Thursday, September 10, 2020

ރާއްޖޭގައި ފުރަތަމަ ހެދި ރާޑަރ ސްޓޭޝަންތައް

 


ޢަބްދުﷲ ސަޢީދު 

ދިވެހިރާއްޖޭގެ މަސްކަނޑުތަކުން ޤަވާޢިދާ ޚިލާފަށް ބޭރުގެ ބޯޓު ފަހަރުން މަސްވެރިކަންކުރުން އޮތީ އާންމުވެފައެވެ. ދާއަޅައިގެންނާއި ލޭނު އަޅައިގެންނެވެ. ދިވެހި ސިފައިންގެ ތެރޭގައި ކޯސްޓްގާޑުގެ ޚިދުމަތް 01 ޖަނަވަރީ 1980 ގައި ފެށިގެން ދިޔައީ ވެސް އެކަމާ ގުޅިގެންނެވެ. ރާއްޖޭގެ މަސްކަނޑުތަކަށް ވަދެ ކަހާލައިގެން ގެންދާއިރު ބަލަން ތިބެން ބޭނުން ނުވީއެވެ. ކޯސްޓްގާޑް އުފެދުނުއިރު ސިފައިންގޭގައި ހުރީ ހަތް މީޓަރު ހަމަނުވާ ކުދިކުދި ލޯންޗްފަހަރެވެ. އެތަކެތީގައި ބޭރު ކަނޑުތަކުގައި ޕެޓްރޯލްކޮށް މަސްކަނޑުތައް ބެލެހެއްޓޭނެ ގޮތެއް ނެތެވެ. ރާޑަރ ބެހެއްޓުމުގެ މަސައްކަތް ފެށުނީ އެ ސަބަބާހުރެއެވެ.

 

ރާއްޖޭގެ ތިން ސަރަޙައްދެއްގައި ރާޑަރ ޓަވަރުތައް އަޅައި، ރާޑަރ ބަހައްޓައިގެން ރާއްޖޭގެ ސަރަޙައްދު ބެލެހެއްޓުމަށް ސަރުކަރުން ނިންމެވިއެވެ. އެ މަސައްކަތްކުރަން ހަވާލުކުރެއްވީ ދިވެހި ސިފައިންނާއެވެ. މަސައްކަތުގެ އިސް ބޭފުޅެއް ކަމުގައި ސިފައިންގެ ފަރާތުން ހަމަޖެއްސެވީ ކޯސްޓްގާޑުގެ ޑެޕިއުޓީ ކޮމާންޑަރ އަލްމަރުޙޫމް ކާނަލް (ރިޓަޔަރޑް) ޙަސަން ނަޞީރެވެ. މި މަޝްރޫޢަށް ފަންނީ ގޮތުން އެހީތެރިކަން ދެއްވީ އަލްފާޟިލް މައިޒާން ޢުމަރު މަނިކެވެ. ރާޑަރ ބެހެއްޓުމަށް ހަމަޖެހުނު ތިން ރަށަކީ ހއ. ކެލަޔާއި، ލ. ހިތަދުއާއި، ގއ. ވިލިނގިއްޔެވެ.

ފުރަތަމަ ރާޑަރ ސްޓޭޝަން އެޅުމުގެ މަސައްކަތް ކުރީ ލ. ހިތަދޫގެވެ. 1985 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ފެށި އެ މަސައްކަތް ނިންމާލެވުނީ 1986 ޖުލައި މަހުގައެވެ. މި ރާޑަރ ސްޓޭޝަންގެ މަސައްކަތް ކުރަމުންދަނިކޮށް ޓަވަރު މައްޗަށް އަރާތިބި ސިފައިންނަށް ބޭރުގެ މަސްބޯޓެއް ރާއްޖޭގެ ސަރަޙައްދަށް ވަދެ އުޅެނިކޮށް ފެނުނެވެ. މަސައްކަތް މެދުކަނޑާލައިފައި އެންއެސްއެސް 7 (ފަހުން ކޯސްޓްގާޑު ބުރެވި ލޯންޗު) ގައި އެ ސަރަޙައްދަށް ގޮސް އެ ބޯޓު އަތުލައިގަތެވެ. ކޮރެއާގެ އެ މަސް ބޯޓު ސަރުކާރަށް ނަންގަވައި އެ ބޯޓަށް ދެއްވި ނަމަކީ "އެމްވީ ވެލިގަނޑު" އެވެ.

ރާޑަރ ސްޓޭޝަންތައް އިމާރާތްކުރަން ގޮސް ތިބި ސިފައިންނަކީ އަމިއްލައަށް ކައްކައިކައިބޮއިގެން ވަރަށް ދަތި ހާލުގައި މަސައްކަތް ކުރަން ޖެހުނު ބައެކެވެ. މަސައްކަތަށް ބޭނުންވާ ގަލާއި ވެއްޔާއި އަކިރިފަދަ ތަކެތި ހޯދަނީ އެ ރަށްރަށުގެ ފުށްޓަރުތަކުންނެވެ. ރޭނުމުގެ ހުރިހާ މަސައްކަތަކާއި ހިޔާކުރުމުގެ ހުރިހާ މަސައްކަތެއް ވެސް ކުރީ ސިފައިންނެވެ. މިގޮތަށް މަސައްކަތް ކޮށްގެން ދެވަނަ ރާޑަރ ސްޓޭޝަން ޤާއިމުކުރީ ގއ. ވިލިނގިލީގައެވެ. 07 ނޮވެންބަރު 1985 ގައި ފެށި އެ މަސައްކަތް 25 ޑިސެންބަރު 1985 ގައި ނިންމާލިއެވެ. ތިންވަނަ ރާޑަރ ސްޓޭޝަންގެ މަސައްކަތް ހއ. ކެލާގައި ފެށީ 10 އެޕްރީލް 1987 ގައެވެ. އެ މަސައްކަތް 10 އޮކްޓޫބަރު 1988 އާ ހަމައަށް ކުރިއަށް ގެންދިޔައެވެ. 1988 ނޮވެންބަރު ތިނެއްގެ ޢުދުވާނީ ހަމަލާއާ ގުޅިގެން މަސައްކަތް ހުއްޓުނީއެވެ.

ބައެއް ރާޑަރ ސްޓޭޝަންތައް ޢިމާރާތް ކުރުމަށް ވަރަށް ގިނަ ދުވަސް ހޭދަވިއެވެ. އެހެން ދިމާވީ އެ މަސައްކަތަކީ ކޯސްޓްގާޑުގެ ސިފައިންނާ ހަވާލުކުރެވިފައިވާ އެހެނިހެން ޑިއުޓީތައް ވެސް އަދާކުރަމުން ކުރަން ޖެހުނު މަސައްކަތަށް ވެގެންނެވެ. އޭރު ކޯސްޓްގާޑުގެ ލޯންޗްފަހަރު މަދުކަމާއެކު އެ ލޯންޗެއް މާލެއަށް ނުވަތަ އެހެން ސަރަޙައްދަކަށް ގެންދާން ޖެހިއްޖެނަމަ ޖެހެނީ މަސައްކަތް މެދުކަނޑާލާފައި ލޯންޗާއެކު ރާޑަރ ސްޓޭޝަން ހަދަން އުޅޭ ބަޔަކު ވެސް ދާށެވެ. އެހެންވެ ރާޑަރ ސްޓޭޝަންތައް ބިނާކުރުމުގެ މަސައްކަތް އޭރު ވެފައިވަނީ ކޯސްޓްގާޑް ލޯންޗުގެ ފަޅުވެރިންގެ މަސައްކަތެއްގެ ގޮތުގައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ޤާއިމުކުރި ރާޑަރ ސްޓޭޝަންތައް ބޭނުން ނުކުރެވި ދިޔައީ އޭރު ސިފައިންގެ ތެރޭގައި ފަންނީ ޤާބިލުކަމާއި އިންސާނީ ވަސީލަތް ނެތުމުގެ ސަބަބުންނެވެ. އެ ތަޖުރިބާގެ އަލީގައި އައްޑު އަތޮޅުގައި 1997 ވަނަ އަހަރު ރާޑަރ ސްޓޭޝަނެއް ޤާއިމުކުރިއެވެ. އެ ރާޑަރ ސްޓޭޝަން ހުޅުވުނީ 11 ޑިސެންބަރު 1997 ގައެވެ. އެ ރާޑަރ ސްޓޭޝަން ހުޅުވުމާއެކު ދާއިމީކޮށް ކޯސްޓްގާޑުގެ ސިފައިން އައްޑު އަތޮޅުގައި ތިބޭގޮތަށް ހަމަޖެހިގެންދިޔައެވެ. ޒަމާނާ އެކަށޭނަ ފެންވަރު ރަނގަޅު ރާޑަރ ސިސްޓަމެއް އައްޑޫ ރާޑަރ ސްޓޭޝަންގައި ޤާއިމު ކުރެވުނީ އިންޑިއަން އެއަރ ފޯސް އިން ހަދިޔާ ކުރައްވައިގެންނެވެ. އެ އެއްބަސްވުމުގައި ސޮއިކުރެވުނީ 09 ޖުލައި 2003 ގައެވެ.

Friday, August 21, 2020

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ޢަބްދުލްޣަނީގެ އަސްކަރީ އަގުހުރި ޚިދުމަތް



ޢަބްދުﷲ ސަޢީދު

ލެފްޓިނެންޓް ކާނަލް (ރިޓަޔަރޑް) ހަލަވެލި ޢަބްދުލްޣަނީީ ޢުމަރަށް ސިފައިންގެ އެންމެން ވެސް ކިޔަނީ "ޣަނީބެ" އެވެ. ހުރިހާ ރޭންކެއްގެ ހުރިހާ ސިފައިން ވެސް ޣަނީބެއަށް ވަރަށް ބޮޑަށް އިޙުތިރާމު ކުރެއެވެ. ސިފައިންގެ ޚިދުމަތުން ޝަރަފުވެރިކަމާއެކު ރިޓަޔަރ ކުރެއްވި ފަހުން ވެސް ދައުވަތު ފޮނުއްވައިގެން ކޯސްޓްގާޑާއި ސިފައިންގެ އެކިއެކި ޚާއްޞަ ރަސްމިއްޔާތު ތަކުގައި ބައިވެރިވެ ވަޑައިގެން އުޅުއްވިއެވެ. ކޯސްޓްގާޑުގެ 38 ވަނަ އަހަރީ ދުވަހުގެ ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީއާއި ޗީފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލުގެ އަރިހުގައި ބައިންދަވައި އިޙްތިރާމް އަދާކުރެއްވިއެވެ.

 

Tuesday, August 18, 2020

ދިވެހިރާއްޖެ އިސްލާމްވުން - ރަންނަމާރިއަކީ ރަދުންތަ؟

 


ޢަބްދުﷲ ސަޢީދު

 

ދިވެހިރާއްޖެ އިސްލާމްވީ ގޮތްކަމަށް ކިޔާ ވާހަކައިގައި އުޅޭ ރަންނަމާރިއަކީ އޭރު ރާއްޖޭގެ ރަސްކަމުގައި ހުންނެވި ރަދުން ހެއްޔެވެ؟ މި ކަމުގައި ތާރީޚީ އެއްވެސް ޙަޤީޤަތެއް ފެންނަން އެބައޮތް ހެއްޔެވެ؟ މި ވާހަކަ ދައްކާ ބަޔަކު ދައްކަނީ ކީއްވެގެން ބާވައެވެ. ކޮން މަގުސަދަކު ބާވައެވެ. މިކަމުގެ ޙަޤީޤަތަކީ ކޮބައިބާވައެވެ.

 

Sunday, August 9, 2020

ބޮޑުތަކުރުފާނުގެ ލީޑަރޝިޕުގެ އަސާސްތައް (ޕްރިންސިޕަލްސް)

 


ޢަބްދުﷲ ސަޢީދު

 

ބޮޑުތަކުރުފާނަކީ ހަރުދަނާ ލީޑަރޝިޕް އަސާސް (ޕްރިންސިޕަލް) ތަކެއްގެ މަތީގައި ސާބިތުވެ ހުންނެވި ބޭފުޅެކެވެ. އެ އަސާސްތަކާއި މިއަދު ލީޑަރެއްގެ ކިބައިގައި ހުންނަން ބާރުއަޅައި ދަސްކޮށްދެވޭ ލީޑަރޝިޕް ޕްރިންސިޕަލްތަކާ މާބޮޑު ތަފާތެއް ނެތެވެ. މިކަމުން ދައްކައިދެނީ ބޮޑު ތަކުރުފާނުގެ ލީޑަރޝިޕުގެ ހަރުދަނާ ކަމެވެ.

 

ތިރީގައި މި ލިޔަނީ ބޮޑުތަކުރުފާނުގެ ހަޔާތުން އަޅުގަނޑަށް ފާހަގަ ކުރެވުނު ލީޑަރޝިޕް ޕްރިންސިޕަލްތަކެވެ. އެ ތަކުރުފާނުގެ ޤައުމީ ޖިހާދުގައި އަދި ރާއްޖޭގެ ރަސްކަމުގައި ރެދަލި ކުރެއްވި ދުވަސްވަރު ކުރައްވާފައިވާ ކަންތައްތަކުންނާއި ޢަމަލު ކުރައްވާފައިވާ ގޮތްތަކުން އަދި ވިދާޅުވެފައިވާ ވާހަކަފުޅުތަކުން މަތީގައިމިވާ އަސާސްތައް ބޮޑުތަކުރުފާނު ގެންގުޅުއްވިކަން ސާބިތުވެއެވެ.

 

Wednesday, August 5, 2020

ޕޯޗްގީޒުންގެ ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟



ޢަބްދުﷲ ސަޢީދު 

ޕޯޗްގީޒުން އަޅުވެތިކުރި ޤައުމުތައް އިންޓަރނެޓުން ސާޗް ކުރުމުން އެ ލިސްޓްގައި ދިވެހިރާއްޖޭގެ ނަމެއް ނޯވެއެވެ. ދިވެހިރާއްޖެއާ ޕޯޗްގީޒް (ޕޯޗްގަލް) އާ ދެމެދު 09  ފެބުރުވަރީ 1995 ގައި ސިޔާސީ ގުޅުން ޤާއިމުކުރެވުނުއިރު ދިވެހިރާއްޖެއަކީ އެއްވެސް އިރެއްގައި ޕޯޗްގީޒުން އަޅުވެތި ކުރި ޤައުމެއްގެ ގޮތުގައި އެ ޤައުމުން ޤަބޫލުކޮށްފައެއް ނެތެވެ. ދެން އޮތީ މައުލޫގައި އަޅުގަނޑު ކުރި ސުވާލެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ އަޅުވެތިކުރި ހެއްޔެވެ؟ މި ސުވާލާއެކު އަނެއްކާ ވެސް އުފެދެނީ އެހެން ސުވާލުތަކެކެވެ. ޕޯޗްގީޒުން ދިވެހިރާއްޖެ 15 އަހަރާއި 6 މަސް ދުވަސް ވަންދެން އަޅުވެތިކޮށްގެން ތިބިކަމަށް ބުނާއިރު އެ މީހުންގެ ދަރިފަސްކޮޅެއް މި ޤައުމުގައި އެބައޮތް ހެއްޔެވެ؟ ދުނިޔޭގެ އޭރުގެ އެންމެ ވަރުގަދަ އެއް ބާރަކީ އެއީއެވެ. ކަނޑުގެ ބާޒުގެ ނަމުން މަޝްހޫރު ޕޯޗްގީޒުން ޒަމާނީ ހަތިޔާރެއް ނެތް ދިވެހިން އަތުން ބަލިވީ ކިހިނެތް ހެއްޔެވެ؟ އަދި އެހާ ގިނަ ދުވަހު ޕޯޗްގީޒުން ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގެން ތިބިއިރު އެ މީހުންގެ ބަހުގެ އަސަރެއް ދިވެހިބަހުން ފެންނަން އެބައޮތް ހެއްޔެވެ؟

ހާރޫނުބޭ: ތަފާތު ޝަޚްޞިއްޔަތެއް

 


ޢަބްދުﷲ ސަޢީދު

 

އަޅުގަނޑާ މަންމަ ފަރާތުން ހާރޫނުބެއާ ތިމާގެއެވެ. ހާރޫނުބެއަކީ މަނަދޫ ކަތީބު މޫސަބޭގެ ހަތް ދަރިންގެ ތެރެއިން އެންމެ ހަގު ދަރިފުޅެވެ. ކަތީބު މޫސަބޭގެ ތިބީ ޙައްވަދައިތައާއި، ޔަހުޔާބެއާއި، ޒަކަރިއްޔާބެއާއި، ކަތްދަދައިތައާއި، ފާތުމަދައިތައާއި، ދޮން ދައިތައާއި، ހާރޫނުބެއެވެ. އަޅުގަނޑަކީ ކަތީބު މޫސަބޭގެ ފާތުމަދައިތަގެ ކަނބުލޮ (ޒުލޭޚާ)ގެ ޢަބްދުﷲއެވެ. އެހެން ވީމާކަން ނޭނގެއެވެ. ގޭދޮށުން ދަންޏާ އަޅުގަނޑުމެން ގެއަށް ވަދެނުލައެއް ނުދާނެއެވެ. ޔަގީނުން ވެސް ހާރޫނުބޭ ވަންނާނެ ރެއެއް އަޅުގަނޑަށް އެނގެއެވެ. އެއީ ރައްޔިތުންނަށް ގޮވާ ރެއެވެ.

 

އިސްލާމީ މަރުކަޒު ބުނެއެވެ.




ޢަބްދުﷲ ސަޢީދު 

ފެނުމާއެކު ހިތް މަޑުމޮޅިވެ ހިމޭންވާނެއެވެ. ބުނެދެން ނޭނގޭ ޝުޢޫރުތަކަކުން ވަށާލާނެއެވެ. ފެންނަ ފެނުމަށް ހުދު ސާފު ބޯކިރުފޮދެއް ފަދައެވެ. އެއްވެސް ކުލައެއް މިލައެއްނެތް ރީތިކަމާއި ސާފުކަމެވެ. އެންމެ ފުރަތަމަ ވެސް ލޮލުގައި އަޅައިގަންނާނީ ރަންކުލައިގެ ބޮޑު ގުއްބެވެ. ހިތް ބުނާނެއެވެ. އެއީ ހާލިސް ރަނެވެ. އެހާވެސް ރަނާ އެއްކުލައެވެ. އޮމާންކަމުގެ ސަބަބުން އަރާފައި ހުންނަ އޮފާއި ދަޅައިން ތިބާގެ ދެ ލޯ އަޖައިބުވާނެއެވެ.

ރަޙުމަތްތެރިންނަށް ނޭނގި ކުރެވޭ ގޯނާ



ޢަބްދުﷲ ސަޢިދު 

ޒަމީރު ބުންޏެވެ. ހުރިހާ ރަހުމަތްތެރިންނަށް މިކަން އަންގާލަދޭށެވެ. ރަޙުމަތްތެރިން އަޅުގަނޑަށް ވަރަށް ރަނގަޅެވެ. ލޯބިވެއެވެ. އިޙުތިރާމު ވެސް ކުރެއެވެ. އެކަމަކު ރަޙުމަތްތެރިންގެ ފަރާތުން ގޯނާއެއް އެބަ ލިބެއެވެ. މި ވާހަކަ ވަރަށް ގިނަ މީހުން ދައްކައެވެ. އެކަމަކު މޫނު ކެނޑެން ބޭނުން ނުވާތީ ބުނަން ނުކެރެނީއެވެ. ފަހަރެއްގައި ވެސް ރަޙުމަތްތެރިންގެ ހިތަށް ކުޑަނަމަވެސް ތަދެއް ވެދާނެތީ ޖެހިލުންވަނީއެވެ.

ޒަމީރު އެ ދައްކަން އުޅޭ ވާހަކަ ފަހުމެއް ނުވެއެވެ. އެހެންވެ މި ޖެހެނީ މަޑުކޮށްލާށެވެ. ޒަމީރަށް ފުރުސަތު ދޭށެވެ.

ދިވެހީންގެ މިނިވަންކަމުގެ ތާރީޚު



ޢަބްދުﷲ ސަޢީދު 

ދިވެހިރާއްޖެއަކީ 2500 އަހަރަށްވުރެ ދޮށީ ޤައުމެކެވެ. ވާރިދުވެފައިވާ ވާހަކަތަކުން ރާއްޖޭގައި މީހުން ދިރިއުޅޭތާ 2300 އަހަރުވެފައިވާ ކަމަށް ޤަބޫލުކުރެވެއެވެ. ދިވެހިންނަކީ މިނިވަންކަމުގެ ހެޔޮ ނަސީބު ދެއްވާފައިވާ ފަޚުރުވެރި ޤައުމެކެވެ. އަމިއްލަ ބަހަކާއި އަމިއްލަ ސަޤާފަތަކާއި ތާރީޚީ ތަރިކަތަކެއް ލިބިފައިވާ ހަލޯރަތެކެވެ. އެ ހަލޯރަތުން ފެންނަ އެއް ހަގީގަތަކީ ދިވެހިންގެ މިނިވަންކަމެވެ. މިނިވަންކަމުގައި ދިވެހިންނަށް ދެއްވި އިލާހީ ރަޙުމަތެވެ.

މިނިވަންކަމުގެ އެގްރީމެންޓުގައި އޮތީ ކޮން ވާހަކައެއް؟




ޢަބްދުﷲ ސަޢީދު 


އުތުރު އަޔަރލެންޑް އަދި ގްރޭޓް ބްރިޓުންގެ ރަސްކަމުގެ ރަނިކަމަނާގެ ސަރުކާރާއި ދިވެހިރާއްޖޭގެ ސަރުކާރާ ދެމެދު 1965 ޖުލައި 26 ވަނަ ދުވަހު ވެފައިވަނީ ތާރީޚީ އެއްބަސްވުމެކެވެ. އެއީ ދިވެހިރާއްޖޭގެ އެންމެ އަގުބޮޑު ލިޔުމެވެ. އެއީ ދިވެހިން މިއަދު މިދެކޭ މިނިވަންކަން ކަށަވަރުކުރެވުނު ލިޔުން ވެސް މެއެވެ. އެ އެއްބަސްވުން ވެވުނީ ސްރީލަންކާގައި އިނގިރޭސި ހައިކޮމިޝަން ހިންގަމުންދިޔަ ވެސްޓްމިންސްޓަރޒް ހައުސް ގައެވެ. ވަގުތަކީ އެ ދުވަހުގެ ހެނދުނު 10 ޖެހި އިރެވެ.

Tuesday, August 4, 2020

އެޓާނީ ޖެނެރަލްކަން ކުރައްވާފައިވާ ބޭފުޅުން


އިނގިރޭސީންގެ ހިމާޔަތުގެ ދަށަށް ދިވެހިރާއްޖެ ގެންދިޔަގޮތް


 1895 - އެޗްއެމްއެސް އަލްޖެރީން 



ޢަބްދުﷲ ސަޢީދު 

ދިވެހިރާއްޖެ އިނގިރޭސީންގެ "ހިމާޔަތުގެ ދަށަށް" ދިޔައީ ނުވަތަ އިނގިރޭސީންގެ ޕްރޮޓެކްޓަރޭޓަކަށްވީ ދިވެހިން އަމިއްލައަށް
އެނދިގެން ކަމަށް ލިޔެފައިވާ ލިޔުންތައް ފެނެއެވެ. އެ ދުވަސްވަރުގެ ހާލަތު ހުރިގޮތުން އެފަދަ ބޮޑު ބާރެއްގެ ދަށުގައި މި ޤައުމު އޮތުމަކީ ދިވެހިންނަށް އެންމެ ރަނގަޅުގޮތްކަމަށް ވެސް ލިޔެފައިހުރެއެވެ. އިނގިރޭސީންގެ ކޮލޮނީއަކަށް ދިވެހިރާއްޖެ ނުހަދައި ޕްރޮޓެކްޓަރޭޓަކަށް ހެދީ އިނގިރޭސީންގެ ރަނގަޅުކަމުންކަމަށް ދހަވާގޮތަށް ވެސް ވާހަކަ ދެކެވެއެވެ. މިއީ ހަމަ ޙަޤީޤަތުގައި ވެސް ކަން ހިނގާދިޔަގޮތްތޯއެވެ؟

ދިވެހީން ވައިގެމަގުން ކުރި ފުރަތަމަ ޙައްޖު ދަތުރު




ޢަބްދުﷲ ސަޢީދު 

މިއީ ދިވެހިރާއްޖޭގެ ތާރީޚުގައި ވައިގެމަގުން ދިވެހީންގެ ބަޔަކު ޙައްޖަށްދިޔަ ފުރަތަމަ ދަތުރުގެ ވާހަކައެވެ. މި ދަތުރުގައި އަޅުގަނޑުގެ ބައްޕަ ފަރާތު މުނިކާފަ މަނަދޫ ހާރޫނު ޙާޖީ ކަލޭފާނާއި މުނިމާމަ ޢައިޝަތު ޤާސިމް (މަނަދޫ ކަމަނަ ދައިތަ) އާއި ކާފަ ޤާސިމް ހާރޫނު (މަނަދޫ ކާސިން ޙާޖީ) ބައިވެރިވެވަޑައިގެންނެވިއެވެ. މީގެއިތުރުން މި ދަތުރުފުޅުގައި ދިއްދޫ އިބްރާހީމް ކަލޭފާނު (ޑީއައިކޭ) އާއި، ނޮޅިވަރަމް ދޮން ޢަލީ ކަތީބު ކަލޭފާނުގެ ދެކަނބަލުންނާއި ވިލާގެ ޗެއަރމަން ޤާސިމް އިބްރާހީމްގެ ބައްޕާފުޅު މާމިނގިލީ އިބްރާހީމް މުޙައްމަދު ފަދަ އޭރުގެ ތަނަވަސް ބޭފުޅުން ޙައްޖަށް ވަޑައިގެންނެވިއެވެ. އެފަހަރު ވައިގެމަގުން ޙައްޖަށް ވަޑައިގެންނެވީ 12 ބޭފުޅުންނެވެ. އެއީ 1960 ވަނަ އަހަރެވެ. ދެކުނުގަޑުބަޑުގެ ދުވަސްވަރެވެ. އެހެންވީކަން ނޭނގެއެވެ. މުއްސަނދި، ތަނަވަސް ބޭފުޅުން އެ ހިސާބުގަނޑުގައި ތިއްބެވިޔަސް މި ބޭފުޅުންގެ ތެރޭގައި ދެކުނުގެ ބޭފުޅެއް ނެތެވެ. މި ބޭފުޅުން ޙައްޖުވެވަޑައިގެންނެވުމަށް ވަޑައިގެންނެވީ އިނގިރޭސިވިލާތުގެ ޕާސްޕޯޓްގައެވެ.

ތާރީޚުގެ ތެރެއިން، މަނަދޫގައި ފުރަތަމަ ހުޅުވި ނ.އަތޮޅު މަދަރުސާ


ޢަބްދުﷲ ސަޢީދު 


މިލަދުންމަޑުލު ދެކުނުބުރީ މަނަދޫގައި މިހާރު ހުރި ނ.އަތޮޅު މަދަރުސާގެ އުފަން ދުވަހަކީ ނުވަތަ އަހަރީ ދުވަހަކީ 01 މާރިޗެވެ. އެ ދުވަސް ނިސްބަތްވަނީ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް މަނަދޫގައި "މަނަދޫ ޕްރައިމަރީ ސްކޫލު" ހުޅުވައިދެއްވި ދުވަހަށެވެ. އެއީ 1979 މާރިޗު 1ވަނަ ދުވަހެވެ. އެއީ ރައީސް މައުމޫން، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު މަނަދޫއަށް ފުރަތަމަ ކުރެއްވި ދަތުރުފުޅެވެ. އެހެން ނަމަވެސް މަނަދޫ ޕްރައިމަރީ ސްކޫލަށްވުރެ "ނ.އަތޮޅު މަދަރުސާ" ގެ ނަން މާދޮށްޓެވެ.

Monday, August 3, 2020

ޕޯޗްގީޒުން ރާއްޖެއަށް



ޢަބްދުﷲ ސަޢީދު 


ޕޯޗްގީޒުން އިންޑިއާ ކަނޑަށް އައީ މީލާދީން 1488 ވަނަ އަހަރު ދެކުނު އެފްރިކާ ވަށާލާފައި ކުރި ތާރީޚީ ދަތުރުގައެވެ. އެއީ ކޭޕް އޮފް ގުޑްހޯޕަށް އެ މީހުން ނަންދިން ދަތުރެވެ. ބާތޮލޮމިޔު ޑަޔަސްގެ މާލިމީ ކަމުގެ ދަށުގައެވެ. އޭރު ރާއްޖޭގެ ރަސްކަމުގައި އިންނެވީ އައްސުލްޠާން ކަޅު މުޙައްމަދު ރަސްގެފާނެވެ. އެއީ އެ ރަދުންގެ ދެވަނަ ރަސްކަމުގެ ދުވަސްވަރެވެ.


އަލްއިޞްލާޙު: ދިވެހި ލިޔުންތެރިކަމުގެ ފެށުން



ޢަބްދުﷲ ސަޢީދު 

އަލްއިޞްލާޙަކީ ޢަރަބި ނަމެކެވެ. އެ ނަން ލިޔެފައިވަނީ ވެސް ޢަރަބި އަކުރުންނެވެ. މަޖައްލާގެ ބޭރުގަނޑުގަނޑާ ޖެހިގެން އޮތް ގަނޑުގައި ތާނައިން ލިޔެފައިވާ ލިޔުންތަކަށް ވުރެ ގިނައީ ޢަރަބިން ލިޔެފައިވާ ލިޔުމެވެ. އެކަމުން ދޭހަކޮށްދެނީ އެ ޒަމާނުގައި ޢަރަބި ބަހުގެ ނުފޫޒު އޮތް މިންވަރެވެ. އެއީ ދިވެހިރާއްޖޭގައި ފުރަތަމަ ނެރުނު މަޖައްލާއެވެ. ނޫހެއްގައި ހުންނަ އެތެރޭގެ ސިފަތައް އެ މަޖައްލާއިން ފެނެއެވެ. އެހެންވީމާ އެއީ ހަމަ ރަނގަޅަށް ވެސް ނޫސް މަޖައްލާއެކެވެ. މި ޒަމާނުގައި މިކިޔާ ނިއުސް މެގަޒިނެކެވެ. އެ ނޫސް މަޖައްލާގެ ފުރަތަމަ ޞަފުޙާގައި ލިޔެފައިވާ މުހިންމު ލިޔުންކޮޅެއް ލޮލުގައި އަޅައިގަތެވެ. "މިއީ ދިވެހި ދައިލަތުގެ ފަރާތުން ހިންގާ މަޖައްލާއެކެވެ." ދިވެހިން ލިޔެފައިވިޔަސް ބައެއް ލަފުޒުތައް ލިޔެފައި ހުރީ އެ ޖުމުލައިގައި ވެސް ޢަރަބިންނެވެ.


ބުރަކި ރަނިން: ކޮއްކޯފުޅު އަވަހާރަކޮށްލައްވައި ލޯބިވެރިޔާއަށް ރަސްކަން ހޯއްދަވައިދެއްވި



ޢަބްދުﷲ ސަޢީދު

ބުރަކި ރަނިންނަކީ އައްސުލްޠާން ޢަލީ (ފަސްވަނަ) ސިރީ ލޯކަ އާނަންދަ މަހާރަދުން ނުވަތަ ދިވެހި ތާރީޚުގައި މަޝްހޫރު "ދޮންބުޅާ ފާށަނާ" ގެ ދައިތާފުޅެވެ. ބުރަކި ރަނިންނަކީ އެ ކަމަނާގެ އެ ކޮއްކޯފުޅު އަވަހާރަކޮށްލި ޙަޤީޤީ ޤާތިލެވެ. އެކަން އެކަމަނާ ކުރެއްވީ އެ ކަމަނާގެ ލޯބިވެރިޔާއަށް ދިވެހިރާއްޖޭގެ ރަސްކަން ހޯއްދަވައިދެއްވަން ވެގެންނެވެ.


ރަސްގެފާނު ޖަލަށް ކުރެއްވި ޒިޔާރަތް




ޢަބްދުﷲ ސަޢީދު 

ކުށްވެރިން ގިނަވެ ޖަލުތައް ފުރެނީއެވެ. މިކަމާ އެންމެ ކަންބޮޑުވާ ބޭފުޅަކީ އެ ޤައުމުގެ ރަސްގެފާނެއެވެ. އެހެންކަމުން ކުށްވެރިން އިސްލާހުކޮށް އަނބުރާ މުޖުތަމަޢުއަށް ނެރުމުގެ ވަރަށް ފެންވަރުގެ ޕްރޮގްރާމެއް ރޭވި، ފެށިއްޖެއެވެ. ދިރާސާވެރިން އެކަމަށް އެތައް ވަގުތަކާއި ހަކަތައެއް ހޭދަކުރިއެވެ. ސަރުކާރުން އެތައް ފައިސާއެއް ޚަރަދު ކުރިއެވެ. އަތްތެރި މަސައްކަތަކާއި ތަފާތު ހުނަރުވެރި މަސައްކަތްތައް ދަސްކޮށްދޭން ފެށިއްޖެއެވެ. ފުރަތަމަ ޑިގްރީއާ ހަމައަށް ކިޔެވޭނެ ގޮތްތައް ފަހިކުރިއެވެ. ޖަލުގެ އިންތިޒާމުތައް ފުރިހަމަވެފައި ކެއިންބުއިމާއި ނިދުމުގެ ކަންތައްތައް ކުރިއަށްވުރެ ކިތަންމެ ތަނެއް ރަނގަޅުކޮށްފިއެވެ. ޖަލުގައި ވަޒީފާ އަދާކޮށްގެންނާއި ތަކެތި އުފައްދައި ވިއްކައިގެން ބައެއް ކުށްވެރިންނަށް މުސާރަ ވެސް ލިބެންފަށައިފިއެވެ.


ޕޯޗްގީޒުންގެ އަޅުވެތިކަމުގައި ރާއްޖެއޮތް ދުވަސްވަރު އިސްތިރާޖީ ވިސްނުން ގެންގުޅުނުގޮތް




ޢަބްދުﷲ ސަޢީދު 

މީލާދީން 19 މޭ 1558 އެވެ. އެއީ ހިޖުރައިން 1 ޝައުބާން 965 އެވެ. އެއީ ޢަލީ ރަސްގެފާނު ޕޯޗްގީޒުންނާ ހަނގުރާމަކުރައްވައި ޝަހީދުވެވަޑައިގެން ދުވަހެވެ. އެއީ ދިވެހިންގެ މައްޗަށް ޕޯޗްގީޒުންގެ އަނިޔާވެރިކަމުގެ 15 އަހަރާއި 6 މަސް ދުވަހުގެ އަޅުވެތިކަން ފެށުނު ދުވަހެވެ. ދިވެހިރާއްޖޭގެ ކަނޑުތައް ދިވެހިންގެ ލެއިން ރަތްވެގެން ދިޔަ ދުވަސްތަކެއްގެ ގޮތުގައި ލިޔުންތެރިން ސިފަކޮށްފައިވާ ދުވަސްތަކެވެ.


Saturday, August 1, 2020

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ޓްރައިޓްސް (ޒާތީ ސިފަތައް)

 


ޢަބްދުﷲ ސަޢީދު

 

ލީޑަރޝިޕް ޓްރައިޓްސް ނުވަތަ ލީޑަރޝިޕް ކޮލިޓީސް ތަކަކީ އަބަދާ އަބަދުވެސް ރަނގަޅުކޮށް ކުރިއެރުވޭ، އެ ލީޑަރެއްގެ ޒާތީ ސިފަތަކެކެވެ. އުތީމު ތުޑިމަތީގައި މަޅިފަތި ޖައްސަވަން އުޅުއްވި ދުވަސްވަރުން ފެށިގެން ލީޑަރޝިޕް ޓްރައިޓްސް ތަކެއް ބޮޑުތަކުރުފާނުގެ ހަޔާތްޕުޅުގައި ދިޔައީ ބިންވަޅު ނެގެމުންނެވެ. ބައްޕާފުޅާއި ބޮޑުބޭބޭފުޅުގެ އަރިހުން ކިޔަވާ ވިދާޅުވުމަށްފަހު އިންޑިއާގެ ބޭދާޅީއަށް ވަޑައިގެން ކިޔަވާ ވިދާޅުވުމުގެ ސަބަބުން ލީޑަރޝިޕްގެ ހަރުދަނާ ޒާތީ ސިފަތަކެއްގެ ވެރި ޝަޚްސިއްޔަތަކަށް ވެވަޑައި ގެންނެވިއެވެ. ލިބިވަޑައިގެން ހުންނެވި ޢިލްމާއި ޙިލްމު ހެޔޮގޮތުގައި ބޭނުންކޮށް ޢަމަލީ މައިދާނުގައި ހުނަރުވެރި ޤާބިލު ލީޑަރެއްގެ ގޮތުގައި ނަތީޖާ ނެރުއްވަމުން ގެންދެވިއެވެ. މި ޙަޤީޤަތް މިހެން ހުރުމާއެކު ބޮޑުތަކުރުފާނުގެ ޢާއިލާގައި ޢަލީ ތަކުރުފާނަކީ ދޮށީ ބޭބޭފުޅުކަމަށްވިޔަސް، ރާއްޖެ މިނިވަން ކުރެއްވުމުގެ މަތިވެރި ޖިހާދުގައި ލީޑަރަކަށް ބޮޑުތަކުރުފާނު ހަމަޖައްސަވައި އެތަކުރުފާނުގެ އަތްޕުޅު މައްޗަށް ޢަލީތަކުރުފާނުވެސް ބައިޢަތު ހިޕެވިއެވެ. (ސ. 159) ބޮޑުތަކުރުފާނުގެ ޒާތީ ސިފަތަކަށް ބަލާލާއިރު ހަރުދަނާ ލީޑަރެއްގެ ކިބައިގައި ހުންނަންޖެހޭ ވަރަށް މުހިންމު ސިފަތަކެއް އެމަނިކުފާނުގެ ހަޔާތްޕުޅުން ފެންނަން އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ ޚާއްޞަ ސިފަތަކަކީ:-

Friday, July 31, 2020

ބަދަލުވަމުންދާ އީދުގެ ސަޤާފަތް

 


ޢަބްދުﷲ ސަޢީދު

 

އީދު ފާހަގަކުރަން ޒަމާނުއްސުރެ ދިވެހީން ކުޅެމުން އައި ސަގާފީ ކުޅިވަރުތައް ވަރަށް ގިނައެވެ. އަދި އީދުގެ އާދަކާދައިގެ ގޮތުގައި ވާރުތަވެގެން ކުރަމުން އައި ކަންތައްތައް ވެސް އެހާގިނައެވެ. ދީނީ ގޮތުން ކުރާ ކަންތައްތައް ވެސް އޭގެތެރޭގައި ހިމެނެއެވެ.

ސަގާފަތަކީ އިންސާނުން ދިރިއުޅޭ ގޮތެވެ. އެއީ އިންސާނުން އެކި ބައިބަޔަށް އުޅެމުން އަންނައިރު އެ ބައެއްގެ ތެރޭގައި ވިސްނުމާއި ޚިޔާލާއި ވާހަކަ ދެއްކުމާއި މަސައްކަތްތެރިކަމާއި ކުޅިވަރާއި މިޔުޒިކާއި ނެށުމާ މި ހުރިހާ ކަމަކާ ގުޅިފައިވާ އާދަކާދަތަކެވެ.

 

Sunday, July 26, 2020

ދިރިއުޅުން އާ ވައްޓަފާޅިއަކަށް

 


ޢަބްދުﷲ ސަޢީދު

ކޯވިޑޭކިޔާ އާލަމީ ވަބާގެ ރަޖާގަނޑުގެ ދަށުގައި ދުނިޔެއެކޭ އެއްފަދައިން ރާއްޖެ ވެސް އޮތީ ބިރުން ސިހިސިހިއެވެ. މާދަމާވާނެ ގޮތެއް ނޭނގިފައެވެ. މި ވަބާއަށް ވެކްސިނެއް ނާންނަނީހެއް މި ސިހުމަކަށް ހަމަޖެހުމެއް ނާންނާނެއެވެ. އެކަމަށް އަދިވެސް ދުވަސް ނަގާނެއެވެ. އެ ވެކްސިނެއް ލިބިގެން އެންމެންނަށް ޖެހެންދެން ވެސް އަޅުގަނޑުމެން ދިރިއުޅުން ކުރިއަށް ގެންދަން އެބަޖެހެއެވެ. ރަށު ބަންދާއި ގޭބަންދާއި ފުރަބަންދަށް އަމިއްލައަށް ޙުކުމް ކުރެވިގެން ލޮލުންބޮލުން އެދި ޤަބޫލުވެގެން ތިބެން އެބަޖެހެއެވެ. މިއަދު އެހެން ނޫޅެ ފުރާނަ ސަލާމަތްކުރެވޭކަށް ނެތެވެ. ދުނިޔޭގެ ތަޖުރިބާއަކީ ގޭގައި މަޑުކުރި މިންވަރަކުން ގެއްލޭ ފުރާނަ ސަލާމަތްކުރެވޭކަމެވެ. އިޖުތިމާޢީ ގައިދުރުކަން އިތުރުކުރި މިންވަރަކުން ބަލި ފެތުރޭ މިންވަރު މަދުވާކަމެވެ. އެހެންވީމާ މި ބަންދުތަކުގައި އުޅެމުން ދިރިއުޅެންޔާ ދާން މިޖެހެނީ ދިރިއުޅުމުގެ މުޅިން އާ ވައްޓަފާޅިއަކަށް ދާށެވެ.

ފެހިވިނަ: ހޭލެއްވި ހަނދާންތައް

 


ޢަބްދުﷲ ސަޢީދު

އަޅުގަނޑުމެން އުމުރުގެ މީހުންނަށް އެ މޫނު އަލެއް ނުވާނެއެވެ. އެ އަޑު ވެސް އެނގޭނެއެވެ. ރީތި ފަން އިސްތަށިގަނޑެކެވެ. ހުންނާނީ އަބަދު ވެސް ރީތިކޮށް ފުނާއަޅުއްވާ އޮމާންކޮށްފައެވެ. އާންމުކޮށް ލައްވާނީ އަތްކުރު ގަމީހެވެ. ގަމީސް ދަށަށް ޖައްސަވާފައެވެ. އެއީ "ފެހިވިނަ ޝަރީފު"ގެ އިސްޓައިލެވެ. ޓީވީއެމުން 1998 ވަނަ އަހަރު ފޮނުވަން ފެށި ތިމާވެށްޓާ ބެހޭ ޕްރޮގްރާމާއެކު އަޅުގަނޑަކީ ވެސް ޝަރީފުގެ ރައްޓެއްސެކެވެ. ރާއްޖޭގެ އެ ދުވަސްވަރުގެ އެންމެން ކަހަލަ ގޮތަކަށް ޝަރީފު ދަންނަފަދައިންނެވެ. އެކަން ނޭނގޭނީ ޝަރީފަށެވެ. މިހާރު ޓީވީއެމުން ފެހިވިނަ ޕްރޮގުރާމުތަކުގެ ފަށްކުރުންތައް އަލުން ދައްކަން ފެށުމުން އޭރުގެ ހަނދާންތައް އަލުން ހޭލައްވައިފިއެވެ.

Monday, July 13, 2020

މަހާނަގާތަކުގެ ހިމޭން ވާހަކަ

 


ޢަބްދުﷲ ސަޢީދު

 

ނުބުނެ ބުނެވޭނެ ވާހަކަ ހުރެއެވެ. ލަފުޒުތަކަކާ ނުލައި ބަޔާންކުރެވޭ ކަންތައްތައް ވެސް ހުރެއެވެ. އިންސާނުންނަކީ ހިމޭން ނިޔާތަކެއްގެ މައްޗަށް މުޅި ދިރިއުޅުން ބިނާކޮށް ނިމިގެންދާ ބައެކެވެ. އާސާރީ ގަބުރުސްތާނުތަކާއި އެ ތަންތަނުގައިހުރި ހިރިގަލުގެ މަހާނަގާތައް ހިމޭން ވާހަކަތަކެއް އެބަ ކިޔައިދެއެވެ.

 

މަރިޔަމް އިޝާ ޢަޒީޒުގެ އަހާލަން ފަސޭހަ ހިމޭން އަޑާއެކު ދަރެސް ތެރެއަށް ދަމައިގަތީ މި ފަށުވި އޮމާ ރީތި ވާހަކަފުޅުންނެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ހިރިގަލުގެ މިސްކިތްތަކާއި ގަބުރުސްތާނުތަކަށް ކުރައްވާފައިވާ ޒިޔާރަތްތަކުން އަޑުއެއްސެވި ވާހަކަތައް ތިލަކޮށްލެއްވިގޮތުންނެވެ. އެއީ މީގެކުރިން އާންމު ވާހަކަތަކެއް ނޫނެވެ.

Wednesday, July 8, 2020

ދިވެހިބަހުގެ ޝުޢޫރު

 


ޢަބްދުﷲ ސަޢީދު

 

ތިބާ އަހުރެން ދަންނަމުހެއްޔެވެ؟ މިއީ ތިބާގެ މާދަރީ ބަހެވެ. ތިބާގެ މަންމަގެ އުނގުން ދަސްކުރި ބަހެވެ. ތިބާއަށް އެންމެ ފުރަތަމަ ވާހަކަ ދައްކާ އަޑު އިވުނު ބަހެވެ. ތިބާއަކީ ކާކުކަން ބުނެދިން ބަހެވެ. ތިބާ ތިބާއަށް ހަދައިދިން ރީތި ދިވެހިބަހެވެ.

 

ތިބާ އަހުރެން ދެކެ ލޯބި ވަމު ހެއްޔެވެ؟ ނުވަންޏާ ނުވަނީ ކީއްވެހެއްޔެވެ؟ ތިބާއަށް ލޯބި އެއީ ކޮން އެއްޗެއްކަން ނޭނގެނީ ހެއްޔެވެ؟ އަހުރެން ހައިރާނެއް ނުވަމެވެ. މި ދުނިޔޭގައި އެ މީހަކު ބަނޑުއަޅައި ވިހޭ މައި މީހާއާމެދު ވެސް އިހާނެތިކޮށް ހިތާ ދަރިން އުޅެއެވެ. އަދި އަމިއްލަ އުފަން ދަރިން މަރާފައިވާ މައިން ވެސް މި ދުނިޔެ ދެކެއެވެ. ލޯބިވުމާއި ނުވުމުގައި އޮންނަނީ ލޯބި ދޭންވީ މީހާގެ ހައިސިއްޔަތެއް ނޫނެވެ. ލޯބިވާން ހުރި މީހެއްގެ އަޚްލާޤިއްޔަތެވެ.

Wednesday, July 1, 2020

ވާހަކަ: ކާފަގެ ނަސޭހަތް




ޢަބްދުﷲ ސަޢީދު 

އެއް ސަހަރެއްގައި މުއްސަނދި ސައުދާގަރަކު (ވިޔަފާރިވެރިއަކު) އުޅުނެވެ. އޭނާގެ ހުންނަނީ އެންމެ ފިރިހެން ކުއްޖެކެވެ. ސައުދާގަރުގެ ދެމަފިރިން އެ ދަރިފުޅުދެކެ އިންތިހާއަށް ލޯބިއެވެ. އެކަމަކު ސައުދާގަރުގެ އުންމީދެއް އޮވެއެވެ. އެއީ އޭނާ ނެތް ދުވަހަކުން ވެސް އޭނާގެ ދަރިފުޅަކީ އޭނާގެ ވިޔަފާރިތައް ކުރިއަށް ގެންދެވޭފަދަ ކުއްޖަކަށް ހެދުމެވެ. އެހެންވެ ކިޔެވުމުގެ އިތުރުން ސައުދާގަރުގެ މަސައްކަތުގައި ބައިވެރިކޮށް ގެންގުޅެން ބޭނުންވެއެވެ. އެކަމަކު ހެނދުނު ސައުދާގަރު މަސައްކަތަށް ނިކުންނައިރު ގިނަ ދުވަސްދުވަހު އެ ދަރިފުޅަށް އޭނާއެކު ދެވޭގޮތެއް ނުވެއެވެ. ފަތިހުގެ އަރާމު ދިނިކޮޅު މާ މުހިންމުވަނީއެވެ. އެހެންވެ ކޮންމެ ވެސް ބަހަނާއެއް ދައްކައިގެން ނިދަން އޮންނަނީއެވެ. ބައެއް ދުވަސް ދުވަހު ބޮލެއްގައި ރިހޭތީއެވެ. އަނެއްބައި ދުވަސްދުވަހު އަތެއްގައި ރިހޭތީއެވެ. އަނެއްބައި ދުވަސްދުވަހު ފައެއްގައި ރިހޭތީއެވެ.

Tuesday, June 23, 2020

ބޮޑުތަކުރުފާނުގެ ލީޑަރޝިޕްގެ ސްޓައިލްތައް

 


ޢަބްދުﷲ ސަޢީދު

 

"މިރާއްޖެފަދަ ކުޑަކުޑަ ތަނެއްގެ ބީރައްޓެހި ރަށެއްގައި އުފެދުނު ޒުވާނަކު ތިމާގެ ދީނަށް ނަޞްރު ދިނުމަށް ތިމާގެ ވަޒަން ބޭރުމީހުންގެ އަތުން ސަލާމަތް ކުޅައުމަށް ކަމަރުބަނދެ ޤުރުބާން ވެގަތުމަށް އެކުރެއްވި ހިތްވަރަކީ ޤިޔާމަތަށްދާންދެން ސާބަސް ދޭހައި ކަމެކެވެ." މިއީ ޕޯޗްގީޒުންގެ އަތްދަށުން 01 ރަބީޢުލްއައްވަލް 981 (2 ޖުލައި 1573) ގައި ދިވެހިރާއްޖެ މިނިވަންކުރައްވައި، ޤައުމު ބިނާކޮށްދެއްވި އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބޮޑުތަކުރުފާނުގެ ވާހަކަ ލިޔުއްވި ފަޟީލަތުއްޝައިޚް އަލްމަރުޙޫމް ޙުސައިން ޞަލާޙުއްދީން ލިޔުއްވާފައިވާ ޢިބާރާތެކެވެ. 1940ގައި ލިޔުއްވާފައިވާ "ބޮޑުތަކުރުފާނުގެ ވާހަކަ" އަކީ ސިޔާސީ ރޭވުންތެރިކަމާއި އިސްތިރާޖީ ހަމަތައް ފެނިގެންދާ ޙިކުމަތްތެރި ވާހަކައެކެވެ. ދީނީ އަޤީދާއާއި އިންސާނީ ދިރިއުޅުމާ ގުޅިލާމެހިފައިވާ މިންވަރާއި ދިވެހިރާއްޖޭގެ އެ ޒަމާނުގެ އާދަކާދައާއި ސަޤާފަތް އެނގިގެންދާ ވާހަކައެކެވެ. މިއީ އިޝްޤީ ލޯބީގެ ކާމިޔާބާއި ނާކާމިޔާބުގެ ކުލަތައް ފެންނަ، ލޯބީގެ އެންމެ ހިމަ ނާރުތަކާ ކުޅެލާ އަސަރުގަދަ ވާހަކައެއްވެސް މެއެވެ. ބޮޑުތަކުރުފާނު ވާހަކަ އަޅުގަނޑުގެ ޢުމުރުގެ އެކި ހިސާބުތަކުގައި އެތައް ފޮތަކުން ފޫހިވުމެއްނެތި އެތައް ފަހަރަކު ކިޔައިފީމެވެ. އެ ވާހަކައިން އަޅުގަނޑު އެންމެ ޝަޢުޤުވެރި ބަޔަކަށްދިމާވީ އަލްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމްގެ ޝަޚްސިއްޔަތެވެ. ބޮޑުތަކުރުފާނުގެ ހަރުދަނާ ލީޑަރޝިޕެވެ.

Thursday, June 11, 2020

އަޅުގަނޑާއި އަބްދުއްރަހިންބެ

 



ޢަބްދުﷲ ސަޢީދު

 

ފުރަތަމަ ފެނުނީ އަޅުގަނޑުގެ މުދައްރިސެއްގެ ގޮތުގައެވެ. އޭރުވެސް އެއީ ނ. އަތޮޅު އޮފީހުގެ އިސް ބޭފުޅެކެވެ. ރަށުގެ ކަމުވޮށިވެގެންވާ ޢިއްޒަތްތެރިއެކެވެ. ރީތިކޮށް ޤުރުއާން ކިޔަވާވިދާޅުވާ އިމާމެކެވެ. ހުކުރުކުރައްވާ ޚަތީބެކެވެ. ނ. މަނަދޫ ކުންނަމަލަ ޢަބްދުއްރަޙީމް އަބޫބަކުރެވެ. އޭރަކު އަޅުގަނޑާއި އަބްދުއްރަހިންބެ އާ އޮންނަ ލޭގެ ގުޅުމެއް ނޭނގެއެވެ.

Tuesday, June 9, 2020

މަނަދޫގެ ތަޢުލީމީ ތާރީހުން މަކުތަބުއް ޖަލާއުގެ ރަން ދުވަސްވަރު


މަނަދޫގައި ތަޢުލީމީ އެކިއެކި ހިޔާވަހިތައް އުފަންވެ އުވި ހިގާއްޖެއެވެ. އެ މާޒީން ފެންނަ އެއް ހަގީގަތަކީ އެތަންތަނާ ނ. އަތޮޅުގެ އަތޮޅުވެރިކަމައިގެން ވަޑައިގެންނެވި އެކިއެކި ބޭފުޅުންނާ އޮތް ގުޅުމެވެ. ރަށުގެ ވެރިންނާއި ކަމުވޮށިވެގެންވާ ބޭފުޅުން ގުޅިގެން ކުރައްވާފައިވާ ބުރަ މިންނަތް މަސައްކަތެވެ. އެފަދަ އެއް ތަނަކީ "މަކުތަބުއް ޖަލާއު" އެވެ. 

Monday, June 1, 2020

ނާވިލު: ޝަރުމީލާ



ޢަބްދުﷲ ސަޢީދު 


އެންމެން ދައްކަނީ ޝަރުމީލާގެ ވާހަކައެވެ. ހޮޅުއަށިތަކާއި އުނދޯލިގެތަކާއި ކާގެތަކުގައެވެ. ހޮޓާތަކާއި ރެސްޓޯރެންޓް ތަކުގައެވެ. ދެ މީހަކު ބައްދަލުވިޔަސް ދައްކަނީ އެ ވާހަކައެވެ. މީސް މީޑީއާގައި ވެސް އެ ބާރަށް ފެތުރެނީ ވާހަކައެވެ. ހޫނު ޒުވާބުތަކާއި ބަހުސްތަކެވެ. ޝަރުމީލާ ކުއްލިއަކަށް ކަޅުހެދުންލީއެވެ. މޫނު ބުރުގާ ވެސް އެޅީއެވެ. އެކަމަކު ކުރިން ޝަރުމީލާ އުޅުގޮތުން ބައެއް މީހުންނަށް އެކަން ގަބޫލުކުރަން ދަތިވަނީއެވެ. އަނެއް ބަޔަކަށް ހަޖަމު ނުވަނީއެވެ. ބަލައިގަންނަން ބޭނުން ނުވަނީއެވެ. އެއީ ޝަރުމީލާ އޭނާގެ ޙަޔާތުގައި އެޅި މުހިންމު ފިޔަވަޅެއް ކަމަށް ދެކޭ ބަޔަކު ވެސް ތިއްބެވެ.