Tuesday, July 11, 2023

ބޮޑު ތަކުރުފާނު ކުރެއްވީ ދީނީ އަދި ޤައުމީ ޖިހާދެއް

 


 

ޢަބްދުﷲ ސަޢީދު

 

ޕޯޗްގީޒުންގެ އަތްދަށުން ދިވެހިރާއްޖެ ސަލާމަތް ކުރެއްވުމަށް އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ނުވަތަ ބޮޑު ތަކުރުފާނު އިސްވެ ހުންނަވައި ކުރެއްވި ހަނގުރާމައަކީ ޤައުމީ ޖިހާދެއްތޯ ސުވާލުކުރާ ދިވެހީން އެބައުޅެއެވެ.

 

ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ޝާމިލުނުވެ، މާލެއާއި އުތުރުގެ އަތޮޅުތަކުގައި ހިނގި އެ ހަނގުރާމައަށް ޤައުމީ ޖިހާދެކޭ ނުކިޔޭނެޔޭ ވެސް ކިޔައެވެ. ސުވާލުގެ ތަފުސީލަށް ދިއުމުގެ ކުރިން ފާހަގަކޮށްލަން ޖެހޭ ނުކުތާއެއް އެބަ އޮތެވެ. ޤައުމީ ބަޠަލުންނާމެދު މިފަދަ ސުވާލުތައް އުފެދިގެން މި ބާވަތުގެ ވާހަކަތައް ދައްކާމީހުން އުޅެނީ ހަމައެކަނި އަޅުގަނޑުމެންގެ މި ކުޑަކުޑަ ދިވެހިރާއްޖޭގައެއް ނޫނެވެ. މިއީ މިއަދު ދުނިޔޭ ވަރަށް ގިނަ ޤައުމުތަކުގައި ވަރަށް ބާރަށް ފެތުރެމުންދާ ވަރަށް ނުރައްކާތެރި ރޯޅިއެއްގެ އަސަރުތަކެވެ.

 

ކޮންމެ ޤައުމެއްގައި ވެސް އެ ޤައުމެއް ރަމުޒުކޮށްދޭ ނުވަތަ އެ ޤައުމުގެ ހައިބަތު ދައްކައިދޭ މާއްދީ އަދި މައުނަވީ ތަރިކަތަކެއް ހުރެއެވެ. އަދި ޤައުމު މިހިސާބަށް ގެނެސްދެއްވި ޒަޢީމުންނާއި ޤައުމީ ބަޠަލުންތަކެއް ވެސް ވާނެއެވެ. ޚާއްޞަކޮށް ޤައުމަށްޓަކައި އެ ބޭފުޅުންގެ ލެއާއި ފުރާނައިން ޤުރުބާންވެވަޑައިގެންނެވި ބަޠަލުންތަކެއް ނެތި ޤައުމަކަށް މިނިވަންކަމުގެ ދިގު ތާރީޚެއް ނުލިބޭނެއެވެ. މިކަންކަމުގެ ސަބަބުން ޤައުމުގެ ދަރިންގެ ހިތްތަކުގައި ޤައުމީ ލޯތްބާއި ޤައުމީ ރޫޙު ދަމަހައްޓައި ދެއެވެ. ދީނާއި ޤައުމަށްޓަކައި ޣީރަތްތެރިކަން އުފައްދައިދެއެވެ. އެ ބޭފުޅުންގެ ހިތްވަރުފުޅުން ހިތްވަރު ލިބިގެންދެއެވެ.

 

ޤައުމުތަކުގެ ޤައުމިއްޔަތުތަކަށް ދެވޭ ފިކުރީ ހަމަލާތަކުގެ މަގުސަދަކީ ޤައުމީ ރޫޙު މަރާލުމެވެ. ޤައުމުގެ ފޭރާމުން އުޔަކަށްފަހު އުޔެއް ކަނޑައި ބުރިބުރިކޮށްލުމެވެ. އުއިތަކުގެ މެދުގައި ހުންނަ ބަދަހިކަން ނެތިކޮށްލައި ދޯހަޅިކޮށްލުމެވެ. ޤައުމިއްޔާތު ފިނދާލުމެވެ. މިއީ ކޮންމެކޮންމެ ގޮތެއް ވަރިހަމަ "އިމެއްނެތް" ދުނިޔެއަކަށް ކުރެވޭ ކެމްޕޭނެކެވެ. ޤައުމުތަކާއި ރައްޔިތުންގެ ކިބައިގައި ހުންނަ އިންސާނިއްޔަތުގެ އަގުތަކާއި ޤަބޫލުކުރާ އަގުހުރި ސިފަތައް (ވެލިއުސްތައް) ފުނޑާލާން ކުރާ މަސައްކަތެކެވެ. ބޭނުމަކީ އެ ބަޔަކު ބޭނުންވާ އިޖުތިމާޢީ، އިޤްދިޞާދީ، ސިޔާސީ އަދި ދީނީ މަގުސަދުތަކެއް ހާސިލުކުރުމެވެ. ޤައުމީ ރޫޙާއި ލޯބީގައި ނަމޫނާ ޤައުމުތަކުގެ ގޮތުގައި ބެލެވޭ އެމެރިކާއާއި އިންޑިއާ ފަދަ ޤައުމުތަކުގައި ވެސް އެ ޤައުމުތަކުގެ ޤައުމީ ބަޠަލުންނާމެދު ހަޑިހުތުރު ވާހަކަތައް ދެއްކުމާއި އެ ބޭފުޅުންގެ އިޚްލާޞްތެރި ޤުރުބާނީއާމެދު ސުވާލު އުފެއްދުން ދަނީ އިތުރުވަމުންނެވެ. މިކަންކަމާ ދެކޮޅަށް އުފުލަން އޮންނަ ބަރު ހަތިޔާރަކީ ތެދު މަޢުލޫމާތު ފެތުރުމެވެ.

ކަޅުއޮށްފުންމީގެ ޚިޔާލީ ކުރެހުމެއް

 

އައްސުލްޠާނުލް ޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް ސިރީ ސަވާދީއްތަ މަހާރަދުން ކުރެއްވި ޖިހާދަކީ ޤައުމީ ޖިހާދަކަށް ނުވާ ސަބަބެއް ކަމަށް ކިޔާބަޔަކު ކިޔަނީ އެ ހަނގުރާމައަކީ މާލެއާއި މާލެއިން އުތުރުގައި ހިނގި ހަނގުރާމައަކަށް ވުމެވެ. އެ ހަނގުރާމައިގައި ރާއްޖޭގެ ދެކުނުގެ އަތޮޅުތައް ޝާމިލުނުވުމެވެ. އަދި އެއީ ދީނީ ޖިހާދެއް ނޫން ކަމަށް ބުނާ މީހުން ބުނަނީ ޖިހާދެއްގެ ޝަރުތުތައް އެ ހަނގުރާމައިގައި ފުރިހަމަ ނުވާކަމަށެވެ.

 

މި ސުވާލުތަކަށް ދޭން އޮތް ޖަވާބަކީ ބޮޑު ތަކުރުފާނުން ޖިހާދު ކުރެއްވީ އިސްލާމްދީނުގެ މަތީގައި ސާބިތުވެ ތިބި ދިވެހީންގެ ޙައްޤުގައި ދުޝްމަނުންނާ ދެކޮޅަކަން ކަށަވަރުވާކަމެވެ. އަދި އެއީ ގަދަބާރުން ދިވެހީންގެ މައްޗަށް ވެރިވެގަނެގެން ތިބި ޣައިރުދީނުގެ ބައެއްކަމެވެ. އިންޑިއާ ކަނޑަށް މީލާދީން 16 ވަނަ ޤަރުނުގައި އައި ޕޯޗްގީޒުން ކްރިސްޓިއަން ދީން ފެތުރުމަށް ކުރި މަސައްކަތް އެ މީހުންގެ ލިޔުންތަކުން ވެސް އެހެރީ ފެންނާށެވެ. ޢަލީ ރަސްގެފާނު ޝަހީދުކޮށް ރާއްޖޭގެ ވެރިކަން ހޯދީ އިންޑިއާގެ ގޯވާގައި ތިބި ޕޯޗްގީޒުންގެ ބާރުގަދަ އަސްކަރީ ލަޝްކަރެއް ރާއްޖެއަށް ފޮނުވައިގެން ކަން ވެސް އެނގެއެވެ. ޕޯޗްގީޒުން ރާއްޖެއަށް ލަޝްކަރު ފޮނުވައި ދިވެހިރާއްޖޭގެ މައްޗަށް ވެރިވެގަތީ ނުވަވަނަ ޙަސަން ރަސްގެފާނަށް ދެވަނަ ފަހަރަށް ރާއްޖޭގެ ރަސްކަން ހޯދައިދިނުމުގެ ގޮތުން ކަމަށް އެ މީހުން ދެކެއެވެ. އެއީ އެ މީހުންނަށް ބައިޢަތު ހިއްޕަވައި އިސްލާމްދީން ދޫކުރައްވައި ކްރިސްޓިއަން ދީނަށް ވެދެވަޑައިގެންނެވި އަށާރަވަރަކަށް އަހަރުގެ ޒުވާނެކެވެ. އެ ބޭފުޅެއްގެ ނަންފުޅުގައި ނަމަވެސް، ރާއްޖޭގައި ބޭރުގެ ބަޔަކު ކުރަމުންދިޔަ ވެރިކަމެއް ޞައްޙަކުރެވޭނެ އެއްވެސް ހަމައެއް ނެތެވެ. އަދި އެ އަނިޔާވެރިކަމާ ދެކޮޅަށް ބޮޑުތަކުރުފާނު ކުރެއްވި ހިތްވަރުފުޅު ގަދަ މިނިވަންކަމުގެ ޖިހާދަކީ ކައިވެނިފުޅެއްގެ ޙައްޤުގައި ނޫނީ ވެރިކަމެއް ބޭނުންފުޅުވެގެން ކުރެއްވި ޖިހާދެއް ނޫންކަން އެނގެއެވެ.

 

ބޮޑުތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރެއްވި ކުރެއްވުމަކީ ޙަޤީޤަތުގައި އިސްލާމްދީނަށާއި ދިވެހި ޤައުމަށް ވެސް ލިބިގެން ދިޔަ ވަރަށް މަތިވެރި ނަޞްރެކެވެ. ޣައިރު ދީނެއްގެ އާރާއި ބާރާއި ބިރުވެރިކަމާއި ނާމާންކަމާއި އަޅުވެތިކަމުން ޤައުމު ސަލާމަތްކޮށް އިސްލާމްދީނުގެ ހިދާޔަތުގެ މަގުގައި އުޅެވޭނެ މިނިވަން ޖައްވެއް ދިވެހީންނަށް ހޯއްދަވައި ދެއްވީތީއެވެ. ބޮޑު ތަކުރުފާނު ކުރެއްވި ހަނގުރާމަ ޤައުމީ ޖިހާދަކަށްވާ މައިގަނޑު ސަބަބަކީ މިއީއެވެ. އުތީމު މަހާރަދުން ޖިހާދު ކުރެއްވީ ﷲގެ މަގުގައެވެ. އެއީ ދީނާއި ޤައުމުގެ ދުޝްމަނުންނާ ދެކޮޅަށް ކުރެއްވި ޖިހާދެކެވެ.

 

ހަނގުރާމައެއް ނުވަތަ ހަމަލާއެއް ޤައުމީ ނުވަތަ ދީނީ ޖިހާދަކަށް ވަނީ ހަނގުރާމަ ކުރެވޭ މައިދާނުގެ ސަބަބަކުން ނޫނެވެ. ބަދުރު ހަނގުރާމައާއި އުހުދު ހަނގުރާމަފަދަ ހަނގުރާމަތައް ވެސް އިސްލާމީ ވަރުގަދަ ޖިހާދުތަކަކަށްވީ އެ ހަނގުރާމަތައް ކުރެވުނު ތަނުގެ ސަބަބަކުން ނޫނެވެ. އަދި ކީއްތޯއެވެ. ލަޝްކަރުގެ ބޮޑުކަމާއި ބިޔަކަމަކުން ވެސް ނޫނެވެ. ބޭނުންކުރި ހަތިޔާރުތަކުގެ މޮޅުދެރަކަމާއި ލަޝްކަރުގެ ގިނަ މަދުމިނަކުން، އަދި ކުޑަބޮޑުކަމަކުން ވެސް ނޫނެވެ. އެ ހަނގުރާމަތަކުން ނިކުން ނަތީޖާގެ ސަބަބުންނެވެ. ޣާޒީ ރަދުން ޕޯޗްގީޒުންނާ ދެކޮޅަށް ކުރެއްވި ހަނގުރާމަ، ޤައުމީ ޖިހާދަކަށް ވަނީ ވެސް އެ ޖިހާދުގެ ގޮތާއި ބާވަތާއި ނިކުމެފައިވާ ނަތީޖާއިންނެވެ. ޤައުމީ ޖިހާދަކަށް ވާކަށް ކޮންމެހެން ރާއްޖޭގެ ހުރިހާ ރަށެއްގައި ހަނގުރާމަ ހިނގާކަށް ނުޖެހެއެވެ. ދުޝްމިނުންނާ ދެކޮޅަށް ހަނގުރާމަ ކުރެވޭނީ އެބަޔަކު ތިބި ތަނެއްގައެވެ. ޕޯޗްގީޒުންގެ ހަރަކާތްތައް ހިންގަމުން ގެންދިޔައީ މާލެއާއި މާލޭން އުތުރުގައެވެ. އެ ހަނގުރާމައިގެ މުހިންމު ހާދިސާތައް ހިނގީ އެ ސަރަޙައްދުގައެވެ.

 

ޕޯޗްގީޒުން ރާއްޖެ ހިފީ ޢަލީ ރަސްގެފާނު ޝަހީދުކޮށްފައި 1558 ވަނަ އަހަރުއެވެ. ޕޯޗްގީޒުންގެ އަތްދަށުން ބޮޑުތަކުރުފާނު ރާއްޖެ ސަލާމަތްކުރެއްވީ 1573 ވަނަ އަހަރުއެވެ. އެ ރަދުން ރާއްޖޭގައި 1573 އިން 1585 އަށް ރަސްކަން ކުރެއްވިއެވެ. އެއަށްފަހު ރަސްކަމަށް އިސްވެވަޑައިގަތީ ދަރިކަލުން އައްސުލްޠާން އިބްރާހީމް ކަލާފާނެވެ. މި ރަދުން 1585 އިން 1609 އަށް ރަސްކަން ކުރެއްވިއެވެ. ކަލާފާނު ރަދުންގެ ރަސްކަމުގައި ރާއްޖެ ވަޑައިގެން އުޅުއްވި ފްރާންސްގެ ލިޔުންތެރިޔާ ޕިރާޑް ޑި ލަވާލް ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުންނަށް ރާއްޖޭގައި ހަމަޖެހިލައިގެން އެ މީހުންގެ އާރާއިބާރުގައި ޚިޔާލެއް ފިކުރެއްނެތި ވެރިކަން ކުރެވުނީ 10 އަހަރުއެވެ. އުތީމު މަހާރަދުން ޖިހާދަށް ނިކުންނެވިތަނުން އެ މީހުންނަށް ރާއްޖޭގައި އޮތް އަމާންކަން ގެއްލުނެވެ.

ދާރުލްއާސާރުގައި އޮތް ޕޯޗްގީޒުން ބޮޑުބަޑިއެއް

 

ޕިރާޑް ލިޔުއްވާފައިވާ ގޮތުގައި އުތީމު މަހާރަދުން މުޖާހިދުންނާއި އުޅަނދުފަހަރު ހޯއްދަވައިގެން ވަޑައިގެންނެވީ ރާއްޖޭގެ ދެކުނުން ހުވަދު އަތޮޅަށެވެ. ޕޯޗްގީޒުންނަށް އެ ހިސާބަށް ދާން ނުކެރުނު ކަމަށާއި އަދި އެ ސަރަަޙައްދުގައި ވާ އެއްވެސް ރަށެއް ޕޯޗްގީޒުންގެ ބާރުގެ ދަށަށް ނުދާކަމަށް ޕިރާޑް ލިޔުއްވައެވެ. ޕިރާޑުގެ ލިޔުއްވުންތަކުގެ އަލީގައި އެނގި ހާމަވަނީ ޣާޒީ ބަންޑާރައިންގެ ދުވަސްވަރު ހުވަދު އަތޮޅުގައި މީހުން ދިރިއުޅުނު "ގަން" ކިޔާ ރަށެއްގައި ވަރުގަދަ ހަނގުރާމައިގެ ކިއްލާއެއް ބިނާ ކުރެއްވި ކަމެވެ. އެ ރަށުގައި ކޯއްޓޭ ކިޔާ ސަރަޙައްދެއް އޮތްކަމަށް ދިވެހި ތާރީޚު ދިރާސާކުރެއްވި އަލްއުސްތާޛު މުޙައްމަދު އިބްރާހީމް ލުޠުފީ ވެސް ލިޔުއްވާފައިވެއެވެ. އިނގިރޭސި ލިޔުއްތެރިޔާ އެޗްސީޕީ ބެލް ލިޔުއްވާފައިވާ ގޮތުގައި ޕިރާޑް ވިދާޅުވާ ކިއްލާއަކީ އައްޑު އަތޮޅު ހިތަދޫގައި އޮންނަ ކޯއްޓޭ ކަމަށް ވެސް ވެދާނެއެވެ. މީގެއިތުރުން ދިވެހިތާރީޚުން އެނގޭ ގޮތުގައި ބޮޑު ތަކުރުފާނު ޖިހާދަށް ފެށްޓެވީ އާއިލާގެ ބޭފުޅުން މަލިކަށް ބަދަލު ކުރައްވާފައެވެ. ތާރީޚީ މި ލިޔުންތަކުން ބޮޑުތަކުރުފާނުގެ ޤައުމީ ޖިހާދަކީ މުޅި ރާއްޖެ ހިމެނޭގޮތުން ކުރެއްވި ޖިހާދެކޭ ދެންނެވޭނެ ވަރަށް ވެސް ކިތާބީ ހެކި ނެތްތޯއެވެ. އަދި ޕޯޗްގީޒުން ރާއްޖޭގެ ދެކުނަށް ނުދިޔައީ އެ ހިސާބުގަނޑުގެ ޖޯގްރަފީ ވަނަވަރު އެބައި މީހުންނަށް ނޭނގޭތީކަން ވެސް ޕިރާޑުގެ ލިޔުއްވުމުން އެނގެއެވެ.

 

އަންޒަމާނުއްސުރެ ދިވެހިރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރި ދިފާޢީ އައްޑަނަތަކަކީ ރާއްޖޭގެ ގިރިފަރުތަކެވެ. ރާއްޖޭގެ ރަށްރަށާއި ގިރިފަރުތައް ސާވޭކޮށް، ރާއްޖޭގެ ޗާޓު ބޭރުގެ ފަރާތްތަކުން ކުރެހުމާ ހަމައަށް އެ ރައްކާތެރިކަން އެ އައްޑަނަތަކުން ދިވެހީންނަށް ލިއްބައިދިނެވެ. ރަތްކަނޑުގެ ސާވޭ ނިންމުމަށްފަހު އިނގިރޭސީން 1834 ވަނަ އަހަރު ދިވެހިރާއްޖޭގެ ކަނޑުފަޅުތައް ސާވޭ ކުރަން އައެވެ. އެއީ އައްސުލްޠާން މުޙައްމަދު މުޢީނުއްދީން (1ވަނަ) ގެ ރަސްކަމެވެ. މި ދަތުރުގައި އިނގިރޭސި އެޑްމިރަލްޓީގެ ކޮމާންޑަރ ރޮބަޓް މޮރެސްބީ މަޝްހޫރު "ލާޓް ދަގަނޑު" ހުވަދު އަތޮޅު ތިނަދޫގައި ޖެއްސެވިއެވެ. އޭރު ވެސް ޔޫރަޕުގެ ބާރުތަކަށް ރާއްޖޭގެ ދެކުނުގެ ސަރަޙައްދު ރަނގަޅަށް ނޭނގޭ ކަމާއި އެކަންކަން ހޯދަން ބޭނުންވެފައިވާ މިންވަރު މިކަމުން ވެސް ހާމަވެއެވެ.

 

ޕޯޗްގީޒުންގެ އަތްދަށުން ދިވެހީންނަށް ޣާޒީ ރަދުން ހޯއްދަވައި ދެއްވި މިނިވަންކަމަކީ ފަސް އަހަރަށްވުރެ ގިނަ ދުވަހަށް ދެމިގެންދިޔަ ވަރަށް ވަރުގަދަ ހަނގުރާމައެކެވެ. ދުނިޔޭގެ ބޮޑު ބާރަކާ ދެކޮޅަށް ކުރެއްވި އެ ޖިހާދުގައި ބޭބޭފުޅު ޢަލީ ތަކުރުފާނު ތަކަންދޫގައި ޝަހީދުވިއެވެ. ދަތި އެތައް އުނދަގޫ ހާލަތަކާ ޖިހާދުގެ ބައިވެރީންނަށް ކުރިމަތިލާން ޖެހިވަޑައިގެންނެވިއެވެ. ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ކޮންމެ ބޭފުޅަކީ އަމިއްލަ ފުރާނަ ނުރައްކަލަށް ހުށަހެޅިގެން ދިޔަ އެތައް ފަހަރެއް ތަޖުރިބާ ކުރެއްވި ބޭފުޅެކެވެ. އެހެނިހެން ދިވެހީން ގޮތަށް ނޫނީ އެއަށްވުރެ މާފުދުންތެރިކޮށް ވެސް އެ ބޭފުޅުންނަށް އުޅުއްވެން އޮތެވެ. އެކަމަކު ﷲގެ މަގުގައި ޖިހާދުކުރައްވައި ދުޝްމަނުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތް ކުރެއްވުމަށް ނިޔަތްގަނެގެން ނިކުންނެވިއެވެ. ﷲގެ މަގުގައި ޖިހާދުކުރާ މުޖާހިދުންނަށް ނަޞްރު ދެއްވުމަށް އެކަލާނގެ ވަނީ ވަޢުދުވެވަޑިގެންފައެވެ. ކޮޅުބެދިފައިވާ އެތައް މަގަކުން ނިކުމެވަޑައިގަންނަވާނެ އެތައް މަގެއް ދައްކަވާނެއެވެ. ﷲ ގެ މަގަށް ނަޞްރު ދޭނަމަ އެ ބަޔަކު ނަޞްރުވެރި ކުރައްވާނެއެވެ. އެބައެއްގެ ފައިތިލަ ސާބިތުކޮށް ދެއްވާނެއެވެ. ކަރާމާތްތަކާއި އިންސާނާގެ ބުއްދި ނުފޯރާ އެތައްކަމެއް ހިގާނެއެވެ. އެކަންކަމަކީ ޤިޔާމަތާ ޖެހެންދެން ވެސް ހިނގާނެ ކަންކަމެވެ. ޕިރާޑު ލިޔުއްވާފައިވާ ގޮތުގައި ޕޯޗްގީޒުންގެ ކިއްލާއަށް ބޮޑުތަކުރުފާނު ހަމަލާ ދެއްވިރޭ އެކަނި ވެސް ޕޯޗްގީޒުންގެ 300 އަށްވުރެ ގިނަ މީހުން މެރުއްވިއެވެ.

 

މިހިރީ ހާދަހާވާ ދިގު ވާހަކައެވެ. ދިވެހީންގެ ސަޤާފަތާއި ދިވެހީންގެ އާދަކާދައާއި ދިވެހީންގެ ތާރީޚު ދިވެހި ޒުވާން ޖީލަށް އަންގައިދީ އުގަންނައިދީ ސާފުކޮށްދޭން ޖެހިފައިވަނީ ވަރަށް ބޮޑަށެވެ. ދިވެހި ތާރީޚުން ދިވެހި އުންމަތް ފެންނަނީ ބޮޑު ޙަޟާރަތެއްގެ ގޮތުގައެވެ. ދިވެހީންނަކީ ގޮތްހުރި ބައެއްގެ ގޮތުގައެވެ. ދިވެހީންގެ މެދުގައި ކޮންމެ ކަމެއްގައި ވެސް ހަމަތަކަކާއި އުސޫލުތަކާއި ޠަބީޢަތްތަކެއް ހުއްޓައެވެ. އެކަންކަން ބޭރުގެ އެހެން ޙަޟާރަތްތަކާާ ނުވަތަ މި ޒަމާނުގެ ފިކުރުތަކާ ގުޅުވަން އުޅެފިނަމަ އެ ތައްގަނޑަކަށް ނުފެތިދާނެއެވެ. ހެޔޮވަރު ނުވެދާނެއެވެ. (ނިމުނީ)

 

ކަވަރ ފޮޓޯ: މުޙައްމަދު ޝިފާހް

No comments: