Wednesday, July 26, 2023

މިއުޒިކަލް ޑްރާމާ: ކަޅުތުއްކަލާ


ޢަބްދުﷲ ސަޢީދު

ނޯޓް: މިއީ 2023 ޖުލައި 26 ވަނަ ދުވަހު ފާހަގަކުރި ދިވެހިރާއްޖޭގެ ފަޚުރުވެރި 59 ވަނަ މިނިވަން ދުވަހުގެ ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތަކުގައި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުން ތައްޔާރުކުރި މިއުޒިކަލް ޑްރާމާގައި ކީ ލަވަތަކުގެ ޅެންތަކެވެ. މި ޅެންތައް ހެދުމުގެ ފުރުސަތު ދެއްވި ކަމަށް ޓަކައި އެމްއެންޑީއެފްގެ ލީޑަރޝިޕަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ. މި މިއުޒިކަލް ޑްރާމާގެ މަފްހޫމް ތައްޔާރުކުރައްވައި ޑައިރެކްޓްކުރެއްވީ ލެފްޓިނަންޓް (ރިޓަޔަރޑް) އަޝްހަރު ވަޙީދެވެ.

 

ކަޅުތުއްކަލާއަކީ، މީލާދީން ހާހާ ސޯޅަސަތޭކަ އެކާވީސް ވަނަ އަހަރުން ހާހާ ސޯޅަ ސަތޭކަ އަށާޅީސް ވަނަ އަހަރަށް ދިވެހިރާއްޖޭގެ ރަސްކަމުގައި ރެދަލިކުރެއްވި އައްސުލްޠާން މުޙައްމަދު ޢިމާދުއްދީން (އެއްވަނަ) ސިރީ ކުލަ ސުންދުރަ ކައްތިރި ބަވަނަ މަހާރަދުން. ނުވަތަ  މަޝްހޫރު ބޮޑު ރަސްގެފާނު. އުތީމު ޝަހީދު އަލިތަކުރުފާނުގެ މުނިކާފަ ދަރިކަލުން ކަޅުތުއްކަލާއަކީ ދިވެހިތާރީޚު ދުށް އެންމެ ވަރުގަދަ އަސްކަރީ އަދި ދިފާޢީ ޤައުމީ އެއް ޚިދުމަތްތެރިޔާ.

ރާއްޖޭގެ މިނިވަންކަމުގެ  ދިފާޢަށްޓަކައި ފުރަމާލޭގައި ދިފާޢީ ބުރުޒުތައް ބިނާކުރައްވައި ބޮޑުފާރު ރާނުއްވައި، ބަޑިދޮރުތައް ކަނޑުއްވައި، ހަތިޔާރު ހޯއްދަވައި، ދިވެހިރާއްޖޭގެ ދިފާޢީ ނިޒާމު ވަރުގަދަ ކުރައްވައި، ދުޝްމަނުން އައި ކޮންމެ ފަހަރަކު މިކަން ކެރިގެން ހަނގުރާމަކުރައްވައި ދުޝްމަނުން ބަލިކުރެއްވި. ދިވެހިރާއްޖޭގައި އަމާންކަން ޤާއިމުކުރައްވައި، ބޭރުގެ ގުޅުންތައް ބަދަހިކުރައްވައި، ވިޔާފަރި ފުޅާކުރައްވައި ދިވެހި ރައްޔިތުންނަށް ތަނަވަސްކަމާއި އުފާވެރިކަން ހޯއްދަވައިދެއްވި.

މި މިއުޒިކަލް ޑްރާމާ ފެށިގެން މިދަނީ ކަޅުތުއްކަލާ ދިވެހިރާއްޖޭގެ ރަސްކަމަށް އިސްވެވަޑައިގެންނެވިތާ ފަސްވަނަ އަހަރު ޕޯޗްގީޒުންގެ ފަނަރަ ގުރާބެއް އައިސް މާލެއަށް ބޮޑުބަޑިން ހަމަލާދިން ހަނގުރާމާއިން. އެއަށްފަހު މާލޭގެ ދިފާޢުއަށް ކަޅުތުއްކަލާ އިސްވެ ހުންނަވާ ކުރެއްވި ބަރުގަދަ ދިފާޢީ މަސައްކަތްތަކާއި، ދިވެހިރައްޔިތުންނާއި ދިވެހި އަސްކަރުންގެ ހިތްތަކުގައި ޤައުމުގެ މިނިވަންކަމާމެދު އޮތް މަތިވެތި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ފެނިވަޑައިގަންނަވާނެ.

 

 

 

1.     ފުރަތަމަ ލަވަ: ހަނގުރާމައަށް އަމީރުންނާއި ވަޒީރުންނާއި ލަޝްކަރު ފުރަގަސް ނުދިނުމަށް އަހުދުކުރުވުން

 

އަމީރުންނާ ވަޒީރުންނޭ، މި ޤައުމުގެ ލަސްކަރީންނޭވޭ

މިހަނގުރާމައިން ނުދެން ފުރަގަސް، ހުވާކޮށްފައި އަހުދުވާށޭ

 

އައީ ނުލަފާ ފުށެތިކާލުން، ހިފަން ޤައުމުގެ އަދުއްވުންނޭ

މިއީ ޤައުމަށް ޓަކާ ތެދުވަން، މިބިން އެދިގެން ގޮވާ ވަގުތޭ

 

އޮތީ ފަސްބަޑި، ޖަހަން ބޮޑުބަޑި

ނެތީ އަތުގައި، އިތުރު ކަނޑިބަޑި

އަތާ އަތްތައް ގުޅައިގެން އުޑި

ކުރޭ ދުޝްމަނުންތަކުން ކުޑިކުޑި

 

(އަންބާއެއް: ހަނގުރާމަ ހިނގަމުންދާ ވަގުތު ފޯރިއާއި ޖޯޝް ގެނައުން)

ދުސްމަނުން – ޖަހާ މަރާނީ

އާންދޮގޭ – ތަޅާ މަރާނީ

ބަލިކުރަން – ފަހާ ދުވާނީ

ދުސްމަނުން – ޖަހާމަރާނީ

 


(ރައިވަރު: ދުޝްމަނުން ބަލިވެގެން ރާއްޖެ ދޫކޮށްދިޔަ ޚަބަރު ރަދުންނަށް ދިނުން)

ލޯބިވެތި ރަދުންނޭ

ޕޯޗުގީޒުން ފުރަތްޕޭ

ބޯވަތައްޖެހި ފިލައްޕޭ

ބޯޓު ބަނގަލާ ހިގައްޖޭ

ހޯދި ނަޞްރާ ފަތަޙައޭ މި

ލޯބި ރަދުން ތެދެކޭ މި

 

2.     ދެވަނަ ލަވަ ( ހަނގުރާމައިން މޮޅުވިއަސް ވަރަށް ބޮޑެތި ގެއްލުންތައް ލިބުން)

 

ލިބުނު ނަޞްރު ދެމެހެއްޓުމުގެ ގަދަ ޢަޒުމުގާ

ލިބުނު އިބުރަތެއްކަމު ބަލައިގެން ހިނގުމުގާ

ލިބުނު އެއްޗަކުން ފުދި އުޅެންވީ ޝަރަފުގާ

ލިބުނު ރަޙުމަތާއެކު ދަރިންނޭ މި ބިމުގާ

 

(ހަނގުރާމައިން މޮޅުވުމުން ރަދުންނަށް ތަޢުރީފުކުރުން)

އުތީމާއި ގުޅިފައިވި އަލިގަދަ ތި ދަންމަރު

މުތީފަދަ ތި ކަޅުތުއްކަލާ އީ މި ހިތްވަރު

މަތީގައި މި ދީނާއި މިނިވަންކަމަށް މަރު

އޮތީ ހިބަކުރުންކަން ވިދާޅުވި ސަރާސަރު

 

 

3.     ތިންވަނަ ލަވަ (ރަދުންގެ އަނބިކަނބަލުން ރަދުންގެ އަރިހުގައި ދަންނަވާ ވާހަކަފުޅުތައް)

 

ފިރިކަލުންނޭ ސާހިބާ، ހާދަބޮޑު ފިކުރެއްގަވާ

     ދުވަހެކޭ މީ ބައްލަވާ، ވީގޮތެއް ބުނެ ދެއްވަވާ

ފުރިކަމަކު އެ ގުރާބުތައް މާލެ ދޫކޮށް އައްސަވާ

     ފުށެތިކާލުން ބަލިވިޔަސް އައިސްފާނެޔޭ އަދި ވިސްނަވާ  

ފަނަރަވަރަށް އައި ގުރާބުގެ ބޮޑުބަޑިން ޖެހި އުންޑަތާ

   ގިނަކަމުންނޭ ލިބުނު ގެއްލުން ބޮޑުވެގެން ދިޔައީ މިތާ

ވޮނަ މި ދޮނަ ރާއްޖޭގެ އެތަކެއް މީހުނެއް މަރުވެއްޖެތާ

    ހުނަރުވެރި އިސްވާރެކޭތީ ފިކުރު މިކަމާ ހިންގަވާ

 

 

(ރަދުން އަނބިކަނބަލުންނަށް ވިދާޅުވާ ވާހަކަފުޅުތައް)

 

މޮޅުވިޔަސް ހަނގުރާމައިން ނިކަމެތިކަމެއް ބޭނުންނުވޭ

      ކޮޅުތަކާ ގޮތް ހޯދުމަށް އަތްތައް ގުޅަން ބޭނުންމަވޭ

            ތޮޅުމަށާ ފޭރެން މިބިން ދޫކޮށްލުމަށް ހިތްނުރެހެވޭ

                  މޮޅުވުމަށް އާގޮތްތަކެއް ހޯދަން ޖެހޭކަން ވިސްނެނީ  

     

ހަތަރުވަނަ ލަވަ (ރެޕް) : ރަސްކަމުގެ ދަރުބާރުގައި ރަދުންގެ ފަތްކޮޅެއް އިއްވުމާއި ވަޒީރުންގެ ޚިޔާލާއި މަޝްވަރާތައް

މިއެ ރަދުން ވިދާޅުވި ބަސްފުޅެއް

ކަންތައް ކުރާނޭ ގޮތުގެ ލަފާފުޅެއް

ބުރުޒު ކޯއްޓޭތައް ވިއްޔޯ ހަދަން

ބޮޑު ފާރު ރާނާ ނަގާ އުސްކުރަން

ބަޑިދޮރު ކަނޑަން، އޮޑިތައް ކަނޑަށް

އަސްކަރުންވި ގިނަ ލަޝްކަރު އެއްކުރަން

 

 

މާތް ރަދުން ހިރިޔާ ދަށަށް. (މާތް ރަދުން)  ދަންނަވަން އާބަސްބުނަން. (ކިޔަމުން)

ފަސްނުޖެހި މިތިބީ ކުރަން ތިޔަ ވިދާޅުވި ބަސްފުޅު ތެދުކުރަން (ނޭކަތުން)

ކޮނޑުތަކާއި ބުރަކަށިތަކުން

ހަތަރެސްފަޔާ އާލާތްތަކުން

ގާތަށް ނަގާ އުވަތައް ދަވާ

ތަންތަން ރާނާ ނިންމަމާ

 

 

 

މާތް ސާހިބާ (ސާހިބާ)

ކިހިނަކުންހެ ކުރިމަތިލާނީ (ނިކަމެތިކަމުން)

ވާނަމަ (މިހެން ހިމާޔަތުގަ) ދީ ޖިޒީ

ވަމާހޭ ސަލާމަތުން (ސާހިބާ)

މިގޮތާ ނަމައީ ރުހޭ ވާނީ

އިސްތަށިފުޅާއި ހައްޓަށް ލުޔޭ (ހައްޓަށް ލުޔޭ)

                             

4.     ފަސްވަނަ ލަވަ (ބުރުޒުތަކާއި ބޮޑުފާރު ރޭނުމަށް ޢަމުރު ކުރެއްވުން)

 

ބުރުޒުތައް ކޯއްޓޭތަކާ ބޮޑުފާރު ރާނަން ކެރޭ

      ދުރުބަލަން އޮޑި ދޯނިތައް މާކަނޑުން ބޭރަށް ނެރޭ

            ޙުރުމަތަކާ ޤައުމުގެ އަމަން މިނިވަންކަމަށް ހިންމަތްކުރޭ

 

ވާށެވީ ޤާބިލު ދިވެހި ފޯރާ ފުދުންތެރި މީހުނަށް

      ދާށެވީ ހަތިޔާރު ހޯދަން ދަތުރުކޮށް އެކިކަންކޮޅަށް

      ދޭށެވީ ޖާނާއިމާލާ ލޯބިވާ މީ ފަސްގަނޑަށް

                  ލާށެވީ ހިތްވަރު ދަރިންނޭ އެންމެ ފަހު ނޭވާކޮޅަށް

 

 

 

 

 

 

5.     ހަވަނަ ލަވަ (މަސައްކަތް ފޯރިއާއި ޖޯޝުގައި ކުރިއަށްދާގޮތް)

     

ރައްޔިތުން ކުދިބޮޑު ދަރިންނޭ ފަސްނުޖެހި ޒިންމާ ނަގާށޭ

            ރައްކަލަށް ރާއްޖޭގެ ކުރެވޭ ކޮންމެ ކަމަކަށް އިސްނަގާށޭ 

 

(އަންބާއެއް: މަސައްކަތް ހިނގަމުންދާ ވަގުތު)

ބުރަ އުފުލަން - ކެރެންވާނެ

ޤައުމަށް ލޭ – ދެވެންވާނެ

ދާ އޮހޮރަން – ކެރެންވާނެ

ވަޠަނަށް ހިތް – ދެވެންވާނެ

 

(ރައްޔިތުންގެ ތެރޭގައި ހުރި އިދިކޮޅު ބައެއް ޚިޔާލުތައް)

ހައިނުކޮށް ހުއްޓާނުލާ މިފަދަ ބުރައެއް އުފުލެވޭހޭ

      ބައިބަޔަށް މައިފާރުރާނާ ބުރުޒުތައް ކޮއިލާ ހެދޭހޭ

ބުރުޒު ކިޔަނީ ކޯޗަކަށްހޭ، އެނެތަކަސް ބަޑި ނުޖެހެނީހޭ

            ބޮޑު މިފާރާ ބޮޑު މިކޯއްޓޭ ބަލަ ހަދަންވީ ކީއްކުރަންހޭ

 

 

6.     ހަތްވަނަ ލަވަ (ރަދުން ލަޝްކަރަށް ހިތްވަރު ދެއްވުމާއި، ދިފާޢީ މަސައްކަތްތައްކޮށް ނިމުނު ވާހަކަ)

     

އަސްކަރުނޭ ޤައުމުގެތީ، އައްޑަނައޭ ވަޠަނުގެތީ 

 މުޖާހިދުން ދީނުގެތީ، ޤައުމުގެ މަރުކާއޭ ތީ

 

ރަތުލޯބަޑި ލިބިއްޖޭ، ތޮށިތައްލައި ނިމިއްޖޭ

ކޯއްޓޭތައް ހެދިއްޖޭ، ބަޑިދޮރުތައް ކެނޑިއްޖޭ

 

ލަޝްކަރު ގަދަހިތްވަރު، ދައްކާށޭ ތިޔަ ފަންވަރު

ހުންނާނޭ ގަދަ ބުންވަރު، ދަރިފުޅު ތީ އިސްކަންދަރު

 


 

7.     އަށްވަނަ ލަވަ (ރަދުންނާމެދު ރައްޔިތުންގެ މެދުގައި އޮތް ފުރިހަމަ އިތުބާރު ރައްޔިތުން ހާމަކުރުން)

 

އާދެ! މީ ކަޅުތުއްކަލާ، ނުގުޑާނެ އަޒުމެއް ހަމަހިލާ

ދާނެހޭ އޮންނަން ބޮނދާ، ދުޝްމަނުން ފެނިފާ ފިލާ

 

ދިވެހި ދައުލަތް އެކަތިގަނޑަކަށް ހެއްދެވީ ކަޅުތުއްކަލާ

      ދިވެހި ޤައުމަށް ހާއުފާވެރިކަން ގެނެސްދިން ގޮތްބަލާ

ޚަބަރުތައް ލިބެމުންދަނީ ދުޝްމަނުން ނޭ އަންނަނީ

      އަބަދުވެސް ހޭލާ ދަމަށް އަސްކަރުން ތިބި ގޮތް ބަލާ

 

(ރައްޔިތުންގެ ތެރޭގައި އޭރު ވެސް ޚިޔާލު ތަފާތު މީހުން ތިބިކަމާއި އެމީހުން ދައްކާ ވާހަކަތައް)

ކުރި މަސައްކަތް ފަނުފުލުން ގޮސްފާނެތީ ބިރު ހީވެޔޭ

      ޕޯޗުގީޒުން އަންނަތައް ފެނިފައި މިބިރު ބޮޑުވެއްޖެޔޭ

ބުރުޒުތައް މިގޮތަށް ހެދީމާ ވާގޮތެއް ހަމަ ނޭނގެޔޭ  

      ދުރުގަ ތިބެގެން ބަޑި ޖަހަން ފެށުމުން މިކަން އެނގިދާނެޔޭ

 

(ދުޝްމަނުން ރާއްޖެއަށް ހަމަލާދިނުމަށް އައި ޚަބަރު ރަށުތެރޭގައި ގޮވުން)

އަރަތްޕޭ. މަރައްޕޭ. ޕޯޗުގީޒުން އަރައިޕޭ

ގޭދޮރުތައް ލައްޕާށޭ، ކަނޑިންމަތައް ތަޅުލާށޭ

 

8.     ނުވަވަނަ ލަވަ (ހަނގުރާމައަށް ތައްޔާރުވުމަށް ރަދުން އެންގެވުން)

 

ހަނގުރާމައަށް ބެރުޖައްސަވާ، ލަސްކަރުން ސަފުތައްހަދާ

      ހަގުބޭކަލުން ބަޑިތައް ނަގާ، ތައްޔާރު ވާށޭ ވާން ފިދާ

 

ކުރޭ ފުނޑުފުނޑު، ކުރޭ ކުދިކުދި

ނުދީ ފުރުސަތު ކުރަން ވަކިވަކި

ކުރަން ބައިބައި ކުރަން ގަޑުބަޑު

ނުދީ ތަންވަޅު ކުރަން ފޮތިފޮތި

 

(އަންބާ: ހަނގުރާމައިގެ ފޯރިއާއި ޖޯޝް ގެނައުން)

ނުސިހޭނޭ - ދިވެހިންނެއް،

 ނުގުޑާނޭ - މިވެރިންނެއް

ހުޝިޔާރޭ - މިވަރެއްނެތް،

 ނުވެވޭނޭ - އަޅުވެތިއެއް 

 

9.     ދިހަވަނަ ލަވަ (އެންތަމް ސޯންގ: އަޑު އަންނާނީ މާދުރުން ލަޝްކަރު އަންނަ އަޑާއެކު އެ އަޑު ގަދަވަމުން ގަދަވަމުންދާގޮތަށް. އެވަގުތު މިހާރުގެ ދިވެހި ސިފައިން ދަނޑަށް ވަދެގެން އަންނާނެ. އެއަށްފަހު މުޅި ލަވައިން ގުގުމާލާނެ. ނިމިގެންދާނީ ހަވާއެރުވުމާއެކު އެ އަޑާއެކު)

 

ހުވަޔަށް ދޭންއިސްކަން  - ޢަޒުމެއްމީ

ދީނަށް މަފިދާވުން – ޢަޒުމެއްމީ

ޤައުމަށް ޤުރުބާންވުން – ޢަޒުމެއްމީ

ވަޠަނީ މި ޝުޢޫރުން – ޢަޒުމޭމީ

މިގޮތަށް ތިބެގެން ދީނާއި ވަޠަން މި ސަލާމަތަކީ ސިފައިންނޭ

 

ސިފައިންނޭ ޤައުމުދޭ ފަޚުރޭ އުންމަތުގައިވީ މި އިތުބާރޭ (2)

ޤައުމަށްވާނަން މަ ޤުރުބާނީ، ޤައުމަށްވާނަން މަ ޤުރުބާނީ  

މިއޮތީ ހިތުގާ މި ޖަޒުބާތޭ

 

ސިފައިންނޭ ޤައުމުދޭ ފަޚުރޭ އުންމަތުގައިވީ މި އިތުބާރޭ (2)

                   

No comments: