Wednesday, January 24, 2018

އަޅުގަނޑުގެ ލަނޑުދަނޑި ތިޔަރީ

ޢަބްދުﷲ ސަޢީދު 

ލަނޑުދަނޑިއަކީ އަމާޒު ފަތްގަނޑެވެ. ލަނޑުދަނޑިއަށް ވާސިލުވުމަކީ އެމީހަކު ގަސްތުކުރި ކަމަކާ ހަމައަށް ދެވުމެވެ. ކޮންމެ މީހަކަށް ވެސް ވަރަށް ފަސޭހަކަމާއެކު ލަނޑުދަނޑިއެއް ކަނޑައެޅިދާނެއެވެ. އެމީހަކު ހާސިލުކުރަން ބޭނުންވާ ގޯލެއް ނިންމި ދާނެއެވެ. އެކަމަށްޓަކައި އުންމީދުތަކެއް ކުރެވިދާނެއެވެ.  އުންމީދު ކުރަމުން ކުރަމުންގޮސް ޚިޔާލީފޮލާތަކެއް ވެސް ކެއްކިދާނެއެވެ. އެމީހަކާ އެކަށީގެންވާ މިންވަރަށް ވުރެ މައްޗަށް ވެސް ކަންތައްތައް ޚިޔާލުގައި ރޭވިދާނެއެވެ. އެކަމަކު ލަނޑުދަނޑިއެއް ހާސިލުކުރަން ބޭނުންނަމަ ކޮންމެ މީހަކު ވެސް ކަންތައްތަކެއް ކުރަން ޖެހެއެވެ. ކޮންމެ މީހަކަށް ވެސް ކަންތައްތަކެއް އެނގެން ޖެހެއެވެ. ކަންތައްތަކެއް ވާންޖެހެއެވެ. އެ ކަންކަމަށް އަޅުގަނޑު ކިޔަނީ ލަނޑުދަނޑީގެ 3 ތަނބެވެ.

އަޅުގަނޑުގެ ޝައުޤު ތިޔަރީ

ޢަބްދުﷲ ސަޢީދު 

ޝައުޤަކީ ކަމަކާ ދޭތެރޭގައި އެދުންވެރިވުމެވެ. ޝައުޤުވެރިކުރުމަކީ ކަމަކާދޭތެރޭގައި އެދުންވެރި ކުރުވުމެވެ. ޝައުޤުވެރިކަން ދެމެހެއްޓުމަކީ ކަމަކާދޭތެރޭގައި އެދުންވެރިކަން ދެމެހެއްޓުމެވެ. ކޮންމެ ކަމެއް ހާސިލުކުރުމުގައި ވެސް ޝައުޤުވެރިކަން ވަރަށް މުހިންމެވެ. ވަކި ލަނޑުދަނޑިއެއް ނުވަތަ ގޯލެއް ނުވަތަ މިޝަނެއް ނުވަތަ ޓާސްކެއް ފުރިހަމަ ކުރުމަށް ވެސް ޝައުޤުވެރިކަމަކީ މުހިންމު ކަމެކެވެ. ކަމެއް ހާސިލުކުރުމަށް އަމިއްލައަށް ޢަޒުމު ކަނޑައެޅުމުގައި އަދި އެ ޢަޒުމުގައި ސާބިތުވެ ހުރުމުގައި ޝައުޤުވެރިކަން މުހިންމު ދައުރެއް އަދާކުރެއެވެ. އަދި ބަޔަކު ލައްވާ މަސައްކަތެއް ކުރުވި ކަމުގައިވިޔަސް އެ ބަޔަކު އެކަމަކަށް ޝައުޤުވެރިކުރުވާ އަދި އެބައެއްގެ ޝައުޤުވެރިކަން އިތުރުކުުރުމަކީ ނުވަތަ އެބަޔަކު ޝައުޤުވެރިކަމާއެކު ބޭތިއްބުމާއި އެބައެއްގެ މެދުގައި ރޫޙާއި ޖޯޝް އުފެއްދުމަކީ މުހިންމު ކަމެކެވެ.

Tuesday, January 9, 2018

ޅައިރުގެ ހަނދާން



މަތީގައިވާ ފޮޓޯ ފެނުމުން އަޅުގަނޑުގެ ޅައިރުގެ ހަނދާންތައް ހޭލައިފިއެވެ. އުފަން ރަށުގެ އޭރާއި މިހާރުގެ ތަފާތު ބުނެދީފިއެވެ. އޭރު މަނަދޫއަކީ ފަޅު ކޮނެ ބަނދަރު ހަދާފައި އޮތް ރަށެއް ނޫނެވެ. ފަޅުތެރޭގައި ރީތި ކުޑަކުޑަ ރަށެއް އޮތެވެ. ދިޔަހިކޭ ދުވަސްވަރު މުޅި ފަޅު އޮންނާނީ ހިކިފައެވެ. އެ ކުޑަކުޑަ ރަށަށް ނުތެމި ދެވޭނެއެވެ. ފަޅުމަތީގައި މަސް ހިފަން އުޅުނު ގޮތާއި، އަމަންތަ (ސަނދަރަ) ނަގަން އުޅުން ގޮތެވެ. ބޮލި ހިލަން އަންހެންވެރިން އުޅުނު ގޮތެވެ. ބޮނބި ފާކުރަން މީހުން ބޮބި ވަޅުލާ އުޅުނު ގޮތެވެ. ކުދިން ވަދު ދޯނިތަކުން ފަޅު ޒީނަތްތެރިކޮށްފައި އޮންނަ ގޮތެވެ. ވިހައިގެން އަންހެންވެރިން މޫދަށް އެރި ތިބޭ ގޮތެވެ. ފަޅުގައި ދާއަޅާ ކަޅުއޮށާއި ރާބުޅުތައް އެއްގަންކުރާ ގޮތެވެ. މަހުން ލަފާ މީހުން މަސްތައް ރާޅު ފެންފަށަށް އުކާލާގޮތެވެ. އަތިރިމަތީގައި ދޮށި އުކައިގެން ކޮރަކައްޔާއި މެކުނާއި ބޮޑެތި އޮރިތައް ބާނާ ގޮތެވެ. ދުރުން މާ ދުރުން އުދުހިފައި އަންނަ ރަތަފައިތައް މަނަދޫގެ އަތިރިމަތީގައި ހިނގާއުޅުނު ގޮތެވެ. މަޅިފަތި ހިފައިގެން ކުޑަ ކުދިންތައް އެ ސޮރުމެން ލަވާ އުޅުނު ގޮތެވެ.