ޢަބްދުﷲ ސަޢީދު
ދިވެހި އަސްކަރިއްޔާއަށާއި
ދިވެހި ދައުލަތަށް 53 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތްކޮށްދެއްވި މއ. ހައިވަކަރުގޭ
އަލްފާޟިލް ހައިވަކަރު އަޙްމަދުފުޅުގެ ފުރިހަމަ ނަންފުޅަކީ އަޙްމަދު ޔޫސުފެވެ. އެމަނިކުފާނު
ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1 ސެޕްޓެންބަރު
1932 ގައެވެ. ބައްޕައަކީ ޔޫސުފް އާދަމެވެ. މަންމައަކީ ޢާއިޝަތު އަބޫބަކުރެވެ.
ހައިވަކަރު
އަޙުމަދު ފުޅު ތަޢުލީމް ޙާޞިލް ކުރެއްވީ މަޖީދިއްޔާ ސްކޫލުންނެވެ. އެމަނިކުފާނުގެ ޤައުމީ
ޚިދުމަތުގެ ފެށުމަކީ ދިވެހި އަސްކަރިއްޔާއެވެ. ހައިވަކަރު އަަޙްމަދުފުޅު ދިވެހި އަސްކަރިއްޔާއާ
ގުޅިވަޑައިގަތީ 08 އޮކުޓޫބަރު 1953ގައެވެ. އެ ދުވަހުން ފެށިގެން އިޚްލާޞްތެރިކަމާއި
ވަފާތެރިކަމާއެކު 24 އަހަރަށްވުރެ ގިނަ ދުވަހު ދިވެހި އަސްކަރިއްޔާގައި ޚިދުމަތް ކުރެއްވިއެވެ.
މި ދިގު މުއްދަތުގެ ތެރޭގައި ސިފައިންގެ 4 ނަންބަރު ސަރުދާރުކަމާއި، 3 ނަންބަރު ސަރުދާރުކަމާއި،
2 ނަންބަރު ސަރުދާރުކަމާއި، 1 ނަންބަރު ސަރުދާރުކަމާއި ކެޕްޓަންގެ މަޤާމު އަދާކުރެއްވިއެވެ.
ހައިވަކަރު އަޙްމަދު ފުޅު ފާހަގަކުރެވިފައިވަނީ ހިންގުންތެރި ލީޑަރެއްގެ ގޮތުގައެވެ.
ޚާއްޞަގޮތެއްގައި އިދާރީ ހިންގުންތެރިކަމާއި މެނޭޖްމަންޓުގެ ދާއިރާއިން އަސްކަރިއްޔާއަށް
ކޮށްދެވި ޚިދުމަތްތައް ގިނަގުނައެވެ. އަސްކަރިއްޔާގެ ގަވާއިދުތަކާއި ނިޒާމުތަކާއި އުސޫލުތައް
އަދި އަސްކަރީ ފަލްސަފާތައް ނަގަހައްޓައި ދެމެހެއްޓެވުމުގައި ހައިވަކަރު އަޙްމަދު ފުޅަކީ
އަމިއްލަ ޝަޚްސިއްޔަތުން ފުރިހަމަ ނަމޫނާއެއް ދައްކަވައިދެއްވި ވަރުގަދަ އަސްކަރީ ލީޑަރެކެވެ.
ސިފައިންގެ
ޚިދުމަތާ ގުޅިވަޑައި ގެންނެވިއިރު ވެސް ހައިވަކަރު އަޙްމަދު ފުޅަކީ ރާއްޖޭގައި ފާހަގަކޮށްލެވޭ
ކުޅިވަރުގެ ޝަޚްސިއްޔަތެކެވެ. ޚާއްޞަގޮތެއްގައި އެއީ ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ
ޒަމާނީ ފުޓްބޯޅަ ކުޅެންފެށި ޖީލުގައި އެންމެ ފާހަގަކޮށްލެވޭ އެންމެ މޮޅު ގޯލްކީޕަރެވެ.
ފުޓްބޯޅައިގެ އިތުރުން ހޮކީއާއި ކްރިކެޓްފަދަ ގިނަ ކުޅިވަރުތަކެއް ކުޅުއްވި ހައިވަކަރު
އަޙްމަދު ފުޅު ސިފައިންގެ ޚިދުމަތާ ގުޅިވަޑައިގެންނެވުމަށްފަހު ރަގަބީ ގުޅުއްވަން ފަށްޓަވައި،
މަތީ ފެންވަރުގައި ރަގަބީ ކުޅުއްވިއެވެ.
ހައިވަކަރު
އަޙްމަދު ފުޅަކީ ކޮންމެ ކަމެއް ވެސް ވަރަށް އިޚްލާޞްތެރިކަމާއެކު ކަމަށްކަމޭ ހިތްތަވައިގެން
ކުރެއްވި ބޭފުޅެކެވެ. ސިފައިންގެ ޚިދުމަތުގެ ތެރެއިން އޭރަކު ކުރައްވަން ޖެހިވަޑައިގެންނެވި
ކޮންމެ ކަމެއް ފަސްޖެހިވަޑައި ނުގެން ކުރެއްވި، އަމުރަށް ކިޔަމަންތެރި އަދި ނަޒާހަތްތެރި
ބޭފުޅެކެވެ. އެއީ އެ މަނިކުފާނުގެ އަސްކަރީ ހަޔާތުގައި ރާއްޖޭގައި ހިނގާދިޔަ ދާޚިލީ
ބޮޑެތި ހަމަނުޖެހުންތައް ހަމައަކަށް އެޅުވުމުގައި ސިފައިން ހިންގި ބޮޑެތި ޚާއްޞަ އޮޕަރޭޝަންތަކުގައި
ޢަމަލީގޮތުން ބައިވެރިވެވަޑައިގެންނެވި ބޭފުޅެކެވެ. އެމަނިކުފާނު ވެފައިވަނީ ޤާނޫނާއި
ގަވާއިދުތަކަށް ފުރިހަމައަށް ތަބާވެވަޑައިގެންނެވި އަދި އެހާމެ ޝައުޤުވެރިކަމާއެކު
ޚިދުމަތް ކުރެއްވި ބޭފުޅަކަށެވެ. ސިފައިންގެ ތެރޭގައި ފުލުހުންގެ ޚިދުމަތް އޮތްއިރު
އެ ޚިދުމަތުގެ ތެރޭގައި ވެސް އިސް މަޤާމުތަކެއް ފުރުއްވިއެވެ. މިގޮތުން 27 އޮގަސްޓް
1960ގައި ތަހުގީގު އޮފީހުގެ މަސައްކަތްފެށުނުއިރު މާރާމާރީއާ ބެހޭ ބައިގެ ވެރިޔާގެ
އެހީތެރިއަކަށް ހުންނެވީ އެ މަނިކުފާނެވެ. އެއީ އަސްކަރިއްޔާއިން ލިބިވަޑައިގަންނަވަމުން
ދިޔަ ތަޖުރިބާގެ އަލީގައި ޝަޚްސިއްޔަތު ބިނާކުރެއްވި ސިފަވަންތަ ލީޑަރެކެވެ. ހައިވަކަރު
އަޙްމަދު ފުޅުގެ ޝަޚްސިއްޔަތުން ފާހަގަކުރެވޭ އެންމެ ޚާއްޞަ ސިފައަކީ އަސްކަރީ މަތިވެރި
އަޚްލާޤެވެ. އެއީ ވަގުތަށް ކަމޭހިތެއްވުމާއި ވެރިންނަށް ކިޔަމަންތެރިވުމުގައި ނަމޫނާ
ބޭފުޅެކެވެ.
ހައިވަކަރު
އަޙްމަދު ފުޅު ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވީ 27 ޑިސެންބަރު 1978 އެވެ. އެއީ
ސިފައިންގެ އެންމެ މަތީ ފަންތީގައި ދިވެހި އަސްކަރިއްޔާއަށް ގިނަގުނަ އަގުހުރި ޚިދުމަތްތަކެއް
ކޮށްދެއްވި އަސްކަރީ ލީޑަރެކެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރެއްވުމަށްފަހު ވެސް
ދިވެހި ދައުލަތަށާއި ސަރުކާރަށް އެ މަނިކުފާނު ވަނީ ވަރަށް އަގުހުރި ޚިދުމަތްތަކެއް
ކުރައްވާފައެވެ. މިގޮތުން އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި މުލަކަ އަތޮޅާއި ފާދިއްޕޮޅާއި
އައްޑުއަތޮޅުގެ އަތޮޅުވެރިކަން ހިމެނެއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ޕްރޮވިންސަލް
އެފެއަރޒްގެ އެސިސްޓެންޓް އަންޑަރ ސެކެޓްރީކަމާއި، ރެންޓަލް ޑިވިޝަންގެ އެސިސްޓެންޓް
މެނޭޖަރުކަމާއި، މެނޭޖަރުކަމާއި، ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުކަމާއި، މިނިސްޓްރީ
އޮފް އިންފޮމޭޝަން އާޓްސް އެންޑް ކަލްޗަރ ގެ ޑިރެކްޓަރުކަމާއި، އެސިސްޓެންޓް ޑިރެކްޓަރު
ޖެނެރަލްކަމާއި، ކޮމިޔުނިޓީ އޯގަނައިޒޭޝަން ޑިވެލޮޕްމަންޓް ކައުންސިލްގެ ޑިރެކްޓަރު
ޖެނެރަލްކަން ހިމެނެއެވެ.
ހައިވަކަރު އަޙުމަދު ފުޅަކީ ސަރުކާރުގެ ވަޒީފާ އަދާކުރެއްވުމުގައި
ގާނޫނާއި ގަވާއިދުތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވެ ވަޑައިގެންނެވި ބޭފުޅެކެވެ. ޚިދުމަތް
ކުރެއްވި ކޮންމެ ދާއިރާއެއްގައި ވެސް ވެރިންނާއި މުވައްޒިފުންގެ އިތުބާރު ހޯއްދެވި
ބޭފުޅެކެވެ. ސަރުކާރުން ފޯރުކޮށްދޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރެއްވުމަށާއި ހަރުދަނާ
ނިޒާމުތަކާއި އުސޫލުތައް އެކުލަވާލައްވައި އެގޮތުގެ މަތިން އަމިއްލަފުޅު ޝަޚްސިއްޔަތުން
ނަމޫނާ މިސާލު ދައްކަވަމުން ލީޑުކުރެއްވި ވެރިއެކެވެ.
މީގެތެރެއިން
ފާހަގަކޮށްލެވޭ އެއް ހާދިސާއަކީ ދިވެހިރާއްޖެއަށް ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ
ވަރުގަދަ އަދި އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާކަމުގައިވާ 1988 ނޮވެންބަރު 3ގެ
ޢުދުވާނީ ޙަމަލާގައި އެމަނިކުފާނު ކުރެއްވި އަގުހުރި ޤައުމީ ޚިދުމަތެވެ. އޭރު އެމަނިކުފާނު
ހުންނެވީ ސެންޓްރަލް ހޮސްޕިޓަލްގެ މެނޭޖަރުގެ މަޤާމުގައެވެ. އެ ޙަމަލާ ދޭން ފެށުމާއެކު
ފަތިހު ހޮސްޕިޓަލަށް ވަޑައިގެން ޑޮކްޓަރުންނާއި ނަރުހުން ޚިދުމަތަށް ނެރުއްވައި، އަސްކަރީ
ކޭމްޕެއްގެ ގޮތުގައި 24 ގަޑިއިރު ޚިދުމަތްދޭ ހޮސްޕިޓަލަކަށް އެ ހޮސްޕިޓަލް ބަދަލުކުރެއްވިއެވެ.
އޭރު އެތަނުގައި ތިއްބެވި މަދު އަދަދެއްގެ ޑޮކްޓަރުންނާއި ނަރުހުންނާއެކު އެ ދުވަސްވަރު
ހުރިހާ ވަގުތެއް އެމަނިކުފާނު ހޭދަކުރެއްވީ ހޮސްޕިޓަލުގައެވެ. އޭރު މާލޭގައި އިތުރު
ހޮސްޕިޓަލެއް ނެތުމާއެކު ހޮސްޕިޓަލުން ދޭންޖެހޭ ފަރުވާތައް ކުރިއަށް ގެންދެވޭގޮތް ހަމަޖައްސަވަމުން
ނޮވެންބަރު ތިނެއްގެ ޢުދުވާނީ ޙަމަލާގައި ބޮޑެތި ޒަޚަމްތައްވީ ފަރާތްތަކަށް ފަރުވާދެވޭނެ
އިންތިޒާމުތައް ހަމަޖައްސަވަމުން ގެންދެވިއެވެ.
ރައީސް މައުމޫނުގެ
ޒަޢާމަތު ފެށުނުއިރު ހައިވަކަރު އަޙްމަދު ފުޅު ހުންނެވީ ސިފައިންގެ 1 ނަންބަރު ސަރުކާރުގެ
ރޭންކުގައެވެ. އެ ދުވަސްވަރު ސިފައިންގެ ޚިދުމަތުގައި ތިއްބެވި އެންމެ އިސް ބޭފުޅުން
ތިއްބެވީ އެ ރޭންކުގައެވެ. 13 ނޮވެންބަރު 1978 ގައި ސިފައިންގެ 1 ނަންބަރު ސަރުދާރުގެ
ރޭންކާ އެއްވަރު ރޭންކެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކެޕްޓަންގެ ރޭންކު
ހަމަޖެއްސެވިއެވެ. އެހެންކަމުން ހައިވަކަރު އަޙްމަދު ފުޅު ސިފައިންގެ ޚިދުމަތުން ރިޓަޔަރ
ކުރެއްވިއިރު ހުންނެވީ އޭރު ސިފައިންގެ އޮނިގަނޑު ހަމަޖެހިފައިވާ ގޮތުން ސިފައިންގެ
އެންމެ އިސް ރޭންކު ކަމުގައިވާ ކެޕްޓަން ރޭންކުގައެވެ. ދިވެހިރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ
ރައީސް، ރައީސް ނާޞިރުގެ ވެރިކަން ގާނޫނާއެއްގޮތަށް އޮމާންކަމާއެކު ބަދަލުކުރެވިގެން
ދިއުމުގައި އަސްކަރިއްޔާގެ އޭރުގެ ލީޑަރޝިޕުން ކުރެއްވި އިޚްލާޞްތެރި މަސައްކަތުގައި
ހައިވަކަރު އަޙްމަދު ފުޅު އިސް ދައުރެއް އަދާކުރެއްވިއެވެ. ސިފައިންގޭގައި އެންމެ އިސް
ރޭންކެއްގެ ގޮތުގައި ކެޕްޓަންގެ ރޭންކް ހަމަޖެއްސެވިއިރު އެ ރޭންކުގެ އިންސިގްނިއަރ
އަކީ ހުރަހަށް ކިނާރީ ފަށެއްއަޅައި އެ ފަށާ
ޖެހިގެން ޕިޕެއް ޖަހާފައި ހުންނަ މަހުމާގަނޑެކެވެ.
އަލްމަރްޙޫމް
ހައިވަކަރު އަޙްމަދުފުޅު އަވަހާރަވީ، އާލާސްކަންފުޅާ އުޅުއްވާތާ ދުވަސްތަކެއްވުމަށްފަހު
2022 އޮގަސްޓް 5 ވީ ހުކުރު ދުވަހު ހެނދުނު އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ.
އަވަހާރަވިއިރު ޢުމުރުފުޅަކީ، 89 އަހަރެވެ. ފަސްދާނު ލެވުނީ މާލޭ އާސަހަރާގައެވެ.
ހައިވަކަރު
އަޙްމަދު ފުޅާ ބައްދަލުކޮށް އެ މަނިކުފާނުގެ އަސްކަރީ ޚިދުމަތުގެ ދުވަސްވަރު ސިފައިންގޭގެ ކަންތައްތައް ހުރިގޮތުގެ މައްޗަށް އެއްފަހަރަށްވުރެ
ގިނަ ފަހަރު ވާހަކަ ދައްކައި މަޢުލޫމާތު ހޯދުމުގެ ފުރުސަތު އަޅުގަނޑަށް އެމަނިކުފާނު
ދެއްވިއެވެ. އަމިއްލަފުޅު ގޭގައި ވެސް ބައްދަލުކުރެއްވިއެވެ. އަތްޕުޅުގައި ހުރި ފޮޓޯތައް
ދައްކަވައި ބައެއް ފޮޓޯ ހިއްސާކުރެއްވިއެވެ. އަމިއްލަފުޅު ވަރަށް ގިނަ ވާހަކަތަކާއި
ތަޖުރިބާތައް ހިއްސާކުރެއްވިއެވެ. އެއިން ކޮންމެ ފުރުސަތެއްގައި ވެސް އަޅުގަނޑަށް އިހުސާސް
ކުރެވުނީ އެ މަނިކުފާނަކީ ސިފައިންގެ ބޭފުޅެއްކަމެވެ. ސިފައިންގެ ޚިދުމަތުން ރިޓަޔަރ
ކުރައްވައިގެން ހުންނެވިތާ އެތައް އަހަރެއް ފާއިތުވެދިޔައިރު ވެސް އެމަނިކުފާނުގެ ޝަޚްސިއްޔަތުގައިވާ
ސިފަވަންތަކަން ފަނޑުނުވާކަމެވެ. ގަޑިއަށް ފަރުވާތެރިވުމުގައި ފެނުނީ ފުރިހަމަ ނަމޫނާއެކެވެ.
ދެން ފާހަގަވީ ދިވެހި އަސްކަރިއްޔާއާމެދު އޮތް މަތިވެރި ލޯތްބެވެ. އޭރުގެ ވާހަކަތައް
އާކައިވްކޮށްދެއްވުމަށް އޮތް ޝައުޤުވެރިކަމެވެ. އެ އަގުހުރި މަސައްކަތްޕުޅުވީ ދިވެހި
އަސްކަރީ ތާރީޚަށް ލިބުނު ވަރަށް ބޮޑު މުއްސަނދިކަމަކަށެވެ.
އަޅުގަނޑުގެ
ހެޔޮ ދުޢާއަކީ އިޚްލާޞްތެރިިކަމާއި ވަފާތެރިކަމުގައި ދިވެހި އަސްކަރިއްޔާއަށާއި ދިވެހި
ދައުލަތަށް ކޮށްދެއްވި އަގުހުރި ޤައުމީ ޚިދުމަތުގައި ބަރަކާތްލައްވައި ހެޔޮ ދަރުމަ
މިންވަރުކުރެއްވުމެވެ.