بســم اللّـه الرّحمـن الرّحيــم

اَلحَمْـدُ لِلّـهِ رَبّ العَـالَمِـين‘ وَالصّـلاة وَالسّلام علـى محـمَّدٍ‘ وعلى آلـه وصحبـه أجمعـين.

3 ނޮވެމްބަރ 1988ގެ ޢުދުވާނީ ޙަމަލާގައި ޝަހީދުވި ޝަހީދުންގެ ޒިކުރާ އާކުރުމަށް ހެދިފައިވާ 3 ނޮވެމްބަރުގެ ހަނދާނީ ބިނާ ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންދެއްވި އެންމެހާ ޢިއްޒަތްތެރިން. އަދި ދުރާއި ގާތުން މިރަސްމިއްޔާތު ބައްލަވަމުން، އަޑުއައްސަވަމުން ގެންދަވާ އެންމެހާ ރައްޔިތުން.

السّــلام عليــكم ورحـمــة اللّـه وبـركاتـه،

އަޅުގަނޑުގެ އެންމެ ފުރަތަމަ ވާޖިބަކީ، 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު އަޅުގަނޑުމެންގެ ރާއްޖެއަށް، ބޭރުގެ ބަޔަކާއި ދިވެހިންގެ ޚާއިނުންތަކެއް ގުޅިގެން ދިން ނުރައްކާތެރި ޢުދުވާނީ ޙަމަލާގައި، އަޅުގަނޑުމެންނަށް ނަޞްރު ދެއްވިކަމަށްޓަކައި اللّـه سبحـانـه وتعـالى އަށް ޙަމްދާ ޝުކުރު ދެންނެވުން. އަދި ދުވަހުގެ ތަހުނިޔާއާއި މުބާރަކްބާދު ތިޔަ އެންމެހާ ލޮބުވެތި ރައްޔިތުންނަށް ދެންނެވުން.

އެދުވަހުގެ ޢުދުވާނީ ޙަމަލާއަކީ، ކުރިމަތިވެދާނެ ކަމަށް ދިވެހިން އެއްގޮތަކަށްވެސް ހީކޮށްގެން ތިބި ޙަމަލާއެއް ނޫން. ސަބަބަކީ، އެއްވެސްއިރެއްގައި ދިވެހިންނަކީ ބޭރުގެ އެއްވެސް ބަޔަކާ ދެކޮޅުވެރިވެގެން އުޅުނު ބަޔަކަށްނުވާތީ. އަޅުގަނޑުމެންގެ ދިވެހިރާއްޖެއަކީ، ބައިނަލްއަޤްވާމީ މައިދާނުގައިވެސް ވަކިފަރާތަކަށް ނުޖެހި، ޤައުމުތަކާ ގާތް ގުޅުމެއް ބާއްވާ ރަޙްމަތްތެރި ޤައުމެއް. އެހެންކަމުން، ދިވެހިންގެ މިނިވަންކަމާ ތޮޅެން ބަޔަކު އަތުވެދާނެ ކަމަށް އެއްވެސް މީހަކު ފިކުރެއް ނުކުރޭ. އެހެންނަމަވެސް، ދިވެހި ތާރީޚުގައި ދިވެހިންގެ މިނިވަންކަމަށް ލޮޅުން އަރާފައިވާ ކޮންމެ ފަހަރަކު، އެކަން މެދުވެރިވީފަދައިން، ދިވެހިންގެ ތެރެއިން ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންތަކެއްގެ ސަބަބުން ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާ އަޅުގަނޑުމެންނަށް އަމާޒުވި. އަމިއްލަ ފައިދާއާއި މަޞްލަޙަތަށްޓަކައި، ޤައުމުގެ މަޞްލަޙަތު އެއްކިބާކޮށް، ދިވެހިންނަށް ދުވަހަކުވެސް ފެނިފައިނުވާ ބިރުވެރި ޙާލަތެއް، މެޝިން ބަޑިއާއި ރޮކެޓާ، އެނޫންވެސް ބަރުހަތިޔާރުން ވެރިރަށް މާލެއަށް ދިން. ދިވެހި ޖައްވުގައި ޖެހެމުންދިޔަ އަމާންކަމުގެ ވަޔާއި، ދިވެހި ގޮނޑުދޮށްތަކުގައި ބީހެމުންދިޔަ އޮމާން ރާޅުތަކާއި، ދިވެހި ހިތްތަކުގައި ޤާއިމްވެފައިވާ އުފާވެރިކަމާ ދިމާއިދިކޮޅަށް މި ޤައުމުގައި ބިރުވެރިކަމާއި ނާމާންކަން ފެތުރި މުޅި ޤައުމަށް ނުއުފުއްލޭވަރުގެ ބޮޑު ހިތާމައަކާ ކުރިމަތިލާންޖެހުނު.

ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން!

އެދުވަހުގެ ޢުދުވާނީ ޙަމަލާގައި، ދިވެހި ސިފައިން ވި މަތިވެރި ޤުރުބާނީއާއި ކުރި އަގުހުރި ޖިހާދަކީ، ދިވެހިންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ޤުރުބާނީއަކާއި ޖިހާދެއް ނޫން. ވީމާ، ދިވެހި ސިފައިން އެކުރެއްވި އަގުހުރި ޚިދުމަތަށްޓަކައި ދިވެހި ރައްޔިތުންނާއި ދައުލަތުގެ ނަމުގައި އެންމެހާ ސިފައިންނަށް ޝުކުރު ދަންނަވަން. ޙަމަލާގެ އެންމެ ފުރަތަމަ ހިނދުކޮޅުން ފެށިގެން، ބާޣީންނަށް ރައްދު ޙަމަލާދިނުމުގައި، ދިވެހި ސިފައިން ދައްކައިދީފައިވާ ސާބިތުކަމާއި ހިތްވަރުގަދަކަމަކީ، ދިވެހި ތާރީޚުގައި ރަން އަކުރުން ލިޔެވިފައިވާ ކަންތައްތަކެއް. އަންނަން އޮތް ޖީލުތަކުގެ ދަރިން، އުފަލާއެކު، ދިވެހި ސިފައިންގެ ޚިދްމަތުގެ އަގު ވަޒަންކޮށް، ޝުކުރު އަދާކުރާނެ ޖިހާދެއް. ޤައުމުގެ މިނިވަންކަން ފޭރިގަތުމަށް، ބަޔަކު ކިތަންމެ ގިނަ ހަތިޔާރެއް ހިފައިގެން އައިސް، ޙަމަލާދިން ނަމަވެސް، ކުޑަކޮށްވެސް ފަހަތަށް ނުޖެހޭނެކަން އެމީހުންވަނީ ހާމަކޮށްދީފައި. މި ފުރްޞަތުގައި، އަޅުގަނޑު ފާހަގަކޮށްލަން ބޭނުންވާ ވަރަށް ޚާއްޞަ ބަޠަލެއްވޭ. އެއީ، ނަޞްރުގެ ދުވަހުގެ ބަޠަލު ޝަހީދު ކޯޕްރަލް ޙުސައިން އާދަމް. ބޭދާޅީންނާ އިދިކޮޅަށް ދޮންބަންޑާރައިން ނުކުމެވަޑައިގެންނެވި ފަދައިން، ޕޯޗްގީޒުންނާ ދެކޮޅަށް ބޮޑުތަކުރުފާނު ނުކުމެވަޑައިގެންނެވި ފަދައިން، ޙުސައިން އާދަމްވަނީ ބާޣީންނާ ދެކޮޅަށް އެދުވަހު ހަނގުރާމަ ކުރައްވާފައި.

އެދުވަހުގެ ޒިކުރާ އާކުރާއިރު، އެދުވަހު ދިވެހި ފުރާނަތައް ސަލާމަތްކުރުމަށްޓަކައި ޢާންމު ރައްޔިތުންގެ ތެރެއިން އަމިއްލައަށް ނުކުމެ މަސައްކަތްކުރި ހިތްވަރުގަދަ ހުރިހާ ރައްޔިތުންނަށް އަޅުގަނޑު ޝުކުރު ދަންނަވަން.

އެދުވަހުގެ ޒިކުރާ އާކުރާއިރު، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ކޮށްދެއްވާފައިވާ އަގުނުކުރެވޭފަދަ މަސައްކަތްޕުޅުތައް އަޅުގަނޑު ފާހަގަކުރަނީ، އެންމެހާ ދިވެހި ރައްޔިތުންގެ ނަމުގައި އެމަނިކުފާނަށް ޝުކުރު އަރިސްކުރަމުން. އެމަނިކުފާނު، އެދުވަހު ކޮށްދެއްވި މަސައްކަތްޕުޅުތަކަކީ، ޤައުމުގެ ވެރިއެއްގެ ޙައިޘިއްޔަތުން ވެރިއަކަށް ކޮށްދެއްވޭނެ އެންމެ ފުރިހަމަ މަސައްކަތްޕުޅުތަކެއް. އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމަކީ، ދިވެހި ޤައުމު އަބަދުވެސް ޝުކުރުވެރިވާންޖެހޭ ޤައުމީ ބަޠަލެއް.

އެދުވަހުގެ ޒިކުރާ އާކުރާއިރު، އެވަގުތު ޤައުމަށް ދިމާވި ނުރައްކާތެރި ޙާލަތުން ރާއްޖެ ސަލާމަތްކޮށްދިނުމަށް ދިވެހި ސަރުކާރުގެ އެދިވަޑައިގަތުމުގެ މަތިން، އިންޑިއާގެ އަސްކަރިއްޔާއިން ވެދެއްވި އެހީ، ދިވެހިން ޝުކުރުވެރިކަމާއެކު ފާހަގަކުރޭ.

ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން!

އާދެ، ނަޞްރުގެ ދުވަސް ފާހަގަކުރުމަކީ، ހަމައެކަނި ރަމްޒީ ކަމެއް ކަމުގައި ދެކިގެން ނުވާނެ. އެދުވަހުގެ އެ ޙާދިޘާއިންނާއި އަދި އަޅުގަނޑުމެންގެ މާޒީގައި މިނިވަންކަމަށް ލޮޅުންއަރާފައިވާ ކޮންމެ ޙާދިޘާއަކުން ޢިބްރަތް ލިބިގަނެ، ޤައުމުގެ މިނިވަންކަމަށް އަބަދުމެ ސަމާލުވެ ތިބުމަށް އަޅުގަނޑު އިލްތިމާސް ކުރަން. ދިވެހިރާއްޖެ، މިނިވަން ޤައުމެއްގެ ގޮތުގައި ދެމިއޮންނާނީ ދިވެހިރާއްޖޭގެ ޤައުމީ ވަންތަކަމަށް އަޅުގަނޑުމެން ސަމާލުވެގެން. އެހެންކަމުން، ކޮންމެ ދިވެއްސަކުވެސް، ޤައުމަށްޓަކައި ޚާއްޞަ ލޯތްބެއް ބާއްވަންޖެހޭ. އެހެން ނޫންނަމަ، މި ޤައުމު ފަސާދަވެގެން ހިނގައިދާނެ. އަޅުގަނޑުމެންގެ މިނިވަންކަން ބީވެގެން ހިނގައިދާނެ.

ތިޔަ ޢިއްޒަތްތެރި ރައްޔިތުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، މިއަދު އަޅުގަނޑުމެންގެ ޤައުމު މިވަނީ، ދުސްތޫރީ ބަދަލުތަކެއް ފަށާފައި. ޑިމޮކްރެޓިކް އަސާސްތަކެއްގެ މައްޗަށް އެކުލެވިގެންވާ ޤާނޫނުއަސާސީއެއް އަޅުގަނޑުމެން މިވަނީ ބަލައިގަނެފައި. މި ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކަކީ، ޒިންމާއެއްނެތި ލިބިދޭ ޙައްޤުތަކެއް ނޫން. އެއްވެއުޅުމުގެ ޙައްޤާއި، ޚިޔާލުފާޅުކުރުމުގެ ޙައްޤު ލިއްބައިދީފައިވާ ހަމަ އެ ޤާނޫނުއަސާސީގައި، އަޅުގަނޑުމެންގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތަކެއް ބަޔާންކޮށްފައިވޭ. އަނެކުންގެ ޙައްޤުތަކަށާއި މިނިވަންކަމަށް އިޙްތިރާމްކޮށް، އެއަށް ރައްކާތެރިވެ، އެކަކު އަނެކަކަށް އިޙްތިރާމްކޮށް، ދިވެހިރާއްޖޭގެ ސިޔާދަތާއި އެއްބައިވަންތަކަމާއި، އަމަންއަމާންކަން ދެމެހެއްޓުމަށް މަސައްކަތް ކުރުމަކީ، ޤާނޫނުއަސާސީން އަޅުގަނޑުމެންގެ މައްޗަށް ލާޒިމްކޮށްފައިވާ މަސްއޫލިއްޔަތުތަކެއް. އެހެންކަމުން، ދިވެހި ކޮންމެ ރައްޔިތަކުމެ، މިކަންކަމަށް ސަމާލުކަން ދެއްވުމަށް އަޅުގަނޑު އިލްތިމާސްކޮށް ދަންނަވަން.

ޢިއްޒަތްތެރި ލޮބުވެތި ރައްޔިތުން!

ދުނިޔެއަށް އަންނަމުންދާ ބޮޑެތި ބަދަލުތަކާ ގުޅިގެން، ރާއްޖެއަށްވެސް މިދަނީ އޭގެ ބަދަލުތައް އަންނަމުން. މިއަދު އަޅުގަނޑުމެންގެ ރާއްޖެއަކީ، ކުރީގެ ރާއްޖެއެއް ނޫން. އެތައް ރޮނގަކުން، އެތައް ގޮތަކުން، މިރާއްޖެ މިވަނީ ބަދަލުވެފައި. ދިވެހިންގެ އާދަކާދައާއި، އުޅުމާއި އަޚްލާޤަށް މިވަނީ ތަފާތު ބަދަލުތަކެއް އައިސްފައި. ބޭރުގެ ފަރާތްތަކުންދަނީ، އެކިގޮތްގޮތުން އަޅުގަނޑުމެންގެ މައްޗަށް ނުފޫޒު ފޯރުވޭތޯ އެކި ނަންނަމުގައި، އެކި ޙައިޘިއްޔަތުތަކުން މިރާއްޖޭގައި އަތްގަދަ ކުރެވޭތޯ މަސައްކަތް ކުރަމުން. އެމީހުންގެ ފިކުރުތަކަށް އަޅުގަނޑުމެން ބަދަލުވާންޖެހޭ ކަމަށްބުނެ، ލާދީނީ އޮއިވަރުތައް ފޮނުވަމުން. އިސްލާމްދީނަކީ، މިރާއްޖެ މިއަދާ ހަމައަށް ދެމިއޮތުމުގެ ސަބަބު. އެދީނުގެ ހިދާޔަތު ނެތްނަމަ، އަޅުގަނޑުމެން މިއަދު މިދުވަސް ފާހަގަކުރަން މިތާކު ނުތިބޭނެ. އެހެންކަމުން، އަޅުގަނޑުމެންގެ ވެއްޓަށް އައިސްފައިވާ މި ހަލަބޮލިކަމުން އޭގެ ނާޖާއިޒް ފައިދާ ނެގުމަށް، އެއްވެސް ފުރްޞަތެއް އަޅުގަނޑުމެން ދީގެން ނުވާނެ. ޤައުމުގެ ހަމަޖެހުމާއި ޞުލްޙަ ނަގާނުލުމަށް އެންމެހާ ސިޔާސީ ފަރާތްތަކަށް އަޅުގަނޑު މި ފުރުސަތުގައި ގޮވާލަން.

އާދެ، މުޖުތަމަޢުގެ ހަމަޖެހުމާއި، އިޖުތިމާޢީ ޢަދާލަތު ރަނގަޅު ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގައި، ތިޔަ އެންމެހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ދެއްވުމަށް އަޅުގަނޑު ދަންނަވަން. ޤާނޫނުތަކާއި ގަވާއިދުތައް ހެދިފައިވަނީ އިޖްތިމާޢީ ސުލޫކު ބައްޓަންކޮށް، އެންމެންގެ ފަސޭހައަށް. ވީމާ، އަޅުގަނޑު އެދެނީ އެކަން ޤަބޫލުކުރައްވައި ޤާނޫނުތަކާއި ގަވާއިދުތަކަށް ބޯލަނބައިގެން ހުރިހާ އެންމެންވެސް އުޅުއްވުމަށް.

އަޅުގަނޑުގެ ދުޢާއަކީ، ދިވެހިންނަށް ދާއިމަށް އިސްލާމްދީނުގެ ހިދާޔަތުގައި ދެމިތިބުމުގެ ހެޔޮ ތައުފީޤު، އަރަހުށި ﷲ މިންވަރުކޮށްދެއްވުން. މިލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލެހެއްޓެވުން. އާމީން.

والســّلام عليــكم ورحـمــة اللّـه وبـركاتـه.