Tuesday, July 11, 2023

ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާ

 


ޢަބްދުﷲ ސަޢީދު

 

ދޮނައެރިކަނޑޫދޫ އަކީ ނ. އަތޮޅުގެ ދެކުނު ބިތުގައި އޮންނަ ފަޅުރަށެކެވެ. ކުރިން މީހުން ދިރިއުޅުނު ކަމަށްބުނެވޭ އަދި އެކަމުގެ އަސަރުތައް ފެންނަން ހުރި ރަށެކެވެ. އެ ރަށާ އެންމެ ކައިރީގައި އޮންނަ މީހުން ދިރިއުޅޭ ރަށަކީ ނ.އަތޮޅު ވެލިދޫ އެވެ. ދޮނައެރިކަނޑޫދޫއާ ވެލިދޫއާ ދޭތެރޭގައި އެހެން ފަޅުރަށެއް އޮވެއެވެ. އެއީ ރާފުށްޓެވެ. ދޮނައެރިކަނޑޫދޫ ފަޅުވި ތާރީޚެއް ނޭނގެއެވެ. އެ ރަށް ފަޅުވި ގޮތްކަމަށް ބުނާ ދެ ފޯކުލޯރެއް އޮވެއެވެ. އެއް ފޯކުލޯރަކީ މަނަދޫގައި އުޅުއްވިކަމަށް ބުނާ ހާޖީ ބަންޑާރައިންގެ ވާހަކައާ ގުޅުވައިގެން ކިޔާ ފޯކުލޯރެކެވެ. ދެވަނަ ފޯކުލޯރަކީ ވެލިދޫގައި އުޅުނު ކަމަށްބުނާ ވަރަށް މޮޅު ފަންޑިތަވެރިޔަކާ ގުޅުވައިގެން ކިޔާ ފޯކުލޯރެކެވެ. މި ދެ ފޯކުލޯރުގައި ވެސް ފަންޑިތަވެރިކަން އޮވެއެވެ. އެކި މީސްމީހުން ކިޔައިދިނުމުގައި ކުދިކުދި ތަފާތުތައް ހުރެއެވެ.

 

މި ދެ ފޯކުލޯރު ވެސް ވެލިދޫއާ ގުޅޭތީ ދޮނައެރިކަނޑޫދޫ ފަޅުވި ހާދިސާއާ އެރަށާ ގުޅުމެއް ވާނެކަމަށް ޤަބޫލުކުރެވެއެވެ. ރާއްޖޭގެ ބައެއް ރަށްރަށް އެއް ފަހަރަށްވުރެ ގިނަ ފަހަރު ފަޅުވެފައި ވާތީ އެ ރަށް ވެސް އެއްފަހަރަށް ވުރެ ގިނަ ފަހަރު ފަޅުވީ ކަމަށް ވެސް ވެދާނެއެވެ.

 

ފުރަތަމަ ފޯކުލޯރު

 

ދިވެހިތާރީޚުގައި ހާޖީ ބަންޑަރައިންގެ ނަން ދެވިފައިވަނީ ޣިޔާސުއްދީން ރަދުންނަށެވެ. އެ ރަންދުން ނަކީ ޙައްޖުން ވަޑައިގެންނެވި ތަނުން ކަނޑުފައްތައި ޝަހީދުކޮށްލެވުނު ރަސްކަލެކެވެ. ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރިންސުރެ ހުރި ހާޖީ ބަންޑާރައިންގެ ޒިޔާރަތްތަކާއި މަޤާމްފުޅުތަކާ އެ ރަދުންނާ އޮތް ގުޅުމެއް ނޭނގެއެވެ.

 

ހާޖީބަންޑާރައިންނަކީ މަނަދޫގައި އުޅުއްވި ކަމަށް ބުނެވޭ ވަލީވެރި ބޭކަލެކެވެ. އެ ބޭކަލެއް މަގާމްކޮޅު ހުންނަ ކަމަށްވަނީ މަނަދޫގައި ހުންނަ ނ. އަތޮޅުގެ ހުރި ތަނުގައެވެ. ހާޖީބަންޑާރައިން އެއްރެއަކު މަނަދޫން މާލެއަށް ދަތުރުކުރައްވަނިކޮށް ނިކަންބޮޑު ނަވެއް ފެނިވަޑައި ގެންފިއެވެ. އެ ނައު އޮތީ ބައްތިތައް ދިއްލާ އަޅާފައެވެ. ދުވެލި ބާރުވެފައި ހަލުއްވެވެ. އެ ނައު ފެނިވަޑައިގަތުމާއެކު އެއީ ކޮން ނަވެއްކަމާއި އެކަމުގެ ނުރައްކާތެރިކަން ހާޖީ ބަންޑާރައިންނަށް އެނގިވަޑައިގަތެވެ. އެއީ ކަނޑު ރަސްގެފާނުގެ ނަވެކެވެ. އެ ނައު އަރައިފި ރަށެއްގައި ތިބި ބަޔަކު ކައި ހުސްކުރާނެއެވެ. އެ ނަވަށް ހާޖީބަންޑާރައިން ވިދާޅުވިއެވެ. ކޮންތާކަށް ކުރައްވާ ދަތުރުޅެއްތޯއެވެ. ކޮންމެތާކަށް ދަތުރުކުރެއްވިޔަސް ނަމަނަމަ އަހުރެންގެ ރަށަށް، ޔައުނީ މަނަދޫއަށް އަރައިގެން ނުވާނެވެ. ނަވުން ގޮވާލިއެވެ. އާދޭހެވެ.އާދޭހެވެ. މިދަނީ ދޮނައެރިކަނޑޫދޫއަށެވެ. ބުނެވޭ ގޮތުގައި އެރަށުން ސަލާމަތްވީ އެންމެ އަންހެން ކުއްޖެކެވެ. އެހެން އެންމެންނަށް ވީގޮތެއް އަދިއަދަށް ދާންދެން ވެސް ނޭނގެއެވެ.

 

ދޮނައެރިކަނޑޫދޫގައި މާރީތި ދޮންދޮން އަންހެން ކުއްޖަކު އުޅުނެވެ. އެ ކުއްޖާ ފިރިފުރާވަރަށް އެރިއިރު ޒުވާން ހުރިހާ ފިރިހެން ކުދިން އުޅެނީ އެ ކުއްޖާގެ ރުހޭބަސް ނުލިބިގެންނެވެ. އެ ކުއްޖާގެ ހިތް ރުހޭ ބަސް ހޯދުމަށް އެކަކު އަނެކަކަށް ހަދަން ފެށީ ފަންޑިތައާއި ސިހުރެވެ. ބޭނުން ހިފަންފެށީ އިސްތިރި ވަރިތޮޅީގެ ސިހުރުތަކެވެ. އެކަމުގައި އެއްބަޔަކު ދުނިޔެއަޅާގޮސް އަނެއްބަޔަކު މޮޔަވަމުން ދެއެވެ. އެކަކަށްވުރެ އަނެކަކު ވަރުގަދައަށް ކަންތައްތައްކޮށް ރަށުތެރެ މުޅީން ނާމާން ވީއެވެ. ބައިބަޔަށް ރަށުގެ ރައްޔިތުން ބެހި އެއް ބަޔަކު އަނެއް ބައެއްގެ ހަލާކަށް ވެސް ސިހުރު ހަދަން ފަށައިފިއެވެ. އެކިއެކި ޖިންނި ޝައިޠާނުންނަށާއި މާރިދުންނަށް ގޮވައި އެއްތަންކޮށް އެ މީހުން އެމީހުންނާ ވެސް ހަނގުރާމަ ފަށައިފިއެވެ.

 

މި ކަންތައްގަނޑު ބޮޑުވެގެން އެންމެ ފަހުން ކަނޑު ރަސްގެފާނު ލަޝްރައިގެން ވަޑައިގެންނެވީއެވެ. އެ ލަޝްކަރު ގޮސް ރަށުގެ އެއްކޮޅުން އަރައިގެން އަނެއްކޮޅުން ފައިބައިގެން ދިޔައިރު އެރަށުގައި ދިރިހުރި ކަމަށްވަނީ ހަމައެކަނި އެ އަންހެން ކުއްޖާއެވެ. އެ ކުއްޖާ ރީތި ކަމުން ކަނޑު ރަސްގެފާނަށް ވެސް އެ ކުއްޖާއަށް ގޮތެއް ހައްދަވާކަށް ކެރިވަޑައެއް ނުގެންނެވިއެވެ. އެ ލަޝްކަރު ރަށުތެރެއަށް އެރުމާއެކު ރަށުތެރޭގައި މީހުންތައް ރޮއިރޭހި ކޮޅުކޮޅަށް ދުވަންފެށިއެވެ. އެ އަންހެން ކުއްޖާއަށް ވެސް ހަދާނެގޮތެއް ނޭނގިގެން ދުވަމުން ދުވަމުން ގޮސް އެރެވުނީ މޫދަށެވެ. ދެން ވީގޮތެއް އެ ކުއްޖާއަކަށް ވެސް ނޭނގެއެވެ.

 

އަނެއް ދުވަހު ދުވަހު އެހެން ލާފައި ދަތުރުކުރަމުން ދިޔަ ބަޔަކު ފެންލާން ވެގެން ދޮނައެރިކަނޑޫދޫއަށް ލެފިއެވެ. އޭރު އެރަށަކީ ވަރަށް ފެންމީރު ރަށެއް ކަމަށް ވެއެވެ. ފެންބަލައި ރަށުތެރެއަށް އެރިއިރު ގެތައް ހުރީ ފަޅަށެވެ. ދިރޭ އެންމެ ފުރާނައެއް ވެސް ނެތެވެ. ހައިރާން ކަމުގައި ތިބެ މިސްކިތު ވަޅުން ފެން ބަލައި ދިޔައިރު ވަޅުގެ ފެންގަނޑު ހުރީ ތަޣައްޔަރު ވެފައެވެ. ލޮނުކަމުން އަނގަޔަށް ލާކަށް ނުކެރުނެވެ. އެކަމާ ގަންނާކުރެއްވި ބިރުން އަވަސް އަވަހަށް އެރަށުން ފައިބައިގެންދާން އަޅާ އިތިކޮށް ދުއްވައި ގަނެފިއެވެ. ދުވަމުން އައި މީހުންނަށް ރާޅު ފެންފަށުގައި އޮތް ވަރަށް ރީތި އަންހެން ކުއްޖަކު ފެނެނެވެ. އެ ކުއްޖާ އޮތީ ހެއްދެވިގޮތަށެވެ. އެ މީހުން އެ ކުއްޖާއަކާ އަޅައެއް ނުލައެވެ. އުޅުނީ އަވަހަށް ފުރައިގެން ދާށެވެ. އެ ވަގުތު ހޭނެތިފައި އޮތް އެ އަންހެން ކުއްޖާ ހޭރައިގެން ތެދުވެ ތިމަންނަ ގެންދާށޭ ކިޔާ ރޮއިހޭރިގަންފިއެވެ. ދޯނިން މީހަކު ގޮސް ދޯނީގެ ކުޑަ ރިޔާ ގައިގައި އޮޅާލައިގެން އެ ކުއްޖާ ގެނެސް ދޯންޏަށް ލައިގެން ގެންދިޔައީ ވެލިދޫއަށެވެ. ވެލިދޫގައި ރީތި ދޮން އަންހެން ކުދިން އުފަންވާން އެ ކުއްޖާގެ ދަރިކޮޅުން ކަމަށް ބުނެވެއެވެ.

ދޮނައެރިކަނޑޫދޫ (2002 ވަނަ އަހަރު)

 

ދެވަނަ ފޯކުލޯރު

 

ކުރިން އެ ރަށަށް ކިޔަނީ ކަނޑޫދޫއެވެ. ދޮނައެރި ކަނޑޫދޫ ކިޔަންފެށީ އެރަށް ފަހުންކަމަށް ބުނެވެއެވެ. އެ ނަމާ އެ ރަށް ފަޅުވި ހާދިސާއާ މީހުން ގުޅުވައެވެ. ދޮނަމައްޗަކީ ސަންދޯއް މަތިން އަޅާ ފޮތިގަނޑެވެ. އެ ފޮތިގަނޑު އެއްލާލައި ގަބުރު ތެދުވެ އެރަށުގެ އެންމެން ކައި ހުސްކުރީ ކަމަށް ކިޔައެވެ.

 

ވަރަށް ވަރުގަދަ ހުމުގެ ރޯގާއެއް ކަނޑޫދޫއަށް ފެތުރި މީހުންތައް މަރުވާން ފަށައިފިއެވެ. މަރުވަމުން ދާވަރަށް ވަޅުނުލެވި ބިންމަތީގައި ގަބުރުތައް ކުނިވާން ފަށައިފިއެވެ. މުޅި ރަށުތެރެ ނާމާން ވެއްޖެއެވެ. ދުވާލެކޭ އެއްގޮތަށް ރޭގަނޑަށް ވެސް ރަށުތެރޭގައި ކާޅާއި ކޮވެއްޔާ ގޮވާންފަށައިފިއެވެ. އެ ރަށުން ކަފުނާއި ކަފަޔާއި ސަންދޯއްޖަހާނެ ފިލާ ހުސްވެއްޖެއެވެ. ސަންދޯކުގެ ބަދަލުގައި ފަންގަނޑުގަނޑުގައި ވެސް ވަޅުލާން ފަށައިފިއެވެ.

 

ކަޑޫދޫއާއި އެރަށް ކައިރީގައި އޮންނަ ވެލިދޫއަކީ ވަރަށް މޮޅެތި ފަންޑިތަވެރިން އުޅުނު ރަށެއް ކަމަށް ބުނެވެއެވެ. ދެ ރަށުގެ މީހުން އެއްބަޔަކު އަނެއް ބަޔަކަށްވުރެ ކަންވެރިކަމަށް މޮޅުވާނެކަމަށް ބުނެ ވާދަކުރެއެވެ. އެހެންކަމުން ދެ ރަށުގެ ދެމެދުގައި ޒަމާނުއްސުރެ އެ ވާދަވެރިކަން އޮންނަކަމަށް ވެއެވެ. އެހެން އުޅެނިކޮށް ކަނޑޫދޫގައި ފެތުރެންފެށި ހުމުގެ ރޯގާގައި މީހުން މަރުވާންފެށީއެވެ. އެރަށުގެ ކަންވެރިން ކުރަމުންދިޔަ ކަމަކުން އެއްވެސް ކޮޅެއްމެދެއް ނުފެނި އެކަން ދިޔައީ ބޮޑުވަމުންނެވެ. އެ މީހުންގެ ކަންވެރިކަމުގެ ފޮތްތައް ހުސްވެ ކޮޅުންލީއެވެ. ގޮތް ހުސްވުމުން އެންމެ ފަހުން ވެލިދޫއަށް ބަޔަކު ގޮސް އެ ރަށުގައި ހުރި އެންމެ މޮޅު ކަންވެރިޔާ ގެނެސްފިއެވެ.

 

އޭނާ ބެލިބެލުމުން އެނގުނީ ކުށުވެރިކަން ލައިގެންފައިހުރީ އެރަށުގެ ފެނަށް ކަމަށެވެ. އޭނާ ބުނީ 40 ދުވަސްވަންދެން އެއްވެސް ވަޅަކުން ފެންބޮއިގެން ނުވާނެކަމަށާއި އެހާތަނަށް ބޯން ބޭނުންވާ ވަރަށް ފެންނަގައި ތަކެއްޗަށް އަޅައި ރައްކާކުރުމަށެވެ. އެހެންބުނެ އެންމެންނަށް ހުއްދަ ދިނީ މިސްކިތު ވަޅުން ފެން ގެންދާށެވެ. ހުރިހާ ގެއަކުން ފެން ގެންގޮސް ނިމުނީމާ މިސްކިތު ވަޅު ވެސް ބަންދުކޮށް ފެން ނެގުން މަނާކުރިއެވެ. ވަޅުތައް ބަންދުކުރަނީ ކިޔަވައި މަތުރާފައިވާ މާޅިސްކެޔޮ ވަކެއް ކޮންމެ ވަޅަކަށް ވެސް ލައިގެންނެވެ. ރަށުގައި ކިޔަވައި ދުންއަޅައި ރަށް ތަޅުލާފައި ކަންވެރިޔާ ފުރައިގެން ދިޔައީ 40 ވަނަ ދުވަހު ރަށް ހުޅުވައިދޭން އަންނާނެ ވާހަކަ ބުނެފައި ވަހުތާން ވެސް ޖަހާފައެވެ.

 

އޭގެފަހުން ދުވަސްވަމުން ދިޔަ ވަރަކަށް ރަށުތެރެ ދިޔައީ އަމާންވަމުންނެވެ. އެކަމަކު ހުމުގައި ބޮޑުވަރުވީ މީހުން އޭރު ވެސް ކޮންމެ ވެސް ވަރަކަށް މަރުވަމުން ދިޔައެވެ. އޭގެތެރޭގައި އެރަށު ދޮން ޙަސަނާއި އޭނާގެ އަންހެނުން ދަލޭކާ ހިމެނެއެވެ. އޭރު އެ ދެ މީހުންގެ ހުރީ ނުވަވަރަކަށް އަހަރުގެ ކުޑަކުޑަ ފިރިހެން ކުއްޖެކެވެ. އެ ސޮރަށް ކިޔަނީ ދޮންސޮރެވެ. ދޮންސޮރުގެ މަންމައާއި ބައްޕަ ނިޔާވީމާ އެ ސޮރު ބަލަހައްޓަނީ އެ ސޮރުގެ މާމައެވެ. އެހެން އުޅެނިކޮށް ގަދަހުންގަނޑު މާމައަށް ވެސް ލައްވާލައިފިއެވެ. ތިމާގެ ގޭގެއަށް ހިގައިގެން ކާއެތިކޮޅު ހޯދައިގެން ގެނެސް މާމައަށް ކާންދީ ބަލަހައްޓަނީ ދޮންސޮރެވެ. ހުމުގައި ގިނަ ދުވަހު އުޅެންޖެހުމުން މާމައަށް ހިނގާބިނގާވެ އުޅެވޭ ވަރެއް ނޫނެވެ.

 

ވެލިދޫ ކަންވެރިޔާ ބުނި ދުވަސްތައް މީހުން ގުނަން ފަށައިފިއެވެ. ގޭގޭގައި ބޯންނަގައި ރައްކާކުރި ފެންފޮދު ހުސްވާން ފަށައިފިއެވެ. ބައެއް މީހުން އެހެން ގޭގޭގައި ނަގާފައިހުރި ފެންފޮދު ވެސް ސިއްރުސިއްރުން ވަގަށް ނަގަންފަށައިފިއެވެ. މި ހާލަތަށް ގޮސްފައި ވަނިކޮށް އެއް ރެއަކު ދެ ނަމާދު ދޭތެރޭގައި ދޮންސޮރަށް ގޮވާލާފައި ފެންފޮދެއް ގެނެސްދޭށޭ މާމަ ބުނެއްޕެވެ. ލޯވަށި ހިފައިގެން ގޮސް ފެންއަޅާ ދޯރު ބަލާލިއިރު އެއަކު ފެނެއްނެތެވެ. ދުވެފައި ގޮސް ފެންހަދު ބަލާއިރު އޭގައި ވެސް ފެނެއް ނެތެވެ. ދެން ބެލީ ފެންއަޅާ ރުނބައެވެ. އޭގެ އެތެރެ ވެސް އޮތީ ހިކިފައެވެ. ބޭރަށް ނުކުމެ ވަޅުލާފައި ހުރި ޖާޑި ބެލިއިރު އޭގެ ތެރޭގައި ވެސް އެންމެ ފެން ތިއްކެއް ވެސް ނެތެވެ. ދުވެފައި ގޮސް މާމަ ކައިރި ބުނެއްޕެވެ. މާމާއެވެ. މިގެއަކު އެންމެ ފެން ފޮދެއްވެސް ނެތެވެ. މާމަ ބުންޏެވެ. ދަރިފުޅާއެވެ. ކައިރި ގެއަކުން ނަމަވެސް ފެންފޮދެއް ގެނެސްދޭށެވެ. މާމަ ފެނަށް މަރުވަނީއެވެ.

 

ދޮންސޮރު އަޅާއިތިކޮށް ދުއްވައިގަތެވެ. ރަށުތެރެ ނާމާންކަމުން އިރުއޮއްސޭތަނުން އެންމެން ވެސް ތިބެނީ ދޮރުތަންޑު އަޅައިގެންނެވެ. އެއް ގޭ ދޮރުގައި ތަޅައިގަންފައި އަނެއް ގޭ ބިތުގައި ތަޅައިގެންފައި ފެންއަޅާ ދޯރު ހިފައިގެން ދޮންސޮރު ދުވެއެވެ. އެއްވެސް މީހަކު އެއްވެސް ގެއެއްގެ ދޮރެއް ނުހުޅުވިއެވެ. ދުވެދުވެ ވަރުބަލިވެގެން ދޮންސޮރު އައީ ގެއަށެވެ. އޭރު މާމަ ހުރީ ފެނަށް ކަޅިއަރާ އަވަދިވެފައެވެ. ކަރުބެދި ފެނަށް މަރުވަނީއެވެ. ދޮންސޮރު ހިތަށް އެރިއެވެ. އެވެސްމަރެވެ. މިވެސް މަރެވެ. ދޮވެފައިގޮސް ގެ ކައިރީގައިހުރި މިސްކިތު ވަޅުން ދޯރަށް ފެންއަޅައިގެން އައިސް މާމައަށް ފެންދީފިއެވެ. މާމަ ތުން ނައްޓުވާލީ ދޯރުގައި ހުރި ހުރިހާ ފެނެއް ބޮއިފައެވެ. ދޮންސޮރު ބޯނެ ފެންފޮދެއް ވެސް ނެތެވެ. ފެން ބޮއި ނިމިގެން ދޮންސޮރުގެ ބޮލުގައި މާމަ ފިރުމާލިއެވެ. މާމަ ބުންޏެވެ. ދަރިފުޅާއެވެ. މާމަ މި ރަނގަޅުވީއެވެ. ވީއުފަލުން ދޮންސޮރު ދިޔައީ އަވަހަށް ފެން ދޯރު ބަހައްޓާށެވެ. ފެންދޯރު ބަހައްޓާފައި ދޮންސޮރު އައިއިރު މާމައަށް ފާޑެއްގެ އުނދަގޫ ގަނޑެއްވަނީއެވެ. ވާހަކައެއް ނުދެއްކެވެ. ހާސްވެގެން ތެޅެނީއެވެ. ހީވަނީ ދެންމެދެންމެ ދޮޅި އުފުރާ ނޭވާލައިފާނެ ހެންނެވެ. މާމަ މަރުވަނީއެވެ. ދޮންސޮރު އަޅާއިތިކޮށް ދުއްވައިގަތެވެ.

 

އެއްގޭގެ ދޮރުގައި ތަޅަމުން އަނެއްގޭގެ ބިތުގައި ތަޅަމުންނެވެ. ދޮރުހުޅުވާނެ ގެއެއް ނުވިއެވެ. އެންމެ ފަހުން ރަށުގެ އަނެއް ކޮޅުގައި ހުންނަ މުދިން އަލިބެގެއަށް ހިނގައްޖެއެވެ. ދިޔައިރު މުދިންބެ އިނީ ޤުރުއާން ކިޔަވާށެވެ. ދޮރުގައި ތަޅައިގަތްތަނުން ހުޅުވާފައި ބުނެއްޕެވެ. ދޮންސޮރާ ވީ ކީއްހެއްޔެވެ؟ އެސޮރު ރޮއިގަންފައި ބުންޏެވެ. މާމަ މަރުވަނީއެވެ. އަވަހަށް އަންނާށެވެ. ދޮންސޮރުގެ މާމައާއި މުދިން އަލިބެއާ އާއިލީ ތިމާގެކަމެއް ވެސްއޮވެއެވެ. މުދިންބެ ދިޔައީ އެ ހުރިގޮތަށް ޚަތިމު ވެސް ހިފައިގެންނެވެ.

 

މުދިންބެއާއި ދޮންސޮރާ ދެމީހުންނަށް ގޮސް ދޮންސޮރުމެންގޭގެ ދޮރުމައްޗަށް އެރުނު ކަމެއް ނޭނގެއެވެ. އެންމެ ފަހުގެ ނޭވާ ދޮޅިއުފުރާ ލާފައި ދޮންސޮރުގެ މާމަ ނިޔާވެއްޖެއެވެ. މުދިންބެ ބުންޏެވެ. ދޮންސޮރާއެވެ. ކުރާނެ ކަމެއްނެތެވެ. މާމަ ނިޔާވީއެވެ. އެސޮރު ދެފައި ތަޅައިގެންފައި ފެށީ ރޯށެވެ. ކޮއްކޯއެވެ. ރުޔަކަސް ކުރާނެ ކަމެއްނެތެވެ. މުދިންބެގެ ގެއަށްގޮސް ދައިތަ ކައިރި ބުނާށެވެ. މާމަ ނިޔާވެއްޖެއެވެ. ހިނަވައިދޭން އަންނާށެވެ. މުދިންބެގެ އަންހެނުން އައީ އެގޭގައި ހުރިއްޔާ ހުރި އެއްޗެއް ހިފައިގެންނެވެ. ހިނަވާ ކަފުންކޮށް ނިންމާ ކިބާފިލާ އަޅާފައި މަތިން ދޮނަމަތި އެޅިއިރު މެންދަމުން އަލިވެއްޖެއެވެ. ވަޅުލެވޭނީ މީހުން ހޭލީމައޭ ބުނެފައި މައްޔިތާ ކައިރީގައި މުދިންބެ ޤުރުއާން ކިޔަވަން ފެށިއެވެ. ދޮންސޮރު ބަސްހުއްޓިފައި ދެލޮލުން ފެން ފޮހެލަފޮހެލައި މުދިންބެ ކައިރީގައި އިނެއެވެ. އެހެން އިންދާ ކުއްލިއަކަށް ބަނޑުކައްކައިގެންފައި ދާންޖެހިއްޖެއެވެ. ދެން ނީންދެވޭނެޔޭ މިދަނީ އަތިރިއަކަށޭ ބުނެފައި މުދިންބެ ހިގައްޖެއެވެ.

 

މުދިންބެ ދިޔަތާ މާގިނައިރެއް ނުވެ ދޮންސޮރަށް ފެންނުނީ ގަބުރުގެ ކިބާފިލާމަތިން އަޅާފައި އޮތް ދޮނަމަތި ހެލޭތަނެވެ. ހައިރާންވެފައި ބަލަން އިންދާ ކުއްލިއަކަށް ކިބާފިލާ ހޫރާލާފައި މާމަ ތެދުވެއްޖެއެވެ. ގޭތެރޭގައި ދިއްލާފައިހުރި ވޮށުގެ ފަނޑުއަލީގެ ތެރެއިން ވެސް އެއީ އެސޮރުގެ މާމަގެ ސިފައެއް ނޫންކަން އެނގިއްޖެއެވެ. ބަލާކަށް ނީންދެ ފުންމައިގެން ގޭގެ ދޮރުން ބޭރަށް ނިކުމެއްޖެއެވެ. އޭރު ކާޅާއި ކޮވެއްޔާ ހީވަނީ ގެ ވެސް ނަގައިގަން ފާނެ ހެންނެވެ. މުދިންބޭ މުދިންބޭ އޭ ގޮވަމުން ދޮންސޮރު ދުއްވައިގަތީ އަތިރި މައްޗަށެވެ. ވަކި ހިސާބަކަށް ދުވެފައި ފަހަތް ބަލާލިއިރު ހުޅަކުން ތަނަކުން ނުލަންބާ އެސޮރު ފަހަތުން ގަބުރު އެހެރަ އަންނަނީއެވެ. ދުވަމުންދުވަހުން ގޮސް ވަރުބަލިވެ ގޮތް ހުސްވެގެން އެންމެ ފަހުން ބޮޑު އޮޅާދިމާއިން އެރުނީ މޫދަށެވެ. އެވަގުތަކީ ވެލިދޫ ކަންވެރިޔާ ދޯނީގައި އައިސް އޮޅަށް ވަން ވަގުތެވެ. އެއީ 40 ވަނަ ދުވަހެވެ. ރަށުތެރެއަށް ބަލާލާފައި ވެސް ކަމެއް ގޯސްވެއްޖެކަން ކަންވެރިޔާއަށް އެނގުނެވެ. ދޮންސޮރު އައިސް ދޯނީގެ ފައްގަނޑުގައި އެލިގަތުމުން ކަންވެރިޔާ އެސޮރު ނަގާ ދޯންޏަށް އެރުވިއެވެ. އޭރު ރަށުގެ ދެފަސްބެދޭ ހިސާބަށް ގަބުރުހުރީ އައިހެވެ.

ދޮނައެރިކަނޑޫދޫ (2002 ވަނަ އަހަރު)

 

ކަންވެރިޔާ ބަލާކަށް ނުހުރެވެ. ފަލި ނަގާ ޖަހަންފެށިއެވެ. ދޮންސޮރު ވެސް އެ ސޮރަށް ކުރެވުނު ވަރެއް ކުރެއެވެ. ރިޔަލާއި ފަލީފައި ގޮސް ލެފީ ރާފުށްޓަށެވެ. އެ ދުވަހުގެ އިރު އަރަންދެން ތިބީ އެރަށުގައެވެ. އެ ދުވަހު ކަންވެރިޔާ އެ ބުނާ ސާއަތަކަށް އިރުއެރީމާ އަނެއްކާވެސް ދޯނީގައި ދިޔައީ ކަނޑޫދޫއަށެވެ. ކަނޑޫދޫއަށް ގޮސް ފައިބައިގެން ރަށުތެރެއަށް ދިޔައިރު އެރަށުގައި އެއްވެސް މީހަކު ނެތެވެ. މަރުވެފައިވާ ގަބުރެއް ވެސް ނެތެވެ. ދޮންސޮރު ބުންޏެވެ. މިރަށުގެ މީހުންތައް ކޮބައި ހެއްޔެވެ؟ ކަންވެރިޔާ ބުންޏެވެ. ދޮނަމަތި އެރީމާ މީހަކަށް ނުހުރެވޭނެއެވެ. އަވަހަށް މި ރަށުން ބައިގެން ދާން ހިނގާށެވެ. މިއީ ދޮނައެރިކަނޑޫދޫއެވެ. މިއީ އަހަރެން ބުނިގޮތަށް ނުހެދުނީމާ ވީގޮތެވެ. (ނިމުނީ)

No comments: