Thursday, July 7, 2016

ދުނިޔެ ތަރައްޤީއެއް ނުވެއެވެ.

 


ޢަބްދުﷲ ސަޢީދު

 

އަޅުގަނޑުމެން ހީކޮށްގެން މިތިބީ ދުނިޔެ މި އޮތީ ތަރައްޤީވެފައި ކަމަށެވެ. އެހެން ޤައުމުތައް ކޮންމެ ހާލެއްގައި އޮތަސް ޔޫރަޕާއި އެމެރިކާ އޮތީ ތަރައްޤީގެ އުސްމިންތަކަށް ވާސިލުވެފައިކަމަށެވެ. އެކަމަކު މި ފެންނަކީ ހާދަ ހިތްދަތި މަންޒަރެކެވެ.

 

އިންސާނާ ހަނދަށް ހިގައްޖެއެވެ. އަދި އެހެން ބައެއް ޕްލެނެޓްތަކަށް އުޅަނދުތައް ފޮނުވައިފިއެވެ. ބާރު އިސްޕީޑުގެ އުޅަނދުތަކުން ދަތުރު ފަތުރު ފަހިކޮށްފިއެވެ. ގުނަވަން ބަދަލުކޮށް، ޖިންސް ވެސް ބަދަލުކުރަނީއެވެ. އިންސާނުން ކްލޯންކުރުމާ ހަމައަށް ސައިންސާއި ޞިއްޙީ ކުރިއެރުން ހޯދައިފިއެވެ. އުސް ޢިމާރާތްތަކާއި އައު ސަހަރުތައް ބިނާކޮށް ދާލަންތައް އަޅައި ރަށްވެހިކަން ހޯދައިފިއެވެ. މި ޒަމާނަކީ އާޓިފިޝަލް އިންޓެލިޖެންސްގެ ޒަމާނެވެ. ދުނިޔެ ދުވަހަކު ވެސް ނުދެކޭފަދަ ކުރިއެރުމާއި ތަރައްޤީ އަޅުގަނޑުމެން މިތިބީ ހޯދައިގެންނެވެ. އުފަލާއި މަޖަލުގެ ތެރެއަށް މިތިބީ ޣަރަޤުވެފައެވެ. އެއްވެސް ކަމެއްގައި އިމެއްނެތެވެ. ހޯދިފައިވާ ކުރިއެރުމާ ތަރައްޤީއަށް މިތިބީ ފަޚުރުވެރިވެ ބޮޑާވެގެންނެވެ.