Tuesday, May 2, 2017

ކަތީބުބޭގެ ޖަވާބު

މިއީ އަޅުގަނޑުގެ ބައްޕަ ވިދާޅުވެ ދެއްވި ވާހަކައެކެވެ. ބައްޕައަށް މި ވާހަކަ ކިޔައިދެއްވީ އދ. ދަނގެތީ އާދަމްބެއޭ ވިދާޅުވިއެވެ. އެރަށުގެ ކުރީގެ ކަތީބެއްގެ ވާހަކައެވެ. އެއީ ވަރަށް މަސައްކަތްތެރި މުރާލި ހީވާގި ބޭފުޅެކެވެ. އޭނާ އަތުންފައިން ކުރަން ނުދަންނަ ކަމެއް ނޯވެއެވެ. އެ ހުރިހާ މަސައްކަތެއް ކުރަމުން ރަށުގެ ވެރިކަންވެސް ކުރައްވައެވެ. މިކަންތައްތައް ކަތީބުބޭ ކުރައްވާއިރު ކުރާ މިފަދަ މަސައްކަތްތަކުގެ ފައިސާގެ ކަންތައްތަކާ ހަވާލުވެ ހުންނަނީ ކަތީބުބޭ ވަރަށް އިތުބާރުކުރައްވާ ބޭކަލެއް ކަމުގައިވާ ދާއޫދާއެވެ.

މިހެން މިކަން އޮއްވައި، ކޮންމެވެސް މަސައްކަތެއް ކޮށްގެން ލިބެންޖެހޭ ލާރިއެއްގެ ވާހަކައިން ކަތީބުބޭ ދާއޫދާ ސުވާލު ކުރައްވަފާނެއެވެ. ސުވާލު ކުރެއްވުމުން އެ ދާއޫދު ބުނެއެވެ. ކަތީބުބޭ އަތިރީގައި ހުންނަވަނިކޮށް ދިނީމެއް ނޫންތޯއެވެ. ކަތީބުބޭ ވިދާޅުވެއެވެ. މިއަދަކު އަދި އަތިރިމައްޗަކަށް ނުދަމެވެ. ދެން ބުނެފާނެއެވެ. ގޭދޮށުގައި މިވެނި ކަމެއް ކުރަން އުޅެނިކޮށް ދިނީމެއް ނޫންތޯއެވެ. ކަތީބުބޭ ވިދާޅުވާނެއެވެ. ނޫނެކެވެ. ތިޔަބުނާ ކަމެއް މިއަދަކު އަދި ނުކުރަމެވެ. ދެން ބުނެފާނެއެވެ. ކަތީބުބޭ މިވެނި ގެއެއްގައި މިވެނި ކަމެއް ކުރައްވަން އިންނަވަނިކޮށް ދިނީމެއްނޫންތޯއެވެ. ކަތީބުބޭ ވިދާޅުވާނެއެވެ. އަދި މިއުޅެނީ އެގެއަށް ނުދެވިގެންނެވެ. އާ! ދާއޫދާ އެވެ. ތިޔަހާ ގިނަ ތަންތަނުން ދެވުނިއްޔާ އޮންނާނީ ކޮންމެވެސް އެއްތާކުން ތިޔަ ފައިސާ މިހާރު ދެވިފައެވެ. އަޅާނުލާށެވެ.

މިކަން މިކަން ދިމާވަނީ ކަތީބުބޭ ހަނދާން ބަލިކަމަކުން ކަމެއް ނޫނީ ދާއޫދުގެ ހަނދާން ބަލިކަމަކުން ކަމެއް ނޭނގެއެވެ. އެކަމަކު އެ ދެމީހުންގެ ގުޅުމަކަށް އެކަމަކުން ހުރަހެއް ނޭޅެއެވެ. ބައްޕަ ވިދާޅުވި ގޮތުގައި މި ކަތީބުބޭ އަތުން ބައްޕަ ވަޅިފުރޯ ތޫނުކުރާ ހަނެއް ބައްލަވައި ގެންނެވިއެވެ. އެއީ އެ ކަތީބުބޭ އަތުން އަޅުއްވައިދެއްވި މޮޅު ހަނެކެވެ.


Monday, May 1, 2017

ދައުލަތުގެ ނިޝާން





ޢަބްދުﷲ ސަޢީދު
ދައުލަތަކީ ޤައުމެއްގައި އެ ޤައުމެއްގެ ދުސްތޫރާ އެއްގޮތްވާ ގޮތުގެމަތީން ވެރިކަމުގެ ބާރު ހިންގާ ފަރާތްތަކާއި، އެ ޤައުމެއްގެ އެންމެހައި ރައްޔިތުންނާއި، އެ ޤައުމެއްގެ ސިޔާސީ ސަރަޙައްދާއި މި ހުރިހާ ފަރާތްތަކަކަށް ޖުމްލަކޮށް ކިޔާ ނަމެވެ. ދައުލަތުގެ ނިޝާނަކީ މި ދެންނެވި ހުރިހާ ފަރާތްތަކެއް ރަމްޒުކޮށްދޭ ނިޝާނެވެ. ބައެއް ހާލަތްތަކުގައި ސަރުކާރަށްވެސް  ދައުލަތޭ ކިޔައެވެ. ޤައުމީ ނިޝާނަކީ ޤައުމީ ދިދަ އެވެ. ޤައުމަކީ ކަނޑައެޅިފައިވާ ވަކި ސަރަޙައްދެއްގައި އެއް ވެރިކަމެއްގެ ދަށުގައި އުޅޭ މީހުންނެވެ. ޤައުމީ ދިދައިން ރަމްޒުކޮށްދެނީ އެ ޤައުމެއްގެ ދަރިންނެވެ. ދައުލަތުގެ ނިޝާނުން އެ އަށްވުރެ މާ ތަފްސީލުކޮށް މުޅި ދައުލަތް ރަމްޒުކޮށްދެއެވެ. އެހެންވީމާ ޤައުމީ ނިޝާނާއި ދައުލަތުގެ ނިޝާނަކީ އެކައްޗެއް ނޫންކަން އެނގެއެވެ.