Tuesday, July 11, 2023

ދައުލަތުގެ ނިޝާނުގައި އަތުކުށެއް

 


ޢަބްދުﷲ ސަޢީދު

 

ސަރުކާރުގެ އިދާރާއަކަށް ރަސްމީ ކަމެއްގައި ދިޔަ ދުވަހެކެވެ. ރަސްމީ ލިޔުމެއްގައި ޖަހާފައިވާ ދައުލަތުގެ ނިޝާނުގައިވާ ކުށެއް ފާހަގަވިއެވެ. އެ ދުވަހުގެ ފަހުން އެކަމަށް ޚާއްޞަ ސަމާލުކަމެއް ދެވުނެވެ. ރަސްމީ ލިޔުމަކުން ނޫނީ ރަސްމީ ވެބްސައިޓަކުން ވެސް އެ ދުވަސްކޮޅު ފުރަތަމަ ބަލާލެވެނީ ދައުލަތުގެ ނިޝާނަށެވެ. އެ އަތުކުށް އޮތް ނިޝާން އެތައް އެއްޗަކުން ފާހަގަވިއެވެ.

 

ލިޔެކިޔުންތަކުންނާއި ވެބްސައިޓްތަކުން އަދި ވީޑިއޯ ތަކުންނެވެ. ދައުލަތުގެ ނިޝާނުގެ އަސްލު ފަރުމާއާ އެ ފަރުމާ ތަފާތެވެ. މިހާރު ވެސް އެ އަތުކުށް ޖެހިފައިވާ ފަރުމާ އެބަ ފެނެއެވެ.

 

ވެގެން މި އުޅޭ ގޮތަކީ ރީތި އަދި ސައިޒު ވެސް ބޮޑު ދައުލަތުގެ ނިޝާނެއް ވީމާ ނެޓުން ނަގައިގެން ބޭނުން ކޮށްލެވެނީއެވެ. އެ ނިޝާނުގައި އަތު ކުށެއް އޮތްކަން އަޅައި ނުގަންނަނީއެވެ. ފާހަގަ ނުވަނީއެވެ. އަތުކުށެކޭ އަޅުގަނޑު މި ދަންނަވަނީ އެއީ ނިޝާން ކުރައްސަވައި ނެޓަށް ދޫކޮށްލެއްވި ފަރާތުން ގަސްތުގަައި ކުރެއްވި ކަމެއްކަމަށް ހީނުވާތީއެވެ. މީހަކު އަތުން ކަމެއް ވެދާނެއެވެ. އެކަމަކު މިއީ ހިތާމަހުރި ކަމެކެވެ. މި ކަމަކީ ގަސްތުގައި ކޮށްފައިވާ ކަމެއް ނަމަ މީ އަދި މާބޮޑު ހިތާމަ ކުރަންޖެހޭ ކަމެކެވެ.

 

ދައުލަތުގެ ނިޝާނުގައި ނުބައިކޮށް ހުރީ މާ ބޮޑު ތަނެއް ނޫނެވެ. ގިނަ ބޭފުޅުންނަށް އަޅައި ނުގަންނަނީ ވެސް އެހެންވެ ކަންނޭނގެއެވެ. އަސްލާ ޚިލާފަށް ހުރީ ދައުލަތުގެ ނަން ޢަރަބިން ލިޔެފައި އޮންނަ ރިބަން ފަށުގެ އެއްކޮޅެވެ. އެ ކޮޅުގައި ކަޅުކުލަ ޖައްސާފައިވުމެވެ. ރަނގަޅު ފަރުމާގައި އެ ރިބަން ފަށުގެ ދެ ކޮޅު ވެސް ހުންނާނީ އެއް ގޮތަކަށެވެ. ކުލަ ނުޖައްސައެވެ.

 

ނެޓުން ނަންގަވައިގެން ދައުލަތުގެ ނިޝާނާއި ޤައުމީ ދިދަ ފަދަ ތަކެތި ބޭނުން ކުރައްވާ ފަރާތްތަކުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވަން ޖެހޭނެއެވެ.

 

ރުކަކާއި ދެ ދިދައާއި ހަނދުފަޅިއަކާއި ތަރިއެއްގެ އިތުރުން ދައުލަތުގެ ނަން ޖަހާފައިވާ ރިބަންފަށެއް ހުންނަ ކޮންމެކޮންމެ ކުރެހުމެއް، ކޮންމެކޮންމެ ކުލައެއްގައި ކޮންމެކޮންމެ ބައްޓަމަކަށް ހުރުމަކުން އެއަކަށް ދައުލަތުގެ ނިޝާނެއްގެ ޢިއްޒަތް ދެއްވާކަށް ނުވާނެއެވެ.

No comments: