Monday, November 30, 2009

ހާލުގެ ޝަރީޢަތް

މިއީ މަންމަ ކިޔައިދިން ވާހަކައެކެވެ. އެދުވަސްވަރަކީ ކުކުޅުހާ ރަށުތެރެއަށް ދޫކޮށްލާފައިއޮތް ދުވަސްވަރެވެ. ބައެއް މީހުން ގޭގައި ކުކުޅުހާލަށް ކާންދީ އޮޅުކޮށްގެން ގެންގުޅެއެވެ. އަދި ތަފާތު ފާހަގަތައް ކުކުޅުހާލުގައި ޖަހާފައިހުރެއެވެ. އަގޮޓި އެޅުވުމާއި ފިޔަގަނޑުގައި ފޮތި އެއްސުމަކީ އެގޮތުންކޮށްއުޅޭ ކަންތައްތަކެވެ.

މަންމަ ގެންގުޅުނު ބޮޑު ކިރުޅި ހާލެއް ގެއްލިއްޖެއެވެ. އާންމުކޮށް ގެއަށް ކާންއެޅީމާ އައިސް ކައިއުޅޭ މިހާ ގެއްލުމުން ކޮންމެވެސް ބަޔަކު ވަގަށް ހިފައިގެން ކެއީ ކަމަށް މަންމަހުރީ ނިންމައިގެންނެވެ. މިހެން އުޅެނިކޮށް އެތައް ދުވަހެއްވީފަހުން އަލިކޮއިއަބުރުބޭ ( ޢަބްދުއްރަޙްމާނު ޢަލީ ) މިކަހަލަ ހާލެއް ގެންގުޅޭ ޚަބަރު މަންމައަށް ލިބިއްޖެއެވެ. މަންމަ ހޯދަން ހިނގާކަހަލަ ހާލެ އަބުދުބޭ ގެންގުޅޭ ވާހަކަ ކޮންމެވެސް މީހަކު މަންމަކައިރި ބުނީއެވެ. މަންމަގޮސް ބެލިއިރު އެއީ މަންމަގެ ހާލެވެ. އެކަމަކު އަބުދުބޭ އެކަމެއް ޤަބޫލެއް ނުކުރިއެވެ. ވަރަށް ޒުވާބުވެސް ކުރިކަމަށްވެއެވެ. ކޮންމެއަކަށް އެދުވަސްވަރު ކުޑަކުޑަ ކަމެއް ދިމާވިޔަސް މައްސަލަ ނިންމާ އިންސާފުހޯދަންދަނީ ކޯޓަށެވެ. އޭރު ގާޒީއަކީ މުހުސިނުބެ ކިޔާ މީހެކެވެ. ކޯޓަށް އަބުދުބެއާއި މަންމައާއި އެއްކަހަލަ ހާވެސް ހާޒިރުކޮށްފިއެވެ.

ގާޒީ ފުރަތަމަ ސުވާލުކުރީ އަބުދުބެއާއެވެ. އަބުދުބޭގެ އެއްވެސް ފާހަގައެއް ހާލުގައި ހުންނާނެތޯ އެހިއެވެ. އަބުދުބޭ ބުނީ އޭނާއަކީ ފާހަގަ ޖަހައިގެން ކުކުޅު ގެންގުޅޭ މީހެއް ނޫންކަމަށެވެ. ދެން ގާޒީ ސުވާލުކުރީ މަންމައާއެވެ. މަންމަބުނީ ހާލުގެ ކަނާތު ފިޔަގަނޑު ދޮށުގައި މިވެނި ކަހަލަ ފޮތިފަށެއް އައްސާފައި ހުންނާނެ ކަމަށެވެ. ޝަރީޢަތަށް ހާ ހާޒިރުކޮށް އެބުނާ ފިޔަދޮށް ބެލިއިރު ދިޔަ ދޮށުގައި ފޮތިފަށެއް ހުއްޓެވެ. އެކަމަކު ގިނަދުވަސް ވުމުގެ ސަބަބުން ފޮތިފަށްވަނީ ވަރަށް ބޮޑަށް ފީވެފައެވެ. އަތްލިތަނުން ފޮތިފަށް ގާޒީ އަތަށް އަތުވެއްޖެއެވެ.

އެހިސާބުން ޝަރީޢަތް ނިމުނީއެވެ. ހާ ލިބުނީ މަންމައަށެވެ. އެޒަމާނުގައި ކުކުޅު ހާލުގެ ޝަރީޢަތް ވަރަށް ގިނައިން ކޯޓުން އޮންނަނީ ކުރަންޖެހިފައެވެ.

އައިނުގަނޑަކަށް ގޮރުގޮރެއް ނުހެޑޭނެ

ޙައްވަ މޫސަބެއަކީ ވަރަށް މަޖާ މިޒާޖެއްގެ މީހެކެވެ. ހައްވަ މޫސަބޭގެ ގެއަކީ ހުނވަދުމާގެއެވެ. އެއީ ދޮންސޮރުމެން އިލްޔާސްމެންގެ ބައްޕައެވެ. ހައްވަ މޫސަބެއަކީ އަހަރެމެން ކުޑައިރު ގެއަށް އައިސްއުޅޭ ގޭގައި ކުރަންޖެހޭ ކުދިކުދި ކަންތައްތައް ކޮއްލައިއުޅޭ މީހެކެވެ. އޭރު އެއްދުއްފަރަކީ އަހަރެންގެ ބައްޕައަށް ދެވަނަ ރަށްވެރިއެއްގެ ގޮތުން ލިޔުއްވާފައިވާ ރަށެކެވެ. އަހަރެންނާއި އަހަރެންގެ ކޮއްކޮ އަލީއާއި ތުއްތުބޭގެ އަރީފުއާ ތިންމީހުންނާއި ހައްވަމޫސާބޭ ދިޔައީ އެއްދުއްފަރަށް ދަރުހޮވާށެވެ. ދިޔައީ އަހަރެމެންގޭގައި ގެންގުޅޭ ކުޑަދޯނި "ބޭނގު" ގައެވެ.

މޫސުން ވަރަށް ރީތި ދުވަހެކެވެ. ރިޔަލުދޯނީގައި ދުއްވެލޭވަރަށް ނަލަ ވައެއްވެސް ޖެހެއެވެ. އެއްދުއްފަރަށް ގޮސްފައި މޫސަބޭ ދިޔައީ ވެލާއަރާފައި އޮއްތޯ ބަލާށެވެ. އަހަރެމެން އުޅުނީ ދަރުހޮވާށެވެ. މޫސަބޭ އަންނަންވާއިރަށް ދަރުން ދޯނި ބަރާކޮށްފީމެވެ. މޫސަބޭ އަކީ ވެލާބިސް ގޯންޏެއް ހިފައިގެންނެވެ. ރަށަށް ދިއުމަށްޓަކައި ނައްޓާލައިފީމެވެ. މޫސަބޭ އޭނާގެ ޅައިރުގެ ވާހަކަތައް ކިޔައިދެއެވެ. ވެލާކޮނުމަކީ ކޮންމެ ކޮންމެ މީހަކަށް ކުރެވޭ ވަރަށްވުރެ ހުނަރުވެރި މަސައްކަތެކޭ ބުނެއެވެ. އަހަރެމެން ރަށުގައިވެސް ޢަބްދުﷲ ޙުސޭނާއި އިބުރަބޭގެ ތުއްތުބެއާއި މިކަހަލަ މަދު މީހަކަށް ނޫނީ ކޮންމެ ކޮންމެ ވެލާބިސްވަޅެއް ނުހޯދޭނެޔޭވެސް ބުނެއެވެ. މިކަހަލަ އޮލަ ވާހަކަ ތަކެއްގައި ތިއްބާ ރަށާ ހަމައަށް އާދެވިއްޖެއެވެ. މޫސާބޭ ޚިޔާލުކުރީ ކުޑަނެރުނުން ވަންނާށެވެ. ކުޑަނެރަކީ އޭރު ރަށުގައި އޮންނަ ތިންނެރުގެ ތެރެއިން އެންމެ އިރަށް އޮންނަ ނެރެއެވެ. ދެން އޮންނަނީ ބޮޑުނެރާއި ކަނޑިމައެވެ. ކުޑަނެރު އޮންނަނީ ބޯހުރާގެ ހުޅަނގުން ރަށުގެ އިރުމަތީ ކޮޅުގައެވެ.

ކުޑަނެރުން ދޯނި ވަންނަން ދިމާކުރިއިރު ދިޔަވަރު ތިލަ ވާހަކަ އަހަރެން ބުނީމެވެ. ދިޔަވަރު ތިލަވިޔަސް މޫސަބޭ ބުނީ މޫސަބޭމެން އެރެނުން ވަދެ ހަދަނީ އަލަކަށްނޫންކަމަށެވެ. އަރީފު ދިޔަލުގެ ދަށުން ބޯދިއްކޮއްލާފައި ދަށްފަރާތުގައި އައިނުގަނޑެއް އޮތް ވާހަކަ ބުންޏެވެ. އައިނުގަނޑަކަށް ގޮރުގޮރެއް ނުހެޑޭނެޔޭ މޫސާބޭ ބުންޏެވެ. މޫސަބޭ އެހެން ބުނިތާ އިރުކޮޅެއްވެސް ނުވަނީ އައިނުގަނޑަށްގޮސް ދޯނި ބީހި ހިކިއްޖެއެވެ. ފާޑަކަށް ހިނިގަނޑެއް ޖަހާލާފައި ދެން ތިޔަ ތިބެނީ ކީއްވެގެންހޭ ކިޔާ މޫސަބޭ ދޯނިން ބޭރަށް ފައިބައިފިއެވެ. އަހަރެމެން ތިންމީހުންގެ ގާތަށް އަންނަނީ އަމަށަކު ހިންޏެއް ނޫނެވެ. އެކަމަކު މޫސަބޭ ކައިރިއަށް ރުޅިއެއްނާދެއެވެ.

އަރީފަށް ގިފިލި ތެރެއިން ފެނުނު ފުރޭތައާއި ބަކަރި

އެއީ 1990ގެ އަހަރުތަކެވެ. އަހަރެމެންގެ ގޭގައި އޭރު ވިޔަފާރި ކުރެއެވެ. " އާފިހާރަ" ކިޔާ ފިހާރައިގައި އަހަރެންނާއި އަހަރެންގެ ކޮއްކޮ ޢަލީ އާ މިއީ ސޭޓުންނެވެ. އެދުވަސްވަރު އަހަރެމެންގެ ތުއްތުބޭގެ މުޙައްމަދު ޢަރީފު އުޅުނީ އަހަރެމެންގެ ގޭގައެވެ. ޢަރީފުވެސް އުޅުނީ އަހަރެމެންނާ އެއްކޮށް ފިހާރައިގައެވެ. ސްކޫލަށް ގޮސް ކިޔަވަމުން ދެން އޮތް ވަގުތަކު ވިއްކާ އުޅެނީ ފިހާރައިގައެވެ. ފިހާރަ ބަންދުކުރަނީ ރޭގަނޑު11 ޖަހާއިރުއެވެ. ރޭގަނޑު އެގަޑީގައި ފިހާރަ ބަންދުކޮށްފައި ކޮންމެ ރެއަކުވެސް ނިދަނީ ސައިބޮއިގެންނެވެ. ސައި ހަދަނީ ރެއަކު މީހެކެވެ.

އަހަރެންނާއި ޢަލީއާ ދެމީހުން ތިބީ ބޭރުގޭ އުނދޯލީގައެވެ. އެރޭ ސައިހަދަން އުޅެނީ އަރީފުއެވެ. ސައިތައްޔާރުކުރާ ތަރުމޯޒާއި ކިރުދަޅު ހުންނަނީ އެތެރިގެތެރޭގައެވެ. އަހަރެންނާއި ޢަލީއާ ދެމީހުން އުނދޯލީގައި ތިއްބާ ކުއްލިއަކަށް އެތެރިގޭ ދޮރު ބަޑިއަކަށް ޖަހާފައި ދެމީހުން ދޭތެރެއިން ފުންމައިގެންގޮސް ކުރިމަތިން ހުރި ކޮޓަރިއަށް އަރީފު ވަދެއްޖެއެވެ. ހަޅޭއްލަވަމުންގޮސް ކޮޓަރި ދޮރުލައްޕާ ތަޅުލައިފިއެވެ. ވީނުވީއެއް ނޭނގުނެވެ. ހުރިހާ އަންހެން ކޮއްކޮމެން ނިދަން ތިބެނީ އެތެރިގެ ތެރޭގައެވެ. ގިފިއްޔަށް ވަދެވެން ހުންނަނީ އެތެރެއިގޭތެރެއިންނެވެ. އަހަރެމެން ތިބި އުނދޯލި އޭރު ހުންނަނީ އެތެރިގޭ ދޮރާ ދިމާލުގައެވެ. މީހުން އަރާ ތިބެގެން ހެއްލޭނީ އެތެރިގެ ދޮރަށް ފުރަގަސްވާ ގޮތަށެވެ.

އަހަރެންނާއި ޢަލީއާ ދެމީހުންގޮސް އަރީފަށް ގޮވާ ކިހިނެއްހޭވީ އަހާ ހެދުމުން ގިފިލި ތެރޭގައި ބޮޑުމީހަކު އުޅެނިއްޔޭ ބުންޏެވެ. އަރީފު ދޮރު ލައްޕަން އުޅުމުން ގިފިލި ދޮރު ލެއްޕިއަނުދީ ބޭރަށް ކޮއްޕާލިއްޔޭ ބުންޏެވެ. އަރީފު ކޮޓަރި ދޮރު ހުޅުވިއިރު އޭނާއެކޭ މަރަށް ތެޅޭ މަހެކޭ އެއްވަރެވެ. އަހަރެންނާއި ޢަލީއާއި ދެމީހުން އެތެރިގޭ ދޮރުކައިރިއަށް ގޮސް ބަޑުކޮށްލިއިރު އެތެރިގޭ ތެރެއިން ފާޑެއްގެ އަޑެއްވެސް އިވެއެވެ. ފުރޭތަ ވަދެގެން ކޮއްކޮމެން ކައި ހުސްކުރަނިއްޔޭ އަހަރެން ބުނީމެވެ. އަހަރެމެން ސަލާމަތްވެފަ ކޮއްކޮމެން ކައި ހުސްކުރީމާ ރަނގަޅެއް ނުވާނެޔޭ ޢަލީ ބުންޏެވެ. މި އޭރު ކޮޓަރީގެ ދޮރުކުޑަކޮށް ހުޅުވައިގެން އަރީފު ބަލަން އޮތެވެ. ހުވައޭ ހުވައޭ ފުރޭތައެކޭ ގޮވަމުންދެއެވެ. އެތެރިގޭ ދޮރު ހުޅުވީ ޢަލީއެވެ. ދޮރު ހުޅުވިއިރު އަހަރެމެންގެ މާމަ ބިނދިބިނދިފައި ހެނީއެވެ.

މާމަ ބުނިގޮތުގައި މާމަ ގިފިލިން ނިކުންނަން ދޮރުގައި ހިފިވަގުތާއި އަރީފު ދޮރު ލައްޕަން އުޅުނު ވަގުތާވީ އެއް ވަގުތަކަށެވެ.

އެހެންރެއެކެވެ. އެރެއަކީވެސް އަރީފު ސައިހަދަން އުޅުނު ރެއެކެވެ. ސައިހަދަން އުޅެފައި ކޮޓަރިއަށް ވަންގޮތަށް ޚަބަރެއް ނުވިއެވެ. އަހަރެންގޮސް ބަލަ ކީއްހޭވީ އެހީމާ އެއްޗެކޭ ނުބުންޏެވެ. އެތައް އިރަކު ސުވާލު ކުރުމުން ބުނީ ގިފިލި ތެރޭގައި ބަކައްޓެއް އެބައޮތެވެ. އެރޭ ސައިހަދަން އުޅެފައި އަރީފު ގިފިއްޔަށް ވަންއިރު ފާޚާނާ ތަށިހުންނަ ތަނުގައި ބަކައްޓެއް އޮތީއެވެ. ގިފިއްޔަކީ ވަށައިގެން އުސްކޮށް ފާރުރާނާފައިހުރި ގިފިއްޔެކެވެ. ބަކައްޓަކަށް ވަދެވޭނީ ކީއްވެގެންހޭ އަހަރެން ބުނީމެވެ. އަރީފުބުނީ އެގޮތެއް މަކަށް ނޭނގެޔޭ ނިކަންގޮސް ބަލާބަލާށޭ ފާޚާނާ ތެރޭގައި ބަކައްޓެއް އެބައޮތޭ މިހެންނެވެ. އަހަރެންނާއި ޢަލީއާ ދެމީހުންގޮސް ބެލިއިރު އެރޭވެސް ގިފިލިން މާމަ ނިކުންނަނީއެވެ. އަރީފަށް މި ފެނުނު ބަކައްޓަކީ މިރޭވެސް މާމައެވެ. ގިފިލީގައި ފާޚާނާ ތަށި ހުންނަބައި ހުންނަނީ ހަމަބިމާ އެއްވަރަށް ހުންނަ ތަޅުމުގައެވެ. ވަޅުދޮށް ހުންނަނީ ދޮޅުފޫހެއްހާ އަޑިއަށް ކޮނެފައެވެ. އެހެންވީމާ ފާޚާނާތަށި ހުންނަ ބައިން ވަޅުދޮށަށް ފައިބާއިރު މާމަ ބުނިގޮތުގައި ފައިބަނީ ދެއަތް ޖައްސައިގެންނެވެ. އެއީ އެދިމާލުގައި ސިޑިއެއް ނުހުންނާތީއެވެ. އަރީފަށް ގިފިއްޔަށް ވަދެވުނު ވަގުތަކީ ނިދަންވެގެން ވުޟޫ ކުރަން މާމަ ފާޚާނާއަށްވަންއިރު ފާޚާނާ ތަށީގެ މަތި ނުޖަހާ އޮތީމާ ތަށިމަތިޖަހާފައި ވަޅުދޮށަށް ފޭބި ވަގުތެވެ.

ދުއްލޯބެއަށް ބޮކިބެ ކިޔުނުގޮތް

އަހަރެންގެ މަންމަ ކިޔައިދިން ވާހަކައެކެވެ.

މަންމައާއި އެއްބަޑު އެއްބަފާގައި ތިބެނީ ތިން ކުދިންނެވެ. އެއީ ޙަސަންބެއާއި މަންމައާއި ދުއްލޯބެއެވެ. މީގެ ތެރެއިން އެންމެ ހަގީ ދުއްލޯބެއެވެ.

ދުއްލޯބެއަށް ރަށުމީހުން ކިޔަނީ ބޮކިބެއެވެ. ވަރަށް ކުޑައިރުއްސުރެވެސް ދުއްލޯބެއަށް ބޮކިބެ ކިޔަނީ ކީއްވެތޯ ސުވާލު އުފެދިފައިވެއެވެ. އެއްދުވަހަކު މަންމަ އެވާހަކަ ކިޔައިދިނެވެ.

ދުއްލޯބެ އުމުރުން ބާރަ ތޭރަ ވަރަކަށް އަހަރުގައި ވަރަށް ވަރުގަދަ ހުމެއްޖެހި ދުއްލޯބެ ބަލިވެއްޖެއެވެ. ދިވެހިބޭހާއި ފަންޑިތަވެސް ހެދިއެވެ. ފަންޑިތަ ހަދަނީ ޔަހުޔާ ކާފައެވެ. ޔަހުޔާ ކާފަ ކޮންމެވެސް ކަމެއް ކޮށްލީމާ ކުޑަކޮށް ލުއިވެލައެވެ. އެކަމަކު މުޅިން ރަނގަޅެއް ނުވެއެވެ. މަންމަ ބުނިގޮތުގައި މިހުންގަނޑު ދުއްލޯބެއަށް ޖެހުނީ އީދެއްގައި ބޮޑުމަސްދުއްވަން އިރުމަތީ އަވަށު މީހުން ބޮޑުމަސް ވިޔާ ތަނަށް ގޮސްހުއްޓައެވެ. މިހުންގަނޑެއް ޖެހިގެން ދުއްލޯބެ މޮޔަ އެއްޗެތި ގޮވާ ހަމަނުޖެހޭ ވާހަކަ ދައްކާ އުޅެއެވެ. އެހެން އުޅުނު ދުވަސްވަރު ކަމަނައުމަރުބޭ ގެއަށް އަތުވެއްޖެއެވެ. އޭރު މަންމަމެން އުޅެނީ ބޮޑުކާށިގޭގައެވެ. އެގެހުންނަނީ މަނަދޫގެ އިތުމަތީ ކޮޅުގައި ރައިމާގެ އިރުން ކުޑަކޮށް އުތުރުގައެވެ. ކަމަނައުމަރުބޭ އައިސް މިއީ ވަރަށް ރަނގަޅު އެއްޗެކޭ ކިޔާ އެތެރިގޭ ތެރޭގައި އެލުވާފައި ހުރިގޮތުން ބޮއްކެއް ގެންގޮސްފިއެވެ. އެއީ މިހާރު މިގެންގުޅޭ ކަހަލަ އިލެކްޓްރިކް ބޮޑު ބޮއްކެކެވެ. ކާފަ ހޮވައިގެން ގެނެސް ތިންކުދިންނަށް ތިން ބޮކި އެތެރިގޭތެރޭގައި އެލުވާފައި އޭރު ހުއްޓެވެ. އުމަރުބޭ އެތަނުން ބޮއްކެއް ގެންދިޔައީއެވެ.

އޭގެ ދުވަސްކޮޅެއް ފަހުން ކޮންމެވެސް ކަމަކު އުމަރުބޭ ބޮޑުކާށިގެއަށް އަތުވެއްޖެއެވެ. އޭރުވެސް ދުއްލޯބެ މުޅިން ރަނގަޅެއް ނުވެއެވެ. އުމަރުބޭގެއަށް ވަނުމާއެކު މިއޮތް އައީނޫންހޭ މަގޭ ބޮކި ގެންގޮސްގެން ފޮރޯގެ ފިލި އެދި މީހާ ކިޔާ ދުއްލޯބެ އުމަރުބެއަށް ވަރަށް އެއްޗެތި ގޮވައިފިއެވެ. މިކަމާ އުމަރުބޭ ވަރަށް ހައިރާންވެއްޖެއެވެ. ބޮކި ގެންގޮސްގެން ހެދީ ކޮން އެއްޗެއްކަން ދުއްލޯބެއަށް އެނގުނީ ކިހިނެއްކަން ނޭގިގެންނެވެ. އުމަރުބޭ އެކަމާ ސުވާލު ކުރުމުން ދުއްލޯބެ ކައިރި އެވާހަކަ ބުނީ އޭނާގެ ޖިންނި ރައްޓެއްސެކޭ ބުންޏެވެ.

ދުއްލޯބެއަށް ބޮކިބެ ކިޔުނީ އެހާދިސާގެ ފަހުންނޭ މަންމަ ބުންޏެވެ. ދުއްލޯބެ ކައިވެނި ކޮށްގެން އުޅޭ އަޒީޒާ ދައްކައަކީ މި އުމަރުބޭގެ ދަރިއެކެވެ.

ޚަލީލަށް ފެނުނު ޖިންނިތައް

ނ. މަނަދޫ ކަނީރުމާގޭ ޢަބްދުﷲ ޚަލީލު ކިޔައިދިން ވާހަކައެކެވެ.

އޭރު ޚަލީލުގެ އުމުރުންވާނީ ގާތްގަޑަކަށް ދިހަވަރަކަށް އަހަރެވެ. އޭނާ ހުރީ މަނަދޫ އަލިމަސްގޯޅިން އުތުރު ކޮޅުގައެވެ. އަލިމަސް ގޯޅިއަކީ އަހަރެމެންގެ ( މާލްރޯޑް ) ގެ ހުޅަނގުން މަނަދޫގެ އުތުރުން ދެކުނަށް އޮންނަ ގޯޅިއެކެވެ. ޚަލީލު ކިޔައިދިން ގޮތުގައި އޭރު ފިތުރޯނުގޭ ގިފިލީގައި ބޮޑު ބަނބުކެޔޮ ގަހެއް ހުރެއެވެ. އަހަރެންވެސް އެގަސް ދުށީމެވެ. އޭރު އެބަނބުކެޔޮގަސް ހުންނާނީ އެގޭގެ ދެކުނު ފަރާތުގައެވެ. ސޯސަންމަގާވީ ފަރާތުގައެވެ. އެއީ އޭރު އެގޭ ގިފިލި ހުންނަ ފަރާތެވެ. ޚަލީލު ބުނިގޮތުގައި އޭރު އެރޭ ދިހައެއް އެގާރަ ޖަހާފާނެއެވެ. އޭނާ ދާން ދިޔައީ އަތިރިމަތީގައި ކާޑުގެ ކައިރީގައި އުޅެފައި ގެއަށްދާށެވެ. ކާޑުގެ ހުންނަނީ މަނަދޫގެ އުތުރު ފަރާތު އަތިރިމަތީގައި ރުންމަގު ކައިރީގައެވެ. އެއީ މިހާރުގެ ބިކިރި ކެފޭ ހިންގާ މަނަދޫ ޒުވާނުންގެ ގުޅުމުގެ ޢިމާރާތް ހުރިތަނެވެ.

ޚަލީލު ގެއަށްދާން ހިގައިގެންތަނާ އޭނާއަށް ފެނުނީ ބަޔަކު މީހުން ފިތުރޯނުގޭ ބަނބުކެޔޮގަސް ދޮށުގައި އުޅޭތީއެވެ. އެމީހުންނަކީ ވަރަށް ދިގު ބައެކެވެ. ބޯހުންނަނީ ކޯރިތަކެއް ހެންނެވެ. އެމީހުން އެތަނުގައި އެކަކު އަނެކަކާ ހިފާ އޮޅުލާ ހަދާތީ އޭނާއަށް ފެނުނެވެ. އެއީ އަހަރެމެން ކަހަލަ ބައެއް ނޫންކަން އެގިގެން އެމަގުން ގެއަށްދާކަށް ޚަލީލަކަށް ނުކެރުނެވެ. އެހެންވެ އޭނާ ދިޔައީ މުރަކަ، މޫމިނާމަންޒިލް، ރަތްފުސްގެ، ބުލްބުލާގެ، އިރަމާގެ ފިނިފެންމާގެ މިގެތަކުގެ ކުރިމަތިން އޮންނަ މަގުންގޮސް ބޮޑުގޯޅިން ސޯސަންމަގު ހުރަސްކޮށް ފެމޯރާގެ އާއި ޑޯރެންސީވިލާ އާ ދެމެދުގައި އޮންނަ ގޯޅިން ގޮހެވެ. ޚަލީލު ބުނިގޮތުގައި އޭނާ އެއްވެސް ވަރަކަށް ބިރެއް ނުގަނެއެވެ. އަދި އެކަމުގެ ސަބަބުން އެއްވެސް ކަމެއްވެސް ނުވެއެވެ.

ފުޅަތަކުގެ ތެރޭގައި މުޅިރޭ

ނ. މަނަދޫ ދޮންއަންނާރުގޭ ޢުމަރު ޙުސައިން 1430 ވަނަ އަހަރުގެ ރަމަޟާންމަހު ތަރާވީހަކަށް ދައުވަތު ދިނެވެ. ޢުމަރުގެ ޢާއިލާ އުޅެނީ ހުޅުމާލޭގެ ފްލެޓެއްގައެވެ. ކުރިން ވާހަކަ ދައްކާފަ ނިންމީ އަހަރެންނާއި ޖައުހަރީބެ އާއި ތޯރިޤާއި މަނިކާ ތިންމީހުން އެއްކޮށްދާށެވެ. ކަންދިމާވި ގޮތުން ތޯރިޤަށް އަހަރެމެން ފުރަންދިޔަ ގަޑިއަކު ދެވޭގޮތެއް ނުވިއެވެ. ތޯރިގު ދިޔައީ އަހަރެމެން އުމަރުމެން ފްލެޓްގައި ތިއްބައެވެ. މިދަތުރު ހުޅުމާލެއަށް ގޮސް ޕްލެޓާ ހަމައަށް ދިޔަދިއުމުގައި އިބްރާހިމް މަނިކު އޭނާގެ ރައްޓެއްސަކަށް ދިމާވި ހާދިސާއެއް ކިޔައިދިނެވެ.

އެދުވަސްވަރަކީ މާލޭގައި ކަރަންޓްގެ އަލިކަން މާބޮޑަށް އޮންނަ ދުވަސްވަރެއް ނޫނެވެ. އެމީހަކު އުޅުނީ ކޯޓް ނަންބަރެއްގައެވެ. އާދައިގެމަތިން ކައިވެނި އޮތް ރެއެކެވެ. ގާތްގަޑަކަށް ނުވައެއް ޖަހަނީއެވެ. އޭނާވެސް ނިކުތީ ކައިވެނި ކުރަންއޮތް ގެއަށްދާންވެގެންނެވެ. ގަޑިއަށް ބަލާލުމަށްފަހު ބައިސްކަލަށް އަރައިގެން ނައްޓާލިއެވެ. ދުއްވަދުއްވާ އެއްގޮތަކަށްވެސް އެގެއަށް ދެވޭ ގޮތެއް ނުވެއެވެ. ދަތުރެއް ނުނިމުނެވެ. އެހެން އުޅެނިކޮށް އިވުނީ ކުއްލިއަކަށް ފަތިސް ނަމާދުގެ ބަންގި ގޮވިއަޑެވެ. އެވަގުތު އޭނާއަށް ހުރެވުނީ ކޮންތާކުކަން އެގިއްޖެއެވެ.

އެތަނަކީ ޓީވީއެމްހުންނަ ދިމާލުން މޫދުކައިރީގައި އޭރު އޮންނަ ކުނިގޮޑެވެ. އެތަނަށް ކުނިވާޒާތުގެ އެތައް ސާމާނެއް އަޅާ ތަނެކެވެ. ކަރުގޮހޮރުވެސް އޮވެއެވެ. އަބަދުވެސް ފުޅަތައް ދުވެދުވެ އޮވެއެވެ. އޭނާއަށް ބައިސްކަލާއެކު އެރި ހުރެވުނީ އެފުޅަތަކުގެ ތެރޭގައެވެ.