Wednesday, June 28, 2023

މޮޓަރުބޯޓު ގަޑުބަޑު

 

ޢަބްދުﷲ ސަޢީދު

މޮޓަރުބޯޓު ގަޑުބަޑަކީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ އެކުލަވާލެވުނު ޤާނޫނު އަސާސީ ވީދާލައި ޤާނޫނު އަސާސީގެ ބާރު ކަނޑުވާލި ގަޑުބަޑެވެ. ޤާނޫނު އަސާސީ އެކުލަވާލިތާ އެއް އަހަރު ދުވަސް ވެސް ނުވަނީސް ގެނައި ވަރުގަދަ އިންޤިލާބެކެވެ.

މޮޓަަރު ބޯޓު ކިޔަނީ ރާއްޖެއަށް އެންމެ ފުރަތަމަ ގެނެވުނު އިންޖީނުއެޅި ބޯޓަށެވެ. އެ ބޯޓުގެ ނަމަކީ ފަތުޙުއްސަލާމެވެ. މޮޓަރުބޯޓަކީ ރާއްޖޭގެ ފުރަތަމަ ގާނޫނު އަސާސީއާ ގުޅިގެން ހިނގި ގަޑުބަޑުގައި ސިލޯނަށް ވަޑައިގެންނެވި ބޭފުޅުން ވަޑައިގެންނެވި ބޯޓެވެ.

އަލިފާންވެރިންނާއި ކޯރާޑިއާ އޮތީ ކޮން ގުޅުމެއް؟

 




ޢަބްދުﷲ ސަޢީދު

ސިފައިންގެ 131 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ވަރަށް ފުރިހަމަ ހުށަހެޅުމެއް ހުށަހެޅިއެވެ. އެ ހުށަހެޅުން ބަލަންއިން އާންމުންގެ މީހަކު ސުވާލުކުރާތީ އަޑުއިވުނެވެ. "ފަޔަރ ފައިޓަރުންނާއި ކޯރާޑިއާ ހުރީ ކޮން ގުޅުމެއްހެއްޔެވެ؟"

އަލިފާން ނިއްވާމީހުން ނުވަތަ އަލިފާންވެރިން (އަލިފާންވެރިން މިއީ ފަޔަރ ފައިޓަރުންނަށް އަޅުގަނޑު ބޭނުންކުރާ ލަފުޒެކެވެ.) ބޭނުންކުރާ  ކޯރާޑިއަކީ އެ މީހުންދޭ އިންސާނީ މަތިވެރި ޚިދުމަތްތަކަށް ވަރަށް މުހިންމު ހަތިޔާރެކެވެ. އިމަޖެންސީ ހާލަތްތަކުގައި ޒަމާނުއްސުރެ ބޭނުންކުރަމުން އަންނަ އެންމެ މުހިންމު އެއް ހަތިޔާރެވެ. އަލިފާންވެރިންގެ ގިނި ކޯރާޑި (ފަޔަރ އެކްސް) އަކީ އަލިފާންވެރިންގެ ރަމުޒެކެވެ. 

ހދ. އަތޮޅު ފަރިހިން އެ ޒަމާން

 

ޢަބްދުﷲ ސަޢީދު 

 

ފަރިއްސަކީ ޅެން ހަދާން ފެށުމުގެ ކުރީން ހަދައިއުޅުނު ދިވެހި ވަޒަންބަހުރުވައިގެ ބާވަތެކެވެ. ފަރިހީގެ ތެރޭގައި ސަމާސާ ފަރިއްސާއި މަލާމާތުގެ ފަރިއްސާއި ދަތުރުނާމާ ފަރިއްސާއި ނަސޭހަތުގެ ފަރިއްސާއި ހާލަތު ބަޔާންކޮށްދޭ ފަރިއްސާއި ލޯބީގެ ފަރިއްސާއި ހާދިސާތައް ނުވަތަ ވާހަކަ ކިޔައިދޭ ފަރިއްސާއި މަޢުލޫމާތު އޮޅުންފިލުވައިދޭ ފަރިހި ހުރެއެވެ. ހދ. އަތޮޅު ފަރިއްސަކީ އެ އަތޮޅުގެ ރަށްރަށަށް ލިބިފައިވާ ބައެއް ޚާއްޞަ ސިފަތަކާއި މަލާމާތުގެ ގޮތުން ނިސްބަތްކޮށް އުޅޭ ބައެއް ކަންކަން ހިމަނައިގެން އެ އަތޮޅުގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގެ ނަންތައް ތަރުތީބުން ކިޔައިދީފައިވާ ޒަމާންވީ ފަރިއްސެކެވެ.

ހދ. އަތޮޅުގައި ޖުމްލަ 34 ރަށް އޮވެއެވެ. އޭގެތެރެއިން މިހަރު މީހުން ދިރިއުޅެނީ 13 ރަށުގައެވެ. މި 13 ރަށަކީ: ހަނިމާދޫ، ފިނޭ، ނައިވާދޫ، ހިރިމަރަދޫ، ނޮޅިވަރަންފަރު، ނެއްލައިދޫ، ނޮޅިވަރަން، ކުރިނބީ، ކުޅުދުއްފުށި، ކުމުންދޫ، ނޭކުރެންދޫ، ވައިކަރަދޫ، މަކުނުދޫ އެވެ. ފަރިހީގައި މި 13 ރަށުގެ އިތުރުން އޮތީ ދާދި ފަހަކާ ޖެހެންދެން ވެސް މީހުން ދިރިއުޅުނު ފަރިދޫ، މާވައިދޫ، ކުބުރުދޫގެ ނަމެވެ. މި ތިން ރަށުން މީހުން ސުނާމީއަށްފަހު ވަނީ ނޮޅިވަރަންފަރަށް ބަދަލުވެފައެވެ.

މާދެލި ފަޅުވި ހާދިސާ

 

 

ހުޅުދެލީގައި ހުރި މާދެލީ މިސްކިތް (ފަހުން ދޮރޯށި މިސްކިތް)


ޢަބްދުﷲ ސަޢީދު

 

ނިލަންދެއަތޮޅު ދެކުނުބުރި (ދ. އަތޮޅު) މާދެއްޔަކީ ކުރިން މީހުން ދިރިއުޅުނު ރަށެކެވެ. ބުނެވޭ ގޮތުގައި އެ ރަށުގެ މީހުން ބަދަލުވީ އެ އަތޮޅު ހުޅުދެއްޔަށެވެ. މި ވާހަކައަށް ބާރުދޭ ތާރީޚީ ހެކިތައް އެ ދެ ރަށުން ވެސް ފެންނަން ހުއްޓެވެ. މާދެލީގައި ހުރި މިސްކިތްތަކާއި ގޭގޭގެ ތަރާގަނޑުތަކާއި ވަޅުފަދަ ތަންތަނުގެ ގާފޮޅުތަކާއި ކަށްފާތަކަކީ މީގެ ހެއްކެކެވެ. ހުޅުދެލީގައި ދާދި ފަހަކާ ޖެހެންދެން ހުރި މާދެލީ މިސްކިތް ނުވަތަ ދޮރޯށި މިސްކިތަކީ ވެސް މި ވާހަކައިގެ ހެއްކެކެވެ. ހުޅުދެލީގައި ހުރި މާދެލީ މިސްކިތަކީ މާދެލީ މީހުން ހުޅުދެއްޔަށް ބަދަލުވުމަށްފަހު އެ މީހުން ނަމާދުކުރުމަށް ބިނާކުރި ހިރިގަލުގެ މިސްކިތެކެވެ. ފަހުން މި މިސްކިތަށް ކިޔެމުން އައީ ދޮރޯށި މިސްކިތެކެވެ. އެގޮތަށް ނަން ކިޔުނީ ހުޅުދެލީގައި އޭރު މާދެލި މިސްކިތް ފިޔަވައި ދޮރުއަށި ހުންނަ މިސްކިތެއް ނުހުންނާތީއެވެ. 

Wednesday, June 21, 2023

ނަމޫނާ އަސްކަރީ އިސްޚިދުމަތްތެރިންގެ މަތިވެރި މެޑެލި

 




ޢަބްދުﷲ ސަޢީދު

131 ވަނަ ސިފައިންގެ ދުވަހުގެ ޚާއްޞަ ރަސްމިއްޔާތުގައި "ނަމޫނާ އަސްކަރީ އިސްޚިދުމަތްތެރިންގެ މަތިވެރި މެޑެލި" ހާސިލުކުރެއްވި ދިވެހި އަސްކަރިއްޔާގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވައި ވަރަށް އަގުހުރި ޚިދުމަތްތަކެއް ކުރައްވާފައިވާ، ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިޔާ (ނ.ޢ.ޢ.ވ) ލެފްޓިނަންޓް ޖެނެރަލް (ރިޓަޑަރޑް) އަންބަރީ ޢަބްދުއްސައްތާރު، ނިޝާން ޢަސްކަރީގެ ވެރިޔާ (ނ.ޢ.ވ) މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މުޙައްމަދު ޒާހިރު، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) މޫސާ ޢަލީ ޖަލީލް، މޭޖަރ ޖެނެރަލް (ރިޓަޔަރޑް) އަޙްމަދު ޝިޔާމަށް  ތަހުނިޔާ ދަންނަވަމެވެ. މި މެޑެލި ދެއްވި ތާރީޚަކީ 21 އެޕްރީލް 2023 އެވެ. ނަމަވެސް މެޑެލި ދެއްވި ރަސްމިއްޔާތު ބޭއްވުނީ 21 ޖޫން 2023 ގައެވެ. 

Friday, June 16, 2023

ހުޅުދެލީ ރަޝާދުބޭގެ ތިލަފިހިން ބިނާކުރި ކާމިޔާބު ދިރިއުޅުން





ޢަބްދުﷲ ސަޢީދު

 

ތިލަފިހި

ތިލަފިއްސަކީ އަތްކަން ނުވަތަ ތިލޭރުކަން ކުރާ އާލަތްތައް އަޅާ ފޮށްޓަށް ކިޔާ ނަމެކެވެ. ތިލަފިހިގެއަކީ އަތްކަންކުރާގެއެވެ. ނުވަތަ އަތްކަންކުރަން ތިބޭ ތަނެވެ.  ތިލަފިހި އެޅުމަކީ ރަންރިހީގެ މަސައްކަތް ކުރުމަށް އެ ކަމާބެހޭ ސާމާނު އަތުރައިގެން ވަކި ތަނެއްގައި ތިބުމެވެ. ނިލަންދެ އަތޮޅު ދެކުނު ބުރި (ދ. އަތޮޅު) ހުޅުދެލީގެ ތާރީޚާ ތިލަފިއްސާ ވަނީ ގުޅިފައެވެ. ހުޅުދެލީ މީހުން އަތްކަން ނުކުރާ ޒަމާނެއް ތާރީޚުން ފެންނާކަށް ނެތެވެ. ހުޅުދެއްޔަކީ ރަންރިއްސާއި އެންދެރިން ގަހަނާ ހެދުމަށް ރާއްޖޭގެ އެންމެ މަޝްހޫރު އެއް ރަށެވެ. އެރަށުގެ ޒަމާނީ އާދައަކީ ހެނދުނު އިރުއަރައިގެން އަންނައިރު ތިލަފިހި އެޅުމެވެ. ފަތިސްނަމާދުން ފައިބައިގެން އަތްކަންކުރުމުގެ މަސައްކަތަށް ނުކުތުމެވެ. ތިލޭރުކަން ނުވަތަ އަތްކަންކުރުމަށް ހުޅުދެލީ މީހުން އާންމުކޮށް ކިޔަނީ އަތްތެރިމަސައްކަތެވެ. ދިވެހި ބަހުގައި އެއީ އަމިއްލަ ހުނަރުވެރިކަން ބޭނުންކޮށްގެން ކުރާ ކަވި މަސައްކަތެވެ. އޭގެ ތެރޭގައި އަތްކަންކުރުން ވެސް ހިމެނެއެވެ.

 

Thursday, June 1, 2023

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ - 2

 



ޢަބްދުﷲ ސަޢީދު

މިހާލުކޮޅުގައި ކަތީބު ކަލޭފާނު އުޅުއްވިއިރު ވެސް ނަމާދަށް ޖަމާޢަތަށް ވަޑައިގަންނަވައެވެ. އެއްދުވަހަކު މެންދުރު ނަމާދަށް މިސްކިތަށް ވަޑައިގެންނެވުމަށް ގެއިން ނުކުންނަވާފައި ހިތްޕުޅަށް އަރާވަޑައިގަތެވެ. މިއަދު މެންދުރު ނަމާދަށް ވަޑައިގަންނަވާނީ ކުޑަ މިސްކިތަށެވެ. އެ މިސްކިތާ ވަރަށް ކައިރިއަށް ވަޑައިގެންނެވިތަނުން  ގެއެއްގެ ގިފިލިތެރެއިން މީހަކު ހަނޑޫ ދޮންނަ އަޑުއިވިވަޑައިގެންފިއެވެ. އެ އަޑު ޖެހުމާއެކު ހީވީ ކަތީބު ކަލޭފާނުގެ ދެފައި ބިމުގައި ހައްޔަރު ވީ ހެންނެވެ. ދެކޮޅުންކުރެ ކޮޅަކަށް ގުޑައެއް ނުލެވުނެވެ. ހަނޑޫ ދޮންނަމުން ދިޔައިރު ތެލީގައި  އުޅާބައި ކޭއްތޭ އަޑު އިވިވަޑައިގަތުމާއެކު ކަތީބު ކަލޭފާނަށް ކުރި އަސަރު ބޮޑީއެވެ. ކަތީބު ކަލޭފާނުގެ ދަރިފުޅު ދޮންއައިސަ މަތިން މާބޮޑަށް ހަނދާންވީއެވެ. 

ފިނޭ ފަގީރުކޮއި ނުވަތަ ލަންކާ ކަލޭފާނު ވާހަކަ -1

 

ހދ. ފިނޭގައި ހުރި ފިނޭ ފަގީރުކޮއިގެ ޒިޔާރަތް


ޢަބްދުﷲ ސަޢީދު

ފިނޭ ފަގީރު ކޮއި ނުވަތަ ލަންކާ ކަލޭފާނާ ބެހޭގޮތުން ކިޔާ އުޅެނީ އެއީ ހދ. ފިނޭއަށް އުރުނު ކަސަބުލަންކާގެ ނަވަކުން  ވަޑައިގެންނެވި ވަލީވެރި ބޭކަލެއްކަމަށެވެ.  ކަސަބުލަންކާއަކީ ދިވެހިރާއްޖެ އިސްލާމް ކުރެއްވި ކަމަށްބުނެވޭ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީ ނިސްބަތްވެ ވަޑައިގަންނަވާ މަޣުރިބުކަރަ (މޮރޮކޯ) ގެ އައްސޭރިފަށުގައި އޮންނަ ބޮޑު ސިޓީއެކެވެ.

ލަންކާ ކަލޭފާނު ނުވަތަ ފިނޭ ފަގީރުކޮޔަކީ ކަނޑުމަތީގައި ކަޅުހިލަދައިގައި ދަތުރުކުރައްވައި، މަގުމަތީގައި ހެދިފައި ހުންނަ ވާރޭފެންކޯރުން ކަޅުބިލަ މަސްބޭނުންފަދަ އާދަޔާ ޚިލާފު،  ކަރާމާތްތެރި އެތައް ކަމެއް ކުރެއްވި ވަލީވެރި ބޭކަލެއް ކަމަށް ބުނެވެއެވެ.