Thursday, July 31, 2008

ސައިކުރާ އިބްރާހިމް ނަޢީމުގެ ހަނދާނުގައި

ލިޔުނީ: ޢަބްދުﷲ ސަޢީދު



އަޅުގަނޑަކީ ކުޑައިރުވެސް ފޮތްކިޔުމުގެ ޝައުޤުވެރިކަން ހުންނަ މީހަކީމެވެ. " ސިނަފް" ގެ ވާހަކަތަކުގެ ތެރެއިން " އެޤަތުލްގެ ސިއްރު" ، " ކަނޑުވިހަތްމީހުންގެ މަރު" އަދި " މަންމަ" ފަދަ ވާހަކަތަކުގެ ބޮޑުބައެއް އޭރު އަޅުގަނޑު ހިތުދަހެވެ. ގޭގައިހުރި މޫންލައިޓްތަކާއި ސަރުކާރުގެ ޚަބަރުތަކުން އެންމެ ކުޑައިރުވެސް ސައިކުރާ އިބްރާހިމް ނަޢީމު ގެ ނަންފުޅު އަޅުގަނޑު ދެކެމެވެ. ޚަބަރުތަކާއި ރިޕޯޓްތައް ލިޔުއްވާފައިހުންނަނީ ވަރަށް ޝައުޤުވެރި ގޮތަކަށެވެ. ބައްދަލުކޮށްލަން ބޭނުންވެފައިވާ ޝަހުސިއްޔަތެއްގެ ގޮތުގައި އެންމެ ކުޑައިރުއްސުރެވެސް ސައިކުރާ އިބްރާހިމް ނަޢީމުގެ ނަންފުޅު ހިތުގައި ބިންވަޅު ނެގިފައިވެއެވެ.

އަޅުގަނޑާ ސައިކުރާ އިބްރާހިމް ނަޢީމް އާ ފުރަތަމަ ބައްދަލުވީ 1988 ވަނަ އަހަރުއެވެ. އެއީ ނ. މަނަދޫއަށް އައިޑީކާޑު ހައްދަވަން ވަޑައިގެން އުޅުއްވި އިރުގައެވެ. އޭރު އަޅުގަނޑަކީ ނ. އަތޮޅު މަދަރުސާގެ ދަރިވަރެކެވެ. ކާޑު ހެދުމަށް ވަޑައިގެންނެވި ޓީމަށް އެހީތެރިވުމަށް ނެގުނު ކުދިންގެ ތެރޭގައި އަޅުގަނޑު ހިމެނުނެވެ. އަޅުގަނޑުމެން ކަންތައްތައް ކުރަންވީގޮތް ކިޔައިދެއްވާ އޮޅުންފިލުވައިދެއްވީ ސީދާ ނަޢީމްބެއެވެ. ނަޢީމްބެގެ ހިންގުންތެރިކަމާއި ތަރުތީބުގެ ފުރިހަމަކަން ވަރަށް ގާތުން ފެނުނެވެ.

އަޅުގަނޑު ސިފައިންގެ ޚިދުމަތާގުޅިގެން ސިފައިންގޭގައި އުޅެނިކޮށް ގިނަ ދުވަސްތަކެއް ވަންދެން ޔުނިޓް ކޮމާންޑަރުކަން ކުރެއްވި ބޭފުޅަކު އެހެން ޔުނިޓަކަށް ބަދަލުކުރެއްވުމުން މުވައްޒަފުންގެ ފަރާތުން ވަރަށް ފުރިހަމަ ވަދާޢީ ޙަފުލާއެއް އިންތިޒާމުކުރިއެވެ. އެ ޙަފްލާގައި ޔުނިޓްގެ މުވައްޒަފުންގެ ފަރާތުން ވާހަކަ ދައްކަން ޖެހުނީ އަޅުގަނޑަށެވެ. މުވައްޒަފުންގެ ފަރާތުން ވެދުންކުރި ހަނދާނީ ހަދިޔާގައި ލިޔުނު ޢިބާރާތްކޮޅު ލިޔުއްވީ ސައިކުރާ އިބްރާހިމް ނަޢީމެވެ. އަޅުގަނޑު ދައްކަން ތައްޔާރުކުރި ވާހަކަކޮޅު ކޮށާމަށާ ހެއްދެވީ ނަޢީމުބެގެ އަތްޕުޅުންނެވެ. ވާހަކަ ދެއްކުމުގައި އަޅުގަނޑަށް އެންމެ ގިނަ ފިލާވަޅުތަކެއް ކުރު މުއްދަތެއްގައި ނަންގަވައިދެއްވި ބޭފުޅަކީވެސް ނަޢީމުބެއެވެ. އޭގެ ފަހުން ނަޢީމުބެއަކީ އަޅުގަނޑު ދަންނަ ރަޙްމަތްތެރިއަކަށް ވެއްޖެއެވެ. ކޮންމެ ތަނަކުން ބައްދަލުވިޔަސް ޙާލު އަހުވާލު އައްސަވާ ހައްދަވާ ބޭފުޅެކަށް ވެއްޖެއެވެ.

ނަޢީމުބެއާއެކު މަސައްކަތް ކުރުމުގެ ފުރުސަތު އަޅުގަނޑަށް ލިބުނީ ސިފައިންގެ ތާރީޚް ލިޔާ ކޮމެޓީގެ ތެރެއިންނެވެ. ލިޔުންތެރިކަމުގައި ގެންގުޅެންވީ ހަމަތަކާއި ގޮތްތައް ނަޢީމުބެ ވިދާޅުވެ ދެއްވިއެވެ. ނަޢީމުބެ ސިފައިންގެ ދެކެވާ ލޯތްބާއި ސިފައިންނަށްކުރާ ޤަދަރާއި އިހްތިރާމް އަޅުގަނޑަށް އެނގުނީ އެ ކޮމެޓީގެ ތެރެއިންނެވެ. އަދި ނަޢީމުގެ ޚިދުމަތް ސިފައިންގެ ވެރިން ފާހަގަކުރައްވާ މިންވަރުވެސް އެގިގެންދިޔައީ އެކޮމެޓީގައި މަސައްކަތް ކުރެވުމުގެ ނަސީބު ލިބުމުންނެވެ. ޚާއްޞަ ގޮތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރޖެނެރަލް މުޙަންމަދު ޒާހިރު ، ނަޢީމުބެއާމެދު ބެހެއްޓެވި އިޙްތިރާމާއި ގާތްކަން އަދި ކުރެއްވި ޤަދަރު އަޅުގަނޑަށް ފާހަގަ ކުރެވުނެވެ.

ސިފައިންގެ ތާރީޚް ކޮމެޓީގައި އަޅުގަނޑަށް ފުރަތަމަ ލިޔަން ޙަވާލުކުރެއްވީ އަލިފާން ނިންވުމުގެ ޚިދުމަތުގެ ބައެވެ. އަޅުގަނޑު ލިޔުނުގޮތް ރަނގަޅުތޯ ނަޢީމުބެ ބެއްލެވިއެވެ. އެގޮތާ ހިތްޕުޅާ ނުވެގެން ނަޢީމުބެ އަޅުގަނޑަށް ލިޔަންވީގޮތް ވިދާޅުވެދެއްވިއެވެ. ނަޢީމުބެ ވިދާޅުވެ ދެއްވުމުން އަޅުގަނޑު ލިޔަނީއެވެ. އަލިފާން ނިންމުވުމުގެ ކަންތައްތައް ތަރައްޤީވަމުން އައިގޮތާއި އެކަން ކުރުމަށް ހުރި ދަތިތަކުގެ ވާހަކަ ވިދާޅުވެދެއްވިއެވެ. ސަބަބުތައް ވިދާޅުވަމުން " އަދިވެސް މިފަދަ ސަބަބުތައް ހުރެގެން " ކަމަށް ވިދާޅުވިއެވެ. އަޅުގަނޑަށް ބޭއިޚްތިޔާރުގައި ދެންނެވިއްޖެއެވެ. " ދެން އިތުރު ސަބަބެއް އޮތްނަމަ އެސަބަބެއްވެސް ރަނގަޅުވާނީ ލިޔުން ނޫންތޯއެވެ؟ ތާރީޚެއް ލިޔާއިރު އެނގިފައިއޮތްކަމެއް ދޫކޮށްލުން ރަނގަޅުވާނެތޯއެވެ؟ " އަޅުގަނޑަށް އެހެން ދެންނެވުމުން ނަޢީމުބެ އަށް ވަރަށް އަސަރު ކުރިއެވެ. ވަރަށް ބޮޑަށް ކޯފާވެސްވިއެވެ. އެތައް ވާހަކައެއް ދެއްކެވިއެވެ. އަޅުގަނޑަށް އިސްއުފުލާލަންވެސް ނުކެރުނެވެ. ޢިބުރަތްތެރި އެތައް ފިލާވަޅެއް ހަޔާތުގެ ތަޖުރިބާއާއެކު ވިދާޅުވިއެވެ. އެކަމަކު އެ ދުވަހު ތާރީޚު ކޮމެޓީން އަޅުގަނޑު ނިކުތީ ނަޢީމުބެއަށް ދަންނަވާ، ހުއްދަ ލިބިގެންނެވެ. އެދުވަހުވެސް އަދި ފަހުންވެސް ނަޢީމުބެ އަޅުގަނޑާ ކުރިންވެސް އޮތް ގާތްގުޅުން ބާއްވަވައެވެ. އެއީ ހިތްތިރި ހިތްހެޔޮ ތަޖުރިބާކާރެކެވެ. ނަޢީމުބެ އަތުން ލިޔުއްވާ ސޮއިކުރައްވާ އަޅުގަނޑަށް " މަންމަ " ވާހަކައިގެ ކޮޕީއެއް ހަދިޔާ އަކަށް ދެއްވިއެވެ. އެއީ އެންމެ ކުޑައިރު އަޅުގަނޑު ހުވަފެނުންވެސް ނުދެކޭ ކަމެކެވެ.

އެއްފަހަރަކު ރަށަށް ޗުއްޓީއެއްގައި ދެވުނުއިރު ނަޢީމުބެ ހުންނެވީ ޗުއްޓީއެއްގައި އަޅުގަނޑުމެންގެ ރަށުގައެވެ. ހުންނެވީ އަތޮޅުގޭގައެވެ. އަޅުގަނޑަށް ނަޢީމުބެ ރަށުގައި ހުންނެވިކަން އެގުމާއެކު ބައްދަލުކޮށްލަން ދިޔައީމެވެ. ވަރަށް ގިނައިރު ވާހަކަ ދެއްކެވިއެވެ. ނަޢީމުބެ އަތްޕުޅުގައި ހުރި ތާރީޚީ ބޮޑު ތަރިކައެއްގެ ވާހަކަ އެދުވަހު އަޅުގަނޑު ދެންނެވީމެވެ. އެއީ ނަޢީމުބެގެ ނޯޓްފޮތްތަކެވެ. ހެންވޭރު ހޮޅުދޫގެއަށް އަޅުގަނޑު ދިޔަ ދުވަހަކު ނަޢީމުބެވަނީ އެ ނޯޓްފޮތްތައް ދައްކަވާލައްވާފައެވެ. ބޮޑެތި ހަން ފޮށިތަކެއްގައި ހުރި ނޯޓް ފޮތްތަކުން އެއްފޮތް ނަގާ އަޅުގަނޑު ބަލާލީމެވެ. އެއީ އިބްރާހިމް ނާޞިރުގެ ވެރިކަމުގައި އެމަނިކުފާނުގެ އަރިހުގައި ހުޅުލެއަށް ވަޑައިގެން ދުވަހެއްގެ ވާހަކަތަކެއް ނޯޓްކޮށްފައިވާ ފޮތެކެވެ. ކަންތައްތައް ހިނގަމުން ދިޔަގޮތް ތާރީޚާއި ގަޑިއެނގޭނެހެން ލިޔުއްވާފައިވެއެވެ. ނަޢީމުބެ އަރިހުގައި ދިވެހި ތާރީޚުގެ ޚާއްޞަކޮށް އިބްރާހިމް ނާޞިރުގެ ވެރިކަމުގެ ދުވަސްވަރުގެ ތާރީޚުގެ ޞަފްޙާތަކެއް ލިޔުއްވުމުގެ ޝަޢުޤުވެރިކަމެއް ނެތްތޯ އަޅުގަނޑު ދެންނެވީމެވެ. ނަޢީމުބެ ދެއްވީ ކުރު ޖަވާބެކެވެ. " އެއީ އަޅުގަނޑު ނުކުރާނެކަމެއް " އެދުވަހު ނަޢީމުބެ ވިދާޅުވިއެވެ. އެއީ ކީއްވެގެންތޯއެވެ؟ ނަޢީމުބެ ވިދާޅުވިއެވެ. " އެކަން ކުރަންފަށައިފިނަމަ އެހެންކަމެއް ކުރާނެ ވަގުތެއް ނޯންނާނެ" އެވެ.

ނަޢީމްބެ ލިޔުއްވި ވާހަކައަކަށް ފިލުމެއް ހަދާ ޚަބަރު މީޑީއާއިން އަޅުގަނޑަށް ލިބުނެވެ. އެއްދުވަހަކު ސަރުކާރުގެ މަތީ ބޭފުޅެއްގެ އާއިލާގެ މެންބަރެއްގެ ޖަނާޒާއަށް އިސްލާމީ މަރުކަޒަށް ވަޑައިގެން ހުންނަވަނިކޮށް ދިމާވެގެން އެ ވާހަކަ ދަންނަވާލީމެވެ. ނަޢީމުބެ އަޅުގަނޑާ ސުވާލު ކުރެއްވިއެވެ. " ސަޢީދުގެ ޚިޔާލުގައި އެއީ ކޮންކަހަލަ ކަމެއް ހެއްޔެވެ؟ " އަޅުގަނޑު ދެންނެވީމެވެ. އެ ވާހަކަ ވަރަށް ރީއްޗެވެ. އެއީ އަސަރުގަދަ ވާހަކަތަކެވެ. އެކަމަކު އެ ވާހަކައިގައި ބަހުރުވަ އެހެރަ ގޮތާއި ފިލުމު ބަލަންތިބި އޯޑިއަންސް އަކާ ނުގުޅެއެވެ. އަޅުގަނޑުގެ ޝަކުވާއަކީ ދަރަޖައިގެ ޝަކުވާއެވެ. އެދުވަހު ނަޢީމުބެ ވިދާޅުވެ ދެއްވީ ފިލުމް އުފައްދާ ޕްރޮޑިއުސަރާއި އެމީހުންގެ ފަންނީ ކޮލިޓީއާމެދު އިތުބާރުއޮތްކަމުގެ ވާހަކައެވެ. އެ ފިލުމު ބޮޑު ފްލޮޕަކަށް ވެގެން ދިޔަތާ މާގިނަ ދުވަހެއް ނުވަނީސް ނަޢީމުބެއާ ދިމާވިއެވެ. " ސަޢީދު ބުނުއްވީ ހަމަ ތެދު ވާހަކައެއް " ނަޢީމުބެ އެދުވަހު ވިދާޅުވިއެވެ. ނަޢީމުބެ އަކީ އަމިއްލަވަންތަ ގޮތްތަކެއް ގެންގުޅުއްވި ބޭފުޅަކަސް އަޅުގަނޑަށް ނަޢީމުބެ ފެނިފައިވަނީ ތެދު ޤަބޫލުކުރައްވާ ބޭފުޅެއްގެ ގޮތުގައެވެ. ސިފައިންގެ ތާރީޚުގައި އަލިފާން ނިންވުމުގެ ޗެޕްޓަރ ނަޢީމުބެ ފަހުން އެކުލަވާލެއްވި ގޮތުން އެކަން މާބޮޑަށް ޔަގީންވިއެވެ.

ނަޢީމުބެ އަކީ އާދަޔާއި ޚިލާފު ޝަހުސިއްޔަތެކެވެ. ސަމާސާ މިޒާޖެއްގެ ބޭފުޅެކެވެ. އަޅުގަނޑާއި ނަޢީމުބެ އާ ދިމާވި ކޮންމެ ފަހަރަކީވެސް އެތައް ފިލާވަޅުތަކެއް ލިބިގެންދިޔަ އަގުހުރި ވަގުތުތަކެކެވެ. ހުރިހާ ވާހަކައެއް މިހާ ކުޑަ ކޮލަމަކު ނުލިޔެވޭނެއެވެ. ނަޢީމުބެގެ ހަނދާންތަކަކީ އަޅުގަނޑު ނޫނަސް ނަޢީމުބެގެ އަރިހުގައި އުޅުނު ކޮންމެ މީހަކަށްވެސް ހިތުން ފޮހެލަން ދަތި ހަނދާންތަކަކަށް ވާނެއެވެ. ރަނގަޅަށް ބަލައިގެންފިނަމަ އެއީ އެތައް އަގުހުރި ފިލާވަޅުތަކެކެވެ. ނަޢީމުބެއަށް އަލްވަދާޢު ކިޔަމުން ސަންދޯކުގެ މައްޗަށް ސަލާމުގެ ތިންމުށް ވެލި އެއްލިއިރުވެސް ހިތުގައި އެނބުރެމުން ދިޔައީ ނަޢީމުބެ އަޅުގަނޑާ ދިމާލަށް ވިދާޅުވެފައިވާ ޙިކުމަތްތެރި މާނަފުން ބަސްތަކެވެ. ލިބިވަޑައިގެންފައިވާ ޖިސްމާނީގޮތުން ނިކަމެތި ހަށިގަނޑާއެކު ޤައުމަށް ކުރައްވާފައިވާ އަގުހުރި ޚިދުމަތްތަކެވެ. އެ މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ރަޙްމަތާއި ނިޢުމަތް ލައްވާށިއެވެ. އަދި އެ މަރުޙޫމްގެ އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.

Thursday, July 17, 2008

ރައީސް މައުމޫން ނ. އަތޮޅަށް 1981 ވަނަ އަހަރު ކުރެއްވި ދަތުރުފުޅުގެ ތެރެއިން


މާޅެންދޫ އަށް ރައީސް މައުމޫން ފައިބާ ވަޑައިގަންނަވަނީ / ފޮއްދޫ ގައި ރައީސް މައުމޫން ހުޅުވައިދެއްވި މަކްތަބް

މިލަދޫއަށް ރައީސް މައުމޫން ފައިބާ ވަޑައިގަންނަވަނީ / ރައީސް މައުމޫން ފޮއްދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުން އުފާފާޅުކުރަނީ


މާޅެންދޫއަށް ރައީސް މައުމޫން ފައިބާ ވަޑައިގަންނަވަން ތައްޔާރުވަނީ / ޅޮއްސަށް ރައީސް މައުމޫން ފައިބާ ވަޑައިގަންނަވަނީ

ތާރީޚްގެ ތެރެއިން ނ. އަތޮޅު މަދަރުސާ


ނ. އަތޮޅު މަދަރުސާ " މަނަދޫ ޕްރައިމަރީ ސްކޫލް" ގެނަމުގައި ރައީސް މައުމޫން ހުޅުވައިދެއްވީ 1 މާޗް 1979 ގައި


ނ. އަތޮޅު މަދަރުސާގެ ނަމުގައި ރައްޔިތުން ތެޅިގަލާއި އުވައިން ރޭނި މަދަރުސާ ރައީސް މައުމޫން ހުޅުވައިދެއްވީ 1981 ގައި


ޖަޕާން ސަރުކާރުގެ އެހީގައި އެޅި ނ.އަތޮޅު މަދަރުސާ

Monday, July 7, 2008

ޓީވީބެލުމުގެ ފޯރި

 


ޢަބްދުﷲ ސަޢީދު

 

އެއް ފުރައިގެ ހުރިހާ ކުދިން ކުރަނީ އެއް ސުވާލެކެވެ. ބޮޑު ޗުއްޓީގައި ރަށަށް އަންނަ މާލޭ މީހުންނަކީ ކޮބައިތޯއެވެ. އެ ސުވާލުގެ ޖަވާބު އަޅުގަނޑަށް ވެސް މުހިންމެވެ. ފެންނަ ކޮންމެ އެކުވެރިޔަކާ ވެސް އެ ސުވާލު ކުރެވެއެވެ. އެކި ކުދިން އެކި ލިސްޓް ކިޔައެވެ. އެ އަޑުތައް އިވިފައި އޭރު އަޅުގަނޑުމެން ވަނީ އަމަށަކު އުފަލެއް ނޫނެވެ. ޓީވީ ބެލޭނެތީއެވެ.