Tuesday, July 11, 2023

ދީނަށް ފުރައްސާރަ ކުރާ މީހުންގެ ވީޑިއޯ

 


 

ޢަބްދުﷲ ސަޢީދު

 

ދޭތެރެދޭތެރެއިން ދީނަށް ފުރައްސާރަކުރާ ކޮންމެ ވެސް މީހެއްގެ ވީޑިއޯއެއް މީސް މީޑިއާގައި ދައުރުވާތީ ފެންނާނެއެވެ. އެ މީހުން މީސް މީޑިއާއަށް ދޫކޮށްލާ ވީޑިއޯތައް އަނެއް ބަޔަކު އެބަ ޝެއަރ ކުރެއެވެ. ރުޅި އައިސްގެން ވެސް، ހިތްހަމަ ނުޖެހިގެން ވެސް އަޅުގަނޑު ހިތުން މިއީ ކުރަން ރަނގަޅުކަމެއް ނޫނެވެ.

 

ދީނަށް ފުރައްސާރަކުރާ ފަރާތްތަކުން މީސް މީޑިއާއަށް ދޫކުރާ ވީޑިއޯތަކާއި ފޮޓޯތަކާއި ލިޔެކިޔުންތައް މީސް މީޑިއާއަށް އަޅަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާށެވެ. އެ ފިކުރުތައް ކުރިއަރުވާށެވެ. އެހެން މީހުން ރުޅިއަރުވަން ކަމަށް ވެސް ވެދާނެއެވެ. ނޫނީ އެއީ ބަޔަކު ރުއްސަންކުރާ ކަމަކަށް ވެސް ވެދާނެއެވެ. މި ނޫން ސަބަބެއް އޮތަސް އެ ތަކެތި ޝެއަރ ކުރުމުން އެ ކުރެވޭ ކަމަކީ ރަނގަޅު ކަމަކަށް ނުވެއެވެ. އަމިއްލަ ޝުޢޫރަކާއެކު ކުރިޔަސް އެކަމުން ބޮޑަށް ކުރެވޭތީ ފެންނަނީ އެފަދަ ފަރާތްތަކަށް ވާގިވެރި ވުމެވެ. ކަވަރޭޖު ފުޅާކޮށް ދެވެނީއެވެ. އެހެން އެތައް ބަޔަކަށް އޭނާގެ އަޑާއި މަންޒަރު ފޯރުކޮށް ދެވުމެވެ. މިއީ ވިސްނާލަން ޖެހޭ ކަމެކެވެ.

 

ދެން އޮތީ އެފަދަ ތަކެއްޗަށް މީސް މީޑިއާގައި ކޮމެންޓްކޮށް ޚިޔާލު ފާޅުކުރުމެވެ. ބައެއް ބޭފުޅުން ވަރަށް އިޚްލާޞްތެރި ކަމާއެކު ހެޔޮ ނަސޭހަތް ދެއްވާތީ ފެނެއެވެ. އަނެއްބައި ބޭފުޅުން ފެންނަނީ ރުޅިވެރިކަން އިންތިހާއަށް ގޮސްފައިވާ ތަނެވެ. ދެން ފެންނަނީ ޖަދަލުކުރުމާއި ޒުވާބުކުރުމެވެ. މިއީ ވީޑިއޯ އުފައްދައި މީސް މީޑިއާއަށް ލަމުންދާ ފަރާތްތަކުން ބޭނުންވާގޮތެވެ. އެއަށްފަހު އެ މީހެއްގެ ނަމާއެކު އިތުބާރުކުރެވޭ ކޮންމެ ވެސް ނޫހެއްގައި އެ ވާހަކަ ޚަބަރެއްގެ ގޮތުގައި ޖަހާލާ ދުވަސް އެއީ އެ މީހުން އެ ވީޑިއޯއެއް ޕަބްލިޝްކުރި މައިގަނޑުަ މަގުސަދު ހާސިލުވާ ދުވަހެވެ. ދެން ނެރޭނީ އެހެން ވީޑިއޯއެކެވެ.

 

އަޅަމެންނަށް ތެދުމަގަށް މަގު ދައްކަވާށިއެވެ. އެ މަގުގައި އަޅަމެންގެ ހިތްތައް ސާބިތުކޮށް ދެއްވާށިއެވެ. މަގު ގެއްލިފައިވާ އަޅުތަކުންގެ ތެރޭގައި އަޅަމެން ނުލައްވާށިއެވެ. އެ ފަރާތްތަކަށް ވެސް ތެދުމަގު ދައްކަވާށިއެވެ.

No comments: