Monday, August 1, 2016

ޤައުމީ ދިދަ




ޢަބްދުﷲ ސަޢީދު 
ދިދައިގެ ބޭނުމަކީ އެއީ ކޮން ބައެއްކަން ދައްކައި ދިނުމެވެ. ދިދަ އަކީ އެ ބައެއްގެ ނިޝާނެވެ. އެ ނިޝާނުގެ ކުލަތަކާއި ފަރުމާތައް ގުޅިފައިވަނީ އެ ބައެއްގެ އަޤީދާ އާއި އެ ބައެއްގެ ޤައުމިއްޔަތާއެވެ. ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއް ރަމްޒުކޮށްދޭ ދިދަ އަކީ އެ ޤައުމެއްގެ ޤައުމީ ދިދަ އެވެ. 

ދިވެހިން ޤައުމީ ދިދައެއް ގެންގުޅެއްފެށި ދުވަސްވަރެއް ނޭނގެއެވެ. އެހެންނަމަވެސް މިހާރު މި ބޭނުންކުރާ ޤައުމީ ދިދައިގެ ކުރިން ވެސް ޤައުމީ ދިދައެއް އޮވެއެވެ. ފުރަތަމަ ބޭނުންކުރި ޤައުމީ ދިދައަކީ ހަމައެކަނި ރަތްކުލަ ހިމެނޭ ދިދައެކެވެ. އެ ދިދަ ދަނޑިމައްޗާ އެކުގައާއި ހުދު ހަނދުފަޅިއަކާއެކު ވެސް ބޭނުންކޮށްފައިވެއެވެ. ދިދައިގެ ކުލަ ތަކުގެ ގޮތުގައި ފެއްސާއި ރަތާއި ހުދު ހިމެނިގެންދިޔައީ 1932 ވަނަ އަހަރުއެވެ. އޭރު ދިދައިގައި ހަނދުފަޅި ހުންނަނީ ދިދަދަނޑިއާވީކޮޅަށެވެ. ދިދަ ދަނޑިއާ ދުރަށްވާގޮތަށް ހަނދުފަޅި ބަދަލު ކުރެވުނީ 1953 ވަނަ އަހަރުއެވެ. 20 ވަނަ ޤަރުނުހާތަނުން ފެށިގެން ދިވެހި ޤައުމީ ދިދައިގައި އަނބުރާފައިހުރި ކަޅާއި ހުދުގެ ދަނޑިމަތި ދިދައިން އުނިކުރީ 1965 ވަނަ އަހަރުއެވެ. ދިވެހި ޖުމްހޫރިއްޔާގެ މިހާރުގެ ޤާނޫނު އަސާސީގައި ވާގޮތުން ޤައުމީ ދިދަ އެކުލެވިގެންވަނީ ފެހިކުލައިގެ ދިގު އަކައެއްގެ މެދުގައި ހުންނަ ހުދު ހަނދުފަޅިއަކާއި، މި ފެހި ދިގު އަކައިގެ ބޭރުން ހުންނަ ރަތްކުލައިގެ ބޯޑަރެއްގެ މައްޗަށެވެ. ޤައުމީ ދިދައިގެ ފުޅާ މިނަކީ އޭގެ ދިހުމުގެ ތިންބައިކުޅަ ދެބައެވެ.
ދިވެހި ޤައުމީ ދިދައިގައި ހިމެނޭ ކޮންމެ ކުލައަކުންވެސް ކަންތައްތަކެއް ރަމްޒުކޮށްދެއެވެ. ރަތް ކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެ އަކީ ޤައުމަށްޓަކައި ލެއާއި ފުރާނައިން ޤުރުބާންވުމަށް ފަސްނުޖެހޭ ދަރިންތަކެއް ލިބި ޤައުމެއް ކަމެވެ. ފެހި ކުލައިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ މިނިވަންކަމާއި ޞުލްޙަ މަސަލަސްކަން ޤާއިމުވެފައިވާ ޤައުމެއް ކަމެވެ. ހުދުކުލަ ނުވަތަ ހުދު ކުލައިގެ ހަނދުފަޅިން ރަމްޒުކޮށްދެނީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމެވެ.
ކޮންމެ ޤައުމެއްގައި ވެސް ޤައުމީ ދިދަ އަށް ދެވިފައިވަނީ ވަރަށް ބޮޑު އިޙްތިރާމަކާއި ޤަދަރެކެވެ. ވަރަށް ބޮޑު ޝަރަފަކާއި ޢިއްޒަތެކެވެ. ދިދަ ނަގާއިރު އެހެން ހުރިހާ ދިދައަކަށްވުރެ ކުރިން ނަގަނީ ޤައުމީ ދިދައެވެ. ތިރިކުރާއިރު ޤައުމީ ދިދަ ތިރިކުރާނީ އެންމެ ފަހުންނެވެ. ދިދަ ނަގާއިރު ނަގަނީ އަވަހަށެވެ. ދިދަ ތިރިކުރާއިރު ތިރިކުރަނީ ލަސްލަހުންނެވެ. ގިނަ ޤައުމުތަކެއްގެ ޤައުމީ ދިދަ އެއްތަނެއްގައި ހުންނައިރު ހުންނަނީ އެއް އުސްމިނެއްގައި، އެއް ސައިޒެއްގައެވެ. އެކަމަކު އެ ރަސްމިއްޔާތެއް އޮންނަ ޤައުމުގެ ދިދައަށް އިސްކަން ދިނުމުގެ ގޮތުން އެ ދިދައަށް ދިދަ ތަކުގެ މެދުން ޖާގަ ދެވެއެވެ. ޤައުމީ ދިދަ ނަގާ ދަނޑިއަކަށް އެހެން ދިދައެއް ނުނަގައެވެ. މަޖުބޫރު ހާލަތެއްގައި އެގޮތަށް ނަގަން ޖެހުނަސް ޤައުމީ ދިދަ ހުންނަނީ އެންމެ އުހުގައެވެ. ޝަރަފުގެ ހިނގާލުންފަދަ ރަސްމީ އިޙްތިފާލު ތަކުގައި ޤައުމީ ދިދަ ހުންނަނީ އެންމެ ޝަރަފުވެރި މަޤާމުގައެވެ. ދެ ދިދަ ހުންނަ ނަމަ ކަނާތް ފަރާތުގައެވެ. އެއަށްވުރެ ގިނަ ދިދަ ހުންނަ ނަމަ މެދުގައެވެ. ދިދައިގެ ކަނާތްފަރާތް ކަމުގައި ބަލަނީ އެ ދިދަ ކުރިމަތިކޮށްފައިވާ ފަރާތަށް ކުރިމަތިލައިގެން ހުންނަ މީހާގެ ކަނާތްފަރާތެވެ.
ޤައުމީ ދިދައިން އެ ޤައުމެއްގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދެއެވެ. އެ ޤައުމެއްގެ ޝާނާއި ޝައުކަތު ދައްކުވައިދެއެވެ. އެއީ ކޮން ބައެއްކަމާއި އެ ބައިމީހުންގެ އަޤީދާ އާއި ޤައުމިއްޔަތާއި ޢަޒުމް ބުނެދެއެވެ. ކޮންމެ ޤައުމެއްގައިވެސް ޤައުމީ ދިދައެއް އޮންނަނީ އެހެންވެގެންނެވެ.

No comments: