Sunday, January 25, 2009

ޢަބްދުއްރަޙްމާނު ކޮއްކޮގެ ފޮޓޯ



އަބާން ކޮއްކޮގެ ފޮޓޯ








ނ. އަތޮޅު މަދަރުސާގެ ޚިދުމަތުގެ 30 އަހަރު

ނ. އަތޮޅު މަދަރުސާގެ ޚިދުމަތުގެ 30 އަހަރު ފާހަގަކުރަން އުޅުމަކީ ގިނަ ބަޔަކު އަޅުގަނޑާ ސުވާލު ކުރިމަތިކުރާ ކަމެކެވެ. ސްކޫލުތަކާއި މުއައްސަސާތަކުގެ ޚިދުމަތް ފާހަގަކުރާއިރު ތިރީސް މީ ކޮން މުނާސަބަތަކާ ގުޅޭ ކަމެއްތޯ ސުވާލުކުރެއެވެ. އެފަރާތްތަކުން އެ އިޝާރާތް ކުރައްވަނީ ހިރިޔޫބީލާއި ރަންޔޫބީލަށް ކަމަށް ހީވެއެވެ.

ނ. އަތޮޅު މަދަރުސާއަށް 25 އަހަރު ފުރި އެކަން ފާހަގަ ނުކޮށް ދިޔައީ ކޮންބައެއްގެ އިހުމާލުންތޯއެއް އަޅުގަނޑު ބަލާކަށް ބޭނުމެއްނޫނެވެ. އެކަން އެއޮތީ ވެނިމިފައެވެ. 25 އަހަރު ފުރިގެން ޚިދުމަތުގެ ރިހިޔޫބީލެއް ފާހަގައެއް ނުކުރެއެވެ. ނ. އަތޮޅު މަދަރުސާގެ ޚިދުމަތުގެ 30 އަހަރު ފާހަގަކުރަން އަޅުގަނޑަށް ކުރެވުނު ކަމެއްވިއްޔާ ކުރުމަށް ނިކުތުމުގެ ބޭނުމަކީ އެއްގޮތަކަށްވެސް 25 އަހަރު ފާހަގަ ނުކުރެވި ދިޔައީތީ ޅާއްޞަ ދުވަހެއް ފާހަގަ ކުރުމެއްނޫނެވެ. ޚާއްޞަ ދުވަހެއް ފާހަގަކޮށްގެން ނ. އަތޮޅު މަދަރުސާގެ ތަޢުލީމީ ހާލަތު ރަނގަޅުކޮށް ، މަނަދޫ ރައްޔިތުންގެ މެދުގައި ތަޢުލީމަށް ދެވިފައިވާ ގަދަރު މަތިވެރި ކުރުމެވެ. އަޅާލުމާއި ސަމާލުކަން ތަޢުލީމަށް ބޮޑުކުރުމެވެ. މަނަދޫ ރައްޔިތުންނާއި ނ. އަތޮޅު މަދަރުސާގެ އިސްދަރިވަރުންގެ މެދުގައި އެކުވެރިކަމާއި އެއްބައި ވަންތަކަމާއި އެއްބައެއް ވަންތަކަން ދިރުވާ އާލާކުރުމެވެ.

މާޗް މަހުގެ 1 ވަނަ ދުވަހު ނ. އަތޮޅު މަދަރުސާއަށް 30 އަހަރު ފުރޭނެއެވެ. އެދުވަސް ފާއިތުވެ ދިޔަޔަސް އަޅުގަނޑުމެން މިއަދު އަޅަމުންދާ ބިންގާތައް ހަރުދަނާ ކަމާއެކު ދެމެހެއްޓުމަކީ އެންމެންގެ އަޒުމަކަށް ހައްދަވާށެވެ. މިހާރުވެސް އަޅުގަނޑުމެންނަށް މިކަމުގެ ތެރެއިން އަރުތަ ތަކެއް ހާސިލު ކުރެވިއްޖެއެވެ. އެއީ ވަކި މީހެއްގެ މަސައްކަތުން ވީކަމެއްނޫނެވެ. އެއީ އަޅުގަނޑުމެން އެންމެންގެ މަސައްކަތެވެ.

އޮނަވިހި ސަތޭކަ ސަތުވަންނަ ވަނަ އަހަރު އިބްރާހިމް ޝިހާބުގެ ދެކެވަޑައިގެންނެވި މަނަދޫ އާއި މިލަދޫ



ލިޔުނީ: ޢަބްދުﷲ ސަޢީދު


މީލާދީން 1957 ވަނަ އަހަރުގެ ތެރޭގައި އަލްއުސްތާޛު އިބްރާހިމް ޝިހާބު ނ. އަތޮޅުގެ ދެރަށަކަށް ދަތުރުފުޅެއް ކުރެއްވިއެވެ. އެ ދަތުރުފުޅުގައި އެމަނިކުފާނު ވަޑައިގެންނެވީ ނ. މަނަދޫއަށާއި މިލަދޫއަށެވެ. ދިވެހި ދައުލަތުގެ ވަޒީރުލްމަޢާރިފް ގެ މަޤާމުގައި ހުންނެވި އިބްރާހިމް ޝިހާބު ދެކެވަޑައިގެންނެވި މަނަދޫ އާއި މިލަދޫގެ ވާހަކަތައް އަޅުގަނޑަށް ފެނުނީ އޭރު މަޙްކަމަތުލްއިރުޝާދުން ނެރުއްވަމުން ގެންދެވި މުންނާރު ނޫހުންނެވެ. އެނޫހުގެ މުޙައްރިރުގެ މަޤާމުގައިވެސް ހުންނެވި އިބްރާހިމް ޝިހާބު އެމަނިކުފާނުގެ އަމިއްލަ ގަލަންކޮޅުން ލިޔުއްވާފައިވެއެވެ.

މަނަދޫއަށް ފައިބާ ވަޑައިގެންނެވުމާއެކު ޝިހާބުގެ ސަމާލުކަން ހުއްޓުނީ އަތޮޅުގޭގެ މައްޗަށެވެ. " ވަސްވާހެއްނެތް ފަދައިން އަޅުގަނޑުގެ ސަމާލުކަން އެންމެ ފުރަތަމަ ދަމައިގަތީ އަތޮޅުގޭގެ މައްޗަށެވެ. އަތޮޅުގެ ހުރީ ރަށުގެ މައްޗަށެވެ. މިއަދު މަނަދޫއަށް ފޭބުމަކީ ދަތުރުވެރިންގެ އުފަލަކަށްވާފަދަ ޗާލޫ ފާލަމެއް އެރަށުގައި އެބައޮތެވެ. އިހުގެ ބޯދާ އަތޮޅުގެ ތާރީޚީ އާސާރެއްގެ ގޮތުގައި ފެންނަންހުރި ކަމުގައި ވިޔަސް ޒަމާނާ ވަރަށް އެކަށީގެންވާ، އައު އިމާރާތެއް އަތޮޅުގެއެއްގެ ގޮތުގައި މިހާރު އެބަހުއްޓެވެ. އެކަށީގެންވާ ކާގެއަކާއި، ބަޑަހަގެއަކާއި، ބަދިގެވެސްހުރީ ހެދި ނިމިފައެވެ." ޝިހާބު ލިޔުއްވާފައިވެއެވެ.

މަނަދޫގެ ހާލަތާބެހޭގޮތުން ޝިހާބު ލިޔުއްވާފައިވަނީ ކުރިއާ އަޅާބަލާއިރު ހާލަތު ވަރަށް ބޮޑަށް ރަނގަޅުވެފައިވާ ކަމަށެވެ. " މަނަދޫ ކުރީން ދެކެލެއްވި ކޮންމެ ބޭކަލަކުވެސް އެއްބަސްވާނެ ފަދައިން އެރަށަކީ މިދިޔަ ތަދު ޒަމާނުގައި އެންމެ ހާލު ނިކަމެތިވީ އެއްރަށެވެ. މި ދަތުރުގެ ކުރީން އަޅުގަނޑު އެންމެފަހުން އެރަށަށް އެރި ފަހަރުވެސް އަވަށުތެރޭގެ ހަޑިކަމާއި މެދު ހައިރާންވީމެވެ. ނަމަވެސް މިފަހަރު އަޅުގަނޑަށް ފެނުނު މަނަދޫއަކީ، ކުރީގެ މަނަދޫއެއް ނޫނެވެ. ހުރިހާ ގޮތަކުން ކުރިއަރަމުން އަންނަ އަދި ދިރުމުގެ ރޫހް ލިބިފައިވާ ހިތްފަސޭހަ ރަށެކެވެ. "

އަލްއުސްތާޛު އިބްރާހިމް ޝިހާބުގެ މިދަތުރުފުޅަކީ މަނަދޫގައި ހެދުނު އަތޮޅު މަދަރުސާ ހުޅުވައި ދެއްވުމަށް ކުރެއްވި ދަތުރުފުޅެކެވެ. އެ ސްކޫލާ ބެހޭ ގޮތުން ޝިހާބު ލިޔުއްވާފައިވަނީ ވަރަށް އުންމީދީ ބަސްފުޅުތަކެކެވެ. " އަތޮޅުގޭގެ ގޯތިތެރޭގައި އަތޮޅު މަދަރުސާގެ ޠާލިބުން ތިބުމަށް ފަނުން ތައްޔާރުކޮށްފައިވާ ވަރަށް ބޮޑު ބިނާއެއް ހުއްޓެވެ. ނަމަކީ " ދާރުއްތަރުބިއްޔަތު" އެވެ. އަތޮޅު މަދަރުސާހުރީ ޒަމާނާއި އެކަށީގެންވާ ގޮތަށް ރޭނި، އުވަޖެހި، ހިޔާކުރެވިފައެވެ. މަދަރުސާގެ ނަމަކީ " މަދްރުސަތުއް ނަހްޟާ" އެވެ. އެމަދްރަސާ އަޅުގަނޑު ހުޅުވީ 2 ޛުލްޤައިދާ 1376 މި ދުވަހު އެކަމަށް ބޭއްވުނު އެކަށީގެންވާ ޖަލްސާއެއްގައެވެ. އަތޮޅު މަދަރުސާގައި ތިބި ކުދީންގެ މައްޗަށް ވިސްނިއިރު ޞިއްޙީ ގޮތުންނާއި، ޢުމުރުގެ ގޮތުންނާއި، ކުދީން ވަރަށްވެސް ކަމަށް އެކަށީގެންވާ ކަމަށް ފެނުނެވެ. މަނަދޫ މަކްތަބުގެ ޠާލިބުންނާއި ޠާލިބާއިންވެސް އެކުދީންގެ އަގުހުރި މަސައްކަތް ހިއްމަތާއެކު ކުރަމުން ދެއެވެ. "

ދީނީ ކަންތައްތަކާއި އިޤްތިޞާދީ ހާލަތަށްވެސް ޝިހާބު ބައްލަވާ ލައްވާފައިވެއެވެ. " އިސްލާމްދީނުގެ އެއްމައިގަނޑެއް ކަމުގައިވާ ފަރްޟު ފަސްނަމާދުގެ މައްޗަށްވެސް އެކަށީގެންވާ ހުރުމަތް އަތޮޅުގައި ހުރިކަމަށް ފެނެއެވެ. މަނަދޫގެ އިޤްތިޞާދީ ހާލަތު މަޑުމަޑުން ނަމަވެސް ދަނީ ކުރިއަށެވެ. އެންމެ ދަތި ދުވަސްވަރަށްވުރެ އޮޑިދޯނި ފަހަރު އިތުރުކުރެވެމުންދާ ކަމަށް ވެއެވެ. މީސްމީހުންގެ ފޭރާމާއި ޢާންމު ޞިއްޙަތު ލައްކަތަން ރަނގަޅެވެ.

މި ދަތުރުފުޅުގައި އިބްރާހިމް ޝިހާބު ދެން ވަޑައިގެންނެވީ ނ. މިލަދޫއަށެވެ. މިލަދޫގެ ވާހަކަ ޝިހާބުގެ ގަލަންކޮޅުން ފައްޓަވާފައިވަނީ ތިރީގައިވާ ޢިބާރާތުންނެވެ. " މިއަތޮޅުން ދެން ދިޔައީ މުޅި ރާއްޖެއަށް މަޝްހޫރު މިލަދުއަށެވެ. ޙަމްދު އާއި ޝުކުރު ހުރީ އެކަލާނގެ އަޅުތަކުންނަށް ތެދުމަގު ދައްކަވާ މާތްﷲގެ ކިބައަށެވެ. އާދޭހެވެ! މީގެ ހަތަރުފަސް އަހަރެއްގެ ކުރީން ވައްކަމާއި ފޭރުމާއި ފިތުނަ ފަސާދައަށް މުޅި ރާއްޖެއަށް އެއްވަނަ މިލަދޫ އަދުވަނީ، މުޅިން އެހެން ރަށަކަށް ބަދަލުވެފައެވެ. ރަށަށް ހަމަ އެރުމާއެކު މިދެންނެވި ބަދަލު އައިސްފައިވާކަމުގެ ޤުދްރަތީ ނިޝާންތައް އޮޅުމެއްނެތި ފެންނާން ފަށައިފިއެވެ. ރަށުގެ ރުއްގަހުންނެވެ. އަވީގެ ކުލައިންނެވެ. މީސްތަކުގެ މޫނުމަތީންނެވެ. ހެލިފެލިވުމުގެ ޙަރަކާތުންނެވެ. އާދޭހެވެ! ހުރިހާ ކަމަކުންނެވެ. "

މިލަދޫގެ ހާލަތު ޝިހާބު ދެކެވަޑައިގެންނެވިގޮތް ސިފަކުރައްވަމުން ލިޔުއްވާފައިވެއެވެ. " އަދުގެ މިލަދުއަކީ އުފާވެރި މުސްތަޤުބަލް އަކަށް އިންތިޒާރުކުރާ ހިތްވަރުގަދަ ޒުވާނުންތަކެއް އުފެދިފައިވާ ދިރޭ ރަށެކެވެ. ބިމުގެ ޚައިރާތާއި ، ބަރަކާތް، ކަނޑުގެ ރޯއްޖާއި ރަޙުމަތް، އެމީހުންގެ އުޅުމަށް ގެނައިބަދަލާއި އެކަށޭނަ ގޮތުން ޤުދްރަތުންވެސް ބަދަލު ކުރައްވާފައެވެ. މަކްތަބުގެ ދެޖިންސްގެ ކުދީންކޮޅު ފެނިފައިވެސް އުފާވާހާ ވެއެވެ. ޞިއްޙަތު ނިކަން ރަނގަޅެވެ. ތާހިރުކަމުގެ ގޮތުންވެސް އައިބެއް ފެންނަވަރެއް ނޫނެވެ."

ޝިހާބުގެ ލިޔުއްވުން ނިންމަވާލެއްވުމުގެ ކުރިން މަނަދޫ އާއި މިލަދޫއާ ދެރަށާމެދު ޚާއްޞަ ގޮތެއްގައި ދެ ރޮނގަކުން ބައްލަވާލައްވާފައިވެއެވެ. " މަނަދޫ އާއި މިލަދޫއާއި ދެރަށާމެދު އަޅުގަނޑުގެ ޚާއްޞަ މުލާޚަޠާއެއް ދެރޮނގަކުން ވެއެވެ. ޞިއްޙަތުގެ ގޮތުންނާއި ޒިރާޢަތުގެ ގޮތުންނެވެ. ޝައްކެއް ވަސްވާހެއްނެތި، ވަރުގަދަ ތަދަކަށްފަހު ރަށް މިހާރުދަނީ ދިރެމުންނެވެ. އަލުން ޙަޔާތަކާ ކުރިމަތިލަމުންނެވެ. ނަތީޖާއެއްގެ ގޮތުން މީސްތަކުން އެބައިމީހުންގެ އަމިއްލަ ގެދޮރުވެސް ރާނަން ފަށައިފިއެވެ. ނަމަވެސް ގިނަ ގޭގެ ފެންނަނީ ހަމަ އިހުގެވެސް ބޯދާ ފާޑަށް ޢިމާރާތް ކުރެވެމުންދާތަނެވެ. އެއް ނުކުތާއަކީ މިއެވެ. އަނެއް ނުކުތާއަކީ މީން ކޮންމެ ރަށެއްގައިމެ، ރުއްގަސް އިންދާނެ ހުސްބިންކޮޅެއް ނެތްފަދަ މިންވަރަކަށް ބާކީ އެބައޮތެވެ. ވީމާ މިދެނުކުތާއާއިމެދު ޞާހިބުއްސަޢާދާ ވަޒީރުއްޞިއްޙާ އާއި، ޞާޙިބުއްސަޢާދާ ވަޒީރުއްތިޖާރާ ވައްތަމްވީނު ސަމާލުވެ ވަޑައިގަތުމަށް އިލްތިމާސް ކުރަމުން މަޟްމޫނުގެ އަނެއްބައި އެހެން ނޫހަކަށް ބޭއްވީއެވެ. "

އަލްމަރުޙޫމް އިބްރާހިމް ޝިހާބު " އަޅުގަނޑު މިފަހަރުދުށް ނ.ށ.ޅ. އަތޮޅު " ސުރުހީގެ ދަށުން ލިޔުއްވާފައިވާ މި މަޒްމޫން ލިޔުއްވާފައިވަނީ މުންނާރު ނޫހުގެ 21 ވަނަ ނަންބަރުގައި 20 ޛުލްޤައިދާ 1376 ވަނަ ދުވަހުގެ ޢަދަދުގައެވެ. އެއީ މީލާދީން 20 ޖޫން 1957 ވީ ބުރާސްފަތި ދުވަހެވެ. ޞާޙިބުއްސަޢާދާ އަލްއުސްތާޛު އިބްރާހިމް ޝިހާބު ނ. އަތޮޅަށް މިކުރެއްވި ދަތުރުފުޅުގެ އެންމެ ބޮޑު ބޭނުންފުޅަކީ އަތޮޅު މަދަރުސާ ހުޅުވައިދެއްވުމެވެ. ނަމަވެސް އެމަނިކުފާނު މާލެ ވަޑައިގެންނެވީ ށ. އަތޮޅު މަދަރުސާވެސް ހުޅުވައިދެއްވާފައެވެ. އޭރު ނ. އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމުގައި ހުންނެވީ ނާއިބުގޭ ތުއްތުމަނިކެވެ. ށ. އަތޮޅުގެ އަތޮޅުވެރިޔާގެ މަޤާމުގައި ހުންނެވީ ކުޑަކޮއި ދޮންމަނިކެވެ. މި ތާރީޚީ ދަތުރުފުޅު ޝިހާބު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންނެވީ 12 ޛުލްޤައިދާ 1376 ވީ ބުދަ ވިލޭރޭގެ ވަގުތެއްގައެވެ.