Monday, June 1, 2020

ނާވިލު: ޝަރުމީލާ



ޢަބްދުﷲ ސަޢީދު 


އެންމެން ދައްކަނީ ޝަރުމީލާގެ ވާހަކައެވެ. ހޮޅުއަށިތަކާއި އުނދޯލިގެތަކާއި ކާގެތަކުގައެވެ. ހޮޓާތަކާއި ރެސްޓޯރެންޓް ތަކުގައެވެ. ދެ މީހަކު ބައްދަލުވިޔަސް ދައްކަނީ އެ ވާހަކައެވެ. މީސް މީޑީއާގައި ވެސް އެ ބާރަށް ފެތުރެނީ ވާހަކައެވެ. ހޫނު ޒުވާބުތަކާއި ބަހުސްތަކެވެ. ޝަރުމީލާ ކުއްލިއަކަށް ކަޅުހެދުންލީއެވެ. މޫނު ބުރުގާ ވެސް އެޅީއެވެ. އެކަމަކު ކުރިން ޝަރުމީލާ އުޅުގޮތުން ބައެއް މީހުންނަށް އެކަން ގަބޫލުކުރަން ދަތިވަނީއެވެ. އަނެއް ބަޔަކަށް ހަޖަމު ނުވަނީއެވެ. ބަލައިގަންނަން ބޭނުން ނުވަނީއެވެ. އެއީ ޝަރުމީލާ އޭނާގެ ޙަޔާތުގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ދެކޭ ބަޔަކު ވެސް ތިއްބެވެ.



ޝަރުމީލާއަކީ ކުރީގައި މީސް މީޑިއާގެ ހުރިހާ މަންސަ ތަކެއްގައި ވެސް މަޝްހޫރު ނަމެކެވެ. އެއް ސަބަބަކީ އޭނާގެ ރީތިކަމެވެ. ޙަޤީޤަތުގައި ވެސް އެއީ ރީތީގެ ރާނީއެކެވެ. ހެދިހުރި ތެދު ހަށިގަނޑަކާއި ހަމަ އިސްކޮޅެކެވެ. އިސްކޮޅާ ރޫފަ ގުޅިފައި ރީތި ދިވެހި ދޮންކުލައެކެވެ.  އިންސްޓަގްރާމަށް ބަރާބަރަށް ފޮޓޯ އަޅާ ޒުވާނެކެވެ. ބައެއް ފަހަރު ގަޔަށް ބާރު ކުރު ޓޮޕްކޮޅުތަކާއެކު ގައެވެ. އަނެއްބައި ފަހަރު ކަރުވަޅާއި އަތްވަޅު ބޮޑެތި ހެދުންތަކާއެކުގައެވެ.  އެކި ކުލަކުލައިގެ ތުނިތުނި ނިދާ ހެދުންތައް ކަހަލަ ހެދުން ތަކާއެކުގައި ވެސް މެއެވެ. ބޮލުގެ އިސްތަށިގަނޑުގައި އެކި ދުވަހު ޖައްސާފައި ހުންނަނީ އެކި ކުލައެވެ. ހަދާފައި ހުންނަނީ އެކި ސްޓައިލަށެވެ.  ބައެއް އިރަށް ބޮލުގެ އިސްތަށިގަނޑު ފެންނަނީ ކުރުކޮށެވެ. އަނެއް ބައި އިރަށް ދިގުކޮށެވެ. ބައެއް ފަހަރު ފެންނައިރު ހުންނަނީ ބުޅި ކޮށެވެ. އަނެއްބައިފަހަރު ފަންކޮށެވެ. ތުންފަތުގައި ވެސް ތަފާތު އެކިއެކި ކުލަތަކެވެ. ހެދުމާ ގުޅޭ ގޮތަށެވެ. ބައެއްފަހަރު ވަރަށް ކުލަގަދަކޮށެވެ. އަނެއްބައިފަހަރު ކުލަ ފަނޑުކޮށެވެ. ހިމަހިމަ ކޮށް ކުރަހާފައިވާ ހިތި ފަތު ބުމަ އެކެވެ. ބައެއް ފަހަރަށް ތަންކޮޅެއް ބޮޑަށް ހުންނަނީ މޭކަޕްކޮށް ފައެވެ. އަނެއްބައި ފަހަރަށް ވަރަށް ރީތި ސާދާ މޭކަޕެކެވެ. މޭމައްޗާއި ކަނދުރާމަތި ހާމައަށް އޮތުމަކީ އޭނާއަށް މައްސަލައެއް ނޫނެވެ. ލާ ހެދުންތައް ބާރުކަމުން ގައިގެ ވަނާތައް ފާޅުވިޔަސް އެ ގޮތް އޭނާއަށް މާރީއްޗެވެ.  ފޭސްބުކާއި ޓްވިޓާގައި ވެސް ޝަރުމީލާ ފަހަތުން ދުވާ އެތައްހާސް ބަޔަކު އުޅެއެވެ. ޝަރުމީލާގެ ޓިކްޓޮކްތަކަށް ތަރުހީބު އޮހެނީއެވެ. ލަވަތަކާއި ފިލްމުތައް ކުޅުވަން ޕްރޮޑިއުސަރުން އާދޭސް ކުރަނީއެވެ. އިސްތިހާރެއްގައި ޝަރުމީލާ ހިމަނައިނުލައި އެއްވެސް އުފެއްދުމެއް އިސްތިހާރު ކުރާކަށް ވިޔަފާރިވެރިން ބޭނުންނުވާ ކަހަލައެވެ. ފެޝަން ޝޯވތަކަށް ލިބޭ ދައުވަތުތައް ގިނައެވެ. ރާއްޖޭގެ ގިނަ ބަޔަކަށް ޝަރުމީލާ އެގެނީ މިގޮތުންނެވެ. އެހެން އުޅެމުން އައި ޒަމާނީ އަންހެން ކުއްޖަކު ކުއްލިއަކަށް މޫނު ބުރުގާ އެޅީމާ މީހުން ހައިރާން ވާނެއެވެ. އެ ވާހަކަ ދައްކާނެއެވެ. ގިނަ ސުވާލުތަކެއް އުފެދޭނެއެވެ.  

އެކަން އެންމެ ރަނގަޅަށް ގަބޫލުކުރަނީ ޚުދު ޝަރުމީލާއެވެ. މިކަމާ ޖެހޭނީ ހިތްވަރާއެކު ކުރިމަތިލާށެވެ.  ދުވަސް ކޮޅަކުން މިހާރު މި އަރައިގެންއުޅޭ ފޯރިގަނޑު ކެނޑިދާނެއެވެ. ޝަރުމީލާގެ ހިތް ބުނަނީ އެހެންނެވެ. އެކަމަކު އެކަން ގަބޫލުނުކުރަނީ އޭނާ ދެލޮކެވެ. އެ ދެ ލޮލުން ފައިބާ ކަރުނަތައް މޫނު މަތިން ވައްޓާލައިފައިވާ ކަޅު ފޮތިކޮޅު ފޯކުރަނީއެވެ. އަމިއްލަ ނަފުސާ ވެސް ސުވާލު ކުރަނީއެވެ. ތަފާތު ޝައްކާއި ވަހުމް އުފައްދަނީއެވެ. މިކަމާބެހޭ ގޮތުން މީޑީއާގެ އެކިއެކި މަންސަތަކުގައި މީހުން ފާޅުކުރަމުންދާ ޝުޢޫރުތައް ބެލެނީއެވެ. އެ ވާހަކަތައް ކިޔަން މަޖުބޫރު ކުރަނީއެވެ. 

މި ހިސާބަށް މި ދަތުރުގައި އައި މޯހިރަށް ސިކުނޑި ގެންދަނީއެވެ. ހަޔާތުގެ ގަޑުތައް ފަހަތަށް އުކެނީއެވެ.   ފާއިޒަކީ ފޭސްބުކުން ޝަރުމީލާއަށް ރަޙުމަތްތެރިކަމަށް ދައުވަތު ފޮނުވައި، އެ ދައުވަތު ޤަބޫލު ނުކޮށްގެން ވަކިން މެސެންޖާއިން މެސެޖުކުރި ފުރަތަމަ މީހާއެއް ނޫނެވެ. އެތައް ސަތޭކަ ބަޔަކު އެގޮތަށް މަސައްކަތްކުރެއެވެ. އެކަމަކު ފާއިޒު ތަފާތެވެ. އޭނާގެ މެސެޖު ލިޔެފައިއޮތީ ދިވެހިންނެވެ. ތާނަ އަކުރުންނެވެ. ވަރަށް ސާދާ ކުރު ދެތިން ޖުމުލައިންނެވެ. އެކަމަކު އެ މެސެޖު ކިޔާލުމަށްފަހު ޝަރުމީލާގެ ރަޙުމަތްތެރިންގެ ލިސްޓަށް ފާއިޒު އިތުރުކޮށްލަން އޭނާގެ ހިތް މަޖުބޫރުކުރުވީއެވެ. ޝަރުމީލާގެ ފޭނެއްގެ ގޮތުގައި ކޮށްފައިވާ އެކިއެކި ތަޢުރީފުތައް އޭނާގެ ހިތުގައި ފިރުމާލީ ލޯބިންނެވެ. ނޫނީ ރަޙުމަތްތެރިކަން ޤަބޫލުކޮށްދިނުމަށް އެދި ފޮނުވި މެސެޖު، މާދަރީ ބަހުން ލިޔެފައި އޮތީމާ ކުރި އިޙްސާސްތައް ފުނީއެވެ. އޭގެ އަސަރު މާފުނަށް ފޯރީއެވެ. "ޝަރޫގެ ހިތް އަހަރެންނަށް ފެނެއެވެ. އެއީ އެހާ ހަރު ހިތެއް ނޫނެވެ. އެއީ ވަރަށް ރީތި ސާފު ހިތެކެވެ. އެ ހިތުގައި ވަނީ ލޯތްބާއި އޯގާތެރިކަމާއި ޙަމްދަރުދީއެވެ. އެ ހިތް ބުނެއެވެ. ފާޒަކީ ޝަރޫގެ ފޭނެކެވެ. އެކަން ގަބޫލުނުކުރަން ޝަރޫޢަށް އޮތީ ކޮން ބަހަނާއެއް ހެއްޔެވެ؟"

ފާއިޒުގެ ނަމާއެކު ބޭނުންކޮށްފައިވާ އޭނާގެ ވަނަމަކީ "ފާޒު" އެވެ. ޝަރުމީލާ "ޝަރޫ" ބޭނުން ކުރާގޮތަށެވެ. ޝަރުމީލާ ފާޒުގެ ފޭސްބުކް އެކައުންޓް ހާލާވިއެވެ. އެއީ ކޮން ކަހަލަ މީހެއްތޯ ބަލައިލާ ހިތްވިއެވެ. ފާޒުގެ ސާފު ފޮޓޯއެއް ނެތެވެ. ޕްރޮފައިލްގައި އިނީ އޮއްސެމުންދިޔަ އިރަކަށް ބަލައިގެން އިންދާ ފުރަގަހުން ނަގާފައިވާ ފޮޓޯއެކެވެ. އެއީ އިރު އަރަމުންދާ މަންޒަރަކަށް ވެސް ވެދާނެއެވެ. އެކަމަކު ގަދަ އޮރެންޖު ކުލައިގެ އިރު އޮއްސެމުން ދިޔަކަން ޔަގީންވަނީ ވިލިމާލޭގެ މަލަ އެ ފޮޓޯއިން ފެންނާތީއެވެ. އެ ފޮޓޯގެ އިތުރުން ދެން ހުރީ މުޅިން ވެސް ގުދުރަތީ ރީތި މަންޒަރުތަކެވެ. ނޫނެކެވެ. އެހުރިހާ ފޮޓޯއަކަށް ވުރެވެސް ގިނައީ ޝަރުމީލާގެ ފޮޓޯއެވެ. ހަމައެކަނި ފޮޓޯއެއް ނޫނެވެ. ކޮންމެ ފޮޓޯއަކާއެކު ވަރަށް ރީތި ކެޕްޝަނެއް ލިޔެފައި އޮތެވެ. ދެން ހުރީ ލޯބީގެ ރީތި ފަށުވި ޢިބާރާތްތަކާއި ޅެންތަކާއި ނާނާތަކެވެ. ޝަރުމީލާގެ ހިތް އެތަކެއްޗަށް ގަންބާލީ ބޭ އިޚްތިޔާރުގައެވެ. ޙަޤީޤީ ފޭނެއް ޝަރުމީލާގެ ހުރިކަން އެ ދުވަހު އޭނާއަށް އިޙްސާސް ކުރެވުނެވެ.

މިހާރު ފާއިޒަކީ ޝަރުމީލާގެ އެންމެ ގާތް އެކުވެރިޔާއެވެ. އެއީ އެންމެ އިތުބާރުކުރެވޭ ފޭނެވެ. ކޮންމެ ވަގުތަކުވެސް ވާހަކަ ދައްކާލެވޭނެ އެކުވެރިއެކެވެ. ޝަރުމީލާއަށް ފާއިޒު އެންމެ ކަމުދަނީ ހުރިހާ ކަމެއްގައި ވެސް އެހެން މީހުންނާ ތަފާތުވީމައެވެ. ޝަރުމީލާއަށް އިޙްތިރާމު ކުރާތީއެވެ. އުނދަގޫކޮށް ނަހަދަތީއެވެ. މިގޮތަށް ރައްޓެހިވާ އެހެން މީހުން އުޅެނީ އަވަސްއަވަހަށް ފޯނު ނަންބަރު ހޯދާށެވެ. ތަންތަނަށް ކާށާއި ކޮފީއަށް އެކުގައި ދާށެވެ. ޝަރުމީލާއާ އޮންނަ ގާތްކަން އެހެން މީހުންނަށް އަންގާށެވެ. އެހެން މީހުންނަށް އެކަން ދައްކާށެވެ. މި ހުރިހާ ކަމެއްގައި ވެސް ފާއިޒު ތަފާތެވެ. ފާއިޒާއި ޝަރުމީލާ މުޅިން ވެސް ވާހަކަ ދައްކަނީ މެސެންޖާ އިންނެވެ. ދުވަހަކު ވެސް ބައްދަލުކުރާކަށް އޭނާ ނޭދެއެވެ. ބަރާބަރަށް ޝަރުމީލާގެ ހުރިހާ އިވެންޓެއް ކަވަރު ކުރެއެވެ. ޝަރުމީލާގެ އޮފިޝަލް ފޭސްބުކް ޕޭޖާއި އިންސްޓަގްރާމާއި ޓްވިޓް އެކައުންޓް ބަލަހައްޓަނީ ވެސް ފާއިޒެވެ. އެ މަސައްކަތް އޭނާ ކޮށްދެނީ ހިލޭ ސާބަހަށެވެ. އެ މަސައްކަތާ ފާއިޒު ހަވާލުވުމާއެކު ޝަރުމީލާގެ ފްލޯވަރުން އިންތިހާއަށް އިތުރުވެގެންދިޔައެވެ. މަޝްހޫރުކަމާއި މަޤްބޫލުކަން އިންތިހާއަށް ބޮޑުވެގެން ދިޔައެވެ. ޓީވީތަކުގެ އެކިއެކި ޕްރޮގްރާމްތަކުން ފުރުސަތުތައް އޮހެންފެށިއެވެ. މިހާރު ފޭނަކަށްވުރެ ބޮޑަށް ފާއިޒުކޮށްދޭ މަސައްކަތްތަކުން ހީވަނީ އެއީ ޝަރުމީލާގެ މެނޭޖަރު ހެންނެވެ.

ދުވަސްތައް ފާއިތުވަމުން ދިޔަވަރަކަށް ޝަރުމީލާއާއި ފާއިޒުގެ އޮންނަ ގާތްކަމާއި އިތުބާރު ދިޔައީ ބޮޑުވަމުންނެވެ. ދެ މީހުންގެ ދެމެދުގައި ދެކެވޭ ވާހަކަތައް އައީ ތިލަވަމުންނެވެ. އެންމެ ފަހުން ފާއިޒާ ބައްދަލުކޮށްލުމުގެ ޝައުޤުވެރިކަން އިސްވެ ޝަރުމީލާ ފާޅުކުރިއެވެ. އެކަމަކު ފާއިޒު އެކަމަކަށް މާބޮޑު ސަމާލުކަމެއް ނުދެއެވެ. ނަމަވެސް ނޫނެކޭ ނުބުނެއެވެ. އެކަމަކު ބައްދަލެއް ނުކުރެއެވެ. އެ ވާހަކަ ދައްކަން ހީވަނީ ބޭނުން ނުވާހެންނެވެ. ޝަރުމީލާގެ ޝަކުވާއަކީ އެންމެ ކުޑަ މިނުން ފާއިޒު ހުންނަގޮތެއް ވެސް ނޭނގުމެވެ. އިސްކޮޅުން ދިގު ހެއްޔެވެ؟ އުމުރަކީ ކޮބައިހެއްޔެވެ؟ ކުރަނީ ކޮން ކަމެއް ހެއްޔެވެ؟ އުޅެނީ ކޮންތާކު ހެއްޔެވެ؟

"ދިގު ދިގެއް ނުވާނެ. ކުރު ކުރެއް ނުވާނެ. ފަލަފަލައެއް ނުވާނެ. ހިކި ހިއްކެއް ނުވާނެ. ދޮންދޮނެއް ނުވާނެ. ކަޅުކަޅެއް ނުވާނެ" މިއީ ފާއިޒުގެ ބުރުސޫރައާ ބެހޭގޮތުން ސުވާލުކުރާ ކޮންމެ ފަހަރަކު އޭނާ ދޭ ޖަވާބެވެ. މި ޖުމުލަ ޝަރުމީލާއަށް އިވިއިވި މިހާރު ހިތުދަހެވެ. މައްސަލައަކީ ފޮޓޯގަނޑެއް ވެސް ނެތްކަމެވެ. ފޯނު ވާހަކަ ވެސް ދައްކާ ނުލެވޭކަމެވެ. އެހެންވެ ފާއިޒުގެ އަޑެއް ވެސް އޭނގެއެވެ.  މިކަންކަން މިހެން އޮތަސް އެހެން އެއްވެސް މީހަކަށް އިތުބާރު ނުކުރެވޭ ވަރަށް ފާއިޒަށް ޝަރުމީލާ އިތުބާރު ކުރެވެއެވެ. ދުވަހަކު ވެސް ދޮގު ނަހަދާތީއެވެ. އޮޅުވާނުލާތީއެވެ. ނާޖާއިޒު ފައިދާ ނަގަން ނޫޅޭތީއެވެ. ދައްކާ ވާހަކަ ދިމާވާތީއެވެ. އަމިއްލަ އެއްވެސް އެދުމެއް ނެތީތީއެވެ. ޝަރުމީލާ އެކިއެކި ޙަފުލާތަކުގައި އުޅޭއިރު ފާއިޒަށް ފެންނަ ކަމަށް ބުނެއެވެ. އަކުރެއް ފިއްޔެއް އޮޅުވާނުލައި ޝަރުމީލާ ކަންތައްތައް ކުރި ގޮތްތަކުގެ ހުރިހާ ވާހަކައެއް އޭނާއަށް ފަހުން ކިޔައިދޭ ފަހަރު އާދެއެވެ. އެއީ އެތަންތަނަށް ފާއިޒު ނުގޮސް ކިޔައިދެވޭނެ ވާހަކަތަކެއް ނޫންކަން ޝަރުމީލާއަށް އެނގެއެވެ. އެކަމަކު ފާއިޒު ފެނިފައި ނެތިއްޔާ އެންމެ ކުޑަމިނުން އަޑު ވެސް ނޭނގެއްޏާ ބައްދަލުވިޔަސް އެނގޭނީ ކިހިނެއް ހެއްޔެވެ؟ މިހެން މިކަންކަން ހުއްޓަސް އެއީ މާ އާދައިގެ މީހެއް ނޫންކަން ޝަރުމީލާއަށް ޔަގީންކުރެވެ. ވަރަށް އާދޭސްކޮށްފައި ގުޅާލަދިނުމަށް އެތައް ފަހަރަކު ފޯނު ނަންބަރު ވެސް ދީފިއެވެ. އެކަމަކު ނުގުޅައެވެ. ފާއިޒާ ބައްދަލުކުރާ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ފަށާނީ އެއަށްވުރެ ޝައުޤުވެރި އެހެން ވާހަކައެކެވެ. ދެން ބުނަނީ އޭނާއަށް ޝަރުމީލާގެ ފޯނު ނަންބަރު އެނގޭކަމަށެވެ. ފޯނުން ވާހަކަ ދައްކަންވީމާ ދައްކާނެ ކަމަށެވެ. ބައްދަލުކުރަންވީމާ ބައްދަލުވާނެ ކަމަށެވެ. ބައްދަލު ނުވިޔަސް ފޯނުން ނުގުޅިޔަސް ޝަރުމީލާގެ ފޭނެއްގެ ގޮތުގައި ދެމި ހުންނާނެ ކަމަށެވެ. ބައެއް ފަހަރު ފާއިޒު ކަންތައްކުރަނީ ރަނގަޅަށޭ ވެސް ޝަރުމީލާ ހިތަށް އަރައެވެ. އަންހެނަކާއި ފިރިހެނަކު ބައްދަލުކޮށް މާގިނައިން ވާހަކަދައްކާ ހަދާތަން ފެންނަނަމަ އެކަން މި ރާއްޖޭގައި ކުޑަ ކަމަކަށް ނުވާނެއެވެ. އަދި ޝަރުމީލާގެ ފޭނެއްގެ ގޮތުގައި ފާއިޒު ޕޭޖު ހަދައިގެން އުޅޭތީ އެކަމަށް މީހުން ކޮށްފައިވާ މަލާމާތާއި ފުރައްސާރަ ކިޔާލިޔަސް ސަހަރޯއޭ ހީވާނެއެވެ.

"ތިޔަ ވާހަކަތައް ބަހައްޓަބަލަ. އެބައޮތޭ ސަޅި ވާހަކައެއް. ރަނުގެ ފުރުސަތެއް އިނގޭ" ފާއިޒު ލިޔުނެވެ.

"ކޮން ވާހަކައެއް" ޝަރުމީލާ ލިޔުނެވެ،

"ވޯގް އެރެބިއާ އެޑިޝަންގެ އަންނަ ޖަނަވަރީ މަހުގެ އަދަދުގެ ކަވަރުގައި ޝަރޫ ޖެހެން އެބައޮތް. ސަޅިއެއް ނޫންތަ؟" ފާއިޒު ލިޔުނެވެ. ޝަރުމީލާ އުފަލުން ފޮޅުނެވެ. "ޔެސް. ޔެސް" ޖަހާލުމަށްފަހު ފޮނުވާލީ ރަތްކުލައިގެ ބޮޑު ހިތެކެވެ. ވޯގް އެރެބިއާ އަކީ އެމެރިކާގެ މަޝްހޫރު ފެޝަން އަދި ލައިފްސްޓައިލް މަޖައްލާއެއް ކަމަށްވާ ވޯގުން ޔޫއޭއީގައި ނެރޭ އެ މަޖައްލާގެ މެދުއިރުމައްޗަށް ޚާއްޞަ އެޑިޝަނެވެ. ބައިނަލް އަޤްވާމީ މަޖައްލާއެއްގެ ކަވަރުގައި ފޮޓޯއެއް ހިމެނުމަކީ ޝަރުމީލާއަށް މޮޑެލް ކުރުމުގެ ދާއިރާއިން އަދި ނުދެވި އޮތް ހިސާބެކެވެ. ރާއްޖޭގައި އެ ޝަރަފު އެންމެ ފުރަތަމަ ހޯދީ މޮޑެލް ރައުދާ ޢާތިފެވެ.

"ފޮޓޯ ނަގާނީ ބޭރުގެ ފޮޓޯގްރާފަރެއް. ރިސޯޓެއްގައި ޝޫޓު ކުރާނީ. ހަފުތާއެއްހާ ދުވަސް ކުރިން ތާވަލު ފޮނުވާލާނަން ހުރިހާ އެރޭންޖްމަންޓަކާ އެކު" ފާއިޒު ލިޔުނެވެ.

"އޯކޭ. ތެންކިޔު ފާޒު" ޝަރުމީލާއަށް އުފަލުން ނަށައިގަނެވުނެވެ. ފާއިޒު ކަމެއް އެރޭންޖު ކޮށްފިއްޔާ ހުރިހާ ކަމެއް ވެސް ދާނީ ބަރާބަރަށެވެ. އެކަމުގައި އެއްވެސް މައްސަލައެއް ދިމައެއް ނުވާނެއެވެ. ގަޑިން ގަޑިއަށް ހުރިހާކަމެއް ހަމަޖެހޭނެއެވެ. ފާއިޒު އެތަންތަނަށް ނުދިޔަޔަސް އިންތިޒާމުތައް ބަރާބަރުވާނެއެވެ.

އަވިގަދަ  ދުވަހެކެވެ. ގަދަ ނޫކުލައިގެ ކަނޑު އޮތީ އެއްކޮށް ހިމޭން ވެފައެވެ. ހީވަނީ ތެޔޮ އަޅާފައި އޮތް ހެންނެވެ. އުޑުމަތި ސާފެވެ. ޖެހެމުން ދިޔަ ވައިރޯޅި މަޑެވެ. އެކަމަކު ފެންކަފަމުން ބާރު ސްޕީޑްގައި ލޯންޗު ދުއްވާފައިދާއިރު ޝަރުމީލާގެ ފަން އިސްތަށިގަނޑާ ޖެހޭ ވައިރޯޅި ސަމާސާ ކުރަނީއެވެ. އެހެންވެ އިރުއިރުކޮޅުން އިސްތަށިތައް މޫނުމަތިން އެއްފަރާތްކޮށްލަން ޖެހެއެވެ. ފޯނާ ކުޅެން އިނދެފައި ބޯ ހިއްލާލިއިރު ރިސޯޓުގެ ފަޅުތެރެއަށް ލޯންޗު ވަންނަނީއެވެ. ކުރުބާ މޯލްޑިވްސްގެ ޖެޓީއާ ލޯންޗު ކައިރިކޮށްލުމުން ޝަރުމީލާ ތެދުވިއެވެ. ނިއްކުރި މައްޗަށް ހިއްލާފައިވާ ލޯބޮޑު އަވިއައިނު ލޮލަށް ހެޔޮވަރުކޮށްލިއެވެ. އޭނާއަށް ބަލާލެވުނީ ޖެޓީމަތީގައި ތިބި މީހުންނަށެވެ. އެ މީހުން ބަލަން ތިބީ ޝަރުމީލާގެ ހަރަކާތްތަކެވެ. އެއީ ވޯގް މަޖައްލާގެ ޓީމާއި އެ މީހުންގެ އެޖެންޓުންނެވެ. ދެން ތިބީ ރިސޯޓުގެ މުވައްޒަފުންނެވެ. ޖެޓީމައްޗަށް ފޭބިތަކުން އެ ޓީމުން ވަރަށް ހޫނު މަރުޙަބާއެއް ކިޔެވެ. އެ މީހުން އުޅުނު ހިތްހެޔޮ ގޮތުން ޝަރުމީލާ ކުޑަކޮށް ލަދުވެސް ގަތެވެ. ކޮންމެ މީހަކު ވެސް ސަލާންކޮށް، ކުޑަކޮށް ބައްދާލައި ހެދިއެވެ. އެއީ ޢަރަބިން ވީމާ އެއީ އެ މީހުންގެ އާދަކާދައެއް ކަމަށް ޝަރުމީލާ ނިންމިއެވެ. އެކި މީހުން ވަކިވަކިން ތަޢާރަފުކޮށްދިނެވެ. ވޯގް ޓީމުގައި އިސްކޮށް ހުރީ އަންހެނެކެވެ. އެއީ ޝަރުމީލާއަށް ލިބުނު ހާސްކަން ކުޑަކޮށްދިން ކަމެކެވެ.

"ފާޒު....." ޝަރުމީލާ ދިޔައީ ކުއްލިއަކަށް ސިއްސައިގެންނެވެ.

"ޖެނެރަލް މެނޭޖަރ، ކުރުބާ މޯލްޑިވްސް" ދެން ވެސް ވާހަކަ ދެއްކީ އެ ޒުވާނާއެވެ. އޭނާ ޝަރުމީލާއާ ސަލާންކޮށްލާފައި ތަޢާރަފުވެލީއެވެ.

"ފާޒު" ޝަރުމީލާއަށް ވައިއަޑުން ބުނެލެވުނެވެ. އެކަމަކު ބޭއިޚްތިޔާރުގައެވެ. ޝަރުމީލާގެ މޫނު މައްޗަށް ވެރިވި ހައިރާންކަން ފިލުވާލަން އޭނާ މަސައްކަތްކުރިއެވެ. ތުންފަތް މައްޗަށް ގެނެވުނީ ރަނި ހިނިތުންވުމެކެވެ. ވާހަކައެއް ނުދެއްކުނެވެ. އަޑު ބެދުނީމެވެ. ހުއްޓުން އަރާފައި ހުރެފައި ހިނގައިގަތްތަނުން އެޅި ފިޔަވަޅާއެކު އުރުއްޓާލީއެވެ. ފުންނާބު އުސް ހައިހީލިއާއެކު ނުވެއްޓުނީ ކިރިޔާއެވެ. ފާޒު ވަރަށް ހުޝިޔާރެވެ. ޝަރުމީލާގެ ދެކޮޅުގައި އޭނާ ނުހިފެހެއްޓިނަމަ ވެއްޓުނީހެވެ. އެވަގުތުން އެންމެނަށް ވެސް އެކި އަޑުން އެކިވަރަށް ހަޅޭ ލަވައިގަނެވުނެވެ. އެންމެ ބާރަށް ހަޅޭއްލަވައި ގަނެވުނީ ޝަރުމީލާއަށެވެ.

"ތެންކްސް" ޝަރުމީލާ ޝުކުރު އަދާކުރިއެވެ.  އަދި ވަރަށް މަސައްކަތުން ހަމަޖެހިލިއެވެ. ވޯގް ޓީމާއެކު ހިނގައިގަތީ ރިސެޕްޝަނާ ދިމާއަށެވެ. ރިސެޕްޝަނުގައި މަޑުކުރީ ޝަރުމީލާއާއެކު ވޯގް ޓީމުގައި އިސްކޮށް އުޅޭ އަންހެން މީހާއެވެ. މައިގަނޑު ގޮތެއްގައި ދެއްކީ ޝަރުމީލާގެ މޮޑެލިން ކެރިއަރުގެ ވާހަކައެވެ. ކުއްލިއަކަށް އެ އަންހެން މީހާއަށް ފޯނެއް އަތުވެއްޖެއެވެ. ފޯނުން ވާހަކަ ދައްކަން އޭނާ ޖެހިލީ ތަންކޮޅެއް ދުރަށެވެ. ލިބުނު ފުރުސަތުގެ ބޭނުން ހިފާ އަވަސް އަވަހަށް ޝަރުމީލާ ފޯނު ނަގައި ފާއިޒަށް ހައި ޖަހާލިއެވެ. އޭނާ ބޭނުންވީ ޝައްކުތައް ޔަގީންކޮށްލާށެވެ. އޭރު ކުރިމަތީގައި ތިބި މީހުންނާ ވާހަކަ ދައްކަން މެނޭޖަރު ހުއްޓެވެ. އެއްފައިމައްޗަށް އަނެއްފައި ލައިގެން ރަނގަޅަށް ގޮޑީގައި ޝަރުމީލާ ހަމަޖެހިލިއެވެ. އަދި ކައިރީގައި ހުރި ފިނި ޖޫސް ތަށިން ފަހަރަކު އެތި ފޮދެއް ބޮމުން ދިޔައެވެ. އެކަމަކު އޭނާގެ ނަޒަރު ހުރީ ކުރިމަތިން ފެންނަން ހުރި މެނޭޖަރަށެވެ. ދިގު ދިގެއް ނޫނެވެ. ކުރު ކުރެއް ވެސް ނޫނެވެ. ރީތި ހަމަ އިސްކޮޅެކެވެ. ފަލަފަލައެއް ނޫނެވެ. ހިކިހިއްކެއް ވެސް ނޫނެވެ. ވަރަށް ހެޔޮވަރުގެ ހަށިގަނޑެކެވެ. ދޮންދޮނެއް ނޫނެވެ. ކަޅުކަޅެއް ވެސް ނޫނެވެ. ވަރަށް ސުމާޓެވެ. ޝަރުމީލާގެ ހިތް ތެޅެމުން ދިޔައެވެ. ހީވީ އެ ހިތް އޭނާ ދޫކޮށް ދާން އުޅޭ ހެންނެވެ. އިރުއިރުކޮޅުން ފޯނަށް ބަލާލައެވެ. ފާއިޒު ޖަވާބެއް ނުދެއެވެ. އެއްފަހަރު ފޯނަށް އަނެއް ފަހަރު މެނޭޖަރަށް ބަލަން އިންދާ މެނޭޖަރުގެ ޖީބުން އޭނާގެ ފޯނު ނެގިއެވެ. ފޯނުގައި ކޮންމެވެސް އެއްޗެއް ލިޔަންފެށިއެވެ. ވަގުތުން ޝަރުމީލާ ފޯނު ބަލާލިއެވެ. ފާޒު ލިޔާކަން އޭނާއަށް އެނގުނެވެ.
"ކޮބާ! ހުރިހާ ކަމެއް ވެސް ބަރާބަރު ދޯ!" ފާއިޒު ލިޔުނެވެ.

"ވަރަށް ބަރާބަރު. ވަރަށް ބަރާބަރު. ހުރިހާ ކަމެއް އެނގިއްޖެ.... ހެހެހެހެ" ޝަރުމީލާ ހިނިގަނޑަކުން ނިންމާލިއެވެ. އޭނާ ހިތަށް އެރިއެވެ. މިއީ އެވަގުތެއް ނޫނެވެ. ވަގުތު ޖެހުނީމާ އެ ވާހަކަ ދައްކާނީއެވެ. ފާއިޒު ނޫނެއްކަމަކު އޭނާއަށް ވެސް ކެތްކުރެވޭނެއެވެ. ޝަރުމީލާގެ ހިތުގައި ކުރެހިފައިވާ ފާއިޒުގެ ތަސްވީރާ ޙަޤީޤަތާ ހާދަ ވައްތަރެވެ.

ފޮޓޯޝޫޓުގެ ކަންތައްތައް ދިޔައީ ވަރަށް ރަނގަޅަށެވެ. ހަވީރުގެ ހިތްގައިމު ވަގުތު އަތިރިމަތީގެ ސާފު ހުދު ވެލިގަނޑު މަތީގައި އެތައް ފޮޓޯއެއް ނެގިއެވެ. ގިނަ ވަގުތު ހޭދަވީ މޭކަޕް ކުރުމަށެވެ. އެއަށްފަހު ރާޅު ފެންފަށުގައާއި މޫދުގައި ވެސް ފޮޓޯނެގިއެވެ. ވޯގް މަޖައްލާއިން ކަވަރުގައި ޖަހާށާއި ފީޗާކުރަން ބޭނުންވެގެން އެދުނު ވަރަކަށް ފޮޓޯ ނަގަން ޝަރުމީލާ ފުރުސަތު ދިނެވެ. އެއީ މާކުރިއްސުރެ އެއްބަސްވެފައި އޮތް އޮތެވެ. އެކަމަކަށް ކަނޑައެޅިފައިވާ އަގުގެ ހުރިހާ ކަމެއް ވެސް ވަނީ ނިމިފައެވެ.

ރިސޯޓުން ފުރައިގެން ދާކަށް ޝަރުމީލާ ބޭނުމެއް ނޫނެވެ. ބޭނުންވަނީ މިރޭ ރިސޯޓުގައި ރޭކޮށްލާށެވެ. އެހެންނަމަވެސް އެހެން ހެދޭކަށް ނެތެވެ. މިރޭ މީ ވަރަށް މުހިންމު ރެއެކެވެ. ރާއްޖޭގެ އެންމެ މަޝްހޫރު އެއް ވިޔަފާރީގެ ނަސީބު ވެރިއަކު ހޮވާ ރެއެވެ. އެއީ ދިހަ ލައްކަ ރުފިޔާގެ އަގުހުރި އިނާމު ލިބޭނެ ގުރުއަތެކެވެ. ރިސޯޓުގައި މަޑުކުރަން ކިތަންމެ ބޭނުން ވިޔަސް ޝަރުމީލާ ހިގައިގަތީ ލޯންޗަށް އަރާށެވެ. އެއީ ކުރިއްސުރެ ދަތުރު ޕްލޭން ކުރެވިފައިވާގޮތެވެ. އޭނާ ފުރުވަން ވޯގް ޓީމުގެ މީހުންނާއި ރިސޯޓުގެ ބައެއް މުވައްޒަފުން ނިކުމެ ތިއްބެވެ. އެކަމަކު އޭނާއަށް އެގޮތަކަށް ވެސް ފާޒެއް ނުފެނުނެވެ. އޭގެ ކުޑަ އިރުކޮޅެއް ކުރިން ވެސް މެސެންޖާއިން ވާހަކަ ދެއްކިއެވެ. އެންމެންނާ ސަލާންކޮށް ޝުކުރު އަދާކުރަމުން ގޮސް ލޯންޗަށް އަރާ އިށީނެއެވެ. އަދި ފޯނާ ކުޅެންފެށިއެވެ.

"ޑެޑީ. ލަވްޔޫ ޑެޑީ..." ލޯންޗަށް އެރި ކުޑަ ކުއްޖެއްގެ އަޑަށް ޝަރުމީލާ ބަލާލިއެވެ. އޭރު ފާލަންމަތީގައި ފާޒު ހުއްޓެވެ. އެ ކުއްޖާއަށް ހަނާއަޅަނީއެވެ. ކުޑަ ކުއްޖާއާއި އޭނާގެ މަންމަ ލޯންޗަށް އަރައިގެން އައިސް އިށީންދެއްޖެއެވެ. ޝަރުމީލާއަށް ބަލާލެވުނީ މެނޭޖަރުގެ މޫނަށެވެ. އެވަގުތު ޝަރުމީލާއަށް ވެސް އޭނާ އަތުން އިޝާރާތްކޮށްލިއެވެ. ޝަރުމީލާއަށް އަތް ހިއްލާލެވުނީ ވަރަށް ހިތްވަރުންނެވެ. އެކަމަކު ހޫރާލާހާ ހިތްވަރެއް ނުލިބުނެވެ. ލޯންޗު ނައްޓާލައިފިއެވެ. ޝަރުމީލާއަށް ބެލެނީ އެ ކުޑަ ކުއްޖާއަށާއި އެ ކުއްޖާގެ މަންމައަށެވެ. އުމުރުން ހައެއްކަ އަހަރުގެ ލޯބި ލޯބި ފިރިހެން ކުއްޖެކެވެ. ހީވަނީ ފާޒު ހެންނެވެ. އެކަމަކު އެ ކުއްޖާގެ ގައިގައި ހުރީ އޭނާގެ މަންމަގެ ޔޫރަޕުގެ ދޮންކުލައެވެ.

"އަހަރެންނަށް ތިޔަވަރުގެ ބޮޑު އޮޅުވާލުމެއް އޮޅުވާލީތީ މީގެ ފަހުން އެއްވެސް ގުޅުމެއް ބާއްވާކަށް ބޭނުމެއްނޫން" ޝަރުމީލާ ގާތަށް އައި ރުޅި ކޮންޓްރޯލެއް ނުކުރެވުނެވެ.

"ކީއްވެ ދޮގުހެދީ. ކީއްވެ މީހަކާ ނީއްނަމޭ ބުނީ. ކީއްވެ އަހަރެން ވާވެއްދީ. ދުވަހަކު ވެސް މާފެއް ނުކުރާނަން" ޝަރުމީލާ ދިޔައީ ރުޅި އައިސްގެން އިނދެގެން ހިތަށް އެރިހާ އެއްޗެއް ލިޔަމުންނެވެ.

"އަހަރެންނަށް ފާޒު ފެނިއްޖެ. އަހަރެން ފާޒުއާމެދު ވަރަށް ފޮނި އުންމީދެއް ކުރިން. ވަރަށް ބޮޑަށް ލޯބިވިން. ވަރަށް ބޮޑަށް ލޯބިވިން" ޝަރުމީލާ ލިޔުނެވެ. ރިސޯޓަށް ފޭބިތަނުން ފާޒު އޭނާއަށް ފެނުނެވެ. އެ ވަގުތު ވަރަށް ފޮނި އުންމީދުގެ ބޮޑު އުސް ގަނޑުވަރެއް އޭނާގެ ހިތުގައި ވަގުތުން އޭނާ ބިނާކޮށް ނިންމާލިއެވެ. އެކަމަކު ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ބޮޑު ގަނޑުވަރު ވީރާނާވެ ބިމާ ހަމަވެއްޖެއެވެ. ޝަރުމީލާ ލިޔުނު އެއްވެސް ވާހަކައަކަށް ފާއިޒު ރައްދެއް ނުދެއެވެ. އެއްވެސް ވާހަކައެއް ނުލިޔެއެވެ.

ޝަރުމީލާ ބަލަހައްޓައިގެން އޮތީ ހުއްޓިފައި ހުރި ސީލިންގުގެ ފަންކާއަށެވެ. އެއްވެސް ކަމެއް ކުރާ ހިތެއް ނުވެއެވެ. ފެންވަރާ ހިތެއް ވެސް ނުވެއެވެ. ކަންކަމާމެދު މާބޮޑަށް ވިސްނެނީއެވެ. ނުވިސްނަން ހުއްޓަސް ވިސްނެނީއެވެ. ނޭވާ ހާސްވާހެން ހީވަނީއެވެ. މޭ ފިތޭހެންވެސް ހީވެއެވެ. ދުނިޔެއަކީ ކެހިވެރި ތަނަކީއެވެ. މިއީ މަކަރުވެރިންގެ ތަނެކެވެ. ހީލަތްތެރިންގެ ތަނެކެވެ. މިތަނުގައި އޮންނާނީ ރޯ މީހުންނަށް ރުއިމެވެ. ހޭން ޖެހޭނީ އެއްބައެކެވެ. ހިންދީ ޑްރާމާތަކުން އެ ދައްކަނީ ޙަޤީޤަތެވެ. ރޯ މީހުން ތިބެންޖެހޭނީ އަބަދުވެސް ކަރުނަ ހިލިހިލިއެވެ. ދިމާވާނީ މުޅިން ވެސް ދެރަކަންތައްތަކެވެ. ހިތް ފަޅައިގެންދާވަރުގެ ހާދިސާތަކެވެ. ރަނގަޅަށް ކަމެއް ދިމައެއް ނުވާނެއެވެ. ނަސީބެއް ސީދަލެއް ނުވާނެއެވެ. މުޅިން ވެސް ބަދުނަސީމެވެ. ދެން ދުނިޔޭގައި ހުރުމުގެ އޮތީ ކޮން ބޭނުމެއް ހެއްޔެވެ؟ ނޫނެކެވެ. ފާޒު އަހަރެންގެ މީހަކަށް ހަދާނަމެވެ. އެކަމަށް ކޮންމެ އަގެއް އަދާކުރަން ޖެހުނަސް މައްސަލައެއް ނެތެވެ.

ޝަރުމީލާގެ މިޒާޖަށް ވަރަށް ބޮޑު ބަދަލެއް އަތުވެއްޖެއެވެ. ކުރިން ޕްލޭންކޮށްފައި ހުރި އެތައް އިވެންޓެއް ކެންސަލް ކޮށްފިއެވެ. ބަލިވެ އުޅޭތީއެވެ. އެކަމަކު ޑޮކްޓަރަށް ދައްކާކަށް ބޭނުމެއް ނުވެއެވެ. މި ވަނީ ކީއްކަށް އޭނާއަށް އެނގޭތީއެވެ. މިއީ އެންޒައިޓީއެވެ. މިކަމުން ހިތްވަރު ކޮށްފިއްޔާ އަރައިގަނެވޭނެއެވެ. މިއީ މިކަމުގެ އާކޮޅެވެ. އެކަމަކު ނެތީ ހިތްވަރެވެ. ކަންކަމާމެދު ވިސްނަންވީ ރަނގަޅަށެވެ. އެގޮތަށް ވިސްނަން އުޅުނަސް ނުވިސްނެނީއެވެ. މިކަމެއްގައި އުޅޭތާ ހަފުތާއެއްހާ ދުވަސް ފާއިތުވެއްޖެއެވެ. ކޮންމެ ވެސް ވަރަކަށް ބައެއް ފަހަރު އަމިއްލަ ނަފުސަށް ހިތްވަރު ލިބެއެވެ. މި ވީހާތައް ދުވަހު ވެސް ފާއިޒުގެ އެއްވެސް ޚަބަރެއް ނުވެއެވެ. އެހެންނަމަވެސް އެކިގޮތްގޮތަށް އެކި ބަހުރުވައިން އެކި އިބާރާތުން ޝަރުމީލާ މެސެޖު ފޮނުވައިފިއެވެ. މިހާރު އޭނާއަށް ވެސް ކުރިން ގަބޫލުކުރެވުނު ބައެއް ކަންތައްތައް އެހެން ގޮތްގޮތަށް ވެސް ވިސްނެއެވެ. ފާއިޒު އޭނާއަށް އެހާ ބޮޑު އޮޅުވާލުމެއް އޮޅުވާލަފާނެ ހެއްޔެވެ؟ ވަރަށް ހީނުވެއެވެ. އެކަމަކު އޭނާއަށް އެއްކަމެއް ޔަޤީނެވެ. ގައިމުވެސް ޝަރުމީލާ ކުރި މެސެޖަށް ފާއިޒު ޖަވާބުދިން މެސެޖު ލިޔަމުން ދިޔަވަގުތު ރިސޯޓުގެ މެނޭޖަރު ވެސް ހުރީ މެސެޖެއް ލިޔާށެވެ. ފަހަރުގައި އެހެން ހަމަ އިއްތިފާޤަކުން ދިމާވެސް ވެދާނެއެވެ. ޝަރުމީލާ މިހާރު ބޭނުންވަނީ ފާއިޒުގެ ފަރާތުން ޙަޤީޤަތް ސާފުކުރާށެވެ. އެއްނަން ކިޔާ މީހުން އުޅެފާނެއެވެ. މަޢާފަށް ވެސް އެތައް ފަހަރަކު އެދިފައި މެސެޖު ކޮށްފިއެވެ. ޖަވާބެއް ނުލިބެއެވެ.

އެއްރޭ ދަންވަރު ދެގަޑިބައިހާއިރެވެ. ޝަރުމީލާ އޮތީ އެއްގޮތަކަށް ވެސް ނިދި ނައިސްގެން ފޯނުން ލަވައެއް ޖަހާލައިގެންނެވެ. ކުރިއާ ޚިލާފަށް މިހާރު ބައެއް ރޭރޭ ހަމަ ރަނގަޅަށް ނިދާލެވެއެވެ. އެކަމަކު އަދިވެސް ބައެއް ފަހަރަށް އެ އޮލަ ފިކުރުގަނޑުގެ ތެރެއަށް ވެއްޓެނީއެވެ. އެ އުނދަގޫގަނޑު ކުރިމަތިވީމާ ކުއްލިއަކަށް މުޅި މީހާ ދާހިއްލާލައިފައި ހިތް އަވަސްވެއެވެ. ނޭވާލާން ވެސް ހީވަނީ އުނދަގޫ ވާ ހެންނެވެ. އެހެންވަނީ ފާއިޒާމެދު މާބޮޑަށް ވިސްނީމައެވެ. ކުއްލިއަކަށް ފޯނުން އިވުނު ރިންގު ޓޯނުގެ އަޑާއެކު އަވަސް އަވަހަށް ފޯނު ނަގާ ބަލާލިއެވެ. ޝަރުމީލާގެ ފާޒުގެ މެސެޖެކެވެ. މި ފަހަރު ހައި ޖަހާލީ ފާޒެވެ. ޝަރުމީލާއަށް މި ފަހަރު ރޮވުނީ އުފަލުންނެވެ.

އެއަށްފަހު ފާޒު ކުރީ ސުވާލެކެވެ. "އަހަންނާ އިންނަން ކެރިދާނެ ހެއްޔެވެ؟" ޝަރުމީލާއަށް ލިޔާނެ އެއްވެސް އެއްޗެއް ނޭނގުނެވެ. ދެ ލޮލުން ކަރުނަ ފޮހެފޮހެ އޮތީއެވެ. އާއެކޭ ވެސް ނޫނެކޭ ވެސް ލިޔާކަށް ނުކެރުނެވެ.

"އެކަމަކު އެކަން ކުރާނީ އެންމެ ގޮތެއް މަތިން. ޝަރޫ ޖެހޭނީ ތިޔަ ދުނިޔެއިން ނިކުންނަން. ކަޅު ހެދުންލައި މޫނު ބުރުގާ އަޅަން ކެރޭނެތަ؟" ޝަރުމީލާ ވަރަށް ބޮޑަށް ހައިރާންވިއެވެ. ފާޒު މި ދައްކަނީ ކޮން ކަހަލަ ވާހަކަތަކެއް ހެއްޔެވެ؟ އަނެއްކާ ފާޒުގެ އެކަންޓް ކޮންމެ ވެސް މީހަކު ހެކްކުރީ ހެއްޔެވެ؟ އެންމެ ފުރަތަމަ ޝަރުމީލާ ބޭނުންވީ އެކަން ޔަގީން ކުރާށެވެ. އެފަދަ ހާލަތްތަކުގައި ކަންތައްތައް ކުރަން ދެ މީހުން ކުރިން އެއްބަސްވެފައިވާ ގޮތަށް ޝަރުމީލާ ކޯޑެއްގެ ގޮތުގައި އަކުރުތަކެއް ލިޔުނެވެ. ފާޒު އެ ކޯޑު ދިމާކުރުމާއެކު އެއީ ޝަރުމީލާގެ ފާޒުކަން ޔަޤީންވިއެވެ.

"ޝަރޫ ތިޔަ އުޅެނީ ރަނގަޅަކަށް ނޫން. ވިސްނަބަލަ!" ދެން ވެސް ލިޔުނީ ފާއިޒެވެ. އެއީ ރަނގަޅު ވާހަކައެކޭ ވެސް ޝަރުމީލާ ހިތަށް އެރިއެވެ. އެ ހީތަކުގެ މަތީގައި އޮއްވައި ފާޒު ލިޔަންފެށީ މާ ބޮޑެތި ސިއްރު ވާހަކަތަކެކެވެ. ސަރުމީލާ ހީކުރިވަރަށް ވުރެ މާ ބޮޑަށް ފާޒަށް އޭނާ އެނގޭކަން ހާމަވިއެވެ. ހީވީ ބަލަން އިންދާ އޭނާގެ މުޅިހަޔާތުގެ ބިތުފަންގި އެއްކޮށް ހިއްލާލި ހެންނެވެ. އެކިއެކި މީހުންނާ އޮތް އެކިވަރުގެ ގުޅުންތަކެވެ. އެކި މީހުން ދީފައިވާ އެކި ވަރުގެ ހަދިޔާތަކެވެ. އޭގެ ތެރެއިން ވެސް ބޮޑެތި ވިޔަފާރިވެރިންނާ އޮތް ގުޅުމެވެ. އެ މީހުންގެ ޚާއްޞަ މެހެމާނެއްގެ ގޮތުގައި އެކިރޭ ހޭދަކުރި އުފާވެރި ވަގުތުތަކެވެ. އެ ވިޔަފާރިތަކުގައި ހޮވި އެކިއެކި ނަސީބުވެރިންގެ ނަމުގައި ޝަރުމީލާ އަދާކޮށްދިން މުހިންމު ދައުރެވެ. ގުރުއަތުން ނަސީބު ދިމާވާ މީހެއްގެ ކަންތައް ޝަރުމީލާ ހަމަޖައްސާލާ ގޮތެވެ. ލައްކަލައްކައިން ނަސީބުވެރިންނަށް ހުޅުވާލާ ކޮންމެ ފުރުސަތެއްގައި ޙަޤީޤީ ނަސީބުވެރިޔަކަށް ޝަރުމީލާ ވާގޮތެވެ. ބައެއް ފަހަރު ޓީވީންނާއި މީސް މީޑީއާއިން ލައިވް ކުރާ ގޮތެވެ. އެއީ މުޅިން އޮޅުވާލުމެވެ. ދައްކާނީ ނަސީބުވެރިޔާގެ ފޯނު ނަންބަރެވެ. އެ ނަންބަރުގެ ޙަޤީޤީ ވެރި ފަރާތަކީ ޝަރުމީލާއެވެ. އެ ފައިސާއަކީ ވިޔަފާރިވެރިޔާގެ ޖީބަށް އަނބުރާ ވަންނަ އެއްޗެކެވެ. އެ ހުރިހާ ސިއްރެއް ފާޒަށް އެނގުނީ ކިހިނެއް ހެއްޔެވެ؟

ފާޒަށް އެ ހުރިހާކަމެއް އެނގުނީ ކިހިނެތްކަމެއް ނޭނގެއެވެ. އޭނާ ދައްކަނީ ޙަޤީޤީ ވާހަކައެވެ. މުޅިން ތެދެވެ. ޝަރުމީލާ ހައިރާންވެ އަންތަރީސް ވެއްޖެއެވެ. އެންމެ ބޮޑަށް ހައިރާންވީ އެ ހުރިހާ ކަމެއް އެނގިހުރެ ވެސް ފާޒު އޭނާގެ ކައިވެންޏަށް އެދެމުންދާ ދިއުމެވެ.
"މިރޭ ޖަވާބެއް ދޭންވާނެޔޭ" އިރުއިރުކޮޅުން ފާއިޒު ލިޔެއެވެ.

އެތައް އިރަކު ވިސްނަން އިނދެފައި އެންމެ ފަހުން އާއެކޭ ބުނެ ޝަރުމީލާ މެސެޖެއް ލިޔުނެވެ. މިހާރު އޭނާގެ ބޯ ހީވަނީ ފަޅައިގެން ހިނގައިދާނެ ހެންނެވެ. އެހާވެސް ބާރަށް ބޮލުގައި އެބަ ރިހެއެވެ. ކަޅު ހެދުން ވެސް ލާނީއެވެ. މޫނު ބުރުގާ ވެސް އަޅާނީއެވެ. ދެން އެހެން އޮތީ ވަކި ކޮން ގޮތެއް ހެއްޔެވެ؟

ޝަރުމީލާ ގަބޫލުކުރާ ގޮތުގައި މައްސަލައަކީ މޫނު ބުރުގާ އަޅާފައި ނެގި ފޮޓޯ ފޭސްބުކުގައި ހިއްސާ ކުރުމެވެ. ނޫނީ ކުރިން އަޅާފައިހުރި ހުރިހާ ފޮޓޯއެއް ނެގުމެވެ. ޝަރުމީލާއަށް ވިސްނެނީ މިހެންނެވެ.

"މީ ކުޑަ ދުވަސްކޮޅެއްގެ ކަމެއް. އަހަރެމެން ދިވެހިންނަކީ ވަރަށް އަވަހަށް  ކަންކަން ހަނދާން ނެތޭ ބައެއް. މާބޮޑުވަރު ވަންޏާ މީސްމީޑިއާއިން ނިކުތިމާ ހުރިހާ ކަމެއް އެ ނިމުނީ." ޝަރުމީލާއަށް ފާޒު ވިސްނައިދީފައިވަނީ މިގޮތަށެވެ.
ޝަރުމީލާގެ ވާހަކަ ހުރިހާ ނޫހެއްގައި ޖަހައިފިއެވެ. ކުރިން ނުދަންނަ އެތައް ބަޔަކު ވެސް ޝަރުމީލާ ދަސްކޮށްފިއެވެ. ރަހުމަތްތެރިވާން މީސްމީޑިއާގައި އާދޭސް ފޮނުވަން ފަށައިފިއެވެ. މި ފޯރިގަނޑެއް މި އެރީ ޝަރުމީލާ މޫނުބުރުގާ އެޅުމާއެކުގައެވެ. ހީވަނީ މީސް މީޑިއާއަށް ބޮޑު ސުނާމީއެއް އެރައިގެން އުޅޭހެންނެވެ. އެއްބަޔަކު މީސްމީޑިއާގައި ތަޙުޤީޤު ވެސް ފަށައިފިއެވެ. ރާއްޖޭގައި ތިބީ ޝަރުމީލާ ކިޔާ 106 މީހުންކަން ހޯދައިފިއެވެ. އަދި އައިޝަތު ޝަރުމީލާ ކިޔާ 15 މީހުންކަން ވެސް ހޯދައިފިއެވެ. އަޅެ މީ ކޮން ކަމެއް ހެއްޔެވެ. ނޫސްތަކުގައި ލިޔާ ޝަރުމީލާގެ ޚަބަރުތަކަށް ޚިޔާލުތައް އޮއްސަނީއެވެ. ނުލިޔާ ހަޑިހުތުރު ވާހަކައެއް ނެތެވެ. އަޅުވާ ނުކިޔާ މީހަކު ނެތެވެ. މީހެއްމީހެއް ނުބަލައެވެ. ނުކުރާ ތުހުމަތެއް ނެތެވެ.

"ދެން އިވޭނީ ކޮންމެ ވެސް ބޭރު ޤައުމަކަށް ޖިހާދަށް ދިޔަ އަޑު" ޝަރުމީލާ ހިތަށް އެރިއެވެ. ސަހަރޯއެވެ. އެފަދަ އެއްވެސް ވިސްނުމެއް އަހަރެންގެ ނެތެވެ. ބޭރު ޤައުމުތަކަށް ޖިހާދަށް ގޮސް އެ އުޅޭ މީހުން އެ އުޅެނީ ކިހިނެއް ހެއްޔެވެ؟ އަންހެނުން އެތަންތަނަށް ދަނީ ކިހިނެއް ބާވައެވެ.

"އަކުބަރު. އުޚުތާއަށް ސާބިތުކަން ދެއްވާށި. މީހުން ދައްކާ ވާހަކައަށް ނުބަލާ. ޙައްޤުމަގުގައި ކުރިއަށްދޭ. މާޝާﷲ" އެހެން މީހެއްގެ ޚިޔާލެވެ. ޝަރުމީލާ މޫނުބުރުގާ އަޅައިގެން އެއް ބަޔަކު އޭނާއާ ދިމާކޮށް ހަދާއިރު އަނެއް ބަޔަކު ހިތްވަރު ދެނީއެވެ. ހީވަނީ ލޮލުން ފައިބާ ކަރުނަތައް ފޮހެދޭ ހެންނެވެ. ބުރަކަށީގައި ފިރުމާ ހެންނެވެ.  އޭނާއާއެކު ވެސް ބަޔަކު ތިބިކަމުގެ ހިތްހަމަޖެހުން އެބައޮތެވެ.
ޝަރުމީލާގެ ދުނިޔެ ކުޑަވާންފެށިއެވެ. އޭނާއަށް ހީވަނީ ފުން އަނދިރިގަނޑެއްގެ ތެރެއަށް ވަދެވޭ ހެންނެވެ. ދުވަހަކު ވެސް ފާޒު ހަމަ ލޮލަކަށް ނުފެނެއެވެ. އެކަމަކު ބަރާބަރަށް ވާހަކަ ދައްކައެވެ. ކަމެއްގައި ދަތިވެގެން ހުންނާކަށް ނުޖެހެވެ. ފައިސާ ފޮނުވައެވެ. އެކަމަކު ހިތްހަމަ ޖެހުމެއް ނުލިބެއެވެ. އެންމެ ބޮޑަށް ހިތް ނުތަނަވަސް ވަނީ އަލަތު ކައިވެނި ކުރަން ފާޒު ބުނާ ގޮތުންނެވެ. އެއީވެސް ހަތަރު ވަނަ އަނތްބެއްގެ ގޮތުގައެވެ. ކޯޓުން ވެސް ބޭރުގައެވެ. މައިންބަފައިން ނަށް ވެސް ސިއްރުންނެވެ.

ޝަރުމީލާއަށް ހޭލެވުނީ އޭނާ އޮތް ފޭލިގެއަށް ބަޔަކު ހަމަލާދޭން ފެށުމުންނެވެ. ދެކޮޅުން ވެސް ބަޑިޖަހަނީއެވެ. އަވަސް އަވަހަށް މޫނުގެ ފޮތިގަނޑު ވައްޓާލިއެވެ. ދޭތެރޭ ދޭތެރެއިން މިފަދަ ހަމަލާތަކާ ކުރިމަތިލާން ޖެހެއެވެ. އެއީ ސީރިއާ ސިފައިންދޭ ހަމަލާތަކެއް ނޫނެވެ. ސީރިއާ ސިފައިންދޭ ހަމަލާތައް ދެނީ އެގޮތަކަށް ނޫނެވެ. އެއަށްވުރެ މާ އަޑުފައްގަނޑު ގަދަވާނެއެވެ. ޖަގާ ބަޑިތައް ބޮޑުވާނެއެވެ. ދުރުން ފެންނާނީ ދުންއަރާ ތަނާއި އަލިފާން ރޯވާތަނެވެ. ދެން ފެންނާނީ ޢިމާރާތްތައް ކުދިކުދި ވެގެން ފައިބާތަކެވެ. އެމެރިކާ ސިފައިންނާ ސީރިއާ ސިފައިން ހަމަލާދޭ އިރުވެސް ފެންނަނީ އެފަދަ މަންޒަރުތަކެވެ. އެކަމަކު މިއީ ސީރިއާ ސިފައިންނާ ދެކޮޅަށް ހަނގުރާމަކުރާ އެހެން ކޮންމެވެސް ޖަމާޢަތެއްގެ ކަމެކެވެ. މިފަދަ ޖަމާޢަތްތަކުގެ މެދުގައިދޭތެރެ ދޭތެރެއިން ހަމަލާތައް ބަދަލުކުރެއެވެ. އެއް ބަޔަކު އަނެއްބަޔެއްގެ މައްޗަށް ގަދަވެގަންނަން އުޅެނީއެވެ. އެއްބަޔަކު އަނެއް ބަޔަކު ކާފަރު ކުރެއެވެ. މިއިން ކޮންމެ ޖަމާޢަތެއްގައިވެސް ދިވެހި ހަނގުރާމަވެރިން އުޅެއެވެ. އެއްބަޔަކު އަނެތް ބައެއްގެ އަނބިންނާއި ދަރިން ފޭރި ޖާރިޔާއިންގެ ގޮތުގައި ގެންގުޅެއެވެ. ދިވެހިން ދިވެހިން މަރާ ހަދައެވެ. އެފަދަ ފޮޓޯއާ ވީޑިއޯ އިންޓަރނެޓަށް ލައިހަދައެވެ. އެ ވީޑީއޯތަކުގައި ބުނަނީ އެއީ މުރުތަދުވެ ކާފަރު ވެފައިވާ ބައެއް ކަމަށެވެ. އެކަމަކު އެ ހުރިހާ ޖަމާޢަތްތަކަކީ ވެސް ސީރިއާގެ ބައްސާރުލް އަސަދުގެ ވެރިކަމާ ދެކޮޅަށް ހަނގުރާމަކުރާ ހަނގުރާމަ ވެރިންނެވެ. ސީރިއާގެ ދާޚިލީ ހަނގުރާމައަށް ނުވަ އަހަރު ވެގެން ދިޔައިރު މުޅި ސަރަޙައްދު އޮތީ ހަނގުރާމައިގެ މައިދާނަކަށް ބަދަލުވެފައެވެ. އެތައް ހާސް ބަޔަކު މަރުވެއްޖެއެވެ. ގޯތިގެދޮރު ގެއްލި އެތައް ބަޔަކު ރެފިއުޖީންނަށް ވެއްޖެއެވެ. ބޭރުގެ އެކިއެކި ޤައުމުތަކުން ސީރިއާއަށް އެތެރެވި ހަނގުރާމަވެރިންގެ އަނބިންނާއި ދަރިން ބިކަވެއްޖެއެވެ. އޭގެ ތެރެއިން ގިނަ މީހުން ދިރިއުޅެނީ ސީރިއާގެ ރެފިއުޖީންނެކޭ އެއްގޮތަށް ރެފިއުޖީ ކޭމްޕްތަކުގައެވެ.

"މަންމާ. މަންމާ އާދޭ އާދޭ އަވަހަށް އާދޭ" ޝަރުމީލާގެ އަތުގައި ހައަހަރުގެ ދަރިފުޅު ހިފާ ދަމަންފެށިއެވެ. އޭރު އެހެން މީހުން ދަރިންކޮޅު ކިހިލި ޖަހައިގެން ރޮމުންރޮމުން ފޭލިގެއިން ބޭރަށް ނިކުންނަނީއެވެ. މުޅިތަނަށް ވެރިވެފައިވަނީ ރުއިމުގެ އަޑާއި ބަޑީގެ އަޑެވެ. އެއީ ސީރިއާގައި އެންމެ ގިނަ ދިވެހިން ތިބި ފޭލިގެއެވެ. ގިނައީ ޝަރުމީލާގެ ދެމައިން ފަދަ ޖާރިޔާއިންނާއި ޔަތީމު ތުއްތުތުއްތު ކުދިންނާއި ހުވަފަތް އަނބިންނެވެ. 

ޝަރުމީލާ ބޭރަށް ނިކުންނަށް ތެދުވިއެވެ. ދުއްވައިގަންނަން ބޭނުންވިއެވެ. އެކަމަކު ދުއްވައި ގަނެވޭނީ ކިހިނެތް ހެއްޔެވެ. ދުވަސް ފުރިފައިވާ ބޮޑު ބަޑާއެކު އޭނާއަށް ހިނގާބިނގާވެ އުޅެން ވެސް ދައްޗެވެ. އެކަމަކު ހިތްވަރު ކޮށްފައި ދަރިފުޅުގެ އަތުގައިހިފައިގެން ފޭލިގެއިން ނުކުތެވެ. އެ ވަގުތަކީ ބޮލާ މޫނު ނިވާކޮށްގެންހުރި ހަނގުރާމަ ވެރިޔަކު ފޭލިގޭ ކުރިމައްޗަށް ކުއްލިއަކަށް ނުކުމެ ތަނެއް ދޮރެއް ނުބަލައި ބަޑިޖަހަން ފެށި ވަގުތެވެ. ފުރަތަމަ ވެސް އޮޓޯގައި ކޮށްލީ ސްޕްރޭ އެވެ. އެ ވަގުތު އެ ބޮޑު ބަނޑާއެކު ޝަރުމީލާ ސަރަހާގެ ވެލިގަނޑުގެ ތެރެއަށް ވެއްޓުނެވެ. މޫނު ވަތަށެވެ. އެއްވެސް ބާރެއް ނެތެވެ. އޭނާގެ ދަރިފުޅު ރޮމުންރޮމުން އައިސް ޝަރުމީލާގެ ގައިގައި އޮޅުލައިގަތެވެ. 

"މަންމާ.... މަންމާ....." ތުއްތު ދަރިފުޅު ޝަރުމީލާގެ ގައިމަތީގައި އޮތެވެން ރޮނީއެވެ. އޭނާގެ ކުޑަކުޑަ އަތުން މަންމަގެ މޫނު މަތީގައި އަތް ކާތަނީއެވެ. މޫނުމަތީގައި ހުރި ވެލިތައް ފޮޅައިދެނީ ފެށިއެވެ. ޝަރުމީލާ ލޯ ހުޅުވާލިއެވެ. އެކަމަކު އެއްވެސް އިތުރު ހަރަކާތެއް ނުގެނެވުނެވެ. އެންމެ ފަހު ވަގުތު ވެސް ލޯބިވާ ދަރިފުޅުގެ ގައިގައި ބައްދާލަން ބޭނުންވިއެވެ. އެ މައުސޫމު ދަރިފުޅުގެ މޫނުގައި ބޮސްދޭން ބޭނުންވިއެވެ. އެ ކަރުނަތައް ފޮހެލަދޭން ބޭނުންވިއެވެ. ހިތްވަރު ކޮށްލާފައި ބޯ ހިއްލާލިއެވެ. ޝަރުމީލާއަށް ފެނުނީ އޭނާގެ ކުރިމަތީގައި ބަޑިއެއް ހިފައިގެން ފާޒު ހުއްޓައެވެ. މޫނު ނިވާކޮށްގެން ހުއްޓަސް އެ ދެލޯ އޭނާ ހިތުދަހެވެ. "ފަ ފަ ފާ ޒު...." ކުއްލިކުއްލިއަށް ޝަރުމީލާއަށް ލެވެމުންދިޔަ ކުރު ނޭވާ ހިމޭންވިއެވެ. އޭނާއަކަށް ހަމަ އެންމެ ޖުމުލައެއް ވެސް ނުބުނެވުނެވެ.  (ނިމުނީ)

No comments: