބޫލު ކުރާގޮތުގައި ކުޑަ ޙުސޭނުބޭ މަރުވުމާއި ފަންޑިތަވެރިކަމަކާ އެއްވެސް ގުޅުމެއްނުވެއެވެ. ނަމަވެސް ކުޑަ ޙުސޭނުބޭ މަރުވީ މަހަށްގޮސް އުޅެނިކޮށް ކުއްލި އަކަށެވެ. ކުޑަ ޙުސޭނުބޭ ވަޅުލާފައިވަނީ މާފަރާ ކައިރީގައި އޮންނަ ފަޅުރަށެއް ކަމުގައިވާ ވައްޓަރުގައެވެ.

ނޯޓް: މި ހާދިސާ ވަނީ އުދަރެސް މަޖައްލާގެ 187 ( 7 ޖުލައި 2004 ) ގައި ޝާއިޢު ކުރެވިފައެވެ.

Friday, May 23, 2008

ޅ. މަޑިވަރު މިސްކިތުގެ ފުރަތަމަ ނަންބޯޑް



މިއީ 08 އޯގަސްޓް 2004 ގައި ޅ. މަޑިވަރު މިސްކިތަށް އަޅުގަނޑު ހަދައިދީފައިވާ ނަންބޯޑެކެވެ. - އަބްދުﷲ ސަޢިދު

އދ. ދިއްދޫގައި މީހުން ވަޒަންވެރިވިގޮތް

ލިޔުނީ: ޢަބްދުﷲ ސަޢީދު



ދޮންތަކުރު ރުއްއެޅި ދީދިފިނޮޅު ( މިހާރުގެ ވައިޓްސޭންޑް ރިސޯޓް ) އާއި ދިއްދޫ އަދި ދިއްދޫގެ މަތިން ނަގާފައިވާ ފޮޓޯއެއް

ދވެހިރާއްޖޭގެ ރަށްރަށުގެ ތެރެއިން ވަރަށް މަދުރަށެއްގައި ނޫނީ އެރަށްރަށުގައި މީހުން ވަޒަންވެރިވާންފެށުނުގޮތް އެނގޭކަށް ނެތެވެ. މިގޮތަށް އެނގޭންހުރި ބައެއް ރަށްރަށަކީ ވަރަށް ފަހުން މީހުން ވަޒަންވެރިވެފައިވާ ރަށްރަށެވެ. އެހެންގިނަ ރަށްރަށުގައި މިފަދަ ތާރީޚީ ހޯދުމެއް ހޯދަންބަލާއިރު ތާރީޚީ ގޮތުން އެފަދަ މަޢުލޫމާތެއް ފޯރުކޮށްދޭފަދަ އާސާރުތަކެއް ނެތެވެ. އެހެންނަމަވެސް ބައެއް ރަށްރަށުގައި އެރަށްރަށުގެ މީހުން ވަޒަންވެރިވިގޮތް ކަމަށް ބުނެވޭ ތާރީޚީ ފޯކްލޯރުތައް އެބަހުއްޓެވެ. ތާރީޚީ ޢިލުމުވެރިންގެ މެދުގައި މަޤުބޫލު ތާރީޚީ ތަރިކައެއް ކަމަށް ބެލެވޭ ފޯކްލޯރު ނުވަތަ ތުންތުންމަތިން ދެކެވެމުން އަންނަ ވާހަކަތަކަކީ މުހިންމުކަން ކުޑައެއްޗެއް ނޫނެވެ. މިފަދަ އެއް ވާހަކައަކީ އދ. ދިއްދޫ ދޮންތަކުރުގެ ވާހަކައެވެ. ދޮންތަކުރުފާނުގެ ވާހަކައޭވެސް ކިޔައެވެ. ދޮންތަކުރުކާފަގެ ވާހަކައޭވެސް ކިޔައެވެ. އެކިނަންނަމުން ނަން ދެވިފައިވީ ނަމަވެސް އެއީ އެއް ވާހަކައެކެވެ. އެއީ އދ. ދިއްދޫގައި މީހުން ވަޒަންވެރިވި ގޮތުގެ ވާހަކައެވެ.

އދ. ދިއްދޫގައި މީހުން ވަޒަންވެރިވި ގޮތް ކަމަށް ބުނެވޭ ވާހަކައަކީ ވަރަށް ބޮޑަށް އެރަށުގެ ދުވަސްވީ މީހުން އިތުބާރުކުރާ ވާހަކައެކެވެ. މި ފޯކްލޯރާބެހޭ ގޮތުން ރަށުގެ ދުވަސްވީ މީޙުންގެ ވާހަކަތަކަށް ބިނާކޮށް ދިއްދޫ އޮފީހުން 2003 ޖޫން 24 ގައި ތައްޔާރުކޮށްފައިވާ ރިޕޯރޓެއްވެސް އެއޮފީހުގައި އެބައޮތެވެ. " އދ. ދިއްދޫގައި ދަރިފަސްކޮޅު އުފެދުމުގެ ( މީހުން އާބާދުވުމުގެ ) އަސްލު ކަމުގައިވާ ދޮންތަކުރު ކާފަޔަށް މިރަށަށް އާދެވުނުގޮތް " މިނަމުގައި ތައްޔާރުކޮށްފައިވާ ރިޕޯޓަށް މަޢުލޫމާތު ދެއްވާފައިވަނީ އެރަށު ހުވަނދުމާގޭ އާދަމް އިބްރާހިމެވެ. ރިޕޯރޓް ތައްޔާރުކުރައްވާފައިވަނީ އެރަށު ނޫވިލާގޭ އިބްރާހިމް ޙަސަނެވެ. މި ވާހަކަ ރަށު އޮފީހުގައި އޮތް ގޮތަކަށްވުރެ ތަފްސީލުކޮށް މީހުން ކިޔާ އުޅެއެވެ. އަޅުގަނޑު މިލިޔަނީ ދޮންތަކުރު ދަރިކޮޅުން މިވާހަކަތައް ވާރުތަވަމުން އައިސްފައިވާ ގޮތްކަމަށް ދޮންތަކުރުގެ މުޙަންމަދުގެ އިބްރާހިމްގެ އަބްދުލްޢަޒީޒް ކިޔައިދީފައިވާ ގޮތަށެވެ.

ފަރަންސޭސިވިލާތުގެ ނަވެއް އަރިއަތޮޅުގެ ދިގުރަށާއި ދީދިފިނޮޅާއި ދިއްދުއާއި ކުޑަދުއާއި ހިޔަފުއްޓާ އެކުވެފައިވާ ފަޅުގެ ދެކުނު ކަނަށް އުރުނެވެ. ބުނެވޭގޮތުގައި މިނަވުން ދަތުރުކުރި މީހުންގެ ތެރެއިން އެއްބަޔަކު މިހާދިސާގައި މަރުވެ ދިޔައީއެވެ. އަނެއް ބަޔަކު ފަސޭހައިން އެރެންހުރި ރަށްރަށަށް އެރީއެވެ. މިގޮތުން ޖޯސެފް ނަމަކަށްކިޔާ މީހަކާއި އޭނާގެ ކުޑަ ފިރިހެން ދަރިފުޅަށް ސަލާމަތްވެގެން އެރުނީ ދިއްދޫއަށެވެ. ދިއްދޫ އަށް ފަރަންސޭސިވިލާތުގެ ދެބައިންއަރާ އަތްފައިން ވާހަކަ ދައްކައިގެން އެމީހުންނަށް އެނގުނީ އެއީ ފަޅުރަށެއްކަމާއި މީހުން ގިނައިން އުޅޭ ރަށްކަމެވެ. އެހެންކަމުން އެރަށް ދޫކޮށް އެބަފައިން ދިޔައީ ދިގުރަށަށެވެ. އޭރު ދިއްދޫއަކީ އދ. ހަންޏާމީދޫގައި ހުންނަ އިބްރާހިމް ކަލާފާނުގެ ޒިޔާރަތުގެ މައްޗަށް ވަގުފުކޮށްފައިވާ ފަޅުރަށެއް ކަމުގައި ބުނެވެއެވެ. މިގޮތުން އޭރު އެރަށް ލިޔެގތެން އައިސް ތިބީ ހަންޏާމީދޫ އާދަންތަކުރުބޭ ކިޔާ މީހަކާއި އޭނާގެ އަންހެނުންނާއި ކުދިންކަމަށް ބުނެވެއެވެ.

ދިގުރަށުގައި، އެރަށު މީހުން ޖޯސެފަށް ޔޫސުފް އޭ ކިޔާ ނަންހަރުކޮށް، އޭނާގެ ދަރިފުޅަށް ދޮންތަކުރުގެ ނަމުން ނަންދީ ނަންހަރުކުރީ ކަމަށް ބުނެވެއެވެ. ދުވަސްވަތަކަށްފަހު ޔޫސުފް ނިޔާވެއްޖެއެވެ. އޭރު ދޮންތަކުރުހުރީ ބޮޑުވެ، ފިރިފުރާވަރަށް އަރާފައެވެ. އެހެންކަމުން އޭނާ އެރަށުން ކުއްޖަކާ އިންނަން ގަސްދުކޮށްފިއެވެ. މިކަމާ އެރަށުގެ ބަޔަކު ދެކޮޅުހަދާ ދެކޮޅުވެރިންގެ ދުއްތުރާ ބޮޑުކޮށް ދެލޯބިވެރިން ދުރުކޮށްފިއެވެ. މިކަމާވީ ދެރައިންނާއި ވީ ފޫހިން އަދި އައި ރުޅީގެ ސަބަބުން އެރަށުން ފައިބައިގެން ދޮންތަކުރު ދިޔައީ ދިއްދޫ އަށެވެ. އޭރު އޭނާއަށް ހުރީ ދިވެހިބަހުން ރީތިކޮށް ވާހަކަދައްކަން ދަސްވެފައެވެ. އަދި ދިރިއުޅުމަށް އާންމުގޮތެއްގައި ދިވެހިން ކޮށްއުޅޭ ހުރިހާ މަސައްކަތެއްވެސް އޭނާވަނީ ދަސްކޮށްފައެވެ.

ދިއްދޫއަށްގޮސް ދޮންތަކުރު އުޅުނީ އާދަން ތަކުރުބޭގެ ދެމަފިރިންނާއި ދަރިންނާއެކު ރަށް ބެލެހެއްޓުމުގެ މަސައްކަތުގައެވެ. އޭރު އާދަންތަކުރުބޭ ހުރީ ދުވަސްވެ މުސްކުޅިވެ ގައިބާރު ދެރަވެފައިކަމުން ކަންކަމުގައި އިސްވެ ނަގާކިޔާ ހަދަނީ ދޮންތަކުރެވެ. އޭނާގެ ރަނގަޅުކަމުން އާދަންތަކުރުބޭ ހުރީ ދޮންތަކުރާމެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހިފައެވެ. މިގޮތުގައި ދުވަސްތައް ގުނެމުން ދަނިކޮށް އާދަންތަކުރުބޭގެ އަންހެން ދަރިއަކާއި ދޮންތަކުރާ ދެމެދުގައި ލޯބީގެ ގުޅުން އުފެދިއްޖެއެވެ. މިކަން އެނގިގެން އާދަންތަކުރުބޭ ވަރަށް ބޮޑަށް ރުހި ޤަބޫލުވެގެން މި ދެކުދިންގެ ކައިވެނި ކޮށްދީފިއެވެ. މި ކައިވެންޏަށް އެދެމަފިރިންނަށް ފަސް ކުދިން ލިބުނެވެ. އެއީ ކަމަނާ، މުޙަންމަދު، އައިމިނާ، ޙަލީމާ އަދި ޙަސަނެވެ. މި ފަސްކުދިންގެ ތެރެއިން އައިމިނާއަށް ކުއްޖެއް ލިބުނުކަމަކަށް ނުކިޔައެވެ. އެހެންނަމަވެސް ކަމަނާއަށް ތިން ކުދިން ލިބުނެވެ. އެއީ އިސްމާޢީލް، އައިސަ އަދި ޢަބްދުއްރަޙްމާނެވެ. މުޙަންމަދަށް ހަ ކުދިން ލިބުނެވެ. އެއީ އައިމިނާ، ކަމަނާ، ސިއްތި، ކައްދާ، ޙައްވާ އަދި އިބްރާހިމް އެވެ. ޙަލީމާއަށް ދެ ކުދިން ލިބުނެވެ. އެއީ ދޮންމަންޖެ އާއި ކަމަނާއެވެ. ޙަސަނަށް ލިބުނީ ހަތަރު ކުދިންނެވެ. އެއީ އައިމިނާ، ޙައްވާ، ދަލޭކަ އަދި މުޙަންމަދެވެ. ބުނެވޭ ގޮތުގައި ދިއްދޫގައި ދަރިފަސްކޮޅު ދެމެދުން އައިސްފައިވަނީ މި އާއިލީ ގޮފިތަކުންނެވެ.

ދޮންތަކުރު އުޅުނުކަމަށް ބުނެވެނީ " ބޮޑުގެ " ކިޔާ ގެއެއްގައެވެ. ފަހުން މިގެ ލިބުނީ ދޮންތަކުރުގެ މުޙަންމަދަށެވެ. ދެން މުޙަންމަދުގެ އިބްރާހިމަށެވެ. ދެން އޭނާގެ ދަރިންނަށެވެ. ދޮންތަކުރުގެ ދަރިންގެ ދަރިންނަށް ލިބެމުން އައިސް މިހާރު އެގޭގައި ދިރިއުޅެނީ އާދަމް އާއި އޭނާގެ ދަރިންނެވެ. އޭނާގެ އަންހެނުންނާޢި ކާފަ ދަރިންނެވެ. މިގެވަނީ އެތައް ފަހަރެއްގެ މަތިން މަރާމާތުކޮށްފައެވެ. މިހާރު މިގެ ފެންނަނީ ރާނާ ވަރަށް ބޮޑުކޮށް ހަދާފައިވާތީއެވެ. ބުނެވޭ ގޮތުގައި އެންމެ ކުރިންވެސް މިގެއަކީ ރަށުގައި ހުރި އެންމެ ބޮޑުގެއެވެ. މިގެއަށް ބޮޑުގެ ކިޔުނީ އެހެންވެގެން ކަމުގައި ޤަބޫލުކުރެވެއެވެ. މިހާރު މިގޭގެ ނަންވަނީ ބަދަލުކޮށްފައެވެ. ވަރަށްފަހުން ރާނާ ހެދުމަށްފަހު މިގެއަށް ދީފައިވާ ނަމަކީ " ހުވަނދުމާގެ " އެވެ.

ދޮންތަކުރަކީ ވަރަށް މޮޅު ފަންޑިތަވެރިއެއް ކަމަށް ބުނެވެއެވެ. އަދި އެހާމެ މޮޅު ބޭސްވެރިއެއްކަމަށްވެސް ބުނެވެއެވެ. ދޮންތަކުރުގެ ފަންޑިތަވެރިކަމުގެ އެންމެ މަޝްހޫރު އެއް ވާހަކައަކީ ހުދުބަލި ޖެހިފައިވާ ފ. އަތޮޅު ނިލަންދޫ މީހަކު ރަނގަޅުކުރި ވާހަކައެވެ. ބުނެވޭ ގޮތުގައި ދޮންތަކުރު އޭނާ ފަސޭހަކުރީ ބަލި ފަސޭހަވެގެން ދޮންތަކުރުގެ އަޅެއްގެ ގޮތުގައި މަސައްކަތް ކުރުމަށް އެއްބަސްވުމުންނެވެ. އެހެން ނަމަވެސް ކިޔެވެލި ކިޔަވާ ފަންޑިތަހަދާ އެމީހާ ރަނގަޅުވުމުން އޭނާ މިނިވަންކޮށް ދޫކޮށްލީ ކަމަށް ބުނެވެއެވެ. މި މީހާއަށް އެބަލި ޖެހިފައިވާވަރު ބޮޑޫކަމުން އޭނާ ފަސޭހަކުރުމަށް ކިޔެވެލި ކިޔަވާ ފެންވެރުވުމަށް އަވަށާ ދުރުގައި ފެންވަޅެއް ބެހެއްޓިއެވެ. އެވަޅު ފަހުން ބޭނުންކުރެވެނީ މަރުވާ މީހުން ހިނެވުމަށް ފެންގެންދާ ވަޅެއްގެ ގޮތުގައެވެ. އެހެންކަމުން އެވަޅަށް ދިއްދޫ މީހުން ކިޔަނީ " ހިނާވަޅު " އެވެ. ޒަމާނުއްސުރެ މިވަޅާ ހުޅުވައިގެން ދެކެވެމުންދާ ތަފާތު ވާހަކަތައް ވަރަށް ގިނައެވެ. މިގޮތުން ދެކެވޭ އެންމެ ފާހަގަކޮށްލެވޭ އެއް ވާހަކައަކީ ރަށަށް އަރާ ބީރެއްޓެއްސަކު މިވަޅުން ފެންބޮއިފިނަމަ އެމީހަކު މިރަށުން ދާހިތްނުވެ މިރަށުގައި ވަޒަންވެރިވެގެން އުޅޭ ކަމަށް ބުނެވޭ ވާހަކައެވެ. މިވަޅު މިހާރުވެސް އެބަހުއްޓެވެ.

ދޮންތަކުރުގެ ފަންޑިތަވެރިކާމެދު ދައްކާ އެންމެ މަޝްހޫރު ވާހަކައަކީ ރަދުންގެ އާލާސްކަންފުޅަކަށް ހެދި ފަންޑިތައެއްގެ ވާހަކައެވެ. އެދުވަސްވަރު ހުންނެވި ރަސްގެފާނަށް ވަރަށް ބޮޑު އާލާސްކަންފުޅެއް ޖެހިވަޑައިގެންފިއެވެ. އެރަދުންނަކީ ނޫރައްދީނު ބަންޑާރައިންކަމަށް ބުނެވެއެވެ. ރަސްގެފާނުގެ އަރިކަށިކޮޅުގައި ހުދުކުލައިގެ ވަށް ލައްގަނޑެއް ޖަހައިފިއެވެ. މިތަން ހުންނަނީ ހުދު ބޮޑު ލަފެއް ހެންނެވެ. މިތަން ހުންނަގޮތުން ރަސްގެފާނު ކަންބޮޑުވެ ވަޑައިގެން ބޭސްވެރިންނާއި ފަންޑިތަވެރިން ހޯއްދަވައިގެން ބޭހާއި ފަންޑިޔަ ހައްދަވއެވެ. އެކަމަކު އެކުރާ ބޭހަކުން އަދި ހަދާ ފަންޑިތައަކުން އެއްވެސް އެނގުމެއްނުވެއެވެ. މިހެން ދުވަސްތައް ދަނިކޮށް ކޮންމެވެސް ގޮތަކުން ދޮންތަކުރާ ބެހޭ މަޢުލޫމާތު ރަސްގެފާނަށް ލިބިވަޑައިގެންފިއެވެ. ރަދުން ދޮންތަކުރު މާލެ ގެންނެވީ ރަދުންގެ އޮޑިކޮޅެއް ދިއްދޫއަށް ފޮނުއްވައިގެން ކަމަށް ވެއެވެ. ދޮންތަކުރު މާލެ އައުމުން ރަސްގެފާނުގެ އަރިކަށިކޮޅު ދައްކަވާ އެކަމަށް ކޮންމެވެސް ފަރުވާއެއް ކޮށްދިނުމަށް އެދިވަޑައިގެންފިއެވެ. ދޮންތަކުރު ވަރަށް ޔަޤީންކަމާއެކު ދެންނެވި ކަމަށްވަނީ އެ ލައްގަނޑުގެ ވައްތަރާއި ބާވަތް އެނގޭ ކަމަށާއި ﷲ ރަޙްމަތްފުޅުން އެއާލާސްކަންފުޅުން ރަސްގެފާނު ސަލާމަތް ކޮށްދެއްވާނެ ކަމަށެވެ. ދޮންތަކުރު މިހެން ދެންނެވުމުން ލައްގަނޑާ ބެހޭ މަޢުލޫމާތު ސާފުކުރައްވަން ރަދުން ބޭނުންފުޅުވެ ވަޑައިގެންފިއެވެ. ދޮންތަކުރު ދެންނެވިކަމަށްވަނީ އެލައްގަނޑަކީ ބަޑިއެދުރުކަލޭފާނުގެ ބަޑީގެ މުއްގަނޑު ވިއްދާފައިހުރި ތަނެއް ކަމަށެވެ. މިހެން ދެންނެވުމުން ރަސްގެފާނު މިކަން ޤަބޫލުފުޅެއް ނުކުރެއްވިއެވެ. ދޮންތަކުރު ދެންނެވި ވާހަކައާމެދު ރަސްގެފާނު ހިތްޕުޅާ ހަމައެއް ނުކުރެއްވިއެވެ. އެންމެފަހުން ޖަދަލު ކުރެއްވުން ހުއްޓަވާ ލެއްވީ ބުނެވޭ ގޮތުގައި ރަދުންގެ ލޯފުޅަށް އެކަން ދައްކަވާނެ ކަމުގައި ދޮންތަކުރު ދެންނެވުމުންނެވެ.

ރަސްގެފާނު ކުރުނުކުރައްވައިގެން ބަޑިއެދުރުކަލޭފާނު ރަސްގެފާނުގެ ލޯފުޅަށް ދައްކާން ޖެހިއްޖެއެވެ. އެހެންކަމުން ކަޅުކޯޓަކާއި އަދިވެސް އެކަމަށް ބޭނުންވާ ބައެއް ސާމާނު ހޯއްދަވާ ތައްޔާރުކުރައްވަން ދަންނަވައިފިއެވެ. އެއަށްފަހު ހަވީރު އަންނާނަމޭ ދަންނަވާފައި ދޮންތަކުރު ހިނގައްޖެއެވެ. ދޮންތަކުރު އެކުރިކަމެއްކޮށް އެކިޔެވި ކިޔެވެއްޔެއް ކިޔަވާ އަދި މަތުރަންވީ އެއްޗެއް މަތުރާފައި އިރު އޮއްސެންވީއިރު ގަނޑުވަރަށް އަތުވެއްޖެއެވެ. އޭރު އޭނާގެ އަތުގައި ބޮޑުސުއްޓާއެއް އޮތެވެ. އިރު އޮއްސި މޫނު އަނދިރިވީ ވަގުތު ރަސްގެފާނުގެ ހަށިކޮޅުގައި ފާޑެއްގެ ތެލެއް އުނގުޅާ، ކޯޓްކޮޅު ލައްވައިފިއެވެ. އަދި ދޮންތަކުރުގެ އަތުގައި އޮތް ސުއްޓާ ރޯކޮށް ރަދުންގެ ތުންފަތްޕުޅުގައި ޖައްސާ ގަނޑުވަރުގެ ވަލު ދޮރުއަށިން ބޭރަށް ނެރުއްވަން ހިގައިގެންފިއެވެ. ކުރީގައި ހުންނެވީ ރަސްގެފާނެއެވެ. ދޮންތަކުރު ހުރީ ރަސްގެފާނުގެ ފަހަތްޕުޅުގައެވެ. ބުނެވޭ ގޮތުގައި ގަނޑުވަރުގެ ވަލުދޮރުއަށްޓާ އަރާހަމަވެފައި ރަސްގެފާނު ބޭރަށް ކޮށްޕާލީއެވެ. އެވަގުތު ރަސްގެފާނަށް ފެނިވަޑައިގަތީ ބަޑިއެދުރުކަލޭފާނު އޭނާގެ ކޮނޑުމަތީގައި އޮތް ބަޑިނަގާ ރަސްގެފާނާ ދިމާލަށް އަމާޒު ކުރާތީއެވެ. އެތަން ފެނުމުން ރަސްގެފާނު ބިރުފުޅުގެންވަޑައިގެން ތިމަންނާ ސަލާމަތް ކޮށްދޭށޭ އަޑުގެ ކޮޅަށް ވިދާޅުވުމުން ކީރިތި ކުރައްވަމުން ދުވެވަޑައިގެންފިއެވެ. އޭރު ދޮންތަކުރުހުރީ ރަސްގެފާނާ ވަރަށް އަރިހުގައިކަމުން ރަސްގެފާނު ހިފަހައްޓާ ބިރުފުޅުގެން ވަޑައިނުގަތުމަށް ދެންނެވިއެވެ. އަދި މިކަންތައް މިކުރީ އެއްވެސް ހާލެއްގައި ރަދުން ބިރުފުޅުގެންނެވުމަށް ނޫންކަމަށާއި މިއީ ރަދުން އޭނާގެ ވާހަކަ ޤަބޫލުފުޅު ނުކުރައްވާ އެކަން ލޮލަށް ދެއްކެވުމަށް އެދިވަޑައިގެންނެވި ވަރުން ކުރެއްވި ކަމެއް ކަމަށް ދަންނަވައިފިއެވެ. ދެ ރަސްގެފާނު ދޮންތަކުރާއެކު ގަނޑުވަރަށް ވަޑައިގެންނެވީއެވެ.

މި ހާދިސާއަށްފަހު މިބަލިން ފަސޭހަކޮށް ދީފިނަމަ ދޮންތަކުރުގެ ހިތުން ދުވަހަކުވެސް ނުފިލާވަރުގެ ހެޔޮކަމެއް ކޮށްދޭނަމޭ ރަސްގެފާނު ވިދާޅުވިއެވެ. އޭގެ ފަހުގައި ފަންޑިތަ ހެދުމަށް ބޭނުންވާ ސާމާނު ހޯދުމުގެ މަސައްކަތް ފެށިއްޖެއެވެ. ހޯދަންޖެހޭ ހުރިހާ ސާމާނެއް ހަމަވުމުން ކުކުޅު ފަނަށްއަރާ ގަހެއްގެ ދަށުގައި ރަދުން ބައިންދައިގެން ތިންރޭ ކިޔެވެލި ކިޔެވިއެވެ. ފަހުރޭ ކިޔެވލި ނިންމާލުމަށްފަހު ރަދުންގެ ގައިކޮޅުގައި ލައްވާފައިވާ ފޭލިކޮޅު މުޅިގައިގައި އުނގުޅާ ހެދުމަށްފަހު ދެން އެލައްގަނޑު ހުރިތޯ ބެއްލެވުމަށް ރަސްގެފާނު އަރިހުގައި ދޮންތަކުރު ދަންނަވައިފިއެވެ. ރަސްގެފާނު ބެއްލެވިއިރު އެލައްގަނޑުހުރީ ފިލާފައެވެ. ކުޑަވެސް ނިޝާނެއް ފާހަގައެއް ނުކުރެއްވުނެވެ. އެވަގުތު ރަސްގެފާނަށް ލިބިވަޑައިގެން އުފަލުގެ ބޮޑުކަމުން ވިދާޅުވިއެވެ. ދޮންތަކުރާއެވެ. މިއީ ރަސްކަލެކެވެ. ބޭނުންކަމަކު ކިޔާށެވެ. ރަދުން މިހެން ދެންނެވުމުން ދޮންތަކުރު ދެންނެވިކަމަށްވަނީ ރަދުންގެ އަރިހުގައި ކިޔާނެ މާބޮޑުކަމެއް ނެތްކަމަށާއި ތިލޯ ކޮޅެއް ދެއްވަނިކޮށް އެންމެ ރަނގަޅު ކަމަށެވެ. މިހެން ދޮންތަކުރު ދެންނެވުމުން ރަސްގެފާނު ވިދާޅުވިއެވެ. ތަކުރާއެވެ. ތިޔައީ ކަމެއްނޫނެވެ. ކަމަކަށްވާ ކަމެއްގެ ވާހަކަ ބުނާށެވެ. މިހެން ރަދުން ދެންނެވުމުން ދޮންތަކުރު ވިސްނާލާފައި ބުނެފިއެވެ. ގަރުމަށި ކޮޅެއް ދެއްވާށެވެ. އަނެއްކާވެސް ރަސްގެފާނު ވިދާޅުވިއެވެ. ތިޔައީވެސް ކަމެއްނޫނެވެ. މިއީ ދިވެހިރާއްޖޭގެ ރަސްގެފާނެވެ. ބޭނުންކަމެއްގެ ވާހަކަ ބުނާށެވެ. ފަޅުރަށެއްގެ ވާހަކަ ބުންޏަސް ދޭނަމެވެ. މިހެން ރަދުން ވިދާޅުވުމުން ދޮންތަކުރު ޚިޔާލަށް އައީ އޭނާ ރުއްއަޅާ ރަށަކަށްހެދި ދީދިފިނޮޅުގެ މަތިންނެވެ. ދިއްދޫ އާއި ދިގުރަށާއި ދޭތެރޭގައި އޮންނަ އެ ފިނޮޅުގަނޑު ދެއްވާތޯ ދެންނެވުމުން ރަސްގެފާނު ވަގުތުން ފަތެއް ލިޔުއްވާ ދޮންތަކުރަށް އެރަށް ދެއްވައިފިއެވެ. ދޮންތަކުރަށް އެރަށް ވަގުފުކޮށް ދެއްވުމަށްފަހު ދޮންތަކުރު އެދުނުގޮތުގެމަތިން ތިލޯ މަނަކާއި ގަރުމަށިތެޔޮ މަނެއް ދެއްވިއެވެ. އަދިވެސް ވަރަށް ގިނަ އަދަދެއްގެ ހަދިޔާ ބަދިޔާ ދެއްވިއެވެ.

ދީދިފިނޮޅު ދޮންތަކުރަށް ލިޔެ ހިބަކޮށްދެއްވާފައިވާތީ ދޮންތަކުރު ނިޔާވުމުން އެރަށް ލިބުނީ އޭނާގެ ދަރި މުޙަންމަދަށެވެ. މުޙަންމަދު ނިޔާވުމުން އެރަށް ލިބުނީ އޭނާގެ ދަރި އިބްރާހިމަށެވެ. މިގޮތަށް ދޮންތަކުރުގެ އާއިލާގެ އެކަކަށްފަހު އަނެކަކަށް ވާރުތަވަމުން އަންނަނިކޮށް އެއް ދުވަސްވަރެއްގައި އެއަތޮޅުގައި ހުންނެވި އަތޮޅުވެރިޔަކު ރަދުންގެ އެ ފަތްކޮޅު ބައްލަވާ ލެއްވުމަށް ދިނުމަށް އެދިވަޑައިގެންފިއެވެ. އަތޮޅުވެރިން އެފަތްކޮޅު ބައްލަވާލައްވާށޭ ވިދާޅުވެ ގެންދެވިގޮތަށް އެތަށް މަސައްކަތެއް ކޮށްވެސް އަނބުރާ އެފަތްކޮޅެއް ނުދެއްވިއެވެ. އެންމެ ފަހުން ފަތްކޮޅު ގެއްލުނީ ކަމަށް ބުނެވެއެވެ. މިރަށުގެ މައްސަލަ ސަރުކާރުން ބައްލަވާ އަތޮޅުވެރިންނަށް ފަތްކޮޅު މާލެ ފޮނުއްވުމަށް ގެންގެވުމުން ފަތްކޮޅުވަނީ ގެއްލިފައިކަމަށް ވިދާޅުވުމުން އެރަށް މާލިއްޔާއަށް ނެގުނީއެވެ. އެހެން ނަމަވެސް އެރަށުގައި ރުއްއެޅި ކަމަށްޓަކައި ދެބައިކުޅަ އެއްބައި ރަށްވެރިފަރާތަށް ދެއްވާ އަނެއްބައި ބަރުވާއަށް ލިޔެދެއްވިއެވެ. މިގޮތުގައި ދުވަސްތަކެއް ފާއިތުވިފަހުން ރާއްޖޭގެ ފަޅުރަށްތައް ބެއްލެވުމަށް ވަޑައިގެންނެވި ބޭފުޅެއްކަމަށްވާ ކަށި ދޮހޮއްކޮ މިރަށް ބައްލަވާ ރަށް ރަނގަޅަށް ނުބެލެހެއްޓެއޭ ވިދާޅުވެ ވެރިފަރާތުން ރަށް ވަކިކުރެއްވީއެވެ. ބުނެވޭ ގޮތުގައި އެ ފަހަރު އެއަތޮޅު ނަލަގުރައިދޫ އާއި ހުކުރުއެޅިވެސް އެރަށްރަށުގެ ވެރިންގެ އަތުން ނެންގެވިއެވެ. އެހެން ނަމަވެސް އެރަށްރަށް ލިޔެގެން އުޅުނު މީހުނަކީ މާލޭގެ ބޮޑެތި ބޭބޭފުޅުންނާއި ހަވާސާ ބަޔަކަށްވާތީ ޝަކުވާ ކުރައްވައިގެން އެފަރާތަކަށް އެރަށްތައް އަލުން ދެއްވީއެވެ. ދީދި ފިނޮޅުގެ ވެރިފަރާތުން އެގޮތަށް މަސައްކަތްކުރާނެ ބަޔަކު ނެތުމުން އެރަށް ލިބޭގޮތެއް ނުވިއެވެ. އޭގެފަހުން ސަރުކާރުން މިރަށް ލިޔުއްވީ އދ. ދަނގެތި މަލިންގޭ މުދިމް އާދަމެވެ. އޭނާ މިރަށް ލިޔުއްވާފައި ދިންކަމަށްވަނީ ހަމަ ދޮންތަކުރުގެ މުޙަންމަދުގެ އިބްރާހިމަށާއި އޭނާގެ ދަރިންނަށެވެ. އެހެންނަމަވެސް އިބްރާހިމް އާއި އޭނާގެ އަންހެނުން ފާތުމާ ނިޔާވުމުން އެރަށް އަތުލީއެވެ. ދެންވެސް އެކި މީސްމީހުންނަށް ހަވާލުކޮށްގެން ބަލަހައްޓަމުން ދަނިކޮށް ރާއްޖެއަށް ޓޫރިޒަމް އައިސްގެން މިރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްޤީ ކުރުމަށް ހަމަޖެހުނީއެވެ. އެންމެ ފުރަތަމަ އެރަށުގައި ހެދި ރިސޯޓަށް ކީ ނަމަކީ އަރިބީޗެވެ. މިހާރު ވައިޓް ސޭންޑެވެ. އެރަށަކީ ދިއްދޫ ދޮންތަކުރު ރުއްއެޅި ދީދިފިނޮޅެވެ.

ތަރީޚީ މި ފޯކްލޯރުގައި ވަރަށް ބޮޑެތި ޙަޤީޤަތްތަކެއް ވާކަމަށް ފެނެއެވެ. މި ވާހަކައަށް ބަލާއިރު މިއީ އދ. ދިއްދޫގައި މީހުން ވަޒަންވެރިވެ ދަރިފަސްކޮޅު ދެމިގެން އައިގޮތުގެ އިތުރުން އެރަށުގައި ހުރި ބައެއް ޒަމާންވީ އާސާރީ ތަންތަނާ ގުޅުންހުރި ވާހަކައެކެވެ. ތާރީޚީ ގޮތުން ރަނގަޅު ދިރާސާއެއް އިތުރަށް ކުރެވިއްޖެނަމަ ވަރަށް ބޮޑެތި ޙަޤީޤަތަކެއް ހާމަވެގެންދާނެ ވާހަކައެއްވެސް މެއެވެ. ވާހަކަ ކިޔާގޮތަށާއި ވާހަކައިގައި އާއިލީ ދަރިފަސްކޮޅު ދެމިގެން އައިސްފައިވާގޮތަށް ބަލާއިރު އދ. ދިއްދޫގައި މީހުން ވަޒަންވެރިވެފައިވަނީ މީލާދީން 1607 ވަނަ އަހަރުގެ ފަހުންކަން އެނގެއެވެ. މި ވާހަކައިގައި ބުނާގޮތުން ދޮންތަކުރާއި އޭނާގެ ބައްޕައަށް އެންމެ ފުރަތަމަ ދިއްދޫއަށް ދެވުނުއިރު އެރަށަކީ އިބްރާހިމް ކަލާފާނުގެ ޒިޔާރަތުގެ މައްޗަށް ވަގުފުކޮށްފައިއޮތް ފަޅުރަށެކެވެ. ދިވެހިތާރީޚުން އެ ދުވަސްވަރުގެ ވާހަކަތައް އެންމެ ތަފްސީލުކޮށް ފެންނަންއޮތް ފަރަންސޭސިވިލާތުގެ ލިޔުންތެރިޔާ ފްރެންކޯއި ޕިރާޑް ޑިލަވާލް ލިޔުނު " ދަ ވޮއިޖް" ގައިވާގޮތުން އައްސުލްޠާން އިބްރާހިމް ކަލާފާނު ޝަހީދުކުރެވުނީ 1607 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައެވެ.

Tuesday, May 20, 2008

އިސްލާހީ ބަދަލުތަކުގެ ޝިކާރައަކަށްވި މުސްކުޅިން



މުސްކުޅި ކުރެއްވި ބޭފުޅުންނާ ރައީސް ބައްދަލުކޮށްލެވުން ( ފޮޓޯ ރައީސް އޮފީސް )

ރާއްޖޭގައި ސިޔާސީ މަޤާމުތަކުގެ ބޭފުޅުންނާއި ސިވިލް ސާރވިސްގެ މުވައްޒަފުން ވަކިވެގެން ދިއުމަކީ ރާއްޖެއަށް ޑިމޮކްރަސީ ގެނައުމުގެ ކުރެވޭ މަސައްކަތުގެ މުހިންމު ބައެކެވެ. މި ކަން ތަންފީޒު ވެގެން ދިޔައީ ސިވިލް ސާވިސްގެ ޤާނޫނަށް 1 މެއި 2008 ގައި ޢަމަލުކުރަން ފެށުމުންނެވެ. ސިވިލް ސާވިސްގެ ޤާނޫނުގެ ދަށުން ސަރުކާރުން ވަކިކުރެއްވި ބޭފުޅުންގެ އަދަދަކީ 1710 އެކެވެ. މިއީ ސިވިލް ސާރވިސްގެ ޤާނޫނުގައި ޢުމުރުން 65 އަހަރުން މަތީގެ މީހުންނަކީ ސިވިލް ސާރވިސްގެ މުވައްޒަފުންގެ ގޮތުގައި ހިމެނޭ ބައެއް ނޫންކަމަށް ބަޔާން ކޮށްފައި އޮތުމުން މަޤާމުން ރިޓަޔަރ ކުރައްވަން ޖެހިވަޑައިގެންނެވި ބޭފުޅުންނެވެ.

ސިވިލް ސާރވިސް އެއް އުފެދިގެން ދިއުމަކީ ރާއްޖޭގެ ތާރީޚްގައި ވަރަށް ބޮޑު ކުރިއެރުމެކެވެ. އެހެން ނަމަވެސް ސިވިލް ސާރވިސް އުފެދިގެން ދިޔަގޮތުން ރާއްޖެއަށް އަންނަމުންދާ ސިޔާސީ އިސްލާހީ ބަދަލުތަކުގެ ފުރަތަމަ ޝިކާރައަކަށް މިވީ އުމުރުގެ ގޮތުން ވަރަށް ދުވަސްވެފައިވާ، އަދި ޤައުމަށާއި ރައްޔިތުންނަށް ޢުމުރުގެ ބޮޑުބައެއްގައި އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުން ކޮޅެކެވެ. މިއީ ރައްޔިތުންގެ މަޖިލިހުން ފާސްކުރައްވާ ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިގެން އަމަލުކުރައްވަން ފެއްޓެވި ޤާނޫނަކަށްވިޔަސް މި ޤާނޫނާއި ބެހޭ ގޮތުން ޢާންމު ރައްޔިތުންނަށް މާބޮޑު މަޢުލޫމާތެއް ލިބިފައެއްނުވެއެވެ. އެ ހޭލުންތެރިކަން އުފެއްދެވުމުގެ ޒިންމާ އެއްވެސް ފަރާތަކުން އަދާކުރައްވާފައެއް ނުވެއެވެ. އެހެންކަމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔައީ މުސްކުޅިވެ ގައިބާރު ދެރަވެފައިވާ ބަޔަކު ކަރުނަ އަޅަމުންދާތަނެވެ. އެމީހުންގެ އިހްސާސްތަކަކީ ހުދު އެމީހުންނަށްވެސް ބަޔާންކުރަން ދަތި އިހްސާސް ތަކެކެވެ. ސިވިލް ސާރވިސްއިން އެބޭފުޅުން މުސްކުޅި ކުރެއްވީ ހަރުދަނާ ޤަވާޢިދެއްގެ ދަށުން އިނާޔަތްތަކެއްވެސް ދެއްވާފައެވެ. އެހެން ނަމަވެސް ރާއްޖޭގައި އަލަށް ހެދޭ ޕެންޝަނުގެ ޤާނޫނުން އަނެއްކާވެސް މިދެންނެވި މުސްކުޅި ކުރެއްވި ބޭފުޅުންނަށް ވާނެގޮތެއް ނޭނގެއެވެ. އަޅުގަނޑު އުންމީދު ކުރާނީ މިހާރަށްވުރެ ރަނގަޅުގޮތްތަކެއް އެބޭފުޅުންނަށް ވާނެ ކަމަށެވެ. ސިވިލް ސާރވިސް އިން މުސްކުޅި ކުރެއްވި ބޭފުޅުންނަށް ދެއްވި އިނާޔަތްތަކަށް ޤާނޫނީ ހައިސިއްޔަތެއް ހޯއްދަވައިދެއްވާނެ ކަމަށެވެ. އެކަށީގެންވާ މުހުލަތެއް ނުދެއްވާ ކުށްއަކާ ކަހަލަގޮތަށް މުސްކުޅި ވެގެންދިޔަ ބޭފުޅުންނަށް އެދިމާވި ހިތްދަތިގޮތް އެއީ ޤާނޫނަށް ބަދަލުގެންނަވައިގެންވެސް ކޮންމެވެސް ރަނގަޅު އެހެން ގޮތަކަށް ކުރެވެން އޮތްކަމެއްތޯ ބެއްލެވުމަށް އަޅުގަނޑަށް ފެނެއެވެ.

އުމުރުން 65 އަހަރު ވުމަކީ ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހައްގު ގެއްލިގެންދާ އުމުރެއްގެ ގޮތުގައި ބެލިގެން ދާފަދަ ގޮތްތަކެއް މިއޮތީ ވެފައެވެ. އެކަމަކު ރައްޔިތުންގެ މަޖިލިހުން ވަޒީފާއާބެހޭ ބިލް ފާސްވެގެން ދިޔައިރު ރާއްޖޭގައި އެންމެ ކުޑަ މުސާރައެއްގެ ކަންތައް އޮތީ ޤާނޫނުގައި ބަޔާން ނުކުރެވިއެވެ.

އުމުރުން ދުވަސްވާ މީހުންނަށް ދިވެހި މުޖުތަމަޢުގައި އަޅާލުމާއި ސަމާލުކަން ދިނުމުގައި އިހުމާލުވަމުން އަންނަ ދުވަސްވަރެއްގައި އުމުރުން ވަކި ވަރަކަށް ދުވަސްވުމުން އެމީހާގެ ޤާބިލުކަމާއި އެމީހާގެ ދުޅަހެޔޮކަމަށް ނުބަލާ އަދާކުރައްވާ ވަޒީފާއިން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެންނެވުމަކީ ވިސްނާލަން ޖެހޭ ނުކުތާއެކެވެ. ދުވަސްވީ މީހުންނަށް މުޅި މުޖުތަމަޢުގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވެއެވެ. އަޅާލުމާއި ހަމްދަރުދީ ބޭނުންވެއެވެ. އޭގެ ތެރޭގައި ތިއްބެވި ބޭފުޅުންނަށް މާޔޫސްކަމާއި ހިތްދަތިކަން ލިބޭނަމަ އެއީ އެބޭފުޅުން އިތުރަށް ބަލިކަށިވެ ނިކަމެތިވެގެންދާނެ ކަމެކެވެ. ރާއްޖޭގައި ސިވިލް ސާވިސްގެ ޤާނޫނަށް އަމަލުކުރައްވަން ފެއްޓެވުމާއެކު ވަޒީފާއިން ދުރަށް ވަޑައިގަންނަވަން ޖެހިވަޑައިގެން 1710 ބޭފުޅުންގެ ކަންތައްތައް މޮނީޓަރ ކުރެވިއްޖެނަމަ އެބޭފުޅުންގެ ހާލަތު ދަށަށްދާގޮތް އެގިވަޑައިގަންނަވާނެއެވެ. މިއަދަދު ހީވެސް ނުކުރެވޭހާ އަވަހަށް ތިރިވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ. އާއިލާ ތަކުންނާއި ދިވެހި މުޖުތަމަޢުން އެބޭފުޅުންނަށް ހިތްވަރު ދެއްވާ ހައްދަވަން ޖެހެއެވެ. އަދި އެބޭފުޅުންނަށް ހުރި ފުރުސަތު ތަކަކީ ކޮބައިތޯ ބަލާ އެމަގުތައް ކޮށައިދެއްވަން ޖެހެއެވެ. އެއީ ކޮންމެހެން އެބޭފުޅުން ކުރިން ތިއްބެވި މަޤާމުތަކަށް އަނބުރާ ގެނައުން ކަމަކަށް އަޅުގަނޑުވެސް ނުދެކެމެވެ. އެކަމަކު އަނބުރާ އެމަޤާމުތަކަށް ގެނެވޭނެ ބޭފުޅުން ތިބިކަންވެސް އެބޭފުޅުންގެ ލަޔާޤަތާއި ޤާބިލިއްޔަތުކަމުން ދައްކުވައިދެއްވާފައިވެއެވެ.

Saturday, May 17, 2008

ޖިންސީ އަދި ނަފުސާނީ އަނިޔާގައި ދިވެހި އަންހެނުން




ރާއްޖޭގައި ޖިންސްގެ ތަފާތުކަން މިހާރަށްވުރެ ބޮޑަށް އޮތް ދުވަސްވަރެއް މާޒީއާއެކުވެފައިވެއެވެ. އަންހެނުންނަކީ ނިކަމެތި ބައެއްގެ ގޮތުގައި ރާއްޖޭގައި ބެލުނު ދުވަސްވަރެއް ފާއިތުވެގެން ގޮސްފައިވެއެވެ. މިހާރުވެސް ބައެއް ދިވެހި އާއިލާތަކުގައި ( ދަރިންގެ މެދުގައި ) ޖިންސްގެ ތަފާތުކުރުން ގެންގުޅެއެވެ. އެކަން އެމީހުން އެގެންގުޅެނީ ރާއްޖޭގައި އޮތް ސަގާފަތެއްގެ ސަބަބުންކަމަށްވެދާނެއެވެ. ކިޔެވުމުގެ ފުރުސަތު ހޯދައިދިނުމާއި މަތީ ތަޢުލީމު ހޯދައިދިނުމުގައިވެސް މި ތަފާތު އަދިވެސް ގެންގުޅެއެވެ. ގޭގައި ތައްޔާރުކުރެވޭ މީރު ކާނާއަކީ ފިރިހެން ކުދިން ކައިފައި ބާކީ ހުރިއްޔާ އަންހެން ކުދިންނަށް ލިބޭ އެއްޗެއް ކަމަށް ޤަބޫލުކުރެވޭ މި ސަގާފަތަށް މިހާރުވަނީ ބަދަލުތަކެއް އައިސްފައެވެ.

ދުނިޔޭގައި އަންހެނުންނަށް އިހަނެތިކޮށް ހިތުމާއި އެމީހުންނަށް ޖިންސީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ކުރާ ވާހަކައަކީ އާ ވާހަކައެއްނޫނެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގައި މިކަންކަން އޮތް ގޮތަށްބަލާއިރު މިއީ ކަންބޮޑުވާންޖެހޭ ހިސާބުގައި އޮތް ސީރިއަސް މައްސަލައެކެވެ. ޑަބްލިޔު އެޗް އޯ އާއި ޔޫއެންޑީޕީ އަދި ޔުނިސެފްގެ އެހީގައި ދިވެހިސަރުކާރުން ކުރެއްވި ސާވޭއެއްގެ ރިޕޯޓެއް 2006 ވަނަ އަހަރުގެ ޑިސެމްބަރ މަހުގެ ތެރޭގައި އާންމު ކުރެއްވިއެވެ. އަންހެނުންގެ ޞިއްޙަތާއި ދިރިއުޅުމުގެ ތަޖުރިބާއާ ބެހޭގޮތުން ފުރަތަމަ ފަހަރަށް ރާއްޖޭގައި ކުރި މި ސާވޭއިން ދައްކާގޮތުގައި ރާއްޖޭގެ 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ 3 އަންހެނުންގެ ތެރެއިން 1 އަންހެނަކީ ޙަޔާތުގައި އެއް ފަހަރު ނަމަވެސް ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ލިބިފައިވާ މީހުންނެވެ. ނުވަތަ ލިބެމުންދާ މީހުންނެވެ.

ދިވެހިރާއްޖޭގައި ހަޔާތުގެ ބައިވެރިން އެމީހުންގެ އަނބިންނަށް އަނިޔާ ކުރަނީ ކިހިނެތް ކޮންގޮތަކަށްހެއްޔެވެ؟ ޖިސްމާނީ ގޮތުން އެމީހުން ދެނީ ކޮން ކަހަލަ އަނިޔާތަކެއްހެއްޔެވެ؟ ގޮއްމުށުން ޖެހުމާއި، ކަރުގައި ހިފުމާއި، އަދި ތަފާތު ވައްތަރުގެ ތަކެތި ބޭނުންކޮށްގެން އަނިޔާ ދިނުމާއި އަލިފާން ޖެއްސުންފަދަ އަނިޔާތައްވެސް މީގެ ތެރޭގައި ހިމެނެއެވެ. މި ސާވޭއިން ދައްކާގޮތުން 15 އަހަރާއި 49 އަހަރާ ދެމެދުގެ ކޮންމެ 5 އަންހެނުންގެ ތެރެއިން އެކަކީ ބައިވެރިޔާގެ ފަރާތުން ޖިންސީ ނުވަތަ ނަފުސާނީ ގޯނާ ލިބިފައިވާ މީހުންނެވެ.

ދިވެހި އަންހެނުންނަށް ކުރިމަތިވެފައިވާ ޖިންސީ ނުވަތަ ނަފުސާނީ އަނިޔާތައް އޮތް މިންވަރަކީ ހައިރާންވާން ޖެހޭހާ އިތުރު މިންވަރެކެވެ. މާބަނޑު އަންހެނުންނަށްވެސް ބޮޑެތި އަނިޔާތަކެއް ދިވެހި މުޖުތަމަޢުން ދެއެވެ. އޭގެ ތެރޭގައި ގޮއްމުށުންނާއި ކޮޅުފައިން ބަނޑުގައި ޖެހުންފަދަ ނުބައި އަމަލުތައް ހިންގާފައިވެއެވެ. 15 އަހަރާއި 49 އަހަރާ ދެމެދުގެ އަންހެނުންގެ ތެރެއިން 6.3 އިންސައްތަ އަންހެނުންނަކީ މާބަނޑު ދުވަސްވަރު އެމީހުންގެ ބައިވެރިޔާގެ ފަރާތުން ޖިންސީ އަދި ނަފުސާނީ އަނިޔާ ލިބިފައިވާ މީހުންނެވެ.

ރާއްޖޭގައި އޮންނަނީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާ ކުރުންތައް ފޮރުވާ ސަގާފަތެކެވެ. ފިރިން އަނބިންނަށް ކުރާ ޖިސްމާނީ އަނިޔާތައްވެސް އޮންނަނީ ސިއްރުކޮށްފައެވެ. މި ވާހަކަތައް އެންމެ ގާތް މީހުންގެ ކައިރީގައިވެސް ބުނެއެއް ނަހަދައެވެ. މިކަމުގެ ނަތީޖާއަކަށްވެފައިވަނީ މިފަދަ ލާއިންސާނީ އަމަލުތައް ހިންގާ މީހުންނަށް އެގޮތުގައި ކުރިއަށް ދިއުމަށް ހިތްވަރު ލިބުމެވެ. ރާއްޖެއަކީ މާތްވެގެންވާ އިސްލާމްދީނަށް ތަބާވެފައިވާ މުޖުތަމަޢުއެކެވެ. މި މުޖުތަމަޢުގައި މި މިންވަރަށް ފާހިޝް އަމަލުތައް ހިގަމުންދާ ކަމަށް ޤަބޫލުކުރަންވެސް ދައްޗެވެ. ނަމަވެސް މި މުޖުތަމަޢުގައި ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާތައް ލިބެމުންދާ އަންހެނުންނާއި ކުޑަކުދިންގެ ބޮޑު އާބާދީއެއް އުޅެމުންދާކަން ގަބޫލުކުރަންޖެހެއެވެ.

Wednesday, May 14, 2008

ރައީސަށް އަމާޒުކޮށް ދޭން އުޅުނު ހަމަލާ

ރައީސުލްޖުމްހޫރިއްޔާއަށް ދޭން އުޅުނު ހަމަލާއިން ސަލާމަތްވެވަޑައިގެންނެވުމުގައި ސިފައިންގެ ހުޝިޔާރުކަމާއި ކުޅަދާނަކާއި ޤާބިލުކަން ފާހަގަކުރެވިފައިވޭ





2008 ޖެނުއަރީ 8 ވަނަ ދުވަހަކީ ވަރަށް ބޮޑު ހައިރާންކަމަކާއި ކުއްލި ސިހުމެއް ލިބުނު ދުވަހެކެވެ. އެއީ ސިފައިންގެ އެންމެ މަތީވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް އަވަހާރަކޮށްލުމަށް ނުރައްކާތެރި ހަމަލާއެއް ދޭން އުޅުނުދުވަހެކެވެ. ހއ. ހޯރަފުށްޓަށް ކުރެއްވި ދަތުރުފުޅުގައި އެމަނިކުފާނަށް މަރުޙަބާ ދެންނެވުމަށް އެއްވެތިބި މީހުންނާ ސަލާން ކުރައްވަމުން ގެންދަވަނިކޮށް ހޯރަފުށީ ކިނާރާ މުޙަންމަދު މުރުޝިދު ވަޅިއަކުން ދޭން އުޅުނު އެ ހަމަލާއިން ﷲ ގެ އިރާދަފުޅާއެކު އެމަނިކުފާނު ސަލާމަތްވެ ވަޑައިގެންނެވިއެވެ. މި ނުރައްކާތެރި ހަމަލާއިން ސަލާމަތްވެ ވަޑައިގެންނެވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ހުޝިޔާރުކަމާއި، އެމަނިކުފާނުގެ ހަށިފާރަވެރިންގެ ގޮތުގައި ތިއްބެވި ސިފައިންގެ ކުޅަދާނަކަމާއި ސްކައުޓް ކުއްޖެއްކަމަށްވާ ހޯރަފުށި ދިވެލި މުޙަންމަދު ޖައިޝަމް އިބްރާހިމްގެ ހިތްވަރު ގަދަކަން ފާހަގަކުރެވިގެން ދިޔައެވެ.
ސިފައިންގެ އެންމެމަތީ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަށް މީހަކު ވަޅިއަކުން ދޭން އުޅުނު ހަމަލާއިންް އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވުމުގައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކްލޯސް ޕްރޮޓަކްޝަން ޓީމުން ކުރެއްވި މަސައްކަތްތަކަށް، އެޓީމުގެ މެންބަރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ޝުކުރުއަދާކުރައްވާފައެވެ. ކްލޯސް ޕްރޮޓެކްޝަން ޓީމުގެ މެންބަރުންނަކީ ކަމަށް އެކަށީގެންވާ ހުނަރުވެރިކަން ޙާޞިލު ކުރައްވައި އަދި އެކަށީގެންވާ ތަމްރީން ހޯއްދަވާފައި ތިއްބެވި ބޭކަލުން ކަމަށާއި އެކަހަލަ ކަންތައްތައް ކޮންޓްރޯލް ކުރެއްވުމުގައި ވަރަށް ހުޝިޔާރުކަމާއެކީގައި މަސައްކަތްކުރައްވާ ބޭކަލުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން އެ ނުރައްކާތެރި ހަމަލާއިން ރައީސުލްޖުމްހޫރިއްޔާ ސަލާމަތްވެ ވަޑައިގަތުމުގައި ސީ.ޕީ ޓީމުން ކުރެއްވި މަސައްކަތްތަކުގެ މައްޗަށް ބައްލަވާލައްވާ އެބޭކަލުންގެ ޚިދުމަތަށް ތަޢުރީފު ކުރެއްވިއެވެ.
ސިފައިންގެ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލުމަށް މީހަކު ވަޅިން ހަމަލާދޭން އުޅުނު ހާދިސާއިން މާތްﷲ ހެ ހެޔޮ ރަޙުމަތްފުޅުން އެމަނިކުފާނު ސަލާމަތްވެވަޑައި ގަތުމާގުޅިގެން ހަމްދަރުދީއާއި ތާޢީދުގެ ޝުޢޫރުތައް ރާއްޖޭގެ ކަންކޮޅުތަކުގެ ރައްޔިތުން ފާޅުކޮށްފައިވެއެވެ. އަދި ބޭރުގެ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަގުވާމީ ޖަމާޢަތްތަކުން ވަރަށް ބޮޑަށް އެކަން ކުށްވެރިކުރައްވާފައިވެއެވެ. މާތްﷲ ގެ ހެޔޮ ރަޙުމަތްފުޅާއެކު އެ ނުރައްކާތެރި ހަމަލާއިން ސިފައިންގެ އެންމެ މަތީ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ސަލާމަތްވެވަޑައިގަތުމުން ސިފައިންގެ މަރުކަޒުތަކުގެ މިސްކިތްތަކުގައި ޝުކުރުގެ ދެރަކުޢަތް ނަމާދެއް ކުރުމާއި ޚާއްޞަ ދުޢާއެއްކުރުން ބާއްވާފައިވެއެވެ. މި ޝުކުރުގެ ދެ ރަކުޢަތް ނަމާދުގަޔާއި ޚާއްޞަ ދުޢާގައި އެމް.އެން.ޑީ.އެފް ގެ ޗީފް އޮފް ސްޓާފް މޭޖަރ ޖެނެރަލް މުޙަންމަދު ޒާހިރު އާއި ސިފައިންގެ އޮފިސަރުންނާއި އެކިއެކި ރޭންކު ތަކުގެ ގިނަ އަދަދެއްގެ ސިފައިން ބައިވެރިވެ ލައްވާފައިވެއެވެ.
ސިފައިންގެ ވެރިޔާ އަދި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަށް މީހަކު ވަޅިއަކުން ދޭންއުޅުނު ހަމަލާއަށްފަހު ޤައުމީ ދިފާޢީބާރު ބަދުނާމުކުރުމަށާއި ރައްޔިތުންގެ ހިތްތަކުގައި ސިފައިންނަށް އޮތް އިތުބާރު ގެއްލުވާލުމަށްޓަކައި ބަޔަކު މަސައްކަތްތަކެއް ކުރަމުން ގެންދިޔައެވެެ. ރައީސުލްޖުމްހޫރިއްޔާއަށް ތޫނު ހަތިޔާރަކުން ހަމަލާދޭން އުޅުނު ހާދިސާ ފުލުހުން ގެންދަވަނީ އެންމެ މަތީ ފެންވަރުގައި ތަހުގީގު ކުރައްވަމުންނެވެ. ތަހުގީގަށް ލިބިވަޑައިގަންނަވާ ކުރިއެރުންތައް މީޑިއާއަށް ހިއްސާ ކުރައްވަމުން ގެންދަވައެވެ. ފުލުހުންގެ ތަހުގީގުންނާއި މީޑިއާއަށް މިހާތަނަށް ހާމަކުރައްވާފައިވާ ވީޑިއޯ ތަކުން ރައީސުލްޖުމްހޫރިއްޔާއަށް ދޭން އުޅުނު ހަމަލާއިން އެމަނިކުފާނު ސަލާމަތްވެވަޑައިގެންނެވުމުގައި ޤައުމީ ދިފާޢީބާރުގެ ސިފައިންގެ ހުޝިޔާރުކަމާއި ކުޅަދާނަކާއި ޤާބިލުކަން ފާހަގަކުރެވިގެން ގޮސްފައިވެއެވެ.
ސިފައިންނަކީ އަބަދުވެސް ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއެކު ޤައުމީ ޚިދުމަތުގައި ދެމިތިބި ބައެއްކަން ކޮންމެ ހާދިސާއަކުންވެސް މިދަނީ ފެންނަމުންނެވެ. ސިފައިންގެ ދެގޮތެއްނުވާ ހިތްވަރާއި އަޒުމަށް ގުޑުމެއް އަރުވާލެވިގެން ނުވާނެއެވެ. ޤައުމީ ވާޖިބާއި ޤައުމީ މަސްޢޫލިއްޔަތު އަދާކުރުމުގައި ތެދުވެރިކަމާއެކު ދެމިތިބިހާދުވަހަކު މި ޤައުމަށް ދެވޭ ކޮންމެ އުދުވާނީ ހަމަލާއަކާވެސް ފުރަތަމަ ކުރިމަތިލާން ތިބޭނެ ބަޔަކީ ސިފައިންނެވެ. މި ޤައުމު ހަލާކުގެ ތެރެއަށް އެއްލާލުމަށް އެކި ދުވަސްވަރު އެކި މީހުން ބޭނުންކުރަމުންދަނީ އެކި އުކުޅުތަކެވެ. ތަފާތު ގޮތްތަކެވެ. ރާއްޖޭގައި ސިފައިން އުފެދުނިއްސުރެ މިއަދާ ހަމައަށްވެސް މިއިން ކޮންމެ ކަމަކާ ސިފައިން ކުރިމަތިލާފައިވަނީ ޝުކުރާއި ތަޢުރީފު އެންމެ މަތީ ދަރަޖައަށް ޙައްޤުވާ މިންވަރަށެވެ. ޤައުމެއްގައި ދިފާޢީ ބާރެއްނެތްނަމަ އެ ޤައުމެއްގައި މިނިވަންކަމެއް ނޯންނާނެއެވެ. ޤައުމުގައި އޮންނާނީ ލޭ އޮހޮރުވުމެވެ. މުޅި ޤައުމު އަނދަމުންދާނީ ފިތުނައިގެ އަލިފާނުންނެވެ. މިއީ ޤައުމުގެ ދުޝްމިނުންނާއި ޚިޔާނާތްތެރިންނާއި ޣައްދާރުން ދުށުމަށް ކިތަންމެ ބޭނުން ދުވަހެއް ކަމަށްވިޔަސް ދިވެހި ސިފައިން އެ ފުރުސަތު ދީފައެއްނެތެވެ. އަދި ނުވެސް ދޭނެއެވެ.

ޣާފިލު ނުވެ، ލޯހުޅުވައިގެންތިބެ ޤައުމު ދިފާޢުކުރުން


ޣާފިލުވެއްޖެނަމަ ދީނާއި ސަގާފަތާއި އަނބިދަރިންވެސް ގެއްލުމުގެ ބިރު އެބައޮތް ް

2007 ސެޕްޓެމްބަރ 29 ގައި ސަލްޓަންޕާރކްގައި އައި.އީ.ޑީ އެއް ގޮއްވާލި ހާދިސާއަށްފަހު އެންމެ ބޮޑު ހައިރާން ކަމެއް ލިބުނީ އަލްގައިދާގެ ވީޑިއޯ ތައް ދުނިޔެއަށް އާންމުކުރަމުންދާ ވެބްސައިޓެއްގައި އއ. ހިމަންދޫގައި ހައްދުފަހަނައަޅާފައިވާ ގޮތްތައް ގެންއުޅޭ މީހުންނަށް އެހީވުމަށް ގޮވާލާފައިވާ ވީޑިއޯއެއް އާންމު ކުރުމުންނެވެ. އަޅުގަނޑުގެ ހިތަށް އެރިއެވެ. ހުރިހާ ފަރާތަކުން އަޅުގަނޑުމެންގެ ދީނަށާއި ސަގާފަތަށް މިހިރީ ދުނިތައް އަމާޒުވެފައެވެ. މިއީ ވަރަށް ކުޑަކުޑަ މީސްކޮޅު މަދު ޤައުމެކެވެ. ޒަމާނުއްސުރެ ސުލުހަވެރިކަމާއެކު ދިރިއުޅެމުން އައި ބަޔަކު އުޅުނު ޤައުމެކެވެ. އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް މި ޤައުމުގެ މިނިވަންކަން ފޯރުކޮށް ދިނުމަށް ކުރި މަސައްކަތްތަކަށްވުރެ ވަރުގަދަ މަސައްކަތްތަކެއް މިއޮތީ ކުރަން ޖެހިފައެވެ. ޤައުމު ދެކެ ލޯބިވާ ދީނަށް ވަފާތެރި ދަރިން ތަކަކަށް މިޤައުމު އެބަގޮވައެވެ. ޣާފިލުނުވެ، ލޯހުޅުވައިގެން ތިބެ ޤައުމު ދިފާޢުކުރާން އެބަޖެހެއެވެ.

ޗާޑަކީ އެފްރިކާގެ މެދުތެރޭގައި އޮންނަ ޤައުމެކެވެ. އަޣުލަބިއްޔަތު އޮންނަނީ މުސްލިމުންނަށެވެ. އާބާދީއަކީ 9.1 މިލިއަން މީހުންނެވެ. ޗާޑަކީ ބޭރުގެ އެހީއަށް އަބަދުވެސް ބޭނުންވެފައިވާ އަދި ބޭރުގެ އެހީދޭ އެކިއެކި ޖަމާޢަތްތަކުން ޙަރަކާތްތެރިވަމުން އަންނަ ޤައުމެކެވެ. 2007 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ ތެރޭގައި " އެހީދޭ " ޖަމާޢަތަކުން ހިންގަން އުޅުނު ވަރަށް އަނިޔާވެރި އަމަލެއް އެ ޤައުމުގެ ސަލާމަތީ ބާރުން ވަނީ ހުއްޓުވާފައެވެ. އެހީދިނުމުގެ ނަމުގައި ޗާޑުގައި ޙަރަކާތްތެރިވަމުން ދިޔަ ފަރަންސޭސިވިލާތާއި ސްޕޭންގެ މީހުން ހިމެނޭ މި ޖަމާޢަތުން ދިހަ އަހަރާއި ސާދަ އަހަރާ ދެމެދުގެ ސަތޭކައަށްވުރެ ގިނަ ކުޑަކުދިން ވަގަށް ނެގިއެވެ. އެމީހުން މަސައްކަތްކުރީ މި ކުޑަކުދިންތައް ޔޫރަޕަށް ގެންދާށެވެ. މިކަން ހުއްޓުވީ އެކުދިން އަރުވައިގެން ދަތުރަށް ތައްޔާރުކޮށްފައިއޮތް މަތިންދާ ބޯޓް ޗާޑުގެ ސިފައިން ހަތިޔާރާއެކުގޮސް ވަށާލަައިގެންނެވެ. މިހާ ގިނަ އަދަދެއްގެ ކުޑަ ކުދިން ޔޫރަޕަށް ގެންދަން މި ޖަމާޢަތުން މަސައްކަތްކުރީ ކޮން ބޭނުމެއްގައިކަމާމެދު ދުނިޔޭގެ މީޑިއާގައި ފެތުރިފައިވާ ޚަބަރުތައް ތަފާތެވެ. ޗާޑުގެ ސަރުކާރުން ބުނެފައިވަނީ އެކުދިން ގެންދަން މަސައްކަތްކުރީ އެކުދިންގެ ކިޑްނީ އާއި ހަށިގަނޑުގެ ގުނަވަންތަކުގެ ބޭނުމުގައި ކަމަށެވެ. މީޑިއާގެ ބައެއް ރިޕޯޓްތައް ބުނެފައިވަނީ މިކަމުގެ ބޭނުމަކީ ވަގުތީ ފާހިޝް އަމަލުތައް ހިންގުން ކަމަށެވެ. އެހެން ބައެއް ރިޕޯޓްތަކުގައި ވާގޮތުގައި މިއީ އަަޅުންގެ ސިއްރު ވިޔަފާރިއެކެވެ. އަދި މިއީ ދީން ބަދަލުކޮށް މުޅި ޗާޑުގައި ކްރިސްޓިއަން ދީން ފެތުރުމަށް ހިންގާ ކެމްޕޭނެއްގެ ދަށުން ހިންގި ޝައިތާނީ އަމަލެއް ކަމަށްވެސް ބައެއް ރިޕޯޓްތަކުގައި ބަޔާންކޮށްފައިވެއެވެ.

ފަގީރު ޤައުމުތަކުގައި އެހީދޭ ޖަމާޢަތްތަކުގެ ގޮތުގައި ގިނައިން ހަރަކާތްތެރިވަނީ ހުޅަނގުގެ މުއްސަދި ޤައުމުތަކަށް ނިސްބަތްވާ ޖަމާޢަތްތަކުންނެވެ. މި ޖަމާާޢަތްތަކަށް ވަރަށް ގިނަ ފަގީރު ޤައުމުތަކުން ބަރޯސާ ވެއެވެ. ބައެއް ޤައުމުތަކުން އެ ޖަމާޢަތްތަކަށް ކޮށްފައިވާ އިތުބާރެއްގެ ސަބަބުން އެ ޤައުމުތައްވަނީ ވަރަށް ބޮޑު ޣާފިލުކަމެއްގެ ތެރޭގައެވެ. މީގެ ތެރޭގައި އިސްލާމީ ޤައުމުތައްވެސް ހިމެނެއެވެ. އިސްލާމީ ޤައުމުތަކުގައި ހުޅަނގުގެ ނަސޯރާ ޖަމާޢަތްތަކުން އެހީގެ ނަމުގައި އަޤީދާ ފާސިދު ކުރުމަށާއި ނަސޯރާދީނުގެ ގޮތްތައް ފެތުރުމަށް ކުރަމުންދާ މަސައްކަތް ވަރަށް ބާރު ސްޕީޑެއްގެ ކުރިއަށް ގެންދެއެވެ. އެހީ ފޯރުވައިދޭ މަދަދުގާރުންގެ ގޮތުގައި އިންސާނުންގެ ސިފަ ޖެހިގެން ތިބެ ޝައިތާނީ އަމަލުތައް ހިންގާ ފަރާތްތަކާމެދު ޣާފިލުވެގެން ތިބެއްޖެނަމަ ކޮންމެ ފަދަ ގޮތެއްވެސް މެދުވެރި ވެދާނެއެވެ. ދީނާއި ސަގާފަތާއި އަނބިދަރިން ގެއްލުމުގެ ބިރުވެސް އެބައޮތެވެ.

ރާއްޖެއަކީވެސް އިސްލާމީ ކުޑަކުޑަ ޤައުމެކެވެ. ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަންނަން މަސައްކަތްކުރާ ބޭރުގެ ގޮތްނޭނގޭ ޖަމާޢަތްތައްވެސް އުޅެއެވެ. ބައެއް ޖަމާާޢަތްތަކުން އެމީހުންނަކީ " އެހީދޭ " ޖަމާޢަތްތައް ކަމަށް ބުނަމުންދެއެވެ. އަދި ރާއްޖެއާ ބެހޭގޮތުން ތަފާތު ދިރާސާތައްކޮށް ތަފާތު ގޮތްގޮތަށް ރާއްޖޭގެ ދާޚިލީ ކަންތައްތަކަށް ފާޑުކިޔާ ނުފޫޒު ފޯރުވަން މަސައްކަތް ކުރަމުންވެސް ދެއެވެ. މިއީ އަޅުގަނޑުމެން ޣާފިލުވެގެންވާނެ ކަމެއްނޫނެވެ.

ކުރިމަތި ވަމުން އަންނަ ކޮންމެ ގޮންޖެހުމަށްވެސް އަޅުގަނޑުމެން ތިބެންވާނީ ތައްޔާރަށެވެ. ޤައުމީ ދިފާޢީ ބާރުގައި ސިފަވަންތަ ކަމާއި ޤާބިލުކަން އިތުރު ކުރަން ޖެހެއެވެ. އެކަމަށް ކުރަންޖެހޭ ހޭދަ އިތުރުކުރަން ޖެހެއެވެ. ޤައުމަށްޓަކައި ދީނަށްޓަކައި ފަސްނުޖެހި ކުރިއަށް ނިކުމެ ފުރާނައިން ޤުރުބާންވާން ތައްޔާރަށް ތިބި ސިފައިންނާއި އެހެން މީހުންނާ އެއް ހަމަ ނުވާނެކަން ޤަބޫލުކުރަން ޖެހެއެވެ. ސިފައިންނަށް ދެވޭ އިނާޔަތްތައް ކޮންމެ ޤައުމެއްގައިވެސް ނިސްބަތުން ބޮޑީ ސަބަބުތަކެއް އޮންނާތީއެވެ. އެ ސަބަބަކީ ސިފައިންނާ ޙަވާލުވެފައިވާ ވާޖިބާއި ޒިންމާތަކާއި މަސްޢޫލިއްޔަތެވެ. އިއްޔެވެސް މި ޤައުމުގެ މިނިވަންކަމާއި ދީނުގެ ދިފާޢުގައި ނިކުތީ ސިފައިންނެވެ. މާދަމާވެސް ނިކުމެ ކުރީ ސަފުގައި ފުރާނައިން ޤުރުބާން ޖެހިއްޖެނަމަ އެކަމަށްވެސް ފަސްނުޖެހި ކުރިމަތިލާނީީ ސިފައިންނެވެ. 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި ފުރަތަމަ ޝަހީދުވެގެން ވެއްޓުނީވެސް ސިފައިންގެ މީހެކެވެ. އެދުވަހު ދުސްމިނުންނާ ދެކޮޅަށް ފުރަތަމަ ޙަމަލާދިނީވެސް ސިފައިންގެ މީހެކެވެ. ރާއްޖޭގެ މިނިވަންކަން މިއަދާ ހަމައަށް އައިސްފައި މިއޮތީވެސް ދިވެހި ސިފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުންނެވެ. މި ޙަޤީޤަތްތަކުގެ ކުރިމަތީގައި ސިފައިންނަށް ކުރެވޭ ހޭދައަކީ ބޭކާރު ހޭދައެއް ކަމަށާއި ސިފައިންނަކީ ޤައުމަށް ބޭކާރު ބައެއް ކަމަށް ދައްކަން ކުރާ މަސައްކަތްވާނީ ފޫނެއް ފަޔަކަށް ފުރޭ ފެނެއް ކަމަށެވެ. މިބާވަތުގެ ވާހަކަތައް ދައްކާ މީހުންގެ މަޤުޞަދަކީ ޣާފިލުކަމުގެ ނިދިން ޤައުމު ނިންދަވާލުމެވެ.

ގޮންޖެހުމަކަށްފަހު ގޮންޖެހުމެއް




ކޮންމެ ގޮންޖެހުމަކާ ސިފައިން ކުރިމަތިލާފައިވަނީ ޤައުމީ ޖޯޝާއި ދީނީ ރޫޙާ އެކު ވަރުގަދަ އަޒުމެއްގައި


2007 ސެޕްޓެމްބަރ 29 ވަނަ ދުވަހު މާލޭ ސަލްޓަންޕާކުގައި ގޮއްވާލި އިމްޕްރިވައިސްޑް އެކްސްޕްލޯސިވް ޑިވައިސް ( އައި.އީ.ޑީ ) ގެ އަޑާއެކު އާ ގޮންޖެހުންތަކަކާ ސިފައިންނަށް މިވަނީ ކުރިމަތިލާން ޖެހިފައެވެ. ޤައުމީ ސަލާމަތަށް އެއީ ވަރުގަދަ އިންޒާރެކެވެ. މައްސަލަ ތަހުޤީޤުކޮށް ނުނިމުނު ކަމުގައިވިޔަސް ރާއްޖޭގައި މި ހާދިސާއިން ދީނީ ގޮތުން ހައްދު ފަހަނައަޅާފައިވާ މީހުން ދަތުރުކޮށްފައިވާ ހިސާބާއި އެމީހުންގެ ނުރައްކާ ބޮޑުވެފައިވާ މިންވަރު ވަޒަން ކުރެވިއްޖެއެވެ. ކުރިން މިފަދަ ޚަބަރުތަކާއި މަންޒަރުތައް އިވި، ފެންނަމުންދަނީ ދުނިޔޭގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ނެވެ. މިހާރު މި ބިރުވެރިކަން ރާއްޖޭގައިވެސް މިވަނީ ފެށިފައެވެ. ދުނިޔޭގައި ޓެރަރިޒަމްގެ ބިރުވެރިކަމުން ސަލާމަތްވެފައިވާ ޤައުމެއްނެތެވެ.

ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމަކީ ވަރަށް ނުބައި ބަލިމަޑުކަމެކެވެ. އިސްލާމީ ޤައުމުތަކުގައި ދާޚިލީ ހަމަނުޖެހުންތައް އުފެދި ބޮޑެތި ލޭ އޮހޮރުވުންތައް ހިނގަނީ ދީނީ ޚިޔާލު ތަފާތުވުންތަކާއި ދީނީ ގޮތުން ހައްދުފަހަނައަޅާ ދިއުމުގެ ސަބަބުންނެވެ. ރާއްޖެއަކީ މީގެ ކުރިން ދީނީ ޚިޔާލު ތަފާތުވުންތަކާއި ދީނީގޮތުން ހައްދު ފަހަނައަޅާދާ މީހުންގެ ސަބަބުން ލޭ އޮހޮރިފައިވާ ޤައުމެއްނޫނެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި އެއްޖީލުން އަނެއް ޖީލަށް މި ޤައުމު ދަތުރުކުރަމުން އައީ ސުލުހަވެރި އަމާން އެކުވެރި ޤައުމެއްގެ ގޮތުގައެވެ. ދުނިޔެމަތީގެ ސުވަރުގޭގެ ނަމުން މިޤައުމުގެ ނަން މަޝްހޫރުވެފައިވެފައިވެއެވެ.

ދީނީ ގޮތުން ހައްދު ފަހަނައަޅާދާ މީހުން ދެކޭގޮތުގައި ހަމަ އެކަނި މުސްލިމުންނަކީ އެބައި މީހުންނެވެ. އެމީހުން އުޅޭގޮތާއި އެމީހުުން އުޅޭ އުޅުމާއި އެމީހުން އަމަލުކުރާގޮތް ނޫން ގޮތެއް އެމީހުން ގަބޫލުކުރާކަށް ބޭނުމެއްނުވެއެވެ. ސަރުކާރާއި ވެރިން ޤަބޫލުކުރުމެއްނެތެވެ. ރައްޔިތުންގެ ލާބަޔާއި މަންފާއާއި ޙައްޤުތައް ރައްކާތެރިކޮށް ދިނުމާއި އަދުލު އިންސާފު ގާއިމު ކުރުމަށް ހެދިފައިވާ ޤާނޫނު ތަކާއި ޤަވާޢިދު ތަކަކީވެސް އެމީހުންނަށް ކަމުދާ އަދި ބޯލަބަންޖެހޭ އެއްޗެއްސަކަށް ނުވެއެވެ. މިހިސާބުން ނިމުނީއެއް ނޫނެވެ. ދީނުގެ ނަމުގައި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ތެރެއިން އެމީހުން ޤަބޫލުކުރާ ގޮތްނޫން އެހެން ގޮތްތަކަށް އުޅޭ މީހުން މަރާ ނެތިކޮށްލުމަށް " ޖިހާދު" ކުރުމުގެ ނަމުގައި ހިންގަމުންދާ ޓެރަރިސްޓް އަމަލުތައް މިއަދު ވެފައިވަނީ މުޅި ދުނިޔޭގެވެސް އެންމެ ބޮޑު އެއް ބިރަށެވެ. ސަލްޓަންޕާކުގައި އައި.އީ.ޑީ ގޮއްވާލި ހާދިސާ އާއި އއ. ހިމަންދޫގައި ދުރާލާ ތައްޔާރުވެގެންތިބެ ޤައުމީ ދިފާޢީ ބާރުތަކާ ފަންޑަމެންޓަލިސްޓުން ކުރިމަތިލި ކުރިމަތި ލުމަކީ އެމީހުންގެ ނަޒަރުގައި " ޖިހާދެ"ވެ. އެހެން މީހުންނާއި ޤާނޫނުތަކުގެ ކުރިމަތީގައި އެއީ ޓެރަރިޒަމެވެ.

ޓެރަރިސްޓް ޖަމާޢަތެއް ކަމަށް ދުނިޔެ ޤަބޫލުކުރާ، އަވަށްޓެރި ސްރީލަންކާގައި ވަކިވެގަތުމަށް މަސައްކަތްކުރާ ތަމަޅަ ޓައިގަރުންގެ ހަތިޔާރު ބޯޓަކާ ސިފައިން ކުރިމަތިލާ ބޯޓަށް ހަމަލާދީ އަޑިއަށް ދުއްވާލިތާ މިވީ އެންމެ ހަތަރު މަހެވެ. ރާއްޖޭގައި އެހެން ބާވަތެއްގެ ޓެރަރިސްޓް ހަމަލައެއް މިވަނީ ދީފައެވެ. ގޮންޖެހުމަކަށްފަހު ގޮންޖެހުމެއް މިއަންނަނީ ކުރިމަތިވަމުންނެވެ. އާ ގޮންޖެހުންތައް ކުރިމަގުގައިވެސް ކުރިމަތިވާނެއެވެ. އަޅުގަނޑުމެން ޖެހޭނީ އަބަދުވެސް ތައްޔާރަށް ތިބޭށެވެ. ކޮންމެ ގޮންޖެހުމަކާ ސިފައިން ކުރިމަތިލާފައިވަނީ ޤައުމީ ޖޯޝާއި ދީނީ ރޫޙާ އެކު ވަރުގަދަ އަޒުމެއްގައެވެ.

ޙަޤީޤަތަކީ ކޮބާ؟


ފިލާގަނޑުމަތީގައި ހުރެގެން ނުފެންނަ އެތައް ތަނެއް ކުނބަށް އެރީމާ ފެންނާނެ


ކިންގްޑަމް އޮފް ޓޮންގާ، މަޝްހޫރުވެފައިވަނީ " އެކުވެރި ޖަޒީރާ " ( ފްރެންޑްލީ އައިލެންޑްސް ) ގެ ނަމުންނެވެ. ޓޮންގާއަށް މި ފަޚުވެރި ނަން ދެއްވީ 1728 ން 1778 ށް ދުނިޔޭގައި އުޅުއްވި އިނގިރޭސިވިލާތުގެ މަޝްހޫރު ދަތުރުވެރިޔާ ކެޕްޓަން ޖޭމްސް ކުކް ( ފޮޓޯ ) އެވެ. އޭނާ ޓޮންގާއަށް ކުރެއްވި ދަތުރުފުޅުގައި އެ ޤައުމުން ފެނުނު އެކުވެރިކަމާއި އެއްބައިވަންތަކަމާ އަދި ޚުދު އޭނާއަށް އެ ޤައުމުގެ ވެރިންނާއި ރައްޔިތުންގެ ފަރާތުން އެރުވި މެޙުމާންދާރީއަކީ ޓޮންގާއަށް މި ފަޚުރުވެރިނަން ލިބުމުގެ އަސްލެވެ.


މި ހާދިސާގެ ޙަޤީޤަތަކީ ކޮބައިތޯއެވެ؟ ކެޕްޓަން ޖޭމްސް ކުކަށް ޕެސިފިކް ކަނޑުގައި އޮންނަ ޓޮންގާއަށް ވަޑައިގެންނެވުނީ އެ ޤައުމުގެ ސަޤާފީ ޢީދެއް ކަމަށްވާ " އިނާސީ ފެސްޓިވަލް " ގެތެރޭގައެވެ. އޭނާއަށް ފެނުނީ އެކަކު އަނެކަކާ ވަރަށް ގުޅިގެން އެކުވެރިކަމާއި މަޖަލާއި ހާ އުފާވެރިކަމުގައި އުޅެމުންދިޔަ ރައްޔިތެކެވެ. ޤައުމުގެ ރަސްގެފާނު ރައްޔިތުންނާއެކު އުފާފާޅު ކުރައްވަމުން ވަޑައިގަންނަވާ ތަނެވެ. ބޭރުގެ މެޙްމާނުންނަށް ކަމޭހިތާ ރަސްގެފާނުގެ ޚާއްޞަ މެޙުމާންދާރީ ލިބެމުންދާ ދިއުމެވެ. ކެޕްޓަން ކުކް އޭނާގެ ދަތުރު ނިންމާލުމަށްފަހު އޭނާ ލިޔުނު ދަތުރުނާމާގައި ޓޮންގާއަށް އެކުވެރި ޖަޒީރާގެ ނަމުން ނަންދެއްވީއެވެ. އޭރު އޭނާއަކަށް ޓޮންގާގެ ރަސްގެފާނު އޭނާއަށް އިންތިހާއަށް ކަމޭ ހިތްތަވައިގެން އުޅުއްވީ އޭނާ އަވަހާރަކޮށްލުމުގެ ނިޔަތުގައި ކަމެއް އެނގިވަޑައި ގެންފައެއްނުވެއެވެ.


ލިޔުންތެރިކަމަކީ ވަރަށް ބޮޑު އަމާނާތެކެވެ. ލިޔެ ޝާއިޢުކުރެވޭ ކޮންމެ ލިޔުމަކީވެސް ތާރީޚީ ތަރިކައެކެވެ. ފަހުގެ ޖީލުތަކަށް ފެންނަން އޮންނާނެ އެއްޗެކެވެ. ލިޔުންތެރިން ޙަޤީޤަތާ އެއްގޮތަށް އެއްވެސް ތައައްސުބެއްނެތި ލިޔަން ޖެހެނީ އެހެންވެއެވެ. ލިޔުންތެރިންނާއި އެހެން މީހުންވެސް ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބައޮތެވެ. ޙަޤީޤަތްކަމަށް އަޅުގަނޑުމެންގެ ނަޒަރަށް މިފެންނަ ފެނުންތައް މާދަމާވެސް އެއީ ޙަޤީޤަތް ނޫންކަން ސާބިތުވެދާނެއެވެ.


އަޅުގަނޑުމެންނަށް ހަމަބިމުގައި ހުރެގެން ފެންނަ ރާސްތާއަށްވުރެ ދުރު ރާސްތާއެއް އުސްތަނަކަށް އެރުމުން ފެންނާނެއެވެ. ފިލާގަނޑުމަތީގައި ހުރެގެން ނުފެންނަ އެތައް ތަނެއް ކުނބަށް އެރީމާ ފެންނާނެއެވެ. ކޮޅުފަސްކޮޅުގައި ހުންނަ މީހާއާއި ދިރުނބާ ކޮޅުގައި ހުންނަ މީހާއަށް އެނގޭ އެނގުންތަކާއި ފެންނަ ފެނުންތައްވެސް ތަފާތުވާނެއެވެ.


ދުނިޔޭގައި އެކި ދުވަސްވަރު އެކި މީހުން އެކިފާޑުގެ ތިޔަރީތައް ހަދާފައިވެއެވެ. އެތިޔަރީތައް އެތައް ބަޔަކު ޤަބޫލުކޮށްފައިވެސް ވެއެވެ. އޭގެ ތެރެއިން ގިނަ ތިޔަރީތައް މިއަދުގެ ސައިންސް އާއި ޓެކްނޮލޮޖީގެ އައު ހޯދުންތަކުންވަނީ އެކޮޅުކޮޅުން ޖެހިފައެވެ. މިއަދު ޙަޤީޤަތްކަމަށް ޤަބޫލުކުރެވޭ ބައެއް ކަންތައްތައް މާދަމާވެސް އެކޮޅުކޮޅުން ޖެހިދާނެއެވެ. ކޮންމެ މީހަކު އެމީހަކަށް ފެންނަ ފެނުމަކީ އެންމެ ރަނގަޅުގޮތް ކަމާއި ޙަޤީޤަތަކީ އެއީ ކަމަށް ޤަބޫލުކުރަން ފަށައިފިނަމަ އެބައެއްގެ ތެރޭގައި ހަރުކަށިކަމާއި ހައްދުފަހަނައަޅާދިއުން އާންމުވެދާނެއެވެ. ބަދަލު ނުވާނެ އެއްޗަކީ އިލާހީ ޤާނޫނެވެ.

ޢަލީ ރަސްގެފާނު ޝަހީދު ވެވަޑައިގެންނެވީ ސޮލީބީ ހަނގުރާމައެއްގައި

ރާއްޖޭގެ ޝަހީދުންގެ ދުވަސް ނިސްބަތްވަނީ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެން ދުވަހަށް

އައްސުލްޠާން ޢަލީ ( ހަވަނަ ) ސިރީ އައުދަ ސިއާކަ ކައްތިރި މަހާރަދުން ނުވަތަ މަޝްހޫރު ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގެންނެވީ އިސްލާމްދީނާއި ޤައުމަށްޓަކައެވެ. ރާއްޖޭގައި ކްރިސްޓިއަންދީން ފެތުރުމަށް ކުރެވެމުންދިޔަ މަސައްކަތްތަކަކާގުޅިގެންނެވެ. ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް ކުރެވެމުންދިޔަ މަސައްކަތްތަކެއްގެ ސަބަބުންނެވެ. އެހެން ގޮތަކަށް ދަންނަވާނަމަ ޢަލީ ރަސްގެފާނު ޝަހީދުވެވަޑައިގަތީ ސޮލީބީ ހަނގުރާމައެއްގައެވެ.

ޢަލީ ރަސްގެފާނު ޝަހީދުވެ ވަޑައިގަތީ އިންޑިއާއިން އައި ޕޯޗްގީޒުންގެ ކިބައިން ރާއްޖެ ދިފާޢު ކުރެއްވުމުގައި ހިތްވަރުގަދަ، އިބުރަތްތެރި، ދީނީ އަދި ޤައުމީ ޖިހާދެއް ކުރައްވަމުން ވަޑައިގަންނަވަނިކޮށެވެ. މީލާދީން 1558 ވަނަ އަހަރުގެ މެއި މަހުގެ 19 ވަނަ ދުވަހު ( ހިޖުރައިން 965 ވަނަ އަހަރުގެ ޝައުބާން މަހުގެ 1 ވަނަ ދުވަހު ) ޢަލީ ރަސްގެފާނުގެ ލޭފޮދުން ދިވެހި ފަސްގަނޑު ތެމިގެން ދިޔައެވެ. އެހިތްވަރުގަދަ މުޖާހިދު ޝަހީދުވެގެން ދިއުމަށްފަހު އުކެން ފެށުނީ ދިވެހިތާރީޚު ދެކެފައިވާ އެންމެ އަނިޔާވެރި ހާދިސާތައް ލިޔެވިފައިވާ ޞަފްޙާތަކެވެ. އެއީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު މަރައި، ދިވެހި މުސްލިމުތަކުންގެ ލެއިން ދިވެހި ކަނޑުތައް ރަތްވެގެން ދިޔަ އަނިޔާވެރި ދުވަސްތަކެކެވެ. ޕޯޗްގީޒުންގެ އަނިޔާވެރި 15 އަހަރުގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކުރެއްވީ އައްސުލްޠާނުލްޣާޒީ މުޙަންމަދު ތަކުރުފާނުލްއަޢުޒަމް ނުވަތަ އުތީމު މަހާރަދުންނެވެ.

ޕޯޗްގީޒުން ދިވެހިރާއްޖެ ހިފާ ހިންގި އަނިޔާވެރި އަމަލުތަކާއި އޭރު ދިވެހިން ތިބި ޙާލަތު ހިތްމައްޗަށް ގެނެސް، ޕޯޗްގީޒުން ރާއްޖެ ހިފުމަށް އަންނަން މެދުވެރިވި ސަބަބަކީ ކޮބައިތޯ ބަލާލުން ރަނގަޅެވެ. އަދި ޕޯޗްގީޒުންނަށް ދިވެހިންގެ މައްޗަށް ވެރިވެގަނެވުނީ ކީއްވެގެންތޯއާއި ކޮންކޮން ގޮތްގޮތަކަށް ކަންތައްތައް ހިނގައިގެންތޯ ދިރާސާކުރުން ރަނގަޅެވެ.

ދިވެހިރާއްޖޭގައި ރަސްކަން ކުރެއްވި ހިލާލީ ދަރިކޮޅުގެ 9 ވަނަ ޙަސަން ރަސްގެފާނު މީލާދީން 1551 ވަނަ އަހަރު އިންޑިޔާގައި ތިބި ޕޯޗްގީޒުންގެ ގާތަށް ވަޑައިގެން ކްރިސްޓިއަން ދީނަށް ވެދެވަޑައިގެންނެވިއެވެ. ދިވެހިރާއްޖޭގެ ކޮއިލުތެރޭގައި އުފެދުނު ހަމަނުޖެހުމަކަށްފަހު 9 ވަނަ ޙަސަން ރަސްގެފާނު އިންޑިއާއަށް ވަޑައިގަންނަވާ ދީން ބަދަލުކުރެއްވުމަށްފަހު އަނެއްކާވެސް ދިވެހިރާއްޖޭގެ ތަޚުތު ހޯއްދެވުމަށް މަސައްކަތް ކުރެއްވިއެވެ. ޕޯޗްގީޒުންގެ ހަނގުރާމަމަތީ ނައުފަހަރު ރާއްޖެ ހިފަން ފޮނުވަން ފެށިއެވެ. އެދުވަސްވަރު ދިވެހިން ކްރިސްޓިއަން ދީނަށް ވެއްދުމަށް 9 ވަނަ ޙަސަން ރަސްގެފާނު މަސައްކަތްކުރިއެވެ. ސިޓީ ފޮނުވައިގެންނާއި އެކި ގޮތްގޮތުން ދިވެހިންގެ ތެރެއިން މަދު ބަޔަކުނަމަވެސް ކްރިސްޓިއަން ކުރެވޭތޯ 9 ވަނަ ޙަސަން ރަސްގެފާނު މަސައްކަތް ކުރެއްވިއެވެ. އެ ގޮވާލުންތަކާއި އެ އިލްތިމާސް ތަކަށް ދިވެހިން ދިނީ ބީރު ކަންފަތެކެވެ. ހަނގުރާމައަށް ފޮނުވި ޕޯޗްގީޒުންގެ ނައުފަހަރު ތަކާ ދިވެހިން ހަނގުރާމަކޮށް އިސްލާމްދީނަށާއި ޤައުމަށްޓަކައި ވަރުގަދަ ޖިހާދެއް ކުރިއެވެ. ޕޯޗްގީޒުންގެ ގަދަފަދަ ލަޝްކަރަށް ދިވެހިރާއްޖެ އަޅުވެތި ކުރެވުނީ އެމީހުން ރާއްޖެއާ ދިމާކުރި ތިންވަނަ ފަހަރުގައެވެ. އެފަހަރުވެސް ދުޝްމަނުންނަށް ކާމިޔާބު ލިބުނީ އެމީހުންގެ ހަތިޔާރުގެ މޮޅުކަމަކުންނޫނެވެ. އަދި ހެވިކަމުގެ ކުޅަދާނަ ކަމަކުންވެސް ނޫނެވެ. މާލޭގައި އޮތް ދާޚިލީ ހަމަނުޖެހުމާއި ވެރިކަމަށް ދަހިވެތި ބަޔަކު ހިންގަމުންދިޔަ ފިތުނަވެރި އަމަލުތަކެއްގެ ސަބަބުންނެވެ. އެއީ މާލޭގައި ހަމަނުޖެހުން ގިނަ، ޤައުމީ ރޫޙު ކުޑަވެފައިވާ ދުވަސްކޮޅެކެވެ. އެހެން ގޮތަކަށް ދަންނަވާނަމަ އެއީ މިނިވަން ދިވެހިރާއްޖެ، ބޭރުގެ ބައެއްގެ އަޅުވެތިކަމަށް ދިއުމަށް ދޫކޮށްލެވިފައިވާ ދަނޑިވަޅެކެވެ. " އައްޔަސް އަނދިރިއަސް ވާނީ އެއްގޮތް " ކަމަށް ބަޔަކު ދެކެމުންދިޔަ، އަދި އެގޮތަށް ވިސްނައިދެމުން ގެންދިޔަ ދުވަސްވަރެކެވެ. ކޮންމެ ގޮތަކުންވެސް ވެރިކަން ބަދަލުކޮށްލަން ބޭނުންވި ބަޣާވާތްތެރިންތަކެއް އުޅުނު ދުވަސްވަރެކެވެ. ފަހުން ވެދާނެ ގޮތަކާމެދު ޚާއިނުންނާއި ބަޣާވާތްތެރިން ޚިޔާލުކޮށްލަންވެސް ބޭނުން ނުވި ދުވަސްވަރެކެވެ.

މާލޭގެ ހުޅަނގު އުތުރުފަރާތަށް ޕޯޗްގީޒުން ހަތިޔާރާއެކު ފޭބުމުން ޢަލީ ރަސްގެފާނު ލަސްކަރީންގެ ވެރިއެއްގެ ގޮތުގައި އެންމެ ކުރީގައި ހުންނަވައިގެން ދުޝްމަނުންނާ ދެކޮޅަށް ޖިހާދު ކުރައްވަން ނިކުމެ ވަޑައިގެންނެވިއެވެ. ޢީދު މިސްކިތާ ހަމައަށް ވަޑައިގެން ފަހަތް ބައްލަވާލެއްވިއިރު ބޮޑު ވަޒީރާއި ޚާދިމުންކުރެ އެކަކު ފިޔަވާ އެންމެން ފިލައިގެން ހިގައްޖެއެވެ. ޢަލީ ރަސްގެފާނު އެ ދެބޭކަލުންނައިގެން ދުޝްމަނުންގެ ކުރިމައްޗަށް ދީނާއި ޤައުމުގެ ޙައްޤުގައި ނިކުމެވަޑައިގެންނެވިއެވެ. ޢަލީ ރަސްގެފާނު އެދުވަހު ދެއްކެވި ނަމޫނާއަކީ ދިވެހިރާއްޖެ ދެމިއޮތްހާ ހިނދަކު އެ މަހާރަދުންނަށްޓަކައި ދިވެހިން ފަޚުރުވެރިވާނެ ހިތްވަރުފުޅުގަދަ ޢަމަލެކެވެ. ޢަލީ ރަސްގެފާނާއި އެރަދުންނަށް ވަފާތެރި ދެ ބޭކަލުންގެ ހިތްވަރުފުޅު ގަދަކަމާއި އެބޭކަލުންގެ ހިތްޕުޅުގައި ޤައުމާއި ދީނަށްޓަކައި އޮތް މަރިވެރި ލޯތްބެއްގެ ބޮޑުކަން އެދުވަހު ސާބިތުވެގެންދިޔައެވެ.

ޝައްކެއްނެތެވެ. އެބޭކަލުން އެދުވަހު އިސްކަން ދެއްވީ ޤައުމަށެވެ. ދީނަށެވެ. ދުނިޔެމަތީގައި ލިބިދާނެ ބޮޑެތި މަޤާމުތަކަކަށް ދަރަޖަ ތަކަކަށް ނުބެއްލެވިއެވެ. ޝަހީދުންގެ ދަރަޖައަކީ ދުނިޔެމަތީގެ މަޤާމުތަކާއި ދަރަޖަތަކަށްވުރެ މާމަތިވެރި ދަރަޖައެކެވެ. ޢަލީ ރަސްގެފާނުގެ މަތިވެރި ޤުރުބާނީއަކީ ދިވެހިރާއްޖެ ދެމިއޮތްހާ ދުވަހަކު، ދިވެހިން ހަނދާން ނައްތާލާނެ ޤުރުބާނީއެއްނޫނެވެ. އެއީ ކޮންމެ ދިވެއްސަކުވެސް އެ މާތް ޝަހީދުގެ އެ މަތިވެރި ޤުރުބާނީން ހިތްވަރު ލިބިގަންނަންޖެހޭ ޤުރުބާނީއެކެވެ. އެއީ ޢިބުރަތްތެރި ފިލާވަޅެކެވެ.

ދިވެހި ސިފައިންގެ ޤާބިލުކަން



ދިވެހިރާއްޖޭގައި މީހުން އުޅޭތާ ތިންހާހަކަށް އަހަރުވެއްޖެ ކަމަށް ތާރީޚީ ލިޔުންތަކުން ދައްކައެވެ. ރާއްޖޭގައި އަބަދުވެސް އެޒަމާނަކަށް އެކަށީގެންވާ ގޮތެއްގައި ދިފާޢީ ބާރެއް އޮތްކަމީ ޝައްކެއްއޮތް ކަމެއްނޫނެވެ. ރާއްޖޭގެ ބިމާއި ކަނޑާއި ދީނާއި އާދަކާދައާއި ސަޤާފަތް ހިމާޔަތްކުރުމަށްޓަކައި ކާބަފައިން ވެފައިވާ ޤުރުބާނީން ފެނިގެންދަނީ މިދެންނެވި ވާހަކައިގެ ޙަޤީޤަތެވެ. ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވެރިކަން މި ޖީލަށް ވާރުތަ ކޮށްދީފައިވަނީ ދިވެހިރައްޔިތުންގެ ޤުރުބާނީ ލޭގެ ޚިދުމަތުންނެވެ. ދިވެހިން، ދިވެހި ޤައުމާއި ދިވެހިންގެ ދީނަށް އޮތް ލޯތްބެއްގެ މަތިވެރިކަން ތާރީޚުގެ ޞަފުޙާ ތަކުން ފެނިގެން ދެއެވެ. މިއަދުގެ ޖީލަށް ދިވެހި ކާބަފައިން ފޯރުކޮށްދީފައިވާ ޤައުމީ މަތިވެރި ތަރިކަތަކާއި އަރުތަ ތަކުން ކާބަފަައިން މި ޤައުމަށްޓަކައި ވެފައިވާ ޤުރުބާނީ ޤަބޫލުކުރަން ޖެހެއެވެ. ސިފައިން މިޒަމާނުގެ އުސޫލުން އުފެދިފައިވަނީ ހިޖުރައިން 1309 ގައެވެ. ތާރީޚީ ލިޔުންތަކުގެ މައްޗަށް ބުރަވެ ދިވެހި ސިފައިން އުފެދުނު ތާރީޚެއް ކަމަށް ސަރުކާރުން ކަނޑައަޅުއްވާފައިވަނީ 21 އޭޕްރީލް 1892 ގައެވެ. އެއީ ރާއްޖޭގެ ދިފާޢީ ބާރު ޤައުމީ މުއައްސަސާއެއްގެ ގޮތުގައި ޤާއިމު ކުރެވުނު ދުވަހެވެ.

ސިފައިން އުފެދުމުގެ ކުރިން ބޭރު މީހުންގެ ކިބައިން ރާއްެޖެ ދިފާޢުކުރުމާއި އަމަން ރައްކާތެރިކުރުމުގެ ގޮތުން ކުރަންޖެހޭ ކަންތައްތައް ކުރުމާއި ދާޚިލީ އަމަން ބެލެހެއްޓުމާއި ރައްކާތެރި ކުރުމުގައި ކުރަންޖެހޭ ކަންތައްތައް ކުރަމުން ގެންދިޔައީ ހަވަރުގެ މައްޗަށް ބެހިފައިވާ ލަޝްކަރަކުންނެވެ. ދިވެހިރާއްޖޭގެ ޤައުމީ ބަޠަލު އައްސުލްޠާނު މުޙަންމަދު ތަކުރުފާނުލް އައުޒަމް ނުވަތަ ބޮޑު ތަކުރުފާނުންގެ މަތިވެރި ޤައުމީ ޖިހާދަށްފަހު ރާއްޖޭގެ ކަންތައްތަކަށް އެމަނިކުފާނު ގެންނެވި ބޮޑެތި ބަދަލުތަކުގެ ތެރޭގައި ޤައުމީ ދިފާޢީ ނިޒާމަށްވެސް ބޮޑެތި ބަދަލުތަކެއްވަނީ ގެންނަވާފައެވެ. އޭގެފަހުން ރާއްޖޭގެ ތާރީޚުގައި ފާހަގަކުރެވިފައިވާ ބައެއް އަޅުވެތިކަމަކީ " އަޅުވެތިކަމެއް ނޫން " ކަމަށް ބައެއް ތާރީޚީ ލިޔުންތެރިން ވިދާޅުވެފައިވެއެވެ. އެއީ ދުނިޔޭގެ އެހެން ޤައުމުތައް އިސްތިޢުމާރީ ބާރުތަކުން އަޅުވެތިކުރާ ގޮތަށް ދިވެހިން އަޅުވެތިކޮށްގެން އޭގެފަހުން ދެމި ތިބެވިފައި ނެތުމުންނެވެ.

ދުނިޔޭގެ ގިނަ ޤައުމުތަކުގައި އިސްތިޢުމާރީ އަޅުވެތިކަން އޮތްގޮތަށް އިސްތިޢުމާރީ ބާރަކުން ރާއްޖެ އަޅުވެތިކޮށްފައިވަނީ ޕޯޗްގީޒުންނެވެ. އެއީ 19 މެއި 1558 ވަނަ ދުވަހެވެ. ޕޯޗްގީޒުންގެ އިސްތިޢުމާރީ އަޅުވެރިކަމުގައި ފަނަރަ އަހަރާއި ދެމަސް ދުވަހު ރާއްޖެ އޮތެވެ. އެއީ ވަރަށް ބިރުވެރި ނާމާން ދުވަސްވަރެކެވެ. އޭރު ރާއްޖެއޮތީ އަނިޔާވެރިކަމުގެ އިންތިހާއަށް ގޮސްފައެވެ. ޕޯޗްގީޒުންގެ ކަންތައްތައް ރާވައި ހިންގުމުގެ މުގުލުގައި ހުރި އިސްމީހަކީ ވިޔަޒޯރެވެ. އޭނާ ހުރީ ހއ. ބާރަށުގައެވެ. ރާއްޖޭގެ މައްޗަށް ޕޯޗްގީޒުންގެ އަނިޔާވެރިވެރިކަން ހިންގުމަށް ވެރިރަށް މާލޭގައި ހުރީ އަނދިރިއަނދިންނެވެ. ރާއްޖޭގައި ޕޯޗްގީޒުންގެ ބާރު ހިންގައި، ނަޞާރާދީން ފެތުރުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާއަކަށްވީ ދިވެހިންގެ މާތްވެގެންވާ އިސްލާމްދީނާއި މިނިވަންކަން ވަޅުޖެހި ފުން އަނދިރި ވަޅުގަނޑެއްގެ ތެރެއަށް ދިވެހިރާއްޖެ ވެއްޓިގެން ދިއުމެވެ. މިހިސާބަށް ކަންތައް ދިއުމުން ހއ. އުތީމު ކަޅުޢަލީ ޚަޠީބު ތަކުރުފާނުގެ ޙުސައިން ޚަޠީބު ތަކުރުފާނުގެ ތިންބެއިން ފެއްޓެވި ޖިހާދަކީ ރާއްޖޭގެ މިނިވަންކަމަށްޓައި ކުރައްވާފައިވާ ލާމަސީލު ޖިހާދެކެވެ. އެއީ ރާއްޖޭގެ މިނިވަންކަމާއި އިސްތިޤުލާލަށްޓަކައި މަސައްކަތްކުރާ ބަޔަކު އަބަދުވެސް ހިތްވަރު ހޯދާނެ އަގުހުރި ފިލާވަޅުތަކެކެވެ. ޢަލީ ތަކުރުފާނާއި މުޙަންމަދު ތަކުރުފާނާއި ޙަސަން ތަކުރުފާނުގެ އިސްނެންގެވުމަށް ދިވެހިރައްޔިތުން ސިއްރާއި ފާޅުގައި ކުރި ތާާޢީދާއި ވެދިން އެހީތެރިކަން ފާހަގަކުރަންޖެހެއެވެ. ޖިހާދުގެ ތެރޭގައި ދުޝްމަނުންގެ އަނިޔާވެރިކަމުގައި ހައްޔަރުވެ ޢަލީ ތަކުރުފާނު ޝަހީދުވީއެވެ. އާދެ! އުތީމު މުޖާހިދުންގެ ތެރެއިން އެއްބޭފުޅެއްގެ ނަންފުޅު ދީނާއި ޤައުމަށްޓަކައި ޖިހާދު ކުރައްވާ ޝަހީދުވެވަޑައިގެން ޝަހީދުންގެ ލިސްޓަށް އެރީއެވެ. އެހާދިސާއަކީ މުޖާހިދުންގެ ހިތްވަރުއެލިގެންދިޔަ ހާދިސާއަކަށް ވުމުގެ ބަދަލުގައި އެހާދިސާ ވެގެން ގޮސްފައިވަނީ އެބޭފުޅުންނަށް ލިބިވަޑައިގެން އިތުރު ޖޯޝަކާއި ހިތްވަރަކަށެވެ. މިއަދު ރާއްޖޭގެ މިނިވަންކަމާއި އިސްޠިޤުލާލް އަދި ސިޔާދަތު ޙިމާޔަތްކޮށް ދިފާޢު ކުރުމުގެ ހިތްވަރުގެ ކަމަރު ބަނދެގެން ކުރީ ސަފަށް ނިކުމެތިބި ބަޔަކީ މި ޤައުމުގެ ސިފައިންނެވެ. 1988 ނޮވެމްބަރު 3 ގެ ޢުދުވާނީ ޙަމަލާގައި އެ ލަޝްކަރުގެ ތެރެއިން 8 ބޭކަލަކު ޝަހީދުވެފައިވެއެވެ. އެހެންނަމަވެސް ދިވެހި ސިފައިންގެ ހިތްވަރާއި ފަންވަރަށް އެއްވެސް ގުޑުމެއް އަރުވާލެވިފައެއް ނުވެއެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް ހިމާޔަތްކޮށް ރައްކާތެރި ކުރުމުގައި ސިފައިން ތިބީ ސާބިތުވެ ވަރުގަދަ އަޒުމެއްގައެވެ. ރާއްޖޭގެ ތާރީޚުގެ ގަނޑުތައް އުކާލުމުން ފާހަގަކުރެވޭ އެއްކަމަކީ ޤައުމުގެ މިނިވަންކަމަށް ބުރޫއަރަން ދިމާވި ކޮންމެ ފަހަރަކު އަދި ޤައުމުގެ މަސްލަހަތު ގެއްލި އަޅުގަނޑުމެންގެ ޢަބުރާއި ޢިއްޒަތް ވެއްޔާ މޮޑެވުނު ކޮންމެ ފަހަރަކު އެހެން ދިމާވެފައިވަނީ ހަމަ އަޅުގަނޑުމެންގެ ތެރޭގައި އުފެދުނު ޚިޔާނާތްތެރިންތަކެއްގެ ސަބަބުންކަމެވެ. އަމިއްލަ އެދުމުން ފޯވެފައިތިބި ބަޔަކު އެމީހުންގެ އަމިއްލަ އެނދުންތަކެއް ހާސިލުކުރުމަށްޓަކައި ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. ޤައުމީ މަސްލަހަތުގެ ކުރިއަށް އަމިއްލަ އެދުން އިސްކޮށް ބޭރުގެ ފަރާތްތަކުން މަދަދާއި އެހީތެރިކަން ހޯދާ ޤައުމަށް ގައްދާރުވުމުގެ ސަބަބުންނެވެ.

ޕޯޗްގީޒުންގެ އަޅުވެތިކަމުގެ ތެރެއަށް ރާއްޖެ ދިޔައީ އައްސުލުޠާނު ޙަސަން 9 ( ނުވަވަނަ ޙަސަން ރަސްގެފާނު) ރާއްޖެ ދޫކުރައްވާ ގޯވާއަށް ވަޑައިގެން ނަޞާރާދީން ގަބޫލުކުރައްވާ ޕޯޗްގީޒުންގެ އެހީތެރިކަމުގައި އޭނާގެ ފުރިހަމަ ބާރުގެދަށަށް ރާއްޖެ ގެންދަވަން ފެއްޓެވި މަސައްކަތުގެ ތެރެއިންނެވެ. އެކިފަހަރުމަތިން ދުއްތުރާކުރުމަށްފަހު، އައްސުލްޠާނު ޢަލީ ( ހަވަނަ ) ގެ ރަސްކަމުގައި ޕޯޗްގީޒުން ރާއްޖެ އަޅުވެތިކުރިއެވެ. އެފަހަރު ޢަލީ ރަސްގެފާނު ފިސާރި ހިތްވަރާއެކުގައި ލަޝްކަރު ނެރުއްވައި ހަނގުރާމާ ކުރެއްވިއެވެ. ނަމަވެސް މި ހަނގުރާމައިގައި ދިވެހިން ބަލިވެ މިނިވަންކަން ގެއްލިގެން ދިޔައީ ދިވެހިންގެ ބަޔަކުމީހުން، އެމީހުން އަދާކުރަންޖެހޭ ޤައުމީ ވާޖިބަށް ފުރަގަަސްދީ ދޮގު ވާހަކަތައް ފެތުރުމުން ކަމަށް ތާރީޚުން ފެންނާން އެބައޮތެވެ. ހޮޅީން ރާއްޖެއައިސް މާލެއަރާ ގަނޑުވަރު ލޫޓުވައި، ރާއްޖޭގެ މައްޗަށް ވެރިވެގަތީވެސް ދެ ދިވެއްސަކު ޤައުމަށް ޚިޔާނާތްތެރިވުމުގެ ސަބަބުންނެވެ. 13 ޞަފަރު 1166 ގައި ހިނގި މިހާދިސާގައި ޤައުމަށް ޚިޔާނާތްތެރިވީ ޙަސަން ތާޖުއްދީނުގެ ދެބޭފުޅުން ކަމަށްވާ އަލްޤާޟީ މުޙަންމަދު ޝަމުސުއްދީނާއި އަލްޚަތީބު އަޙުމަދު މުޙްޔިއްދީނެވެ. ހަތަރު މަހަށްވުރެ ކުރު ދުވަސްކޮޅެއްގެ ތެރޭގައި ދިވެހިންނަށް މިނިވަންކަން އަނބުރާ ހޯއްދަވައި ދެއްވި ބަޠަލަކީ ދޮންބަންޑާރައިންނެވެ. 1988 ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ސްރީލަންކާގެ ތަމަޅައިންގެ ގްރޫޕެއް ރާއްޖެ ގެނެސް 18 ގަޑިއިރުވަންދަން ބިރުވެރި ޙަރަކާތްތަކެއް ހިންގައި އެތައްބަޔަކު މަރާހެދީވެސް ހަމަ ދިވެހިންގެ ބަޔަކު އަޑީގައި ތިބެގެންނެވެ. އެފަހަރު މި ޤައުމުގެ ކަރާމާތްތެރި ފަސްގަނޑުގެ ދިފާާޢުގައި އަދި އިސްލާމް ދީނުގެ ޙައްޤުގައި ތެދުވީ ހިތްވަރުގަދަ ދިވެހި ސިފައިންނެވެ. ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމްގެ ލަފާފުޅާއި އިރުޝާދުގެ ދަށުން އެދުވަހުކުރި މަތިވެރި ޖިހާދުގެ ހަނދާންތަކާއި ދީނާއި ޤައުމަށްޓަކައި ޝަހީދުވެދިޔަ އަބުޠާލުންގެ ޛިކުރާ އާކޮށް އެމާތް މަރުޙޫމުގެ ފުރާނަ ތަކަށް ސުވަރުގޭގެ މަތިވެރި ނިޢުމަތް ލެއްވުން އެދި ދުޢާ ދަންނަވަމެވެ. އެ ޝަހީދުންނަކީ ޤައުމާއި ދީން އެ ބޭފުޅުންގެ ފުރާނައިގެ ކުރިއަށް އިސްކުރި ބޭފުޅުންނެވެ. ޤައުމުގެ ޚިޔާނާތްތެރިންނާއި ބަޣާވާތްތެރިންނަށް ފުރުސަތު ނުދެއްވާ ޤައުމާއި ދީނަށްޓަކައި ޤުރުބާންވެ ވަޑައިގެން ހިތްވަރުގަދަ މުޖާހިދުންނެވެ.

އަމިއްލަ އެދުމުން ފޯވެގެން އަޅުގަނޑުމެންގެ ތެރޭގައިތިބޭ ޚިޔާނާތްތެރިން ދިވެހި ސިފައިންނާމެދު ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފައްދަން އެންމެ ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް އަންނަނީ މަސައްކަތް ކުރަމުންނެވެ. މިއީ އިސްލާމްދީނާއި ރާއްޖެ ދިފާޢު ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމުގައި ދިވެހި ސިފައިން ދެމިތިބޭހާ ދުވަހު ޤައުމުގެ ދުޝްމަނުންނާއި ބަޣާވާތްތެރިން ހުއްޓާލާނެ މަސައްކަތެއްނޫނެވެ. 1892 ވަނަ އަހަރު ސިފައިން އުފެދިގެން ފުރަތަމަ ބޭއްވި މަގުމަތީ ހިނގާލުމަށް ބަޔަކު އަލިފާނުން ހަމަލާދިނެވެ. އެ ހަމަލާގައި އޭރު ސިފައިންގޭގައި ތިއްބެވި 8 ބޭކަލުންގެ ތެރެއިން އެއްބޭކަލަކު ޝަހީދުވިއެވެ.

އެއީ މީލާދީ ސަނަތުން 1892 ވަނަ އަހަރެވެ. ރަސްކަމުގައި އިންނެވީ އައްސުލްޠާނު އިބްރާހިމް ނޫރައްދީނު ސިރީ ބަރިކުސަ ލޯކަ މަހާރަދުންނެވެ. އެއަހަރު ކީތިރި މަހާރަދުން ހިތްޗަށް ވަޑައިގަންނަވާއިރު ސިފައިން ދާނެ ވާހަކަ ރަށުތެރެއަށްވަނީ ފެތުރިފައެވެ. " ސިފައިން " މި ނަމަކީ އޭރު ދިވެހިންގެ ކަންފަތްތަކަށް ރައްޓެހި ނަމެއްނޫނެވެ. ސިފައިން ތިބޭނީ ހަގުބޭކަލުންނަށްވުރެވެސް ރަދުުންނާ އަރިހުގައި ކަމާއި ސިފައިން އަތުގައި ބަޑިހުންނާނެ ކަމާއި ސިފައިން ތިބޭނީ ކޯޓުފަޓުލޫނުގައިކަމަށް ރަށުތެރޭގައި ކިޔެމުންދިޔައެވެ. ސިފައިންނަަކީ އެބައިމީހުންގެ ވެރިމީހާ ކުރި ކޮންމެ އަމުރަކަަށް ފަސްޖެހުމެއް ބިރުގަތުމެއްނެތި ކިޔަމަންތެރިވެ ބޯލަބާނެ ބައެއްކަމަށް އަޑު ފެތުރިފައިވެއެވެ. މިއަޑުތައް ފެތުރެމުން ދިޔައިރު ސިފައިންނާމެދު ޙަސަދަވެރިވާ ތާޒީ ތައްޞަބުން ފުރިފައިވާ ބަޔަކު ސިފައިންނަށް ހަމަލާއެއް ދިނުމަށް ހިތިވިލޭރެއަށް ދިިޔައީ ތައްޔާރުވަމުންނެވެ. އަތުއޮނުގަނޑަކުން އަލިފާން ކަނި ސިފައިންގެ ގަޔަށް ބުރުވި އިރުގައިވެސް އަޒުމާއެކު ހިނގަމުންދިޔަ ހިނގުމަކަށް ބަދަލެއް ނުގެނެއެވެ. މިހިނގާލުން ނިންމާލުމަށްފަހު އާގަނޑުވަރަށް ގޮސް ބެލިއިރު އެކި މީހުން އެކިވަރަށްވަނީ ފިހިފައެވެ. މި ހާދިސާގައި އެންމެ ބޮޑަށް ފިހުނު ރޯނުގޭ އިބްރާހިމް ދީދީ ފަރުވާ ދެވެމުންދަނިކޮށްވަނީ ޝަހީދުވެފައެވެ.

ސިފައިންގެ ތަސައްވުރު ކިލަނބުކޮަށްލުމަށް ބަޔަކު މަސައްކަތް ކުރި ނަމަވެސް ސިފައިންގެ ޚިދުމަތުގެ އަގު ރައްޔިތުންގެ ކުރިމަތީގައި އެއްދުވަހުން އަނެއްދުވަހަށްދަނީ އުފުލެމުންނެވެ. ޤައުމީ ދިފާޢީ ބާރުގެ ސަފުތައް ދަނީ ޤާބިލު ޒުވާނުންގެ ސަބަބުން އިތުރުވަމުންނެވެ. ތަރައްޤީގެ އަރުތަތައް ދަނީ ޙާސިލުކުރަމުންނެވެ. ތަޢުލީމީ ގޮތުން ހޭލުންތެރި ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތަކާއެކު ޚިދުމަތްކުރާް ޤާބިލު މުއައްސަސާއެއްގެ ގޮތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީބާރު ބަދަލުވެގެންވަނީ ގޮސްފައެވެ. ދިވެހި ރައްޔިތުންގެ ހިތްތަކުގައި ސިފައިންގެ ތަސައްވުރު އެއްދުވަހުން އަނެއްދުވަހަށް އުފުލެމުންދަނީ ސިފައިންގެ ޚިދުމަތަކީ ޤައުމަށް ކިހާ މުހިންމު ޚިދުމަތެއްކަން ރައްޔިތުން މިއަދު ޤަބޫލުކުރާތީއެވެ. ޤައުމާއި ދީނަށްޓަކައި ޤުރުބާންވުމުގެ ޢަޒުމުގައި ސިފައިންގެ ލަޝްކަރާ ގުޅޭނެ ތަޢުލީމީ ޤާބިލު ޒުވާނުން ފަސްޖެހުނު ދުވަސްތައް މާޒީއާ އެކުވެގެންވަނީ ގޮސްފައެވެ. ސިފައިންނަކީީ ދިވެހިރާއްޖެ އޮތްހާ ދުވަހަކު ދިވެހިންގެ މިނިވަންކަމާއި އިސްތިޤުލާލް ހިމާޔަތްކުރަން އޮންނާނެ އަސްކަރީ ބާރެކެވެ. ސިފައިން ހޯދާފައިވާ ކޮންމެ ކުރިއެރުމެއް އަދި ކޮންމެ ތަރައްޤީ އެއްގައި އެކުލެވިގެންވަނީ ސިފައިންގެ ހުނަރުވެރިކަމާއި ސިފައިންގެ ހުޝިޔާރުކަމެވެ.

ރާއްޖެއަށް އަންނަމުންދާ އަވަސް ތަރައްޤީ އާއި ބަދަލުތަކުގެ ތެރޭގައި ދިވެހި ސިފައިން ހޯދާފައިވާ ކުރިއެރުންތައްވެސް ފާހަގަކޮށްލަން ޖެހެއެވެ. ސިފައިން އަދާކުރަންޖެހޭ މަސްޢޫލިއްޔަތުތަކާއި ވާޖިބުތަކާއި ޒިންމާތައް އަދާކުރުމަށްޓަކައި ދިވެހި ދައުލަތުން އުފައްދާފައިވާ ގުޅިފައިވާ އަސްކަރީ ބާރުތައް ނިސްބަތްވަނީ ދިވެހި ސިފައިންނަށެވެ. ނުވަތަ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް ( އެމްއެންޑީއެފް ) އަށެވެ. ސިފައިންގެ މަޤުޞަދު ތަކުގެ ތެރޭގައި މައިގަނޑު ހަތަރުކަމެއް ފާހަގަ ކުރެވެއެވެ. އެއީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހި ދައުލަތް ޙިމާޔަތްކޮށް ރައްކާތެރިކޮށް ބެލެހެއްޓުމާއި، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިން، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ މިނިވަންކަމާއި އިސްތިޤުލާލް އަދި ސިޔާދަތު ޙިމާތްކޮށް ދިފާޢު ކުރުމާއި، ދިވެހިރާއްޖޭގެ ޤާނޫނީ ވެރިކަން ޙިމާޔަތްކުރުމާއި، ދިވެހި ދައުލަތަށް ދިމާވާ ކުއްލި ޙާލަތްތަކުގައި އަވަސް އަދި ކުއްލި އިންސާނީ ޚިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ކުރުމެވެ. މިކަންތައްތަކަކީ އެއް ޖުމުލައަކުން ދެންނެވުނު ނަމަވެސް ވަރަށް ބޮޑެތި އަދި ޚަރަދުބޮޑު ވާޖިބުތަކަކާއި މަސްޢޫލިއްޔަތުތަކެއް ކަމާމެދު އެއްވެސް ޝައްކެއްނެތެވެ. ޖިއޮގްރަފީ ގޮތުން ރާއްޖެ އޮތް ގޮތާއި ވަޞީލަތްތައް ހުރިގޮތުން ދުޝްމަނުންގެ ދުއްތުރާތަކާ ކުރިމަތި ލުމުގައި ކޮންމެފަދަ ދަތިތަކެއް ހުރިނަމަވެސް މާޒީގައިވެސް ސިފައިން ދައްކައިދީފައިވަނީ އެމީހުންގެ ހިތްވަރާއި އަޒުމަކީ ގުޑުމެއް އަރުވާލެވޭނެ އެއްޗެއް ނޫންކަމުގައެވެ.

23 ޑިސެމްބަރ 1909 ގައި ވެލާނާގޭ މުޙަންމަދު ދީދީ ރާއްޖޭގެ ވެރިކަން ހޯދުމަށް ޕާކިސްތާނުން ކުލީ ސިފައިންގެ ބަޔަކު ގެނައެވެ. މި މީހުންނާ ދެކޮޅަށް ކުރެވުނު ހަނގުރާމައަކީ ދިވެހި ސިފައިން އުފެދުމަށްފަހު ޤައުމުގެ މިނިވަންކާއި އިސްތިޤުލާލުގެ ދިފާާޢުގައި ކުރެވުނު ފުރަތަމަ ހަނގުރާމައެވެ. ރާއްޖޭގެ އުތުރުން ފެށިގެން މާލެ ހިފަން ހަތިޔާރާއެކު ބަޔަކު އަންނަކަން އެގުމުން ދައުލަތުން އެމީހުންނާ ދެކޮޅަށް ހަނގުރާމައިގެ ލަޝްކަރެއް އެކުލަވާލިއެވެ. އެލަޝްކަަރައިގެން ދުޝްމަނުންނާ ދެކޮޅަށް ނިކުންނެވީ ދިވެހި ސިފައިންގެ ފުރަތަމަ ކޮމާންޑަރ، މަޝްހޫރު މީރުބަހުރު އިސްމާއީލް ދީދީއެވެ. ނުވަތަ ކޮމާންޑަރ އިސްމާޢީލް ދީދީއެވެ. ފިސާރި ރޭވުންތެރިކަމާއި ހަނގުރާމައިގެ ޒަމާނީ އުކުޅުތައް ބޭނުން ކުރައްވާ ދުޝްމަނުންގެ މައްޗަށް ކާމިޔާބު ހޯއްދެވިއެވެ. އެހަނގުރާމައިގައިވެސް ދިވެހި ސިފައިން ނަޞްރާއި ފަތަޙަ ހޯދިއެވެ. ދުޝްމަނުންނާ ހަނގުރާމައަށް ނިކުން ހިތްވަރުގަދަ ކެރޭ ދިވެހިދަރިން އެދުވަހުވެސް ދުޝްމަނުންނާ ކުރިމަތިލީ ސާބިތުކަމާއެކު ނުގުޑާފަދަ އަޒުމެއްގައެވެ. ސިފަވަންތަ ގޮތެއްގައި މޭކުރިއަށް ނެރެލާފައި ބަނޑު ހިންދާލާފައި އިސް އުފުލާލައި، ކުރިއަށާއި ފަހަތަށް ބާރުބާރަށް އަތް ހޫރަމުންނެވެ. އިސްނަގާ ކުރިއަށް ދާނީ ސިފައިންނޭ އެދުވަހުވެސް ދިވެހި ސިފައިން ސާބިތުކޮށްދިނެވެ. ދިވެހިފަސްގަނޑާއި ދީނާއި ޤައުމަށްޓަކައި ރޫޙާނީބާރުން ޤައުމީ ޚިދުމަތުގައި ޖިހާދަށް އެދުވަހުވެސް ސިފައިން ކުރިމަތިލާފައިވަނީ ނަޞްރު ނުވަތަ ޝަހީދުވެ ދިއުމުގެ ވަރުގަދަ އަޒުމުގައެވެ. އޭރުވެސް މިހާރުވެސް ދިވެހި ސިފައިން ގެންދަނީ އެމީހުންނާ ޙަވާލުވެފައިވާ ޤައުމީ މަސްޢޫލިއްޔަތު ވަރަށް ފުރިހަމައަށް އަދާކުރަމުންނެވެ.

ދިވެހި ސިފައިންނާ ދިވެހިރައްޔިތުން މަތިކޮށްފައިވާ މަސްޢޫލިއްޔަތު ތަކާއެކު ދިވެހިރާއްޖޭގެ ދިފާޢީ ބާރަށް ހޭދަތަކެއް ދަނީ ކުރެވެމުންނެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ އާއި ދިވެހި ދައުލަތް ދިފާޢުކޮށް ހިމާޔަތްކުރުމުގެ އިސް ސަފުގައި ތިބެނީ ސިފައިންނެވެ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާއި ޤައުމީ މަސްލަހަތު ހިމާޔަތްކޮށް ރައްކާތެރި ކުރުމުގެ މަސްޢޫލިއްޔަތުވެސް ރައްޔިތުން ޙަވާލުކޮށްފައިވަނީ ސިފައިންނާއެވެ. އަޅުގަނޑުމެންނާ ހަމައަށް ކާބަފައިން ފޯރުކޮށްދީފައިވާ މިނިވަންކަން ދިފާޢުކޮށް ދެމެހެއްޓުމަކީ ސިފައިން އަދާކުރަމުންދާ ޤައުމީ ވާޖިބެވެ. ދިވެހިރާއްޖެއަކީ ފުރިހަމަ މިނިވަންކަން ލިބިގެންވާ އިސްލާމީ ދައުލަތެއްގެ ގޮތުގައި ދެމި އޮތުމަށް އޮތް ދިފާޢީ ބާރަކީ ދިވެހި ސިފައިންނެވެ. އިސްލާމްދީނާއި ރާއްޖެ ދިފާޢު ކުރުމުގައި ތެދުވެރިކަމާއި އަމާނާތްތެރިކަމާއި ދެމިތިބެގެން ދުޝްމަނުންނާއި ބަޣާވާތްތެރިންގެ ކިބައިން ދިވެހި ދައުލަތް ސަލާމަތްކުރުމުގައި ހަށިގަނޑާއި ފުރާނައިން ޤުރުބާންވާން ތިބުމަކީ ކުޑަ ކަމެއްނޫނެވެ. އެކަމުގެ އުޖޫރައަކީ ފައިސާއިން ދެވޭނެ އެއްޗެއް ނޫނެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައިވެސް އެ ޤައުމުގެ ރައްޔިތުން، އެ ޤައުމެއްގެ ދިފާޢީބާރަށް ފަޚުރުވެރިވަނީ މިދެންނެވި ޙަޤީޤަތުގެ މައްޗަށް ބުރެވެއެވެ. ސިފައިންގެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތައް އަދާކުރުމުގައި ކުރެވޭ ހޭދަތައް ބިނާވެފައިވަނީ ސިފައިންނާ ރައްޔިތުން ޙަވާލުކޮށްފައިވާ އެ މަސްޢޫލިއްޔަތު ތަކާއި ވާޖިބުތަކުގެ ބޮޑު ކުޑަކަމުގެ މައްޗަށެވެ. ދިވެހިރާއްޖޭގެ ސިޔާސީ ސަަރަޙައްދާއި ޚާއްޞަ އިޤުތިޞާދީ ސަރަޙައްދު ދިފާޢުކޮށް ރައްކާތެރިކޮށް ބެލެހެއްޓުމުގެ ވާޖިބު އަދާކުރުމަކީ ޖިއޮގްރަފީ ގޮތުން ބަލާއިރު ވަރަށް ބޮޑު ގޮންޖެހުމެކެވެ.

ރާއްޖެއަށް ދިމާވާ ޤުދުރަތީ ކާރިސާތަކާއި އަދި އެނޫންވެސް ނުރައްކާތެރި ބޮޑެތި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަައާއި މުދާ ސަލާމަތް ކުރުމުގައި އިސްވެ ޙަރަކާތްތެރިވަމުން ދަނީ ސިފައިންނެވެ. މިފަދަ ގިނަ ނުރައްކާތެރި ހާދިސާތައް ހިނގަނީ ކަނޑުމަތީގައި ، މޫސުމްވެސް ގޯސް ދުވަސްވަރަށް ވުމަކީ ކުރަންޖެހޭ ހޭދަ އިތުރުވެ، އުފުލަންޖެހޭ ބުރަ ބޮޑުވެގެންދާ ކަމެކެވެ. އަދި ރައްޔިތުންގެ މުދަލާއި ފުރާނަ ސަލާމަތް ކޮށްދިނުމުގައި ޙަރަކާތްތެރިވާ މީހުންނަށް މިފަދަ ވަގުތުތަކުގައި ވަރަށް ބޮޑެތި ނުރައްކާތަކާ ކުރިމަތިލާން ޖެހެއެވެ. ކަނޑުމަތީގައި ހިނގާ ނުކައްކާތެރި ހާދިސާތަކުގައި އެެމްއެންޑީއެފްގެ ކޯސްޓްގާރޑުގެ ޚިދުމަތްތެރި ސިފައިން އެތައް ޤުރުުބާނީއެއް ވަމުންދެއެވެ. ކަނޑުމަގުންނާއި ވައިގެމަގުން އަދި ޑައިވަރުން ބޭނުންކޮށްގެން ސިފައިންދޭ ޤައުމީ ޚިދުމަތް އަމިއްލަ ފުރާނައަށް ބެލުމެއްނެތި ޤައުމަށްޓަކައި ދަނީ ފޯރުކޮށްދެމުންނެވެ. ކޯސްޓްގަރޑްގެ ޚިދުމަތް އެންމެ ޒަމާނީ ވަސީލަތްތަކާއެކު އެއްދުވަހުން އަނެއްދުވަހަށް ތަރައްޤީވެ ރާއްޖޭގެ އެކި ކަންކޮޅުގައި ކޯސްޓްގާރޑުން ސްޓޭޝަންތައް މިއަދުދަނީ ޤާއިމު ކުރަމުންނެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާދިސާއެއް ހިނގުމުން ވީހާވެސް އަވަހަކަށް އެހީތެރިކަން ދިނުމަށާއި ރާއްޖޭގެ ސިޔާސީ އަދި ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު ބެލެހެއްޓުމަށްޓަކައި ބޮޑެތި އަރުތަތަކެއްވަނީ ޙާސިލުކޮށްފައެވެ. އަދި ދަނީ ހާސިލު ކުރަމުންވެސް މެއެވެ. ކަނޑުމަތީގައި ޙާލުގައިޖެހޭ މީހުން ހޯދައި ސަލާމަތްކުރުމާއި ކަނޑާއި އެއްގަމުގައި ދިމާވާ ނުރައްކާތެރި ހާދިސާތަކުގައި ރައްޔިތުންގެ ފުރާނަ އާއި މުދާ ސަލާމަތް ކުރުމުގައި އެއްވެސް ޖެހިލުމެއްނެތި އަމިއްލަ ފުރާނަ އަތްމައްޗަށް ލައިގެން ދިވެހި ސިފައިން ކުރާ ޚިދުމަތަށް ދިވެހިރައްޔިތުން ފަޚުރުވެރިވެއެވެ. މިއީ ސިފައިންގެ ޚިދުމަތަށް ބަލާއިރު އެންމެ ބޮޅެކެވެ. މިފަދަ އެތައް ބޮޅުތަކެއް ޤައުމީ ދިފާއީ ބާރާ ލޭމެހިފައިވެއެވެ.

އަލިފާން ނިއްވުމުގެ ޚިދުމަތްދީ އަލިފާނުގެ ހާދިސާތަކުގައި ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމުގައި ސިފައިން އަދާކުރަމުންދާ ދައުރަކީވެސް ކޮންމެހެންވެސް ފާހަަގަ ކޮށްލަންޖެހޭ މުހިންމު ޤައުމީ ވާޖިބެކެވެ. އެމްެއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސާރވިސްގެ ސިފައިންނަކީ އަލިފާނުގެ ހާދިސާތަކުން ރައްޔިތުންނާއި މުދާ ސަލާމަތް ކުރުމަށް އަތުކުރި އޮޅާލައިގެން ތިބޭ ހިތްވަރުގަދަ ބައެކެވެ. އަލިފާން ރޯވުމުން އެއަލިފާން ނިއްވުމަށް ނިކުތުމުގެ ބަދަލުގައި ރައްޔިތުން އަލިފާނާމެދު ހޭލުންތެރިކުރުވައި، ދުރާލާ ރައްކާތެރިވެ ތިބުމަށް ފިޔަވަޅު އެޅުމުގައި ސިފައިން ކުރަމުންދާ މަސައްކަތްތަކާއި އެކަމުގެ އެދެވޭ ނަތީޖާ ފާހަގަކުރަންޖެހެއެވެ. އަލިފާން ނިއްވުމުގެ ޚިދުމަތާއި ރައްޔިތުން އަލިފާނާމެދު ހޭލުންތެރި ކުރުން މުޅި ރާއްޖެއަށް ދުރުމި އެޅިގެން ފުޅާކުރެވެމުންދާ ދިއުމަކީ އެކަމުގެ މަންފާ ރައްޔިތުންނަށް ކުރާ ކަމެކެވެ. ރައްޔިތުންނަށް ސިފައިންދޭ އަގުހުރި ޚިދުމަތްތައް ސިފައިން ދެމުންދަނީ ހަރުދަނާ ރޭވުންތެރިކަމެއްގެ ތެރެއިން ހުރިހާ ސިފައިންގެ އެއްބާރުލުމާއި އެހީތެރިކަން އޮވެގެންނެވެ. ސިފައިންގެ ކޮންމެ މީހަކީ ޤައުމީ ދިފާޢީ އައްޑަނައެކެވެ. އިދާރީގޮތުން ޔުނިޓްތަކަކަށް ބެހިފައިވިޔަސް ހުރިހާ ސިފައިންގެވެސް އަޒުމަކީ އެއް އަޒުމެކެވެ. ދުނިޔޭގެ އެހެންގިނަ ޤައުމުތަކާ ޚިލާފަށް ދިވެހި ސިފައިން ފެންނަނީ ރައްޔިތުންނަށް ތަފާތު ގިނަ އަގުހުރި ޚިދުމަތްތަކެއް ދެމުން ޤައުމީ ދިފާޢީ އައްޑަނަ ތަކެއްގެ ގޮތުގައި ޙަރަކާތްތެރިވަމުން ދާތީއެވެ.

ސިފައިންގެ ޚިދުމަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ ކަނޑާއި ވައިގެ ބަނދަރުތަކުގެ ސަލާމަތްތެރިކަމާއި ރައްކާތެރިކަން ބެލެހެއްޓުންވެސް ހިމެނެއެވެެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތްކުރުމާބެހޭ ސިޔާސަތުތައް އެކަށައަޅައި ސަރުކާރަށް ލަފާދީ އަމަލީގޮތުން މަސައްކަތްކުރަނީވެސް ސިފައިންނެވެ. ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ދިފާޢުކޮށް ޙިމާޔަތް ކުރުމަަށާއި އަދި ޤައުމީ ސަލާމަތަށް ނުރައްކަލެއް ނުވަތަ އުނިކަމެއް އަތުވެދާނެ ކަންކަމާބެހޭ މަޢުލޫމާތު ހޯދައި އެއްކޮށް ދިރާސާކޮށް އެކަންކަމާބެހޭ ގޮތުން ޤާނޫނުގައިވާ ގޮތުގެމަތިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަނީވެސް ސިފައިންނެވެ. ދިވެހިރާއްޖޭގެ ޢިއްޒަތާއި ކަރާމާތް އަދި ދިވެހި ދައުލަތުގެ ޝާނާއި ޝައުކަތު ދައްކުވައި ދިނުމަށްޓަކައި ބައިނަލްއަޤުވާމީ ނުވަތަ ޤައުމީ ނުވަތަ ރަސްމީ އިޙްތިފާލްތަކުގައި ސިފަވަންތަ ހެވިކަމުގެ ޙަރަކާތްތަކާއި އަސްކަރީ ޙަރަކާތްތައް ތަމްސީލުކުރަނީވެސް ސިފައިންނެވެ. ސިފައިންގެ ވާޖިބުތަކާއި މަސްޢޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާނެ އާލާތްތަކާއި ވަސީލަތްތައް ހޯދައި އެތަކެތީގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ކުރެވޭނެ ގޮތަކަށް ރައްކާކުރުމަކީވެސް ސިފައިން ކުރަންޖެހޭ ކަމެކެވެ. ސިފައިންގެ ޚިދުމަތް އޭގެ އެންމެ އެކަށީގެންވާ ގޮތުގައި އެންމެ އެކަށީގެންވާ ފެންވަރުގައި ދެމެހެއްޓުމަށް ބޭނުންވާ ދިރާސާ ކުރުމާއި، އެދިރާސާ ތަކުގެ އަލީގައި ކުރިމަގަށް ރާވާ އަމާޒުކޮށް ޚިދުމަތް ރާވައިގެން ދަނީ ފަރުމާ ކުރަމުންނެވެ. ސިފައިންނަކީ ޢިލުމާއިހުނަރު ލިބިފައިވާ ކެރޭ ހުޝިޔާރު ޤާބިލު ބަޔަކަށް ހެދުމާއި އަދި މަސްޢޫލިއްޔަތު އަދާކުރުމުގައި ފަސްނުޖެހި ޤައުމަށްޓަކައި ޤުރުބާންވާން އަބަދުވެސް ތައްޔާރަށްތިބޭ ތެދުވެރި ވަފާތެރި ބަޔަކަށް ހެދުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރަނީ ސިފައިންނަށް ދެވޭ ތަޢުލީމާއި ތަމްރީނެވެ. ޑިފެންސް އިންސްޓިޓިއުޓް ފޮރ ޓްރޭނިންގ އެންޑް އެޑިޔުކޭޝަަނަކީ ސިފަވަންތަ ޤާބިލު ހުނަރުވެރި ޒިންމާދާރު ސިފައިން އުފައްދާ ސިފަވަންތަކަން ދެމެހެއްޓުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރާ ސިފައިންގެ މަރުކަޒެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އާއި ދިވެހިރާއްޖޭގެ ޤާނޫނުތަކުގައި ބަޔާންކޮަށްފައިވާ ފަދައިން ދިވެހިރާއްޖޭގެ ދިފާޢީ އަދި ސަލާމަތާބެހޭ ކަންތައްތަކުގެ ތެރެއިން ސިފައިންނާ ޙަވާލުވެވޭ ކޮންމެ ކަމެއް އަދާކުރުމުގައި އެއްވެސް ފަސްޖެހުމެއް ނެތި ކުރިމަތިލަމުން ދަނީ ސިފައިންނަށް ދެވޭ ތަމްރީނުތަކުގެ ސަބަބުންނެވެ.

ދިވެހިރައްޔިތުންގެ ޖިސްމާ ފުރާނައަކީ ދިވެހި ސިފައިންގެ ކުރިމަތީގައި ވަރަށް އަގުބޮޑު އެއްޗެއްކަން ސިފައިންގެ ޚިދުމަތުން ސާބިތުކޮށްދެއެވެ. ސިފައިންގެ ޖިސްމާއި ފުރާނަައަށް ނުރައްކާވިޔަސް އެމީހުންނަށްޓަކައި ޤުރުބާންވުމަށް ދިވެހި ސިފައިން ތިބީ ތައްޔާރަށެވެ. ދީނާއި ޤައުމަށްޓަކައި ޖިހާދުކުރުމުގެ އެންމެ ކުރީ ސަފުގައި ސިފައިން ތިބީ ހަރުދަނާ ކޯޑްއޮފް އެތިކްސް އެއް ޤަބޫލުކޮށްގެންނެވެ. ޤައުމީ ބަޠަލުން ދައްކަވާފައިވާ އިބުރަތްތެރި ފިލާވަޅުތަކުން ދިވެހި ސިފައިންދަނީ ފިލާވަޅު ލިބިގަންނަމުންނެވެ. ހިންމަތާއި ހިތްވަރާއި ކާމިޔާބު ހޯދުމުގެ ޖޯޝް ސިފައިންގެ ނާރުތަކުގައި ދައުރުކުރެއެވެ. ދިވެހި ފަސްގަނޑާއި ދީނަށްޓަކައި ޤުރުބާންވުމަށް އަބަދުވެސް ސިފައިން ތިބެނީ ނުގުޑާ ފަދަ އަޒުމެއްގައެވެ. ޤައުމީ ޚިދުމަތް އެއްގަމާއި ކަނޑާއި ވައިގެ ޚިދުމަތުން ފުރާލަދިނުމަށް ދިވެހި ސިފައިން ތިބީ އަތުކުރި އޮޅާލައިގެންނެވެ. މިލޮބުވެތި ވަޠަނަކީ އަމިއްލަ ވެރިކަމެއްކުރާ، ފުރިހަމަ މިނިވަން ޤައުމެއްގެ ގޮތުގައި ކުރިއަށްއޮތް ޖީލުތަކަށް ވާޞިލުކޮށް ދިނުމަށާއި ދިވެހިރާއްޖެއަކީ އިސްލާމީ މިނިވަން ދައުލަތެއްގެ ގޮތުގައި ދެމިއޮތުމަށް ރާއްޖޭގެ ދިފާޢީބާރުން ކުރަމުންދާ ޖިހާދަށް އަބަދުވެސް ކާމިޔާބާއި ނަޞްރު ދެއްވާށިއެވެ.