Tuesday, July 11, 2023

ވަދާދިޔަ ފުރަތަމަ ދުވަސް: ޙަސަންބެގެ ލޯބި


 

ޢަބްދުﷲ ސަޢީދު

 

އަޅުގަނޑު ވަރަށް ކުޑައެވެ. މަންމަ ފަރާތު ބޮޑުބޭބެއެއްކަމަށްވާ ޙަސަންބެއާއެކު ވަދާ ދިޔަ ދުވަހެކެވެ. ޙަސަންބެގެ އަސްލު ނަމަކީ ޙަސަން އިބްރާހީމެވެ. މަނަދޫގެ ކުޑަކަތީބުކަން ޙަސަންބެ ކުރެއްވިއެވެ. އެކަމަކު މިއީ އޭގެ މާކުރީގެ ވާހަކައެކެވެ.

އެއީ އަޅުގަނޑުގެ ހަޔާތުގައި ވަދާދިޔަ ފުރަތަމަ ދުވަހެވެ. ވަދާ ދިޔައީ ޙަސަންބެގެ އަންހެނުން ހަލިންތަމެންގެ ކުޑަ ވަދު ދޯންޏެއްގައެވެ. އެއީ "ކުޑަ ތޯލާ" އެވެ.

 

ޑިސެންބަރު މަހެއްގެ ފަހުކޮޅެވެ. ހީވާގޮތުން އެއީ އިރުވައި މޫސުމުގެ ދެވަނަ ނަކަތް ކަމުގައިވާ ފުރަހަޅަ ތެރެއެވެ. އިރުވައިގެ ބާރު އޮޔާއި ހަޅައިގެ ފޯރި ކަނޑުމަތިންނާއި އުޑުމަތިން ވެސް ފެނެއެވެ. އެކަމަކު މަނަދޫ ކަނޑަވަޅީގައި ވަދާދުއްވާ ރިޔާނެގި ކުދި ދޯނިތައް ބައިވަރެވެ. ދޯންޏެއްގައި ގަނެގެން ނޫޅޭ އިރެއް ނުފެނެއެވެ.

 

މާކަނޑުން ގޮނޑުވާ އޮއިވާލި ކުނިގަނޑުގަނޑުތައް ކައިރީގައި ބައެއް ދޯނި ފަހަރު ދޮށި އަޅާތީ ވެސް ފެނެއެވެ. މަސްފުމޭ މަންޒަރާއި ދޫނި ކަނޑަށް ތިރިކޮށްކޮށްފައި އުޅޭ މަންޒަރު ހިތްގައިމެވެ. އެކަމަކު އަޅުގަނޑު އިންނަނީ ވަރަށް ބިރުންނެވެ. ދޯނީގެ ދަށްކިބައިން ވައްދާލާ ރާޅާއެކު އިރުއިރުކޮޅާ ދިޔަގަނޑު ބޮޑުކޮށްލާތީއެވެ. ރޯޅިފަށް ހެޔޮކަމާއެކު ރާޅުކުރި އުކާ ރިޔަލުގެ ތިރީ ކުރެވި ތެންމަމުންދާތީއެވެ. އަޅުގަނޑަށް ރިޔާ ލެވޭވަރެއް ނުވެއެވެ. އެކަމަކު ދިޔަވަތުން ދިޔަ ފައެއް އެއްލޭވަރުވެއެވެ. ޙަސަންބެ ބާނަމުންދިޔަ މަހުގެ ލެއިން ރަތްވަމުންދިޔަ ދިޔަގަނޑު ހިއްކޭތޯ އަޅުގަނޑު ބަލަމެވެ. ނަނު ދޫކުރެވޭ ވަރަށްވުރެ ވެސް އަޅުގަނޑު ކުޑައެވެ. މަސް ބާނަނީ ޙަސަންބެއެވެ. ރިޔާލަނީވެސް ޙަސަންބެއެވެ. ނުވިތާކަށް އަޅުގަނޑު އަތުން ފައި އަތުލައި ދިޔަވަތް ވެސް ބައެއް ފަހަރު ކަހާލަދެއެވެ.

 

އެއްފަހަރަކު ރިޔާލާފައި އައިސް ޙަސަންބެ އުޅުނީ ދަންމާނު ބުޅިގަނޑުން ދަންމާނު ލައްވާށެވެ. އެވަގުތު ވަޔާ ތަޅަމުންދިޔަ ރިޔަލުގެ ދަންމާނުން ޖެހުނީ ކަންނޭނގެއެވެ. ޙަސަންބެގެ އަތުގައިއޮތް ގަޑީގެ ތަންޑު ނައްޓައިގެން ގަޑި ކަނޑަށް ވެއްޓިއްޖެއެވެ. ގަޑި އަތުޖެހޭތޯ ކުއްލިއަކަށް ޙަސަންބެ ކަނޑަށް އަތް ކޮށްޕާލިއެވެ. އެކަމަކު އަތަކު ނުޖެހުނެވެ. ރަން ޕްލެޓްލީ އެ އަގުބޮޑު ގަޑި ދަޅަ އަޅުވަމުން މަޑުމަޑު އޮވެ އަޑިއަށް ދެއެވެ.

 

އެ ވަގުތު ޙަސަންބެ ބަލާލީ އަޅުގަނޑު މޫނަށެވެ. ޙަސަންބެއަށް ގޮތެއް ނިންމަން ލިބުނު ފަޅި ސިކުންތުކޮޅުގައި އެ އަގުބޮޑު ގަޑިއަށްވުރެ އިސްކަން ދިނީ އަޅުގަނޑަށެވެ. ޙަސަންބެ އަޅުގަނޑު ދޫކޮށްލާފައި ކަނޑަށް ފުންމާލި ނަމަ އެ އަގުބޮޑު ގަޑި އަތުޖެހުނީސް ތޯއްޗެކެވެ. ރިޔާލުމަށްފަހު ރިޔަލުގައި ވައި ނާޅުވާ އޮތް ވަގުތެއް ކަމުން ގަޑި އަޑިއަށް ދަމުންދިޔަތަން އަޅުގަނޑުމެން ތިބީ ބަލާށެވެ. ގަޑި އަޑިއަށް ދިޔައީ ދެއަތަށް ކިރެމުންކިރެމުން ކަހަލަ ގޮތަކަށެވެ. ގަދަނޫކުލައިގެ ކަނޑުގެ ތެރޭގައި ވިދަވިދާއޮތް ގަޑި ގޮސް ލޮލުކޮޅުން އޮބާލިއެވެ. އެތަން ބަލަން އިނދެފައި އަނެއްކާ ވެސް އަޅުގަނޑުގެ މޫނަށް ޙަސަންބެ ބަލާލިއެވެ. ދަންމާނަށް ދަމާލައި ރިޔަލުގައި ވައި އަޅުވާލަމުންނެވެ. އެ ނަޒަރުގައި ހުރީ ލޯތްބާއި އޯގާތެރިކަމެވެ. އެ ދެލޮލާއި މޫނުމަތިން ފެނުނީ ޙަޤީޤީ ލޯތްބެވެ. އެ ހަނދާން މި ހިތަކުން ދުވަހަކުވެސް ނުފިލާ ވަރަށް ބިންވަޅު ނެގުނެވެ.

 

އަޅުގަނޑުމެން ރަށަށް އައިތަނުން އެ ޚަބަރު ރަށުތެރެއަށް ފެތުރިއްޖެއެވެ. ގަޑި ނަގަން ކަނޑަށް ފުންމާ ނުލީމާ ބައެއް މީހުންނަށް ޙަސަންބެ ވީ މޮޔައަކަށެވެ. އެހާ ރީތި އަގުބޮޑު ގަޑިއެއް ނުނަގާ ދޫކޮށްލީމައެވެ. އެއީ ސީކޯ ފަހަކާއި، ރާޑޯ، ކެސިޔޯ، ސިޓިޒަންގެ އަތުކުރީ ގަޑީގެ ރަންޒަމާނެވެ. އެކަމަކު ޙަސަންބެގެ އެ ގަޑި ކަހަލަ ރަން ޕްލެޓުލީ ގަޑިއެއް ރަށުގައި އެހެން މީހަކު ނާޅައެވެ. ކަންހިނގާދިޔަ ގޮތް އެނގުނަސް އަސްލު ޙަޤީޤަތެއް ގިނަ މީހުންނަކަށް ނޭނގެއެވެ. އެ ވާހަކައެއް ޙަސަންބެ ވެސް ނުބުނެއެވެ. އޭރު އެ ވާހަކަ ބުނަން އެނގޭވަރަށްވުރެ އަޅުގަނޑު ހަގެވެ.

 

ޙަޤީޤަތަކީ އެ އަގުބޮޑު ގަޑިއަށްވުރެ ޙަސަންބެ އަޅުގަނޑުދެކެވާ ލޯބި މާބޮޑީއެވެ. ކުޑަ ހިނދުކޮޅަކަށް ވެސް އެ ހަލަބޮލި ކަނޑުމައްޗަށް އަޅުގަނޑު އެކަނި ދޫކޮށްލަން ބޭނުންނުވީއެވެ. ޙަސަންބެގެ ނަޒަރުން ކުޑަކުޑަ އަޅުގަނޑު ގެއްލޭނެ ހިނދުކޮޅަކަށް ވެސް ނޭދުނީއެވެ. ޙަސަންބެގެ ބަފައިކަލޭގެ ދީފައި އޮތް އެ އަގުބޮޑު ގަޑި އަޅުގަނޑުގެ ޙައްޤުގައި ޤުރުބާންކުރީއެވެ. ލޯބިގެ ކޮން ފަދަ މިސާލެއް ތޯއެވެ. މި ނޫނަސް އެތައް ހާދިސާއެއް ޙަސަންބެއާއި ހަލިންތަގެ ފަރާތުން އަޅުގަނޑު ތަޖުރިބާކުރީމެވެ.

 

އެއްފަހަރަކު މަންމައާއި ބައްޕައާ މާލެ ދުރުވުމުން މަންމައާއި ބައްޕައެއްގެ ލޯބި ދީގެން ގެންގުޅުނު ހަނދާން ވެއެވެ. އެއީ ވަރަށް އޯގާތެރި ދެމަފަރިންނެވެ. ޙަސަންބެ އަޅުގަނޑު ދެކެ ލޯބިވާކަން އެނގެއެވެ. ދޭތެރެދޭތެރެއިން ގުޅައި ހާލު ބަލަނީ އެހެންވެގެންނެވެ. ޙަސަންބޭ އެވެ. އަޅުގަނޑު ވެސް ޙަސަންބެ އާއި ހަލިންތަ ދެކެ ވަރަށް ލޯބިވެއެވެ.


No comments: