Friday, February 5, 2010

އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަ - ހީވާގި ކަމާއި ޖެހިލުންކުޑަކަމުގެ ލާމަސީލު މިސާލެއް

 ޢަބްދުﷲ ސަޢީދު


އަލްމަރުޙޫމް މޭޖަރ މޫސާ ޢުމަރު ( މޭޖަރ ހުޅުލޭ މޫސަ ) އާބެހޭގޮތުން ސިފައިންގެ ޚިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ބޭފުޅަކު އަޅުގަނޑު ކައިރި ވިދާޅުވިއެވެ. " މޫސަބެއަކީ ދިވެހި ރައްޔިތުން އެބޭފުޅެއް ދެކެ އެންމެ ލޯބިވި ސިފައިންގެ މީހާ" އެވެ. އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަގެ ހީވާގި ކަމާއި ހިތްވަރުގަދަކަމާއި ޖެހިލުން ކުޑަކަމުގެ ވާހަކަތައް އަޅުގަނޑުވެސް އަހަމެވެ.

 

އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަ ސިފައިންގެ ޚިދުމަތަށް ވެދެވަޑައިގެންނެވީ ޢުމުރުފުޅުން 27 އަހަރުގައި، 1957 ވަނަ އަހަރުގެ މާރޗް މަހުގެ 31 ވަނަ ދުވަހުއެވެ. ސިފައިންގެ ޚިދުމަތުގައި ސާބިތުވެ ހުންނެވީ ނުގުޑާފަދަ ވަރުގަދަ ޢަޒުމެއްގައެވެ. އެއީ ހީވާގިކަމާއި ޖެހިލުން ކުޑަކަމުގެ ލާމަސީލު މިސާލެކެވެ. އައްޑޫ ހުވަދޫ ބަޣާވާތާއި ބޮޑު ބުރާސްފަތީގައިވެސް ސިފައިންގެ މީހެއްގެ ހައިސިއްޔަތުން އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަ މުހިންމު ދައުރެއް އަދާކުރެއްވިއެވެ. މޭޖަރ ހުޅުލޭ މޫސާއަކީ 1959 ވަނަ އަހަރުގެ ޖުލައިމަހުގެ 14 ވަނަ ދުވަހު އައްޑޫ ހުވަދޫ ބަޣާވާތް ހަމަޖެއްސެވުމަށްޓަކައި ހުވަދޫ އަތޮޅަށް ވަޒީރުލް އައުޡަމް އިބްރާހިމް ނާޞިރު މޯލްޑިވްސްޓާރުގައި ފެއްޓެވި ދަތުރުފުޅުގެ ބައިވެރިއެކެވެ. ފުރަތަމަ އެދަތުރުފުޅު ފެއްޓެވީ މޯލްޑިވްސްޓަރގައި ދޯނިތަކެއް ކަފުޖަހައިގެންނެވެ. މޫސުމް ގޯސްވެ، ކަނޑުގަދަވުމުގެ ސަބަބުން ދަތުރު ނުކުރެއްވިގެން ވަޒީރުލް އައުޡަމްގެ ޢަމުރުފުޅަށް މޭޖަރ ހުޅުލޭ މޫސަ ކަނޑުގައި ފަތާފައިގޮސް ފަހަރަކު ދޯނިތަކަށްއަރުއްވާ ރިޔާތައް ނަގާ ދޯނިތައް ދޫކޮށްލައްވައި އެނބުރި ފައްތަވާފައި މޯލްޑިވްސްޓަރ އަށް ވަޑައިގެންނެވިއެވެ. އައްޑޫ ހުވަދޫ ބަޣާވާތުގައި ގދ. ތިނަދޫ ސަރުކާރުގެ ބާރުގެ ދަށަށް ގެންނެވުމުގައި މޭޖަރ ހުޅުލޭ މޫސަ ޖެހިލުންކުޑަކަމާއި ބިރުކުޑަކަމުގެ ލާމަސީލެއް ދެއްކެވިއެވެ. ތިނަދޫގެ ރައްޔިތުންގެ ތެރެއިން ބަޔަކު ނުކިޔަމަންތެރިކަން ދައްކާ ސަރުކާރުގެ އަމުރަށް ތަބާނުވުމުން އިންޒާރުކޮށް ފިޔަވަޅު އަޅުއްވަން ފެއްޓެވި ވަގުތު ވަޒީރުލް އައުޡަމްގެ ޢަމުރުފުޅަށް ބަނދަރުގައި އޮތް ދޯންޏެއްގައި އަލިފާން ޖެހުމަށް ބާލިދީއަކަށް ޕެޓްރޯލް އަޅައިގެން އަނގައިން ދަނޑިފޮށި ހިފައިގެން އަމިއްލަ ފުރާނައަށް ބެލުމެއްނެތި މޭޖަރ ހުޅުލޭ މޫސަ ފަތަމުންދިޔަ މަންޒަރު ދެކެވަޑައިގެންނެވި ބޭފުޅުން އަދިވެސް ދުނިޔޭގައި އެބަތިއްބެވިއެވެ.

 

ބޮޑުބުރާސްފަތީގެ ނަމުން މަޝްހޫރުވެފައިވަނީ 1974 ވަނަ އަހަރުގެ ޖޫން 13 ވަނަ ދުވަހަށެވެ. އެދުވަހު މެންދުރުފަހު ގިނަ އަދަދެއްގެ ބަޔަކު ގުޅަކުޅޭ ފަސްގަނޑަށް އެއްވެ ނުރުހުންފާޅުކޮށް ހަޅޭއްލަވަމުން ސިފައިންގެއާ ދިމާލަށް ދުވަމުން އައެވެ. އަދި ސިފައިންގެ ގަރާޖު ދޮރު ވައްޓާލައިގެން ސިފައިންގެ ތެރެއަށް ވަންނަން މަސައްކަތް ކުރިއެވެ. އެދުވަހު ސިފައިން ނިކުމެ ވަރަށް ހުޝިޔާރުކަމާއެކު އެމީހުން ކޮންޓްރޯލް ކުރިއެވެ. އެދުވަހު އިންޒާރު ދިނުމުގެ ގޮތުން ސިފައިން މައްޗަށް ބަޑިޖެހިއެވެ. އެދުވަހު ސިފައިންގެ ވެރިޔާ އަދި ރާއްޖޭގެ އޭރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް ނާޞިރު ސިފައިންގެއިން އަތިރީމާފަންނުގެއަށް ( ތީމުގެއަށް ) ކާރުކޮޅުގައި ވަޑައިގެންނެވިއިރު  ކާރުކޮޅުގެފަހަތުން ހަތިޔާރު ހިތްޕަވައިގެން މޭޖަރ ހުޅުލޭ މޫސަ ރައީސްގެ ސަލާމަތަށްޓަކައި ދުވެފައި ވަޑައިގެންނެވިއެވެ.

 

އަލްމަރުޙޫމް މޭޖަރ ހުޅެލޭ މޫސަގެ އަގުހުރި ޚިދުމަތްތަކުގެ ތެރެއިން ބޮޑަށް ފާހަގަ ކުރެވެނީ ކަނޑުމަތީގައި ކުރައްވާފައިވާ މަސައްކަތްތަކެވެ. ކަނޑުމަތީގައި އެދުވަސްވަރު ސިފައިން ހިންގާފައިވާ އޮޕަރޭޝަންތަކާއި ރާއްޖޭގެ ފަރުތަކަށް އުރުނު އުޅަނދު ފަހަރު ފުންކުމުގެ މަސައްކަތުގައި އިސް ދައުރެއް މޭޖަރ ހުޅުލޭ މޫސަ އަދާކުރެއްވިއެވެ. އޭގެ ތެރޭގައި ރާއްޖޭގައި ފުރަތަމަ އިންޖީނުއެޅި މަސްދޯނި ކަމަށްވާ "އުންމީދު" ގައި ތަޖުރިބާ ކުރުމުގެ ގޮތުން މަސްވެރިކަން ކުރެއްވުމާއި ރާއްޖޭގެ މަސްވެރިކަން ދިރާސާ ކުރުމަށް ބޭރުގެ ތަޖުރިބާކާރެއް ކަމަށްވާ ސަތޯ ކުރި މަސައްކަތުގައި ބައިވެރިވެވަޑައިގެންނެވުން ހިމެނެއެވެ. މޭޖަރ ހުޅުލޭ މޫސައަކީ ބޮޑުބެރު ޖެހުމަށް ޚާއްޞަ ޝަޢުޤުވެރިކަމެއް ދެއްވި ބޭފުޅެކެވެ. ސިފައިންގެ ތެރޭގައި ބޮޑުބެރުގެ ރޫޙު އުފައްދާ އެކަމުގައި އެންމެ އިސްކޮށް އުޅުއްވި ބޭފުޅަކީވެސް މޭޖަރ ހުޅުލޭ މޫސައެވެ.

 

އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސައަށް ފުރަތަމަ ޕެންޝަން ލިބިވަޑައިގެންނެވީ ޢުމުރުފުޅުން 47 އަހަރުގައި 1977 ވަނަ އަހަރުގެ މާޗްމަހުގެ 31 ވަނަ ދުވަހުއެވެ. ސިފައިންގޭގައި އަދާކުރެއްވި މަޤާމުތަކުގެ ތެރޭގައި ސިފައިންގެ ތިން ނަންބަރު ސަރުދާރުކަމާއި ދެ ނަންބަރު ސަރުދާރުކަމާއި އެއް ނަންބަރު ސަރުދާރުކަން ހިމެނެއެވެ. މި މަޤާމުތަކަށްފަހު ކެޕްޓަން ކަމުގެ މަޤާމުވެސް ލިބިވަޑައިގެންނެވިއެވެ. ދިވެހި ސިފައިންގެ ތާރީޚުގައި ފުރަތަމަ ފަހަރަށް މޭޖަރެއްގެ މަޤާމު ފުރުއްވި ބޭފުޅަކީ އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސައެވެ. 1988 ނޮވެމްބަރ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ޙަމަލާ ކުރިމަތިވި ދުވަހު މޭޖަރ ހުޅުލޭ މޫސަ ސިފައިންގެ މައިމަރުކަޒުގައި ހުންނަވައިގެން އެޖިހާދުގައި ބައިވެރިވެވަޑައިގެންނެވިއެވެ. 1985 ވަނަ އަހަރުގެ ޖޫންމަހުގެ 6 ވަނަ ދުވަހު ސިފައިންގޭގައި އިޚްލާޞްތެރި ޚިދުމަތުގެ ކުލަ ދިނުމަށް ހަމަޖައްސަވާ އެކުލަ ފުރަތަމަ ލިބިވަޑައިގެންނެވި ބޭފުޅަކީވެސް މޭޖަރ ހުޅުލޭ މޫސައެވެ. އެދުވަހު އެކުލަ އެހެން ބޭފުޅަކަށް ލިބިވަޑައިގެންފައެއްވެސް ނުވެއެވެ.

 

އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަގެ ހިތްވަރުގަދަ ކަމާއި ޚިދުމަތުގެ އަގުވަޒަން ކުރުމުގެ ގޮތުން މޭޖަރ ހުޅުލޭ މޫސަގެ ހަނދާނުގައި ސިފައިންގެ ޔުނިޓްތަކުގެ މެދުގައި ފެތުމުގެ މުބާރާތެއް އަންނަނީ ބާއްވަމުންނެވެ. އަދި  އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަ ސިފައިންގޭގައި ކުރައްވާފައިވާ އަގުހުރި ޚިދުމަތުގެ އަގުވަޒަންކޮށް 2006 ވަނަ އަހަރުގެ ސިފައިންގެ ދުވަހު އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަގެ ހަނދާނަށް ދިވެހި ސިފައިންވަނީ ޝަރަފުވެރިކަމުގެ އައްޑަނަ އާއިލާއަށް ވެދުންކޮށްފައެވެ.

 

އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަ ދެމިއޮތުމުގެ ޢާލަމަށް ދަތުރު ކުރެއްވުމުގެ ހިތާމައިގައި ސިފައިންގެ ހެޑްކްއޯޓަރޒް ( ބަންޑާރަކޮށީ) ގައި 1995 ޖޫން 29 ވަނަ ދުވަހު ޚާއްޞަ ޖަލްސާއެއް ބޭއްވެވިއެވެ. އެ ޖަލްސާގައި މޭޖަރ ހުޅުލޭ މޫސަގެ ހަނދާނުގައި އެއް މިނިޓްގެ ސުކޫތެއް ގެނެވުނެވެ. އެޖަލްސާގައި މޭޖަރ ހުޅުލޭ މޫސަގެ 38 އަހަރުގެ އަގުހުރި ޚިދުމަތުގެ މައްޗަށް އެކިއެކި ބޭފުޅުން ވާހަކަފުޅު ދައްކަވާ އެބޭފުޅުންގެ ޝުޢޫރު ފާޅު ކުރެއްވިއެވެ. އެޖަލްސާއަށް ވަރަށް ގިނަ ޢަދަދެއްގެ ސިފައިން ހާޒިރުވިއެވެ.

 

އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަ ދެމިއޮތުމުގެ ޢާލަމަށް ދަތުރުކުރެއްވީ  1995 ވަނަ އަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހުގެ 10:35 ހާއިރު، އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލްގައެވެ. މޭޖަރ ހުޅުލޭ މޫސަ އަވަހާރަވީ ލިވަރުގެ އާލާސްކަންފުޅެއްގައެވެ. ފަސްދާނުލެވިފައިވަނީ ސިފައިންގެ ރަސްމީ ޢިއްޒަތުގައެވެ. ދެމިއޮތުމުގެ އާލަމަށް ދަތުރުކުރެއްވީ 38 އަހަރު ސިފައިންގެއަށް ޚިދުމަތް ކުރެއްވުމަށްފަހު ޢުމުރުފުޅުން 64 އަހަރުގައެވެ. އޭރު އަނބިކަނބަލަކާއި ނުވަ ބޭފުޅުން ދުނިޔޭގައި ތިއްބެވިއެވެ. އަލްމަރުޙޫމް މޭޖަރ ހުޅުލޭ މޫސަގެ ފުރާނައަށް މާތްﷲ ހެޔޮ ރަޙުމަތްލައްވާށިއެވެ.