Tuesday, July 11, 2023

ޑިމޮކްރަސީ ނުވަތަ ދިމިޤްރާތީ ނިޒާމު

 


ޢަބްދުﷲ ސަޢީދު

 

ޑިމޮކްރަސީ ނުވަތަ ދިމިޤްރާތީ ނިޒާމަކީ ދުނިޔޭގައި ވެރިކަން ކުރުމުގެ ނިޒާމުގެ ތެރެއިން އެންމެ ރަނގަޅު ނިޒާމުކަމުގައި އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ނިޒާމެވެ. ދިވެހީން މިއަދު މިތިބީ މި ނިޒާމު ގަބޫލުކޮށް ދުސްތޫރުގައި އެ ވާހަކަ ލިޔެގެންނެވެ. ޙަޤީޤަތަކީ ޑިމޮކްރަސީއަކީ ދުނިޔެ ޤަބޫލުކުރާ ލަނޑުދަނޑިއެކެވެ. އަދި އުސޫލެކެވެ. އެ އުސޫލު ބިނާވެފައިވަނީ ސިޔާސީ ގޮތުންނާއި އިޤްތިޞާދީ ގޮތުންނާއި ސަޤާފީގޮތުން ތަފާތުތަކެއް ހުއްޓެއްކަމަކު، އާންމުކޮށް ދުނިޔޭގެ މީހުން ޤަބޫލުކުރާ ހަރުދަނާ އުސޫލުތަކަކާއި ހަމަތަކެއްގެ މައްޗަށެވެ. ޑިކޮމްރެޓިކް ނިޒާމު ބިނާ ވަނީ މިނިވަންކަމާއި ހަމަހަމަކަމުގެ މައްޗަށެވެ. މީހުންނަށް ފެންނާނެހެން ހާމަކަން ބޮޑުކޮށް ކަންތައްތައް ކުރުމުގެ މައްޗަށެވެ. އަދި ތަފާތު ޚިޔާލުތަކަށް ތަންދީގެން ހިންގާ ސިޔާސަތުތަކަކަށެވެ.

 

ޑިމޮކްރަސީ މި ލަފުޒަކީ ގްރީކުގެ ދެ ލަފުޒަކުން ހެދިފައިވާ ލަފުޒެކެވެ. އެއީ "ޑީމޯސް" (މީހުން)، އަދި "ކްރަޓޯސް" (ވެރިކަންކުރުން) މި ދެ ލަފުޒެވެ. ޑިމޮކްރަސީގެ އަސާސީ ސިފައަކީ ވެރިކަން ހިންގުމުގެ ބާރުވެރިކަން ރައްޔިތުން ނުވަތަ ރައްޔިތުން އިންސާފުވެރިކަމާއެކު އިންތިޚާބުކުރާ މަންދޫބުންގެ އަތްމަތީގައި އޮންނަ އޮތުމެވެ.

 

ޑިކޮމްރެޓިކް ނިޒާމު މަސައްކަތްކުރަނީ ތަފާތު ތަޖުރިބާތަކާއި ތަފާތު ސަޤާފީ ހަމަތަކަށް ތަންދީގެންނެވެ. އަދި ހަމައެއާއެކު ބައިނަލް އަޤްވާމީ ގޮތުން ޤަބޫލުކުރާ އުސޫލުތަކަކާއި ހަމަތަކަކާއި ފެންވަރުތަކެއް ހިފަހައްޓައިގެންނެވެ. އެހެންވީމާ ޑިމޮކްރެޓިކް ނިޒާމަކީ އަބަދުވެސް ފުރިހަމަ ކުރެވެމުންދާ އަދި ދައުލަތުގެ ކަންތައްތައް ފުރިހަމަކުރެވޭ ނިޒާމެކެވެ. ޑިމޮކްރަސީގެ އެންމެ ޚާއްޞަ އަމާޒަކީ ފަރުދުންގެ ޙައްޤުތަކާއި ޝަރަފާއި ކަރާމާތް ޙިމާޔަތްކޮށް އަސާސީ ޙައްޤުތައް ރައްޔިތުންނަށް ލިބިދިނުމެވެ. އިޖްތިމާޢީ އަދާލަތު ޤާއިމުކޮށް، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން މުޖުތަމަޢު ކުރިއެރުވުމެވެ. މުޖުތަމަޢުގެ ބަދަހިކަން ހަރުދަނާކޮށްދީ ޤައުމުގައި ޞުލްޙަ މަސްލަސްކަން ޤާއިމުކުރުމެވެ.

 

ޑިމޮކްރަސީގައި މުޖުތަމަޢުގެ ކަންކަން ހިންގުމުގައި އަންހެނުންނާއި ފިރިހެނުން ހަމަހަމަކަމާއެކު އަތުގުޅައިލައިގެން ކުރިއަށް ދެވޭނެއެވެ. ޑިމޮކްރަސީގައި ވެރިކަމަށް އާދެވޭނެ ގޮތާއި ވެރިކަން ދެމެހެއްޓޭނެގޮތް ކަނޑައަޅައިދެއެވެ. މިނިވަންކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގެއެވެ. ހުޅުވިފައިވާ ޖައްވެއްގައި ތަފާތުކުރުމެއްނެތި ސިޔާސީ ހަރަކާތްތަކުގައި ރައްޔިތުންނަށް ބައިވެރިވެ ވާދަކުރުމުގެ މަގު ތަނަވަސް ކޮށްދެއެވެ. ޤާނޫނުގެ ވެރިކަމުގެ ރޫޙާއި އުސޫލު ހިފަހައްޓައިދެއެވެ.

ޑިމޮކްރަސީ ބިނާވެފައިވަނީ ޤާނޫނުގެ ވެރިކަމާއި އިންސާނީ ޙައްޤުތަކަށް ޢަމަލުކުރުމުގެ ބިންގަލުގެ މައްޗަށެވެ. ޑިމޮކްރެޓިކް ދައުލަތެއްގައި އެއްވެސް މީހަކަށް ޤާނޫނަށްވުރެ މަތީގައެއް ނުހުރެވޭނެއެވެ. އެންމެންގެ މައްޗަށް ވެސް ހަމަހަމަ ކަމާއެކު ޤާނޫނު ހިނގާނެއެވެ. ޑިމޮކްރަސީގައި ޞުލްޙައާއި އިޤްތިޞާދާއި އިޖްތިމާޢީ ވެށްޓާއި ސަޤާފަތް ތަރައްޤީ ކުރުމަށް ޝަރުތުކުރެއެވެ. އަމަންއަމާންކަމާއި ތަރައްޤީއާއި ޤާނޫނުގެ ވެރިކަން ހިންގުމާއި އިންސާނީ ޙައްޤުތަކަށް ޙުރުމަތްތެރިކޮށް ހިތަންޖެހެއެވެ.

އެކި ފަރާތްތަކުން އެކި ގޮތަށް ޑިމޮކްރަސީ މާނަކުރެއެވެ. ގިނަ ބަޔަކު އެއްބަސްވާ ނުވަތަ ޙަޤީޤީ ޑިމޮކްރަސީ އަކީ ކޮބައިބާވައެވެ.

 

ޑިމޮކްރަސީގެ އާންމު ޤަރާރުގެ ނަމުގައި ޤަރާރެއް 1997 ވަނަ އަހަރުގެ ސެޕްޓެންބަރު 16 ވަނަ ދުވަހު މިސްރުގެ ވެރިރަށް ޤާހިރާގައި އޮތް އިންޓަރ ޕާލަމެންޓަރީ ކައުންސިލްގެ 161 ވަނަ ޖަލްސާއިން ފާސްކުރިއެވެ. އެންމެ ގިނަ ޤައުމުތަކަކުން އެއްބަސްވާ ޑިމޮކްރަސީގެ އުސޫލުތަކަކީ އެއީއެވެ. އަދި ޑިމޮކްރެޓިކް ސަރުކާރެއް ހިންގުމާއި އެފަދަ ސަރުކާރެއްގެ ބައިތައް އެ ޤަރާރުގައި ވެއެވެ. ޑިކޮމްރަސީގައި ބައިނަލް އަޤްވާމީ ގުޅުންތަކުގެ ދައުރާމެދު އެންމެ ގިނަ ޤައުމުތަކަކުން އެއްބަސްވާ ގޮތްތައް ވެސް އޮތީ އެ ޤަރާރުގައެވެ. އެ ޤަރާރަކީ ދުނިޔޭގެ ސަރުކާރުތަކަށާއި ރައްޔިތުންގެ މަޖިލިސްތަކަށް އޭގައިވާ ކަންތައްތަކާ އެއްގޮތްވާގޮތުގެމަތިން ކަންތައްތައް ކުރުމަށް ބާރުއަޅާ ޤަރާރެކެވެ. އެހެންނަމަވެސް ކޮންމެ ޤައުމަކުންވެސް ރައްޔިތުން ބޭނުންވާ ގޮތެއްގެމަތީން އެހެން ޤައުމެއްގެ ބެހުމެއްނެތި ތަރައްޤީއާއި، ސިޔާސީ، އިޖްތިމާޢީ، އިޤްތިޞާދީ ނިޒާމް، އދ.ގެ ޗާޓަރާއި އެއްގޮތްވާ ގޮތަށް ކުރިއެރުވުމަށް އެ ޤައުމެއްގެ ދައުލަތަށް އިސްތިޤްލާލީ މިނިވަންކަމާއި ސިޔާދަތީ ބާރާއި ޙައްޤު ލިބިގެންވާ ކަމަށް އެ ޤަރާރުގައިވެއެވެ.

 

ޑިމޮކްރަސީ އާމެދު މީހުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދެނީ އެއީ އެމީހަކު އުޅެންވީ ގޮތަކަށް އުޅެންދޫކޮށްފައިވާ ފަލްސަފާއެއް ގޮތަށް ސިފަކޮށްދޭ ސިފަކޮށްދިނުންތަކުންނެވެ. ނުވަތަ އެގޮތަށް ހީވާ ހީވުންތަކުންނެވެ. އެއީ ފިޠުރަތުގެ ހަމަތަކާއި އިންސާނީ ހެޔޮވިސްނުމާ ފުށުއަރާ ނިޒާމެއްކަމަށް ދެކެވޭ ވާހަކަތަކުންނެވެ. ނުވަތަ ޑިމޮކްރަސީއޭ ކިޔައިގެން ބަޔަކު އެގޮތަށް އުޅޭތީއެވެ. ޑިމޮކްރަސީގެ ނަމުގައި ބަޔަކު ކުރާހާ ކަމެއް އަދި ހިންގާ ހުރިހާ ޖަރީމާއަކީ ޑިމޮކްރަސީއެއް ނޫނެއެވެ. ޑިމޮކްރެޓިކް ބައެއް މުޖުތަމަޢުތަކުން، ޚާއްޞަކޮށް ހުނޅަގުގެ ޤައުމުތަކުން ފެންނަ އާންމު އިޖުތިމާޢީ މިންގަނޑުތަކާ ޚިލާފު ބައެއް ކަހަލަ ކަންތައްތަކަކީ ޑިކޮމްރަސީގެ ސިފަތަކެއްގެ ގޮތުގައި ބައެއް ފަރާތްތަކުން މާނަ ކުރިޔަސް އެއީ ޙަޤީޤަތެއް ނޫނެވެ. މިގޮތަށް މާނަކުރުމެކޭ މާތްވެގެންވާ އިސްލާމްދީނުގެ ނަމުގައި ބައެއް ޖަމާޢަތްތަކުން ހިންގާ ދީނާ ޚިލާފު ކަންތައްތައް އިސްލާމް ދީނަށާއި އިސްލާމީ އުންމަތަށް ނިސްބަތްކުރުމެކޭ މާބޮޑު ތަފާތެއްނެތެވެ. ޙަޤީޤަތަކީ ޑިމޮކްރަސީ އަކީ އެ ބައެއްގެ ދީނާއި އަޤީދާގެ އިންތަކާއި މިންތަކުގެ ތެރޭގައި އެ ބައެއްގެ ސަޤާފަތާ އެއްގޮތަށް ހިންގެން އޮތް ނިޒާމެކެވެ.

 

ދިވެހީން ޑިމޮކްރަސީ ބަލައިގެންފައި މިވަނީ އިސްލާމްދީނާ ޚިލާފުނުވާނެހެން ޤައުމުގެ ކަންތައްތައް އިންތިޒާމުކޮށް ހިންގޭނެކަން ކަށަވަރުވާތީއެވެ. އިސްލާމް ދީނުގެ ޙައްދުތަކުގެ ތެރޭގައި ރައްޔިތުންގެ މެދުގައި ނުވަތަ ރައްޔިތުންގެ މަންދޫބުންގެ މެދުގައި މަޝްވަރާކޮށް ޤާނޫނުތަކާއި ޤަވާޢިދުތައް ހަދައި ހިންގޭނެތީއެވެ. ޤައުމުގެ މުއައްސަސާތައް އެކުލަވާލައި އިންސާނީ ޙައްޤުތަކާއި އިންސާނީ ކަރާމާތް ކަށަވަރުކޮށްދެވޭނެތީއެވެ. ވެރިން ޒިންމާދާރު ކުރެވޭނެތީއެވެ. އިޖްތިމާޢީ އަދާލަތު ޤާއިމުކޮށް، އިޤްތިޞާދީގޮތުންނާއި އިޖްތިމާޢީ ގޮތުން މުޖުތަމަޢު ކުރިއެރުވޭނެތީއެވެ. މުޖުތަމަޢުގެ ބަދަހިކަން ހަރުދަނާކޮށްދީ ޤައުމުގައި ޞުލްޙަ މަސްލަސްކަން ޤާއިމުކުރެވޭނެތީއެވެ. (ނިމުނީ)

 

ހަވާލާ: http://archive.ipu.org/cnl-e/161-dem.htm

 

https://www.britannica.com/topic/democracy

No comments: