Monday, December 30, 2013

ނ. އަތޮޅުގެ ތާރީޚް: ލަންދޫން މާބަދިގެއާއި އެރަށުން ފެނުނު އާސާރީ ގައު

ލަންދޫ ގައު: މިއީ ރާއްޖޭގެއިން ފެނިފައިވާ އެންމެ ދުވަސްވީ ލިޔުން ހިމެނޭގައު
 ލަންދޫން ފެނުނު ގަލަކީ މީލާދީން 6 ވަނަ ގަރުނުގެ ލިޔުމެކެވެ. މިއީ ރާއްޖޭގައި ފެންނަންއޮތް އެންމެ ދުވަސްވީ ލިޔުމެވެ. މިއީ ރާއްޖޭގައި ލިޔަންކިޔަން ފެށުނު ދުވަސްވަރު ބުނެދޭ ތާރީޚީ ގަލެވެ. ދިވެހިރާއްޖޭގެ ތާރީޚީ އެންމެ ގިނަދުވަސްވީ ލިޔުމުގައި ބޭނުންކޮށްފައިވާ އަކުރަކީ މީލާދީން 6 ވަނަ ޤަރުނުގައި ބޭނުންކޮށްފައިވާ ދެކުނު ބްރަހުމީ ނުވަތަ "ފަހުގެ ބްރަހުމީ" އަކުރެވެ.  މި އަކުރަކީ ދެކުނު އިންޑިޔާ އާއި ސްރީލަންކާ އާއި ދެކުނު އިރުމަތީ އޭޝިއާގެ ރަށްރަށުގައި، މީލާދީ ފަސް ވަނަ ޤަރުނާއި ހަތް ވަނަ ޤަރުނާ ދެމެދުގައި ބޭނުންކޮށް އުޅުނު "ބުރަހުމީ" އަކުރުން އުފެދިފައިވާ އަކުރެކެވެ. މި ދެންނެވި ޒަމާނަކީ، މާތްވެގެންވާ އިސްލާމްދީނުގެ އަލިކަން މި އުންމަތަށް ލިބުމުގެ ކުރިއެވެ. 

Friday, December 27, 2013

ނ. އަތޮޅުގެ ތާރީޚް: ނ. އަތޮޅުގައި ތަޢުލީމަށް އަގުހުރި ޚިދުމަތްތައް ކޮށްދެއްވާފައިވާ ބައެއް ބޭފުޅުން


ނ. ވެލިދޫ ހިލިހިލާގޭ މުޙައްމަދު އަބޫބަކުރު 

މުޙައްމަދު އަބޫބަކުރަކީ އަމިއްލައަށް އިސްނަންގަވައިގެން އެކި ޢުމުރުގެ ކުދިންނަށް ކިޔަވައި ދެއްވި ޚިދުމަތްތެރި ބޭފުޅެކެވެ. އެންމެ ގިނަ ދުވަހު މަސައްކަތް ކުރައްވާފައިވަނީ ވެލިދޫ ރައްޔިތުންގެ މަދަރުސާގައެވެ. އެ މަދަރުސާ އުވުމުން އޭރު އެ މަދަރުސާގައި ކިޔަވަމުން ދިޔަ ދަރިވަރުން މުޙައްމަދު އަބޫބަކުރުގެ ގެއަށް ގެންނަވައިގެން ކިޔަވައި ދެއްވަމުން ގެންދެވިއެވެ. އޭގެފަހުން 1989 ގައި "ރޯޝަނީ މަކްތަބު" ރަޖިސްޓްރީ ކުރައްވައި ހިންގަވަން ފެއްޓެވިއެވެ.

Thursday, December 26, 2013

ނ. އަތޮޅުގެ ތާރީޚް: ފުރަތަމަ ބޯޑިންގ އަށް ދިޔަ ނ. އަތޮޅުގެ 2 ދަރިވަރުން


 
އަލްމަރުޙޫމް ހާރޫނު މޫސާ
އޭރު ދިވެހިރާއްޖެ އޮތީ ޖަހާލަތުގެ އަދިރީގެ ތެރޭގައެވެ. ޚާއްޞަކޮށް ރާއްޖޭގެ އަތޮޅުތަކުގެ ރަށްތަކުގައި ދިރިއުޅެމުންދިޔަ ނިކަމެތި ރައްޔިތުންނަކީ ތަޢުލީމުގެ ހިޔާވަހިކަމެއް ލިބިފައިއޮތް ބައެއް ނޫނެވެ. ކާބަފައިންގެ އެދުރުގެ ސިސްޓަމުގެ ތެރެއިން ތަޢުލީމީ ހަޔާތް ގިނަ ދަރިވަރުންނަށް ނިންމާލަން ޖެހެއެވެ. މައިގަނޑު ތަޢުލީމަކީ ކީރިތި ޤުރުއާނާއި އިސްލާމު ދީނުގެ ރުކުންތަކެވެ. ފަރުޟުތައް އަދާކުޅައުމަށާއި ހިމޭ ޠާހިރުވުމަށް ދަސްކޮށްދިނުމެވެ. އޭރު އިތުރު ތަޢުލީމަކަށް އޮތީ ފަންޑިތަވެރިކަމާއި ބޭސްވެރިކަމެވެ. ފިލާއަޅައިގެން ނިޔަމިކަން ކުރަން ދަންނަ މީހުންނަކީ މަދުބައެކެވެ. 1921 ވަނަ އަހަރުގެ ބޯހިމެނުމުގެ ހިސާބުތައް ދައްކާގޮތުގައި އޭރު ނ. އަތޮޅުގައި 54 ޤުރުއާން ކިޔަވައިދޭ މަކްތަބު (އެދުރުގެ) ހުއްޓެވެ. އަދި ނިޔަމިކަން ދަސްކޮށްދޭ 2 މަރުކަޒު (ދެމީހުން) އުޅުނެވެ. 

Wednesday, December 25, 2013

ނ. އަތޮޅުގެ ތާރީޚް: ނ. އަތޮޅު ކުރެދިވަރާއި ބޮމަސްދޫ ފަޅުވުން



ނ. ކުރެދިވަރަކީ ރާއްޖޭގައި މީހުން ދިރިއުޅުނު ރަށްތަކުގެ ތެރެއިން ރަށެކެވެ. ދިވެހިރާއްޖޭގެ ތާރީޚުން ޖާގަ ހޯދާފައިވާ ރަށެކެވެ. ރަސްކަމާ ގުޅުންއޮތް ރަށެކެވެ. އެހެނަސް އެއީ މިހާރު ފަޅުރަށެކެވެ. ކުރެދިވަރަކީ ދިވެހިންގެ ތެރެއިން ދިވެހި ތާރީޚު ފުރަތަމަ ލިޔުއްވި އަލްޤާޒީ ޙަސަން ތާޖުއްދީންގެ އަނބިކަބަލުންގެ ރަށެކެވެ. ނަމަވެސް އެއީ ކޮން ނަމެއްކިޔާ އަނބިކަނބަލެއް ކަމެއް ނޭނގެއެވެ.

ރައީސް ނާޞިރާއި ޓެކްސީ ޑްރައިވަރުން

1978 ވަނަ އަހަރުގެ އޭޕްރީލްމަހުގެ ތެރޭގައި ރާއްޖޭގައި ކޮލެރާއޭ ކިޔާ ބޮޑުރޯގާއެއް ފެތުރެންފެށިއެވެ. ކޮލެރާ ފެތުރެން ފެށުމާއެކު ރޯގާގެ ކަންތައްތައް ބެލެހެއްޓެވުން ސީދާ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް ނާޞިރުގެ ބެއްލެވުމުގެ ދަށަށް ގެންނެވިއެވެ. ޤާނޫނު އަސާސީގެ 35 ވަނަ މާއްދާގެ ދަށުން ޤައުމަށްދިމާވާ ކުއްލި ހާދިސާތަކުގައި ޤައުމުގެ ސަލާމަތަށްޓަކައި ފިޔަވަޅު އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާއަށް ލިބިދޭ އިޚްތިޔާރުގެ ދަށުންނެވެ. އޭރު ހެލްތު މިނިސްޓަރަކަށް ހުންނެވީ އަލްފާޟިލާ މުއުމިނާ ޙަލީމެވެ. 

Saturday, December 14, 2013

ތާރީޚުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓާއި، ފަނޑިޔާރުކަން ކުރައްވާފައިވާ ބޭބޭ ފުޅުން


ދިވެހިރާއްޖޭގައި ވަކި އިދާރާއެއްގެ ގޮތުގައި ކޯޓުތައް އުފެދި އެތަންތަނުން ޢަދުލް އިންޞާފުގެ މުހިންމު ޚިދުމަތް ރައްޔިތުންނަށް ދެވެންފެށިފައިވަނީ ހިޖްރީ ސަނަތުން 1327 ވަނަ އަހަރުގައި ކަމަށްވިޔަސް ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީން ޤަބޫލު ކުރުމާއެކުއެކީގައި ރައްޔިތުންގެ މެދުގައި ޢަދުލު އިންޞާފު ޤާއިމު ކުރުމުގެ މަސައްކަތަށް ވެރިކަމުގެ ފަރާތުން ބޭފުޅުން ޢައްޔަންކުރެވި އެކަން ވަނީ އޭރުގެ ޙާލަތާ އެކަށޭނަ ގޮތަކަށް ހިނގަން ފަށާފައެވެ.

ނ. އަތޮޅުގެ ތާރީޚް ކުޑިގޭ ޢަބްދުއްލަޠީފުގެ ކުއްލި އަވަހާރަވުން

މުޙައްމަދު ޢަބްދުއްލަޠީފް (ކުޑި ޢަބްދުއްލަޠީފް)
27 ނޮވެމްބަރު 1959 (26 ޖުމާދިލް އައްވަލް 1379) ހުކުރު ދުވަހުގެރޭ ނ. ހޮޅުދޫ މަދަރުސަތުލް ޘަޤާފާގައި ނ. އަތޮޅު އަތޮޅުވެރިޔާ ކުޑިގޭ ޢަބްދުއްލަޠީފް ހުންނެވީ ދަރިވަރުންނާ ވާހަކަ ދައްކަވާށެވެ. އެތަނުން ދެން ވަޑައިގަތީ ހޮޅުދޫގެ ރައްޔިތުންނާ ބައްދަލު ކުރައްވާށެވެ. އެއަށްފަހު ވަޑައިގެންނެވީ އަތޮޅުގެއަށެވެ. ހޮޅުދޫ ޗާނދަނީވިލާ އަށެވެ. 

Friday, December 13, 2013

ހަނދާނުގެ ފަތްފުށުން: ފުރަތަމަ ދާގަނޑުޖެހި ގޯލް


އޭރު އަހަރެންގެ އުމުރުންވާނީ 13، 14 ވަރަކަށް އަހަރެވެ. ކުޑަކަމުން ފުލްޓީމަށް އަރާވަރެއް ނުވެއެވެ. އޭރު ހުންނަނީ ބޯޅަ ހޮވާށެވެ. އެދުވަސްވަރަކީ ރަށުގައި ވަރަށް ފޯރީގައި ފުޓްބޯޅަ ކުޅުނު ދުވަސްވަރެކެވެ. ސްކޫލުގެ ބޮޑެތި ކުދިންނާއި ޒުވާނުންނެވެ. ސްކޫލު ކުދިންގ ފުޓްބޯޅަ ދަނޑު އޮންނަނީ އޭރު މަނަދޫގެ ސޯސަންމަގުގެ އެންމެ ހުޅަނގުން އެމަގުގެ ކޮޅުގައެވެ. މިހާރު އެމަގު ހުޅަނގަށް ގެންގޮސް ފޫދުއްވާލާފައި އެވަނީ އެ ދަނޑުގެ ތެރެއިންނެވެ.